އަހަރެންގެ ވާހަކަ (ނަވާރަވަނަ ބައި)
ހާދިސާ ހިގައިގެން އުޅޭ ތަނަށް ދެވުނުއިރު މީހުންތައް އޮތީ ތޮއްޖެހިފައެވެ. ހަދަންފަށާފައިވާ ފަސްބުރީގެ އިމާރާތުގެ އެއްފަރާތުގައި ބަންޑުން އޮތް އަންހެންކުއްޖެއްއޮތެވެ. އެކުއްޖާ އޮތް ގޮތުން މޫނެއް ނުފެނެއެވެ. ލިބިފައިވާ ޒަޚަމުތަކުން މުޅިހަށިގަނޑުވަނީ ލެއިން ތަތްތެޅިފައެވެ. ފުރާނަހުރިކަމެއް ނޫނީ ނެތްކަމެއްވެސް ނޭނގެއެވެ. އަންހެންކުއްޖަކަށްވުމުން އީވާއަށް އިޝާރާތްކޮށްލުމުން އޭނަ އަންހެންކުއްޖާ އަނެއް ފަރާތަށް އަނބުރާލިއެވެ. ލެއިންތަތްތެޅިފައިވާ މޫނުފެނުމުން އަހަރެންނަށް ހީވީ މީހަކު ހިތުގައި ފިއްތާލާ ބާރުކޮށްލިހެންނެވެ. ކަރުނުން ފުސްވަމުންދިޔަ ދެލޮލުން އޭނަގެ މޫނު ފެންނަމުންދިޔައެވެ. އެއީ އެހެންމީހެއްނޫނެވެ. ޝާޔަންއެވެ. އެދިމާލަށް ހިގައިގަތް ވަގުތު ފޯން ރިންގުވާންފެށިއެވެ. ޝާޔަލްގެ ކޯލެކެވެ. އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
“ހަލޯ ޝިމާލް.. ދޮންތަ ގެއްލިގެން މިއުޅެނީ.. ރެއިއްސުރެ ގެއަކަށް ނާދޭ.. ޒައިކް ރަށުގަ ނޫޅޭތީ ދޮންތަވެސް މާލޭގަ އުޅެނީ.. އެކަމަކު ރޭގަ ހުޅުމާލެއަށް ނިދަންދިޔައީ. އަދިވެސް ގެއަކަށް ނާދޭ.. ފޯނެއްވެސް ނުނަގާ..” އެއްފަހަރާ ހުރިހާ ވާހަކައެއް އަމުނާލިއެވެ. ރެއިންފެށިގެން ޝާޔަން ގެއްލުމުން އެއްވެސް މީހަކު އޭނަ ހޯދަން މަސައްކަތްނުކުރީ ކީއްވެހެއްޔެވެ؟
“ވީ ފައުންޑް ހާރ.. އަވަހަށް ހުޅުމާލެ ހޮސްޕިޓަލަށް އާދޭ..” އިތުރު އެއްޗެއް ބުނާނެ ފުރުސަތު ނުދީ އަހަރެން ފޯން ކަނޑާލީމެވެ.
“ސަރ.. ޝީ އިޒް ބްރީތިންގ..” އީވާގެ އަޑުއިވުނެވެ. ހިތުގައި އުފާވެރިކަމުގެ ރާޅެއް ދުވެލިއެވެ. ހެއްދެވި ފަރާތަށް ހަމްދުކުރެވުނެވެ. ކޯތާފަތްމައްޗަށް ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ޝާޔަން އަވަހަށް ހޮސްޕިޓަލަށް ގެންދަން މަސައްކަތްފެށުނެވެ. އެމެޖެންސީގައި ޝާޔަންގެ ފަރުވާދެމުންދިޔައެވެ. ޝާޔަން އަމިއްލައަށް މަރުވާން މަސައްކަތްކުރީ ހެއްޔެވެ؟ ނޫނީ މީހަކު އޭނަ މަރާލަން.. އެފަދަ ކަމެއް ކުރާނީ ކާކު ހެއްޔެވެ؟ ޖަވާބުބޭނުން އެތައް ސުވާލުތަކެއް ސިކުނޑީގައި ފުނި ޖެހެމުންދިޔައެވެ.
މާގިނައިރުތަކެއްނުވެ ޝާޔަންގެ އާއިލާގެ ގިނަ މެންބަރުންތަކެއް ހޮސްޕިޓަލަށް އަތުވެއްޖެއެވެ.
“ޝިމާލް.. ދޮންތައަށް ކިހިނެއްވީ؟” ޝާޔަލް ރޮވިފައިވާ އަޑަކުން ސުވާލުކުރިއެވެ.
“އަޅުގަނޑުމެންނަށް ޝާޔަލް ފެނިފައިވަނީ ހަދަންފަށާފައިވާ އިމާރާތެއްގެ ތިރިން ވަރަށް ބޮޑެތި ޒަޚަމުތަކާއެކު… މިވަގުތު އަދި ނޭނގެ ބުނާކަށް އަމިއްލައަށް މަރުވާން މަސައްކަތްކުރީކަމެއް ނޫނީ މަރާލަން މަސައްކަތްކުރީކަމެއް.. ޑޮކްޓަރ ވަކި އެއްޗެއް ބުނުއްވީމަ އަޅުގަނޑުމެންނަށްވެސް އިނގޭނީ.. ޝާޔަން ފެނުނު އިމާރާތާއި އެސަރަހައްދު މިހާރު ދަނީ ބަލާ ފާސްކުރަމުން..” ޝާޔަންމެންގެ ބައްޕައަށް ތަފްސީލު ކިޔާދިނީމެވެ.
