Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އައިމިނާބީ – 1

IQ Level 110 Stories
August 7, 2016 6 Mins Read
3 Comments

މިއަދަކީ ހަސަން ތަކުރު އައިމިނާބީއާއި ކައިވެނިކުރިފަހުން އާދައިގެމަތިން އަނެއްކާވެސް އައިމިނާބީއާއި ބެހޭ ބަހުސްއަކާ އެކު އޭނާގެ ދޯނީގެ ފަޅުވެރިންނާ ކުރިމަތިލާން ޖެހުނު ދުވަހެކެވެ. މިއީ އަބަދުވެސް އެމީހުންގެ އާދައެކެވެ. އައިމިނާބީއާ ބެހޭގޮތުން އެއްޗެއްބުނެ ނުލާ ހުރުމަކީ އެމީހުންނަށް އުނދަގޫކަމެކެވެ.

”ހަސަން ތަކުރާ… ކަލޯ އަނބި އައިމިނާބީއަކީ ހާދަ ފޮނި އުޅުމެއް ދެއްވާފައިހުރި އަންހެނެކޭ” ހަސަންތަކުރު މަހަށްދާ ދޯނީގެ ކައްޕި ބުނެލިއެވެ.

”އެޔޯ މިފަހަރު އަނެއްކާ ކީއްވީބާ؟” ހަސަންތަކުރު ފޫހިރާގަކަށް އަހާލީ އެއީ އޭނާގެ އަނބިމީހާ އާ ބެހޭގޮތުން ދައްކާ ވާހަކަތަކީ އެހާ ހިތްހަމަޖެހޭ ވާހަކަތަކަކަށް ނުވާތީއެވެ.

” އަހަރެންގެ އަނބި ދަލޭކަ ރަށު އަންހެންވެރިނަށް ބޭއްވި ކެއުމަކަށް ދައުވަތުދީގެންވެސް އެކަނބުލޭގެ ދައްކައިލީ ކުޑަ މަތިޖެހި ތައްޓެއްގައި އޭނާއަށް ޚާއްޞަ ކެއުމެއް ތައްޔާރުކޮށްގެންނޯލަ” ކައްޕި ބުނެލިއެވެ.

” އާނ.. އައިމިނައަށް އޭނަ އަތުން ހަދާ އެއްޗެއް ނޫނީ ނުކެވެޔޯ ބުނާތީ އަޑުއެހިން،އަދި ރަށުއަންހެންވެރިން އޭނަގެ ރީތިކަމަށް ހަސަދަވެރިވެ އޭނާއަށް ވިހައެއް ދީފާނެތީ ބިރުން ކުރާކަމެކޯ އެއީ” ދޯނީގެ ފަޅުވެރިއަކު އިތުރުކޮށްލިއެވެ.

” ނޫނޭ… އެއީ ހަމަ އަރައިގެން އުޅޭ އަޑެއް، އައިމިނަ ކުޑައިރުއްސުރެ އެކެއުމަށް އާދަވެފައި ހުންނާތީ އޭނާއަށް އެހެން އެއްޗެއް ނުގުޅެނީ” ހަސަންތަކުރު ވާހަކަ ބައްދަން މަސައްކަތްކުރިއެވެ.

”ދެން ކޮންމެއަކަސް ދަލޭކަގެ އަނގަގަނޑާހެދި އެދުވަހު ދިނޯ އެތަށިން ކެއުމަށް ހުއްދަ، ފިސާރި މީރު ކެއުމެކޯ ދަލޭކަ ކީ، ހަސަންތަކުރު ތިބާނާ މަހެއްގަ ލާފަ ހުންނަ މީރު ލޮނުމިރުސްގަނޑަކުން އެހާދަ ރަހަމީރުވެއޭދޯ” ކައްޕި ހިނިގަނޑަކާއި އެކު ބުނެލިއެވެ.

”އަހަރުންނަށް ވެސް ތިމަހެއްގަ ހުރި ވަރެއް ދައްކާލަން ކެއުމަކަށް ގެންދަންއުޅެންވީނުން… ބަކުރުވެސް ތިގެއިން އެކޭ މަހެއްގެ މީރުވާހަކަ ދެއްކި” ބޯޓުގެ އިތުރު ފަޅުވެރިއެއްކަމަށްވާ އަޒީޒު ބުނެލިއެވެ.

”މިދުވަސްވަރު މަހެއް ބޭނެނީކީ ނޫން،އެހެންނޫންނަމަ ކަލޭމެންއެންމެނަށް ފުރިހަމަ ކެއުމެއް ދިނީމުސް” ހަސަންތަކުރަށް އޭނާގެ އަނބި އައިމިނާބީގެ ކެއްކުމަށް ލިބޭ ތަޢުރީފުގެ ބަސްތަކަށް ފަޚުރުވެރިވެލިއެވެ.

