އޮއްސެމުންދިޔަ އިރުގެ ރަންދޯދިތައް އުޑުމައްޗަށް ފެތުރިފައިވާއިރު ވަށައިގެންވާ މާހައުލަށް ވެރިވެފައިވަނީ ބަޔާންކޮށްދޭންވެސް ދަތި ފުރިހަމަ ކަމެކެވެ. މަޑުފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ހެންވޭރު އާޓިފިޝާލް ބީޗްގައިހުރި ބެންޗެއްގައި އަހަރެން އިށީނދެލީމެވެ. އޭރު އެކިފުރާގެ މީހުންތައް އެކިކޮޅުކޮޅަށް ހިނގާބިނގާވެ އުޅެއެވެ. ހަވީރުކުޅެންއައިސް އުޅުނު ކުޑަކުދިންތައް ގޮވައިގެން ގެއަށްދާމީހުންތައްވެސް ބައިވަރެވެ. މޫދުގެ ލޮނުގަނޑަށް ނަޒަރުހުއްޓާލައިގެން އަހަރެންނަށް އިނދެވުނީ ލިބިފައިވާ ހިއްދަތިކަމަށް ލުޔެއްލިބޭތޯއެވެ. ނަމަވެސް ހުއްޓުމެއްނެތި ހިތުގައިވާ އުދާސްތައް އުތުރިއަރަމުންދިޔައެއެވެ. މާޒީގެ އެހިތިހަނދާންތައް ދެންމެ ދެންމެ ވީކަމެއްހެން އަހަރެންގެ ސިނކުޑީގައި ހަރުލާފައިވެއެވެ.

އެއީ މީގެ ފަސްއަހަރުކުރިއެވެ. އަހަރެންނަކީ އަހުމަދިއްޔާ ސުކޫލުގެ ގުރޭޑު ދިހައެއްގައި ކިޔަވަމުންދިޔަ ކުއްޖަކީމެވެ. ދޮންވެފައި ލިބިފައިވާ ލޫޅާފަތި ހަށިގަނޑުގެ ސަބަބުން އަހަރެންނާ ދިމާލަށްވެސް އެކިއެކި ފިރިހެންކުދިންގެ ލޯތައްދިޔައީ އަމާޒުވަމުންނެވެ. ނަމަވެސް އަހަރެންގެ ހިތް އަތުލެވޭގޮތެއް އެއިން އެކަކަށްވެސް ވަނީ ނުވެފައެވެ.

މަންމަ މެންނާއި ދުރުގައި މާލޭގައި ކިޔަވަން ހުންނަން ޖެހޭތީ ސުކޫލަށް ނުދާ ދުވަސްތަކުގައި ދާނެ ނޯއްނާތީ އަހަރެން ގިނަވަގުތު ހޭދަކުރަނީ ގޭގައި އެކަންޏެވެ. ގޭގައި އުޅޭ ބޮޑުބޭބެއާއި އޭނަގެ އަންހެނުންގެ ދަރިއަކު ނުހުންނާތީ އެމީހުން ގިނަދުވަސް ދުވަހު އުޅޭނީ ބޮޑުމޭބެގެ ރައްޓެހި ޒިޔާދުގެ ގޭގައެވެ. އެއީ އެގޭގައި ކުޑަކުދިން އުޅޭތީ ބޮޑުބޭބެގެ އަންހެނުން ނާޒިރާ އަބަދު އެގެއަށް ދާން ކިޔާތީއެވެ.

ހުކުރު ދުވަސް ކަމުން އަހަރެން އޮތީ ގޭގައެވެ. މެންދުރު ކައިގެން އޮށޯވެލީ އަނެއްކާވެސް ނިދައިލާނީއޭ ހިތަށް އަރައިގެންނެވެ. އެހެން އޮއްވާ ފޯނު ރިންގުވާން ފެށިއެވެ. “ޒޭބާ… ހިނގާބަލަ ވޮލީމެޗު ބަލާލަން ސުކޫލަށް ދާން.. މަ ވަރަށް ފޫހިވާތީ މިއުޅެނީ… ” އެކޮޅުން އައީ އަހަރެންގެ އެކުވެރި ސާރާގެ އަަޑެވެ. ސާރާއަކީ އަހަރެންގެ ހަމައެކަނި އެކުވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހުމަދިއްޔާގައި އުޅޭތާ މިވީ ހައަހަރު ތެރޭގައިވެސް އަހަރެންނާއި ސާރާގެ އެކުވެރިކަމަކަށް ބަދަލެއް ނާދެއެވެ.
“ހްމް… ދެވިދާނެ… އެކަމަކު މަށެއްނުވޭ އަސްލު އެތާކަށް ދާހިތެއް…” އަހަރެން ފޫހި ރާގެއްގައި އެހެންބުނީ ބޭރަށް ދާން ބޭނުން ނުވާތީއެވެ.
“އަޅެ ރެޑީވެބަލަ.. ޒިޔާން މެންނޭ ކުޅެނީ މިއަދު. އޭނަ ބުނި ސަޕޯޓުކުރަން އަންނަންވާނެޔޭ.. މަ އެބަދަން ފަނަރަ މިނެޓު ތެރޭގަ ތިގޭ ކައިރިއަށް… ގޮސް ގުޅީމަ ނިކުންނާތި..” ސާރާ ފޯނު ބޭއްވުމުން އަހަރެން ތެދުވެ ރީތިވާން ފެށީމެވެ. ޒިޔާންއަކީ ސާރާގެ ބިޓަށްވެފައި ސާރާ ޒިޔާންމެން ކުޅޭ މެޗުބަލަންދާންް ބުނުމުން އަހަރެންނަށް ނުދާނަމޭ ބުނަން ނުކެރުނީއެވެ.