“ސްސައިޑް.. ދޮންތަ ނޫން.. ދުވަހަކުވެސް އެކަހަލަ ކަމެއް ދޮންތަ ނުކުރާނެ..” އޭނަގެ ބައްޕަގެ މޭގައި މޫނު ފޮރުވާލަމުން ޝާޔަލް ބުނަމުންދިޔައެވެ.
ޑޮކްޓަރ ނުކުމެގެން އައިސް އެހެންމީހުންނާއި ދުރަށް ގެންގޮސް ޝާޔަންއަށް ލިބިފައިވާ އަނިޔާތައް ވަކިވަކިން ކިޔާދިނެވެ. އަދި އޭނަގެ ޙާލު ވަރަށް ސީރިޔަސްކަމަށް ބުންޏެވެ. ޑޮކްޓަރގެ ވާހަކައިން އަހަރެންގެ ޙައިރާންކަންވީ އިތުރެވެ. ޑޮކްޓަރ ދިއުމުން އެތާމަޑުވެސްކޮށްނުލާ އަހަރެން ފާޚާނާއަށްވަނީ ލޮލަށްޖަމާވެފައިވާ ކަރުނަތައް ނުހުއްޓުވިގެންނެވެ. އަނގަމަތީގައި އަތްއަޅާލެވުނީ އަޑު ބޭރުވެދާނެތީއެވެ. ކަންތައްތައް ވަމުންމިދަނީ ކިހިނެއްހެއްޔެވެ؟ ފޯންނަގާ އަޖްވަދުސަރއަށް ގުޅާ ޑޮކްޓަރގެ ފަރާތުން ލިބުނު މަޢުލޫމާތުތައް ހިއްސާކުރިއިރުވެސް އަހަރެންގެ އަޑު ރޫރޫ އަޅައެވެ. ކޮޅަށްނުހުރެވިގެން ފާރުގައި އަތްޖައްސާލީމެވެ. މިހެން ކަންތައްވާނެ ކަމަށް އުންމީދުކުރާނީވެސް ކާކު ހެއްޔެވެ؟ މިގޮތަށް ކަރުނަ އޮއްސަން އިނަކަސް ވާނެކަމެއްނެތެވެ. މިހުރިހާ ކަމެއްގެ އަޑީގައިހުރި މީހަކު ހޯދަން އެބަޖެހެއެވެ. އަހަރެންގެ މަސައްކަތަކީ އެއީއެވެ. އަމިއްލަ ހިތަށް ވިސްނައިދީގެން އެތަނުންނުކުތީމެވެ. އަވިއައިނު ނަގާ އަޅާލީ ކަރުނުން ފުރެމުންދިޔަ ދެލޯ އެހެންމީހަކަށް ފެނިދާނެތީއެވެ.
މައްސަލައިގެ ގޮތުން ޝާޔަން ބޭއްވިފައިވާ ކޮޓަރީގެ ފާރައަށް ދެމީހަކު ބެހެއްޓުމަށްފަހު އަހަރެން އައީ އޮފީހަށެވެ.
“ޝިމާލް އަށް ހީވަނީ ކިހިނެއް؟ ސްސައިޑް ކޭސްއެއްހެން ހީވޭތަ؟” އަޖްވަދުސަރ އަހަރެންނާއި ސުވާލުކުރިއެވެ.
“މިއީކީ ސްސައިޑް ކޭސްއެއްނޫން.. އެއީ ވަރަށް މުއްސަނދި ފެމެލީއެއްގެ އަންހެންކުއްޖެއް.. ޕޮލިހުންގެ އިސްމީހެއްގެ އަންހެނުން… އެހެންވީމަ…” އަހަރެންނަށް ފެންނަ ގޮތް ހާމަކުރީމެވެ.
“މުއްސަނދި އާއިލާއެއްގެ ކުއްޖަކަށްވިޔަސް ނޫނީ އިސްމީހެއްގެ އަންހެނުންނަށް ވިޔަސް އަމިއްލައަށް މަރުވާން ބޭނުންވި ސަބަބެއް އޮވެދާނެ..” ސަރ ވިސްނުންތެރިކަމާއެކީ ބުނެލިއެވެ.
“ޝާޔަންގެ ބެކްގުރައުންޑަށް ބަލާއިރު އޭނައަކީ ވީކް ކުއްޖެއްނޫން.. ރިލިޖިޔަސް މަޑުމައިތިރި މީހުންނާ ގުޅޭ..” ނަގާފައިވާ ބަޔާންތަކަށް ބަލާލަމުން އީވާ ވާހަކަދެއްކިއެވެ. އަނެއްކާ ޝާޔަންގެ އާއިލާގެ މީހުން ކަމެއް ކުރީބާއެވެ؟ ނޫނެކެވެ. އެއާއިލާގެ އެންމެންވެސް ޝާޔަންދެކެ ފުރާނަފަދައިން ލޯބިވެއެވެ. ޚާއްސަކޮށް ޝާޔަންގެ ކާފައެވެ. ދެން އޭނައަށް އަނިޔާވެރިވީކާކު ހެއްޔެވެ؟ އަނެއްކާ ޝާޔަލް..
“ޑޮކްޓަރ ބުނިގޮތުން އޭނަގެ ހަށިގަނޑަށް ލިބިފައިވާ ގިނަ ޒަޚަމުތަކަކީ ފަސްބުރީގެ އެއިމާރާތުން ވެއްޓުމުގެ ސަބަބުން ލިބިފަހުރި އަނިޔާތައް.. ސުވާލަކީ އޭނަގެ އޭނަ އަމިއްލައަށް ފުންމާލީހޭ ނޫނީ އެހެންމީހަކު..” ސަރ ވިސްނަންފެށިއެވެ.
