ދެބަދުނާމް
( ފަނަރަވަނަބައި )
” އާން… ” އަނގައާއި ބޮލުން ސެނާ އެއްބަސްވިއެވެ.
ނިދާންއޮތްއިރު ސެނާގެމޫނުމަތިން ފާޅުވަމުންދަނީ އުފަލާއިހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. މިރޭ މާހާއި ބައްދަލުކުރުމުގެ އިތުރުން ކުރިޔަށްއޮތް ތަނުގައި އެގޭގައި އޭނާއާ މާހު، ބައްދަލުކުރެވޭނެގޮތް ރައިނާ ހަމަޖައްސައިދީފިއެވެ. އެހެންވެ އޭނާ ނިންމައިގެންހުރީ މާހުއާ ބައްދަލުވީހާ އަވަހަކަށް އެވާހަކަދައްކާށެވެ.
ޖެހިގެންއައި ދުވަހުގެ އިރުއޮއްސުނު ވަގުތު ސެނާ އާއި މާހު އެދެމީހުންގެ ލޯބީގެ މަންޒިލްކަމުގައިވާ ފަޅުގެއިން ބައްދަލުކުރިއެވެ.
ސެނާ އާއި މާހުގެ ބައްދަލުކުރުންތައް އޭނާގެ މާމަމެން ގެއަށް ބަދަލުކުރުމަށް އޭނާގެ މާމަބުނިކަމަށް ސެނާ ބުނުމުން މާހު ދެކޮޅުހެދިއެވެ. އެހެނަސް ސަބަބެއް ހާމައެއްނުކުރެއެވެ. މާހު ބުނަމުންދިޔައީ މާހުއާ ބައްދަލުކުރާން ސެނާ ބޭނުން ނަމަ އެފަޅުގެއަށް އައުމަށެވެ. މާހުދެކެ އޭނާވާ ލޯތްބެއްގެ ބޮޑުކަމުން މާހާއި ވަކިން އުޅުމަކީ ސެނާއަށް ކެތްވާވަރުގެކަމަކަށް ނުވެއެވެ.
މާހުއާ ބައްދަލުކޮށްފައި ސެނާ ގެއަށްއައިއިރު ރައިނާހުރީ ދޮރޯށި ކައިރީގައެވެ. އޭރު ރައިނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. އެކަމުގެ ސަބަބުން ސެނާ ހާސްވެ ކަންބޮޑުވިއެވެ.
” ސެނާގާތު އެވަރަށްބުނީމަ ވެސް އެފަޅުގެއަށް ދިޔައީދޯ؟ “ސެނާއައިސް ދޮރާއިގާތްވުމުން ރައިނާއަހާލިއެވެ. އަޑާއިހަރަކާތުން ފާޅުވީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
ރައިނާގެ ސުވާލުގެ ޖަވާބުގައި އާނއެކޭބުނާ ފަދައަކުން ސެނާ ބޯޖަހާލިއެވެ.އަދި އަވަސްއަވަހަށްގޮސް ގޭތެރެއަށްވަނެވެ. ރައިނާ ކިތަންމެހިތްހަމަނުޖެހުނު ނަމަވެސް އެއްޗެތިކިޔާން ނުކެރޭނެކަން ސެނާއަށް ޔަގީންވެއެވެ.
ހެނދުއަށެއްޖަހާކަން ހާއިރެވެ. ފިހާރައަކަށްގޮސްފައި ރައިނާ ގެއަށް އަންނަނިކޮށް މާހުއާ ބައްދަލުވިއެވެ.
ރައިނާ އެދުނުއެދުމަށް އޭނާއާ ވާހަކަދައްކާލާން މާހު މަޑުކުރިއެވެ. މާހުގާތުގައި ރައިނާދެއްކީ ސެނާގެ ވާހަކައެވެ. ސެނާއާއި މާހު ބައްދަލުކުރުމަށް އެގެއަށް އައުމަށްއެދެމުން ރަށުތެރޭގެ ހާލަތުގެ ވާހަކަވެސް ރައިނާދެއްކިއެވެ. ހަމައެހެންމެ އެގޮތަށް ފަޅުގެއެއްގެތެރޭގައި ބައްދަލުކުރުމަކީ ރައްކާތެރިކަމަކަށް ނުވާނެކަމަށް ވެސް ބުންޏެވެ. އަދި ސެނާގެ މަންމަމެންދުވަސްވަރު ކޮންމެގޮތަކަށް ކަންތައްހިނގާފައިވީ ނަމަވެސް އޭނާގެ ހިތުގައި މާހުއާމެދު އެއްވެސް ނުރުހުމެއް ނުވާކަމަށްވެސް ބުންޏެވެ.
