
އަހަރެންގެ ވާހަކަ (ފަސްވަނަބައި)
މީހަކު ކޮޑުގައި އަތްޖައްސާލުމުން އަހަރެން ސިއްސައިގެންދިޔައެވެ.
“ހިނގާ ކޮފީއަށް..” ބަނޑުހައިކަމުގެ އިހްސާސްކުރެވުނީވެސް މިއުވާން އެހެންބުނުމުންނެވެ. ކެއުމުގެ ވަގުތުގައި ދެކެވެމުންދިޔައީ އަމިއްލަ ދިރިއުޅުމުގެ ވާހަކައެވެ. އަހަރެން ހަމައެކަނި އެމީހުން ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިނީއެވެ. ފޯނު ވައިބުރޭޓް ވާންފެށީ ކައިނިމުނުތަނާއެވެ.
“ހަލޯ ކީކޭ އިޒް” ތަންކޮޅެއް ދުރަށް ޖެހިލަމުން ފޯންނެގީމެވެ.
“ތިއްތީ.. ވަރަށް ބޮޑު ވާހަކައެއް ބުނަން މިގުޅީ..” ޝިއުޒްގެ އަޑުންވެސް އޭނާހުރީ އުފާވެފައިކަންއިނގެއެވެ.
“ހޫމް ބުނެބަލަ އަވަހަށް.. ޕްރަމޯޝަނެއް ލިބުނީތަ؟” ހިނިގަނޑެއް ޖަހާލަމުން އަހާލީމެވެ.
” މެރީކުރަން މިއުޅެނީ.. އޯކޭ ވާނެތަ؟” އަހާލިލެއް މައުސޫމުކަމުން އަހަރެންނަށް ހެވުނެވެ.
“ސީރިއަސް ވާހަކައެކޭ.. ކިއާ ފެމެލީވެސް ބޭނުންވަނީ އަހަރުން އަވަހަށް މެރީކުރަން.. ތިއްތިއާ ދޮންބެ އަންނާނަން ދޯ..” އެންމެން ބޮޑެތިވެ އަމިއްލަ ދިރިއުޅުމައިގެން އަވަދިނެތި އުޅެން ޖެހުނުނަމަވެސް އަހަރުމެން އެކަކު އަނެކަކަށް ކަންތައްތައް ކިޔާދީ މަޝްވަރާހޯދަމެވެ.
“މިހާރު ކިއާ މާލެ އައީތަ؟” ކިޔާރާއަކީ މާލޭގެ މުއްސަނދި އާއިލާއެއްގެ އަންހެންކުއްޖެކެވެ. ކުޑައިރުއްސުރެ އޭނާ ދިރިއުޅެމުންދަނީ މެލޭޝިޔާގައެވެ. ޝިއުޒް މެލޭޝިޔާގައި ކިޔަވަމުންދިޔައިރު ކިޔާރާއާއި ދިމާވީއެވެ.
“އަދި ނާދޭ.. ވަކި ޑޭޓެއްވެސް ފިކްސްއެއްވެސް ނުކުރަން.. މަ ބުނިން ކިއާ މަންމަމެން ކައިރީ ތިއްތިމެންނަށް އާދެވޭނެ ދުވަހެއް ބަލާފައޭ މެރީކުރާނީ..” އަހަރުމެންޓަކާ އޭނަގެ ހިތުގައި އޮތް ލޯބި އެކަމުންވެސް ހާމަވިއެވެ.
“މެރީކޮށްގެން ކޮންތާކު އުޅެން ތި ގަސްތުކުރަނީ ދެން؟” މަންމަ ކައިރީ ކިޔާރާ ކަހަލަ ކުއްޖަކަށް އުޅެވިދާނެބާއެ؟
” ވެޑިންގ ގިފްޓެއް ގޮތުގަ ކިއާ ބައްޕަ އަހަރުމެންނަށް އޭނަ ހުޅުމާލޭގަ ހުރި އެޕާރޓްމެންޓެއްދީފަހުރީ.. ކިއާވެސް ބޭނުމީ އެތާ އުޅެން.. މަންމަވެސް އުޅެނީ ރަށަށް ބަދަލުވާން.. ބުނި ޝާލްވެސް ކިޔަވާ ނިމެނީނުންހޯ ދެން ރަށަށްދާށޭ ބޭނުމީ” ނަމަވެސް އެއީ ހަޤީޤަތެއް ނޫންކަން އަހަރެންނަށް އެނގުނެވެ. މަންމަ ރަށަށް އަންނަން އެއުޅެނީ އެހެންކަމެއްވެގެންނެވެ.