“ޝާޔަންގެ އާއިލާގެ މީހުންގެ ބަޔާންތަކަށް ބަލާއިރު ޝީ އެފްރައިޑް ހައިޓްސް.. އެހެންވީމަ ސްސައިޑްގެ ސުވާލެއްވެސް ނެތެއްނު..” އީވާދިން ޖަވާބުން އަހަރެން ސިހުނެވެ. އެތައްކަމަކާ މަޝްވަރާކުރެވުނެވެ.
” ޑޮކްޓަރގެ ރިޕޯރޓްތަކަށް ބަލާލިއިރު ޝާޔަން ފިޔަވައި އެހެން މީހެއްގެ ބްލަޑް އޭނަ ލައިގެންހުރި ހެދުމުގައިހުރި.. އެއީ ކާކުކަން ބުނެދެވޭނީ ޝާޔަންއަށް..” ފައިލް މޭޒުމަތީ ބާއްވަމުން އަޖްވަދު ސަރ ބުންޏެވެ.
“ދެން ސަރ ތިބުނީ ޝާޔަން ހޭއަރަންދެން އަޅުގަނޑުމެން އަތްއުރާލައިގެން ތިބެންވީއޭތަ؟” އަހަރެންނަކަށް މަޑަކުންނެއް ނުހުރެވުނެވެ.
“ދެން ޝިމާލްއަށް ފެންނަނީ ކިހިނެއް؟” ބޮޑެތި މީހުން މިހާ ކަންފަސޭހަ ކޮށްލަނީ ކީއްވެހެއްޔެވެ؟ އާއިލާގެ މީހެއްގެ ކަމެއްނަމަ އެހެންމީހަކަށް ނޭވާވެސް ނުލެވޭވަރުކުރާނެއެވެ.
“ޝާޔަންމެން އުޅުނު އެޕާރޓްމެންޓް ޗެކް ކުރެވިދާނެ.. ޝާޔަންގެ މަންމެން އުޅޭތަން.. އޭނަގެ ފޯން ރެކޯރޑްތަކާއި ގުޅުންހުރި މީހުންގެ ފޯންރެކޯޑްތަކާއި ބެކްގުރައުންޑް.. އޭނަ މަސައްކަތްކުރަމުންދިޔަ ކްލިނިކް..” ހުރިހާ ދިމާލަކަށް ބަލަން އެބަޖެހެއެވެ. މިވަގުތު ޝައްކުގެ ނަޒަރުން ނުބެލޭ އެންމެ ފަރާތެއްވެސް ބެހެއްޓުމަކީ ރަނގަޅުކަމެއްނޫނެވެ. ޝާޔަންއާއި ގުޅުންހުރި ހުރިހާދިމާލަކަށްވެސް އެބަ ބަލަންޖެހެއެވެ. މިއީ އެހާ އާދައިގެކަމެއްގެ ގޮތުގައި ނަގަންވީ ކަމެއްނޫނެވެ.
ހުއްދަ ލިބުމުން ދެތިން މީހަކު ގޮވައިގެން އަހަރެން މިސްރާބުޖެހީ ހުޅުމާލެއަށް ދިއުމަށެވެ. ޝާޔަންމެންގެ އެޕާރޓުމެންޓާއިހަމައަށް ދެވުނުއިރު ދޮރު ހުރީ ހުޅުވާފައެވެ. އެތެރެއަށްވަދެ ބަލާލިއިރު އެއްޗެހިތައް އޮތީ އެތައްމިތަނަށް އުކާފައެވެ. ދޮރުފޮތިތައް އޮތީ ބިންމަތީގައެވެ. ކުރިން ފޮތްތަކުންފުރިފައިވި ހަރު އޮތީ ބިންމަތީގައެވެ. ފޮތްތައް ވަނީ މުޅިތަނަށް އުކާލެވިފައެވެ.
“ސަރ..” އީވާ ގޮވާލުމުން އަހަރެންވަނީ ކޮޓަރިއަށެވެ. ކޮޓަރިތެރޭގެ ޙާލުއަދިމާ ބޮޑެވެ. އަންނައުނުތަކާއި ރީތިވާން ގެންގުޅޭ ސާމާނުތައްވެސްވަނީ ދޫލަމަތީގައެވެ. އަލަމާރީގެ ހުރިހާ ދޮރުތަކެއްވަނީ ހުޅުވާފައެވެ. ޝާޔަންގެ ލެޕްޓޮޕާއި އޭނަ ކިޔެވުމަށް ބޭނުންކުރަމުންދިޔަ އެހެނިހެން ސާމާނުތައްވަނީ ބޭނުންނުކުރޭވަރަށް ހަލާކުކޮށްލާފައެވެ. ޒައިކްގެ އަންނައުނުތައް ކުދިކޮށް ކަފާފައި މުޅި ކޮޓަރިތެރޭގައި އޮތެވެ. އެކި މުނާސަބަތުގައި ޒައިކްއާއި ޝާޔަން ނަގާފައިވާ ތަސްވީރުތައް ވީދާކުދިކޮށްފައި ކޮޓަރީގެ އެއްކަނެއްގައި ހުއްޓެވެ. ކަމުގެ ޙަޤީޤަތް ފޮރުވާ ހެކި ނައްތާލަން ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ.
