އަހަރެންގެ ވާހަކަ (އެއްތިރީސްވަނަ ބައި)
ބޭނުންނުވިޔަސް ދެލޮލަށް ވެރިވަމުންދިޔަ ނިދީގެ އަސަރަކަށް ބާރެއް ނުފޯރުވުނެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. ފަރާތް ފަރާތް ހޯދާބަލާލިއިރުވެސް އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. އަނދިރިކޮށް އޮތް ހަނި ދިގުމަގަކުން އަހަރެން ހިގައިގަތީމެވެ. އެއަޑު އަންނަމުންދަނީ އެމަގުންނެވެ. އަހަރެން ދުވެފައި އެމަގު ނިމޭ ހިސާބަށް ދެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ކުރިއަށްދާ ވަރަކަށް މަގު ދިގުވަމުންދާހެންހީވެއެވެ. އޭރުވެސް އެގިސްލުމުގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައެވެ. ކުރިއަށް ހިނގައިގަތްއިރު ފުރަގަސްދީގެންހުރީ ހަށިގަނޑުން ބިޔަބޮޑު މީހެކެވެ. އަހަރެންގެ ހިޔަނި ފެނުމާއެކީ އޭނަ އަހަރެންނާވީ ފަރާތަށް އެނބުރުނެވެ. އޭނަގެ މޫނުވަނީ ބޮލާއެކު ކަޅުފޮތިގަނޑަކުން ނިވާކޮށްފައެވެ. ފެންނަންހުރީ އޭނަގެ ރުޅިވެރި ދެލޮލެވެ. އޭނަގެ އަތުގައި އޮތް ފޯނަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އަޑު އަންނަމުންދަނީ އެއިންނެވެ. އަހަރެން ފެނުމާއެކީ އޭނަ ފޯން އަހަންނާއި ދިމާލަށް ދިއްކޮށްލިއެވެ. ފޯނުގައި ހިފަން ތައްޔާރުވެ އެއާއި ދިމާލަށް އަތްފޯރުވާއިރަށް ފޯން ވައްޓާލުމުން އޭގެ އެތިކޮޅުތައް މުޅިތަނަށް ބުރައިގެންދިޔައެވެ.
ސިހިފައި ހޭލެވުނީ ބިއްލޫރި އެއްޗެއް ވެއްޓި ތެޅުނު އަޑަށެވެ. އޭރު ފިނިން ހަށިގަނޑު ރޫރޫ އަޅަމުންދިޔައެވެ. ތަންކޮޅެއް ދުރުން ދެމީހަކު ވާހަކަ ދައްކާ އަޑުއިވެމުންދިޔައެވެ. ކަނުލާ އެމީހުން ދައްކަމުންދިޔަ ވާހަކައަށް ސަމާލުވިނަމަވެސް ކިޔާ ނުކިޔާ އެއްޗެއް ސާފުވާގޮތެއް ނުވިއެވެ. އިށީނދެގެންއިން ގޮނޑި ދަމާލުމާއެކީ ދުވެފައި މީހަކު އަންނަކަމުގެ އިހުސާސްވިއެވެ.
“ހޭ ރޯމިޔޯ ވަޓް ޔޫ ނީޑް؟” އެއަޑު އިވުނީ ވަރަށް ކައިރިންނެވެ.
” ފާޚާނާއަށް ދެވިދާނެތަ؟” އެވަގުތު ހިތަށްއެރި އެއްޗެއް އަވަހަށް ދުލުން ބޭރުކޮށްލީމެވެ.
“މިހާރު ކުޑަކޮށް އެބަވިސްނޭ ދޯ.. ވަރަށް އަޑުއަހާހިތްވޭ ކަލޭމެންކަހަލަ މީހުން ތިގޮތަށް ކަންކަމަށް އާދޭސްކުރާ އަޑު..” އެއަޑުގައިވަނީ ޝައުޤުވެރިކަމެވެ. އަހަންނަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. އަހަރެންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދީގެން މިމީހުން އަހަރެންގެ ފުށުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟
އަތާއި ފައިގައިވާ ހިލިހިލާތައް ނައްޓުވާލުމުން އަހަރެން ފާޚާނާއަށް ވަނީ އޭނަގެ ފަހަތުންނެވެ. އޭރު ވަރަށް ފަޑު ފަޑު އަލިކަމެއް މުޅިތަނަށް ފެތުރިފައިވެއެވެ. ކަރަންޓު އައްޔާއި ޚިލާފަށް އުއްބައްތިއެއް ނޫނީ ކޮންމެވެސް ކަހަލަ ފުޅިބައްތިއަކުން އަންނަކަހަލަ އައްޔަކާއި ވައްތަރެވެ. އޭނަ މަޑުކުރީ ބޭރުގައެވެ. އެތެރެއަށްވަނުމާއެކު ލައިޓް ދިއްލުނެވެ. ފާޚާނާ ތެރެއަށް ބަލާލުމާއެކީ ހޮޑުނުލެވުނީ ކިރިޔާއެވެ. ޓައިލްސްތައްމަތިވަނީ މީދަލާއި ކުރަފީގެ ނަޖިހުން ނުތާހިރުވެފައެވެ. ގިނަދުވަސްތަކެއް ވަންދެން ސާފުނުކޮށްހުރުމުން މަކުނުވަލާއި އެހެނިހެން ދިރިތަކެތީގެ ހާއްޔަކަށް އެތަންވެފައިވިއެވެ. ދޮރާއި އެންމެ ކައިރިއަށްހުރި ބިތުގައި ލޭގެ ތިކިތައް ފެނުނެވެ. އެއީ އަނެއްކާ އިންސާނެއްގެ ލޭ ހެއްޔެވެ؟ އެމީހުން މީހަކު މަރާލީ ހެއްޔެވެ؟ ދޮރުގައި ތަޅައިގަތް އަޑަށް ސިހުނެވެ. ތިރީގައި ހުރި އިސްކުރުދޫކޮށްލާ ފެންފޮދެއް ނަގާ މޫނަށް ވިއްސާލީމެވެ. އަހަރެން ބޭރަށް ނިކުތީ ވުޟޫކޮށްލައިގެންނެވެ.
“ހީކުރީ އަހަރެން ފިލައިގެން ދާން އުޅެނީކަމަށްދޯ؟” މަލާމާތުގެ ހިނިތުންވުމަކާއެކީ ބުނެލީމެވެ.