”ތިޔަ ކަމެއްނޭނގެ، ކިތަންމެ ކުޑަ މަސްކޮޅެއް ގެންދިޔަސް ކަލޯ އަނބިގޮއްޔެ ތައްޔާރުކޮށްލާފަ އެހުންނަނީ ހާދަ ފުރިހަމައަކަށޭދޯ ކޭވަރެއްހެޔޮވަރު، އަހަރެންގެ ސަމިއްޔާއަކަށްވެސް އެހާ ފުރިހަމަ ކެއުން ގަނޑެއް ހަދާލާކަށް ނޭނގޭ” ދޯނީގެ އިތުރު ފަޅުވެރިއެއްކަމަށްވާ ބަކުރުވެސް ދައްކަމުންދިޔަ ވާހަކައާއި ބައިވެރިވެލިއެވެ.

”އެއީ ހަމަ އެމޮޅު ލޮނު މިރުސް ގަނޑުގެ އަސަރު، ހަމަ ކައްކަން އެނގޭ މަންޖެއަކީ” ކުޑަފުތު ބުނެލިއެވެ.

”އާނ، މަށަކަށްވެސް ނޭނގެ، މަވެސް އަބަދުހެން މިހުންނަނީ އެ މަސްކޮޅަށް ކުޅުދިޔާވެފަ” ހަސަންތަކުރު ނަނުގައި އެންކޮޅު އަޅަމުން ބުނެލިއެވެ.

” ތިޔަ ކުޅުދިޔާވަނީ ކޮންމެހެނެއް އެމަސްކޮޅަކަށްނޫން.. ކޮންމެސް އެހެން ކަމަކަށް” ކުޑަފުތު ސުރުޚީ ބަދަލުކޮށްލަން މަސައްކަތް ފެށިއެވެ.

” އާނދެން، ކުޅުދިޔާ ނުވިއްޔާ ދެރައެއްނޫންތަ، ހަސަންތަކުރުގެ އައިމިނާބީއަކީ ކޮންމެމީހަކުވެސް ކުޅުދިޔާވާވަރުގެ ފުރިހަމަ އަންހެނެއްވިއްޔަ” ހައްސާންވެސް އެމީހުންގެ ވާހަކައަށް ގިއްޗެއް ވައްޓާލިއެވެ.

”ކަލޯ ތަކުރާ ކޮންތާކުން އަތުއަޅުވާލި ގޮއްޔެއްތައެއީ” ކުޑަފުތު އަހާލިއެވެ. އެއީ އަބަދުމެހެން އެމީހުންގެ ސުވާލެކެވެ. ރަށު މީހުންނަށް އެނގޭކަމަކީ ހަސަން ތަކުރުގެ އަނބި، އައިމިނާބީއަކީ އެމީހުންގެ ރަށުމީހެއް ނޫންކަމެވެ. އެއީ ކޮންރަށަކުން ހަސަންތަކުރު އިނދެގެން ގެނައިމީހެއް ކަމެއް އަދި މިހާތަނަށް އޮޅުމެއް ނުފިލައެވެ.

”އެއީ މިގޮތަށް އެއްލި ބުޅިއެއްގައި އަޅައިގައިން މަހެއް” އަނގައިގައިހުރި ދުފުން ގަނޑު މޫދާ ދިމާއަށް ބުރުވާލަމުން ހަސަންތަކުރު އަތުގައި އޮތް ނަނު މޫދަށް އެއްލަމުން ބުންޏެވެ. ހަސަންތަކުރާއި އައިމިނާބީ ދިމާވިގޮތުގެ ވާހަކަ އޭނާ ރަށުމީހުނަށް ކިޔާދީފައިވަނީ ކުރުކޮށް ފޮނިކޮށެވެ. ހަގީގަތާ މުޅިން އެއްގޮތް ނުވިނަމަވެސް ހަގީގީ ކުލަތަކާއިވެސް އެކުގައެވެ. އެހިނދު ހަސަންތަކުރު އޭނާގެ މާޒީގެ ފީތާ ކުރިމަތީ ރޯލްވާންފެށިއެވެ. ޚިޔާލީ ކަނޑަކަށް ޣަރަޤުވެއްޖެއެވެ.

ހަސަންތަކުރަކީ އޭރު އުމުރުން 35އަހަރަށް އަޅާފައިހުރި ފިރިހެނެކެވެ. އުމުރުގެ ބޮޑުބައި ހުސްކޮށްލީ މަހަށް ދިއުމުގައެވެ. މަޑުމައިތިރި ކަމަކީ ހަސަންތަކުރުގެ ނަމުގެ މާނަކަމަށް ގިނަބަޔަކު ގަބޫލުކުރަމުންދިޔައެވެ. ދުވަސްވަރުގެ ގޮތުން ރަށުތެރޭގައި އިރުއޮއްސުމަށްފަހު އަލިކަމެއްނުހުރެއެވެ. މަދު ގެއަކުންނޫނީ ފާނޫޒުގެ އަލިކަމެއް ވެސް ނުފެއްނާނެވެ. އެއީ ވެސް ރަށުގައި ގަދަރުވެރި ކަމުވޮށިގެންވާ ގެތަކުންނެވެ. ހަސަންތަކުރަކީ ފަތިސް ނަމާދަށްފަހު މަހަށްފުރާ މީހެއްކަމުން މަދު ދުވަހަކުނޫނީ އޭނާ ރަށުތެރެއަކުން ނުފެނެއެވެ. އޭނާ ރަށުން މީހަކާ ނުއިނުމުގެ ސިއްރަކީވެސް އެއީ ކަމަށްވެދާނެއެވެ. އޭނާގެ ލޮލުގައި ރަށުގެ އަންހެނަކު އަޅައިނުގަތް ސަބަބަކީ ވެސް އެއީ ކަމަށްވެދާނެއެވެ.