“ލޭ..” އެނދުމަތިން ފެށިގެން އަޅާފައިވާ ދޫލަމަތީ ފެތުރިފައިވާ ލޭގެ ރޮނގަށް އިޝާރާތްކުރަމުން އީވާ ބުނެލިއެވެ. ލޭގެ ސާންޕަލްއެއް ނަގަން ބުނެފައި އަހަރެން ވަނީ ހުޅުވިފައިހުރި ފާޚާނާއަށެވެ. ފާޚާނާއިގައިވެސް ހިކިފައިހުރި ލޭގެ ނިޝާންތަކާއި އިސްތަށިތައް ހުއްޓެވެ. ހީވަނީ ދިގު އިސްތަށިގަނޑެއް އެއްވެސް ތަރުތީބެއްނެތި ކޮށާލާފައިހުރިހެންނެވެ. މޫނުދޮންނަތަށީގައިވެސް ލޭހޭކި ހިކިފައިހުއްޓެވެ. ބޭރަށްނިކުތީ އިތުރުތަނެއްގައި ލޭގެ އަސަރެއްފެނޭތޯބެލުމަށެވެ. ބެލްކަނީގައި ޝާޔަން ހައްދާފައިވާ މާގަސްތައްވަނީ މުލުން ލުހެލާފައެވެ. ހުދު ފިނިފެންމާގަސްތައްވަނީ ހިކިގެންގޮސްފައެވެ. ވާރޭވެހުމުގެ ސަބަބުން ޓެރަހުގައި ވެއްޔާއިފެން އެކުވެ މުޅިތަންވަނީ ޗަކަވެފައެވެ. އެތެރެއަށް ހިގައިގަތް ވަގުތު ފާރުގައި ފަޑުކޮށްހުރި ލޭގެ ނިޝާން ލޮލުގައި އަޅައިގަތެވެ.
އެނިޝާނަށް ބަލާލުމުން އިއްޔެ މިއަދަކުވީކަމެއްނޫންކަން ރަނގަޅަށް އިނގެއެވެ. ހާދަގިނަ ކަންތައްތަކެއް ހިނގާފައި އެބަހުއްޓެވެ.
ފޯނުނަގާ ޝާޔަލްގެ ނަންބަރަށް ޑައިލްކޮށްލުމުން ރިންގުވާ އަޑުއިވެއެވެ. ނަމަވެސް ރިންގުވަމުންގޮސް ފޯން ކެނޑުނުއިރުވެސް ފޯނެއް ނުނެގިއެވެ. ހިތުގައި ބިރުވެރިކަން އުފެދުނެވެ. ޝާޔަލް ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރެވުނު އަދަދެއްވެސް ނޭނގެއެވެ.
“ހުރިހާ ތަނެއްގައިހުރި ބްލަޑް ސާންޕަލް ނެގިފަމިހިރީ..” އީވާ ވާހަކަދެއްކުމުން އަހަރެން އެކަމަށް ސަމާލުކަންދިނީމެވެ. ހިތާހިތުން ޝާޔަލް ސަލާމަތުން ލެހެއްޓެވުމަށްއެދި ދުޢާކުރެވުނެވެ.
“ގުޑް.. ހުރިހާ ތަނެއްބަލާ ފާސްކޮށްފިންތަ ރަނގަޅަށް.. އަދި އެއްފަހަރު ބަލާލަން ފެންނަނީ.. ކޮންމެ އެއްޗެއްވިޔަސް ވަރަށް މުހިއްމު.. ކުޑަ ކުޑަ ކުލޫއަކުންވެސް ކޭސްއަށް އިތުރު ކުރިއެރުން ލިބިދާނެ.” ބޯޖަހާލަމުން އީވާ އެތެރެއަށް ހިގައިގަތުމުން އަހަރެން އޭނަގެ ފަހަތުން ހިގައިގަތީމެވެ.
މުޅިގޭތެރެ އެފުށްމިފުށަށްޖަހާފައިވާއިރުވެސް ބަދިގެ އޮތީ ސާފުކޮށެވެ. އެއިން އެއްވެސް އެއްޗެއްގައި އަތްލާފައިހުރިހެނެއްހިޔެއްނުވެއެވެ. ތެލިތަކާއިތަށިތައް އެފުށްމިފުށަށްޖަހައިގެން ބެލިއިރުވެސް ޚާއްސަކަމެއް ފާހަގައެއްނުކުރެވުނެވެ. ކަބަޑުތަކާއި އެހެންނިހެންތަކެތި ބަލާ ފާސްކުރިއިރުވެސް އާދަޔާޚިލާފުކަމެއް ނުފެނުނެވެ.
“ސަރ ލުކް..” މާނިއު ގޮވާލުމުން އަހަރެން ޝާޔަންމެންގެ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނީމެވެ. އޭރު މާނިއުގެ އަތުގައި ބުރިކޮށްލެވިފައިވާ ކަރަންޓު ވާގަނޑެއް އޮތެވެ. އޭނަ އިޝާރާތްކުރީ މައްޗަށެވެ. ސީދާ ކޮޓަރީގެ ދޮރާއިދިމާލުގައިވަނީ ކުޑަ ކުޑަ ކެމެރާއެއް ހަރުކޮށްފައެވެ.