“ކަލޭ ފިލައިފިއްޔާ އޭގެ އަދަބު ލިބޭނީ ކަލޭގެ ލޯބިވާ އާއިލާއަށް.. ކަލޭގެ ލޯބިވާ މަންމަ، ދޮންބެ، ކޮއްކޮ..” އަހަރެން ހުއްޓުވާނެގޮތް އެމީހުންނަށް އެބައިނގެއެވެ.
“ކިހިނެއްވީ މައިތިރިވީ؟ ބިރުގަތީތަ މިސްޓަރ ރޯމިޔޯ..” ނުވެސްވިސްނާހުއްޓާ މޭގައި އަޅާ ކޮށްޕާލުމުން ގޮނޑީގައި ޖެހިފައި ވެއްޓިއްޖެއެވެ. އަމިއްލައަށް ނުތެދުވިގެން އުޅެނިކޮށް އަތުގައި ހިފާ ގޮނޑިއަށް ގަންނަވާލިއެވެ. ތަދު އިޙްސާސް ކުރެވެމުންދިޔަޔަސް ޙާލަތުގެ ގޮތުން މަޑުން އިނީއެވެ. އަހަރެންގެ ކޮންމެ ހަރަކާތަކީ އަހަރެންގެ އާއިލާއަށް ނުރައްކަލަކަށް ވާކަށް ބޭނުމެއްނޫނެވެ. އެމީހުން މިކަމުގެތެރެއަށް ވައްދާކަށް ފަހަރެއްގައިވެސް އަހަރެން ބޭނުމެއް ނޫނެވެ.
” ހަހަހަހަހަ.. ތީ ކަލޭގެ ފެންވަރަކީ.. މާމައްޗަށް އަރަން ނޫޅޭ އިނގޭ..” ކަރުދޮށުގައި ތޫނު އެއްޗެއްގެ އިހްސާސްކުރެވުނެވެ.
“ކަލޭމެން ބޭނުންވެގެން ތިއުޅެނީ ކޮންކަމެއް؟” އާއިލާގެ އެކި މެންބަރުންގެ މޫނު ވަކިވަކިން ހިތަށް ސިފަވަމުންދިޔައެވެ. އެމީހުންނަށް ކަމެއްވެއްޖެނަމަ ފަހަރެއްގައިވެސް އަމިއްލަ ނަފުސަށް މާފެއްނުކުރެވޭނެއެވެ.
“ކުރިންވެސް ބުނިންދޯ ސުވާލުކުރުމަކީ މިހާރު ކަލެއަށް އޮތްކަމެއް ނޫނޭ.. ކީއްވެތަ އަބަދު ހަނދާންކޮށްދޭން ޖެހޭނީ..” ގޮނޑީގައި ފައިންޖަހާ ކޮށްޕާލިއެވެ. އެއާއެކު ގޮނޑިއާއެކު އަހަރެން ވެއްޓުނެވެ. ވެއްޓުމާއެކީ އަހަރެންނަގާ ގޮނޑިއާއެކީ ހިލިހިލާއިން ހައްޔަރުކުރިއެވެ. އާއިލާގެ މަތިން ހަނދާންވެ ޖަޒުބާތީވިޔަސް އަހަރެން މިނުރައްކަލާއި ކުރިމަތީ ވަކި މަޤުސަދެއްގައިކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ސަރއަށް އަހަރެން އިތުބާރުކުރަމެވެ. އެރޭ ސަރ ދެއްކި ވާހަކަ ހަނދާންނަށް އަންނަންފެށިއެވެ.
“ޝިމާލްއަށް ތިދެވެނީ ނުރައްކަލުގެ ތެރެއަށް.. އެހެންވިޔަސް އަބަދުވެސް ހަނދާންކުރާތި އަހަރުމެން މިކަން މިކުރަނީ ކޮން މަޤްސަދެއްގައިކަން.. މަޢުސޫމު އަންހެންކުއްޖެއްގެ ދިރިއުޅުން ތިވަނީ ޝިމާލްގެ އަތްމަތީގަ.. ޝާޔަލް ސަލާމަތުން އަހަރުމެންނާއި ހަމައަށް ގެނެވިއްޖިއްޔާ މާތްﷲގެ އިރާދަފުޅުން ޝާޔަންގެ ޤާތިލުންނަށް އެކަމުގެ އަދަބު ދެވޭނެ.. ފަހަރެއްގައިވެސް އެމީހުންނަކީ ބާރުދެރަ ބައެއްކަމަށް ނުވިސްނާތި.. އެމީހުން ޝިމާލް ގެންދަން ބޭނުންވަނީ ސަބަބެއް އޮވެގެން.. ޝިމާލްއާއި ބެހޭ ހުރިހާ މަޢުލޫމާތެއް އެނގިފައިވުމަކީ އެކަށީގެންވާ ކަމެއް..” ސަރގެ ވާހަކަ އެހާހިސާބަށް ދިޔައިރު އަހަރެންނަށް އިސްޖަހާލެވުނެވެ.
” އަހަންނަށް އިނގޭ ޝިމާލް އެންމެ ކަންބޮޑުވަނީ އާއިލާއާއި ދޭތެރޭކަން.. ކަންބޮޑުނުވޭ.. މިހާރު އަހަރެންވާނީ އެމީހުންގެ ކަންތައްތައް ބެލެހެއްޓުމަށް ޓީމެއް ފޮނުވާފަ.. އެމީހުންނަކަށް ނޭނގޭނެ އެމީހުންގެ ރައްކާތެރިކަމަށްޓަކައި ބަޔަކު ހަރަކާތްތެރިވަމުންދާކަމެއް.. އެމީހުންނާއި ދޭތެރޭ ނުވިސްނާ މިހާރު އެއީ އަހަރެންގެ ޒިންމާއެއް.. އަދި ބުނަން ފަހަރެއްގައިވެސް ޝިމާލުގެ ބަލިފަޔަކީ ޝިމާލުގެ އާއިލާކަމަށް ނުވިސްނާތި.. އެއީ އަބަދުވެސް ޝިމާލްގެ ސްޓްރެންތްކަމަށް ދެކޭ.. ދުޝްމަނުން އަބަދުވެސް މަސައްކަތްކުރާނީ ވީކްނެސްއަށް ބަލާ އެކަންކަން ބޮޑުކަމަކަށް ހެދޭތޯ..” ސަރ އަހަރެންގެ ކޮޑުގައި ޖަހާލިއެވެ.
