ހާދަހާވޭ ކުރާހިތް ސަމާސާ 22 ވަނަ ބައި
ހިބާ ހުރީ ވަރަށް ދެރަވެފަ އެވެ. އަދި އެހާމެ ބިރު ވެސް ގަނެފަ އެވެ. ހިބާގެ ލޮލުން ވަނީ ކަރުނަ ނިރާލާފަ އެވެ. ދެން ހިބާއަށް އެގޭގައި ވެސް ނޫޅޭވޭނެހެން ހިބާއަށް ހީވި އެވެ.
“ފައުޒާން ކީއްވެތަ ނަދުވާ ކައިރިއަށް ނުދަނީ؟ ނުވިތާކަށް އޭނަ ފޯނު ކުރީމަވެސް ޖަވާބެއް ދެނިކީ ނޫން. އޭނަ މިހާރު ދެދުވަސް މިވަނީ އެއްޗެއް ނުކައި ކޮޓަރިން ނުނިކުމެ އޮންނަތާ. މިހާރު ގައިގައި ވަރެއްވެސް ނެތް.” ހަފީޒާ ހުރީ ވަރަށް ރުޅި އައިސްފަ އެވެ.
ހަފީޒާ ބުނި އެއްޗަކުން ފައުޒާން ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ވެރިވެގެން ދިޔަ އެވެ. އެއީ ހަފީޒާ ރުޅިއައިސްގެން އުޅެނީ ފައުޒާން ހީކުރި ކަމަކާ ނޫން ވީމަ އެވެ. ހިބާއާއި ދެންތިބި އެންމެންނަށް ވެސް ވެގެން އުޅޭގޮތް އެނގުމުން ހަމަޖެހުމެއް ލިބިގެން ދިޔަ އެވެ.
“ތުއްތައްތަ އެހުންނަނީ ނަދޫ ނުކައިގެން ނުލާހިކު ކަންތައް ބޮޑުވެފަ. ފައުޒާން ވެސް ތީ އަޅެ ކުޑަ ކުއްޖެއް ނޫން ވިއްޔަ. އޭނަދެކެ ނުރުހުން ވެގެން އުޅޭއިރު އޭނަޔަށް އެގެން ޖެހޭނެނު ކީއްވެގެންކަން. ހަމަ ކަމަކާ ނުލާ ތިހެން ރުޅި އައިސްގެން އަނގައިން ނުބުނެ ހުރީމަ ހުރިހާ ކަމެއް ހައްލު ވާނެތަ؟” ހަފީޒާ އަދިވެސް ރުޅި މައިތިރިއެއް ނުވެ އެވެ. ފައުޒާން އަކީ ދުވަހަކު ވެސް ހަފީޒާ ރުޅި އައިސްގެން ކިޔާ އެއްޗިއްސަށް ރައްދު ދޭން ބޭނުންވާ މީހެއް ނޫނެވެ. އެހެންކަމުން މަޑުން ހުރީ ހަފީޒާ ކިޔާ އެއްޗިހި އަޑު އަހާށެވެ.
“އަހަރުމެން އެންމެން މިތިބެނީ ފައުޒާންއާއި ނަދުވާގެ ކައިވެނި ކުރެވޭނެ އިރެއްގެ އިންތިޒާރުގަ. އެކަމަކު ފައުޒާން ތި އުޅޭ ގޮތުން އެ އުންމީދު ވެސް ތުއްތައްތަ އަކަށް ނުކުރެވޭނެނު. ފައުޒާން މިހާރު އިންނަ ވާހަކަ ނުދައްކާތީ ވެސް ނަދޫ އެއުޅެނީ ނުލާހިކު ދެރަ ވެގެން. ނަދޫ ބުނި ކުރިން އެހާވަރަށް އިންނަ ވާހަކަ ދައްކާފައި ކުއްލިއަކަށް ފައުޒާން ބަދަލު ވެއްޖެޔޯ. މިހާރު ހަތަރު ދުވަސް ވެއްޖެޔޯ އެންމެ ގޮތަކަށް ވެސް ފައުޒާން ނުފެންނަތާ.” ހަފީޒާ ފައުޒާންއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އަދި މަޑުމަޑުން ގޮސް ސޯފާގައި އިށީނެވެ.
“ދޭ. މިހާރު ދޭ ނަދޫ އެއްޗެއް ކައިތޯ ބަލަން. މަންމަ ހަދާދީފަ ހުންނާނެ ސޫޕް. އެ ބޮއެތޯ ބަލާ. ފައުޒާން ދިޔައިމަ އޭނަ ބޯނެ.” ހަފީޒާ އަނެއްކާވެސް ސޯފާއިން ތެދުވި އެވެ. ފައުޒާން އަދިވެސް އަނގައިން ނުބުނެ އިސް ޖަހައިގެން ހުރިގޮތަށް ހުރީ އެވެ.
“ދޭބަލަ. ނަދޫ ވަރަށް ވަރު ދެރައޭ.” ހަފީޒާ ތަންކޮޅެއް ބާރަށް ބުނީ ފައުޒާން ގުޑި ނުލާ ހުރުމުން ނެވެ. ހަފީޒާގެ އަޑު ބާރު ވުމުން ފައުޒާން އިސްއުފުލާ ހަފީޒާއަށް ބަލައިލަފައި ދޮރާ ދިމާއަށް ދިއުމަށް ހިގައި ގަތެވެ. ދޮރުކައިރީ ހުރެފައި އެނބުރި ބަލައިލީ ހިބާއާއި ދިމާ އަށެވެ. އޭރު ހިބާ ވެސް ހުރީ ފައުޒާންއަށް ބަލާށެވެ. ހިބާގެ މޫނުމަތިން ފެންނަން ހުރި އަސަރުން ފައުޒާންގެ ހިތް ކުދިކުދި ވެގެން ދިޔަ އެވެ. ފައުޒާން އަވަސް އަވަހަށް ބޭރަށް ނުކުމެގެން ދިޔައީ އެވެ. ހިބާއާއި ފިޒާ އެކަކު އަނެކަކަށް ބަލައިލާފައި ދެމީހުން ވެސް ކޮޓަރިއަށް ދިއުމަށް ހިގައި ގަތެވެ.
“ހިބާ!” ސިޑިން އެއް ހަރުފަތަށް އެރިތަނާ ހަފީޒާ ގޮވާލުމުން ހިބާއަށް ހުއްޓެ ވުނެވެ. ކޮޓަރިއަށް ވަދެވަދެ ހުރި ފިޒާވެސް ހުއްޓިފައި ފަހަތަށް ބަލައިލި އެވެ. އަނެއްކާ ހިބާއާއި ދިމާއަށް އެއްޗެއް ބުނަން އުޅެނީ ކަމުގައި ހީވެ އެންމެން ވެސް ތިބީ ހިތް ބިރު ގަންނަ ގޮތްވެ ނޭވާ ހިފަހައްޓާލައި ގެނެވެ.
“ހިބާގެ މަންމަ މިއަދު ގުޅި. ހިބާ މަންމަ މިކޮޅަށް ބަދަލުވާށޯ މި އުޅެނީ.” ހަފީޒާ ބުންޏެވެ. ހަފީޒާގެ މޫނުމަތިން އެއްވެސް ނުރުހުން ތެރިކަމެއްގެ އަސަރު ފެންނާކަށް ނެތެވެ. މިހާރު ހަފީޒާގެ ރުޅި އެއްކޮން ފިލާ ހިގައްޖެ އެވެ. ހަފީޒާ ހިބާގެ އަތުގައި ހިފާލި އެވެ.