ސާރާ އައުމުން ދެމީހުން އެކުގައި ހިނގާފައިގޮސް ސުކޫލަށް ވަނީމެވެ. އޭރު ސުކޫލު ހޯލުތެރޭގައި ބައިވަރު ކުދިންތައް އުޅެއެވެ. އޭރު މެޗު ބަލަންތިބި ކުދިންތަކުގެ ހަޅޭކުގެ އަޑުންމުޅިތަން ގުގުމާލައިފައިވެއެވެ. އަހަރެންނާއި ސާރާ ކުދިންތަކުގެ ތެރެއިންގޮސް ވޮލީކޯޓާއި ވަރަށް ކައިރިން އަރިމަތީގައި މަޑުކޮށްލީމެވެ.
“ޒިޔާން…. ހޮޕް ހޮޕް….ސާބަހޭ ޒިޔާން…” ސާރާވެސް ބާރަށް ހަޅޭއްލަވަން ފެށިއެވެ. އަހަރެންވެސް ޒިޔާންއަށް ޓާޓާ ކިޔާލީމެވެ. ނަމަވެސް ބާރަށް ހަޅޭއްލަވަން ނުކެރޭތީ މަޑުމަޑުން ހުރީއެވެ.
“އެކްސް ކިއުޒްމީ…” ފަހަތުން އިވުނު ފިރިހެންވަންތަ އަޑަށް އަހަރެންނަށް ސިއްސައިގެންގޮސް ފަސްއެނބުރި ބަލައިލެވުނެވެ. އޭރު އަހަރެންނާއި ނުހަނު ކައިރީގައި ވަރަށް ރީތި ޒުވާނަކު ހިނިތުންވެފައި ހުއްޓެވެ. އެއީ އިސްކޮޅުންދިގު ބާމަތިފުޅާ ކަޅުފިރިހެނެކެވެ. ލައިފައިހުރި ނޫކުލައިގެ އަތްދިގު ގަމީސް އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައިހުރި އިރު އޭނަގެ އެރީތި ހަށިގަނޑު އިތުރަށް ފުރިހަމަ ކަމުގައި ފެނެއެވެ. “މާޝާ ﷲ … ” ހިތާހިތުން އޭނާގެ ރީތި ކަމަށް ތައުރީފް ކުރާހާލު އޭނާގެ މޫނަށްބަލަން ބަސްހުއްޓިފައި އަހަރެންނަށް ހުރެވުނެވެ. “ދައްކަބަލަ ތަންކޮޅެއް..” އެރީތި ފިިރިހެންވަންތަ އަޑުން އެހެން ބުނުމުން އަހަރެން ތެޅިގަނެފައި އެއްކައިރިއަކަށްޖެހި ތަން ދެއްކުމުން އޭނާ ހިނިތުންވެހުރެ އެތެރެއަށް ވަނެވެ. އަދި ވޮލީ ކޯޓުގެ ވަރަށް ކައިރީގައިހުރެ ޒިޔާންއަށް ގޮވަންފެށިއެވެ. އެއީ އަނެއްކާ ޒިޔާންގެ ކާކުބާއެވެ؟ ރައްޓެއްސެއްބާއެވެ؟ އަހަރެންނަށް އޭރުވެސް ހުރެވުނީ އެފުރިހަމަ ރީތި ފިރިހެނާއަށް ނަޒަރު ހުއްޓާލައިގެންނެވެ.
” އެއީ ޒިޔާންގެ ދޮންބެ ޝާން…. އޭނަވެސް އެއައީ ޒިޔާން އަށް ސަޕޯޓުކުރަން…” ސާރާ އަހަރެންގެ ކޮނޑުގައި ޖަހާލަމުން އެހެންބުނެ އަނެއްކާވެސް ބާރަށް ހަޅޭއްލަވަން ފެށިއެވެ. “ޝާން… ” އަހަރެންނަށް މަޑުމަޑުން އެރީތި ނަން ކިޔާލެވުނެވެ.
މެޗު ނިމުނުއިރުވެސް އަހަރެންނަށް ހުރެވުނީ ޝާންއަށް ބަލަހައްޓައިގެންނެވެ.ކުރާނީ ކީއްހެއްޔެވެ؟ އަހަރެންގެ ނަޒަރު އަމިއްލަ އިޚްތިޔާރުންބޭރުވީއެވެ. މެޗު ނިމި މީހުންތަކުގެއަޑު އިތުރަށް ގަދަވުމުން އަހަރެންގެ ބޮލަށް އުނދަގޫވާން ފެށިއެވެ.
“ތީނަ ދެން މިރޭ ޒިޔާންމެންގެ ގެއަށްގޮސް ފޯރިނަގާ… މިތާ ދެން ތިބޭނެކަމެއްނެތެއްނު… ހިނގާ ދާން… މާ އަޑުގަދަވީމަ ބޮލުގަރިއްސާ…” މެޗު ނިމުނީ ޒިޔާންމެން ޓީމަށް ޗެންޕިއަންކަން ލިބިގެންނެވެ. ޒިޔާންމެންގެ ޓީމު ހުރިހާކުދިންނާއި ޓީމުގެ ހުރިހާ ސަޕޯޓަރުން ވަރަށް ފޯރިނަގައި އަޑުގަދަކުރަން ފެށުމުން އަހަރެން ސާރާގެ އަތުގައި ހިފައިގެން ސުކޫލުން ނިކުތީމެވެ.
“ހްމް..ހިނގާ ދާން… އޭތް ޝާންއާ ދިމާލަށް ޒޭބާ ހާދަވަރަކަށް ތިބެލީ.. އަޅައިގަތީތަ؟” ސާރާ ހެމުން ހެމުން އަހަރެންނާއި ދިމާކޮށްލިއެވެ. “ސާބަހޭ.. މަ ދެންހަމަ އޭނަ ރީތިވީމަ ބަލާލީ. އަނެއްހެން ނުވޭކަމެއް..” އަހަރެން ލަދުންހުރެ ހިތުގައިވާ ސިއްރު ފޮރުވަން މަސައްކަތް ކުރީމެވެ.
ނަމަވެސް ސާރާ ވަރަށް ފަސޭހައިން އަހަރެންގެ އިހުސާސްތައް މޫނުމަތީގެ ކުލަވަރުން ދެނެގަތެވެ. “ނޫން… އަހަންނަށް އޮޅުވާލަން ނޫޅޭ…. މަށެއް ދުވަހަކުވެސް ނުދެކެން ޒޭބާ އެގޮތަށް ފިރިހެނަކަށް ބަލަނިކޮށެއް.. އެކަމަކު މިއަދު ޒޭބާއަށް އެއޮއްވީގޮތެއް ދޯ… މޫނުމައްޗަށް ހުރީ ޖަންބުކުލަ އަރާފަ..” ސާރާ އިތުރަށް އަހަރެން ރަކިކޮށްލިއެވެ.
ދެން ތިވަރަށް ދިމާނުކުރާށޭ ބުނެ އަހަރެން ސާރާގެ ކޮނޑުގައި ޖަހާލީމެވެ.

