
އެހީގެއަގު 14 ވަނަބައި
” ނޭނގެ …. ބުނަން އުޅުނު ވާހަކަ ހަނދާން ނެތިއްޖެ. ދެން …. ” ހާސްކަމާއެކު އިނާއަށް ބުނެލެވުނީ އެހިސާބަށެވެ.
” ހަނދާން ވާނެ. ” ނާއިލް ބުނެލިއެވެ.
” ހަނދާންވީމަ ގުޅާނަން. މިހާރު ގެއަށް ދެވިއްޖެތަ؟ ” އިނާ އަހާލިއެވެ.
” އަދި ނުދެވޭ. އެކަމު ވަރަށް ކައިރީ މިއުޅެނީ. ” ނާއިލް ޖަވާބު ދިނެވެ.
” އެހެންތަ؟ ދެން ބާއްވަނީ. ” އެހެން ބުނުމާއެކު އިނާ ފޯނުކަނޑާލިއެވެ.
ފޯނު ބޭއްވުމަށްފަހު އޮފީހުން ނުކުންނާން އިނާ ހިނގައިގަތް ވަގުތު ފޯނު ރިންގްވާން ފެށިއެވެ.
އިނާ ގޮސް ފޯނުނަގާ ޖަވާބު ދިނުމާއެކު އެކޮޅުން ވާހަކަ ދައްކަން ފެށީ ނާއިލެވެ.
” ދާން ބޭނުންވި ނަމަވެސް އަހަރެން ކޮންތާކަށް ދާނީ؟ ހައިރާންވާންވީ ކަލެއެއް ނޫން އަހަރެން. ކަލޭ ތިހާ ތެދުވެރިކަމާއެކު
އަހަރެންނަށް ކަންތައް ކޮށްދެމުންދާގޮތުން އަހަރެންނަށް ވަރަށް އަސަރުކޮށްފި. ފުރަތަމަ ފަހަރަށް އަހަރެންނަށް އިހުސާސް ވެއްޖެ އަހަރެންނަކީ ކުށްވެރިއެއް ނޫންކަން. ހިތް އެދެނީ ތިޔަ އޯގާތެރިކަމަށް. ތިޔަ އަސަރުގަދަ ލޮލުގެތެރެއަށް ގެއްލިދާން … އަހަރެން ކިހިނެތް ދުރައްދާނި. އަހަރެން އަބަދު ވެސް މިހުންނަނީ އިނާ ގާތުގަ. މިހާރު ބޭނުން ވިޔަސް ބީހިލެވޭހާ ގާތުގަ. ޙަޤީޤަތުގަ ވެސް ތިހެން ފޯނުއަތްގަނޑު ހިފައިގެން ގޮނޑީގަ މާޔޫސްވެފަ އިނދެ އަހަރެންނަށް އިންތިޒާރުކުރާހެން ހީވަނީ. އަހަރެންގެ ހިތް އެދެނީ އަބަދު ވެސް އިނާ ގާތުގަ ހުންނަން. ” އަސަރާއެކު ނާއިލް ވާހަކަދައްކަމުން ދިޔައެވެ. އެވަގުތު އިނާގެ ލޮލުން ފޭދިގެން ދިޔައީ އުފަލުން ނުވަތަ ހިތާމައިން ފޭދުނު ކަރުނަކަމެއް ނޭނގުނެވެ.
ފޯނުއަތްގަނޑު ބޭއްވުމަށްފަހު އިނާ ތެދުވެގެން ގޮސް ކުޑަދޮރުން ބޭރު ބަލާލިއިރު ނާއިލް ހުރީ އެގޭ ދޮރޯށިކައިރީގައެވެ.
ނާއިލް ފެނުމާއެކު އިނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައިރު ނާއިލް ވެސް ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.
ދުވެފައި ކަހަލަގޮތަކަށް އިނާ ގޮސް ނާއިލްއާ ބައްދަލުކުރިއެވެ. އަދި ދެމީހުން ވާހަކަ ދައްކަމުން ދައްކަމުން އެދިމާ އަތިރިއާ
ދިމާއަށް މިސްރާބު ޖެހިއެވެ.
ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ލަންމާގެ މަރުގެ ސަރީއަތަށްޓަކައި އިނާ ކޯޓަށް އައިއިރު އަތީލް އެތަނުގަ ހުއްޓެވެ.
އަތީލް އޭނާގެ އާދައިގެމަތިން މިއަދުވެސް އިނާ އަތަށް ދިނީ ލިޔުންތަކެކެވެ. ބޮޑަށް ގަބޫލުކުރެވެނީ އެއީ ލަންމާގެ މަރާބެހޭ
ލިޔުންތަކެއް ހެންނެވެ.
