ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 39
އީމަންއަށް ހޭލެވުނު އިރު އަށެއް ޖަހަނީއެވެ. މިއަދު ރީމް ކޮބައިބާއޭ ހިތް ސުވާލު ކޮށްލި އެވެ. ހިތްވަރުކޮށްފައި ތެދުވެ އިށީނދެލިއެވެ. އީމަން ހެޑްބޯޑްމަތީގައި ހުރި ބެލް އަށް ފިތާލުމާއެކީ ނޯކަރެއް ކޮޓަރިއަށް އައެވެ. އީމަން އެދުނީ ސައި ގެނެސް ދިނުމަށެވެ. ކުރިންރޭވެސް ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ.
ހެޑްބޯޑުގައި ލެނގިލައިގެން ހުއްޓާ ރީމް ކޮޓަރިއަށް ވަދެގެން އައެވެ.
“ގުޑް މޯނިން، މާން!”ހިނިތުންވެލަމުން ރީމް ބުނެލިއެވެ. ލެޕްޓޮޕް ހިފައިގެން އައިސް އެނދުގައި އިށީނދެލިއެވެ.
“އަހަރެންނަށް އަދި ކިރިޔާ މިފެނުނީ ބިޒްނަސް ޓައިކޫން މިސްޓަރ ޒާން. މީޑިއާތަކުގެ އެންމެ ފަލަ ސުރުހީގައި އަބަދުވެސް ޒާން ވާއިރު އޭނަގެ ފޮޓޯއެއް ފެނުމަކީ ނާދިރުކަމެއް. އޭނަގެ އަންހެނުންވެސް ދުވަހަކުވެސް މީޑިއާއަށް ނުދައްކާ. އެކަމަކު ކުރިން ދުވަހު ހޮސްޕިޓަލުން ދެމަފިރިން ނިކުމެގެން އައިތަން މީޑިއާގެ ސަމާލުކަމަށް އައިސްގެން ފޮޓޯތައް މިހާރުވަނީ އާންމުވެފަ. އެކަމަކު އެވަރުންވެސް އަންހެނުންގެ މޫނު ފެންނަ ވަރެއް ނުވި.” ރީމްވާހަކަ ދައްކަމުން އީމަން ބަލައިލި ނަމަވެސް އީމަންގެ އެއްވެސް ސަމާލުކަމެއް އެވާހަކައަށް ދެވިފައެއް ނުވެއެވެ.
ރީމްގެ މޫނު މަތިން ފޫހިކަން ފެނިގެން ދިޔައެވެ.
“އެބައަންނަން!” އެނދުމަތީގައި ލެޕްޓޮޕް ބަހައްޓަމުން ދޮރާދިމާއަށް ރީމް ހިނގައިގަތެވެ. ދޮރާ އަރާ ހަމަވަމުން ފަހަތަސް އެނބުރި ބަލައިލި އެވެ. އީމަން އިންގޮތަށް އެނދުމަތީގައި އިނެވެ. ސައިޑްޓޭބަލް މަތީގައި ހުރި ޔާނާގެ ފޮޓޯގަނޑުގައި ހިފަހައްޓާލައިގެން އަތުގެ ބޮޑުވާ އިނގިލިން ޔާނާގެ ފޮޓޯގަޑުގައި ފިރުމަމުން ދިޔައެވެ.
“އޭސް އިފް އައި ޑޯންޓް އެގްސިސްޓް.” ލޯއަޅައިލަމުން ރީމް ކުރިއަށް ހިނގައިގަތީ ހިތްހަމަ ނުޖެހި ހުރެއެވެ. އީމަންގެ ހަރަކާތްތައް ހުންނަގޮތުން ރީމް މިހާރު ފޫހިކަން އިހުސާސް ކުރަން ޖެހޭ ފަހަރުވެސް އާދެއެވެ. ކޮރިޑޯރގައި ހުރި ބޮޑު ބެލްކަންޏަށް ނިކުމެ ޖައްވަށް ނަޒަރު ހިންގާލިއެވެ. ކުރިން އުޅުނު މިނިވަން ދިރިއުޅުން ހަނދާންވި ހިނދު އެދުވަސް އަލުން އައުމަށް ރީމްގެ ހިތް އެދުނެވެ. މަޖަލާއި ސަކަރާތުގައި އުޅެމުން ދިޔަ ވަގުތު އަލުން ބޭނުންވިއެވެ.