“ހިބާ، ހިބާ ދިޔައިމަ ކުޑައްތަ ވަރަށް ދެރަވާނެ. ހިބާ ހާ ރަގަޅު ކުއްޖެއް އަބަދު ވެސް މިގޭގަ އުޅެން ކުޑައްތަ ބޭނުންވަނީ. ހިތަށް އަރާ ހިބާއަކީ ކުޑައްތަގެ ދަރިއެއް ނަމައޭ ވެސް.” ހަފީޒާ ހުރީ ދެރަވެފަ އެވެ.
ހިބާ ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައި ގަތެވެ. ހަފީޒާ ގައިގައި އޮޅުލައި ގަނެވުނެވެ. އަދި ހަފީޒާ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޮވެން ފެށި އެވެ. ހަފީޒާ ނުހަނު އޯގާތެރި ކަމާއެކު ހިބާގެ ބޮލުގައި ފިރުމާލި އެވެ.
“އައްދެ، ހިބާ ރޮނީތަ؟ މާބޮޑަށް ދެރަވީ ދޯ.” ހަފީޒާ އަނެއްކާ ވެސް ފިރުމާލި އެވެ. “ހިބާ މަންމަ މިކޮޅަށް ބަދަލު ވިއަސް ހިބާއަށް މިގޭގަ ހުރެވޭނެނުދޯ. ހިބާގެ މަންމަ އެކަމާ އެއްބަސް ވާނެބާ.” ހަފީޒާ ބުންޏެވެ. ދުރުގަ ރިފާއާއި، ފިޒާ އަދި ފައްވާޒް އެ މަންޒަރު ބަލަން ބަހެއް ނުބުނެ ތިއްބެވެ.
ފައުޒާން ގޮސް ނަދީމާ މެންގެއަށް ވަނުމުން ނަދީމާ ފައުޒާންއަށް ބަލައިލީ މާޔޫސްވެ ދެރަވެފައި ހުރެ އެވެ. އެ ބަލައިލުމުން ވެސް ފައުޒާންގެ ހިތަށް އަސަރު ތަކެއް ކުރުވި އެވެ. ފައުޒާންގެ މަންމަގެ އާއިލާ މީހަކު ހިތުގައި ނުޖެއްސުމަށް ފައުޒާންގެ މަންމަ އަބަދު ވެސް އަންނަނީ ނަސޭހަތް ދެމުންނެވެ. އަދި އެއީ މަންމަ އެންމެ ދެރަވާ ކަންތައް ކަމުގައި ވެސް ފައުޒާންމެން ކައިރީ މަންމަ އަބަދު ވެސް ބުނެ އެވެ.
“ޒާން! ތުއްތައްތަ ވަރުބަލި ވެއްޖެ.” ފައުޒާން ކައިރިއަށް އައިސް ބޯތައްޓެއް ފައުޒާން އަތަށް ދެމުން ބުންޏެވެ. “ނަދޫއަށް މި ދެވޭތޯ އުޅޭތާ ކޮން އިރެއް. އަޅެ ޒާން ބަލާ ބަލަ ނަދޫ މި ބޮއެތޯ.”
ފައުޒާން އެ ހިފައިގެން އަނގައިންވެސް ނުބުނެ ގޮސް ނަދުވާގެ ކޮޓަރިއަށް ވަނެވެ. ފައުޒާންގެ ކަންފަތުގައި އަދި ވެސް ހަރުލާފައި ވަނީ ހަފީޒާ ދެންމެ ފައުޒާންއާއި ދިމާއަށް ކީ އެއްޗިއްސެވެ. އަދި އެ ހިތުގައި އަދިވެސް ސިފަވަމުން ދަނީ ހިބާ ފައުޒާންއާއި ދިމާއަށް ދާދި ދެންމެ ބަލަން ހުރި ގޮތެވެ.
“ނަދޫ!” ފައުޒާން ނަދުވާއަށް ގޮވާލި އެވެ. އެނދުމަތީ ކުރު ސޯޓުބުރިއަކާއި ކުރު ޓޮޕު ކޮޅެއް ލައިގެން ބަންޑުން އޮށޯވެގެން ނަދުވާ އޮތް އިރު އުނަގަނޑުން ބައެއް އޮތީ ހާމަ ވެފަ އެވެ. “ނަދޫ!” ހަބަރެއް ނުވުމުން ކައިރިއަށް އައިސް އަނެއްކާ ވެސް ގޮވާލި އެވެ. ނަދުވާ މޫނު ހިއްލާ ބަލައިލުމަށްފަހު އަނެއްކާ ވެސް އޮށޯވެ ބާލީހުން މޫނު ފޮރުވާލި އެވެ. ފައުޒާން އައިސް ބޯތަށި އެނދުކައިރީ ހުރި ކުޑަ ކަބަޑު މަތީ ބަހައްޓާފައި ނަދޫވާގެ ކޮނޑުގައި ހިފާ ހިއްލާލި އެވެ.
“ނަދޫ، ތެދުވެ ބަލަ.” ފައުޒާން ނަދުވާއަށް ގޮވާލަމުން ނަދުވާ ނެގި އެވެ.
“ހިންގާބަލަ ޒާންއާ އެއްކޮން މި ސޫޕް ކޮޅު ބޯލަން.” އެނދުމަތީ ނަދުވާ އިށީނުމުން ފައުޒާން ބުންޏެވެ. ނަދުވާގެ ކިސުޅި ވެފައި ވާ ކުރު އިސްތަށި ގަނޑު ހޭވިފައި އޮތުމުން ބޯ ހީވަނީ ހާމުންޑި ކުކުޅެއް ހެނެވެ. މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ.
“މާ ގިނައިން ބޯނެ ކަމެއްނެތް. އެތި ކޮޅެއް ބޯލާނީ.” ފައުޒާން ބޯތަށި ނަގަމުން ސަމްސަލުން އެތިފޮދެއް ނަގާ ނަދުވާގެ އަނގައާއި ސީދާ ކޮށްލި އެވެ. ކުޑަކުއްޖަކު ފަދައިން ނަދުވާ އެ ބޯލި އެވެ.
ހިބާ އުނދޯލީގައި އިނީ ފައުޒާން އަންނަން ދެނެވެ. އެއްގަޑި ބައިވި އިރުވެސް ފައުޒާންއެއް ނައެވެ. ހިބާގެ ހިތަށް ތަދުވަމުން ދިޔައެވެ. ފައުޒާންގެ މަތިން ހިބާ ހަދާން ނައްތާލަން ވީ އެވެ. ދުވަހަކަު ވެސް ހިބާއަކަށް ފައުޒާންއެއް ނުލިބޭނެ އެވެ. އެއީ ވާނޭކަމެއް ހެނެއް ހިބާގެ ހިތެއް ނުބުނެ އެވެ. އަންނަ އަހަރު ވަންދެން ވެސް މިގޭގައި ހިބާއަށް ކެތް ކުރެވޭނެ ހެއްޔެވެ. އުނދޯލީގައި ހިބާ އިނދެ ތަފާތު ހިޔާލު ކުރަމުން ދިޔަ އެވެ.
އެއްކޮން ސޫޕް އެތި ހުސްވުމުން ފައުޒާން ފެން ތައްޓެއް ނަދުވާއަށް ދިއްކޮށްލި އެވެ. ބޭރުން ކިތަންމެ އޯގާތެރިކަމެއް ފައުޒާން ދައްކަމުން ދިޔަސް ހިތަށް އަރަމުން ދިޔައީ ނަދުވާއާއި ބެހޭގޮތުން އަޒުމީލު ދައްކާފައި ހުރި ވާހަކަ ތަކެވެ. ފައުޒާންގެ ލޮލުގެ ކުރިމަތީ އެ މަންޒަރުތައް ސިފަވާ ކަހަލަ އެވެ.
“ޒާން، ކީއްވެތަ ނަދޫ ގުޅީމަ ފޯނު ނުނަގަނީ؟” ފެންތަށީގައި ހިފަމުން ނަދުވާ ބުންޏެވެ.