ނާއިލްގެ ކިބައިން ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމުގަ ހިނިތުންވެފައިހުރި އިނާ އެލިޔުންތައް ހިފައިގެން ކޯޓަށް ވަދެގެން
ދިޔައިރު އަތީލްއަށް ޝުކުރުއަދާކޮށްލާން ވެސް ހަނދާން ނެތްކަހަލައެވެ.
އިނާ ގޮސް ސަރީއަތްކުރާބަޔަށް ވަތްއިރު ކޯޓްތެރޭގަ މީހުން ވަރަށް ގިނައެވެ. ކެމެރާމަނުންނާއި ނޫސްވެރިންގެ އިތުރުން
ސަރީއަތް ބަލާލުމަށް އައިސް ތިބި މީހުންނެވެ. ތަނުގެ އަމާން އޮމާންކަން ބެލެހެއްޓުމަށް އައިސް ތިބި ޕޮލިހުން ވެސް މަދެއް ނޫނެވެ. ވަކީލުންނާއި ނާއިލް ވެސް އެތަނުގަ އިނެވެ.
ސަރީއަތުގެމަޖިލީހަށް ހާޒިރުވާން ހަމަޖެހިފައިވާ އެންމެން ހަމަވުމާއެކު ސަރީއަތް ފެށިއްޖެއެވެ.
” އިސްގާޒީ! މިފަހަރު އަހަރެން މިގެންނަނީ ސުޖީތާ. ” އިސްގާޒީގެ ހުއްދައާއެކު ކޮޅަށް ތެދުވެ އިސްގާޒީއަށް ބަލާލުމަށް
ފަހު، އޭނާގެ އަތުގައިވާ ލިޔުންތަކަށް ބަލާލަމުން ސަރުކާރުގެ ވަކީލް ހަސީލް ވާހަކަ ދެއްކިއެވެ.
އެންމެން އެކުގަ ފަހަތަށް ބަލާލިއިރު ޒުވާންފުރައިގެ އަންހެން ކުއްޖަކު ފަހަތުން ތެދުވެގެން އަންނަނީއެވެ. ކޮނޑުގަ ކުޑަ
ދަބަހެއް އަޅުވާލައިގެން ހުރި ސުޖީތާއަކީ ބަލާލަން ރީތި ޒުވާނެކެވެ.
މަޑުމައިތިރި ހިނގުމެއްގަ ހިނގަމުން އައި ސުޖީތާ އައިސް ނާއިލްމެނާ ހަމަވުމާއެކު ނާއިލަށް ބަލާލަމުން އެއީ ކާކުތޯ އިނާ
ސުވާލުކުރިއެވެ. އަދި އަވަސް އަވަހަށް އޭނާގެ އަތުގައިވާ ލިޔުންތަކަށް ނަޒަރުހިންގާލިއެވެ.
ލިޔުންތައް ބަލާނިމުމާއެކު ފުންމައިގެން ކަހަލަގޮތަކަށް އިނާ ކޮޅަށް ތެދުވެ ފުރުސަތަކަށް އެދުނެވެ.
” އިސްގާޒީ! އޭނާގެ ނަން ހުށަހަޅާފައެއް ނެތެއްނޫންތޯ؟ ” އަވަސް އަވަހަށް އިނާ ސުވާލުކުރިއެވެ.
” އޭނާގެނަން ކުރިން ހުށަހަޅާފައި ނެތީ އޭރުގަ އޭނަ އަންނަން އެއްބަސް ނުވާތީ. އެކަމަކު އޭނާއަކީ މިސަރީއަތަށް ވަރަށް
މުހިންމު މީހަކަށް ވާތީ ހާއްސަ ކަންތައްތަކަކާއެކު އޭނަ ގެނެސްފައި އެހުރީ. ” އިނާގެ ސުވާލު ނިމުމާއެކު ހަސީލް ވާހަކަ ދެއްކި އެވެ. އޭނާގެ އަޑާއި ހަރަކާތުން ފާޅުވެގެން ދިޔައީ އޭނައަށް ސުޖީތާ މުހިންމުވާ ވަރެވެ.
” މައްސަލައެއް ނެތް. ކުރިއަށް ގެންދަވާ. ” ހަސީލަށް ބަލާލަމުން އިސްގާޒީ ބުންޏެވެ.
” އިނާ ބޭނުންވާ މަޢުލޫމާތު ހޯދަން ވަގުތު ދޭނަން. ” އިނާއަށް ބަލާލަމުން އިސްގާޒީ ބުނެލިއެވެ.
” ޝުކުރިއްޔާ! ” އިސްގާޒީއަށް ޝުކުރުއަދާކުރުމަށްފަހު އިނާ އިށީނެވެ.
” ކޮން އަންހެން ކުއްޖެއްތަ އެއީ؟ ” ނާއިލަށް ބަލާލަމުން ނުތަނަވަސްކަމާއެކު އިނާ އެހިއެވެ.
” ރައްޓެއްސެއް. ” ސުޖީތާއަށް ބަލާލުމަށްފަހު އިނާއަށް ބަލާލަމުން ނާއިލް ޖަވާބު ދިނެވެ.