“ވަޓް..” މިއީ ކޮންކަމެއް ހެއްޔެވެ؟ ބަޔަކު ނޫނީ މީހަކު ޝާޔަލްއަށާއި ޒައިކްއަށް ފާރަލަމުންދަނީ ހެއްޔެވެ؟ އެއީ ކޮންފަދަ ދުޝްމަނުކަމެއް އޮތް މީހަކީހެއްޔެވެ؟
“ހަމައެކަނި ކޮޓަރީގެ ދޮރުމަތީގައެއްނޫން ކެމެރާ ހަރުކޮށްފަ ހުރީ.. އެޕާރޓްމެންޓަށް ވަންނަ މައިދޮރާ ދިމާލުގަ.. ބެލްކަންޏަށް ނިކުންނަ ދޮރުމަތީ.. އެކަމަކު ހުރިހާ ވާގަނޑުތަކެއްވަނީ ބުރިކޮށްލާފަ.. ހީވަނީ އަހަރުމެން މިތަނަށް އަންނަކަން އެނގިގެން ކޮށްފަ ހުރިކަމެއްހެން..” މާނިއު ކިޔާދިނެވެ. ޙައިރާންކަންވީ އިތުރެވެ. މިހުރިހާ ކަމެއް ހިނގައިގެންދިޔައިރު އަވަށްޓެރިންނަށްވެސް އެއްވެސް ޚަބަރެއްނުވީ ހެއްޔެވެ؟
“އަދިވެސް ޗެކްކުރޭ.. އެހެން ތަންތާނގައިވެސް ހުރުމަކީވެސް އެކަށީގެންވާކަމެއް..” އަހަރެން ކޮޓަރިތެރެއަށްވަދެ ހުރިހާ ދިމާލަކަށް ނަޒަރު ހިންގަންފެށީމެވެ. ކެމެރާތައް ހަރުކޮށްފައި އެވަނީ އެފަދަކަމެއް ކޮށްފާނެހެން ހީވެސްނުވާ ތަންތާނގައި އެހާވެސް ސިއްރުވެރި ގޮތެއްގައެވެ. ޝާޔަންއަށް ދިމާވި ހާދިޘާއަކީ އާދައިގެ ކަމެއްނޫންކަމާއި ވަރަށްބޮޑަށް ރޭވިގެން ކޮށްފައިވާ ކަމެއްކަމަށް ހިތްބުނަމުންދިޔައެވެ. މިއީ ހީކުރިވަރަށްވުރެވެސް މާ ސީރިޔަސް ކޭސްއެކެވެ.
ޖީބުގައި އޮތް ފޯނު ރިންގުވާންފެށުމުން އަވަސް އަވަހަށް ނަގާ ބަލާލިއިރު ގުޅަނީ ޝާޔަންބެލި ޑޮކްޓަރެވެ.
“ކީކޭ ޑޮކްޓަރ؟” އަނެއްކާ ޝާޔަންގެ ޙާލު މާ ބޮޑަށް ސީރިޔަސްވީބާއެވެ؟
” އަޅުގަނޑު ބޭނުންވަނީ ޝިމާލްއާއި ބައްދަލުކޮށްފަ ވާހަކަދައްކާލަން.. އުދަނގޫ ވަގުތަކަށްނުވާނަމަ ހޮސްޕިޓަލަށް ދުރުވެދެއްވާ..” ޑޮކްޓަރ ދައްކަން އެއުޅެނީ ކޮންފަދަ ވާހަކައެއްކަމެއްވެސް ނޭނގެއެވެ. ގަޑިއެއްހާއިރުތެރޭ ދާނަމޭ ބުނެފައި ފޯން ބޭއްވިނަމަވެސް ހިތްއެދެނީ މިހާރުވެސް ޑޮކްޓަރ ދައްކަން އެއުޅޭ ވާހަކައެއް އަޑުއަހާލުމަށެވެ. މިހާރުވެސް ލޮލުގެ ކުރިމަތީގައި ޝާޔަން ލެއިން ތަތްތެޅިފައިވާ މަންޒަރު ފެންނަ ކަހަލައެވެ. ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދިއުމަށް އަހަރެން ބޭނުމެވެ.
އަހަރެން ހޮސްޕިޓަލަށްދިޔައީ ޑިއުޓީ ނިމުމުން އާދައިގެ ހެދުމުގައެވެ. އޭރުވެސް ޝާޔަންގެ އާއިލާގެ ގިނަ މެންބަރުތަކެއް ހޮސްޕިޓަލުގައި ތިއްބެވެ. ޑޮކްޓަރއަށް ގުޅާލުމުން އޭނަގެ ކޮޓަރިއަށް އައުމަށް އެދުނެވެ. ރިސެޕްޝަނުގައި އިން ކުއްޖެއްގެ އެހީއާއެކީ އެކޮޓަރިއާއި ހަމައަށް ދިޔައީ ތެޅި ތެޅި އޮތް ހިތަކާއެކީގައެވެ.
” މިހާރު ޝާޔަންގެ ޙާލު ކިހިނެއްތޯ؟ ” ޑޮކްޓަރ ފެނުމާއެކީ އަހަރެން އަވަހަށް އަހާލީމެވެ.
“ޝީ އިޒް ޕްރެގްނެންޓް.. ޝާޔަންގެ ފުރާނަ ސަލާމަތްކުރަން ބޭނުންވަންޏާ އެބޯޝަން ހައްދަން ޖެހޭނީ ވީހާވެސް އަވަހަށް.. ޝާޔަންއަށް ލިބިފައިވާ އަނިޔާތަކުގެ އަސަރު ބޭބީއަށްވެސް ވަރަށް ބޮޑަށް ކޮށްފަވަނީ..” އަހަރެންކުރި ސުވާލުގެ ޖަވާބުދިނުމުގެ ބަދަލުގައި ޑޮކްޓަރ ހާމަކުރީ އިތުރަށް ޙައިރާންކުރުވަނިވި ވާހަކައެކެވެ. ޝާޔަންގެ ބަނޑުގައި އެހެން ފުރާނައެއް ވިންދުޖަހަމުންދާކަމެއް އެއްވެސް މީހަކަށް ނޭނގުނީ ކީއްވެހެއްޔެވެ؟
” އޭނަ ރަނގަޅުވާނެތަ؟ ކިހާ ވަގުތަކުން ހޭއަރާނީ؟” ޝާޔަންގެ ބަޔާން އަހަރުމެންނަށް ވަރަށް މުޙިއްމެވެ.