ޝާޔަލް ކޮބާ ހެއްޔެވެ؟ އޭނަވީ ކޮންތާކުކަމެއް ކޮންހާލެއްގައި ކަމެއްވެސް ނޭނގެއެވެ. ޔާﷲ! ޝާޔަލްއާއި ހަމައަށް ދިއުމަށް މިއަޅާއަށް މަގުދައްކަވާންދޭވެ! މައްޗަށް ބަލާލަމުން ހިތުން ދުޢާކުރީމެވެ.
އަހަރެންނަށް ސިހުން ގެނުވީ މާބާރަކަށް މީހަކު ދުވެފައި އަންނައަޑު އިވުމުންނެވެ. އިރުކޮޅަކުން ކޮންމެވެސް އެއްޗެހިތަކެއް ވެއްޓުނުއަޑު އިވުނެވެ.
“ކިހިނެއްވީ؟ ކީއްވެތަ މާބާރަކަށް ތިދުވެ ނަގަނީ؟” އޭނަގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.
“ވަރަށް ސަކަރާތްވެއްޖެ.. ޕޮލިހުން އެތަން އެނގިއްޖެ… މުޅި ސަރަހައްދު ވަށައިގެން އެމީހުން ފާރައަށް އެބަތިބި.. އެހެންވެ އަހަރުމެން މިއައީ އެއަންހެންކުއްޖާ ގޮވައިގެން..” ދުވުމުގެ ސަބަބުން އޭނައަށް ވާހަކަދެއްކެނީ މާނޭވާލަމުންނެވެ.
“ކީކޭ؟ ކަލޭމެން ހަމައިގަތަ ތިތިބީ؟ ހަމަ އެމީހުންނަށް ކުޑަ ޝައްކެއްވެލާއިރަށް ކަލޭމެން ޖެހޭތަ އޭނަ ގޮވައިގެން މިތަނަށް އަންނަން.. ކީއްވެތަ އެންމެ ފަހަރުވެސް މަށަށް ނުގުޅީ؟ އޭޑީއަށް އެގިއްޖިއްޔާ އޭނަ ހިތްހަމައެއް ނުޖެހޭނެ.. މުޅި ޕްލޭން ތި ފްލޮޕްކޮށްލީތި..” އެމީހުން ހިގައިގަތްއަޑުއިވުނެވެ. އެމީހުން އެބުނާ އަންހެންކުއްޖާއަކީ ޝާޔަލްކަން ޔަޤީނެވެ. ކޮންމެވެސް ގޮތަކުން ޝާޔަލް ހައްޔަރުކޮށްގެން ގެންގުޅުނުތަން ސަރމެންނަށް އެނގުނީއެވެ. އެމީހުން ހައްޔަރުކޮށްފާނެކަމުގެ ބިރަށްޓަކައި އެހެންތަނަކަށް ބަދަލުކުރީއެވެ. ސަރމެންގެ ޕްލޭންއަކީ އެއީކަން އަހަރެންނަށް އެނގުނެވެ.
ފިޔަވަޅުތަކުގެ އަޑު އިވެންފެށުމުން ދެލޯމަރާލަމުން ނިދާކަމަށް ހެދިގެން އިނީމެވެ. މީހަކު މަޑުމަޑުން އަހަރެންގެ މޫނާއި ކައިރިވަމުންދިޔަކަން އެނގެއެވެ. އެމީހެއްގެ ނޭވާތައް އަހަރެންގެ މޫނަށް އެޅެމުންދިޔައެވެ.
“ނިދާފަ..” ވައިއަޑުން ބުނިނަމަވެސް އެއަޑު އަހަރެންގެ ކަންފަތާއިހަމައަށް ފޯރިއެވެ.
“މިތާ މަޑުކުރޭ.. އޭނައަށް ރަނގަޅަށް ބަލާތި.. އަހަރެން އެބަ އަންނަން..” ދެންހުރިމީހާ ދަނީކަން އެނގުނެވެ.
މިމީހުން މަސައްކަތްކުރަމުންދަނީ މީހެއްގެ އިރުޝާދުގެ ދަށުންކަން އެމީހުންގެ ވާހަކަހުރި ގޮތުން ކިތަންމެ ރަނގަޅަކަށްވެސް އެނގިއްޖެއެވެ. މިކަމުގެ އަޑީގައި ހުރީ ކާކުކަން ކޮންމެވެސް ވަރަކަށް ފަހުމްވެއްޖެއެވެ. އޭނަ ހިތަށް އަރަނީ ކީކޭކަމަށް ހެއްޔެވެ؟ މޮޅެތި ޕްލޭންތައް ކޮށް ކަންތައްތައް ކުރަން އެނގެނީ އޭނައަށް އެކަނިކަމަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިފަހަރު އޭނަގެ ޕްލޭން ކާމިޔާބުވިޔަކަނުދޭނަމެވެ.
ހަށިގަނޑުގެ އެކިތަންތަނުގައި އަޅަމުންދިޔަވޭންވެސް އިޙްސާސްކުރެވުނީ އިރުކޮޅެއްފަހުންނެވެ. ކެތްތެރިވާން މަސައްކަތްކުރިނަމަވެސް އަހަރެންނަކީވެސް އިންސާނެކެވެ. ވޭންތައް އޮއްބަން ހިތްވަރުކޮށްގެން ހުރިނަމަވެސް އެކަމެއް އަމިއްލަ ނަފުސަކަށް ސިއްރެއްނުކުރެވުނެވެ.
“މަންމާ..” ކަރުނުން ދެލޯ ފުރުނުހިނދު ދުލުގައިވީ އެނަމެވެ. އިންސާނާއަކީ ކިތަންމެ ހިތްވަރުގަދަ މީހަކަށްވީ ނަމަވެސް އަނިޔާއެއްވެއްޖެނަމަ އެންމެ ފުރަތަމަ މަދަދަށް އެދި ގޮވާލެވޭނެ އިންސާނަކީ އެއީއެވެ. އެއީ އިންސާނީ ޠޮބީއަތުގައިވާ ކަމެކެވެ. މަޑުމަޑު ކުކުރުމެއްގެ އަޑު ފަރާތް ފަރާތަށް އެނބުރި ބަލާލީމެވެ. ނަމަވެސް ތަނުގައިވާ ކަނު އަނދިރިކަމުން އެއްޗެއް ސާފުވާ ގޮތެއް ނުވިއެވެ.