ރައިނާގެ ވާހަކަތަކުގެސަބަބުން މާހު ވަރަށްހައިރާންވިއެވެ. އަދި ހިތްހަމަނުޖެހުމާއެކު ވާހަކަދެއްކިއެވެ. މާހު ބުނީ އޭނާއާ ސެނާއާ ދެމެދު އެއްވެސްގުޅުމެއް ނުވާކަމަށާ އޭނާގެ ސަބަބުން މާހާއި އޭނާގެ ޢާއިލާއަށް ލިބުނު ހިތާމައާ ހިތްދަތިކަން ދުވަހަކުވެސް ހަނދާންނުނެތޭނެކަމަށެވެ. ހަމައެހެންމެ ދުވަހަކުވެސް ސެނާއާ ނުގުޅޭނެކަމަށް ވެސް ބުންޏެވެ.
މާހުގެ ވާހަކަތަކުގެސަބަބުން ރައިނާ ވެސް ވަރަށްހައިރާންވިއެވެ. އެހެނަސް ވަރަށްފަސޭހަކަމާއެކު މާހުގެ އެ ވާހަކަތައް ގަބޫލުކުރެވުނުވެސް މެއެވެ.
ރައިނާ ގެއަށްދިޔައިރު އޭނާ ހުރީ ފާޑަކަށް ބޯގޮވާފައެވެ. ސެނާ ދޮގުހަދަނީބާއޭ ހިތަށްއަރަމުންދިޔައެވެ. ނުވަތު މާހު ދޮގުހަދަނީބާއޭ ވެސް ހިތަށްއަރަމުން ދިޔައެވެ. ދޮގުހަދަނީ ނުވަތަ ތެދުހަދަނީ ކާކުކަމުގައި ނިންމާން ރައިނާއަށް އުނދަގޫވިއެވެ. އެހެނަސް އެކަމުގައި އަވަހަށް ގޮތެއްނިންމުން މުހިންމުކަމުގައި ރައިނާއަށް ވިސްނުނެވެ.
ދުވަހުގެ ހަވީރުވަގުތެވެ. ސެނާއާއި ރައިނާތިބީ އެގޭގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ރައިނާގެ ސުވާލުތަކަށް ޖަވާބުދެމުން ސެނާ ބުނަމުންދިޔައީ އޭނާ ލޯބީގެގޮތުން ގުޅިގެން އުޅެނީ މާހުއާ ކަމަށާއި އެފަޅުގެއިން އޭނާ ބައްދަލުކުރަނީ މާހާއި ކަމަށެވެ. ހަމައެހެންމެ މިރަށުގައި މާހުއާ ވައްތަރުއެހެންމީހަކު ނުހުންނާނެކަން ރައިނާއަށް ވެސް އެނގޭނެކަމަށާއި އެހުރިހާކަމެއް އޭނާއަށް ޔަގީންވާކަމަށެވެ. އަދި ރައިނާއަށް މާހު ދޮގުހަދަނީ ކަމަށެވެ.
ސެނާގެ ވާހަކަތަކުގެ ސަބަބުން ރައިނާގެ ހިތުގައި މާހުއާ މެދު ސައްކު އުފެދުނެވެ. އެއާއިއެކުހެން އެކަންބަލާންވެސް ބޭނުންވިއެވެ.
” ދަރިފުޅުގެ ކަރުގައިތިއޮތްފަށް ދީބަލަ މާމައަތަށް. ” ސެނާއާދިމާއަށް ބަލާލަމުން ރައިނާ އެދުނެވެ.
ރައިނާ އެދުނުފަދައިން އޭނާގެ ކަރުގައިވާފަށްނަގާ ރައިނާގެ އަތަށް ސެނާދިނެވެ. ރައިނާ ގޭތެރޭންގެނައި ފުލުފޮއްޗެއް އެފަށަށް ލެއްވިއެވެ. އެއީ ވަރަށްރީތި ބައްޓަމަކަށް ހަދައި އޭގައި ކުރުސިލިޔެފައިވާ ރަން އެތިކޮޅެކެވެ.
ސެނާގެ އަތަށް ރައިނާ އެފަށް ދިނުމުން ސެނާ ފަށްއެޅިއެވެ.
” ސެނާ މިފަށްއަޅައިގެންހުއްޓާ މާހުއައިސް ސެނާއާ ބައްދަލު ކޮށްފިނަމަ މާހުދޮގުހަދަނީ. އެކަމު ސެނާ މިފަށްއަޅައިގެންހުއްޓާ މާހު ބައްދަލުނުކޮށްފިނަމަ ސެނާ ދޮގުހަދަނީ …. އޭރުން ސެނާ ތިވަނީ ވާނުވާނޭނގޭ ހާސްކަމެއްގެ ތެރޭގައި. ” ސެނާއާ ދިމާއަށް ބަލާންއިނދެ ރައިނާބުންޏެވެ.