ސައި ޓްރޭ ހިފައިގެން އައި މީހާ އީމަން އަށް ސައިތަށި ދިއްކޮށްލިއެވެ. ކުޑަކުޑަ އެތިފޮދެއް ބޯލުމަށްފަހު ދެން އަރު ބެދުނު ކަހަލައެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން މަޑުމަޑުން ސައިޖޯޑު ބެހެއްޓިއެވެ. އަދި އެމީހާ ކައިރީގައި އެތަނުން ދިޔުމަށް އެދުނީ އެކަނިވެރިވެލަން ބޭނުން ވުމުންނެވެ. އީމަންގެ އެދުމަށް ކޮޓަރީގެ ލައިޓްތައް ނިއްވާލަ ދިނުމަށްފަހު ދޮރު ލައްޕަމުން އެމީހާ ނިކުތެވެ.
އެނދުގައި އޮށޯވެލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަނދިރީގައި އެކަނި އުޅެން އޭނާއަށް މިހާރު މާ ހިތްގައިމެވެ. އަރިއަކަށް ޖެހިލުމަށްފަހު ޓޭބަލް ލޭމްޕް ދިއްލުމާއެކު ޔާނާގެ ފޮޓޯގަނޑަށް އަލި އެޅުނެވެ. އެ މައުސޫމު ހިނިތުންވުން ފެނި އީމަންގެ ހިތުގައި ރިއްސާލިއެވެ. ޔާނާ ހަމަ ދިޔައީ ހެއްޔެވެ. ދެން އެނބުރި ނާންނާނެ ހެއްޔެވެ. ހިތް ސުވާލުކުރަމުން ދިޔައީ އަދިވެސް ޤަބޫލު ނުކުރެވޭތީއެވެ. ލޮލުން ކަރުނަ ފާއްދާލީ ޔާނާ އާ އެކީގައި އުޅުނު އުފާވެރި ދުވަސްތައް މަތިން ހަނދާން ވުމުންނެވެ. ދެން އެދުވަސްތައް އަނބުރާ ނާންނާނެ ހެއްޔެވެ؟ ހަޔާތުގެ ހުޅުކޮޅު ނިވެން އުޅެނީ ހެއްޔޭ ހިތް ބުނެލިއެވެ. އަމިއްލައަށް މަރުވުމަކީ ހުއްދަ ކަމެއްނަމަ އީމަން މިހާރު އެކަން ކޮށްފިތަން ކިތަން ދުވަހެކެވެ. ޔާނާނެތް ދުނިޔެއަކު އުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ކޮންމެ ދުވަހެއް އޭނާއަށް ވެގެން ދަނީ އަޒާބަކަށެވެ. ކުރިން އުޅުނު ދިރިއުޅުން އުޅުމަށްޓަކައި ހިތްވަރާއެކު ތެދުވަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ހިތްވަރު އެލިދެއެވެ. އަމިއްލަ ނަފްސު ސުވާލު ކުރެއެވެ؟ ކީއްކުރަން ހެއްޔެވެ؟ ކޮންބޭނުމަކު ހެއްޔެވެ؟ މަސައްކަތް ކޮށް ރުފިޔާ ހޯދުމުގެ ބޭނުމެއް އެބަ އޮތްހެއްޔެވެ؟ ބުރަ މަސައްކަތް ކުރަންވީ ކާކަށްޓަކައި ހެއްޔެވެ؟ އެހިސާބުން ހިތްވަރު އެލިދަނީއެވެ.
އެއްފަރާތަކަށް އޮވެ ވަރުބަލިވުމުން އީމަން އަނެއްފަރާތަށް އެނބުރެލިއެވެ. އެހިނދު އެނދުމަތީގައި ހުރި ރީމްގެ ލެޕްޓޮޕުން އީމަންގެ މޫނަށް އަލި އެޅިގެން ދިޔައެވެ. ހިތްހަމަ ނުޖެހުމާއެކީ ލެޕްޓޮޕް ލައްޕާލަން އުފުލާލި އަތުގެ ހަރަކާތް މަޑުޖެހުނީ ލެޕްޓޮޕަށް ނަޒަރު ހިންގާލެވުމުންނެވެ.