އެރޭ ގެއަށްގޮސްވެސް އަހަރެންނަށް ވިސްނުނީ ޝާންއާއި ދޭތެރޭގައެވެ. އެރީތި ސޫރަ އެންމެ ހިނދުކޮޅަކަށްވެސް އަހަރެންގެ ސިނކުޑިން ފިލައިގެނެއްނުދިޔައެވެ. ގަޑިން ދަންވަރު 12 ޖެހީރުވެސް އެނދުމަތީގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެވުނީ ޝާންގެ ހިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ.

ހިޔާލީދުނިޔެއަކަށް ގެއްލިފައިއޮތް އަހަރެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުންނެވެ. އެހާދަންވަރު ނުދަންނަ ނަންބަރަކުން ގުޅާތީ ފޯނު ނުނަގާން އިރުކޮޅަކު އޮތުމަށްފަހު ފޯނުނަގައި ހަލޯއޭ ބުނެލީމެވެ. “ޒޭބާ.” އެވަގުތު އެކޮޅުން އަހަރެންގެ ނަމުން ގޮވާލިއެވެ. އެެއީފިރިހެންވަންތަ ރީތިއަޑެކެވެ.
“ކާކު؟؟” އަހަރެން މަޑުމަޑުން އަހާލީމެވެ. ކާކުކަން ޔަގީން ނުވާތީއެވެ.
“މިއަދު މެޗުބަލަން ހުއްޓާ ތަންކޮޅެއް ދައްކާށޭ ބުނީމެއްނު.. ހަނދާން ވެއްޖެތަ؟ އަހަންނަށް ކިޔަނީ ޝާން..” އެއަޑަށް އަހަރެންގެ މޭ ފިނިވެގެންދިޔައެވެ. ޝާން އަހަރެންގެ ނަންބަރު އެހާ އަވަހަށް ހޯދީ ސާރާގެ އަތުންކަން އަހަރެންނަށް ޔަގީނެވެ. އެކަމަކު އެހާ ދަންގަޑިއެއްގައި އޭނާ އަހަރެންނަށް ގުޅުމުގެ އޮތީ ބޭނުމެއްހެއްޔެވެ؟
“އާނ .. ހަނދާން ވެއްޖެ… ތީ ޒިޔާންގެ ދޮންބެ ދޯ.. ސާރާ ބުންޏޭ ތީ ޒިޔާންގެ ދޮންބެޔޭ…” އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތައް އެއްކައިރި ކޮށްލަމުން އަހަރެންވެސް ވާހަކަދެއްކީމެވެ.
“އާނ… މީ ޒިޔާންގެ ދޮންބެ.. މިރޭ ސާރާ އަތުން ޒޭބާ ނަންބަރު ހޯދީ… ވަރަށް ނުގުޅަން ހުރެފަވެސް ހަމަ ކެތްނުވެގެން މިގުޅީ..” ޝާން ވާހަކަ ދެއްކީ ހެމުންނެވެ. އަހަރެންނަށް ޝާންގެ ވާހަކަ ދެއްކުން ވަރަށް ކަމުދިޔައެވެ. ތަފާތު އެކިވާހަކައިގައި ރޭނިމިގެންދިޔަ ގޮތްވެސް ނޭނގުނެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަރެންނާއި ޝާންގެ ގުޅުން އެކުވެރިކަމަށް ބަދަލުވެ، އެކުވެރިކަން ލޯތްބަށް ބަދަލުވެގެންދިޔައެވެ. ޝާންއަކީ ފިނޭންސް