“އަދިވެސް ޝާޔަން ހޭ ނާރާ.. އަދި އެއް ވާހަކަ ކަރުގެ ނާރަކަށް ގެއްލުންވެފައި ހުރުމުގެ ސަބަބުން ޝާޔަންއަށްދެން ވާހަކަ ނުދެއްކުމަކީވެސް އެކަށީގެންވާ ކަމެއް.. އަޅުގަނޑުމެންނަށް އަދި ބުނަން ދަތި އޭނަ ހޭއަރާނީ ކިހާ ވަގުތަކުން ކަމެއް.. ޝާޔަންއަށް ލިބިފައިވާ އަނިޔާ ކުރިންވެސް އަޅުގަނޑުވާނީ ޙިއްސާކޮށްފަ..” ޑޮކްޓަރގެ ވާހަކަތަކުން އަހަރެންނަށް ލިބުނު ނުތަނަވަސްކަން ވީ އިތުރެވެ.
“ޑޮކްޓަރ އައި ހޭވް އަ ރިކްވެސްޓް..” އަހަރެން ބޭނުންވާގޮތް ހާމަކުރުމުން ޑޮކްޓަރވެސް ވަރަށް ފަސޭހައިން އެއްބަސްވިއެވެ.
ޑޮކްޓަރގެ ހުއްދަ ލިބުމުން ޝާޔަންއޮތް ކޮޓަރިއަށް ވަނީމެވެ. ކޮޓަރިތެރޭގެ ހަމަހިމޭންކަން ނަގާލާފައިވަނީ މެޝިންތަކުގެ އަޑުންނެވެ. ހުދުކުލައިގެ އެނދުގައި ބޭއްވިފައިވާ ޝާޔަންގެ ހަށިގަނޑުގެ އެތައް މިތަނަށްވަނީ ހޮޅިތައް ގުޅާފައެވެ. އޭނައަށް ނޭވާލެވެމުންދަނީވެސް އޮކްސިޖަން މާރސްކުގެ އެހީގައެވެ. އޭނަގެ ދެލޯމެރިފައިވާއިރު މޫނުމަތިވަނީ ހުދުވެފައެވެ. ލިބިފައިވާ ޒަޚަމުތަކުން ގިނަ އަދަދެއްގެ ލޭ ހަށިގަނޑުން އޮހޮރުމުން ކަމަށްވެދާނެއެވެ. އޭނަގެ ބޮލުގައާއި ނިތްކުރިމަތީވަނީ ބެންޑޭޖްކޮށްފައެވެ. އަތުގެ އެތައްތަނަކުއާއި ކަރުދޮށުގައިވެސް ވަނީ ބެންޑޭޖުކުރެވިފައެވެ. މޫނުމަތީގައާއި އަތުގެ އެކި ދިމާލުގައި ކުދި ކުދި ޒަޚަމުތަކެއް ހުއްޓެވެ.
ނުވެސްއެނގިހުއްޓާ ދެލޮލަށް ކަރުނަތައްޖަމާވަމުން އައިސް ކޯތާފަތްމައްޗަށް އޮހިގަތީ އެއްވެސް ރަޙުމެއްނެތިއެވެ. އަހަރެންނަށް މުޅިން އާ ދިރިއުޅުމެއް ހޯދައިދިން އަންހެންކުއްޖާ އެފަދަ ޙާލެއްގައިވުމުން ހިތަށް އުދަނގޫވިއެވެ.
“ޝާޔަން.. ކަމް ބެކް ޕްލީޒް… ޕްލީޒް..” މަޑުމަޑުން އަހަރެން ބުނެލީމެވެ. ނަމަވެސް އެއަޑު އަހާނެ މީހަކު ނެތެވެ. ޝާޔަންވަނީ ފުންނިއްޖެއްގެ ތެރެއަށްގޮސް ޤަރަޤުވެފައެވެ. ޝާޔަންއަށް އެހާލު ޖެހުނު ސަބަބު އަހަރެން ހޯދާނަމެވެ. އެމީހަކަށް ކުށުގެ އަދަބު ލިބެންޖެހޭނެއެވެ.
“އައި ޕްރޮމިސް.. ﷲ އިރާދަކުރެއްވިއްޔާ އަހަރެން އެމީހަކު ހޯދާނަން..” ޝާޔަންގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތަކެއް ނުހުއްޓުވުނެވެ. ވަރަށް އުދަނގުލުން މޫނު ފޮހެލައިގެން ބޭރަށް ނިކުތީމެވެ. އެވަގުތު ނުވެސްވިސްނާ ހުއްޓާ ޝާޔަލް އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. ޙާލަތުގެ ގޮތުން އަހަރެން އޭނަގަޔާ ދުރުކޮށްލީމެވެ.
“ޒައިކް ކޮބާ؟” އެންމެންގެ ތެރެއިންވެސް ޒައިކްއެއް ނުފެނުނެވެ. މިވަގުތު ޝާޔަންއަށް އެންމެ މުޙިއްމުވާނީ ޒައިކްއެއް ނޫންހެއްޔެވެ؟
“މިހާރު އެބަ އާދެ.. އޭނަ ލަންކާގަ ހުއްޓާ ދޮންތަގެ ވާހަކަ ބުނީމަ ވަރަށް ރުއި..” އޭނަ ތުންފިއްތާލިއެވެ. ޝާޔަންގެ ނަން އިވުމާއެކީ އޭނައަށް އަސަރުކުރެއެވެ. ޙަޤީޤަތުގައިވެސް ޒައިކްއަށް ޝާޔަން އޮތް ޙާލު ފެނުމުން އަދި މާބޮޑަށް އަސަރުކުރާނެކަން ގައިމެވެ. އޭނަ ގާތު ހިތްވަރުދެރަ ނުކުރުމަށް ބުނަމުން އަހަރެން ނުކުންނަން ހިގައިގަތީ އޮފީހަށް ދާންޖެހޭތީއެވެ. ދޮރާއި ހިސާބުން މީހެއްގެ ގައިގާ ޖެހުނެވެ. އިސްއުފުލާލިއިރު ޒައިކް ނުހަނު ގާތުގައި ހުއްޓެވެ. އޭނަގެ މޫނުމަތި ވަނީ މިލާފައެވެ. ދެލޮލުގައިވަނީ ކަރުނައިގެ ތެތްކަމެވެ. ކޮޑުގައި އޮތް ދަބަހުން އޭނަ އައީ އެއަރޕޯޓުންކަން އެނގެއެވެ.