އީމަން ބަލަން އިނީ ރީމް ކުރިން ކިޔަންހުރި ހަބަރުގައި ވާ ފޮޓޯއަށެވެ. ފޮޓޯއިން ފެންނަމުން ދިޔައީ ޒާން އޭނާގެ އަންހެނުން އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް ކާރާ ދިމާއަށް ދާތަނެވެ. މީޑިއާތަކުން އެކަމަށް އެތަކެއް ފާޑުކިޔުންތަކެއް އަމާޒުކުރިއެވެ. އަންހެނުންގެ ބަލިހާލަތަށްވުރެ މީޑިއާއަށް އަނބިމީހާ ނުދައްކަން މަސައްކަތް ކޮށްފައިވާކަމުގައި ލިޔެފައިވެއެވެ.
އީމަންއަށް ބަލަން އިނދެވުނީ އެފޮޓޯއަށެވެ. އެއަންހެން މީހާ ލައިގެން ހުރީ ކަޅުހެދުމެކެވެ. ޔާނާ ވަރުގެ އިސްކޮޅެކެވެ.
ހިތުގައި ޖެހުނެވެ. ޔާނާގެ ހަނދާންތަކާ ދުރަށް ދެވޭނީ ކިހިނެއްހެއްޔޭ ހިތް ސުވާލުކޮށްލިއެވެ. ބަލާލާ ކޮންމެ ދިމާލަކުން ޔާނާ ފެންނަފަދައެވެ.
ފޫހިކަމާއެކީގައި ލެޕްޓޮޕް ލައްޕާލިއެވެ. މުޅިތަނަށް ކަޅު އަނދިރިކަން ވެރިވެގެން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. ރީމް އީމަންއަށް ކައުންސެލިން ދިނުމަށްޓަކައި ސައިކޮލޮޖިސްޓެއްގެ އެހީ ހޯދިއެވެ. އީމަން ވަށައިގެން ލެވިފައިވާ އަނދިރީގެ ތެރެއިން އަލިކަން ދެކެން މަސައްކަތް ކުރަން ފެށިފަދައެވެ. ސައިކޮލޮޖިސްޓްގެ އެހީގައި ރީމްވެސް އީމަންއަށް ގޭގައި ތަފާތު ގޮތްގޮތަށް ވިސްނައިދެމުން ދިޔައެވެ.
“މާން! ޔާނާ ދިރިހުރި ކަމަށް ގަބޫލުކުރަންޏާ ކީއްވެ ތިހެން ތި އޮންނަނީ؟ ކީއްވެ ޔާނާ ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް ތި އޮންނަނީ؟” ރީމްގެ ޖުމުލައިން އީމަންގެ ހިތުގައި ފުރަތަމަ ފަހަރަށް އުންމީދެއް އާލާ ވެގެންދިޔަފަދައެވެ. ބޯހިއްލާލުމަށްފަހު އެނބުރި ރީމްއަށް ބަލައިލެވުނެވެ.
ރީމް ބޯ ޖަހާލިއެވެ. އީމަންއަށް ހިތްވަރު ލިބެމުންދާފަދައެވެ. އީމަން ކުޑަކުޑަ ހިތްވަރަކާއެކީގައި ތެދުވެ އިށީނދެލީ ރީމްގެ މޫނަށް ބަލަން އިނދެ ހިނތުންވެލަމުންނެވެ. އެ ހިނިތުންވުމުގައި އެތަށް އުއްމީދެއް އެކުލެވިފައިވާ ފަދައެވެ.
“އަހަރެން މިހުރީ މާން އާއެކީގަ!” ރީމް ބުނެލީ ހިތްވަރު ދޭރާގެއްގައެވެ.
“އަހަރުމެންނަށް ޔާނު އަދި ފެންނާނެ، ދޯ؟” ހެއްލިދާ ޅަ ކުއްޖެއްފަދައިން އީމަން ސުވާލު ކޮށްލި އެވެ. ރީމް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލި އެވެ. ރީމްގެ މޫނު މަތިން އުފާވެރިކަން ބަބުޅަމުން ދިޔައެވެ. ހިތުގައި އުންމީދީ ހުޅުކޮޅެއް ރޯވިފަދައެވެ. ހިތްވަރާއެކު މަސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަފަދައެވެ.