މިނިސްޓްރީގެ ވަރަށް މަތީ މަގާމެއްގައި މަސައްކަތްކުރަމުންދިޔަ ހަރުދަނާ ޒުވާނެއް ކަމުން އަހަރެންގެ އާއިލާއިން ޝާން ބަލައިގަތީ އުފަލާއި އެކުއެވެ. އަދި އަހަރެންވެސް އޯލެވެލް ނިމުމާއިއެކު އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގައި މަސައްކަތްކުރަން ފެށީމެވެ.

ރޭގަނޑު ވެއްޖެއްޔާ ސައިކަލުގައި ދުއްވާލަންގޮސް ނޫނީ ތަނަކަށް ކާލަން ދިއުމަކި އަހަރުމެންގެ އާދައެވެ. ދެމީހުންގެ ލޯބީގެ ނިރު ހެދި ފޯދެމުންއައީ ވަރަށްވެސް އާރޯތާނާ ކަމާއިއެކުއެވެ.
އެގޮތަށް ދެމީހުންގެ ލޯތްބަށް ދެއަހަރު ވެގެންދިޔައިރު ދެމީހުންގެ ގުޅުންވަނީ އެކަކު އަނެކަކާއި ނުލައި ނޫޅެވޭވަރަށް ވަރުގަދަވެފައެވެ. އަހަރެންނަށް ނަވާރައަހަރު ފުރުމާއިއެކު ޝާން ބޭނުންވީ އަވަހަށް ކައިވެނިކުރާށެވެ. އަހަރެންވެސް އެގޮތަށް އެއްބަސްވީ ޝާންގެ އާއިލާއިންވެސް އަހަރެން ކައިރީގައި ކައިވެނި އަވަސްކުރުމަށް އެދޭވަރުންނާއިވެސް އެކުގައެވެ. ޒިޔާންއާއި ސާރާ ޑޮކްޓަރުކަން ކިޔަވަން ރަޝިޔާއަށް ދިޔަފަހުން ރާއްޖެ އައީވެސް އެންމެ ފަހަރަކުއެވެ. ޝާންމެންގެ ގޭގައި ޝާންއާއި އޭނާގެ މައިންބަފައިން ފިޔަވާ އިތުރުބަޔަކުވެސް ނޫޅެއެވެ.

ކައިވެނި ކުރަން ހަމަޖެހުނީ އޮގަސްޓުގައި ކަމުން މޭމަހުގައި ކައިވެންޏަށް ވާންޖެހޭ އެކިތައްޔާރީތައް ވުމުގެ މަސައްކަތްފެށީމެވެ. ޕާޓި ބޭއްވުމަށް މާރބަލް ހޮޓެލް ބުކްކޮށް އަހަރެންގެ ވެޑިންޑްރެސްވެސް ފަހައި ނިންމީމެވެ. ވަގުތު ޖެހުމުން ތެޅިގަންނަން ބޭނުން ނުވާތީ އެހާކުރިން ބޮޑެތި ކަންކަން ކޮށްނިންމާލީ ޝާންއަށްވެސް އެއީ އެންމެ ރަނގަޅުގޮތްކަމުގައި ފެނުމުންނެވެ.
ކައިވެނީގެ ދުވަސް ކައިރިވީވަރަކަށް އަހަރެންގެ ހިތުގައި ބުނެދޭން ނޭނގޭ ނުތަނަވަސްކަމެއް ދިޔައީ އުފެދެމުންނެވެ. އެއީ އަލަށް ކައިވެނިކުރަން އުޅޭތީކަމުގައި ވިސްނުމަށްފަހު ކޮންމެ ފަހަރަކު އަހަރެން ހިތްހަމަ ޖައްސައިލީ ކައިވެނިކުރެވުމުން އެހުރިހާ ނުތަނަވަސް ކަމަކާއި ދުރުވާނެކަމުގައި ޔަގީންކޮށްފައެވެ.

