އެހީގެއަގު
ނަވާރަވަނަބައި
” ދެން ވީ ގޮތަކީ …. އޭނަ ހުރީ ވާއަތުން އަހަރެންގެ އަނގަމަތީގަ އަތްއަޅައިގެން. ކަނާއަތުން ވަޅި ހިފަހައްޓައިގެން.
ވަޅި ހުރީ އަހަރެންގެ ކަރުގަ ޖައްސާފަ …. ވަޅިއަށް ބާރުކޮށްލުމުން އަހަރެންގެ ކަރުން ލޭއައި. ވީތަދާ އިތުރުވި ބިރުގެ ސަބަބުން އަހަރެންނަށް ހަޅޭލަވައި ގަނެވުނު. ” ނުހަނު ހިތާމައާ ހިތްދަތިކަމާއެކު މަޑުމަޑުން އިރުސާނާ ކިޔައިދެމުން ދިޔައެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
” ދެން. ” އިނާ ބުނެލިއެވެ.
” ދެން ވީ ގޮތަކީ …. މަޑުމަޑުން އެވަޅި ތިރިއަށް ގެންދަން ފެށީ. އެދިޔަގޮތަށް ގެން ގޮސް ވަޅި ޖެއްސީ އަހަރެންގެ ހިތާ
ދިމާގައި ….. އޭގެފަހުން އަހަރެންގެ ދެއަތާއި ދެފައި ބަނދެލި ….. އެކަމަކު ….. ކީއްވެގެންކަމެއް ނޭނގެ. އޭނަ އަހަރެންނާމެދު ހަމްދަރުދީވި. އަހަރެންނަށް އެއްވެސްކަމެއް ނުކޮށް އޭނަ ދިޔައީ. ” އިރުސާނާ ކިޔައިދެމުން ދިޔައީ ރޮމުން ރޮމުންނެވެ. އެވާހަކަ ތަކުގެ މުހިންމުކަމުން ކޯޓްތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.
” އެހެންތަ؟ …. އިރުސާނާ! ލަންމާގެ މަރާބެހޭގޮތުން އާންމުވެފައިވާ ލިޔުންތައް އިރުސާނާ ވެސް ކީމެއްނު؟ ” އިނާ
އެހިއެވެ. އަދި ޝައުޤުވެރިކަމާއެކު ކޯޓްތެރެއަށް ނަޒަރުހިންގާލިއެވެ.
” އާން. ” މަޑުމަޑުން އިރުސާނާ ބުނެލިއެވެ.
” ކަލެއަށް ވިސްނޭގޮތުގައި ކަލެއާއި ލަންމާއަށް ހަމަލާދިނީ އެއްގޮތަކަށްތަ؟ ” އިނާ ސުވާލުކުރިއެވެ.
” އާން …. އެހެންވެ އެވާހަކަތައް ކިޔައިދޭން އަހަރެން ޕޮލިސްސްޓޭޝަނަށް ދިޔައީ. އަދި އެވާހަކަތައް ކިޔައިދިނީ. ”
އިރުސާނާ އިތުރަށް ބުނެދިނެވެ.
” ޕޮލިސްސްޓޭޝަނުން އިރުސާނާއާ ބައްދަލުވި މީހަ މިތަނުގަ އެބައިންތަ؟ ” އިނާ ސުވާލުކުރަމުން ބަލާލީ އިނިސްޕެކްޓަރ
ނީސާމަށެވެ.
” އާން. އެއިނީ އެބޭފުޅާ. އެވާހަކަތައް ކިޔައިދިނުމުން އެބޭފުޅާ ދެފަހަރަކު އަޅުގަނޑުމެން ގެއަށް ވެސް އައި. ” އަތުގެ
އިސާރާތުން އިނިސްޕެކްޓަރ ނީސާމް ދައްކަމުން އިރުސާނާ ބުންޏެވެ.
” އޭނަ ކީކޭ ބުނީ؟ ” އިނާ އަނެއްކާ ވެސް ސުވާލުކުރިއެވެ.
” އޭނަ އަހަރެންކައިރީ ބުނީ ލަންމާގެ މަރާ މިކަމާ އެއްވެސް ގުޅުމެއް ނެތޭ. ” އިނިސްޕެކްޓަރ ނީސާމް އިރުސާނާއަށް
ދިން ޖަވާބު އިރުސާނާ ބުންޏެވެ.
އިރުސާނާ ބުނި ޖުމްލައާއެކު ކޯޓްތެރެ ހަލަބޮލިވެގެން ދިޔައެވެ. ހިތްހަމަނުޖެހުމާއެކު ފުންމައިގެން ކަހަލަގޮތަކަށް ނީސާމް
ކޮޅަށް ތެދުވިއެވެ.