“ވަރަށް ބިޒީ.” ފައުޒާން ދިނީ ވަރަށް ކުރު ޖަވާބެކެވެ. އިރުތަށް އެއްޗެއް ބުނަން ވާއިރަށް ފައުޒާން ނަދުވާ އެނދުގައި ބޭއްވި އެވެ. ފައުޒާންގެ ހިތް ކޮންޓްރޯލް ކުރަމުން ފައުޒާން ދިޔަ އެވެ. އެގަޑީގައި ނަދުވާ ދެކެ ރުޅި އަންނާކަށް ފައުޒާން ބޭނުމެއް ނޫނެވެ. ނަދުވާ އަކީ ފާޑެއްގެ ކުއްޖެކެވެ. ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ އެވެ.
“ދެން ނިދާލާ. ވާހަކަ ދައްކާނީ ފަހުން.” ނަދުވާގެ ގައިގާ ރަޖާ އަޅާލަ ދެމުން ފައުޒާން ބުންޏެވެ.
“ނަދޫއަށް ނިދެންދެން ޒާން އޮންނައްޗޭ ނަދޫ ކައިރީ.” ނަދުވާ ބުންޏެވެ. ފައުޒާން ބޯ ޖަހާލަމުން ނަދުވާގެ މަގަތުގައި އޮށޯތެވެ. ނަދުވާ ފައުޒާންގެ މޭގައި ބޯ އަޅާލި އެވެ.
“ޒާން، ނަދޫ މިހާރު ބޭނުން ޒާން އާ މެރީ ކުރަން.” ނަދުވާ ބުންޏެވެ. ފައުޒާން އަނގައިން ވެސް ނުބުނެ އޮތީ އެވެ. ނަދުވާއާއި ވާހަކަ ދައްކާކަށް ފައުޒާން ބޭނުމެއް ނޫނެވެ. “ޒާން، ނަދޫމެން މެރީ ކުރާނީ އަންނައަހަރު ޖެނުއަރީގަ ދޯ. މިގޭގަ އުޅޭނީ. މިކޮޓަރީގަ.”
“ނަދޫ، ޒާން ބުނީމެއްނު އެހަށް ނިދާލާށޭ. ވާހަކަ ދައްކާނީ ފަހުން.” ފައުޒާންއަށް އެވާހަކަ ދެއްކުމުން އުނދަގޫ ވަނީ އެވެ. މިހާރު އެކަމަށް ދޭނެ ޖަވާބެއް ވެސް ފައުޒާންއަށް ނޭގޭތީ އެވެ. ނަދުވާއާއި އިންނަން ފައުޒާން މިހާރު ބޭނުމެއް ނޫނެވެ. ނަމަވެސް މިއީ ކޮންކަހަލަ މަޖުބޫރު ކަމެއް ހެއްޔެވެ. މަންމަ ކައިރީ ނަދުވާއާއި އިންނަން ބޭނުން ނޫން ވާހަކަ ބުނެފި ނަމަ މިއަދު ކީ އެއްޗިހި އަދި އެއްޗަކަށް ނުވާނެ ކަންނޭގެ އެވެ. ފައުޒާން އޮތީ ހަފީޒާ އެއްޗިހި ކިއުމުން ނުހަނު ދެރަ ވެފަ އެވެ. ހަފީޒާ އަކީ އެގޮތަށް ދަރިންނާއި ދިމާއަށް އެއްޗިހި ކިޔާ އުޅޭ މީހެއް ނޫނެވެ.
ހިބާ ފޯނާ ކުޅެން އޮވެފައި ގަޑި ބަލައިލި އެވެ. އޭރު ގަޑިން ދެގަޑި ބައިވަނީ އެވެ. އަދިވެސް ފައުޒާންއެއް ނާދެ އެވެ. ހިބާ އެންމެ ފަހުން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިގެން އޮތެވެ. ހިބާގެ ހުރިހާ ހިޔާލެއް ވަނީ ބޭރުން އިވޭ އަޑުތަކަށެވެ. ދެންމެ ދެންމެ ފައުޒާން އައިސް ދާނެހެން ހިބާއަށް ހީވަނީ އެވެ. ހިބާގެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނުވެ އެވެ.
ފައުޒާން ނިތްމަތީ އަތް ބާއްވާލައިގެން އަދިވެސް އޮތެވެ. ފައުޒާން ވިސްނަމުން ދިޔަ އެވެ. މަންމަ ނަދުވާއާއި ގުޅެން އެހާ ބޫނުން ވެގެން އެއުޅެނީ ނަދުވާއީ އާއިލާ ކުއްޖަކަށް ވީމަ ހެއްޔެވެ. މަންމަ ނަދުވާ ދެކެ ހާދަ ލޯބި ވެއެވެ. މަންމައަށް ނަދުވާގެ ހަގީގަތް އެނގޭ ނަމަހީ ވެސް އަމަލު ކުރާނީ އެހެން ބާ އެވެ. މަންމައަށް ނަދުވާގެ ހަގީގަތް ކިޔައިދީފިއްޔާ ގަބޫލު ކުރާނެ ހެއްޔެވެ. ފައުޒާންގެ ހިތަށް އެތައް އެއްޗެއް އަރަމުން ދިޔަ އެވެ. ނަދުވާ އަށް ނިދިފައި އޮތްކަން ޔަގީން ވުމުން މަޑުމަޑުން ނަދުވާގެ އަތް ނަގާ އެއް ކައިރިއަށް ޖައްސާލި އެވެ. އަދި ނަދުވާގެ ބޯ މަޑު މަޑުން ބާލީސް މައްޗަށްލުމަށް ފަހު ފައުޒާން ތެދުވެ ހިންދެމިލި އެވެ. އަދި ގަނޑި ބަލައިލި އެވެ. އޭރު ފަތިހު ފަހެއް ޖަހާ ބޮޑު ވެއްޖެ އެވެ. ފައުޒާން ފާޙާނާއަށް ވަދެ ވުޟޫ ކޮށްލައިގެން މިސްކިތަށް ދާން ނުކުތެވެ.
ހަފީޒާ ކޮޓަރިން ނިކުތް ވަގުތު ހިބާވެސް މަތިން ތިރިއަށް ފައިބައިގެން އައިސްފި އެވެ. އޭރު ރިފާ ބަދިގޭގައި ކޮފީ ގިރަން އުޅެ އެވެ.
ބޭރު ދޮރުން މީހަކު ވަންހެން ހީވެގެން ބަލައިލި އިރު ފައްވާޒް މިސްކިތުން އައިސް ގެއަށް ވަންނަނީ އެވެ.
“ކޮބާ ޒާން؟” ހަފީޒާ ފައްވާޒް ކައިރީ އަހާލި އެވެ.
“މިސްކިތުގައި އެބައިން. ތަންކޮޅެއް ލަހުން ޒާންއަށް ދެވުނީ.” ފައްވާޒް ބުންޏެވެ. ރިފާ ކޮފީ ޖޯޑެއް ގެނެސް ފައްވާޒްއަށް ދިނެވެ. ހިބާ ގޮސް ބަދިގެއަށް ވަނެވެ. ރޭގަ ފައުޒާން އެއްގޮތަކަށް ވެސް ގެއަށް ނާންނަނީ ބާއޭ ހިބާ ހިތަށް އެރި އެވެ.
“ނަދޫއަށް ނިދުނުތަ؟” ފައުޒާން އައިސް ގެއަށް ވަންތަން ފެނުމާއި އެކު ހަފީޒާ އަހާލި އެވެ. ފައުޒާން ބޯ ޖަހާލި އެވެ.
“ނަދޫ ނިދީ ވަރަށް ލަހުންތަ؟ އެއްޗެއް ކޭތަ؟” ހަފީޒާ ހުރީ ހުރިހާކަމެއް އޮޅުން ފިލުވަން ބޭނުން ވެފަ އެވެ.