” އެކަމު ޝާލް އަދި ޑިޕްލޮމާއެއްނު އެނިމެނީ.. އޭނަ ބޭނުންވެއެންނު ބެޗަލާރސް ހަދަން..” މަންމަ ރަށަށް އައިއްސިއްޔާ ޝާލީއަށް ވާނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ކިޔެވުން ބަރުބާދުވާކަށް އަހަރެން ބޭނުމެއްނޫނެވެ.
” އަހަރުމެން ކައިރީ ޝާލް ބަހައްޓާނީއޭ…” ކިތަންމެ ހަމަޖެހިލާފައި ޝިއުޒް އެހެންބުންޏަސް އަހަރެންގެ ހިތެއް ހަމައެއް ނުޖެހެއެވެ.
” ކިއާރާ ގަބޫލުވާނެތަ؟” އަހަން ބޭނުންނުވިޔަސް އަހަރެންއެހީމެވެ.
“ހޫމް.. ކުރިންވެސް ތިވާހަކަ ދައްކާފަ އޮންނާނީ.. ކިއާ އޯކޭ ނުވިޔަސް އަހަރެން އުޅޭ ތަނަކު އޭނައަށްވެސް އުޅެވެންޖެހޭނެދޯ..” ރަނގަޅުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
“ބުނަން ޝާލްއަށް ކުޑަވެސް ގެއްލުމެއް ލިބިއްޖިއްޔާ މަށެއް މަޑަކުންނެއް ނުހުންނާނަން ވަރިހަމަ ކޮންމެމީހަކަސް..” އެހެން ބުންޏަސް އަހަރެންނަށް ޝާލީއާއި ޝިއުޒްވެސް ހަމައެއްވަރަށް މުހިއްމެވެ.
” އެންމެ ރަނގަޅު.. މަވެސް ޝާލްއަށް ބަލާނަމޭ.. އަވަރ ފަސްޓް ޑޯޓަރއެއްނު އެއީ..” ޝިއުޒްގެ އަޑުގައިހުރީ ސީރިޔަސްކަމެވެ. ދެމީހުންގެ އަމިއްލަ ވާހަކަދެއްކުމަށްފަހު ފޯންބޭއްވީމެވެ. އަނެއްކާވެސް ފޯން ވައިބްރޭޓްވާންފެށިއެވެ. ނިޒާމްގެ ކޯލެކެވެ.
“ހަލޯ” ފޯން ކަންފަތުގައި ޖައްސާލަމުން އަހަރެން ބުނެލީމެވެ.
“ޝިމާލް.. ޝިމާލްގެ…” ބުނަން އުޅުނު ޖުމްލަ ފުރިހަމަނުކޮށް ނިޒާމް މެދުކަނޑާލިއެވެ.
“އަހަރެންގެ ކާކު؟ ނިޒާމް ބުނެބަލަ..” ތަންކޮޅެއްބާރަށް ބުނީމެވެ.
” ޝިމާލްގެ ބައްޕަ މަރުވެއްޖެ.. ޑްރަގް އޯވަރޑޯޒް ވެގެން..” ނިޒާމް ބުނީ އެހާވަރަށެވެ. އަހަރެން ފޯން ކަނޑާލީމެވެ. އަހަރެންވާންވީ ދެރަ ކަމެއް ނޫނީ އުފާކަމެއް ނުވިސްނުނެވެ. މަންމައަށް ގުޅަން އިނގިލިތައް ހަރަކާތްކުރީ ލަސްލަހުންނެވެ. މަންމަ ގުޅީ އަހަރެން މަންމަގެ ނަންބަރަށް ޑައިލްކޮށްލަން ތައްޔާރުކޮށްލިތަނާއެވެ.