ދެން އައި ދުވަސްވަރަކީ ރީމްއަށް ބުރަ ދުވަސްތަކަކަށްވި ނަމަވެސް އީމަން ރަނގަޅުވަމުން އަންނަތަން ފެނި ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. އީމަންގެ ހިދުމަތުގައި މުޅި ދުވަސް ހޭދަކޮށްލަމުން ދިޔައީ އެއްވެސް ބުރަކަމެއް ނެތިއެވެ. މީގެ އިތުރުން އީމަންއާ އިތުރަށް ގާތްވެވޭކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.
ކުޑަކޮށް ކޮރު ޖަހަމުން އީމަންއަށް ހިނގޭ ވަރު ވިއެވެ. އީމަންގެ ހިތުގައި ފޮނި އުންމީދުތަކެއް އުފެދެމުން ދިޔައެވެ. ޔާނާއާ ބައްދަލުވާނެކަމުގެ ފޮނި ހުވަފެންތައް ދެކެމުން ދިޔައެވެ. ހިތްވަރާއެކު ކޮންމެ ފިޔަވަޅެއްވެސް އެޅުމަށް މަސައްކަތް ކުރަނީ އެއީ ޔާނާއާ ގާތަށް އެޅޭ ފިޔަވަޅަކަށް ވުމަށް އެދި ދުޢާ ކުރަމުންނެވެ. ނަމަވެސް ރީމްގެ ހިތުގައި އީމަންއާ ދޭތެރޭގައި އުފެދެމުން އައި ޝުޢޫރުތައް ވަނީ ސިއްރުކުރެވިފައެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އީމަން ގޮވައިގެން ބޭރަށް ދާން ބޭނުން ވުމުން ރީމް އުޅުނީ އީމަން ތައްޔާރު ކުރުމުގައެވެ. ކޮޓަރީގެ ކުޑަދޮރުކައިރީގައި އީމަން ސޯފާއެއްގައި އޮށޯވެލައިގެން އަތްގަނޑަށް ބޯއަރުވައިގެން އޮތީ ދިގުވެފައިވާ ތުނބުޅި ބޭލުމަށެވެ. ރީމް އެކަން ކޮށްދޭން ބޭނުންވެފައި އިން ވަރުން އީމަން އިތުރަށް ދެކޮޅު ނުހެދީއެވެ. ރީމް ސާމާނު ހިފައިގެން އައިސް މަސައްކަތައިގެން މަޝްއޫލުވިއެވެ. އީމަން ލޯމަރާލިއެވެ. އެހިނދު ޔާނާ އާއި އީމަންގެ އަމިއްލަ ހިޔާލީ ދުނިޔެއަކަށް ގެނބިގެން ދިޔަފަދައެވެ. ރީމް އޮތީ އީމަންގެ ބޮލާ ދިމާލުން ގުދުވެގެންނެވެ. މަސައްކަތާއިގެން މަޝްއޫލުވެގެން ހުރެ އީމަންގެ ކުރިމައްޗަށް އާދެވުނެވެ. އީމަން ކުރިން ބެހެއްޓި ގޮތަށް ތުނބުޅި ބެހެއްޓުމަށްޓަކައި ރީމް އިތުރަށް ސަމާލުވެލިއެވެ. އެހިނދު ދެމީހުންގެ ދެމެދުގައިވާ ދުރުމިން އިހުނަށްވުރެ ކައިރިވެގެން ދިޔައެވެ. ރީމް އަށް ހުރެވުނީ ސޯފާގެ މަގަތުގައި ކުޑަކޮށް އިށީނދެލައިގެން ކުރިއަށް ގުދުވެލައިގެންނެވެ. އީމަންގެ ހޫނު ނޭވާ ރީމްގެ މޫނަށް އެޅުނު ހިނދު ރީމް އަށް ކަމެއް އިހުސާސްވިފަދައެވެ. އީމަންގެ މޫނު ދާދި ކައިރިން ފެނުނު ހިނދު ހިތުގައި ބުނެދޭން ނޭނގޭ ފަދަ އޮއިވަރެއް ހިނގާލިފަދައެވެ. ލޯ މަރާލައިގެން އީމަން އޮތުމުން ރީމް ހިތްފުރެންދެން އީމަންގެ މޫނަށް ބަލަމުން ދިޔައެވެ. ރީމް އަށް އޮވެވުނު ގޮތް އިހުސާސްވީ އިރުކޮޅަކުންނެވެ. ދެހަށިގަނޑުގެ ދެމެދުގައި އެއްވެސް ކަހަލަ ދުރުކަމެއް ނެތްފަދައެވެ. ރީމް އަށް ބޭއިޚްތިޔާރުގައި އީމަންގެ މޫނާ އިތުރަށް މޫނު ކައިރިކޮށްލެވުނެވެ. އީމަންގެ ހޫނު ނޭވާތަށް ރީމްގެ ތުންފަތަށް އިހުސާސް ވަމުން ދިޔައެވެ.