“އާން، ނަދޫ ނިދީ ވަރަށް ލަހުން. މަންމަ ހެދި ސޫޕް ފޮދު އެއްކޮން ހުސްކޮށްލައިގެން ނިދީ.” ފައުޒާން ރުންކުރު ރާގަކަށް ވާހަކަ ދެއްކި އެވެ. ހަފީޒާ ފައުޒާންއަށް ބަލަހައްޓައިގެން ހުއްޓެވެ.
“މަންމައަށް ރޭގަ ރުޅިއައިސްފައި ހުރިވަރުން މާ ބާރަށް ދޯ އެއްޗިހި ކިޔުނީ. އެކަމާ ތި ހުންނަނީ ހިތްހަމަ ނުޖެހިފަ ދޯ.” ފައުޒާން ވާހަކަ ދެއްކި ރާގުން ހަފީޒާއަށް ފައުޒާން ހިތްހަމަ ނުޖެހިފައި ހުރިކަން އިހުސާސް ވެގެން ބުންޏެވެ. “އެހެނޭ ވާނީ، މަންމަ އެގެއަށް ދާއިރަށް ތުއްތައްތަ މަންމަ ކައިރީ ރޯންފެށީ ވިއްޔަ. ދެން މަންމަގެ ދަރިއަކާ ހެދި އެހެން ވަންޏާ މަންމައަށް ރުޅި އާދެވޭނީނު. ސޮރީ ޒާން. އެހާ ބާރަށް މަންމައަށް ހަޅޭއްލެވުނީމަ މަންމަ ވަރަށް ދެރަވެއްޖެ.” ހަގީގަތުގައި ވެސް ހަފީޒާ ހުރީ ވަރަށް ދެރަ ވެފަ އެވެ.
“އިޓްސް އޯކޭ މަންމާ،” ހަފީޒާ ދެރަވެފައި ހުރުމުން ފައުޒާންއަށް އުނދަގޫ ވިއެވެ. “އަޅާ ނުލާ.” ފައުޒާން ބަދިގެއާއި ދިމާއަށް ދަމުން ބުންޏެވެ. ބަދިގެއަށް ވަދެ މޭޒުމަތީ ހުރި ކޮފީ ޖަގު ނަގަމުން ސިންކު ކައިރީ ހުރި ހިބާއަށް ފައުޒާން ބަލައިލި އެވެ. އޭރު ހިބާއަށް ވެސް އެނބުރި ބަލައިލެވުނީ ފައުޒާންއާއި ދިމާއަށެވެ. ހިބާއަށް ހިން ދިރުވާލެވުނެވެ. އަދި އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އެވަގުތު އެދެމީހުން ފިޔަވާ ބަދިގޭގައި އެކަކު ވެސް ނެތެވެ. ފައުޒާން ޖޯޑަކަށް ކޮފީ އަޅާލައިގެން ހިބާކައިރިއަށް ދިއުމަށް ފިޔަވަޅު ނެގި ވަގުތު ރިފާއާއި ހަފީޒާ އައިސް ބަދިގެއަށް ވަނެވެ. ފައުޒާން ހުރި ފިޔަވަޅު މަތީ ހުރެވުނީ އެވެ. ކުރިއަކަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ.
“ޒާން، ކޮން އިރަކު މިއަދު ޑިއުޓީ؟” ރިފާ އަހާލި އެވެ.
“މިރޭ.” ފައުޒާންގެ ޖަވާބު ވަރަށް ކުރެވެ.
“އެހެންވީމަ ޒާންއަކަށް ނުދެވޭނެނު.” ރިފާ ބުންޏެވެ. ފައުޒާން ހައިރާން ވެފައި ހުރެ ބަލައިލި އެވެ. “މާދަމާ ފިޒާ ފުރާތީވެ މިރޭ މިއުޅެނީ ބޭރަށް ކާންދާން ވެގެން.” ކޮންތާކަށް ބާއޭ ފައުޒާން ހިތަށް އަރައިގެން އަހާލަން އުޅެނިކޮން ރިފާ ޖަވާބު ވެސް ދީފި އެވެ.
“ކާން ދެވިދާނެ. ދޮންބަތުމެން ގޮއްސަ ގުޅައިލާ.” ފައުޒާން ބުންޏެވެ. ރިފާ ބޯ ޖަހާލި އެވެ.
“ނަދޫ ވެސް ގެންދަން ވާނެ.” ހަފީޒާ ބުންޏެވެ. ފައުޒާން އެއްޗެއް ނުބުނެ ކޮފީ ބޮމުން ނުކުތީ ބަދިގެއިން ބޭރަށެވެ.
ހަފީޒާއާއި ފައްވާޒް ވަޒީފާއަށް ދިއުމުން ހިބާއާއި ރިފާ އިށީނީ ހެދުނުގެ ނާސްތާ ކޮށްލާށެވެ. އެވަގުތު ފިޒާވެސް ނިދާ ހޭލައިގެން އައިސް އެމީހުނާ ބައިވެރި ވިއެވެ.
ފައުޒާން ޓެރެސްމަތި ދޮވެލުމަށް ފަހު ކޮޓަރިއަށް ވަނީ ފެންވަރާ ތައްޔާރު ވެލާށެވެ. ފައުޒާންގެ ޖީންސްގެ ޖީބުން ވޮލެޓާއި ތަޅުދަނޑި ފަތިނަގާ މޭޒު މަތީ ބޭއްވި އެވެ. ދެން ނެގީ ކުޑަ ފޮށްޓެކެވެ. ފައުޒާން އެފޮށި ހުޅުވާލި އެވެ. އޭގައި ވަނީ ހިބާއަށް ކުރީރޭ ރީތިވި ކެވެލި ކޮޅެވެ. އެއީ މިވީހާ ތަނަށް މީހަކަށް ދޭން ފައުޒާން ގަތް އެންމެ އަގުބޮޑު ހަދިޔާ އެވެ. ނަދުވާއަށް ދުވަހަކު ވެސް އެކަހަލަ ހަދިޔާއެއް ފައުޒާން ނުދެ އެވެ. ނަމަވެސް ހިބާއަށް ޓަކައި ފައުޒާން އެ ގަނެގެން އައީ ހިބާއަށާއި ފިޒާއަށް ވެސް ނޭގި ސިއްރުންނެވެ. ފައުޒާން އެ ކެވެލިކޮޅު އަތުންނެގި އެވެ. އެ ހުދު ރަނުގެ ކެވެލި ކޮޅުގައި އެލި ފައިވާ ހިތްތައް، ދަޅައަޅާލަ އަޅާލަ ހުއްޓެވެ. އެއަށް ބަލަން އެތައް އިރަކު ފައުޒާން ހުއްޓެވެ.
ފިޒާއާއި ހިބާ ސޯފާގައި ތިބީ އަނގައަށް ސުޕާރީ އަޅައިގެން ދުފާލަ ދުފާލަ އެވެ. ފިޒާގެ ލެޕްޓޮޕުން ހިބާއަށް ފޭސްބުކް އެކައުންޓެއް ހުޅުވާނެ ގޮތް ކިޔައިދެމުން ފިޒާ ދެއެވެ. އެގެއަށް ވަދެގެން އައި ނަދުވާ އެމީހުނަށް ފެނުނީ އައިސް ކުރިމަތީ ހުއްޓަ އެވެ.
“ކޮބާ ޒާން؟” ނަދުވާ އަހާލި އެވެ. ފިޒާއާއި ހިބާ ނަދުވާއަށް ބަލައިލި އެވެ. ނަދުވާ ހުރީ ކުރު ސޯޓަކާއިއެކު އޭނަ ނިދަން ލާން ގެންގުޅޭ ކުރު ޓޮޕްކޮޅު ލައިގެނެވެ. ބޯ ވަނީ ހޭވިފަ އެވެ. އެއައީ ނިދާ ހޭލިގޮތަށް ހެން ހީވެ އެވެ.