“ޒައިކް..” އޭނަގެ ކޮޑުގައި ހިފާލަމުން އަހަރެން ބުނީމެވެ.
“ޝިމާލް.. ޝާން..” ޒައިކް ރޮމުން އަހަރެންގެ ގައިގާ ބައްދާލިއެވެ.
“ޕްލީޒް ބީ ބްރޭވް.. ޝީ ނީޑްސް ޔޫ..” މިވަގުތު ޒައިކްއާއި އެއްވެސް ސުވާލެއް ކުރާކަށް ބޭނުމެއްނޫނެވެ. ނުހަނު ލޯބިން އެކު އުޅުނު އަންހެނުން އެޙާލުގައި ވުމުން ވަރަށް އަސަރުކުރާނެކަން ޔަޤީނެވެ. ޝާޔަންގެ އާއިލާމެންބަރުންނަށް އިޝާރާތުން މަޑުކުރުމަށް އެދެމުން ޒައިކްއާއެކީ ޝާޔަންއޮތް ކޮޓަރިއަށް އަހަރެންވެސް ވަނީމެވެ. ޝާޔަން އޮތް ޙާލު ފެނުމުން އޭނަ ދެފައިން ވާގިދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އޭނަގެ ދެލޮލުން ކަރުނަތައް އޮހެމުންދިޔައެވެ.
“ޝާން.. ކާކު ކުރިކަމެއް މީ..” ޝާޔަންގެ މޫނުގައި ފިރުމާލަމުން އޭނަ ބުނެލިއެވެ. ޒައިކްގެ އެއްވެސް ސުވާލެއްގެ ޖަވާބު އަހަރެންގެ ކިބައަކުނުވެއެވެ. ޝާޔަންގެ ގައިގާ ބައްދާލަމުން އޭނަ ބާރުބާރަށް ރޯންފެށިއެވެ. އަސަރުންފުރިގެންވާ މަންޒަރެކެވެ. ޒައިކް ޝާޔަންއާއި ދުރުކުރަންޖެހުނީ ގަދަކަމުންނެވެ. އޭނަ ގޮވައިގެން ބޭރަށް ނިކުންނައިރަށް ޝާޔަންގެ ބައްޕަ އޭނަގެ އަތުގައި ހިފައިގެން ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.
“ޝާޔަލް.. މިވަގުތު ހިތްވަރުކުރޭ.. ޒައިކްއަށާއި ތިއާއިލާއަށް މިވަގުތު ހިތްވަރުދޭން ހުރި މީހަކީ ތީ.. ﷲ އިރާދަކުރެއްވިއްޔާ ޝާޔަން ރަނގަޅުވާނެ ވަރަށް އަވަހަށް..” ޝާޔަލްގެ މޫނުގައި ދެއަތުން ހިފާލެވުނީ ބޭއިޙްތިޔާރުގައެވެ. ދަނީ އޭ ބުނެލަމުން އަހަރެން ނިކުތީމެވެ.
ކޭސްއާއި ބެހޭ ގޮތުން އިނގުނު ހުރިހާ ކަމެއް އަޖްވަދު ސަރއާއި ޙިއްސާކުރީ އޮފީހަށް ގޮސްފައެވެ. ފަހަރެއްގައި ކޭސްގެ އެއްވެސް ކަމެއްގެ ވާހަކަ ފޯނުން ދެއްކުމަކީ ރަނގަޅު ކަމަކަށް ނުވެދާނެއެވެ. ތިންވަނަ ފަރާތަކުން އަހަރުމެންގެ ވާހަކަ އަޑު އެހުމަކީވެސް ދުރުގައިވާ ކަމެއް ނޫނެވެ.
“މުޅި ޖުމްލަ ހަތް ކެމެރާ ޝާޔަންމެންގެ އެޕާރޓްމެންޓުން ފެނިފަ މިވަނީ.. ޝާޔަންގެ ހެދުމުގަ އެހެންމީހެއްގެ ލޭ ހުރުމާއި ކެމެރާތަކާއި އެޕާރޓްމެންޓް ހުޅުވާފައިހުރުން.. މިއީ އިންތިފާގެއް ނޫން.. ތަނެއްގަ ކެމެރާތަކެއް ހަރުކުރުމަކީ ކުޑަކަމެއްވެސް ނޫން.. ” ސަރގެ މޫނުމަތިން ފެންނަމުންދަނީ ކަންބޮޑުވުމާއި ހާސްކަމެވެ.
“ސަރ ޝާޔަންގެ ފޯން ރެކޯރޑްސް..” މާނިއު ގަނޑުތައް ދިއްކޮށްލިއެވެ. އަހަރެން ވަރަށް ރަނގަޅަށް ބަލާލީމެވެ. މާޚާއްސަ ކަމެއް ފާހަގައެއް ނުކުރެވުނެވެ. އޭނައަށް ގިނަ ކޯލުތައް އައިސްފައިވަނީ ޒައިކްގެ ނަންބަރުންނާއި އާއިލާގެ މެންބަރުންގެ ފަރާތުންނެވެ.
