އެހީގެއަގު

- by - 0- August 27, 2013

ވިހިވަނަބައި
އިނިސްޕެކްޓަރ ނީސާމާއި އިނާ ދިމާވީ ކޯޓްގެ ދޮރޯށިކައިރިންނެވެ. އެއާއެކު އިނާއަށް ގޮވާލަމުން ނީސާމް ވާހަކަ ދައްކަން
ފެށިއެވެ.
” އިނާ! އިރުސާނާއާ ބެހޭ އެއްވެސް ލިޔުމެއް ޕޮލިސްސްޓޭޝަންގަ ވެސް ނުހުންނާނެ. އިނާ ކިހިނެތް އެކަންތައް ހޯދީ؟ ”
ނީސާމް ސުވާލުކުރީ ހައިރާންކަމާ އެކުއެވެ.
” ދުނިޔޭގެ އެންމެން ކަލެއާ އެއްގޮތެއް ނުވާނެ. މިކަމުގަ ކުރިޔަށް ދިއުމަށް އަހަރެން ކުރަމުންދިޔަ މަސައްކަތަށް އެހީތެރިވި
މީހަކު އަހަރެންނަށް އެމަޢުލޫމާތު ދިނީ. ” ލިބުނު ކާމިޔާބަށް ހިނިތުންވެލަމުން އިނާ ވާހަކަ ދެއްކިއެވެ.
” އިނާ! ތިއީ އަދި ރަނގަޅު ނިންމުމެއް ނޫން. އަހަރެންނަށް ޔަގީން ލަންމާ މަރާލީ ނާއިލްކަން. އެއީ އޭނަ ވަރަށް ދުރާލާ
ރާވައިގެން ކޮށްފައިވާކަމެއް. އޭނަ … ” ނީސާމް ދައްކަމުންދިޔަ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދީ އިނާ ހިނގައިގަތެވެ.
” ނާއިލްއަކީ ކުށްވެރިއެއް ނޫން ….. ތިއީ ކަލެއަށް ކާމިޔާބު ނުލިބުނީމަ ދައްކާ ވާހަކަ … ދެން ވެސް ބަލި ގަބޫލުކުރަން
ދަސްކޮށްބަލަ. ” ނުހަނު އިތުބާރާ ޔަގީންކަމާއެކު ނީސާމަށް ބަލާލަމުން ހުއްޓި އިނާ ވާހަކަ ދެއްކިއެވެ.
އިނާގެ ވާހަކަތަކާ ގުޅުވައިގެން ނީސާމް ވާހަކަދައްކަމުންދިޔަ ނަމަވެސް، އެވާހަކަތަކަށް އެއްވެސް ސަމާލުކަމެއްނުދީ އިނާ
ގޮސް ޓެކްސީއަކަށް އެރުމުން ނީސާމަށް ޖެހުނީ ވާހަކަތައް ހުއްޓާލާށެވެ.
ލަންމާގެ މަރުގެ މައްސަލާގައި ސައްކުކުރެވި ހައްޔަރު ކުރެވުނު އޭނާގެ ފިރިމީހާ ނާއިލަކީ ލަންމާގެ ގާތިލް ނޫންކަމަށް
ކޯޓުން ނިންމުމުން ނޫސްމަޖައްލާތަކާއި އޮންލައިންނޫސްތަކުގަ ވަރަށް ކުލަގަދަކޮށް އެވާހަކަތައް ޝާއިޢުކުރަމުން ދިޔައެވެ. ތަފާތު ޗެނަލްތަކުން ނާއިލްގެ ބަސްދީގަތުން ގެނެސްދެމުން ދިޔައެވެ. އެފަދަކޮންމެ ބަސްދީގަތުމެއްގައި އިނާއަށް ޝުކުރުއަދާކޮށް ނާއިލް ވާހަކަދައްކަމުން ދިޔައިރު އެއިން ބައެއް ބަސްދީގަތުން އިނާ ވެސް ބަލަމުން ދިޔައެވެ.