“ޒާންބެ މަތީގަ.” ފިޒާ ހައިރާން ވެފައި އިނދެ ބުންޏެވެ. ނަދުވާ އެދިޔަގޮތަށް ސިޑިން އަރައިގެން މައްޗަށް ހިގައްޖެ އެވެ. ފިޒާ އަނގައަށް ވައްތަރެއް ޖައްސާލައިގެން އިނެވެ.
ނަދުވާ ފައުޒާންގެ ކޮޓަރިއަށް ވަންއިރު އެކަކުވެސް ކޮޓަރީގައި ނެތެވެ. ފައުޒާންއަށް ގޮވަމުން ނުކުތް އިރު ފާހާނާއިން ފެންވަރާއަޑު އިވުނެވެ. ފައުޒާން ފާހާނާގަ ކަން އިނގުމުން އަނެއްކާ ވެސް ނަދުވާ ވަނީ ފައުޒާންގެ ކޮޓަރިއަށެވެ. ވަދެ އެނދުގައި އިށީދެލައިގެން އިނީ ފައުޒާން ނުކުންނާނެ އިރަކަށް އިންތިޒާރުގަ އެވެ. އެހެން އިނދެފައި ދިމަދިމާއަށް ނަޒަރު ހިންގާލި ވަގުތު ނަދުވާގެ ނަޒަރު ގޮސް ހުއްޓުނީ މޭޒު މަތީގައި ބައިންދާފައި އިން ކުޑަ ފޮށްޓަށެވެ. ނަދުވާ އެނދުން ތެދުވެގެން އައިސް އެފޮށި ހުޅުވާލާ އޭގައި އޮތް ކެވެލިކޮޅު ނަގާ ބަލައިލި އެވެ.
“ވާއޮ، ހާދަ ރީއްޗޭ.” ނަދުވާއަށް ބުނެވުނެވެ. “ޒާން ނަދޫއަށް ދޭން ގަނެފައި އޮތް އެއްޗެއް ކަންނޭގެ.” ހިތާހިތާ ނަދޫ ކިޔާލި އެވެ. އެވަގުތު ފެންވަރައިގެން ތުވާލި އަނދެގެން ފައުޒާން އައިސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ނަދުވާ ހުރިތަން ފެނުމުން ފައުޒާން ސިހުނެވެ. އަދި ހައިރާންވެ ބަލަން ހުރީ ނަދުވާ ކެވެލި ކޮޅު ހިފައިގެން ހެވިފައި ބަލަން ހުރުމުން ނެވެ.
“ތޭންކްސް ޒާން. މިކެވެލި ކޮޅު ވަރަށް ރީތި. ވަރަށް އަގުވެސް ބޮޑުވާނެ ހެން ހީވަނީ. ނަދޫއަށް ސަރޕްރައިސްއެއް ދޭން ދޯ އުޅުނީ،” ނަދުވާ ހެވިފައި ހުރެ ކެވެލިކޮޅު ދައްކާލަމުން ބުންޏެވެ. އަދި އައިސް ފައުޒާން ގައިގައި ތަތްވެ ގަތެވެ. “ޒާން، ނަދޫގެ އަތުގައި މި އަޅުވާލަ ދޭން ވީނު.” ފައުޒާން ހައިރާން ވެފައި ނަދުވާއަށް ބަލަން ހުއްޓެވެ. އެއީ ނަދުވާއަށް ގަތް އެއްޗެއް ނޫނޭ ފައުޒާން ބުނާނީ ކިހިނެއް ހެއްޔެވެ. އެހެން ބުނެފިނަމަ ނަދުވާގެ ސުވާލުތައް އަންނާނެ އެވެ. ކާކަށް ގަތް އެއްޗެއްތޯ އަހާނެ އެވެ. ހަދާނެ ގޮތެއް ފައުޒާންއަކަށް ނުވިސްނުނެވެ.
“އޭ، ޒާން. މި އަޅުވަ ދީބަލަ.” ނަދުވާ އަނެއްކާ ވެސް ފައުޒާން ކައިރީ ބުންޏެވެ. ފައުޒާން އެ ކެވެލި ކޮޅު ނަގާ އެއަށް ބަލައިލި އެވެ. އަދި ނަދުވާއަށް ބަލައިލި އެވެ. ފައުޒާންގެ މޫނުމަތިން ފެންނަން ހުރީ ވަރަށް ސީރިއަސް ގޮތެކެވެ. މާޔޫސް ކަމެވެ. ފައުޒާން ނަދުވާ ދިއްކޮށްގެން ހުރި އަތުގައި އެ ކެވެލިކޮޅު އަޅުވާލަ ދިނެވެ. އަދި ނަދުވާ ހެވިފައި ހުރުމުން ނަދުވާއާއި ދިމާއަށް ގަދަކަމުން ހިނިތުން ވުމެއް ރައްދުކޮށްލި އެވެ. ނަދުވާ އުފަލުން ފައުޒާންގެ ކޮލަށް ބޮސް ދިނެވެ. އަދި އަވަހަށް ރީތިވެގެން ނަދުވާ މެންގެއަށް އައުމަށް ބުނެ ކޮޓަރިން ނުކުމެގެން ހިގައްޖެ އެވެ.
ނަދުވާ ދިއުމުން ފައުޒާން އެނދުގައި އިންގޮތަށް އިށީނެވެ. އެ ކެވެލިކޮޅު ނަދުވާއަށް ދޭކަށް ފައުޒާން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް އެކަން އެއޮތީ އެގޮތަށް ވެ ނިމިފަ އެވެ. ފައުޒާން އިސްތަށި ގަނޑު ތެރެއަށް އަތްކޮށްޕާލައިގެން އިސްޖަހައިގެން އިނެވެ.
ނަދުވާ ތިރިއަށް ފޭބި އިރު ވެސް ފިޒާއާއި ހިބާ ލެޕްޓޮޕް ކައިރީ އެއަށް ލޯ އަމާޒުކޮށްގެން ތިއްބެވެ.
“ފިޒް، ލުކް.” ނަދުވާ އައިސް ފިޒާމެންގެ ކުރިމަތީ ހުއްޓެމުން ބުންޏެވެ. ފިޒާއާއި ހިބާ އެއްފަހަރާ ނަދުވާއަށް ބަލައިލި އެވެ. ނަދުވާ ދިއްކޮށް ގެން ހުރި އަތުގައި އޮތް ކެވެލިކޮޅު ފެނުމުން ފިޒާއާއި ހިބާ ހައިރާން ވެގެން ދެމީހުން އެކަކު އަނެކަކަށް ބަލައިލި އެވެ.
” ޒާންބެ ތި ދިނީ ނަދުއްތައަށް ތަ؟” ފިޒާ ހައިރާން ވެފައި ހުރެ ތެދުވަމުން އަހާލެވުނެވެ.
“ދެން ޒާންބެ ދޭނީ ނަދުއްތަ އަކަށްނު. ލޯބި ދޯ؟” ނަދުވާ އަތް ތަޅުވާލަމުން ބުންޏެވެ. ހިބާ ދެ ލޯ ބޮޑުކޮށްލައިގެން އެއަށް ބަލަން އިނެވެ.