“ޝާޔަލް.. ޝާޔަލް..” އަޑަށް ބާރުލާފައި ގޮވާލީމެވެ. އެއްވެސް ޖަވާބެއްނައެވެ. ނަމަވެސް އެކުކުރުމުގެ އަޑަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެއަޑު ކެެނޑިނޭޅި އިވެމުންދިޔައެވެ. ޝާޔަލްވީ އަހަރެންނާއި ވަރަށް ގާތުގައި ކަމަށް ހިތްބުނަމުންދިޔައެވެ. ނަމަވެސް އޭނަގެ ޙާލު ހުރިގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ކޮންމެވެސް ގޮތަކުން ތަނަށް އަލިކަމެއް ފޯރާނެނަމައެވެ.
“އޫ ޔޫއަރ ސޯ ކިއުރިޔަސް ޓު މީޓު ހާރ… އެކަމަކު އަހަރެމެން ބޭނުންވާ ކަންތައް ފުރިހަމަވީމަ ނޫނީ ކަލޭ ބޭނުންވާ ކަމެއް ވާކަން ނެތް.. އެނގިއްޖެ؟؟” ކަންފަތްކައިރީގައި ވަޅިއެއް ޖައްސަމުން އޭނަ ބުނަމުންދިޔައެވެ.
” ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ؟” އަހަރެން އެހީމެވެ. އެމީހުން އަހަރެންގެ ފަރާތުން ބޭނުންވެގެން އެއުޅެނީ ކިހާވަރެއްގެ ކަމެއްކަންވެސް ނޭނގެއެވެ.
“ކޮބާ ޝާޔަލް ދިން ސިޓީ؟؟” އެދައްކަނީ ކޮން ސިޓީއެއްގެ ވާހަކައެއް ހެއްޔެވެ؟ ޝާޔަލް އަހަރެން ގާތު އެއްވެސް ސިޓީއެއްގެ ވާހަކައެއް ނުދައްކައެވެ.
“އަހަންނަކަށް ނޭނގެ ކޮންސިޓީއެއްގެ ވާހަކައެއްކަމެއް ތިދައްކަނީ؟” އަހަރެން ވާހަކަދެއްކީ ތެދުބަހުންނެވެ.
” މަށަށް އިނގޭ ކަލޭ އެހާ ފަސޭހައިން ނުބުނާނެކަން.. ފުރަތަމަ ފަހަރު ރީތިކޮށް މިއެހީ.. އެކަމަކު ދެން..” ކުޑައިރުކޮޅެއްގެ ހަމަހިމޭން ވަގުތުކޮޅަކަށްފަހު ތަނަށް ފަޑު އަލިކަމެއް ފެތުރިއްޖެއެވެ. ތަނަށް ބަލާލުމާއެކީ ގުދަނެއް ފާޑުތަނެއްކަން އެނގުނެވެ. މުޅިތަނުގައިހެން ވަނީ ލަކުނޑިފލަޔާއި ދަގަނޑުހޮޅިތަކާއި އެކި ސައިޒު ސައިޒުގެ ފޮށިތަކެވެ. އެއްފަރާތެއްގައި މޭޒެއް ހުރިއިރު އޭގެ ކައިރީގައި ދެގޮނޑި ބަހައްޓާފައިވެއެވެ. ތަނަކީ މާބޮޑުތަނަކަށް ނުވިޔަސް ތިން ދޮރު ހުރުމުން ހައިރާންކަން ލިބުނެވެ. އެއާއެކު އަހަރެންގެ ކުރިމަތީގައި ހުރި މީހާގެ ސިފަ ވެސް ފެނިއްޖެއެވެ. މޫނު ނިވާކޮށްފައިވާއިރު އޭނަގެ އަތުގައި ބޮޑު ވަޅިއެއް އޮތެވެ. އޭނަ ފިޔަވަޅުތައް އަޅަމުންގޮސް ތަންކޮޅެއް ދުރުގައިހުރި ގޮނޑިއެއް ދަމަމުން އައެވެ. އެއާއެކު ގޮނޑީއަށް ވެއްޓިފައި އޮތް ޝާޔަލް އަހަރެންގެ ސަމާލުކަމަށް އައެވެ. މޫނާއި ހަށިގަނޑުގެ އެތަންމިތަނުގައި ވަނީ ޒަޚަމުތަކެވެ. ލައިގެންހުރި މަޑުފިޔާތޮށިކުލައިގެ ހެދުމާއި ހުދުކުލައިގެ ޖިންސްވަނީ ހިރަފުހާއި ލެއިން ތަތްތެޅިފައެވެ. ގޮނޑިއާއިއެކު އޭނަގެ ދެއަތް އައްސާފައި ހުރި ތަންތަނުންވަނީ ލޭހިލިފައެވެ. އޭނަގެ އަނގަމަތީގައިވަނީ ފޮތިގަނޑެއް އައްސާފައެވެ. އޭނަގެ އުނަގަނޑާއިހަމައަށް ފޯރާ އިސްތަށިގަނޑުވަނީ ކަނދުރާއާއި ހަމައަށް އެއްވެސް ތަރުތީބެއްނެތި ކޮށާލާފައެވެ. އޭނަގެ ދެލޯ މެރިފައިވާއިރު އަނގައިން މަޑު ކުކުރުމެއްގެ އަޑުއިވެމުންދިޔައެވެ.
” ވަޓް ޔޫ ހޭވް ޑަން..” ޝާޔަންއަށް މިމަންޒަރު ފެންނަނަމަ އޭނަގެ ހިތް ކުދިކުދިވެގެންދާނެކަން ޔަޤީނެވެ.
” އަހަރެން މިކުރާ ސުވާލަށް ޖަވާބު ނުދީފިއްޔާ މިއަށްވުރެ ބޮޑެތި އަނިޔާ އޭނައަށް ލިބޭނީ؟” ޝާޔަލްގެ ކަރުދޮށުގައި ވަޅި ޖައްސާލަމުން އޭނަ ބުންޏެވެ.
” ނޫން.. އޭނައަށް އެއްވެސް ކަމެއް ނުކުރާތި..” މިހާރުވެސް ޝާޔަލްގެ ޙާލު ވަރަށް ދެރަވެފައިވާކަން އެނގެއެވެ. އެނގިހުރެ އޭނައަށް އިތުރު އަނިޔާއެއް ލިބޭކަށް އަހަރެން ބޭނުމެއްނޫނެވެ.
“ދެން އެހެންވީއިރު އަވަހަށް ބުނަންވީނު.. އެހެންނޫނީ އަހަރުމެންނަށް ޖެހޭނީ ކުރަންބޭނުންނުވާ ކަންތައްވެސް ކުރަން..” ފަހަތުން އިވުނީ މިހުރިހާ ކަމެއްގެ އަޑީގައިހުރި މީހާގެ އަޑެވެ. އެސޫރައަށްވެސް އަހަރެން މިހާރު ނަފްރަތުކުރަމެވެ.
