މިހިތުގެ ލޯތްބޭ ތީ 4
ދެވަނަ ފަހަރަށްވެސް ޝަރީފާ ދޮރު ހުޅުވާލާފައި ވަނުމުން އަނޫޝާ ސިހިފައި ތެދުވިއެވެ.
“ހޫނ… ދެން ތިހެން ރޯން އޮވޭ، އޭރުން ޝިޔާޒް އައިސް ސުވާލު ކުރާނީ” ޝަރީފާ ވަން ގޮތަށް ރުޅި އައިސްފައި ބުނެލިއެވެ.
އަނޫޝާ އަވަސްއަވަހަށް ލޯފޮހެލިއެވެ.
“މިއަދު އަހަރެން މިދެއްކި ވާހަކަ ޝިޔާޒްއަށް ނާންގާތި! އެހެން މީހަކަށްވެސް މިކަން އެނގިގެން ނުވާނެ، އަނޫޝާ ހަނދާން ކުރާތި އިނގޭ! އަދި ބުނަން؟ ޝިޔާޒް ގެޔަށް އައުމުގެ ކުރިން އަހަރެން ޖަވާބެއް ބޭނުން” އަނޫޝާއާ ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ އެހެން ބުނެފައި ޝަރީފާ އެކޮޓަރިން ނިކުތެވެ. އަނޫޝާ ދުވެފައި ގޮސް ދޮރު ތަޅުލާފައި އައިސް ރޮމުން ބަންޑުން އެނދުމައްޗަށް ވެއްޓިގަތެވެ.
އެދުވަހު ހެނދުނު އަނޫޝާ ސައިބޯކަށްވެސް ތިރިއަކަށް ނުފައިބައެވެ. އެނދުގައި އޮށޯވެގެން އޮވެ އެތައް އިރެއް ވަންދެން އަނޫޝާ ވިސްނީ އެކަމުގައި އަނޫޝާ އެދޭ ގޮތަށް ކަންތައް ވާނެ ގޮތެއް އޮތްތޯއެވެ. ނަމަވެސް ވިސްނާ ވިސްނާ ބޮލުގަ ރިއްސަން ފެށިއިރުވެސް އަނޫޝާއަކަށް އަލިމަގެއް ނުފެނުނެވެ. އެތައް ފަހަރަކު އެވާހަކަ ޝިޔާޒް ކައިރީ ނޫނީ ޝައުފާ ކައިރީގައި ބުނާނަމޭ ހިތައް އެރިއެވެ. ނަމަވެސް އެހެން ހަދައިފި ނަމަ ޝަރީފާ އަންނާނެ ރުޅި ހިތައް އަރާފައި އެހިޔާލު ދޫކޮށްލިއެވެ. އަނެއް ކޮޅުން އެކަން އެނގުމުން ޝިޔާޒް އެކަމާ އެއްގޮތަކަށްވެސް ގަބޫލު ނުވާނެ ކަންވެސް އަނޫޝާއަށް ޔަގީނެވެ. އަދި އަނޫޝާގެ އުފަލަށްޓަކާ އަމިއްލަ އުފާ ގުރުބާން ކޮށް މިޒްނާ ދޫކޮށްލަންވެސް ޝިޔާޒް ފަހަކަށް ނުޖެހޭނެކަން އަނޫޝާއަށް އެނގެއެވެ.
މެންދުރަށް ކައްކަން ވެގެން ދިހައެއް ޖަހަން އުޅެނިކޮށް އަނޫޝާ ފޭބި އިރު ޝަރީފާވެސް އަދި ޝަމްހާވެސް ފެންނާކަށް ނެތެވެ. އެކަކުވެސް ފެންނަން ނެތުމުން ހިތްހަމަޖެހުމުގެ ނޭވައަކާ އެކު ބަދިގެއަށް ވަދެ އަވަސްއަވަހަށް ކައްކާ ނިންމާފައި ކާމޭޒުމަތި ތައްޔާރު ކޮށްލާފައި އަނޫޝާ އަނެއްކާވެސް އެރީ މައްޗަށެވެ. އެވަގުތު ޝަރީފާ ކުރާނެ ސުވާލުތަކަށް ޖަވާބު ދޭނެ ހިތްވަރެއް އަނޫޝާގެ ކިބަޔަކު ނެތެވެ.
އިރުއޮއްސެން ކައިރިވަމުން ދިޔަ ވަރަކަށް އަނޫޝާގެ ނުތަނަވަސްކަން ދިޔައީ އިތުރު ވަމުންނެވެ. ޝިޔާޒް އޮފީހުން އައުމުގެ ކުރިން ޝަރީފާ އަނޫޝާގެ ޖަވާބު ބަލާ އަންނާނެކަން އެނގޭތީ އަދިވެސް އެކަމާ ވިސްނެނީއެވެ.
ޝިޔާޒްގެ އުފަލަކަށް ހުރަސް އެޅިދާނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް އަނޫޝާ ބޭނުމެއް ނޫނެވެ. އެގެއަށް އައި ފަހުން އަނޫޝާގެ ހިމާޔަތުގައި މިއަދާ ހަމައަށްވެސް ހުރި ހަމަ އެކަނި މީހަކީ ޝިޔާޒްއެވެ. އެކަން އަނޫޝާ ދަނެއެވެ. ޝިޔާޒްއަށް ވުރެން ބޮޑަށް އަނޫޝާ ލޯބި ވާ މީހަކު އެއާއިލާއަކު ނުހުންނާނެއެވެ. އެއްބަނޑު އެއްބަފާ މީހަކު ހުއްޓަސް އެމީހެއް ދެކެވެސް އަނޫޝާ ލޯބިވާނީ އެވަރަށެވެ.