ހަށިގަނޑުގައި ނޭނގޭ ތޫފާނެއް ދައުރު ކުރަން ފެށިހެން ހީވިއެވެ. އީމަންގެ ގައިގައި އިތުރަށް ލެނގިގަނެވުނެވެ. މަޑުމަޑުން ކަނދުރާގައި އަތް ބީއްސާލެވުނެވެ. ޝޭވިން ފޯމްގެ މަސްތީވަހުން ރީމްގެ ހިއްސުތަކަށް އަސަރު ކުރުވައިފި އެވެ. ލަދުވެތިކަމުގެ ފަރުދާ ކަޝްފުކޮށްލުމަށްފަހު މަޑުމަޑުން އީމަންގެ ތުންފަތުގައި ބޮސް ދިނެވެ.
އީމަންއަށް ސިހި ދެލޯ ހުޅުވައިލެވުނެވެ. ނަމަވެސް ރީމްއަށް މިކަން އިހުސާސެއް ނުވިއެވެ. އީމަންގެ ކަނދުރާގައި ބޮސްދޭން ފެށުމާއެކު އީމަންއަށް ތެޅިގަނެވުނެވެ. ރީމްއަށް ހަމަ ދުނިޔެއަށް އާދެވުމާއެކު ކޮޅަށް ތެދުވެވުނެވެ. އީމަން ދެފައި ތިރިކޮށްލުމަށްފަހު ސޯފާގައި އިށީނދެލިއެވެ. ދެން ކިޔަންވީ ކީކޭކަމެއް ނޭނގުމުން ވެރިވެގެން ދިޔަ ހަމަހިމޭންކަން ވެގެން ދިޔައީ ބުނެދޭންނޭނގޭ ފަދަ އުދަގުލެއް ހަށިގަނޑަށް ލިއްބައިދެމުން ދިޔަ ހަމަ ހިމޭންކަމަކަށެވެ.
އީމަން ތެދުވިއެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ. ރީމް އެނބުރި އެދިމާއަށް ބަލައިލިއެވެ. ލަދު ގަނެ ރޮވުނެވެ. އިސް ޖަހާލައިގެން ހުރެ ކޮޓަރިން ނިކުމެގެން ދިޔައީއެވެ.
ޖާހަތު އިނީ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައެވެ. ރޭގަނޑުގެ ވަގުތު ނަމަވެސް އެކަނި ގޭގައި އިންނަން ވުމުން ފޫހިވާ ގޮތްވީއެވެ. ދެދުވަހުގެ އޮފީސް ދަތުރެއްގައި އާއިޒު މާލެ ކައިރީ ރަށަކަށް ފުރައިގެން ދިޔުމުން ޖާހަތުއަށް ވަކިން އެކަނިވެރިކަން އިހުސާސްކުރެވެން ފެށިއެވެ.