” މަންމައަށް އިނގިއްޖެތަ؟” ފޯން ނެގިގޮތަށް އަހަރެން އަހާލީމެވެ. މަންމަ ރޯއަޑު އިވެމުންދިޔައެވެ. މަންމަ ރޯންވީ ސަބަބެއް ނުވިސްނެއެވެ.
” ދަރިފުޅުމެން އާދޭ މިކޮޅަށް..” ރުއިމުގެ ތެރެއިން މަންމަ ބުނެލިއެވެ.
“ހޫމް..” ދާން ބޭނުންނުވިޔަސް މަންމަގެ އެދުމުގައި ކޮޅުފައިންޖަހާނެހާ ހިތްވަރެއްނެތެއެވެ. ފޯން ބޭއްވުމަށްފަހު ދޮންބެއަށް ގުޅާ އަވަހަށް ފުރުމުގެ ކަންތައް ހަމަޖެއްސުމަށް ބުނީމެވެ. ކާންތިބި މޭޒާއި ދިމާލަށް ދިޔައިރު އެންމެން ކައިނިންމުމަށްފަހު ދުފުމުގައި އުޅެއެވެ. މަޑުމަޑުން މިއުވާން ގާތު އައުމަށް އިޝާރާތްކޮށްލުމަށްފަހު އަހަރެން މަޑުކޮށްލީ ދުރުގައި ހުރި ހިތިގަސްދޮށުގައެވެ.
“ކިހިނެއްވީ؟” އަހަރެންގެ މޫނަށް ބަލާލަމުން ހައިރާންކަމުން ފުރިގެންވާ ރާގެއްގައި އޭނަ އެހިއެވެ.
” ވަރަށް އަވަހަށް މާލެ ދެވޭނެ ގޮތެއް ހަމަޖައްސައިދީބަލަ..” ނިތުގައި ޖަހާލަމުން ބުނީމެވެ. އެވަގުތު އެކި ދުވަހު އަހަރެންނަށް ލިބުނު އަނިޔާ ސިފަވަމުންދިޔައެވެ.
” އޯކޭ.. ލީވްއެއް ހަމަޖައްސާދެން އެބަ.. އެކަމަކު އޭގެކުރިން ހަނިމާދޫއަށް ދާން ލޯންޗެއް ހޯދަން ޖެހޭނު..” އަހަރެން މާލެދާން އުޅޭ ސަބަބު ނޭހީކީއްވެބާއޭ ހިތަށްއެރިއެވެ.
“ޑޯންޓް ވޮރީ އެބައުޓް އިޓް.. ދޮންބެ ލޯންޗެއް ފޮނުވާއެބަ..” އަހަރެންގެ ކޮޑުގައި މަޑުމަޑުން ޖަހާލަމުން މިއުވާން ހިގައިގަތީ ފޯނުން ކޮންމެވެސް މީހަކާއި ގުޅަމުންނެވެ. އޭނަ އެނބުރި އައިއިރުވެސް އަހަރެން ހުރީ އެތާނގައެވެ.
“ކީއްވެ ކުރިން ނުބުނީ ބައްޕަ..” އަހަރެންގެ ގައިގާ ކުޑަކޮށް ބައްދާލަމުން މިއުވާން ބުނެލިއެވެ.
“އެއީ އެހާވަރު ކަމެއްނޫން..” ބުނެވުނީ އެހެންނެވެ. މިއުވާންއާއި އެކީ ބަނދަރަށް ދިޔައިރު އެހެންމީހުންވެސް އެތާގައި ތިއްބެވެ. އެންމެން ވަކިވަކިން ހަމްދަރީ ފާޅުކުރިއެވެ. ހިތްވަރުުދީ ބައްޕައަށް ހެޔޮދުޢާކުރިއެވެ. މިއުވާންއާއި ސަލާމުކޮށްލުމަށްފަހު އަހަރެން ލޯންޗަށް އެރީމެވެ. އެއާއެކު ލޯންޗް ދުއްވާލިއެވެ. ހަނިމާދުއަށް ދެވުނީވެސް އަހަރެން ވިސްނުމެއްގެ ތެރޭގައި އިންދައެވެ.