ހަމަ އެހެން ޝަމްހާ ދެކެވެސް އަނޫޝާ ލޯބިވެއެވެ. ޝަމްހާ އަނޫޝާއާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އަނޫޝާ ދެކޭ ގޮތުގަ ޝަމްހާއަކީވެސް އަނޫޝާއާ އެއްބަނޑު އެއްބަފާ ދައްތައެކެވެ. ޝައުފާއާ ޝަމްހާއާ އަދި ޝިޔާޒްއަކީވެސް އަނޫޝާގެ އާއިލާއެވެ. ޝިޔާޒްގެ އުފަލަށް އެދޭ ފަދައިން އަނޫޝާ ޝަމްހާގެ އުފަލަށްވެސް އެދެއެވެ.
ނަމަވެސް އެއީ އުނދަގޫ ކަމެކެވެ. ލޯބި ވެވުމަކީ އެހާ އުފަލާ ހިތްހަމަޖެހުން އިހުސާސް ކުރެވޭ ކަމެއް ކަން އަނޫޝާއަށް އެނގުނު އިރު އެލޯތްބާ ވަކި ވުމަކީ ހަމަ އެހާ ވޭނާ ހިތްދަތިކަން އިހުސާސް ކުރެވޭނެ ކަމެއްކަން ވިސްނުނު ނަމައެވެ.
މަންމައާ ބައްޕަގެ ވަކިވުމަށް ފަހު އަނޫޝާއަށް ލިބުނު ހަމައެކަނި އުފާވެސް އަނޫޝާގެ މިލްކަކަށް ނުވީ ހެއްޔެވެ. ޒިހާންގެ ލޯތްބާވެސް އަނޫޝާ ޖެހޭނީ ވަކިވާން ހެއްޔެވެ. އެހެން މީހުންގެ އުފަލަށްޓަކާ އަނޫޝާއަށް ޖެހޭނީ ލޯބި ގުރުބާން ކުރަން ހެއްޔެވެ. އަދި އެވަރަކުން ފުދުނީކީ ނޫނެވެ. ލޯބި ނުވާ މީހަކާ އަމިއްލަ ދިރިއުޅުން ހަވާލު ކުރަންވެސް މަޖުބޫރު ވީއެވެ.
އަމިއްލަ ހިތާ ޝަކުވާ ކުރަމުން އަނޫޝާއަށް ރޯން އޮވެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ޝަރީފާ އަނޫޝާއަށް ގޮވާލަމުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށް އަނޫޝާ ތެދުވެ މޫނު ފޮހެލާފައި ގޮސް ދޮރު ހުޅުވިއެވެ.
“ތިހެން ރުޔަކަސް މިކަންތައް ހައްލެއް ނުވާނެ އިނގޭ… އަނޫޝާ ޖެހޭނީ ޒިހާން ދޫކޮށްލާފަ މިޝާލްއާ އިންނަން” ޝަރީފާ އަނޫޝާގެ މޫނަށް ބަލާލާފައި ބުނެލިއެވެ.
“ދައްތާ…” އަނޫޝާއަށް އާދޭހުގެ ރާގެއްގައި ގޮވާލެވުނެވެ. ނަމަވެސް ޝަރީފާގެ ހިތުގައި އަނޫޝާއާ މެދު އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތެވެ.
“މަށަށް ގޮވިޔަކަސް މިކަމުގަ މަށަށް ކުރެވޭނެ ކަމެއް ނެތް… ހުރިހާ ކަމެއްވެސް އޮތީ އަނޫޝާގެ އަތުގަ… މިހާރު އެއޮއް އިރު އޮއްސެނީ، ޝިޔާޒްވެސް މިހާރު އަންނާނެ، އަނެއްކާ ނަސީރާ ގުޅާނެ އިރުކޮޅަކުން… އަހަރެން ކީކޭ ބުނަންވީ؟” ޝަރީފާ ކުރަން އައި ސުވާލު ކޮށްލިއެވެ. ހީވީ އެކަމުގައި އަނޫޝާ ބޭނުން ގޮތެއް ނިންމުމުގެ ފުރުސަތު ދިންހެނެވެ.
ކިތަންމެ ބޭނުން ވިޔަސް ޝަރީފާގެ ހުށަހެޅުމާ ދެކޮޅު ހަދަން އަނޫޝާއަކަށް ނުކެރޭނެ ކަން ޝަރީފާއަށް އެނގެއެވެ. އަދި އަނޫޝާ ޝިޔާޒްއަށް ދެރައެއް ވެދާނެ ފަދަ ކަމެއް ނުކުރާނެ ކަންވެސް ޝަރީފާއަށް ޔަގީންވެއެވެ. އެސުވާލުގެ ޖަވާބުގައި އަނޫޝާ ބުނާނީ ކީކޭކަންވެސް ޝަރީފާއަށް އެނގެއެވެ. ނަމަވެސް ސުވާލު ކުރީ އަނޫޝާގެ އަނގައިން އެކަމަށް އެއްބަސް ކުރުވާށެވެ.