ޖާހަތުގެ ސިކުނޑީގައި އާލާވަމުން ދިޔައީ ޔާނާގެ ހަނދާންތަކެވެ. އަދި ޔާނާ އާ ނުގުޅޭތީ އެކަމުގެ ސުވާލުވެސް ހިތް ކުރަމުން ދެއެވެ. ކުއްލިއަކަށް ސިހިގެން ދިޔައީ އެއްޗެއް ޖޯލިފަތީގައި ޖެހުނު އަޑަށެވެ. ޖާހަތު ސިހި ބަލައިލިއެވެ. ފާހަގަ ކުރެވޭ އެއްވެސް އެއްޗެއް ނެތެވެ. އިރުކޮޅަކު ބަލަން އިނދެފައިފައި އަނެއްކާ އޮށޯވެލިއެވެ. ހަމަ އެވަގުތު އަނެއްކާވެސް އެއަޑެއް އިވިއްޖެއެވެ. ޖާހަތު ބިރު ގަންނަގޮތް ވިއެވެ. ފުންމައިގެން ކޮޅަށް ތެދުވެވުމާއެކީ ދުވެފައި ގޮސް ގޭތެރެއަށް ވަދެ ދޮރު ލައްޕައި ތަންޑު އެޅިއެވެ. ސިޓިން ރޫމްގެ ސޯފާގައި އިށީނދެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ހަމަ ޖެހެވޭތޯ މަސައްކަތް ކުރިއެވެ. އެވަގުތު ބާރުބާރަށް ދޮރުތަޅަން ފެށި އަޑަށް ޖާހަތު ސިއްސައިގެން ގޮސް ސޯފާ މައްޗަށް ދެފައި ނެގުނެވެ.
ދޮރުގައި ތެޅުން ހުއްޓުމަކަށް ނައެވެ. ސިހިފައި ހުރެ ޖާހަތު މަޑުމަޑުން ދޮރާ ދިމާއަށް ހިނގައިގަތެވެ.
“ކާކު؟” ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޖާހަތު ސުވާލުކޮށްލިއެވެ.
“ހުޅުވަބަލަ! އަހަރެންނޭ!” ދޮރުގެ އެފަރާތުން ޖަވާބު އައެވެ. ޖާހަތުއަށް ވިސްނާލެވުނެވެ. އެއީ ކާކު ހެއްޔެވެ؟ އަޑު ވަރަށް ބީރަށްޓެއްސެވެ.
“ޖާހަތު! ހުޅުވަބަލަ.” އަނެއްކާވެސް އެއަޑު އިވުނެވެ. އަޑު ކިތަންމެ ބީރަށްޓެހި ކަމުގައި ވިޔަސް ވާހަކަ ދައްކަމުން ދާ ރާގުން ވަރަށް ގާތް ވައްތަރެއް އެބަ ހުއްޓެވެ.
ޖާހަތު މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލައިލިއެވެ. ބޭރުގައި ހުރި މީހާ ފެނި ހައިރާންކަން ލިބިގެން ދިޔައެވެ. ކަޅާއި ހުދުގެ ރޮނގުދެމި އަތްދިގު ޓީޝާޓަކާއި ބާރު ޖިންސެއްގައި ހުމާމު ހިނިތުންވެލައިގެން ހުއްޓެވެ. ހައިރާންކަން ވެރިވިވަރުން ބުނާނެ އެއްޗެއްވެސް ޖާހަތުއަކަށް ނޭނގުނެވެ.
“ސާބަސް! މި މަށޭ! ހަންޑިއެއް ނޫނޭ. އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟” ވާހަކަ ދައްކާ ނިމުނު އިރު ހުމާމު ހުރީ ގޭތެރެއަށް ވަދެއެވެ. އެގޮތަށް ގޭތެރެއަށް ވަދެގެން ދިޔުމުން ޖާހަތު ހިތްހަމަ ނުޖެހުނެވެ.
“ހުމާމު މިގަޑީގަ ކީއްކުރަން؟” ޖާހަތު ސުވާލުކޮށްލިއެވެ.
“ޖާތު! މިހާ ގިނަ ދުވަސް ކޮށްފަ މީޓްވީމަވެސް ތިއީތަކުރަން އެނގުނު ސުވާލަކީ؟” ޖާހަތުއާ ދިމާއަށް އެނބުރިލަމުން ހުމާމު ބުނެލިއެވެ. ޖާހަތު އިތުރަށް ވާހަކައެއް ނުދެއްކިއެވެ.