އޭނާގެ އަނބި އައިމިނާބީއާއި އޭނާއާއި ދިމާވީ ކަނޑުގަދަ ދުވަހަކު އެކަނި ބޮއްކުރައެއްގައި މަހަށް ނުކުމެ އުޅެނިކޮށް ލެއްގި ކައިރި ހިސާބު ރަށަކުން ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ހަގީގަތުގައި ކަންތައްވީ އެހެނަކުންނެއް ނޫނެވެ. ހަސަންތަކުރަކީ ވެލާބިސްނެގުމުގެ އާދަ ހިފާފައިވާ މީހެއްކަމުން އެއްރެއެއްގެ ދަންވަރު އޭނާ ވެލާ ބިސް ނެގުމަށް އެކަނި ބޮއްކުރައެއްގައި ރަށުކައިރި ފަޅުރަށަކަށް ދިއުމަށް ނުކުތެވެ.ދަތުރަށް ފެށި މާކަނޑަށް ނިކުތްތަނާ ވައިގަދަވެ ޖެހުނު ކޮޅިގަނޑެއްގައި ހަސަންތަކުރަށް ސަލާމަތްނުވެވި ރަށަކަށް ލެއްގިއެވެ. ކޮޅިގަނޑުން ސަލާމަތްވުމަށް ކުރިމަސައްކަތުގެ ސަބަބުން ވެފައިހުރި ވަރުބައްޔާއި ހަށިގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވީއެއްނުވީއެއް އޭނާއަކަށް ނޭނގުނެވެ.ހޭވެރިކަންވީއިރު އޭނާ އޮތީ ފަން ޖިފުޓިގަނޑެއްގެ ތެރޭގައިރޯނުންފުރާފަހުރި އަށްޓެއްގެ މަތީގައެވެ. ފަޅުކަންވެރިވެފައިވާ އެރަށުގައި އެ ދުވަސްވަރު ދިރިއުޅެމުން އައި ހަމައެކަނި މުސްކުޅި ދެމަފިރިންއާއި އެމީހުންގެ ޒުވާން އަންހެންދަރިއެވެ. ދެ ދުވަހެއްގެ ފަހުން ހަސަންތަކުރުގެ ގައިގައި ވަރުޖެހިލުމުން އޭނާ ދަތުރުކުރި ބޮއްކުރާއަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ޓަކައި މަސައްކަތްފެށިއެވެ.މިގޮތަށް މަސައްކަތްކުރަން އުޅުނުދުވަހެކެވެ. ވަގުތަކީ އިރުއޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާއި އަލްވަދާޢު ކިޔުމަށް ތައްޔާރުވަމުން ދިޔަވަގުތެވެ. މުޅި އުދަރެސް ވަނީ ރަންކުލައިގެ ސާލެއްފަތުރާލާފައެވެ. ބޮއްކުރާގެ މަރާމާތުގެ މަސައްކަތްނިމުނު ތަނާހެން ހަސަންތަކުރުގެ ސަމާލުކަން އަތުލައިގަތީ ރަށުގެ ރީތި ދޮންވެލި ތުންޑިއާއި ދިމާލުން އިވިގެން ދިޔަ ރީތި އަންހެން އަޑަށެވެ. އިވިގެންދިޔަ ފުރިހަމަރައިވަރު ވެގެންދިޔައީ، ގުދުރަތުގެ އެރީތި މަންޒަރަށް އިތުރު ހިތްގައިމުކަމެއް ގެނުވީ އިވިގެންދިޔަ މޫސީގީ އަޑަކަށެވެ. އެރަށުގައި ދެ ދުވަސް ހޭދަވީ އިރުވެސް ހަސަންތަކުރަށް އެރަށުގައި އުޅެމުންދިޔަ ދެމަފިރިންގެ ދަރިފުޅުގެ ސޫރަފެނުމުގެ ނަސީބެއް ލިބިފައެއްނުވެއެވެ. އެނަސީބުލިބުމަށް ހިތްއެދި ހުރި ހަސަންތަކުރު އެރީތި އަޑުގެ ޖާދޫގައި ޖެހި ތުނޑިއާއި ދިމާއަށް ހިނގައިގަތެވެ. އޮއްސެމުންދިޔަ ރީތި އިރުގެ ދޯދިތަކުން އުޑުމައްޗަށް ވެރިވަމުންދިޔަ ރީތި ރަތްވިލާގަނޑުން މޫދަށް އެޅިފައިވާ ރީތި ކުލަވަރުގެ ދޯދިތަކުގެ ތެރޭގައި ރީތި ޕަރީއެއްފަދައިން ދުނިޔެމަތީގައި ލެއްވެވިގޮތަށް ހުރި ދޮން ރީތި ފަތްމިންޏެއް ހަސަންތަކުރުގެ ލޮލުގައި އަޅައިގަތެވެ. ހެދިބޮޑުވެ އެންމެ ފުރިހަމަ އުމުރުގައިވާ އެހަށިގަނޑުގެ ވަނާތަކުގައި އެއްވެސް ނިވާކަމެއް ނުވެއެވެ. ބައްޓަމުގައި މިޔޭ ބުނާނެވަރުގެ އެންމެ ތަންފުކެއްވެސް ނެތެވެ. ހަސަންތަކުރު ގައިން ހީބިހި ނަގައިގެންދިޔައެވެ. އުމުރުގެ އެހާދުވަސްވީއިރު ވެސް ހަސަންތަކުރުގެ ލޮލުގައި އެފަދަ ރީތިކަމެއް އަޅައިގަނެފައިނުވަނީ އެސަބަބަށް ކަމަށްޓަކައި ވެދާނެއޭ އޭނާގެ ހިތަށްއެރިއެވެ. އެ އަންހެންކުއްޖާގެ ރީތިކަމާއި ތާޒާކަމުގެ ޖާދޫގައި ހަސަންތަކުރު ކުޑަހިނދުކޮޅެއްގެ ތެރޭގައި ޖެހިއްޖެއެވެ.އެހިނދު އެރީތިކަން އޭނާގެ ހިތުގައި ކުރެހިގެން ދިއައެވެ. ދުނިޔޭގެ ގުދުރަތީ ރީތިކަމުގެ ތެރޭގައި އެއްވެސް ޚިޔާލެއް ފިކުރެއްނެތި ފެންވަރަންހުރި އެކުއްޖާއަށް މީހަކުގެ ހިލަމެއްވިހެން ހީވެ ފަސްއެނބުރި ބަލާލިއެވެ. އެހިނދު ހަސަންތަކުރުގެ ހިއްސުތަކަށް ވާންކުރުވިއެވެ. މޭއިން ފާޑަކަށް ދާހިއްލަން ފެށިއެވެ. އެއަޖައިބެއްފަދަ ރީތި ދެލޮލުގައިވަނީ އާދަޔާ ޚިލާފު އަލިކަމެކެވެ.އެ ބޮޑު ދެލޯ ކަޅުވެފައި ދިހުންކަމެއް ހުރުމުގެ ސަބަބުން ރީތިކަން އިތުރުކޮށްދެއެވެ. އެކުއްޖާއަށް ހަސަންތަކުރު ފެނުމުން އޭނާގެ ލޫޅާފަތި ދެއަތުން ހަށިގަނޑުގެ ވަނާތަށް ފޮރުވަން މަސައްކަތްކުރިއެވެ. އަދި އަވަސް ދުވުމެއްގައި އެދިމާލުގައި ހެދިފައިވާ ގަސްތަކާއި ދިމާއަށް ދުއްވައިގަތެވެ. ހަސަންތަކުރު ވެސް ބަލަން ނުހުރެ އެފަތްމިނި ފަހަތުން ދުއްވައިގަތެވެ.