އަނގައިން ނުބުނެ އިސް ޖަހައިގެން އަނޫޝާ ހުރީ ގޮތެއް ނުނިންމިގެނެއް ނޫނެވެ. ޖަވާބު ދޭން އަނޫޝާއަށް ފަސް ޖެހެވެނީ އެކަންތައް ޒިހާންއަށް އެނގުމުން ވާނެ ގޮތަކާ މެދު ވިސްނެތީއެވެ. އަނޫޝާ އެގޮތަށް ކަންތައް ކުރުމުން ޒިހާން ދެރަވާނެ ވަރު އިހުސާސް ކުރެވޭތީއެވެ. ޖަވާބެއް ދިނުމުގެ ކުރިން ޒިހާންއާ ވާހަކަ ދައްކަން ބޭނުން ވާތީއެވެ.
ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ޒިހާންއަށް އެއްވެސް ކަމެއް ނާންގާ ޝަރީފާއަށް ޖަވާބު ދިނުން ކަން އަނޫޝާއަށް އެނގެއެވެ. އެގޮތަށް ކަންތައް ކުރުމުން ޒިހާން ކުށްވެރި ކުރާނީ އަނޫޝާ ކަން އަނޫޝާއަށް އެނގެއެވެ. ޒިހާން ދެރަ ވާނެއެވެ. އަނޫޝާ ދެކެ ރުޅިވެސް އަންނާނެއެވެ.
ފުރަތަމަ އަނޫޝާ ޒިހާންއާ ވާހަކަ ދައްކައިގެން އެކަން ނިންމަން އުޅެފި ނަމަ ޒިހާން އެތައް ސުވާލެއް ކުރާނެއެވެ. ސަބަބު ހޯދަން އުޅޭނެއެވެ. އަނޫޝާގެ ނިންމުން ބަދަލު ކުރަން މަސައްކަތް ކުރާނެއެވެ. އެފުރުސަތު ޒިހާންއަށް ދޭކަށް އަނޫޝާ ބޭނުމެއް ނޫނެވެ. ޒިހާންއާ ވާހަކަ ދައްކަން ވެއްޖެ ނަމަ އަނޫޝާގެ ނިންމުން ބަދަލު ވެދާނެތީ އަނޫޝާ ބިރު ގަނެއެވެ. އެންމެ ރަނގަޅު ގޮތަކީ އެކަމާ އިތުރު ސުވާލެއް ކުރުމެއް ނެތި ޒިހާން އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދިޔުމެވެ.
“އަނގައިން ނުބުނެ ހުއްޓަސް އަހަރެން އަނޫޝާ ބޭނުންހާ ގޮތަކަށް ކަންތައް ވިޔަކަ ނުދޭނަން ކަން ހަނދާން ކުރާތި! އަނޫޝާ ކައިރީގަ މިއަހަނީ ކޮންމެހެން އަނޫޝާގެ ބުނާ އެއްޗަކަށް ބަލާފަ ނަސީރާއަށް ޖަވާބެއް ދޭކަށް ނޫން، އަނޫޝާ ކޮންމެ އެއްޗެއް ބުންޏަސް އަހަރެން ޝިޔާޒްއަށް ދެރައެއް ލިބުނަކަ ނުދޭނަން” އަނޫޝާ އެއްޗެއް ނުބުނެ ހުރުމުން ޝަރީފާ ގާތަށް ރުޅި އައެވެ.
“ދައްތާ، ދޮންބެއަށް ދެރަވާ ގޮތަކަށް އަހަރެން އެއްވެސް ކަމެއް ނުކުރާނަން… ދައްތަ ބުނޭ މިޒޫ މަންމަ ކައިރީގަ އަހަރެން… އަހަރެން އާއެކޭ ބުންޏޭ…” ލޯމަރާ ބާރު ކޮށްލަމުން އަނޫޝާ އޭނަގެ ނިންމުން ޝަރީފާއަށް އިއްވާލީ ހިތާ ދެކޮޅަށެވެ.
ޝަރީފާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޝިޔާޒް އައިސް ދޮރު ހުޅުވާލިއެވެ. ޝަރީފާއަށާ އަނޫޝާއަށް ދޮރާ ދިމާއަށް ބަލާލެވުނި އެކުއެކީގައެވެ. ޝިޔާޒް ފެނުމާއެކު އަނޫޝާ އަވަސްއަވަހަށް ދެއަތުން މޫނު ފޮހެލިއެވެ.
އަނޫޝާގެ ކޮޓަރިން ޝަރީފާ ފެނުމާއެކު ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ޝިޔާޒްއަށް ޔަގީން ވިއެވެ. އެނދު ކައިރީގައި ކޮޅަށް ހުރި އަނޫޝާއަށް ޝިޔާޒް ބަލާލިއެވެ.
“މިހާރު ކޮންކަމަކާ އަނޫއާ ދިމާލަށް ތި އެއްޗެހި ކިޔަނީ؟” ހިތްހަމަ ނުޖެހިފައި ޝިޔާޒް އަހާލިއެވެ.
“އަހަރެން އަނޫއާ ދިމާލަކަށް އެއްވެސް އެއްޗެއް ނުކިޔަން، އަބަދު ރޮވިފަ ހުންނަ މީހަކު ހުންނާނީ އެހެން އަބަދުވެސް، މީހަކު އެއްޗެއް ކިޔައިގެނެއް ނޫނޭ އޭނަ އެހެން ހުންނަނީކީ” ޝަރީފާ ނިކުންނަމުން ބުންޏެވެ.