” ކޮންކަހަލަ ރައްޓެއްސެއް؟ ” އަނެއްކާ ވެސް އިނާ ސުވާލުކުރިއެވެ.
” އެއީ …. އެއީ ހަމަ …. ރައްޓެއްސެއް. ” ނާއިލް ޖަވާބު ދިންއިރު ފާޅުވެގެން ދިޔައީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.
އިސްގާޒީގެ ހުއްދައާއެކު ސުޖީތާ ގޮސް އޭނައަށް ހާއްސަކުރެވިފައިވާ ގޮނޑީގަ އިށީންދެ ހަމަޖެހެލިއެވެ.
ލަންމާގެ މަރުގެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރަމުންދާ ހަސީލް ތެދުވެގެން ގޮސް ސުޖީތާ ގާތަށް ހުއްޓެމުން
ސުވާލުކުރަން ފެށިއެވެ.
” މިއީ އެހާ މުހިންމު ސުވާލެއް ނޫން. އެކަމަކު ވެސް އުމުރު ބުނެލަދީބަލަ. ” ނާއިލަށް ބަލާލުމަށްފަހު ސުޖީތާއަށް ބަލާލަ
މުން ހަސީލް ވާހަކަ ދެއްކިއެވެ.
” ސައުވީސް އަހަރު. ” ސުޖީތާ ބުނެލިއެވެ.
” ސުޖީތާއާ ނާއިލްގެ މެދުގަ އޮންނަނީ ކޮންކަހަލަ ގުޅުމެއް؟ ” ހަސީލް ސުވާލުކުރިއެވެ.
” ރަހުމަތްތެރިކަން. ” ސުޖީތާ ޖަވާބު ދިނެވެ.
” އަހަރެންނަށް ވެސް އެނގޭ ކަލޭމެން ދެމީހުންނަކީ ދެރައްޓެހިންކަން. އެކަމަކު އަހަރެން މިއަހަނީ މީގެ ތިންވަރަކަށް އަހަރު
ކުރީގެ ވާހަކަ. ” ހަސީލް ސުވާލު ނިންމާލަމުން ނާއިލަށް ބަލާލިއެވެ.
” އަހަރެމެން ދެމީހުން ….. އެކަކު އަނެކަކު ދެކެ ލޯބިވޭ. ” ލަސްލަހުން ސުޖީތާ ބުނެލިއެވެ.
” ދެމީހުން ވެސް ލޯބިވޭތަ؟ ” ސުޖީތާއާ ސުވާލު ކުރި ނަމަވެސް ނާއިލަށް ބަލާލަމުން ހަސީލް އެއް ލޯ މަރާލިއެވެ. ހީވީ
އޭނާއަށް އޭނާގެ މަޤްސަދު ހާސިލުވަނީ ހެންނެވެ.
” އާން. ” އިސްޖަހާލަމުން ސުޖީތާ ބުންޏެވެ.
” ކަލެއަށް ޔަގީންކަމާއެކު ބުނެވިދާނެތަ ދެމީހުން ލޯބިވާ ކަމަށް. މިހެން މިބުނީ ސުޖީތާ ލޯބި ވިޔަސް ފަހަރެއްގަ ނާއިލް
ދެކިދާނެއެއްނު ރައްޓެއްސެއްގެ ގޮތުގަ. ” ސީދާ ސުޖީތާގެ މޫނަށް ބަލާލަމުން ހަސީލް އެހިއެވެ.
” އަހަރެމެން ދެމީހުންގެ ލޯބީގެ ގުޅުން ފެށުނީ ….. ނާއިލްގެ ފަރާތުން. އޭނަ އަހަރެން ކައިރީ އާދޭސް …. ކޮށްގެން
އަހަރެން އޭނައާ ގުޅުނީ. ” ސުޖީތާއަށް ޖުމްލަ ފުރިހަމަ ކުރެވުނީ ރޮމުން ރޮމުންނެވެ.
” އޭނަ ކަލޭގެ މަސްތުގަ ޖެހުމަށްފަހު، އެންމެފަހަރަކު ވެސް ބުނިތަ އޭނާގެ އަންހެނުން ވަރިކުރާ ވާހަކަ. އަހަރެންނަށް
އިނގޭ މިވާހަކަތައް ދައްކަން ކަލެއަށް އުނދަގޫވާނެކަން …. އެކަމަކު މި ސަރީއަތަށްޓަކައި މިވާހަކަތައް ވަރަށް ވެސް މުހިންމު. ”
ހަސީލް ބޭނުންވަނީ މިކަމުގަ ކުރިޔަށް ދިއުމަށްޓަކައި ހޯދަންޖެހޭ ކޮންމެ މަޢުލޫމާތެއް ހޯދާށެވެ.
ނުނިމޭ