އިރުހަނދުގެ ދައުރުވުމާއެކު ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ނާއިލާއި ވަކިންއުޅުމަކީ އިނާއަށް ކެތްވާވަރުގެ ކަމަކަށް
ނުވިއެވެ. އެތައް ދުވަހަކު އެތައްގޮތަކަށް ވިސްނުމަށްފަހު އަނެއްކާ ވެސް ނާއިލާއި ގުޅެން އިނާ ނިންމީ އޭނާގެ އުފަލާއި ހިތްހަމަ ޖެހުން ގުޅިފައިވަނީ ނާއިލާއި ކަމަށް އަމިއްލައަށް ގަބޫލުކުރެވި އެހެންގޮތެއް ނެތްކަމަށް ވިސްނުމުންނެވެ. ހަމައެހެންމެ އޭނާގެ ކުރިމަގަށްޓަކައި ނާއިލަކީ ވަރަށް މުހިންމު މީހެއްކަން ޔަގީންވާތީއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު ވަގުތެވެ. ނާއިލާއި ބައްދަލުކުރުމަށް އޭނާގެ ހިތްއެދި ގޮވަމުންދާވަރުން އިނާ އަމިއްލައަށް
ނާއިލްމެން ގެއަށް ދިޔައެވެ.
ނާއިލްމެން ގެއަށް އިނާ ދިޔައިރު، އިނާގެ ނަސީބު ރަނގަޅުކަމުން އެގެހުރި ތަޅުނުލައެވެ. ދެތިން ފަހަރަކު ނާއިލަށް
ގޮވާލުމަށްފަހު ނާއިލްގެ ޚަބަރެއް ނުވުމުން އިނާ ގޭތެރެއަށް ވަންނަމުން ވެސް ނާއިލަށް ގޮވިއެވެ. އެހެނަސް ނާއިލްގެ އެއްވެސް ޚަބަރެއް ނުވިއެވެ.
ކޮންމެވެސް ވަރަކަށް ހައިރާންވެ ސުވާލުއުފެދިފައި ހުރެގެން އިނާ ގޮސް ނާއިލްގެ ކޮޓަރި ބަލާލިއިރު ނާއިލް އޮތީ ނިދާފަ
އެވެ. ހީވާގޮތުން އޭނާ އެއޮތީ ހެނދުނު ހޭލާ އުޅެފައި ނިދާފައެވެ.
އިނާ ގޮސް ނާއިލްގެ މަގަތުން އިށީންދެ ނާއިލަށް ގޮވާ ހޭލެއްވިއެވެ. ހަމައެހެންމެ އޭނައަށް ނާއިލާމެދު ކަންތައް ކުރެވުނު
ގޮތާމެދު ދެރަވާކަމަށް ބުނެ މަޢާފަށް އެދުނެވެ. އަދި ކުރިއެކޭ އެއްފަދައިން މިހާރުވެސް އިނާ ހުރީ ނާއިލްގެ މީހެއްގެގޮތުގައި ކަމަށް ވެސް ބުންޏެވެ. އިނާގެ ވާހަކަތަކުގެ ސަބަބުން ނާއިލަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އަވަސް އަވަހަށް ތެދުވެ އިށީންނަމުން އިނާގެގައިގަ ބައްދާލާ ލޯބިކޮށްލިއެވެ.
ނާއިލާއި އިނާ އެމީހުންގެ ލޯބީގެ އިސްޤީ މިސްތީކަމުގަ ވަގުތުތައް ގުނަމުން ދިޔައިރު ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް
އެދެމީހުންކުރެ މީހަކަށް ނޭނގެއެވެ. ދެތިން ދުވަހެއްގެ މެދުކެނޑުމަކަށްފަހު ބައްދަލުވުމުން ދެމީހުންވެސް ބޭނުންވަނީ ބައްދަލުނުވެ ދިޔަ ދުވަސްތަކު ގެއްލިގެންދިޔަ އުފަލާއި ހިތްހަމަޖެހުން ހޯދަން ކަންނޭންގެއެވެ.
” ދެން ތެދުވޭ … މިހާރު ހުންނާނީ ނިދިފަ. ” ނާއިލަށް ބަލާލަމުން އިނާ ބުންޏެވެ.