“އަނޫ، މަންމަ ކީކޭ ކިޔާފަ އެދިޔައީ؟” ޝިޔާޒް އަހާލިއެވެ.
“ނުބުނޭ އެއްވެސް އެއްޗެއް” އަނޫޝާ އެނދުމަތީ ހުރި ބާލީސްތައް ރީތި ކުރަން ފެށިއެވެ.
“އާނ، މަންމަ ނުބުނާނެ އެއްޗެއް، އެކަން އަހަރެންނަށްވެސް އެނގޭ. އެހެން އެހި އިރުވެސް އެނގޭ އަނޫ ނުބުނާނެކަން” ޝިޔާޒް އެހެން ބުނެފައި ނިކުންނަން ދިޔައެވެ. ނަމަވެސް ކޮޓަރިން ބޭރަށް ނުކުމެފައި ޝިޔާޒް އަނެއްކާވެސް ވަނެވެ.
“އަދި ބުނަން އައި ވާހަކަ ހަނދާން ނެތިގެން ނުބުނެވި މި ދެވެނީ، އަނޫ، ޒިހާން ބުނި މިރޭ އަންނާނަމޭ އިނގޭ” ޝިޔާޒް ބުންޏެވެ. އަދި ޓައީ ނައްޓަމުން ނިކުތެވެ.
އަނޫޝާ އެނދުގައި އިށީނެވެ. މުޅި ދުވަހުގެ ހާސްކަމާ ވަރުބަލިކަމަށް ފަހު ހިތްހަމަޖެހުން ގެނެސްދޭ ޚަބަރުން މިރޭ އަނޫޝާއަށް އިހުސާސް ކުރެވުނީ ނުތަނަވަސްކަމެވެ. މިރޭ ޒިހާން އައުމުން އަނޫޝާ ޒިހާން ގާތު ބުނާނީ ކީކޭ ބާއެވެ. ޒިހާންގެ ލޯތްބަށް ފުރަގަސް ދީފައި އެހެން މީހަކާ ގުޅެން ނިންމި ވާހަކަ ޒިހާން ގާތު ބުނާނީ ކިހިނެއް ހެއްޔެވެ.
އެތައް އިރެއް ވަންދެން އެކި ގޮތްގޮތަށް ވިސްނައިގެންވެސް އަނޫޝާއަށް އެވާހަކަ ޒިހާން ގާތު ބުނާނެ ރަނގަޅު ގޮތެއް ނުނިންމުނެވެ. އެންމެ ފަހުން އެރޭ އަށްގަޑި ބައިވާން އުޅެނިކޮށް ޒިހާން ދޮރުގަ ޓަކި ޖަހާލާފައި އެކޮޓަރިއަށް ވަން އިރުވެސް އަނޫޝާ އިނީ އެވިސްނުމުގައެވެ.
“އަނޫ…” ޒިހާން ގޮވާލިއެވެ. އަނޫޝާ އިސް އުފުލާ ޒިހާންއާ ދިމާއަށް ބަލާލިއެވެ.
“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން މިރޭ މިއައީ. ކުރީރޭވެސް އުޅުނިން ބުނަން، އެކަމަކު… އަނޫ…” ޒިހާން އަނޫޝާގެ ދެއަތް ތިލައިގައި ހިފާލިއެވެ. އަދި އަނޫޝާގެ ދަތްދޮޅީގައި އެއްއަތުން ހިފާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“އަހަރެން ބޭނުން ވީހާވެސް އަވަހަކަށް އަނޫއާ މެރީ ކުރަން…” ހީލާފައި ޒިހާން ބުންޏެވެ. އަނޫޝާގެ ޖަވާބަކީ ކޮބާ ކަމާމެދު ޒިހާންގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. އަނޫޝާ ބުނާނީ އާއެކޭ ކަމާ މެދު ޒިހާންއަށް ސަތޭކަ ޕަސެންޓް ޔަގީންކަން އޮތެވެ.
ދުވަހަކުވެސް އެވަރުގެ ފޮނި ބަސްކޮޅެއް އަނޫޝާ އަޑު އަހާފައެއް ނެތެވެ. އަނޫޝާއަށް ޒިހާންއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީ ގަބޫލު ނުކުރެވިފައެވެ. އެ ޖުމްލައެއް އަޑު އެހުމަށް އެހާ އިންތިޒާރު ކުރި ޖުމްލައެއް މީގެ ކުރިން އަނޫޝާ ގާތު މީހަކު ބުނެފައެއް ނެތެވެ. އިޚްތިޔާރަކާ ނުލާ އަނޫޝާއަށް ހިނިތުންވެލެވުނެވެ. ޒިހާންގެ އަތްތިލައަށް ފިތާލެވުނެވެ.
ނަމަވެސް ދެވަނަ ސިކުންތުގައި އަނޫޝާގެ ހިނިތުންވުން ގެއްލުނެވެ. އާއެކޭ ބުނަން ހުޅުވާލި އަނގައިން އިވުނީ ގިސްލުމެއްގެ އަޑެވެ. ހަމަ އެއާއެކު ޒިހާންގެ އަތާ އަނޫޝާގެ އަތްތިލަ ވަކިކޮށްލެވުނެވެ. ހުވަފެނީ ދުނިޔެއިން ނިކުމެވުނީއެވެ. އުފަލަކީ އަނޫޝާއަށް ލިބެން ނެތް އެއްޗެއްކަން ހަނދާން ވީއެވެ.