“ހިބާއަށް ދުވަހަކު ވެސް މީގެ އެއްޗެއް ނުފެނެދޯ. ވަރަށް ބޭނުން ވެފަ އިން ވައްތަރު ޖަހާ.” ނަދުވާ ފޮނިވެލާފައި ހިބާއާއި ދިމާއަށް ބުނެލި އެވެ. ފިޒާ ހިބާއަށް ބަލައިލި އެވެ. އޭރު ހިބާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނުނަތައް ހިންދަން މަސައްކަތްކުރަމުން ހިބާ ދިޔަ އެވެ. އެމަންޒަރު ފިޒާއަށް ފެނުމުން ފިޒާވެސް ނުހަނު ދެރަވި އެވެ. އަދި ފައުޒާންދެކެ ފިޒާއަށް ވަރަށް ރުޅި އާދެވުނެވެ. ހިބާއަށް ރީތިވި އެއްޗެއް ކޮންމެހެން ގަނެފަ ނަދުއްތައަށް ދޭން ޖެހޭ ހެއްޔެވެ. އެހެން އެއްޗެއް ގަނެފަ ދިން ނަމަހީ ވެސް ރަގަޅެވެ. ފިޒާއަށް ހިތުގެ އަޑިން ފައުޒާންއަށް އެއްޗިހި ކިޔާލެވުނެވެ.
ނަދުވާ ނުކުމެގެން ދިއުމުން ފިޒާ އށީނދެ ހިބާގެ އަތުގައި ހިފާލި އެވެ. އަދި ހިބާއާއި މެދު ހަމްދަރުދީ ވެވުނެވެ.
“ހިބާ، މިހާރު މި ވަމުންދާގޮތް ރަގަޅެއް ނޫން،” ފިޒާ ބުނަމުން ދިޔަ އެވެ. “ޒާންބެއަށް މިއަދު އެއުޅެނީ މަޖުބޫރު ވެގެން. ފިޒްގެ ހިތް ބުނަނީ ޒާންބެ އެ ކެވެލިކޮޅު ގަތީ ހިބާއަށޭ.”
“ދެން އެކަމު އެހާބޮޑަށް…. ދެން އެކަމާ އަޅާލާނެ ކަމެއް ނެތް. އެވާހަކަ ދައްކާނެ ކަމެއްނެތް.” ހިބާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަށް އަތުން ފޮހެލަމުން ހިބާ ބުންޏެވެ. އަދި ލެޕްޓޮޕާ ދިމާއަށް ބަލަމުން ފިޒާ ކައިރީ އެކި ކަންތައް ތައް އަހަން ފެށި އެވެ. ފިޒާ ހައިރާން ވެފައި ހިބާއަށް ބަލަން އިނެވެ. މީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ. ހުރިހާ ކަމެއް ވަމުން ދާއިރު ވެސް އެއްވެސް ކަމެއް ނުވާކަމަށް ހަދާލައިގެން ހަމަޖެހިލާފައި އެއިންނަނީ އެވެ. މޫނުމަތިން ހިނިތުންވުން ދައްކައިގެން ހުންނައިރު އެ ހިތް އެތެރޭން ރޮމުން ދާކަން ހަމަ ޔަގީނެވެ.
ހަވީރުގެ ވަގުތެވެ. ހިބާ އިނީ އުނދޯލީގައި ފޮތެއް ކިޔާށެވެ. ފައުޒާން ކޮޓަރިން ނުކުތީ ޕޮލިސް ޔުނީފޯރމުގަ އެވެ. މިއަދު ޔުނީފޯރމް އިސްތިރި ކުރާކަށްވެސް ހިބާ ކައިރީ ފައުޒާން ނުބުނެ އެވެ. ހިބާއަށް ފައުޒާންއަށް ބަލައިލެވުނީ ބޭ އިހުތިޔާރުގަ އެވެ. ކިހާ ރީތި ހެއްޔެވެ. ކިހާ ސްމާރޓް ހެއްޔެވެ.
“ހިބާ! އައި އޭމް ސޮރީ.” ފައުޒާން ބުނުމުން ހިބާ ސިހުނެވެ.
“ކީކޭ.” ހިބާއަށް ފައުޒާން ބުނި އެއްޗެއް ނޭގުނީ ހިބާ ހިޔާލެއްގައި އިނުމުން ނެވެ.
“ޒާން ހިބާ ދެކެ ވަރަށް ލޯބިވޭ. އެކަމަކު ކޮންމެ މީހަކަށް އެމީހަކު ލޯބިވާ މީހެއް ނުލިބޭނެ. ޒާން މަތިން ހިބާ ހަދާން ނައްތާލާ.” ފައުޒާން ބުންޏެވެ. ހިބާއަށް ކޮޅަށް ތެދުވެވުނެވެ. ހައިރާންވެ ހުރެ އެވެ. ފައުޒާން އެކިޔާ އެއްޗެއް ނޭގޭހެން ހިބާއަށް ހީވި އެވެ.
“ފައުޒާން! ހިބާ ކިހިނެއް ހަދާން ނައްތާލާނީ؟ ފައުޒާން ކީކޭ ތި ކިޔަނީ؟” ހިބާ ހުރީ ގަބޫލު ނުކުރެ ވިފަ އެވެ.
“މި ގުޅުން ދެން ކުރިއަށް ގެންދެވޭކަށް ނެތޭ މިބުނީ. ހަދާން ނައްތާ ނުލެވުނަސް ހިބާ ޖެހޭނީ އެކަން ކުރެވޭތޯ ބަލަން. މިނޫން ގޮތެއް ނެތް.” ފައުޒާން ބުންޏެވެ.
“ފައުޒާންއަކީ ފިރިހެނެއް ވެސް ނޫނެއްނު. ކުރިމަތިލާން ނުކެރޭ އިންސާނެއް. ރީތި ވަރުގަދަ ހަށިގަނޑެއް ލިބިފައި ހުއްޓަސް ފައުޒާންއަކީ ހަމަ ބޮޑު ފިނޑިއެއް.” ހިބާ ހުރީ ރުޅި އަންނަގޮތް ވެފަ އެވެ. ހިތުގައި ޖެހިފަ އެވެ.
“ހިބާ،” ފައުޒާންއަށް ގޮވާލެވުނެވެ. “ހިބާ ކޮންމެ އެއްޗެއް ކިޔަސް ޒާންއަކަށް ޒާންގެ މަންމައާއި ދެކޮޅަށް އެންމެ އެއްޗެއް ވެސް ނުބުނެވޭނެ.” ހިބާ ބުނި އެއްޗަކުން ހިތްހަމަ ނުޖެހިފައި ހުރުމުން ފައުޒާންއަށް ވާހަކަ ވެސް ދެއްކުނީ ތަންކޮޅެއް ބާރަށެވެ.
“ފައުޒާންގެ ހިތުގައި ވާ އެއްޗެއް ވެސް ފައުޒާން މަންމައާއި ހިއްސާއެއް ނުކުރެވޭނެތަ؟ ފައުޒާން މަންމަ ކައިރީ އެންމެ ފަހަރަކު ވެސް ބުނެބަލަ ފައުޒާން ބޭނުންވާ ގޮތް. ފަހަރެއްގައި ފައުޒާން މަންމަ އެކަމާ ގަބޫލު ވެސް ވެދާނެނު.” ހިބާ ގެ ލޮލުން މިހާރު ކަރުނަ ވަނީ ނިރާލާފަ އެވެ. ކިތަންމެ ހިތްވަރު ކުރިއަސް ރޮވެނީ އެވެ.
“ހިބާ، ޔޫ ކާންޓް އަންޑަރސްޓޭންޑް. މަންމަ ބޭނުމެއް ނުވާނެ އާއިލާ ތެރޭ އެއްވެސް މައްސަލައެއް ޖެހޭކަށް. މަންމަގެ ދަރިންގެ ފަރާތުން ވެސް އެކަހަލަ މައްސަލައެއް ޖެހޭ ދުވަހަކީ މަންމަ އެންމެ ދެރަވާނެ ދުވަހޭ މަންމަ އަބަދު ވެސް ބުނޭ.” ފައުޒާން ބުންޏެވެ.