”ކަނބުލޯ” ހަސަންތަކުރު ގޮވާލިއެވެ. އެ އަންހެންކުއްޖާއަށް ބޭނުންވެފައިވާ ފަދަ ފިރިހެންވަންތަ އަޑަކުންއެވެ. އެވަގުތު އެކުއްޖާ ރުކެއްގެ ފަހަތުގައި ހުއްޓި ނިވާވެލިއެވެ.

”ކަނބުލޯ… ތީ މިރަށުގައި އުޅޭ ދައިތައާއި ބޭބެގެ ދަރިދޯ؟” ހަސަންތަކުރު އިސްވެ ވާހަކަދައްކަންފެށިއެވެ.

”އާނ … ތީ މިރަށަށް ލެއްގި މަސްވެރި ހަސަންތަކުރުދޯ” އެކުއްޖާ ލަދުރަކި އަޑަކުން ބުނެލިއެވެ.

”އާނ… މީ ހަސަންތަކުރު… އަހަންނަށް ތިޖާދޫއެއްފަދަ ރީތި އަޑުގައި ޖެހި މިހިސާބަށް އާދެވުނީތީ މަޢާފަށް އެދެން، ނަމަވެސް މިއިން ދުވަހަކު ތިފަދަ ރީތި އަޑެއް އަހަރެން ނާހަން.. އަދި ތިފަދަ ރީތިކުއްޖަކު ނުދެކެން ” އެވަގުތުކޮޅުވެސް ހަސަންތަކުރު ތަޢުރީފްގެ ބަހެއް ބުނެލިއެވެ.

”އަހަރެން ކިބައިން މަޢާފަށް ނޭދޭ، ރަށުގައި މީހަކު އުޅޭއިރު އެފަދަ ގޮތަކަށް އުޅެވުން އެއީ އަހަރެންގެ ކުށެއް” ލަދުރަކިކަމާއެކު އެކުއްޖާ ބުނެލިއެވެ.