“އޯ އޭޑީ.. ވެލްކަމް..” މޫނު ފޮރުވައިގެންހުރި މީހާ އުފަލުން އޭނަގެ ގާތަށް ޖެހިލާ ބައްދާލިއެވެ. އޭރު އޭނަގެ އަތުގައި ފަލަ ލަކުޑިބުރިއެއް އޮތެވެ.
“އަހަރެން ހިޔެއް ނުކުރަން ތިހާ ދަށުދަރަޖައަށް ވެއްޓިދާނެކަމަކަށް؟ އެވެސް ފައިސާއަށްޓަކައި..” ޝާޔަންއަށް ލިބިފައިވާ އަނިޔާތައް އަހަރެންނަށް މިހާރުވެސް ފެންނަކަހަލައެވެ.
” ދަށު ދަރަޖައިގެ ވާހަކަ ދައްކަން ޝިމާލް މާ ރީއްޗެއްނޫނޭ.. ޝިމާލްގެ ބައްޕައަކީ ކިހާ ފެންވަރެއްގެ މީހެއްކަން އަހަންނަށް އިނގޭ.. އޭނަ އުޅެފައި ހުރި ގޮތް އެއީ ވަރަށް މަތީދަރަޖައިގެ މީހުން އުޅޭ ގޮތްދޯ.. މީގެ ކުރިން ކަލޭ އުޅެފަހުރިގޮތް އެނގޭތަ؟ ބޮލުގަ ކުޑަވެސް ތެތްކަމެއް ހުރިނަމަ އެހެންމީހަކާއި ދިމާލަށް ތިހެން ބުނަން ކަލޭ ލަދުވެސް ގަންނަންޖެހޭނު..” މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.
“އަހަރެންގެ ބައްޕައަކީ ކޮންމެ ކަހަލަ މީހަކަށްވިޔަސް އެޓްލީސްޓް އަހަންނަށް އިނގޭ އަހަރެންގެ ބައްޕައަކީ ކާކުކަން.. ދެރައީ ބައެއް މީހުންނަށް އެމީހުންގެ ބައްޕަވެސް ކަށަވަރުނުވާތީ..” ރުޅިގަދަވިވަރުން ބުނަންބޭނުންނުވާ ވާހަކަވެސް ގޮވާލެވުނެވެ. އެއާއެކު ވަރުގަދަ އެތިފަހަރެއް އަހަރެންގެ ބޮލަށް އެރިއެވެ. ނިތްކުރިމަތިން ތަންކޮޅެއް ފަޅައިގެންގޮސް ލޭއަންނަންފެށިއެވެ.
” ކަލޭ ކަލޭގެ ފެންވަރަށްވުރެ މައްޗަށް އަރަން މަސައްކަތް ނުކުރިއްޔާ ރަނގަޅުވާނީ.. ދެންވެސް އަވަހަށް ބުނޭ އެސިޓީ ވީ ކޮންތާކު؟” އަހަރެންގެ އަނގަޔަށް ފިތާލަމުން ވާހަކަދެއްކިއިރު އޭނަގެ ހަށިގަނޑު އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން ތުރުތުރު އަޅަމުންދިޔައެވެ.
“އޮފީހުގަ..އަހަރެންގެ މޭޒުމަތީ..” އެންމެ ފުރަތަމަ ހިތަށްއެރި އެއްޗެއް އަހަރެން އަވަހަށް ބޭރުކޮށްލީމެވެ. ހަމަޤައިމުވެސް އެހިސާބުގައިވާ އެއްޗެއް އަހަރުމެންގެ މީހެއްގެ އެހީއާއިނުލާ ނެގުމަކީ ފަސޭހަކަމަކަށްނުވާނެއެވެ. އަހަރެން ބަލަން ބޭނުންވީ އޭނަގެ މީހަކު އަހަރެމެންގެ ޓީރމުގައި ވޭތޯއެވެ.
“ކަލޭ ތެދަށް ބުނާނީތަ؟” ޝާޔަލްގެ ކަރުގައި އަނެއްކާވެސް ވަޅި ޖައްސާލިއެވެ.
” އޭން.. ޑިކް މޮޔަ ވީތަ؟ ޝީ އިޒް މައިން.. އޭނައަށް އެއްވެސް ކަމެއް ނުކުރާތި..” މޫނުނިވާކޮށްގެންހުރި މީހާގެ އަތް ފޮޅުވާލަމުން އޭނަ ބުންޏެވެ. ޝާޔަލްގެ ބޮލުގައި އޭނަ ފިރުމާލީ ވަރަށް ލޯބިންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޝާޔަލްގެ އިސްތަށިގަނޑުގައި ހިފާ ކޮށްޕާލިއެވެ. އެވަގުތު ގޮނޑީގެ ކަނެއްގައި ޖެހި އޭނަގެ ބޮލަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވިއެވެ. އޭނަގެ އަނގައިން މަޑު އާޙެއްގެ އިވިގެންދިޔައެވެ. އަހަންނަށް ދެލޯ މަރާލެވުނީ އެމަންޒަރު ނުބަލަންވެގެންނެވެ. އަމިއްލަ ނަފުސުގެ ދެކެ އިންތިހާއަށް ރުޅިއާދެވުނީ ޝާޔަލް ހިމާޔަތްކުރުމަށް ނުކުޅެދިފައިވުމުންނެވެ. ދާދި ގާތުގައިވިޔަސް އޭނައަށްޓަކައި އެއްވެސް ކަމެއް ކުރެވެން އަހަންނަކަށް ނެތެވެ.
“ވަރަށް ތަދުވޭދޯ.. ހިތާހިތުން ގުޅިފަތަ ތިބެނީ؟” ނުލަފާ ހިނިގަނޑެއްގެ އަޑު އިވިގެންދިޔައެވެ. ދެތިން މީހަކު ދުވެފައި އަންނައަޑު އިވެންފެށިއެވެ.
” އެމީހުން މިތަން ވަށާލައިފި.. މުޅިތަނުގަ އެމީހުންގެ މީހުން..” ފަހުން އައި ދެމީހުންގެ ތެރެއިން އެކަކު ބުނެލިއެވެ.
“ކީކޭ؟ އެމީހުންނަށް ކިހިނެއް މިތަން އެނގެންވީ؟” އޭޑީގެ މޫނުމައްޗަށް ރުޅީގެ އަސަރުވެރިވިއެވެ. އަހަރެން ހިނިތުންވެލީމެވެ.