” އެކަމަކު މާމާ .. އަހަރެންނަށްޔަގީން އެއީ މާހުކަން. އޭނާ މިގެއަށް ނާންނަންވެގެން މާމައަށް ދޮގުހަދަނީ. ” ވަރަށް ޔަގީންކަމާއެކު ސެނާ ބުނެލި އެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ޔަގީންކަމުގެ އަސަރެވެ.
އިރުއޮއްސޭވަގުތުގާތްވަމުން އަންނަވަރަކަށް ސެނާގެ ހިތުގެތެޅުން އަވަސްވަމުންދިޔައެވެ. ރައިނާ އެހަދާޓެސްޓުން ސެނާ ފާސްވާނެބާއޭ ވެސް ހިތަށްއަރަމުން ދިޔައެވެ. އެޓެސްޓްގެނަތީޖާ ކޮންމެގޮތަކަށް ދެއްކިނަމަވެސް އޭނާއާބައްދަލުކުރަނީ މާހުކަން ސެނާއަށް ޔަގީންވެއެވެ.
ވަގުތުތައް ފާއިތުވަމުންއައިސް އިރުއޮއްސޭވަގުތުގާތްވުމުން މާހާއި ބައްދަލުކުރުމަށްޓަކައި އެފަޅުގެއާދިމާއަށް ސެނާ ހިނގަމުންދިޔައެވެ. އެހެނަސް ސެނާއަށް ފާރަލައިގެން އޭނާގެފަހަތުން ރައިނާ ހިނގަމުންދިޔަކަމެއް ސެނާއަކަށް ނޭނގެއެވެ.
މަޣުރިބުނަމާދު ބަންގިގޮވައި ނިމުމާއެކުހެން ސެނާގޮސް އެގެއަށް ވަނެވެ. އޭރު އެގޭތެރޭގައި މާހު ހުއްޓެވެ. މާހު ފެނުމުން ލިބުނުއުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ސެނާއަށް ހިނިތުންވެލެވުނެވެ.
މާހާއިދިމާއަށް ސެނާ ހިނގައިގަތުމުން މާހު ހިނގައިގަތީ ސެނާއާ ދުރަށްދާށެވެ. އެކަމުގެ ސަބަބުން ސެނާ ކޮންމެވެސްވަރަކަށް ހައިރާންވިއެވެ. އެހެނަސް މާހުގެފަހަތުން ސެނާވެސް ހިނގައިގަތެވެ. މާހަށް ގޮވަމުން އޭނާގެފަހަތުން ސެނާދިޔަ ނަމަވެސް އެކަމަކަށް މާހުއަޅައެއްނުލައެވެ.
ހިތްހަމަނުޖެހުމާއެކުގައި ސެނާއަށް ބަލާލަމުން މާހުގޮސް އެގެއިން ނުކުތެވެ. އަދި އެގެއާއި މާދުރުނޫން ހިސާބަކުން ފެންނާންހުރި ބޯކަށިކެޔޮގަސްތަކާއި ދިމާއަށް ހިނގައިގަތެވެ.
ސެނާއަށްފާރަލައި ބަލަމުންދިޔަ ރައިނާއަށް ފެނުނީ އެފަޅުގެއިން ނުކުމެގެންއައި ސެނާ ބޯކަށިކެޔޮގަސްތަކާއި ދިމާއަށް ދަނިކޮށެވެ. ރައިނާ އަވަސްއަވަހަށް ގޮސް ސެނާގެ އަތުގައި ހިފަހައްޓާމަޑުކުރުވިއެވެ. އެކަމުގެ ސަބަބުން ސެނާ ކޮންމެވެސް ވަރަކަށް ހައިރާންވިކަން އޭނާގެ ދޭހަވިއެވެ.
” މާހު ވަދެއްޖެ މި ވިނައަށް. ” ބޯކަށިކެޔޮގަސްތަކާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ސެނާ ބުންޏެވެ.
” ދެން ހިނގާދާން. އެހެންފަހަރަކުން މާހު ހޯދާން އަންނާނީ. ” ސެނާގެ އަތުހިފައިގެން ގެއާދިމާއަށް ހިނގައިގަންނަމުން ރައިނާ ބުންޏެވެ. ރައިނާގެ މޫނުމަތިން ފާޅުވަމުންދަނީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.
ސެނާ ގޮވައިގެން ރައިނާ ދިޔައީގެއަށެވެ. ގެއަށްގޮސް މަޣުރިބު ނަމާދާއި އިސާނަމާދު ކުރިއެވެ.
ރައިނާއާއި ސެނާ ކާންތިބެގެން ވާހަކަދައްކަމުންދިޔައެވެ.
ނުނިމޭ