“ސަރ އަޅުގަނޑަށް ހީވޭ އަވަށްޓެރިންނާވެސް ސުވާލު ކުރަންޖެހޭނެހެން.. އެޕާރޓްމެންޓަށް އާންމުކޮށް ވަދެ އުޅޭ މީހުން ކައިރީގަ އުޅޭ އަވަށްޓެރިންނަށް އެނގޭނެ.. މިހުރިހާ ކަމެއް ވެގެން ދިޔައިރު އެމީހުންނަށް ކޮންމެވެސް ކަމެއް ފާހަގަކުރެވިފަ ހުންނާނެ..” އީވާ ވަރަށް ޔަޤީންކަމާއެކު ވާހަކަދެއްކިއެވެ. ސަރ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
“މާނިއު ޝާޔަންގެ ބެންކް ސްޓޭޓްމެންޓްވެސް ހޯދަން ޖެހޭ އެބަ… ޝާޔަން ކޮށްފައިވާ ޓްރާންސްސެކްޝަންތައްވެސް ބަލަންޖެހޭނެ.. ފަހަރެއްގަ މިއީ ބްލެކްމެއިލްގެ ކޭސްއަކަށްވެސް ވުން އެކަށީގެންވޭ..” ސަރ އެބުނީ ތެދެކެވެ. އެހެންވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މާނިއު ބޯ ޖަހާލުމަށްފަހު ނުކުމެގެން ހިނގައްޖެއެވެ.
ހުރިހާ އޮންލައިން ނޫސްތަކެއްގެ ފަލަ ސުރުޚީއަށް ވެފައި އޮތީ “ޒަޚަމުތަކާއި އެކު ހުޅުމާލެއިން އަންހެންކުއްޖެއް ފެނިއްޖެ” ކަމަށެވެ. ބައެއް ނޫސްވެރިން އެއްވެސް ޙަޤީޤަތެއްނެތް ދޮގު ވާހަކަތައް ލިޔެފައިހުރިއިރު އަނެއްބައި ނޫސްތަކުގައި ފުލުހުންނަށް އެމީހުންގެ ވާޖިބު އަދާނުކުރެވޭކަމަށް ލިޔެފައި ހުއްޓެވެ. ކަމެއްވާއިރަށް އެންމެންގެ އިނގިލިތައް އަހަރުމެންނާއި ދިމާލަށް މިދިއްކުރަނީ ކީއްވެހެއްޔެވެ؟ އަހަރުމެން ރެއާއި ދުވާލު މަސައްކަތް މިކުރަނީ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކާ ނޫން ހެއްޔެވެ؟
މިއުވާން ގުޅީ އަހަރެން އޮފީސްތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. ކޭސްގެ ވާހަކައެއް ދައްކާފާނެހެން ހީވާތީ ފޯނު ނެގިގޮތަށް ބޭރުން ބައްދަލުކުރަން ބުނީމެވެ. ބުރޭކެއް ނަގައިގެން އަހަރެން ބޭރަށް ނިކުތީ ބޯހާސްކަމުން ދުރުވުމަށެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުރި ނަމަވެސް އަހަރެންގެ ހިތް ގިސްލަމުންދިޔައެވެ. ޝާޔަންއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ކޮންމެ ނޭވަޔާއެކީ ދުޢާކުރަމުންދިޔައީމެވެ.
“މާލް.. މިއިވެނީ ތެދެއްތަ؟” ކިރިޔާ އަޑު އިވޭވަރަށް މިއުވާން އެހިއެވެ. އަހަރުމެން ތިބީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގައެވެ.
“ހޫމް.. މިވަގުތު އަހަރެންނަކަށް ނެތް އިތުރު ތަފްސީލު ދެވޭކަށް..” އަހަރެން ބުނީ އެހާވަރަށެވެ.
“ޝާލް ރަނގަޅުތަ؟” އުލުން ތަށި ހާވަމުން އޭނަ އެހީ އިސްޖަހާލައިގެން އިނދެއެވެ.
“ރަނގަޅު.. ވަރަށް އަވަހަށް ކޯހަށް މެލޭޝިޔާއަށް ދާން އުޅެނީ..” މިއުވާންގެ މޫނަށް ބަލާލަމުން އަހަރެން ބުނީމެވެ.
“އޭނަ ވަރަށް ނަފްރަތުކުރޭ ދޯ މަށަށް..” އޭނަގެ ތުންފަތްމަތީގައިވީ ހިތި ހިނިތުންވުމެކެވެ. ޝާލީގެ ވަކިވުން އަދިވެސް އޭނައަށް އުދަނގޫކުރަމުންދަނީ ކަންނޭނގެއެވެ.
(ނުނިމޭ)
14 Comments!
Comments are closed.
Am really so sorry for the delay.. hope you guys like it..
Nice☺
Thnks :*
Miee true story eh tha?
nun
alhey mi vee kihineh rovihje..?? shaayan dhw.. next prt avahah upkola dhechei angel..puleeex..inthixaaruga mihury!!!!
In Shaa Allah..
Story v nice. Ekam story feshun iru bunefa in miee haqeeqe vaahaka ekey.
kureege baithaj ae hagygy.. fahun liyefa huri baithakuga hagygy jahaafa nuhunaane.. plx check
V salhi mi story
Plx avaha up kohlahchey next part ?
I want shaayan n that boy marry kuran nt shaayal plx ehen hadhaa dhehche
E vedhaane shaayal kuri kameh kamah.. maybe… eyna hury varah rulhi aiha ehnu shaayan dheke….. shaayal ah ehme fasey ha in ekan kureveyny vex.. ehn noonas keehve eyna kurin nugulhy shimaal ah??? Arrr… dhn neyge.. wen nxt prt?? Mi prt vex varah salhi.. avahah up kohdhehchey…
Omg This Is Fabulous❤❤
Seriously Varaaaahh Reeeethiiii Vaahaka Eh Mee…
Keeep It Up???
Thank Yu??