” އިސްގާޒީ! އެއީ އެއްވެސް ޙަޤީޤަތެއް ނޫން. ” ނުރުހުމާއެކު ހަރުއަޑުން ނީސާމް ބުންޏެވެ.
” އިނިސްޕެކްޓަރ ނީސާމް އިށީންނަވާ. ” ނީސާމަށް ބަލާލަމުން އިސްގާޒީ އެންގެވިއެވެ.
” އެމީހުން އެގޮތަށް ކަންތައްކޮށް މިކަންތައް އަނބުރާލުމަށް އެ މަސައްކަތް ކުރަނީ. އެއީ އެއްވެސް ޙަޤީޤަތެއްނޫން. އެއީ
ބޮޑު ރޭވުމެއް. ” އިސްގާޒީއަށް ބަލާންހުރެ އަނެއްކާ ވެސް ނީސާމް ބުންޏެވެ.
” އިނިސްޕެކްޓަރ ނީސާމް! … އިށީންނަވާ …. އިށީންނަވާ. ” ނީސާމަށް ބަލާންއިނދެ އަމުރުވެރިކަމާއެކު އިސްގާޒީ
ބުންޏެވެ.
ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް. އިސްގާޒީގެ ބުނުމަށް އިޖާބަދިނުމުގެގޮތުން ނީސާމް އިށީނެވެ. އޭރު އޭނާ ހިތްހަމަ
ނުޖެހިފަ ހުރިވަރު އޭނަގެ ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުން ދިޔައެވެ.
” އެކަމާބެހޭގޮތުން ވާހަކަދައްކަން ނީސާމަށް ފުރުސަތު ލިބޭނެ …… އިނާ! ކުރިޔަށް ގެންދަވާ. ” ނީސާމަށް ބަލާލަމުން
އެހެން ބުނުމަށްފަހު، އިސްގާޒީ ބަލާލީ އިނާ އަށެވެ.
އިނާ އަނެއްކާ ވެސް އިރުސާނާގާތަށް ޖެހިލަމުން ވާހަކަދައްކަން ފެށިއެވެ.
” ތިބުނާ ހާދިސާ ހިނގިއިރު އިރުސާނާއަކީ ވެސް ކުލަބުގެ މެންބަރެއްތަ؟ ” އިނާ އަހާލިއެވެ.
” އާން. ” އިރުސާނާ ޖަވާބު ދިނެވެ.
” އޭރު އެކުލަބުގަ އިސްކޮށް އުޅެނީ ކާކު؟ ” އިނާ ސުވާލުކުރުން ހުއްޓާނުލާ ކުރިޔަށް ގެންދިޔައެވެ.
” ޖިމާމް. ” ކޯޓްތެރެއަށް ނަޒަރުހިންގާލަމުން މަޑުމައިތިރިކަމާއެކު އިރުސާނާ ބުނެލިއެވެ.
” އަހަރެންނަށް އެނގިފައިވާގޮތުގަ ކަލެއާ ޖިމާމްގެ މެދުގަ ވަރަށް ޚާއްޞަގުޅުމެއް އޮތް. މިއީ ތެދެއްތަ؟ ” އިރުސާނާގެ
މޫނަށް ބަލާލަމުން އިނާ ވާހަކަ ދެއްކިއެވެ.
” އާން. އަހަރެމެން ދެމީހުން މެދުގަ ވަރަށް ޚާއްޞަގުޅުމެއް އޮތް. ” އިރުސާނާ އެއްބަސްވިއެވެ.
އިރުސާނާގެ ފަރާތުން އިނާ ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށްފަހު ދަޢުލަތުގެ ވަކީލަށް ފުރުސަތު ދެމުން ގޮސް
އޭނާގެ ގޮނޑީގަ އިށީންދެ ހަމަޖެހެލިއެވެ. އޭރު އޭނަ އިނީ ވަރަށް އުފާވެ ހިތްހަމަޖެހިފައިކަން ޔަގީނެވެ.
ލަންމާގެ މަރުގެ މައްސަލާގައި ދެފަރާތުން ދައްކަންބޭނުންވާ ވާހަކަތަކާއި ހުށަހަޅަން ބޭނުންވާ ހެކިން ހުށަހަޅައި ނިމުނީ
އެތައް ދުވަހެއްގެ މަސައްކަތުންނެވެ.
ހަތަރުމަހެއްހާ ދުވަހަށް ދެމިގެންދިޔަ ލަންމާގެ މަރުގެ މައްސަލައިގެ ނިމުން އިއްވާ ދުވަސް ޖެހިއްޖެއެވެ.