” އިނާ ބުނިގޮތެއް. ހަމަމިހާރު މިތެދުވަނީ. އަހަރެން ފެންވަރައިގެން އަންނަން ވާއިރަށް މިބެޑްޝީޓް ގެންގޮސް އެހަރަ
ކަބަޑަށް ލައިދީބަލަ. ކާން ދާނީ ދެމީހުން އެކުގައިދޯ؟ ” އިނާގެ މޫނަށް ބަލާންއޮވެ ނާއިލް ވާހަކަ ދެއްކިއެވެ. ނާއިލްގެ އެ ސުވާލުގެ ޖަވާބަކަށް އާންއެކޭ ބުނުމުގެ ގޮތުން އިނާ ބޯ ޖަހާލިއެވެ.
ނާއިލް ގޮސް ފާޚާނާބަޔަށް ވަނުމުން އިނާ ތެދުވެ ބެޑްޝީޓް ފަށްޖަހާލިއެވެ. އަދި ބެޑްޝީޓް ހިފައިގެން ކަބަޑާއި ދިމާއަށް
ދިޔައެވެ.
ބެޑްޝީޓް ހިފައިގެން އިނާ ގޮސް ކަބަޑަށް ލާންވެގެން ކަބަޑު ހުޅުވާލުމާއެކު އިނާގެ ލޮލުގަ އަޅައިގަތީ އެ ކަބަޑުތެރޭ
ބަހައްޓާފައިހުރި ތާނަ ޓައިޕްރޭޓަރެވެ. އެއާއެކު އިނިސްޕެކްޓަރ ނީސާމްގެ ވާހަކަތަކާއި ކާކުކަން ނޭނގޭހެން އޭނައަށްއައި ސިޓީތައް މަތިން ވެސް ހަނދާންވިއެވެ. ހަމައެހެންމެ އެއްފަހަރާ އެތައް ސުވާލެއް އުފެދި ނުތަނަވަސްކަން ވެރިވާން ފެށިއެވެ.
ކޮންމެވެސް ވަރަކަށް ހާސްވެ ނުތަނަވަސްވެފައި ހުރެގެން އިނާ އަވަސް އަވަހަށް ޓައިޕްރޭޓަރ ނެގުމަށްފަހު ބެޑްޝީޓް އެ
ކަބަޑަށް ލިޔެވެ. އަދި ޓައިޕްރޭޓަރ މޭޒުމަތީބަހައްޓާ އެތަނުން ކަރުދާސްގަނޑެއް ލައްވާ ޓައިޕްރޭޓަރ ޓެސްޓްކޮށްލިއެވެ. އަވަސް އަވަހަށް އަކުރުތައް ޓައިޕްކުރަމުންދިޔަ އިނާއަށް ސީނުފެނުމާއެކު ބިރުން ތުރުތުރުލައިގެން ދިޔައެވެ. މޫނުމައްޗަށް ވެރިވެގެންދިޔަ ހާސްކަން އިތުރުވެގެން ދިޔައިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.
އިނާއަށް ރޮވެން ފެށިއިރު ނީސާމް ދެއްކިވާހަކަތައް އިވިއިވި ހުރިހެން ވެސް ހީވަމުން ދިޔައެވެ. އިނާގާތު ނީސާމް ބުނި
ފަދައިން ކާކުކަން ނޭނގޭހެން އިނާއަށް ސިޓީ ފޮނުވަމުން ދިޔައީ ނާއިލްކަން އިނާއަށް ޔަގީންވިއެވެ. އިނާއަށް ލިބެމުންދިޔަ ސިޓީ ތަކެކޭ އެއްފަދައިން މިޓައިޕްރޭޓަރުން ޓައިޕްކުރި އެއްވެސް ސީނެއްގެ ފަހަތުބައެއް ނެތެވެ. ކޮންމެގޮތެއް ވިޔަސް ހެޔޮކަމަށް ނިންމާ އިނާ ބަލާލީ ނާއިލްގެ ޚަބަރެއް ވޭތޯއެވެ.