“ހިބާ، ދިސް އިޒް އޯވަރ.” ފައުޒާން އެހެން ބުނެ ތިރިއަށް ފައިބައިގެން ދިޔައީ އެވެ. ހިބާ ފައުޒާންއަށް ބަލަން ހުރީ އެވެ. ގަބޫލު ނުކުރެވިފަ އެވެ. ފައުޒާންއަށް ވިސްނަދޭން ހިބާ ބޭނުން ވިއެވެ. ހަފީޒާ ހިބާ ދެކެވެސް ލޯބިވާ ވަރު މިއަދު ހިބާއަށް އެނގުނެވެ. ހަފީޒާ ހިބާއާއި ވެސް ގަބޫލު ވާނެޔޭ ހިބާގެ ހިތް ބުނަމުން ދިޔަ އެވެ. ނަމަވެސް ފައުޒާން އެވާހަކަ ނުބުނަންޏާ ހިބާ ބުނާނީ ވެސް ކިހިނެއް ހެއްޔެވެ. ހިބާއަށް ރޮވެން ފެށި އެވެ. ނަމަވެސް ހިބާ ހިތްވަރު ކުރެވޭތޯ ބެލި އެވެ.
އެރޭ އެންމެން ކާން ދިއުމަށް ނިކުތީ ހިބާ ކްލާސް ނިންމާފައި އައުމުން ނެވެ. ފިޒާއާއި ހަފީޒާއާއި ހިބާ ކާރަށް އެރިއިރު ވެސް ނަދުވާއެއް ތިރިއަކަށް ނާދެ އެވެ. ކާރަށް އަރާފައި ހަފީޒާ ފައުޒާންއަށް ގުޅާފަ ނަދުވާ ގޮވައިގެން އައުމަށް ބުންޏެވެ. ރިފާއާއި ފައްވާޒް ސައިކަލުގައި އައިސް މަޑުކޮށްލީ ދޮންމަނިކު ރެސްޓޯރެންޓްގެ ދޮރުމައްޗަށެވެ. މާގިނަ އިރެއްނުވެ ހަފީޒާމެން އެރި ކާރު ވެސް އައިސް އެތަނަށް މަޑުކޮށްލި އެވެ. އެންމެން އެތެރެއަށް ނުވަދެ މަޑުކޮށްލައިގެން ތިބީ ނަދުވާއާއި ފައުޒާން އަންނަން ދެނެވެ. ފައުޒާންއަށް ގުޅުމުން އަދިވެސް އިރުކޮޅެއް ވާނެ ކަމަށް ފައުޒާން ބުނުމުން އެންމެން އެތެރެއަށް ވަދެ އިށީނެވެ. ފިޒާއާއި ހިބާ އިށީނީ ކައިރި ކައިރީ އެވެ. މިހާރު ފިޒާއާއި ހިބާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ވެފަ އެވެ. ރިފާއާއި ފައްވާޒް އިށީނީ ހިބާއާއި ފިޒާއާއި ޖެހިގެންނެވެ. އެ އެންމެން ކުރިމަތީ ހަފީޒާ އިށީނެވެ. އެތަނަށް އައުމުގެ ކުރިން އޯޑަރު ދީފައި ވާތީ އައިސް އިށީންނަ އިރަށް އެއްޗިހި ގެންނަން ފެށި އެވެ.
“މީ ފެމިލީ ރެސްޓޯރެންޓެއް ދޯ. މިތާ އެއްޗިހި ވަރަށް މީރު ވާނެތަ؟ ދޮން ބަތުމެން އައިންތަ މިތަނަށް؟ ކީއްވެބާ މިތަނަށް ދޮންމަނިކު ކިޔަނީ؟ މިތާގެ ވެރިމީހާގެ ނަމަކީ އެއީ ކަންނޭގެ ދޯ.” ހިބާ އަނގަ ހުއްޓާ ނުލާ އެކި ވާހަކަ ދައްކަމުން ދިޔަ އެވެ.
“އާން، ވެދާނެ މިތާ އޯނަރގެ ދަރިފުޅުގެ ނަމަށް ވެސް.” ފިޒާ ހެމުން ބުންޏެވެ. ބައެއް ފަހަރު ހިބާގެ ވާހަކައިގައި ބައިވެރި ވެލަ އެވެ.
“ހިބާއަށް ގިނަ ލާރި ލިބިގެން ރެސްޓޯރެންޓެއް ހުޅުވާނީ.” ދައްކާނެ ވާހަކައެއް ނޭގިގެން އެންމެ ފަހުން ހިބާ ބުނެލި އެވެ.
“ތިހެން ވިއްޔާ ފިޒް އެންމެ ގިނައިން ކާން ދާނީ ތިތަނަށް.” ފިޒާ މަޖާ ވެލާފައި ބުންޏެވެ. “ފިޒްއަށް ޑިސްކައުންޓް ދޭންވާނެ.”
“އޮފްކޯޒް ފިޒާ.” ހިބާ ބުނެލި އެވެ. “ފިޒާމެން ފެމިލީ ކުދިންނަށް ހާއްސަ ވީ.އައި.ޕީ ތަންކޮޅެއް ހަދާފަ ބައިންދާނީ.”
ފިޒާ ހިނިގަޑެއް ޖަހާލި އެވެ. ހަފީޒާވެސް ހިނިއައިސްފައި އިނެވެ. އެވަގުތު ފައުޒާން ނަދޫއާއި އެކު އައިސް އެތަނަށް ވަންތަން ފެނުނެވެ. ނަދޫ ހުރީ ފައުޒާންގެ އަތުގެ މުލައްދަނޑީގައި ހިފާލައި ގެނެވެ. ހިބާގެ އަނގަ ކުއްލިއަކަށް މަޑު ވެއްޖެ އެވެ. އަދި ފައުޒާން މެނާ ދިމާއަށް ބަލައިލާފައި ކާން ފެށި އެވެ. ހިބާ ބަލަމުން ދިޔައީ އޭނާގެ ގޮތުގައި އަމަލުތައް ބެހެއްޓޭތޯ އެވެ. ނަމަވެސް އެކަން ވާގޮތެއް ނުވެ އެވެ. އަނގަ ތަޅަން އުޅެ އުޅެ ބުނާނެ އެއްޗެއް ވެސް ހިތަކަށް ނައެވެ.
ފައުޒާން ހިބާއަށް އިރުކޮޅަކާ ބަލައިލަ އެވެ. ކޮނމެ ފަހަރަކު ހިބާގެ މުޅި ހަށިގަނޑު ފިނިވެގެން ދެއެވެ. ފައުޒާން ފެނުމުން ހިބާއަށް މިވަނީ ކީއް ހެޔެވެ. ފައުޒާން އަކީ ހިބާއަށް ލިބޭނެ މީހެއް ނޫނެވެ. ދެން ކޮންމެހެން އެކަމާ ވިސްނާފައި ފައުޒާން އިނޭ ކިޔާފައި ހިބާ ވާހަކަ ނުދައްކައި އިންނަން ޖެހޭނެ ހެއްޔެވެ. ހިބާ އަމިއްލައަށް ހިތަށް އަރަމުން ދިޔަ އެވެ. ކޮންމެ ގޮތެއް ވިއަސް ފައުޒާންއާއި އެއް ފުރާޅެއްގެ ދަށުގައި އުޅޭއިރު ވާހަކަ ނުދައްކާ ނޫޅެވޭނެ ނޫން ހެއްޔެވެ.
“އަޒްކާ މެންވެސް ގޮވައިގެން އާދެވުނު ނަމަ ދޯ.” ހިބާ ކުއްލިއަކަށް މަޖާވެލާފައި ބުންޏެވެ. “އޭރުން ކިހާ މަޖާ ވާނެ.”
“އެބުނާހެން.” ރިފާ އެކަމާ އެއްބަސް ވެލަމުން ބުންޏެވެ. ފައްވާޒް ވެސް ސަމްސަލެއް އަނގައަށް ލަމުން ބޯ ޖަހާލި އެވެ.