ޖުލައިމަސް ފެށުނީރު ކައިވެނީ ހުރިހާކަމެއްހެން ނިމި ހަމަޖެހިއްޖެއެވެ. ބާކީއޮތީ ހަމައެންމެ ކަމެކެވެ. އަހަރެންނާއި ޝާން ތެލެސީމިޔާ ޓެސްޓުކުރުމެވެ.

ދެމީހުން އެކުގައި ގޮސް ތެލެސީމިއާ ސެންޓަރުން ޓެސްކުރުމަށް ލޭގެ ސާމްޕަލް ނަގައިގެންގެއަށް ދިޔައީ ޖެހިގެން އަންނަދުވަހު ކާޑު ލިބޭނެ ކަމުގައިބުނުމުންނެވެ. އެދުވަހު ގެއަށް ދިޔައީއްސުރެ އަހަރެންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ދެމީހުން ކެރިއަރުންނަށް ވެއްޖެނަމަ ދެންވާނެ ގޮތަކާއި ދޭތެރޭގައި ވިސްނޭ ކޮންމެފަހަރަކު ދެލޯ ފެންކަޅިވެއެވެ. ޝާން އަހަރެންނަށް ވަރަށް މަލާމާތް ކުރިއެވެ. އަހަރެން މާކުދިކުދި ކަންކަމުގައި ބިރުގަނެ ކޮންމެކަމެއް މާބޮޑު ކޮށްލަނީކަމުގައިބުންޏެވެ.
އޭގެ ފަސްދުވަސް ފަހުން ތެލެސީމިއާ ސެންޓަރަށް ކާޑު ބަލާ ދިޔައީ ދެމީހުން އެކުގައެވެ. އޭރުވެސް އަހަރެންގެހިތް ވަރަށް ބާރަށް މޭތެރޭގައި ނެގިނެގިފައި ޖެހެމުންދިޔައެވެ.

އޭރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. ޝާން އަހަރެންގެ އަތުގައި ހިފާ ފިތާލަމުން ހަމަޖެހުމަށް ބުންޏެވެ.
އަހަރެން ގޮނޑީގައި ބޭންދުމަށްފަހު ޝާންގޮސް ކައުންޓަރުގައި އިންކުއްޖާ އަތަށް ސްލިޕްކޮޅު ދިއްކޮލިއެވެ. އެކުއްޖާ ޝާންގެ އަތަށް ދެކާޑު ލާފައިވާ ދެސިޓީއުރަ ދިނެވެ.
“މިއޮތީ ކާޑުތައް… އަވަހަށް ބަލާބަލަ…” ޝާން ވަރަށް ހެވިފައި އައިސް އަހަރެން އަތަށް ދެސިޓީ އުރަ ދިއްކޮށްލިއެވެ. ބިރެއްފެނިގެން ބަލާހެން އެދެސިޓީއުރައާއި ދިމާލަށް ބަލަން އަހަރެންނަށް އިނދެވުނެވެ.
“ޝާން ބަލާ… ” އަހަރެން ބިރުން އިންވަރުން އޭގައި އަތްލާކަށްވެސް ނުކެރުނީއެވެ.
ޝާން ފުރަތަމަ ކެނޑީ އޭނާގެނަން ޖަހާފައި އޮތް ސިޓީއުރައެވެ. “ތެލެސީމިއާ ކެރިއަރ” ކާޑު ނަގަމުން ޝާން މަޑުމަޑުން ކިޔާލިއެވެ. ޝާންގެ ކާޑު ފެނުމާއިއެކު އަހަރެންނަށް ކުއްލިއަކަށް ގޮނޑިން ތެދުވެވުނެވެ. އަދި އަވަސް އަވަހަށް ޝާންގެ އަތުގައިއޮތް އަނެއް ސިޓީއުރަ ދަމައިގަނެ އަވަހަށް ކަނޑައިިލީމެވެ. އަހަރެންނަކީ ކެރިއަރަކަށް ނުވުމަށްއެދި ހިތާއިހިތުން ދުޢާ ކުރަމުންނެވެ. އޭރު އަހަރެންގެއަތް ހަމަރަނގަޅަށްވެސް ތުރުތުރު ލައެވެ.
ސިޓީއުރައިން ކާޑު ދަމައިގަތުމާއިއެކު އަހަރެންގެ އަތުން ކާޑާއި ސިޓީއުރަ ދޫވެގެން ވެއްޓުނީއެވެ. އެވަގުތު އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. ލިބުނު ހައިރާންކަމާއި ހިތަށްކުރި އަސަރުން މުޅިމީހާ ހުއްޓުން އެރިއެވެ. ވަށައިގެންވާ މާހައުލު ހުއްޓި ހިމޭންވިއެވެ.