“މިހާ ދަން ގަޑިއެއްގައި ހުމާމް ތިގޮތަށް ގޭގެއަށް އައިސް ވަނުމަކީ އެއްވެސް ގޮތަކަށް ރަނގަޅުކަމެއް ނޫން.” ޖާހަތު ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ޖާތު ހިތް ހަމަ ނުޖެހުނީތަ؟” ހުމާމު ޖާހަތުއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. ހުމާމު ގޮސް ސޯފާގައި އިށީނދެލީ ޖާހަތުއަށް ކުރިމަތިލަމުންނެވެ. ފުން ނަޒަރަކުން ޖާހަތުއަށް ބަލައިލިއެވެ.
“އަދިވެސް ހަމަ އެހާ ރީތި!” ހުމާމުގެ ތަޢުރީފުގެ ބަސްތަކުން ޖާހަތުއަށް އިތުރަށް ނުތަނަވަސްކަން ލިބިގެން ދިޔައެވެ.
“އާއިޒު ނެތް ގެއަކު!” ހުމާމު ފޮނުވާލުމަށްޓަކައި ޖާހަތު ބުނެލިއެވެ.
“އެނގެޔޭ!” ހުމާމު ސޯފާގައި ލެނގިލަމުން ޖަވާބު ދިނެވެ.
“ދެން ކީއްކުރަން ތިއައީ؟” ޖާހަތު ހިތްހަމަ ނުޖެހި ހުރެ ސުވާލުކޮށްލިއެވެ.
“ޖާތުއާ ބައްދަލުކޮށްލަން.” ހުމާމު ހަމަ ޖެހިލިއެވެ.
“މިހާރު ބައްދަލު ވެއްޖެއެއްނު. ދެން ދޭ. އެހެން ނޫނަސް މިއީ މީހުން މީހުންނާ ބައްދަލުކުރާ ކަހަލަ ގަޑިއެއް ނޫން.” ޖާހަތު ނުރުހުން ފާޅުކޮށްލިއެވެ.
“ތިކަންވެސް އެނގެޔޭ. އަހަރެން މިއައީ މީހަކާ ބައްދަލުކޮށްލާކަށް ނޫނޭ. އަހަރެން މިއައީ ޖާތު އާ ބައްދަލުކޮށްލަން. ހަމަ ގައިމުވެސް އެހެން އެންމެންނާ ތަފާތުވާނެ.” ހުމާމުގެ ލަފްޒުތަކުން ޖާހަތުގެ ހިތުގައި ބިރުވެރިކަން އުފެދެން ފެށިކަހަލައެވެ.
“އެކަމަކު އަހަރެން ހިތްހަމަ އެއް ނުޖެހޭ ތިގޮތަށް ކަންތައް ކުރުމަކުން. ތިއީ ރަނގަޅު ގޮތެއް ނޫން.” ޖާހަތު ދިފާޢުގައި ވާހަކަ ދެއްކިއެވެ.
“އަހަރެންވެސް ހިތްހަމަ އެއް ނުޖެހެޔޭ ޖާތު ތިގޮތަށް އެކަނި ގޭގަ ސިހިސިހި އިންނާކަށް. އަހަރެން ކުޑަ ކުޑަ ސަމާސާއެއް ކޮށްލުމުންވެސް ތިހުރީ މިރޭ ވީވަރު. އާއިޒުވެސް ޖާތު ތިގޮތަށް އެކަނިކޮށްފަ ދާކަށް ނުވާނެއެއްނު.” ހުމާމު ޖާހަތުއާ ގާތްވެލަމުން ބުނެލީ ކަން ބޮޑުވުން ފާޅުކުރަމުންނެވެ. ޖާހަތު ރައްދު ދިނެވެ.
“ބަލަ މިގެއަކީ ތިހެން މީހުން ވަދެ އުޅޭ ގެއެއް ނޫނޭ. އެހެން ނޫނަސް އާއިޒު އަންނާނެ ދެ ދުވަހެއްގެ ތެރޭގަ.”
“އެހެން ވެގެންނޭ އަހަރެން މިއައީ. އަހަރެން ބޭނުމެއް ނޫން ޖާތު އެކަނި އުޅޭކަށް. އާއިޒު އަންނަން ދެން އަހަރެން ޖާތު އެކަނި ފިލުވަ ދޭނަން.” ހުމާމުގެ ލަފްޒު ތަކުން ޖާހަތު ރުޅި އަންނަ ގޮތްވިއެވެ. ބާރުލާފައި ބޭރު ދޮރާ ދިމާއަށް ހިނގައިގަތެވެ. ދޮރު އިތުރަށް ބޮޑަށް ހުޅުވާލާފައި ވާހަކަ ދެއްކިއެވެ. “އަހަރެން ނޫޅެން އެކަނި ވެގެންނެއް. މިހުރީ ހުމާމު ވަދެގެން އައި ދޮރު. ހަމަ މިހާރު ނިކުމެގެން ދޭ!”