“އަހަރެން ބޭނުންވީ މިގޮތަށް ހަމަ އެކަނި މި ފެމިލީ ގެޓްޓު ގެދަރ އެއް ހަދާލަން.” ހަފީޒާ ބުންޏެވެ.
“އެކަމަކު ހިބާ ވެސް އޭނީނު އައިސްސަ.” ނަދުވާ އިނދެފައި ފޫހި ގޮތަކަށް ބުންޏެވެ.
“ހިބާ އަކީ ފެމިލީ ކުއްޖެކޭ. އެހެންވީމަ ހިބާ ގެންނަން ޖެހޭނެނު.” ހަފީޒާ ނަދުވާއަށް ބަލައިލަމުން ބުންޏެވެ.
“އެއީ ތެދެކޭ،” ފައްވާޒް ވެސް އެއްބަސް ވެލަމުން ބުންޏެވެ.
ނަދުވާ މޫނަށް ވައްތަރެއް ޖެއްސިފައި ހިބާއަށް ބަލައިލި އެވެ. އެ ހިތުގައި އަނދަމުން އެދާ ހަސަދައަކީ އެއްވެސް މީހަކަށް ނިންވާލެވޭނެ ހަސަދައެއް ނޫނެވެ. ނަދުވާ ހިބާދެކެ ރުޅި އަންނަނީ ކީއްވެކަން ހުދު ނަދުވާއަށް ވެސް ނޭގެ އެވެ. އޭނަ ކުޑަ ވީމަ ހެއްޔެވެ. ޅަވީމަ ހެއްޔެވެ. ނޫނީ މާރީތި ވީމަ ހެއްޔެވެ. އެއީ ނަދުވާއަށް ވުރެން ހަގު ކުއްޖެއްކަން ނަދުވާއަށް އެނގެ އެވެ. ނަމަވެސް އޭނަގެ ހުރި ރީތި ކަމާއި ހިތްހެޔޮކަމުން މީހުންގެ ހިތްތައް ފަތަހަ ކުރަމުން އެދަނީ މީހަކު ހަސަދަ ނުވާ ވަރަކަށް ނޫން ވިއްޔާ އެވެ. އަދި މި ހިބާއަށް ހަދާން ނައްތާ ނުލެވޭ ވަރުގެ ލަޑެއް ދޭނަމޭ ނަދުވާ ހިތަށް އަރަމުން ދިޔަ އެވެ.
ޖެހިގެން އައި ދުވަހުގެ ރޭ ފިޒާ ފުރަނީ އެވެ. އެކަމާ އެންމެ ދެރަވެފައި ހުރީ ހިބާ އެވެ. ހިބާއާއި އެކު ހޭދަވި މަދު ދުވަސްކޮޅު ހިބާއަށް ވީ ވަރަށް އަގުހުރި މަޖާ ދުވަސް ކޮޅަކަށެވެ. ފިޒާއާއި ގުޅުން ބަދަހި ވެފައި ވަނީ ވަރަށް ވެސް ބޮޑަށެވެ.
“ހިބް، ސްކައިޕް ވައްޗޭ. ވީ ޗެޓް ވެސް ކުރާތި އިނގޭ. އެފް.ބީ އަށް ވެސް ވަންނައްޗޭ. ފިޒް ކިޔައިދިނީމެއްނު. ވައިބަރ އިން ވެސް މިހާރު ގުޅޭނެ.” ފިޒާ ހިބާއަށް ވަނީ ހުރިހާ ސޯސިއަލް ނެޓްވޯރކެއް ދަސްކޮށްދީފަ އެވެ.
“އާން. ހިބާ ކުންނާރު ވެސް ފޮނުވާނަން އިނގޭ.” ހިބާ ބޯ ޖަހާލަމުން ބުންޏެވެ. އަދި ސަލާން ކޮށްލި އެވެ. ފިޒާ ހީލި އެވެ.
ފިޒާ ދިއުމަށް ފަހު ހިބާއަށް އައީ ފޫހިވާ ފަދަ ދުވަސް ތަކެކެވެ. ފައުޒާން ބަލަނީ އެއްގޮތަކަށް ވެސް ގެއަށް ނާދެ ވޭތޯ އެވެ. ހިބާއާއި ކުރިމަތި ލާން ފައުޒާންއަށް އުނދަގޫ ވަނީ އެވެ. ހިބާ ފެންނަ ހިސާބުގައި ވެސް ހުންނަން ފައުޒާން ބޭނުން ނުވަނީ އެވެ. ގެއަށް އައިސް އަވަހަށް ފެން ވަރާލައިގެން ދަނީ އެވެ. ކައި ހަދަނީ ވެސް ގިނައިން ބޭރުން ނެވެ. އެގޮތަށް ދުވަސްތަށް ދާން ފެށި އެވެ. އަޒްކާއާއި ވެސް މިހާރު ދިމާވަނީ ކްލާހަށް ދާ ގަޑީގައި އެކަންޏެވެ. އަޒްކާއަށް ވެސް މިހާރު ހިބާއާއި އެކު އުޅޭކަށް ވަގެތެއް ނުލިބެ އެވެ. އަޒްކާ ވަގުތެއް ވާއިރަށް އުޅެނީ މާޒްއަށް ގުޅައިގެން އެހެން ނޫނީ މާޒްއާއި އެކު އެވެ. އަޒްމީލު ވެސް މިހާރު ނުފެންނަތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. އަޒުމީލު އުޅެނީ ކޮންމެސް ޓްރޭނިން އެއްގައި ކަމަށް އަޒްކާ ބުންޏެވެ.
ނަދީމާ ވެސް ނަވާ ގޮވައިގެން ޑޮކްޓަރަށް ދައްކަންދާން މެލޭޝިއާއަށް ފުރީ ނަދުވާ ވެސް ގޮވައިގެނެވެ. އޭގެ ދުވަސް ކޮޅެއް ފަހުން ރިފާ އާއި ފައްވާޒް ވެސް ފުރަން ތައްޔާރު ވަމުން ދިޔަ ނެވެ.
ހިބާ ހުންނަނީ ވަރަށް ދެރަވެފަ އެވެ. އެންމެން ދާތީ އެވެ. ރިފާއާއި ފައްވާޒް ފުރުމުގެ ކުރިން ވިލިގިއްޔަށް މޫދަށްދާން ރޭވީ ރިފާ އެވެ. ހޮނިހިރު ދުވަހު ހަފީޒާ ޑިއުޓީއަށް ދާން ޖެހުމުން ހަފީޒާއަކަށް ނުދެވުނެވެ. އެހެން ކަމުން އެދުވަހު ވިލިގިއްޔަށް ދާން ނިންމީ ޒުވާން ގުރޫޕު އެކަންޏެވެ.
ހިބާ ފެރީ ގިމަތައަށް ދާނެ މީހަކު ނެތިގެން އަޒުމީލުއަށް ގުޅުމުން އަޒުމީލު ފޯނެއް ނުނެގި އެވެ. އެހެންކަމުން ޓެކްސީއަކަށް ގުޅައިގެން ހުއްޓާ ޒެކް އައީ ކާރުގަ އެވެ. އެހެން ކަމުން ހިބާ އެރީ ކާރަށެވެ. ފައުޒާން އޮފީސް ޑިއުޓީ ނިންމާފައި އެމީހުނާ ބައިވެރި ވާނަން ކަމަށް ވަނީ ބުނެފަ އެވެ. އަޒުމީލު ވެސް އޮތީ ބައިވެރި ވާނެ ވާހަކަ ބުނެފަ އެވެ. ނަމަވެސް އަދި ވެސް ހަބަރެއް ނުވެ އެވެ.
One Comment
Comments are closed.
mibai ves varah reethi 🙂 Aasi ge vaahaka thah varah reethi 😀 keep it up!!