“ޒޭބާ… ޒޭބާ..” ޝާން އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އަހަރެންނަށް ހަމަހޭވެރިކަންވީ އެހިސާބުންނެވެ. ޝާންގެ މޫނަށްބަލަންހުރެ އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. އޭރު ޝާންވެސް ހުރީ ފެންކަޅިވެފައެވެ. އަހަރެންގެ ލޮލުން އޮހިގަތްކަރުނަތަށް ދެކެން ޝާންއަކަށް ކެތެއްނުވިއެވެ. ޝާންގެ މެޔާލައި އަހަރެން ބޮނޑިކޮށްލިއިރު އޭނާއަށްވެސް ބާރަށް ރޮވިއްޖެއެވެ.
ގެއަަށް ދިޔަމަގުމަތީގައި އެކަކުވެސް ބަހެއްނުކިޔައެވެ. ދެމިހުންގެ ދުލުންވެސް ބަސްހުއްޓިފައިވާކަހަލައެވެ.

އަހަރެން ގެއަށް ލުމަށްފަހު ޝާންވެސް ގެއަށް ދިޔައީއެވެ. އަހަރެން ބާރަށް ގޮސް ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތީމެވެ. ބޭއިޚްތިޔާރުގައި އަޑުން އަޑުނަައި ރޮއިގަނެވުނެވެ. އަހަރެންނާއި ޝާންގެ ކައިވެންޏަށް އަހަރުމެން ނުވަނީ ކޮންތައްޔަރީއެއް ހެއްޔެވެ؟ ކުޑަމިނުން އަހަރެން އަރާނެ ފައިވާނަށް ދާންދެންވެސް ގަނެފީމެވެ. އަހަރެންނަށް ގިސްލަގިސްލާފައި ރޮވެމުންދިޔައެވެ. މަޑުމަޑުންގޮސް އަލަމަރީގެ ދޮރު ހުޅުވައިލައި އޭގެތެރެއިން އަހަރެންގެ ވެޑިންޑްރެސް ނަގައި އެނދުމަތީގައި ބޭއްވީމެވެ. އަދި ޕާޓީގައި އަރަން ގަނެފައިއޮތް ފައިވާންވެސް ނަގައި ހެދުން ކައިރީގައި ބެހެއްޓީމެވެ. އަދި އެނދުމަތީގައި އިށީނދެ ހެދުން ނަގައި މެޔާލައި ބޮނޑިކޮށްލީމެވެ. އަހަރެންގެ ހަޔާތަށް މިއައީ ކިހާބޮޑު ތޫފާނެއް ހެއްޔެވެ؟ އަމިއްލަ ފުރާނަޔަށްވުރެ ލޯބިވާ ލޯބިވެރިޔާއާއި ވަކިވުން ނޫންގޮތެއް މިއަދު އަހަރެންނަކަށް ނެތެވެ. ދިރިއުޅުމުގައި މިވެއްޓުނު އަޑިގަނޑުން ދުވަހަކުކޮޅުންވެސް އަރައިގަނެވިދާނެ ބާއެވެ؟
އަހަރެންގެ ސިކުނޑީގައި އުފެދެމުންދިޔަ ސުވާލުތަކާއި ހިތަގައިވާ ހިޔާލުތަކުން އަހަރެންގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އޭގެ އަނެއްދުވަހު އަހަރެން ވަރަށް ހިތްވަރުކޮށްފައި އާއިލާގެ އެންމެން ކައިރީގައި އަހަރެންނާއި ޝާންއަކީ ދެކެރިއަރުން ކަމުގައި ބުނީމެވެ. އާއިލާގެ އެންމެންވެސް ވަގުތުން އަހަރުމެންގެ ކައިވެންޏާއި ދެކޮޅު ހެދިއެވެ. އެއީ އަހަރުމެންގެ މުސްތަގުބަލަށް ވިސްނާފައިކަން އަހަރެންނަށް އެނގެއެއެވެ. އެދުވަހު އަހަރެން ވަރަށް ވިސްނުމަށްފަހު ޝާންކައިރީގައި ދެމީހުން ވަކިވުމަށް ބޭނުންކަމުގައިބުނީމެވެ. ޝާންވެސް ވަރަށް ރޮއެފައި އެގޮތަށް އެއްބަސްވިއެވެ. އެދުވަހުގެ ފަހުން ދެމީހުންވެސް އެކަކު އަނެކަކަށް ގުޅައެއްނަހަދަމެވެ. ނަމަވެސް ކޮންމެ ދުވަހެއްވެސް ވެގެންދިޔައީ އަހަރެންނަށް އެތަކެއް ހިތާމައެއް އުފުލަންޖެހުނު ދުވަހަކަށެވެ. ޝާންއާއި އަހަރެން އެކުގައި ހޭދަކުރި ވަގުތުތައް ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި އަޅަމުންދިޔަވޭން ދިޔައީ އިތުރުވަމުންނެވެ.
އެގޮތުތަށް ދުވަސްތައް ފާއިތުވަމުންގޮސް އަހަރުމެން ކައިވެނިކުރަން ހަމަޖެހިފައި އޮތްދުވަސްވެސް ޖެހިއްޖެއެވެ. ޝާން މަތިންކިތަންމެ ހަނދާންވިނަމަވެސް އަހަރެން ކެތްކުރީމެވެ.
އަހަރެންގެ ހިތުގައި އުފެދިފައިވާ ފާރުގަނޑަށް އިތުރު ވޭނެއް ލިބިގެންދިޔައީ އެދުވަހު އަހަރެންގެ ފޯނަށްއައި މެސެޖަކުންނެވެ. ޝާން އެދުވަހު ކައިވެނި ކުރާވާހަކައެވެ. އެދުވަހު އަހަރެން ވަރަށް ރުއީމެވެ. އަހަރެންގެ ބަދުނަސީބުކަމާއި ދޭތެރޭގައި ވިސްނުމުން އަމިއްލަނަފްސު ދެކެވެސް ފޫހިވާންފެށިއެވެ. ނަމަވެސް އަހަރެންނަށް އިތުރުގޮތެއް ނެތްކަން އެނގުމުން އަމިއްލަ ހިތަށް ވިސްނައިދިނީ ލޮލުން ކަރުނައަޅަމުންނެވެ.