“މީ ކަލޭގެ ކަމެއްދޯ.. އޭނ.. އެކަމަކު އަހަރުމެން އެހާ ފަސޭހައިން ހައްޔަރެއް ނުކުރެވޭނެ.. އެކަހަލަ ދުވަހެއް އަތުވެއްޖިއްޔާ ކަލޭވެސް ސަލާމަތެއް ނުވާނެ.. ހަނދާން ކުރާތި..” އަތުގައި އޮތް ލަކުޑިބުރިން އަހަރެންގެ ފައިގައި ބާރަށް ޖެހިއެވެ.
“ތި ހީކުރަނީ އަހަރެން މަރާލައިގެން ކަލޭމެން ސަލާމަތްވާނެކަމަށްތަ؟ އަހަރެން މަރާލައިފިއްޔާ އަޖްވަދުއަށާއި މުޅި ޓީމަށްވެސް އަހަރެންނާއި ހަމައަށް އަންނަން މާ ފަސޭހަވާނެ.. އެކަން ހަނދާން ނެތުނީތަ؟ ބޮލުގެ ތެތްކަމެއް ނެތީ ކާކުގެކަން މިހާރު އެބަ އެނގޭތަ؟” އަޅަމުންދިޔަ ވޭންތައް އޮއްބަމުން އަހަރެން ހިނިތުންވީމެވެ. ދުޝްމިނެއްގެ ކުރިމަތީގައި ބަލިކަށިވާކަށް އަހަރެން ބޭނުމެއްނޫނެވެ.
“ހީ އިޒް ރައިޓް އޭޑީ..” ހަށިގަނޑު ބިޔަކޮށްހުރި މީހާ އޭނައަށް ބުނެލިއެވެ.
“އަދިވެސް އަހަރެންގެ މޫނަށް ބަލަން ތިބެނީތަ؟ ދެންވެސް މިތަނުން ސަލާމަތުން ނުކުމެވޭނެ ގޮތެއް ވިސްނަބަލަ..” އޭނަ ހަޅޭއްލަވައިގަތެވެ. ފަހުން އައި ދެމީހުން ދުވެފައި ހިނގައްޖެއެވެ.
” މަށަށް ފެންނަނީ ފުރަތަމަ އެސިޓީ ހޯދަން މަސައްކަތްކުރަން.. އޭރުން އަހަރެމެންގެ މަސައްކަތްތަކަށް ފަސޭހަވާނީ..” މިފަހަރުވެސް ވާހަކަދެއްކީ އެމީހާއެވެ.
“އަހަންނަށް ފުރުސަތެއްދީ އޭރުން އެސިޓީ ކަލޭމެންނާއިހަމައަށް ގެނެސްދީފާނަން..” އަހަރެން މޮޔަވީ ހެއްޔެވެ؟ އެމީހުން އަހަންނަށް އިތުބާރުކުރާނެ ހެއްޔެވެ؟ އަހަރެންމީ ދުޝްމިނެއްކަން އެނގިހުރެ އަހަންނަށް ހަނިފުރުސަތެއްވެސް އެމީހުން ދިނުމަކީ ނާދިރުކަމެކެވެ.
“ޑޫ ޔޫ ތިންކް އޭމް އަ ފޫލް.. އަހަރެން މީ އެއްވެސް އެއްޗެއް ނުވިސްނޭ ޤަމާރެއްކަމަށްތަ ކަލޭ ހީކުރީ.. އޭނ ބުނެބަލަ އެއްޗާ..” މިފަހަރު ހަމަލާއައީ ސީދާ އަހަރެންގެ މެއާއިދިމާލަށެވެ. ނޭވާތާށިވެގެން ތެޅިފޮޅިގަނެވުނެވެ. އަހަރެންގެ ފަހު ވަގުތު އައީ ކަމަށް ހީކުރެވުނެވެ. ހަމައަށް ނޭވާލުމަށް ކުޑައިރުކޮޅެއް ނެގިއެވެ. އޭރުވެސް ތޫނުތަދެއް މޭގައި ވިއެވެ. ނަމަވެސް ހިތްވަރުދޫނުކޮށް ގޮނޑީގައި ހަމަޖެހިލެވޭތޯ ބެލީމެވެ. އެވަގުތު ބިންމައްޗަށް ވެއްޓިފައިވާ ކުޑަ ތަޅުދަނޑި އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެމީހުންގެ ތެރެއިންގެ މީހެއްގެ އަތުން ނޭނގުމެއްގެ ތެރޭގައި ވެއްޓިފައި އޮތީކަމަށްވެދާނެއެވެ. ފަހަރެއްގައި އެއީ އަހަރެންގެ އަތުގަޔާއި ފައިގައި އަޅުވާފައިވާ ހިލިހިލާތަކުގައިވާ ތަޅުގެ ތަޅުދަނޑިއެއްކަމަށްވުން އެކަށީގެންވެއެވެ. އެހެންކަމަށްވާނަމަ މިއީ އަހަރެންނަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. ކޮންމެވެސް ގޮތަކުން އެއާއިހަމައަށް ފޯރުމަކީ މިހާރު ވަރަށް މުޙިއްމުކަމެވެ. މަޑުމަޑުން ގޮނޑިއާއެކީ އެއާއި ހަމައަށް ދެވޭތޯ ބެލީމެވެ. ނަސީބަކުން އަޑެއް ނީވި އެހިސާބަށް ދެވުނެވެ. ބޫޓުގެދަށަށް ތަޅުދަނޑި ލެވުނީ ކިރިޔާއެވެ. އެމީހުން ސިއްރު ވާހަކައިގައިގާ ތިބެފައި ފަހަތަށް އެނބުރިލިއެވެ.
” އަހަރުމެން ދައްކާ ވާހަކަ ސިއްރުން އަޑުއަހަނީތަ؟” އޭނަ އަހަންނާއި ދިމާލަށް އެނބުރިލިއެވެ. އަދި ލަކުޑިބުރި އަތަށް ހެޔޮވަރުކޮށްލަމުން އަތުގައި ހުރި ބާރެއްލާފައި ޖެހި އެތިފަހަރު އަހަރެންގެ ގަޔާއި އަމާޒުނުވެ ޖެހުނީ ގޮނޑީގައެވެ. އަހަރެން ދުރަށް ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. ފައި ބިންމަތީގައި ޖައްސާ ބާރުކޮށްލެވުނުކަން ނަސީބެވެ. އެހެންނޫނީ ތަޅުދަނޑި އަހަރެންގެ އަތުން ގެއްލޭނެކަން ޔަޤީނެވެ.