އިސްގާޒީ އައިސް އޭނައަށް ޚާއްޞަކުރެވިފައިވާ ގޮނޑީގަ އިށީންދެ ހަމަޖެހެލިއިރު މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭން
ކަމެވެ. ހީވާގޮތުން ކޮންމެމީހަކު ވެސް މިހާރު އިންތިޒާރުކުރަމުންދަނީ ސަރީއަތުގެ ނިމުން އިއްވާނެ ވަގުތަކަށެވެ.
މިއީ ނާއިލްއާ ގުޅިފައިވާ މައްސަލައަކަށް ވާތީ ނާއިލް ހުރީ އޭނައަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގަ ކޮޅަށެވެ. އޭނާއާ
މާދުރުނޫން ހިސާބެއްގަ އޭނާގެ ވަކީލް އިނާ ވެސް ކޮޅަށް ހުއްޓެވެ.
ދަޢުލަތުގެ ވަކީލް ހަސީލް އާއި އިނިސްޕެކްޓަރ ނީސާމް ނުތަނަވަސްކަމާއެކު އިސްގާޒީއަށް ބަލަހައްޓައިގެން ތިއްބެވެ.
އިސްގާޒީ ކޯޓްތެރެއަށް ނަޒަރުހިންގާލުމަށްފަހު ފައިލެއް ހުޅުވާލަމުން ރިޕޯރޓް އިއްވަން ފެށިއެވެ.
” ލިބިފައިވާ ހެކިތަކާއި ދެކެވުނު ވާހަކަތަކާއި ހުށަހެޅުނު ހެކިންގެ ހެކިބަހަށް ބަލާ ހޯދުނު ހޯދުންތަކަށް ބަލާއިރު ބުނެވޭން
އޮތީ ނާއިލްއަކީ ކުށްވެރިއެއް ނޫނޭ. އޭނާގެ ބޮލުގަ އަޅުވާފައިވާ އިލްޒާމަކީ އެއްވެސް ޙަޤީޤަތެއްނޫން. ޕޮލިހުންނަށް އަހަރެން ބުނެލަން އޮތީ އަސްލު ކުށްވެރިޔާ ހޯދާށޭ. ލަންމާގެ މަރުގެ މައްސަލަ ނުނިމެޔޭ ….. މިވަގުތުން ފެށިގެން ނާއިލްއަކީ ކުށްވެރިއެއް ނޫން. ” ފައިލަށް ބަލަހައްޓައިގެން އިނދެ އިސްގާޒީ ވާހަކަ ދެއްކިއެވެ.
ލަންމާ މަރާލީ ނާއިލް ނޫންކަމަށް އިސްގާޒީ ބުނުމާއެކު ކޯޓްތެރޭ އަޑުގަދަވެގެން ދިޔައެވެ. ދޭދޭމީހުން އަވަސް އަވަހަށް
ވާހަކަ ދައްކަމުން ދައްކަމުން ކޯޓުން ނުކުންނާންފެށިއެވެ. ސަރީއަތް ނިމުނުކަން އިޢުލާނުކުރުމާއެކު ހަސީލް ވެސް އަވަސް އަވަހަށް ކޯޓުން ނުކުމެއްޖެއެވެ.
ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ރޮވިފައި ކަހަލަގޮތަކަށް ހުރި ނާއިލަށް ބަލާލުމަށްފަހު އިނާ ހިނގައިގަތީ ކޯޓުން
ނުކުންނާށެވެ. އެއާއެކު އިނާއަށް ގޮވަމުން އިނާގެ ފަހަތުން ނާއިލް ވެސް ހިނގައިގަތެވެ.
އިނާގެ ފަހަތުން ނާއިލް ދިޔަނަމަވެސް އޭނައަށް އިނާއާ ހަމައަށް ނުދެވެނީސް ނޫސްވެރިންނާއި ކެމެރާމަނުން އައިސް އޭނާ
ވަށާލާ ސުވާލުކުރަން ފެށިއެވެ. ހަމައެހެންމެ ފޮޓޯ ވެސް ނަގަން ފެށިއެވެ.
އިނިސްޕެކްޓަރ ނީސާމާއި އިނާ ދިމާވީ ކޯޓްގެ ދޮރޯށިކައިރިންނެވެ. އެއާއެކު އިނާއަށް ގޮވާލަމުން ނީސާމް ވާހަކަ ދައްކަން
ފެށިއެވެ.
ނުނިމޭ
One Comment
Comments are closed.
mivAahaka reethi