“އަނޫ، ކިހިނެއްވީ؟” ހާސްވެފައި ޒިހާން އަނެއްކާވެސް އަނޫޝާގެ އަތުގަ ހިފަން އުޅުނެވެ. ނަމަވެސް އަނޫޝާ ޒިހާންގެ އަތް ފޮޅުވާލިއެވެ. އަދި އެނދުން ތެދުވެގެން ޒިހާންއާ ދުރަށް ދިޔައެވެ.
“އަނޫ… ކިހިނެއްވީ؟” ޒިހާންވެސް ތެދުވިއެވެ. އަދި އައިސް އަނޫޝާ ކައިރީގައި މަޑުކޮށްލަމުން އަނެއްކާވެސް ވީކީށްތޯ އަހާލިއެވެ. ކަންބޮޑު ވެފަ ހުރެއެވެ.
“ސޮރީ ޒިހާން، އަހަންނަށް ޒިހާންއަކާ މެރީއެއް ނުކުރެވޭނެ” އަނޫޝާ ބުންޏެވެ. މަޑު މަޑުންނެވެ. ނަމަވެސް އެއަޑު ޒިހާންއަށް އިވުނީ ބާރަށެވެ. ވަރަށް ބާރަށެވެ.
“ކީށްވެ؟” ޒިހާންއަށް އަހާލެވުނެވެ.
އަނޫޝާ އެއްޗެއް ނުބުނެ ދުރަށް ފިޔަވަޅެއް އަޅާލިއެވެ.
“އިހަށް ވީގޮތެއް ބުނެބަލަ!” ޒިހާން އަނޫޝާގެ ކޮނޑުގަ ހިފާ ޒިހާންއާ ދިމާއަށް އަނބުރާލަމުން އަހާލިއެވެ. އެއްވެސް ސަބަބެއް ނެތި އަނޫޝާ އެހެން ނުބުނާނެކަން ޔަގީން ވާތީއެވެ. އަނޫޝާ ޒިހާން ދެކެ ލޯބިވާކަން އެނގޭތީއެވެ. އަނޫޝާގެ އެޖަވާބުގެ ފަހަތުގައި ކޮންމެވެސް ބޮޑު ކަމެއް ފޮރުވިފައި އޮންނާނެކަން އެނގޭތީއެވެ. އެހެން ނޫން ނަމަ އެއާއިލާއިން އަނޫޝާއަށް ލިބެމުންދާ ހިތްދަތި ކަމުގެ ތެރޭން ސަލާމަތް ވުމަށް ޒިހާންގެ ފަރާތުން ލޯތްބާއެކު އެލިބުނު ފުރުސަތު އަނޫޝާ ދޫކޮށެއް ނުލާނެއެވެ.
މީ އަނޫޝާއަށް މަޖުބޫރު ވެގެން ނިންމި ނިންމުމެއް ކަން ޒިހާންއަށް އެނގޭކަށް އަނޫޝާ ބޭނުމެއް ނޫނެވެ. އެހެންވެ ސަބަބެއް ބުނެދޭކަށްވެސް އަނޫޝާ ބޭނުމެއް ނޫނެވެ. ޒިހާންގެ ކުރިމަތީގަ ދެރަވެ ރޯކަށްވެސް އަނޫޝާ ނޭދެއެވެ. އެހެން ނަމަވެސް ގަދަކަމުން ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ކަރުނައެއް އަނޫޝާއަކަށް ނުހިފެހެއްޓުނެވެ.
“ކަމެއް ނުވޭ… ހަމަ ބޭނުން ނޫނީ” ޒިހާންއަށް ފުރަގަސް ދެމުން އަނޫޝާ ބުންޏެވެ.
“ކަމެއް ނުވެ އަނޫ ތިހެން ނުބުނާނެ ކަން އަހަންނަށް އެނގޭ. ޕްލީޒް، ބުނެބަލަ، ކިހިނެއްތަ ވީ؟” ޒިހާން އަނެއްކާވެސް އަނޫޝާގެ ކޮނޑުގަ ހިފާލާފައި އަނބުރާލަމުން އެހިއެވެ. އަނޫޝާގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފޮހެދިނީ ލޯތްބާ އެކީއެވެ.
“ޒިހާން ތުއްތައާ މެރީ ކުރޭ” އަނޫޝާގެ މޫނުން ޒިހާންގެ އަތް ވަކިކޮށްލަމުން އަނޫޝާ ބުންޏެވެ.
ޒިހާންއަށް ލިބުނީ ހައިރާން ކަމެވެ. އަނޫޝާ އެހެން ބުނަން ވީ ސަބަބެއް ޒިހާންއަށް ނުވިސްނޭތީއެވެ.
“ކީށްކުރަން އަހަރެން ޝަމްހާއާ މެރީ ކުރަންވީ؟” ޒިހާން އަހާލިއެވެ.
“ތުއްތަ ވަރަށް ލޯބިވޭ ޒިހާން ދެކެ… ޒިހާން، އަހަންނަށް ކުރިން އެކަމެއް ނޭނގޭ. އެނގޭ ނަމަ އަހަރެން ޒިހާންއާ—” އަނޫޝާ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ ޒިހާންއެވެ.