“އެހެންވީމަ އެކަމައިގެން ކުރިއަށްދޭ މިހާރު.. އަދި ބުނަން ވަރަށް ވިސްނައިގެން އުޅޭތި..” ބިޔަކޮށްހުރި މީހާ ބޯޖަހާލަމުން ހިގައިގަތެވެ.
ދެން ކުރަންވީ ކަމަކާދޭތެރޭ ވިސްނަމުންދިޔައީމެވެ. އެއްއަތް މޮހާލެވިއްޖެނަމަ ދެން ތަޅުދަނޑިން ދެންހުރި ތަޅުތައް ހުޅުވިދާނެކަމަށް ހިތްބުނަމުން ދިޔައެވެ. ޝާޔަލް!! ކުއްލިއަކަށް އޭނަގެ މަތިން ހަނދާންވެގެން ބަލާލީމެވެ. އޭނަ ވަރުދެރަ ގޮތަކަށް ލޯ ހުޅުވާލައިގެން އޮތެވެ. ހީކުރިގޮތާއިޚިލާފަށް އޭނަގެ ދެއަތް އައްސާފައިވަނީ ވަލުންނެވެ. އޭނަގެ އަތް މޮހާލެވިއްޖެނަމަ އަހަރެންގެ އަތާއިފައި މިންޖުކުރަން ފަސޭހަވާނެއެވެ. ވާ ކަނޑާލެވޭނެފަދަ އެއްޗެއް ލޮލުގައި އަޅައިގަނޭތޯ ފަރާތް ފަރާތަށް ކަޅި ހިންގަމުންދިޔައީމެވެ. އެމީހުންގެ ރޭވުންތައް ނާކާމިޔާބުވެ އަހަރެމެންގެ ޓީމު މިތަނަށް އަތުވެއްޖެނަމަ އަހަރެން ނޫނީ ޝާޔަލްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއް އެމީހުން ކުރުމަކީވެސް ދުރުގައިވާ ކަމެއްނޫނެވެ. އަމިއްލަ ނަފުސަށް އަނިޔާވިޔަސް މިއަދު ޝާޔަލް ހިމާޔަތްކުރުމަށް ކުރެވެން އޮތް ހާ ކަމެއްކުރުމަކީ އަހަރެންގެ ޒިންމާއެކެވެ. ވަޒީފާގެ ގޮތުންނާއި ޝާޔަންއަށް ވެފައިއޮތް ވަޢުދަށްޓަކައިވެސް އެއީ އަހަރެން މިހާރު ކޮންމެހެން ކުރަންޖެހޭނެކަމެކެވެ.
ފޯނެއްގައި ހުރެގެން އޭނަ މުޅިތަން ވަށައިގެން ހިނގަންފެށިއެވެ. އެވަގުތު އޭނަގެ ޖިންސްގެ ފަހަތު ޖީބަށް ޖަހާލެވިފައިވާ ކަޓަރެއް އަހަރެންގެ ސަމާލުކަމެއް އައެވެ. ކަންކުރަންވީގޮތް އަވަހަށް ސިކުނޑީގައި ނޯޓުކޮށްލީމެވެ. އަހަރެން ސަމާލުވެލީ އޭނަ އަހަރެން އިން ހިސާބަށް އަންނާނެ އިރަކަށެވެ. މަޑުމަޑުން ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުންވެސް އާދަޔާޚިލާފަށް އަވަސްވެ ނޭވާވެސް އަވަސްވާގޮތްވިއެވެ. އޭނަ ފުރަގަސްދިނުމާއެކު ކުޑަ ހިތްވަރަކާއެކު ކަޓަރުނަގާ އަތަށް ހެޔޮވަރުކޮށްލީމެވެ. ގޮނޑިދަމާލުމާއެކީ އޭނަގެ ފައިގައި އަޅައިގަތުމުން ވެއްޓިއްޖެއެވެ. އޭނަ ހުރީ އެފަދަ ހަމަލާއަކަށް ނުވިސްނާކަމުން އޭނަ ވެއްޓުނީ އެއްވެސް އިޙްތިޔާރެއްނެތިއެވެ. އޭނަގެ މޭގައި ވައަތުފައިން އަރާ ހިފަހައްޓާލީމެވެ.
“ޝާޔަލް ޕްލީޒް ހިތްވަރުކޮށްލާފަ ވާތައް ކަނޑާލާ..” ކަޓަރ އޭނައާއި ދިމާލަށް އެއްލާލަމުން ގޮވާލީމެވެ. ނަސީބަކުން ކަޓަރވެއްޓުނީ ޝާޔަލް އިން ގޮނޑީގެ ކައިރިއަށެވެ. އޭނަ ދެލޯ ހުޅުވާލުމަށްފަހު ފަރާތް ފަރާތް ބަލާލިއެވެ.
“ޝާޔަލް އަވަސް.. ކުޑަ ހިތްވަރެއް ކޮށްލަބަލަ…” އޭނަގެ ހަރަކާތްތަކަށް ސަމާލުވިނަމަވެސް ފައިކައިރިއަށް ވެއްޓިފައިވާ މީހާގެ ހަރަކާތްތަކަށްވެސް ސަމާލުވީމެވެ. އޭނަ ދެއަތުން އަހަރެންގެ ފައިނެގޭތޯ މަސައްކަތްކުރަމުން ދިޔައިރު ޝާޔަލް ތުރުތުރުލަމުންދިޔަ އަތަކުން ވާތައް ކަނޑާލެވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ހީކުރިވަރަށްވުރެ އޭނަގެ ކިބައިން ފެންނަމުންދިޔައީ އާދަޔާޚިލާފު ހިތްވަރުގަދަކަމެކެވެ. ފަސްވަރަކަށް މިނެޓްވީއިރު އޭނަގެ އެއްއަތުގައިވާ ވާގަނޑު ކަނޑާލައިފިއެވެ. އުންމީދުގެ ހުޅުކޮޅު ހިތުތެރޭގައި ދިއްލެމުންދިޔައެވެ. އޭޑީ ހަޅޭއްލެވުމަށް މަސައްކަތްކުރިނަމަވެސް އަހަރެން އޭނައަކަށް އެފުރުސަތެއް ނުދެމެވެ. ފަނަރަވަރަކަށް މިނެޓްތެރޭގައި ޝާޔަލްވާތައް މޮހާލުމަށްފަހު އަހަރެންނާއި ދިމާލަށް ފިކުރިފައި އަންނަންފެށިއެވެ. ހީވާގޮތުުން އޭނަގެ ކަނާއަތުފަޔަށް ބޮޑު ޒަޚަމެއް ވަނީ ލިބިފައެވެ. ޝާޔަލް ކައިރިވުމުގެ ކުރިން ބޫޓުންޖަހާ ތަޅުދަނޑި އޭނައާއި ދިމާލަށް ފޮނުވާލީމެވެ. އޭނަ ލޯމަރާލުމަށްފަހު އަހަރެންގެ އަތުގައިވާ ތަޅަށް ތަޅުދަނޑިކޮށްޕާލިއެވެ. މާބޮޑު މަސައްކަތްތަކެއް ކުރަންނުޖެހި ތަޅުހުޅުވުނެވެ. އަތާއިފައި ސަލާމަތްވުމުން އޭޑީނަގާ ގޮނޑިއަށް ޖެހީމެވެ. އަދިހިލިހިލާތަކުން އޭނަގެ އަތާއިފައި ބަދެލީމެވެ. ޝާޔަލްގެ ކަރުގައިވާ ސްކާފްނަގާ އޭނަގެ އަނގަމަތީގައި ބާރަށް އައްސާލީމެވެ. އަހަރެން ބޭނުންނަމަ އޭނައަށް އެއަށްވުރެވެސް ބޮޑެތި އަނިޔާތައް ދެވިދާނެއެވެ. ނަމަވެސް އެއީ އަހަރެންގެ މަސައްކަތެއް ނޫނެވެ.