” ކުއްވެރިއަކީ ކާކުތޯ ބެލުމަށްވުރެ އެކުވެރިކަން ބަދަހިކުރަން މިވަގުތުކޮޅު ކިހިނެއްވާނީ” ހަސަންތަކުރު އޭނާގެ އެދުންފާޅުކޮށްލިއެވެ. އޭރުވެސް އެރީތިކަމަށް އެދި ހަސަންތަކުރުގެ ހިއްސުތަކަށް ވާންކުރުވަމުންދެއެވެ.

” އަހަންނަށް ކިޔަނީ އައިމިނާބީ…” ނަންބުނުމަށްފަހު، އިރުއޮއްސުމުގެ ސަބަބުން އަނދިރިކަން ފެތުރިފައިވާ ގަސްތަކުގެ ތެރެއިންލާފާ އައިމިނާބީ ދުއްވައިގަތެވެ. އައިމިނާބީގެ އެރީތި ނަލަ ސޫރައާއި ޖާދުވީ އަޑުގެ ޚިޔާލުތަކުގައި ހުރެ ގެއަށް ދިއުމަށް ޓަކައި ހަސަންތަކުރު ވެސް ހިނގައިގަތެވެ. ގިނަ އިރުތަކެއްނުވެ އޭނާއަށް އައިމިނާބީގެ މައިންބަފައިން އުޅޭ ގެއާއިހަމައަށް ފޯރިއެވެ. ފުޅިބައްތީގެ އަލިން އެހިސާބުގަނޑު ދިއްލާލާފައި ހުންނައިރު އެހިސާބު ފެންނައިރު ހާދަފުރިހަމައެވެ. އުޑުގައި ވިދަމުންދާ ތަރިތައް ލިބިފައިވާ މިނިވަންކަމުގެ ސަބަބުން އެ އުޑުގައި ރަސްކަންކުރާކަހަލައެވެ. މަޑު ހިނގުމެއްގައި ހަސަންތަކުރު އުސްކޮށްހެދިފައިވާ ގޭގެ އޮޅިގަނޑު ގިރާކޮށްއެތެރެއަށް ވަތްއިރު އެނާގެ ހިތުގައި ވަނީ ނިންމުމެއް ނިންމާފައެވެ. އެދުންތަކެއްވަނީ އެހިތަށް ބާރުފޯރުވާފައެވެ.

”ކޮބާ ކަލޯ އާދޭ ކާން….” ކާން ތައްޔާރުކޮށްފައިވާ އަށިކައިރީ ހުރެ ދައިތަ ގޮވާލިއެވެ.

އޭރުވެސް ހަސަންތަކުރު ވަނީ އޭނާގެ ހިތުގައިވާ އެދުން ފާޅުކުރުމަށް ޓަކައި ކެތްމަދުވެފައެވެ.

”ކަނބުލޮ އައިމިނާ… ކޮބައިތަ ކާއަށީގެ ފުޅިބައްތި” ދައިތަ ގޮވާލިއަޑަށް ސިހިފައި ހަސަންތަކުރު ފަރާތްފަރާތަށް ބަލާލިއެވެ. ކަންފަތުގައި ޖެހުނީ ދެ އުޅާ ކޭއްތުމުން އިވޭކަހަލަ ނަލަ އަޑެވެ. އެ ހިނދު އެތެރެގެއިން ފުޅި ބައްތި ހިފައިގެން ނިކުމަތް އައިމިނާބީއަށް ހަސަންތަކުރު ބަލާލިއެވެ. ފުޅިބައްތީގެ އަލި އެޅިފައިވުމުގެ ސަބަބުން ކަސަބުން ޖަރީކުރެވިފައިވާ ރަތްކުލައިގެ ލިބާހުގައިއާމިނާބީ ފެންނަންހުރިއިރު ނުހަނު ފުރިހަމައެވެ. އެއްފަރާތަށް ބޯއޮމާކޮށްލާފައިފި ރުމާފަޅިއެއް ޖަހާލާފައިވާއިރު، އިހިކަނދުރާފަދަ އެ ދޮންކަނދުރާ ރީތިކޮށް ހާމައަށް ފެންނަންހުއްޓެވެ. ހަސަންތަކުރު ހިތާހިތާ އާމިނާބީއަށް ތައުރީފްކުރިއެވެ. އަދި އައިމިނާބީއާ ދިމާލަށް ކަޅިޖަހާނުލާ ބަލަން އިންދާ ފަރިހިނގުމެއްގައި އައިސް އައިމިނާބީ ހިފައިގެންހުރި ފުޅިބައްތި ކާއަށި މަތީގައި ބެހެއްޓިއެވެ. އަދި ލަދުރަކި ހިނިތުންވުމަކާއި އެކު ހަސަންތަކުރަށް ބަލާލިއެވެ. އެއަށްފަހު އާމިނާބީ ފަރިހިނގުމެއްގައި އަވަސް އަވަހަށްގޮސް އެތެރެގޭތެރޭ ދަމާފައިވާ ދޮރުފޮތިގަނޑާ ނިވާވެލިއެވެ. އެހިނދު ހަސަންތަކުރުގެ ނޭވާހުއްޓުނުކަހަލައެވެ. އެފަރިކަމަށްފަހު ދުނިޔޭގައި އިތުރަށް ދެކެން ބޭނުން އެއްކަމެއްވެސް ނުވެޔޭ ހިތަށްއެރިއެވެ. ބޭ އިޙްތިޔާރުގައި ތަކުރަށް ލޯމަރާލެވުނެވެ. ސިކުނޑީގައި އެ ރީތި ތަސްވީރު އުމުރުދުވަހަށް ރައްކާކުރުމުގެ ނިޔަތުގައެވެ.