ގެއަށްގޮސް އަވަހަށް ތައްޔާރުވެލައިގެން އެންމެން ޓެކްސީއެއްގައި އެއަރޕޯރޓަށް ދިއުމަށް ނައްޓާލިއެވެ. ހުރިހާކަމެއްނިމި ބޯޓަށް އެރިއިރުވެސް އަހަރެންހުރީ ބަސްހުއްޓިފައެވެ. ކުޑަ ކުޑަ ނޫރުގެ ގައިގައި ބައްދާލައިގެން އިނދެވުނީ ހިތާމައިންކަމެއް ނުވިސްނުނެވެ.
ކަސްޓަމްސްގެ ކަންކަން ނިންމާ އެއަރޕޯޓުން ނިކުތްއިރު ޝިއުޒް އަހަރެމެންގެ އިންތިޒާރުގައި ހުއްޓެވެ. އިންތިހާ ދަރަޖައިގެ ކަންބޮޑުވުން އެމޫނުން ފެންނަމުންދިޔައެވެ. އަހަރެމެންނާއި ކައިރިއަށް އާދެވުމާއެކު އޭނައަށް ރޮވިއްޖެއެވެ. އެންމެން މިރޮނީ ކީއްވެހެއްޔެވެ؟ ކުށްފާފަތައް މަތީހުރެ މަރުވީ ބައްޕައަށްވީތީ ހެއްޔެވެ؟ ހާލަތުގެ ނާޒުކުކަމުން އަހަރެން އެއްޗެއް ނުބުނެ މަޑުންހުރީމެވެ. ނޫނީ ބުނެވޭ ކުޑަ ކުޑަ ބަހަކުންވެސް މީހެއްގެ ހިތްބަދަލުވެދާނެއެވެ.
ގެއަށް ވަނުމާއެކު ޝާލީއައިސް އަހަރެންގެ ގައިގާ ބައްދާލިއެވެ. މައުސޫމުކަމުގެ އިންތިހާއެވެ. ގިސްލާ ރޮމުން މިދަނީ އެމީހަކުގެ ސަބަބުން އަހަރެމެން އެންމެންގެ ދިރިއުޅުން ބަދަލުވެގެންދިޔަ މީހާއަށްޓަކައިކަންވެސް އޭނަ ހަނދާނެއްނެތްކަހަލައެވެ.
“މަންމަ ކޮބާ؟” ޝާލީގަޔާ ދުރުކޮށްލަމުން އަހާލީމެވެ. ޝާލީ އިޝާރާތްކުރީ ކޮޓަރިއާއި ދިމާލަށެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން އަހަރެން އެދިމާލަށް ހިގައިގަތީމެވެ. އޭރުވެސް މަންމަގެ ރުއިމުގެ އަޑުއިވެމުންދިޔައެވެ. އެއަޑުވަނީ ކަންފަތުގައި ހަރުލާފައެވެ. ގިނަ ރޭރޭ ނުނިދިގެން އަހަރެން އޮންނަނީ މަންމަގެ އެވޭނީ ރުއިމުގެ ސަބަބުންނެވެ. އަހަރުމެންނަށް އެއަޑު ނީއްވަން ކިތަންމެ މަސައްކަތެއް ކުރިޔަސް މަންމައަކީވެސް އިންސާނެކެވެ. ކެތްކުރެވޭނީ ވަކި ވަރަކަށެވެ. ކޮށްފައި ހުންނަ އަނިޔާތައް ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތްކުރިޔަސް އެއަނިޔާ ނުލިބޭކަމަކަށް ނުވާނެއެވެ. މަންމައަށް އެކަން ނުވިސްނެނީ ހެއްޔެވެ؟
ބައެއް ދުވަސްދުވަހު ކުލާހަށް ދާއިރު ކުދިން ސުވާލުކުރެއެވެ. ލޮލަށް ކިހިނެއްވީ ހެއްޔެވެ؟ އަތުގައި މަލަންއަޅާފައި ތިހުންނަނީ ކީއްހެއްޔެވެ؟ ކަކޫ މަށައިގެންގޮސް ތިހިރީ ކޮންތާކުން ވެއްޓިފައި ހެއްޔެވެ؟ ނިތުގައި ތިހިރީ ކޮންލަކުނެއް ހެއްޔެވެ؟ ކޮންމެދުވަހަކުހެން ރައްޓެހިކުދިންގެ ސުވާލުތަކާއި ކުރިމަތިލާންޖެހެއެވެ. އެއީ އަހަރެންގެ ބައްޕަގެ ފަރާތުން ލިބިފައިވާ އަނިޔާތަކެކޭ ބުނަން ކެރޭނީ ކިހިނެއްހެއްޔެވެ؟ ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ބައްޕައަކީ ހީރޯއެކެވެ. ނޫނީ ރޯލްމޮޑެލެކެވެ. ކޮންމެ ދުވަހަކު އެކުވެރިންނަށް ދޮގުހަދައިގެން އަހަރެންގެ އަމިއްލަ ނަޒަރުން ދަށްވެއެވެ.