“އަނޫ އަހަރެން ދެކެ ލޯބިވާކަން އޭނައަކަށް ނޭނގޭތަ؟ އެކަން އެނގޭ އިރު އޭނަ ކީށްވެތަ އަނޫއަށް ޓަކާ ދޫކޮށްނުލަންވީ؟ އަނޫތަ ޖެހެނީ އެހެން މީހުންގެ އުފަލާ މެދު އަބަދުވެސް ވިސްނަން؟” ޒިހާން ހިތްހަމަނުޖެހިފައި ސުވާލު ތަކެއް ކޮށްލިއެވެ.
“ޒިހާން، ޕްލީޒް… ތުއްތަގެ ހިތް ހަލާކު ކޮށްފަ އަހަންނަށް އުފަލުންނެއް ނޫޅެވޭނެ… އަހަންނަށް އެކަމެއް ނުވާނެ… ޒިހާންއާ މެރީއެއް ނުކުރެވޭނެ… ޕްލީޒް… އަހަރެންގެ ފަރާތުން އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް އަހަރެން ނޭދެން” އަނޫޝާ ހާސް ވީ ޝަމްހާއަށް ވުރެން ބޮޑަށް ޝިޔާޒްއާ މެދުގައެވެ. ޒިހާންއަށް ވިސްނައިދެވޭތޯ އަދިވެސް މަސައްކަތް ކުރަމުން އަނޫޝާ ދިޔައީ ޝިޔާޒްއަށް ޓަކައެވެ.
“އަނޫ، އެހެން ހުރިހާ މީހުންގެ އުފަލާ މެދު ވިސްނާ އިރު އަނޫ އަހަންނާ ދޭތެރޭ ވިސްނައެއް ނުލަންތަ؟ އަހަރެން ލޯބި ވަނީ އަނޫ ދެކެއޭ، ޝަމްހާ ދެކެއެއް ނޫނޭ… އޭނަ ދެކެ އަހަންނަށް ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ. އެންމެ ފަހަރަކު އެހެން މީހުންނާ މެދު ނުވިސްނާ އަމިއްލަ އުފަލަށް ކަމެއް ކޮށްލަބަލަ އަނޫ، އަނޫ އަމިއްލަ ނަފްސަށް ޓަކާ ނޫނިއްޔާ އަހަންނަށް ޓަކާ، ޕްލީޒް” ޒިހާން އަނޫޝާގެ ދެއަތްތިލައިގަ ހިފާލަމުން އާދޭސް ކުރާ ރާގަކަށް ބުނެލިއެވެ.
އަނޫޝާއަށް ލޯ މަރާލެވުނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވާން މަސައްކަތް ކުރަމުން ދިޔައެވެ.
“އަނޫ، ޕްލީޒް… އައި ލަވް ޔޫ… އަހަންނަށް އެނގޭ އަނޫވެސް އަހަރެން ދެކެ ވަރަށް ލޯބިވާކަން…” ޒިހާން ބުންޏެވެ.
އަނޫޝާ ޒިހާންގެ އަތް ފޮޅުވާލިއެވެ.
“ޒިހާން ގަބޫލު ކޮށްބަލަ، އަހަރުމެން ދުރު ވީމަ ތުއްތައަށް އޭނަގެ ލޯބި ހާސިލް ވާނީ… އަހަރެން ނޭދެން އަހަރެންނާ ހެދި އޭނަ ދެރަ ވާކަށް” ޝިޔާޒްގެ ވާހަކަ ނުބުނެ ޒިހާން އެއްބަސް ވޭތޯ އަނޫޝާ މަސައްކަތް ކުރަމުން ދިޔައެވެ.
“އަނޫ ޝަމްހާއާ މެދު ތިވަރަށް ވިސްނާ އިރު އޭނަ އެއްފަހަރުވެސް އަނޫގެ އުފަލަށް ކަމެއް ކޮށްދިންތަ؟” ޒިހާން އެހިއެވެ.
“އެހެން ހަދައިގެން އަހަންނަކަށް އުފަލެއް ނުލިބޭނެ… އެހެން ނޫނަސް ތިވާހަކައެއް ނޫނެއްނު މިދައްކަނީކީ؟ ޒިހާން، ޕްލީޒް، ތުއްތައާ މެރީ ކުރަން އެއްބަސް ވެބަލަ…” އަނޫޝާ އެދުނެވެ.
“އަނޫ ހީކުރީތަ އަނޫ ބުނާ އިރަށް އަހަރެން އަނޫ ބުނާ ކޮންމެ މީހަކާ އިންނާނެ ކަމަށް؟” ޒިހާން ހިތްހަމަ ނުޖެހިފައި އެހިއެވެ.
“ޕްލީޒް…”
“އަނޫ އާދޭސް ކުރިޔަސް އަހަރެން ޝަމްހާއަކާ ނީންނާނަން، އަހަރެން އިންނާނީ އަހަރެން ބޭނުން މީހަކާ، އަނޫއާ” ޒިހާން އަނެއްކާވެސް ގޮސް އަނޫޝާގެ ކުރިމަތީ ހުއްޓުނެވެ. “އަނޫ، ތިހެން ނަހަދަބަލަ… އާއެކޭ ބުނެބަލަ” އަނޫޝާގެ މޫނުގައި ދެއަތުން ހިފާލަމުން ޒިހާން މަޑުމަޑުން ބުންޏެވެ.
“ދެން ނާހާ ޒިހާން، އަހަންނަކަށް ޒިހާން އަކާ ނީނދެވޭނެ… ޕްލީޒް، ގަބޫލު ކޮށްބަލަ” ޒިހާންގެ އަތް ދުރުކޮށްލަމުން އަނޫޝާ ފަހަތަށް ޖެހިލިއެވެ.
