ކުށަކާނުލާ.. (1 ވަނަ ބައި)
ބޯކޮށް ވާރޭ ވެހެމުންދެއެވެ. ވިދާ ގުގުރަނީއެވެ. ބޭރަށް ފައިލައިގެން ކުޑަދޮރުމަތީ އަހަރެން އިށިނީމެވެ. ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ކުޑަކޮން ނަމަވެސް ބޭރުކޮށްލެވޭތޯއެވެ. ހަތަރުވަނަ ފަންގިފިލާ ކަމުން މަގުމަތީގައި ހޭލަމޭލަވަމުން އުޅޭ މީހުން ސާފުކޮށް ފެންނަމުންދެއެވެ. ދުރުނޫން ހިސާބަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އަތުގުޅާލައިގެން ދުވަމުން ދިޔަ ޒުވާން ޖޯޑެކެވެ. ބަލާލި ކޮންމެ މީހަކަށްވެސް އެއީ ދެލޯބިވެރިންކަން އެނގޭނެއެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. މާޒީގެ ދުވަސްތައް އާލާވާންފެށުމުންނެވެ. ދެލޯ ފުހެލުމަށްފަހު، ދަބަހުން ސިނގިރޭޓެއް ނަގާ ރޯކޮށްލީމެވެ. އެހަނދާންތަކާ ދުރުވެލުމަށެވެ. ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމެއްނެތި އަހަރެންގެ ކޯތާފަތުގައި ބޮސްދޭން ފެށިއެވެ.
އެއީ މީގެ 5 އަހަރު ކުރިއެވެ. އަހަރެން ކިޔަވަމުން ގެންދިޔައީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 9 ގައެވެ. މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއަށް ވުމުން އަހަރެންނަށް ނުލިބޭ އެއްޗެއް ނެތެވެ. އެއްޗެއް ބޭނުންވުން އޮންނަނީ ލަސްވެފައެވެ. އަހަރެން އެކަމުގެ ފައިދާއެއް ނުނަގަމެވެ. އަހަރެން މަސައްކަތް ކުރީ އެމީހުން ބޭނުންވާ ފަދަ ހެޔޮލަފާ ދަރިއަކަށް ވެވޭތޯއެވެ. އަހަންނަކީ ތޫނު ފިލި ކުއްޖެކޭ އަބަދުވެސް ކިޔާތީ އަޑުއަހަމެވެ. އާނއެކެވެ. އަހަރެން ކިޔެވުމުގައި އެހެން ކުދިންނަށް ވުރެ މޮޅެވެ. ކޮންމެ ކުލާހަކުންވެސް 1 ވަނަ ހޯދަމެވެ. އެކަމަށް ޙުދު އަހަރެންވެސް ފަޙުރުވެރިވަމެވެ.
އާދައިގެ މަތިން ހެނދުނު 7 ގެ އެލާމަށް އަހަރެން ތެދުވީމެވެ. މޯޅިއަކަށް ދެމިލުމަށްފަހު ފެންވަރާ ސްކޫލަށް ދާން ތައްޔާރުވީމެވެ. “ދަރިފުޅާ.. މިއަދުވެސް ސައި ނުބޮއެތަ ދަނީ؟” ފޮތް ދަބަސް ކޮނޑަށް ހިޔޮވަރު ކޮއްލުމުން މަންމަ ބުނެލިއެވެ. އަހަރެން މަންމައާ ދިމާއަށް ބަލާލީމެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ގެއިން ނިކުތީމެވެ. އާދައިގެ ހިނގުމެއްގައި އަހަރެން ސުކޫލަށް ދާން ހިނގައިގަތީމެވެ. އެވަގުތު ފޯން ރިންގުވާން ފެށިއެވެ. “ހަލޯ؟” އަހަރެން ފޯނު ނެގީމެވެ. ނަމަވެސް އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުމުން އަހަރެން ފޯނު ކަނޑާލީއެވެ. އަނެއްކާވެސް ހަމަ އެނަންބަރުން ގުޅަން ފެށިއެވެ. އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި އަހަރެން ޖަވާބުދިނީމެވެ. މިފަހަރުވެސް ވީ ހަމަ އެހެންނެވެ. އެކޮޅުން ވަހަކައެއް ނުދެއްކިއެވެ. އަހަރެން ގާތަށް ކުޑަކޮށް ރުޅިއައެވެ. ވާހަކަ ދައްކަން ބޭނުން ނެތިއްޔާ ގުޅަނީ ކިއްކުރަންހޭ ހިތާ ހިތާ ކިޔާލެވުނެވެ. ރޭގަވެސް ހައެއްކަ ފަހަރު އެނަންބަރުން ގުޅިއެވެ.