“މަންމާ…” އަހަރެން މާޒީގެ ހިޔާލުތަކަށް ގެއްލިފައި އިންދާ އެހިޔާލުތަކުން ދުރުކޮށްލީ ވަރަށް ކައިރިން ކުޑަކުއްޖަކު ބާރަށް މަންމާއޭ ކިޔައި ހަޅޭއްލަވައިގަތް އަޑަށެވެ. އޭރު އެކުއްޖާ އޮތީ އަހަރެންނާއި ދާދިކައިރިއަށް ވެއްޓިފައެވެ. ފެންނަފެނުމަށް ހަތަރުވަރަކަށް އަހަރުގެ އެލޯބި ލޯބި އަންހެންކުއްޖާގެ މޫނުމަތިން އޭނާއަށް ވަރަށްބޮޑަށް ތަދުވެފައިވާކަން އެނގުނެވެ. އަހަރެންގޮސް އޭނާ އުރާލީމެވެ. އަދި އެމައުސޫމު ތުއްތުކުއްޖާގެ ކޮލަށް ދޮނެއް ދެމުން ގަޔާލައި ބޮނޑިކޮށްލީމެވެ. އޭރުވެސް އޭނައަށް ރޮވެނީއެވެ.
“ޒޭބާ… ދަރިފުޅާ.. އަވަހަށް އާދޭ މަންމަ ކާރިއަށް.. ދޫނި ވެއްޓުނީދޯ. އެއި ކަމެއްނޫނޭ… އަވަހަށް ހުއްޓާލާ…” އަހަރެންނާ އެއްފުރައެއްގެ އަންހެނަކު އައިސް އަހަރެންނާއި ދިމާލަށް ހީލަމުން އެކުޑަކުއްޖާ އަހަރެންގެ އަތުން ނެގިއެވެ.
“ޒޭބާ… ” އަހަރެންނަށް މަޑުމަޑުން އެމައުސޫމު ކުއްޖާގެ ކޮލުގައި ފިރުމާލަމުން ކިޔާލެވުނެވެ.
“އާނ… މީ ޒޭބާ…އައިޝަތު ޒޭބާ ޝާން… ދޯ ދޫނީ..”
އެއަންހެންމީހާ އެކުޑަކުޑަ ޒޭބާ އަހަރެންނަށް ތަޢާރަފް ކޮށްދިނެވެ. އަހަރެންގެ ދެލޯބޮޑުވެގެންދިޔައެވެ. “އަހަރެންނަށްވެސް…” އެހިސާބަށް ބުނެވުނުތަނާ ތަންކޮޅެއް ދުރުން ހިނގާފައި އައި ޝާންފެނިގެން ކުޑަކުޑަ ޒޭބާ އޭނާގެ މަންމަގެ އަތުން ދޫވެގަނެގެން ގޮސް ޝާންގެ ގައިގައި އޮޅުލައިގަތެވެ. ޝާން ޒޭބާ އުރާލައިގެން އައިސް އަހަރެމެންގެ ކުރިމައްޗަށް ހުއްޓުނެވެ. އެވަގުތު އެ އަންހެންމީހާ ޝާންގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލަމުން އަހަރެންނަށް ޝާން ތައާރަފްކޮށްދިނެވެ. ޝާން ގަސްދުގައި އަހަރެން ނުދަންނަ ކަމަށް ހެދީ މަސްލަހަތަށް ވިސްނާފައިކަން އަހަރެންނަށް އެނގުނެވެ. އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ކަރުނަތަށް ހިފެހެއްޓޭތޯ އަހަރެން މަސައްކަތްކުރީމެވެ. އަދި ދަނީ ކަމުގައި ބުނެ އަވަސް އަވަހަށް ފަސްއެނބުރި ހިނގައިގަތީ ޝާންގެ ކުރިމަތީގައި އެންމެ ސިކުންތެއްވެސް ކެތްކުރުމަކީ އަހަރެންގެ ހިތަށްދެވޭ އަނިޔާއަކަށް ވާނެތީއެވެ.