”ކޮބާ ބޮއްކުރާގެ މަސައްކަތް ކިހާހިސާބަކަށް ގޮސްފިތަ..” އެވަގުތު އެދިމާއަށް އައި އައިމިނާބީގެ ބައްޕަ އަހާލިއެވެ.

” މިހާރު ގާތްގަނޑަކަށް ނިމިފައޮތީ… މާދަމާ ފުރޭވަރުވާނެ ކަމަށްމިބަލަނީ ” ހަސަންތަކުރު ޖަވާބުދިނެވެ.

” އެއީތޯ ބޭބެގެ ދަރިއަކީ..” ހަސަންތަކުރު އަހާލިއެވެ.

” އާނ… އެއީ މަގޭ ގޮއްޔެ އައިމިނާބީ.. އަހަރުމެން ދެމަފިރިންގެ ދެލޮލުގެ ފިނިކަން.. ހިތުގެ ހިތްހަމަޖެހުން…” އައިމިނާބީގެ ބައްޕަ އައިމިނާބީގެ މަންމަގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

” މިރަށުގައި އިތުރުބަޔަކު ނޫޅެނީ ކީއްވެތަ؟” ވާހަކަ އޮލަކޮށްލުމަށް ހަސަންތަކުރު މަސައްކަތް ފެށިއެވެ.

” މީ އަހަރަމެން ކާބަފައިން ވަރަށް ކުރިންސުރެ އުޅެންފެށިރަށެއް، މީހުން ރަށްރަށަށް ބަދަލުވަމުންގޮސް ރަށްއެކީ މިއޮތީ ފަޅުވެފަ، ދެން އަހަރަމެން މިރަށުގައި ދަނޑުވެރިކަން ކުރުމަށް ރަށުގައި ތިބެނީ” އައިމިނާބީ ބައްޕަ ޖަވާބުދިނެވެ.

” އެބައޮތް ބޭބެމެން ކިބައިން ކަމަކަށް އެދެންވެފަ..” ހަސަންތަކުރު ލަސްނުކޮށް އޭނާގެހިތުގައި އުފެދިފައިވާ އެދުން ފާޅުކުރަން ބޭނުންވެފައިވާ ހާލު ބުންޏެވެ.

” ބުނޭ… ކޮށްދެވޭވަރު ކަމެއްވިއްޔާ ކޮށްދޭނަން” އެހާ ހިސާބުން ހަސަންތަކުރުގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. ހިތުގައިވާ އެދުން ޙާސިލްވާނޭކަމުގެ ސިގުނަލެއް ލިބިގެންދިޔަފަދަ އިހްސާސެއް ކުރެވިގެންދިޔަކަން މޫނުމަތިން ފާޅުވެގެންދިޔައެވެ.

” ތިދެމަފިރިން ގަބޫލުނަމަ އަހަރެން އައިމިނާބީއާއި ކައިވެނިކުރަން ކަމަށް…” ހަސަން ތަކުރު ވަރަށް ހިތްވަރުކޮށްފާ އޭނަގެއެދުން ހާމަކުރިއެވެ. އައިމިނާބީގެ މުސްކުޅިވެ ދުވަސްވެފައިވާ މައިންބަފައިންއަށް ލިބިގެންދިޔައީ ހައިރާންކަމެކެވެ. ގިނަ އިރުތަކެއްނުވެ އައިމިނާބީގެ މައިންބަފައިން މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އެއީ އެމީހުން އައިމިނާބީ ޒުވާން އުމުރަށް އެޅުނީންސުރެވިސްނަމުން އައިކަމެކެވެ. އައިމިނާބީއަށް ރަނގަޅު މުސްތަޤުބަލެއް ލިބުންއެއީ އަބަދުވެސް އެދެމަފިރިންގެ އުންމީދެއްކަމުން އިސާހިތަކު އެގުޅުމަށް އެއްބަސްވިއެވެ. އަދި ޖެހިގެން އައި ހަފްތާގައި އައިމިނާބީއާއި ހަސަންތަކުރުގެ ކައިވެނިކުރެވިގެންދިޔައެވެ. ކައިވެނީގެ ވަލީމާގައި އައިމިނާބީގެ ބޮޑުބޭބެއާއި އެއާއިލާގެ މެމްބަރުން ބައިވެރިވިއެވެ. ފާހަގަކޮށްލެވުނު ކަމަކީ އައިމިނާބީގެ ބޮޑުބޭބޭގެ އަންހެންދަރިންއަކީވެސް އައިމިނާބީފަދަ ރީތިކަމެއް ލިބިފައިވާ ކުދިންތަކެއްކަމެވެ. ހަސަންތަކުރު އޭނާގެ ރަށުމީހުނަށް އައިމިނާބީއާއި ދިމާވިގޮތުގެ ހަގީގަތާއި އެރަށް ބުނެނުދިނުމުގެ އަސްލަކީވެސް އައިމިނާބީފަދަ ދެވަނައެއް މީހަކަށް ލިބުން ނޭދޭތީއެވެ.