ނާއިލް ފާޚާނާއިން ނުކުންނަން އުޅޭކަމުގެ އިސާރާތެއް ފެންނަން ނެތުމުން އިނާ އަވަސް އަވަހަށް ޓައިޕްރޭޓަރ ހިފައިގެން
ދުވެފައި ބޭރަށްނުކުތެވެ. އަދި ޓެކްސީއަކަށްއަރައި ޓައިޕްރޭޓަރ ބައިންދަމުން އޭގެމަތީ ދޯޕައްޓާގެ އެއްކޮޅު އަޅާލިއެވެ. ހާސްވެ ނުތަނަވަސް ވެފައިހުރި އިނާ އަވަސް ހަރަކާތްތަކަކާއެކު ޓެކްސީގެ ދޮރުލައްޕަން އުޅެނިކޮށް ނާއިލް އައިސް ދޮރުފަތުގަ ހިފަހައްޓާލި އެވެ. އޭރު ވެސް އިނާ އިނީ ވަރަށް ހާސްވެ ނުތަނަވަސް ވެފައެވެ.
” ކިހިނެތްވީ؟ ……… ހާދަ ހާސްވެފަ އިން ހެން ހީވެޔޭ. ކޮންތާކަށް ތިޔަދަނީ؟ ” އިނާއަށް ބަލާލަމުން ނާއިލް ވާހަކަ
ދެއްކިއެވެ.
” އަހަރެން ހަނދާން ނެތުނީ … ވަރަށް މުހިންމު ބައްދަލުވުމެއް އެބައޮތް. ” މޫނުމައްޗަށް ހަމަޖެހުން ވެރިކުރެވޭތޯ
މަސައްކަތް ކުރަމުން އިނާ ވާހަކަ ދެއްކިއެވެ.
” އޭރުން އަހަރެމެންގެ މެންދުރުގެ ކެއުމަށް ކިހިނެތް ވާނީ؟ ” ނާއިލް އަހާލިއެވެ.
” މަޢާފްކުރޭ ނާއިލް! އަހަރެން ފަހުން ގުޅާނަން. ” އިނާ އަވަސް އަވަހަށް ޖަވާބު ދިނެވެ.
އިނާގެ އިސާރާތާއެކު ޑުރައިވަރު ޓެކްސީދުއްވާލިއެވެ. ޓެކްސީ ގޮސް ލޯކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން ނާއިލް
ހުރިއިރު، ޙަޤީޤަތް ފަޅާއެރުމުގެ ކުރިން ނާއިލްގެ އަތްދަށުން ސަލާމަތް ވެވުނީތީ އިނާ އިނާ ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.
ޓައިޕްރޭޓަރ ގެންގޮސް އެނދުމަތީ ބޭންދުމަށްފަހު އިނާ އަވަސް އަވަހަށް ގޮސް ފާޚާނާބަޔަށްވަދެ ފެންވަރާލީ ލިބިފައިވާ
ހާސްކަމާއި ނުތަނަވަސްކަން ފިލުވާލާ ސިކުނޑިއަށް ހަމައަކަށް އަޅުވާލުމަށްޓަކައެވެ.
ފެންވަރާ ތާޒާވެލައިގެން ނުކުތްނަމަވެސް އިނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. މާޔޫސްކަމާއި ނުތަނަވަސްކަމަށް
ހާސްކަމާއި ކަންބޮޑުވުމަށް ލުޔެއް ނުލިބުނެވެ. ހަމައެހެންމެ ވަގުތުތައް ފާއިތުވަމުން ދިޔައިރު ދެން ހަދާނެގޮތެއް ވެސް މުޅިއަކުން ނުނިންމުނެވެ.
އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ފެންޑާ ގޮނޑިސެޓްގަ އޮށޯވެލައިގެންއޮތް އިނާ ތެދުވީ ފޯނު ރިންގްވާން ފެށުމުން
ނެވެ. ނިދާ ތެދުވެގެން ގޮސް ފޯނު ނަގަމުން ހެލޯ ގޮވާލުމާއެކު އެކޮޅުން ވާހަކަދައްކަން ފެށީ ނާއިލެވެ.
” އިނާ! ….. އަދިވެސް ބައްދަލުވުން ނުނިމޭތަ؟ ” އަވަސް އަވަހަށް ނާއިލް އަހާލިއެވެ.
” އާން. ” މަޑުމަޑުން އިނާ ބުނެލިއެވެ.
ނުނިމޭ

0

You may also like...

Leave a Reply

Your email address will not be published.