އިރުކޮޅެއް ވަންދެން ޒިހާން އެއްޗެއް ނުބުނެ އަނޫޝާއާ ދިމާއަށް ބަލަން ހުއްޓެވެ. އެމިނަޓެއްހާ އިރު އަނޫޝާއަށް ހީވީ ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ހެންނެވެ. ޒިހާން ދެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އަނޫޝާ ހުރީ ބާރުބާރަށް ތެޅެމުންދާ ހިތަކާ އެކީގައެވެ.
“އެންމެ ރަނގަޅު… އަނޫ އަހަންނާ އިންނަން ބޭނުން ނުވަންޏާ އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެ… ހަމަ އެގޮތަށް އަނޫއަކަށްވެސް އަހަންނަށް މަޖުބޫރެއް ނުކުރެވޭނެ. އަހަރެން ކޮންމެ މީހަކާ އިނަސް، އަދި މީހަކާ ނީނދެ ހުންނަން ޖެހުނަސް ޝަމްހާ އަކާ ނީންނާނަން” ޒިހާން އޭނަގެ ނިންމުން އިއްވާލިއެވެ.
“ޒިހާން، އަހަރެން ދެކެ—” އަނޫޝާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އަނޫޝާ ބުނަން އުޅުނު އެއްޗެއް ޒިހާންއަށް އެނގުނީ ކަންނޭނގެއެވެ. އަނޫޝާގެ ވާހަކަ ހުއްޓުވުމުގެ ގޮތުން ޒިހާން އަނޫޝާއާ ދިމާއަށް އަތްތިލަ ދިއްކޮށްލީ މަޑު ކޮށްލާށޭ ބުނާ ފަދައިންނެވެ.
“އަނޫ، ނުބުނާތި ތިހެން! އަހަރެން ލޯބިވޭ އަނޫ ދެކެ، ވަރަށް ލޯބިވޭ. އެކަމަކު އޭގެ މާނައަކީ އަނޫ ބުނެގެން އަހަރެން އަނޫ ދޫކޮށްލާފަ އެހެން މީހަކާ އިންނާށެކޭ ނޫން. އަނޫ ބުނާހާ ކަމަކަށް އެއްބަސް ވާށެކޭ ނޫން. ލޯބީގެ މާނަ އަހަރެންވެސް ތިގޮތަށް ނަގާ ނަމަ ބުނަން ވީ އަނޫވެސް އަހަރެން ދެކެ ލޯބި ވަންޏާ އަހަންނާ މެރީ ކުރާށޭ. އެކަމަކު އަހަރެން އެހެންނެއް ނުބުނާނަން. އަހަންނަށް އެނގޭ އަނޫ އަހަރެން ދެކެ ލޯބި ވާކަން، ތިހެން ތިހަދަނީ ކޮންމެސް ސަބަބެއް އޮވެގެން ކަންވެސް އެނގޭ…. ކޮންމެސް ގޮތަކުން އަހަރެން އެސަބަބުވެސް ހޯދާނަން” ދެރަވެ ހުރެ ވާހަކަ ދައްކަމުން ދިޔަ ޒިހާން އެންމެ ފަހު ޖުމްލަ ބުނެލީ އަޒުމާ އެކީގައެވެ.
އަނޫޝާއަށް ނުދައްކަން ކިތަންމެ މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް ޒިހާންގެ ހިތް ރޮނީއެވެ. އަނޫޝާގެ އެ ނިންމުމުގެ ފަހަތުގައި ކޮންމެވެސް މަޖުބޫރީ ސަބަބެއް އޮންނާނެކަން ޔަގީން ވާއިރުވެސް އެހިތަށް ވިސްނައިދޭން ކުރާ މަސައްކަތުން ފައިދާއެއް ނުކުރިއެވެ. ހިތާހިތާ ޝަކުވާ ކުރެވެނީއެވެ. އަނޫޝާގެ ދެއަތުގަ ހިފާ ތަޅުވައިގަންނަން ޒިހާން ބޭނުންވެއެވެ. ހަޅޭ ލަވާފައި އެނިންމުން ބަދަލު ކުރާށޭ ބުނެ އާދޭސް ކުރަން ހިތް އެދެއެވެ. ނަމަވެސް މިހާރުވެސް މަޖުބޫރު ވެފައި ހުރި އަންހެން ކުއްޖަކަށް ޒިހާންގެ ފަރާތުން އިތުރު މަޖުބޫރީތަކަކާ ކުރިމަތި ކުރާކަށް ޒިހާން ބޭނުމެއް ނޫނެވެ. އެކަމުންވެސް އެންމެ ނޭދެވޭ އަސަރެއް ކުރާނީ ހަމަ އަނޫޝާއަށް ކަން އެނގޭތީއެވެ.
ނަމަވެސް އަނޫޝާ ޒިހާންއާ ވަކިވާން ނިންމި ސަބަބު ޒިހާން ހޯދާނެއެވެ. އަނޫޝާއަށް ކުރިމަތި ވަމުން އެދާ ފިއްތުންތައް އަނޫޝާ ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތް ކުރިޔަސް ޒިހާން އެކަންތައް ހޯދާނެއެވެ. އެހާ ފަސޭހައިން ޒިހާން އޭނަގެ ލޯބި ދޫކޮށެއް ނުލާނެއެވެ.