“އައްދެ! އަދި ތިހިނެއް ނުދެވޭނެއެއްނު!” ހުމާމު ހީ ގަންނަމުން ސޯފާގައި އިށީނދެލިއެވެ. ޖާހަތުގެ ނުރުހުންވެފައިވާ މޫނު ފެނި ސީރިއަސް ވެލަމުން ބުނެލިއެވެ. “އާން! ދެން ހުރިހާ ސަމާސާ އެއް އެއްކައިރި ކޮށްލީ!… އަސްލު އަހަރެން މިއައީ އާއިޒު ފޮނުވައިގެން. މިހާ ކަންތައް ބޮޑު ދުވަސްވަރެއްގައި ޖާތު އެކަނި ހުންނަން ވުމުން އާއިޒު ހުރީ ވަރަށް ކަން ބޮޑުވެފަ. ބުނި އިތުރަށް މަޑު ނުކޮށް މާދަން އަންނާނަމޭ. މިރޭ މިގޭގަ ނިދާލަން އޮންނާށޭ.” ހުމާމުގެ ވާހަކަތައް ޖާހަތު އަޑުއަހަން ހުރި އިރު އެވާހަކަ ތައް ގަބޫލުކުރި ކަމުގެ އެއްވެސް އަސަރެއް އެމޫނު މަތިން ފެންނާކަށް ނެތެވެ. “ހަމަ ހުވާކޮށްފަ މިބުނަނީ. އާއިޒު ބުނެގެން އަހަރެން މިއައީ… އަސްލު އާއިޒު ބުނީވެސް މިގެއަށް ގުޅާފަ އަންނާށޭ. އެކަމަކު ޖާތު ބޭރު ޖޯލީގަ އޮތްތަން ފެނި ހަމަ ސަމާސާ ކޮށްލާނަމޭ ހިތަށް އެރީ. ސޮރީ!” އާއިޒު އިތުރަށް ޔަޤީންކޮށްދިނެވެ. ޖާހަތު ވިސްނާލަން ޖެހުނެވެ. ހުމާމު އެދައްކަނީ ތެދު ވާހަކަ އެއް ހެއްޔެވެ. އާއިޒުއަށް ގުޅާނަމޭ ހިތަށް އެރުމާއެކީ ފޯނު ނެގިއެވެ.
“އަހަރެންނަށް އިތުބާރު ނުކުރެވެނީތަ؟” ޖާހަތު ފޯނު ނެގިތަން ފެނުމުން ހުމާމު ސުވާލުކޮށްލިއެވެ.
“ނޫނޭ.!” ހުމާމުގެ ސުވާލުން ޖާހަތުގެ ހަރަކާތްތައް ހުއްޓާލިއެވެ. ދޮރު ލެއްޕުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
“ދަނީތަ؟ އަދި މަޑުކޮށްލަންވީނު ވާހަކަ ދައްކާލަން.” ކޮޓަރީގެ ދޮރާ އަރާ ހަމަވެފައި ހުރި ޖާހަތުއަށް ހުމާމު ބުނެލިއެވެ. ޖާހަތު ފަހަތަށް އެނބުރި ބަލައިލަމުން ގަދަ ކަމުން ހިނިތުންވެލަމުން ބުނެލިއެވެ. “ވަރަށް ނިދި އައިސްފި. އެހެންވީމަ. ހުމާމުވެސް ދެން ނިދާލާ.” ހުމާމުގެ އިތުރު ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ޖާހަތު ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
2 Comments
Comments are closed.
މިވާހަކަ ނިމޭނީ ކޮންއިރަކުންތަ؟
ރަސް ތިއުޅެނީ މިވާހަކަ ނުނިމިގެންތަ؟ ނަޝާ! އަވަހަށް ތިރީގަ ލިޔެލާ “ނިމުނީ”