“ކަލޭ ހީނުކުރާތި އެހާ ފަސޭހައިން އަހަރެން ކިބައިން ސަލާމަތްވާނެކަމަށް.. ކޮންމެވެސް ގޮތަކުން ކަލޭ ހިތުން ނުފިލާވަރުގެ އަނިޔާއެއްދޭނަން..” އޭނަ ރުޅިވެރި ރާނގެއްގައި ބުންޏެވެ. އޭނަގެ އަތުން ވެއްޓިފައިވާ ފޯންނަގާ އަޖްވަދުސަރގެ ނަންބަރަށް ގުޅާލީމެވެ.
” ހަލޯ ސަރ ޝިމާލް… ޕްލީޒް ހެލްޕްމީ..” ފޯނުގެ ބެޓެރީ ލޯވުމުގެ ސަބަބުންނިވުނީއެވެ. އެކަމަކުވެސް އަހަރެން އުންމީދު ކަނޑާލާކަށް ގަސްތެއްނުކުރަމެވެ. ޝާޔަލްނަގާ އަތްދަނޑިމައްޗަށް އުފުލާލަމުން ކުރިއަށް ހިގައިގަތީމެވެ. ދޮރާއި ހަމައަށް ދެވޭވަރުވީއިރަށް ދެމީހަކު އައިސް އެތެރެއަށް ވަދެގަނެފިއެވެ. ޝާޔަލް އެއްފަރާތެއްގައި ބާއްވަމުން ކައިރީގައިހުރި ދަގަނޑު ހޮޅިތަކުގެތެރެއިން ހޮޅިއެއްނަގާ އެކަކުގެ ބޮލުގައި ޖެހީމެވެ. އޭރު ފަހަތުން އައިސް އަހަރެންގެ އުނަގަނޑުގައި އަނެއްމީހާ ޖަހައިފިއެވެ. ބަލާކަށްނުހުރެ އޭނަގެ ބޮލުގައިވެސް ބާރުގަދަ އެތިފަހަރެއް ޖަހައިފީމެވެ. ދެމީހުން އަތާއިފައި އައްސާ ހައްޔަުކުރުމަށްފަހު ޝާޔަލްއާއި ދިމާލަށް ހިގައިގަތީމެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަކަށް ނުބަލާ ޝާޔަލް ގޮވައިގެން ބޭރަށް ނިކުތީމެވެ. ދެފައިގަޔާއި އުނަގަނޑުގައި ރިއްސަމުންދިޔައީ ވަރަށް ގަދައަށެވެ. ބައެއް ފަހަރު ތަންދޮރު ނޭނގޭވަރުވަމުންދިޔައެވެ. ނަމަވެސް ހިތްވަރުކޮށްލުމަށްފަހު އެތަނުން ބޭރަށް ނިކުމެވުނެވެ. މާލޭގެ ހަލަބޮލި މަގަކަށް ނިކުމެވުނުކަން އެނގުނެވެ.
“ޝިމާލް..” ޔުނީފޯރމުގައި ހުރި އަދްހަމް ކުރިމައްޗަށް އެރިއެވެ.
” އަދޫ ޝާޔަލް ހޮސްޕިޓަލަށް ވަރަށް އަވަސް..” އަދްހަމްގެ އަތްމައްޗަށް ޝާޔަލް ލެވުނުކަންއެނގުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.



އެންޖެލް ބަލިކޮށް އުޅުނީމަ ވާހަކަ އަޕްކުރެވުނުލެއް ލަސްވިކަމަށްޓަކައި ވާހަކަ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން 🙁
God me first dhw hama balabalaaninndha up kury..nuss kiyaa mi comment kury..alhe hope aharenn first ahh vaane kamahh??
Yhh.. Bad girl first….
Its okay but get well soon ingey
Thanks 🙂
Alhey haadha kiyaahiyy vaa kahala hisaabakunn thi nimmaaly..next part konn dhuvahakunn?waiting waiting.??mee varahh kiyaa hiyy vaa stwry ehh varahh reethi
Thanks for the lovely comment bad girl..
Varah salhi.
Thankss Hooo
awhah waahaka update kohdhybr … vrh rythi waahaka …
Thnks princess.. In Shaa Allah Sundayga
Avahah vaahaka up kohdhyba.. Kiyaa hithun keinuvey
In Shaa Allah Sunday upkuraanan
v nice.
Thanks Same
Wow wow just wow…vrh nyc..whrn nxt part
Thanks twnkl str
angel mee aslu hams hageegathahtha v salhi hee vanee khiyaalee vaahaka ah han v vreethi v avahah up koh dhee kahmadhuvafa mi hunnananee kiaahithun.
Thanks.. yhh hiyaaly vahaka e..
Ohhh v nice…i hav been waitin for this story…..gws ☺
Thanks Rafa..
Waah..varah reethi..maashaa Allah..wait kuraanan next part ah..?
Thanks rafa
V reethi.heekura vahaka nimedhen genes dhena kama.
Very intresting story. Waiting for the next part. But its my first time.
v salhi
Vara nice. Curious to know what will happen next.