ރެއަކީ ހަސަންތަކުރާއި އައިމިނާބީގެ އަލަތުކައިވެނީގެ ފުރަތަމަރެއެވެ. އެރެއަކަށްޓަކައި ހަސަންތަކުރު އިންތިޒާރުކުރި ރެއެވެ. އޭނާގެ މިލްކަކަށް އައިމިނާބީވެގެން ދިޔަރެއެވެ. ދޮރުހުޅުވާލާފާ ހަސަންތަކުރު، އެދެމަފިރިންނަށް ތައްޔާރުކޮށްފައިވާ ކޮޓަރިއަށްވަތްއިރު އައިމިނާބީ އެނދުމަތިގައި އިސްޖަހަލައިގެން އިނެވެ. ކަސަބު ބޯވަޅުން ޖަރީކޮށްފައިވާ ރަތްކުލައިގެ ލިބާހުގައި އައިމިނާބީ އިންއިރު ހީވަނީ ރީތިކަން ހުސްކޮށްގެން އިންހެނެވެ. ކޮޓަރީގައި ދިއްލާފައިވާ ފުޅިބައްތީގެ އަލި އައިމިނާބީގެ މުނަށް އެޅިފައިވާތަން ފެނުމުން ހަސަންތަކުރުގެ ހިއްސުތައް ހޭލައްވާލައިފިއެވެ. އެ ދޮން ކަނދުރާގައި ފިރުމާލަން ބޭނުންވިއެވެ. އެ ލޭރަތްކޮޅެއްފަދަ ތުންފަތުގެ މަޑުކަން އިޙްސާސްކޮށްލަން ބޭނުންވިއެވެ. ދަގަތްފާނު ދަނގަޑަށް ދަމާ އުސޫލުން އައިމިނާބީއާ ދިމާލަށް ހަސަންތަކުރަށް ބޭއިޙްތިޔާރުގައި ހިނގައިގަނެވިއްޖެއެވެ. އައިމިނާބީ އިން އެނދުކައިރިއަށް ހުއްޓިހުރެ މަޑުމަޑުން އައިމިނާބީގެ ދަތްދޮޅީގައި ހިފާ މައްޗަށް އުފުލާލިއެވެ. “ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟” ހަސަންތަކުރުގެ ހިތާހިތުން ކިޔާލެވުނެވެ. އައިމިނާބި ލަދުން އިސްޖަހާލީ އޭނާއަށް ހަސަންތަކުރުގެ ހިތުގެ އަޑުއިވުނީމަ ކަންނޭގެއެވެ. މަޑުމަޑުން ހަސަންތަކުރު އައިމިނާބީއާ ގާތްވެލިއެވެ. އެހިނދު އެކަކު އަނެކަކަށް ބަލާލީ އެކަމަށް އެދޭފަދަގޮތަކަށެވެ. ހަސަންތަކުރު އިހުނަށްވުރެވެސް އައިމިނާބީއާއި ގާތްވެލިއެވެ. އެކަކުގެ ނޭވާ އަނެކަކުގެ މޫނަށް އެޅޭހާގާތަށެވެ. އެއަށްފަހު މަޑުމަޑުން ހަސަންތަކުރު އައިމިނާބީގެ ތުންފަތުގައި ބޮސްދޭންފެށިއެވެ. މަޑުމަޑުން އައިމިނާބީވެސް ހަސަންތަކުރުގެ އެދުންތަކަށް ޖަވާބުދޭންފެށިއެވެ. އިސާހިތަކު ދެހަށިގަނޑު އެއްހަށިގަނޑަށް ވީއިރު ކޮޓަރީގައިވާ އަލިކަން ފަނޑުވެ ކަނުއަނދިރިކަން ވެރިވެގެންދިއައެވެ. ނަމަވެސް އެ އަނދިރިކަމުގެ ތެރޭގައި އެދެމަފިރިން އަލަތުކައިވެނީގެ ފޮނިމީރުކަން އޭގެ އިންތިހާއަށް ހޯދަމުންދިއައެވެ.