ޒިހާންއެކޭ އެއްފަދައިން އަނޫޝާވެސް ނުރޯން ހިތްވަރު ކުރަނީއެވެ. ހިތަށް ވަމުންދާ ތަދު ސިއްރު ކުރަނީއެވެ. އެނޫން ގޮތެއް އަނޫޝާއަށް ނުވިސްނެނީއެވެ. މިއަދު އަނޫޝާއަށް ޖެހޭނީ ހިތްވަރު ކޮށްފައި ޒިހާންއާ ވަކިވާށެވެ.
“މިއަދުން ފެށިގެން އަހަރެން ބޭނުމެއް ނޫން ޒިހާންއާ ވާހަކަ ދައްކާކަށް” ޒިހާންއަށް ފުރަގަސް ދެމުން ލޯމަރާލާފައި އަނޫޝާ ބުނެލިއެވެ.
ޒިހާން އެއްވެސް އެއްޗެއް ނުބުނެ އަނޫޝާއަށް ބަލަން ހުއްޓެވެ. އެތައް އިރެއް ވީއިރުވެސް އަނޫޝާ އެނބުރި ބަލައެއް ނުލިއެވެ. ޒިހާން ކޮޓަރި ދޮރާ ދިމާއަށް ދެތިން ފިޔަވަޅު އަޅާލާފައި ހުއްޓުނެވެ.
“އަނޫ… އަދި އެއްފަހަރު ވިސްނާލަބަލަ…” ޒިހާން މަޑުމަޑުން ބުންޏެވެ.
“ކިތަންމެ ވަރަކަށް ވިސްނިޔަސް އަހަރެންގެ ނިންމުން ދެން ބަދަލެއް ނުވާނެ ޒިހާން…” އަނޫޝާ އެނބުރިފައި ބުންޏެވެ.
ޒިހާން އަނެއްކާވެސް އެތެރެއަށް ވަންނަން އުޅުނެވެ. ނަމަވެސް އަނޫޝާ އެކަން ހުއްޓުވިއެވެ.
“ޒިހާން ޕްލީޒް…” ހުއްޓޭށޭ ބުނާފަދަ ގޮތަކަށް ޒިހާންއާ ދިމާއަށް އަތްތިލަ ދިއްކޮށްލަމުން އަނޫޝާ ފަހަތަށް ޖެހިލިއެވެ.
އިތުރު އެއްވެސް އެއްޗެއް ނުބުނެ ޒިހާން ނިކުމެ ދޮރު ލައްޕާލިއެވެ. އެއާއެކު ދޮރު ތަޅުލާފައި ދުވެފައި އައިސް އަނޫޝާ އެނދު މައްޗަށް ވެއްޓިގަތެވެ. ރޮމުންނެވެ. އެތައް އިރެއް ވަންދެން ރޮއެފައި އަނޫޝާ ތެދުވި އިރު އަނޫޝާ މޫނު ޖައްސާލައިގެން އޮތް ބާލީސް އޮތީ ކަރުނުން ފޯވެފައެވެ.
ޒިހާންއާ އަނޫޝާއާ މެދު ކަންތައް ވީގޮތް ޝިޔާޒްއަށް އެނގުނީ އޭގެ ދެދުވަސް ފަހުންނެވެ. އެދެދުވަހުވެސް ޒިހާން އެގެޔަށް ނާންނާތީ ޝިޔާޒް ސުވާލު ކުރުމުން އަނޫޝާ ޒިހާންއާ ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ޒިހާން ބުންޏެވެ. ނަމަވެސް ސަބަބެއް ނުބުނެއެވެ.
އެރޭ ޝިޔާޒްއާ ޝައުފާވެސް އެތައް އިރެއް ވަންދެން އަނުޝާއާ ސުވާލު ކުރިއެވެ. ނަމަވެސް އަނޫޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނޫޝާ ގާތަށް އައީ ރުޅިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.








Story v rythi ekam anu ehen myhakaa gulhihjehhyya hadivaanedhw
Ow m first dhw
Maashaa anoo ah Dhera gotheh naha dhaathi
Nuvaaane hadi eh. Vakin salhi vaany. Ekam varah dhera vaane
Varah eythi vaane hen Hervey….. Can’t wait for next episode
alhey thiyoh vy gothakun story kiyan vx foohi vejje…..
މިސައިޓުގައި ވާހަކަ ލިޔެ އުޅޭ އެހެން ބައެއް ކުދީންނަށް ވުރެ ލިޔުމުގެ ފެންވަރު ރަނގަޅުކަމަށް ފެނޭ.
ޖުމްލަކޮށް ބުނާ ނަމަ ކުށްބަސްބަހާއި އިމްލާގެ ކުށްތައް ވެސް މަދު. ވާހަކަ ލިޔުމުގެ ރޮނގުން މަރުޝާއަށް ކުރިއރުމާއި ކާމިޔާބީ އެދެން
I agree
Thank u so much pandit.. i know i make mistakes.. n i try to do better every day n i try my best.. ummeedhaky kiyuntherin faahaga kuraa liyuntheriakah vun.. InshaAllah. Konmes dhuvahakun kaamiyaabu vaane..
Thnx every one.. adhi kuriah oiy baithah nukiyaa dislike vegen kiy7n huttaa nulun marsha edhen.. i hope u will like how this goes on.. next ep maa laheh nuve upkohdheynan Insha Allah
Avahah up kohdeeba Marsha haada keyaa hethnay me thibenee abadhu me balanee story up vehje thw