ސުކޫލަށް ދެވުމާއެކު ފުރަތަމަވެސް އަހަރެން ބެލީ ރިޝާ ފެނޭތޯއެވެ. “އޭ.. ފާޑެއްގެ ނަންބަރަކުން ގުޅާވަރުން މިއުޅެނީ. ފޯނު ނެގީމަ ވަހަކައެއް ނުދައްކާ. އެވަރުގެ މީހުން ގުޅަނީ ކިއްކުރަންތަ ދޯ” ރިޝާ ފެނުމާއެކު އަހަރެން އެވާހަކަ ބުނީމެވެ. ރިޝާއަކީ އަހަރެންގެ ކުޑައިރުއްސުރެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ކިރިޔާ ކަމެއް ވިޔަސް އެވާހަކައެއް އޭނާއަށް ކިޔާދެމެވެ. “މަންމަނެއް ކަންނޭގެ ދޯ” ރިޝާ އެކަމާ ސީރިއަސް ނުވާކަން އޭނާގެ ޖަވާބުން އަހަންނަށް އެނގުނެވެ. “ދެން ރިޝް. އައިމް ސީރިއަސް އޭ” އަހަރެން ހިތް ހަމަ ނުޖެހޭ ގޮތް ދައްކާލީމެވެ. “އޯކޭ އޯކޭ ސޮރީ.. މެސެޖް ކޮއްލަންވީނު. ވަހަކަ ނުދައްކަންޏާ ނުގުޅާށޭ ކިޔާފަ.” ރިޝާ އޭނާގެ ޙިޔާލު ހުށައެޅިއެވެ. އަހަންނަށްވެސް އެގޮތް ކަމުދިޔައެވެ. ވަގުތުން މެސެޖެއް ފޮނުވީމެވެ. ޖަވާބަކަށް އިންތިޒާރު ކުރާނެ ފުރުސަތެއް ނުލިބުނެވެ. މުދައްރިސް ދުރުވުމާއެކު ފޯނު ދަބަހަށްލީމެވެ. އަދި ގަޑިތަކައިގެން ކުރިއަށް ދިޔައިމެވެ.
އިންޓަރވަލްގެ ރަނގަބީލު ޖެހުމާއެކު އަހަރެން އަވަސްވެގަތީ ޖަވާބެއް އައިތޯ ބެލުމަށެވެ. ލިބިފައި އޮތް މެސެޖު އަހަރެން ކިޔާލީމެވެ. ވަރަށްވެސް ކުރެވެ. “އޯކޭ”. މެސެޖުގައި އިނީ ހަމައެކަނި އެހެންނެވެ. އަހަންނަށް އެގޮތެއް ކަމަކު ނުދިޔައެވެ. “ތީ ކާކު؟ ގުޅީ ކިއްކުރަން؟ ކިހިނެތް ނަންބަރު ހޯދީ؟ އަހަރެން ދަންނަންތަ؟” ފަތި ފައްޗަށް އެތަކެއް ސުވާލެއް ލިޔެ އަހަރެން ފޮނުވީމެވެ. “ހާދަ ވަރެއް ތިވަނީ. ގައިމު ދަންނަ މީހެއްވެސް ނޫން ވިއްޔަ” އަހަރެން ފޮނުވި މެސެޖު ކިޔުމަށް ފަހު ރިޝާ ބުނެލިއެވެ. “ދެން އޭނަ އަސްލު ގުޅި ސަބަބެއްވެސް ބަލާލަން ކަމަށް.” އަހަރެން ފަރުވާ ކުޑަ ގޮތަކަށް ރައްދު ދިނީމެވެ. ސުކޫލު ނިމުން އިރުވެސް އެމީހަކު ޖަވާބު ނުފޮނުވުންވީ އަހަރެން ފޫހި ކުރުވި ކަމަކަށެވެ. އިރު އިރުކޮޅުން ފޯނު ބަލައިލަމެވެ. ނަމަވެސް އޭނާގެ ހަބަރެއް އެދުވަހަކު ނުވިއެވެ.