ހަސަންތަކުރަށް ހޭލެވުނީ ބިންމައްޗަށް އަލިވެ އިރުވެސް އެރިފަހުންނެވެ. އެންމެ ފުރަތަމަވެސް އޭނާ ހޯދީ އައިމިނާބީ ކޮބައިތޯއެވެ. އޭރު އައިމިނާބީ އުޅެނީ ހަސަންތަކުރުގެ ރަށަށްދިއުމަށް ޓަކައި ދަތުރަށް ތައްޔާރުވާށެވެ. އެދުވަހުގެ ހެނދުނުގެ ނާސްތާއަށްފަހު، ހަސަންތަކުރު އެނބުރިރަށަށް އައީ އައިމިނާބީ ލޯބިން ގެންގުޅޭނެކަމަށްބުނެ އޭނާގެ އާއިލާއަށް ވަޢުދުވުމަށްފަހުގައެވެ. އައިމިނާބީއާއި ޒަވާޖުގެ ގޮތްޖަހަލުމަށްފަހު އެނބުރި  އޭނާގެ ގެއަށް އައުމުން ފަޅުވެފައިވާ އެ ގެއަށް އައު ދިރުމެއް ގެނުވިއެވެ. ހަސަންތަކުރަކީ އޭނާގެ މަންމަ އާއި ބައްޕަ ނިޔާވީއްސުރެ އޭނާގެ ޒުވާން އުމުރު އެކަނިމާއެކަނި އުޅެންއާދަވެފައިވާ މީހެކެވެ. ހަސަންތަކުރުގެ ރަށުގައި އައިމިނާބީގެ ފައިޖެހުމާއި އެކުހެން ރަށުގެ ފިރިހެނުން އެބައިމީހުންގެ އަނބިންމަތިން ފޫހިވާންފެށިކަހަލައެވެ. އައިމިނާބީ ފެނިލާނެ މަގަކުން ހިނގާލުން އެމީހުންގެ އާދައަކަށް ވަމުންދިޔައެވެ.  އެކަމާއި ހަސަންތަކުރު އިންތިހާއަށް ފޮނިބޮޑުވިއެވެ. އެކަމަކު ރަށުގެ އަންހެންވެރިން އައިމިނާބީގެ ބޮޑާ ވާހަކަ ފެތުރުމުން އެވާހަކައާއި ކުރިމަތިލާންޖެހުން އެއީ ހަސަންތަކުރު އެންމެ ފޫހިކުރުވި އެއްކަމެވެ. އަދި އެގޮތަށް ކަންނުކުރުމަށް ހަސަންތަކުރު އައިމިނާބީއަށް ނަސޭހަތްދެއެވެ. ހަސަންތަކުރު ކުރަމުންއައި ޚިޔާލުތަކުން ހަމަދުނިޔެއަށް އައީ އޭނާ ދޫކޮށްފައިވާ ނަނުގައި މަހެއްގަނެގެން ވާންކުރަންފެށުމުންނެވެ.

އެރޭ މަހުން ލެފުމަށްފަހު އެންމެންވެސް މިސްރާބުޖެހީ އެމީހެއްގެ ގެއަށްދިއުމެވެ. އަނދިރިކަން ވެރިވެފައިވާ އެރޭގަނޑު އުޖާލާކޮށްދެމުންދިޔައީ ފާޅުވެފައިވާ ސާދަވިލޭރޭގެ ފުރިހަމަ ހަނދެވެ. އެ ހަނދުގެ އަލިކަމެވެ. އެރީތިކަމަކީ ބަލާފޫހިނުވާހާ ރީތިކަމެކެވެ. މިފަދަ ހިތްގައިމު ރޭތަކުގެ އުފާހޯދުމަށް އެދުވަސްވަރު ރޭގަނޑު ރަށުތެރެއަށް ނިކުމެ އުޅެނީ މަދުބަޔެކެވެ. ހަމައެކަނި މިސްކިތަށް ދިއުމަށް ނިކުންނަ ފިރިހެންވެރިންނާ، މިސްކިތްދޮށަށް ފެންބަލާދާ މަދު އަންހެނެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެދުވަސްވަރު އެރަށުގެ މިސްކިތު ބިއްދޮށުގައި އޮންނަ ސަހަރާއިން ފަހަކަށްއައިސް ހަންޑިއެއް ފެންނަކަމަށް މީހުންކިޔާ އުޅޭތީއެވެ. މީހުންގެ ތޯތޯ ވާހަކަތަކުގެ އިތުރުން ކޮނެފައި ހުންނަ މަހާނަތަކުން ސަންދޯއްވެސް ފެންނާތީއެވެ. އެފަދަރީތިރޭރޭގެ އުފާހޯދަން ކިތައްމެ ބޭނުންވިޔަސް ގަނެފައިހުންނަ ބިރެއްގެ ސަބަބުން އެކަންކުރަން ނުކެރެނީއެވެ. ހިސާބަށްވުރެ އެރަށު މީހުން ފިނޑީއެވެ.

ނުނިމޭ

Share Article

Follow Me Written By

IQ

Level 110 Stories

Other Articles

Previous

ހުވަފެންތަކެއް އެބައްޕަގެ ލޮލުގައި ވެޔޭ…

Next

އައިމިނާބީ 2

Next
August 7, 2016

އައިމިނާބީ 2

Previews
August 7, 2016

ހުވަފެންތަކެއް އެބައްޕަގެ ލޮލުގައި ވެޔޭ…

3 Comments!

  1. iffa pink says:
    August 11, 2016 at 10:07 am

    V reethi mivaahaka vvv intresting hop medhunukedi ginadhuvas nuko vaahaka up kuramun gendhaanekamA ….

  2. ishy says:
    August 12, 2016 at 7:14 am

    intresting

  3. Lily says:
    December 21, 2016 at 8:55 am

    V v interesting

Comments are closed.


All Right Reserved!