“ޒޭބާ…” ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން އަހަރެންނަށް ހިތާއިހިތުން ކިޔާލެވުނެވެ. އަހަރެންގެ ނަސީބުގައި ޝާންގެނަން ލިޔެވިފައި ނެތެއްކަމަކު ޝާން މުޅިއުމިރަށްވެސް އަހަރެންގެ މަތިން ހަންދާންވާނެ ކަމުގެ ހިތްހަމަޖެހުމާއެކު ދެލޯމަރާލިމެވެ.

ބާރަށް ހިނގާފައިގޮސް އާޓިފިޝަލްބީޗްގައި ހުންނަ ސްޓޭޖާއިހަމައަށް ދެވުނުތަނާ އެތާނގައި ތިބި ކުދިބަޔަކު ޖަހަމުންދިޔަ ލަވައިގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.

ބާކީވުމުން ހިތް ލޯބީގެދުނިޔޭން، ކަރުނުން ދެލޯވީ ފޯވެފާ…
ޝަކުވާ މިނަފްސާ ކޮށްކޮށް ހުރީމޭ، ވޭނާއުދާހުން ފޯވެފާ….
އިންތިޒާރު ކުރަނީ ލޯބިވާތީ، ރޮއިރޮއި ހުރީމޭ ކެތްނުވާތީ…

ކަންފަތުގައި ޖެހުނު ލަވައިގެ އަޑަށް ކުޑަކޮށްހުއްޓުން އެރިނަމަވެސް ފަސްއެނބުރި ބަލާލުމެއްނެތި ކުރިއަށް ހިނގައިގަތީ މަޒީގެ ހިތިހަނދާންތަކުން މިންޖުވުމަށް އަޒުމް ުކަނޑައަޅައިގެންނެވެ.
…ނިމުނީ…

ނޯޓު: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

3

19 Comments

  1. blackrose

    June 20, 2016 at 1:14 am

    Hei all readers ? Here is the 1st story of mine. I hope u all will like this story. And also if there is any mistake plx help me to cortect it. I will appreciate all of your help. Thankew ?

  2. raoona

    June 20, 2016 at 1:36 am

    Rythi… .
    Touching story eii

    • blackrose

      June 20, 2016 at 4:56 am

      Thankew raoona ?

  3. girl

    June 20, 2016 at 2:02 am

    alhe… vvvvv try kurin nuroe veythw… but nuiindhevunu..hehehe vvvvvvvv reethiii story ehh..baaky vumun hiyy… lwbyge dhuniyeyn.. karunu. dhelw v fwvefaa.. ????? vvv touching story eh…., blackrose ge long story eh v avahah kiyaakan libeynekamah umydhu kuran… all the bst.. ????❤❤

    • blackrose

      June 20, 2016 at 4:58 am

      Alhey.. aslutha? Hehe
      Insha allaah long story eh varah avahah liyan fashaanan. Thankew for the swyt comment girl ?

  4. Raa

    June 20, 2016 at 2:10 am

    Ooh t kahala story in sad weyy
    Hyvanyy my lyf henn?

    • blackrose

      June 20, 2016 at 4:59 am

      Alhey raa ???

  5. Jiji

    June 20, 2016 at 2:25 am

    So sad.. Mikan dhimaavi kuhjaa haadha dheravaane ey… e kuhjaa vaane dhera hitah araafa Rovihje hama…?? Varah touching story eh..

    • blackrose

      June 20, 2016 at 5:01 am

      Yeah jiji.. ekujjaa varah varah dheravi. V v rui ?? But now she is also married. ?

  6. ken?

    June 20, 2016 at 4:53 am

    masha allah this story is beautiful…n really v touching ☺

    • blackrose

      June 21, 2016 at 2:54 am

      Thanx ken? ?

  7. natha

    June 20, 2016 at 8:22 am

    Thy natha ahves thajuribaa kuran jehunu kameh ekam miadhu nathaage life varah happy edhuvahu nathaves ekuuhjaya marry kurevun nama miadh ulhean jeheyne haal ihsaas kohlyma varah dheravey. .

    • blackrose

      June 21, 2016 at 2:55 am

      Alhey… aslutha?? ?? but m glad to know that u r happy now ?

  8. zeybaa

    June 20, 2016 at 12:01 pm

    very nice story

    • blackrose

      June 21, 2016 at 2:55 am

      Thankew my dear ?

  9. Aamiiiii

    June 21, 2016 at 2:39 pm

    v nice. keep it up.

    • blackrose

      June 22, 2016 at 5:52 pm

      Tahnx Aamiiiii ?

  10. Appy

    June 21, 2016 at 9:06 pm

    V rythi story eh ..v dhera vehje??

    • blackrose

      June 22, 2016 at 5:53 pm

      Thanx Appy ?

Comments are closed.