އަހަރެންގެ ހިތުގައި އެ ނުދަންނަ ނަންބަރުން ގުޅީ ކާކުތޯ ބެލުމުގެ ޝައުގު އިތުރުވަމުންދިޔައެވެ. އެންމެ ފަހުން ކެތް ނުވެގެން އަހަރެން ގުޅީމެވެ. “ހަލޯ” އެކޮޅުން ޖަވާބު ދިނެވެ. “ކީއްވެ ޖަވާބު ނުފޮނުވީ” އަހަރެން ސުވާލު ކޮއްލީމެވެ. “ނީ ހީވަނީ އަހަރެން އެނގިގެން ވަހަކަ ދައްކާހެން.” އަހަރެން ހައިރާންވިއެވެ. އޭނާއަށް އަހަރެންގެ ނަން އެނގުނީމައަވެ. “ތީ ކާކު؟ ކިހިނެތް އަހަރެންގެ ނަން އެނގުނި؟” އަހަންނަށް ވަގުތުން އަހާލެވުނެވެ. “އަހަންނަށް އޭރުވެސް އިނގުން ނީ ގުޅާނެކަން. ހެހެހެ” އަހަރެންގެ އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދިނެވެ. އެކަމަކު ބުނެލާ ކޮންމެ ބަހަކުންވެސް އޭނާއަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭކަން އަހަރެނަށް ޔަގީންވިއެވެ. “އައި ލަވް ޔޫ ނީ” އެންމެ ފަހުން އެހެން ބުނުމަށް ފަހު އޭނާ ފޯނު ބޭއްވީއެވެ. އަހަރެންގެ ދެލޯ ބޮޑޫވެ އަނގަ ހުޅުވުނެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރެވުނު އިރެއްވެސް ނޭނގެއެވެ.
” އެންމެ ކުޑަމިނުން ނަންވެސް ނުބުނެ. އެކަމަކު އެބުނީ ލޯބިވޭ ވިއްޔާ. މިދެން ކިހާ ހެއްވާ ކަމެއް”. އަހަރެން ރިޝާއަށް ގުޅާ ހުރިހާ ވަހަކައެއް ކިޔައިދިނީމެވެ. “ނީ އަމިއްލައަކަށްނު ގުޅީ. ކާކުތަ ބުނީ ގުޅާށޭ. އެއްގޮތަކުން ރަނގަޅުތާ. މަންމަނެއް ނޫންކަން އެނގިއްޖެނު މިހާރު. ހަހަހަހަ… އަނެއް ކޮޅުން އަހަރެމެންގެ ނާރޑް އައިނީއަށް ބިޓެއްވެސް ލިބުނީނު” ރިޝާއަށްވީ މަޖާ ކަމަކަށެވެ. “އެއްކަލަ ރިޝް.. އަބަދުވެސް ހުރިހާ ކަމެއް ހަދާނީ މަޖަލަކަށް… އެކަމަކު.. އަސްލު ބުނަންޏާ އޭނަގެ އަޑު ވަރަށް ރީތި. ހިތަށް އަރާ ހުންނާނީ ކޮން ސިފައެއްގަބާއެ.” އަހަރެން ހިތުގެ ޝުއޫރު ރިޝާއަށް އެންގީމެވެ. “ރަނޑަކަށް ވިއްޔާއޯ؟”ރިޝާ ސަމާސާ ކޮއްލިއެވެ. “ހޫނ.. ސާބަސް. އޭނަގެ އަޑުން އިނގެޔޭ ފިރިހެންކަން” އަހަރެން ބުނީމެވެ. އެކި އެކި ވަހަކައިގައި ސަކަރާތް ޖަހަން އޮތުމަށްފަހު އަހަރެން ފޯނު ބޭއްވީމެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. އެ ނުދަންނަ މީހާގެ މެސެޖެކެވެ. މެސެޖު ހުޅުވާލުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ.
4 Comments
Comments are closed.
ސައުގުވެރި ފެށުމެއް.
ޝުކުރިއްޔާ
Vvvvv salhi
Varah reethi