“ޝިމާލްގެ ބައްޕަ ޝިމާލް ގޮވައިގެން ސްކޫލަށް ނާންނަނީ ކީއްވެ؟” އެކުވެރި އަންހެންކުއްޖަކު އެއްދުވަހަކު އެހިއެވެ. އަހަރެންގެ ބައްޕައަށް އަހަރެން ބަލާ އާދެވޭނީ ކިހިނެއްހެއްޔެވެ؟ އެއީ ހަމަ ހޭގައި ހުންނަ މީހެއްނޫނެވެ. ބައްޕަ މަސައްކަތްކުރަނީ ވަރަށް ބުރަކޮށް ކަމަށްބުނެ އަހަރެން އޮޅުވާލީމެވެ.
” މަންމާ ކެތްކުރަންވާނެ.. މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް..” ދޮންބެ މަންމައަށް ހިތްވަރުދެމުންދިޔައެވެ. އަހަރެން އެތެރެއަށް ވަނުމުން ދޮންބެ ތެދުވިއެވެ. މަންމަވެސް ދެލޯފޮހެލިއެވެ. ދޮންބެ އަހަރެންގެ އަތުގައި ހިފައިގެން ދުރަށް ގެންދިޔައެވެ.
“ޤަބޫލުކުރަން ދޮންބައްޕަ ޝިމާލްމެންނާ މަންމައާއި ދޭތެރޭ ކަންތައްކުރީ ރަނގަޅަށް ނޫންކަން.. މަންމަ ދޮންބައްޕައާ ކައިވެނިކުރީ އެވަގުތު މަންމައަށް އެހީވި މީހަކީ އެއީކަމަށްވީމަ.. އަހަރެންގެ ބައްޕަ ނިޔާވުމަށްފަހު މަންމަ އުޅުނީ ވަރަށް ނިކަމެތި ހާލެއްގަ.. ޝިމާލްއަކަށް ނޭނގޭނެ އޭރު އެކަނިމާ އެކަނި އަންހެނަކު ދަރިއެއް ބަލާ ބޮޑުކުރުމަކީ ކިހާ އުދަނގޫކަމެއްކަން.. އާއިލާގެ އެއްވެސް މީހެއް މަންމައަށް އެހީނުވި.. އެ ދަތި އުދަނގޫ ވަގުތު މަންމައަށް އެހީވި ހަމައެކަނި މީހަކީ ދޮންބައްޕަ.. މިއަދާހަމައަށް މަންމަ ދޮންބައްޕަގެ އަނިޔާއަށް ކެތްކުރަމުންއައީ އޭނަގެ އިޙްސާންތެރިކަން ބަލައިގަންނާތީ..” ދޮންބެ ހުއްޓާލީ އެހާވަރަށް ބުނެފައެވެ.
” އެމީޔާހެދި މަންމަ ރުއި ރުއިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އޭނަގެ މަންމައަށް ކުރި އަނިޔާތަކަށް އަހަރެން މާފެއް ނުކުރާނަން..” މަޑުމަޑުން އަހަރެން ބުނީމެވެ.
” ވީކަމެއް ނުވާކަމަކަށް ނުހެދޭނެ.. ބަދަލެއްވެސް ނުކުރެވޭނެ… މާފަށް އެދޭ މީހާއަށްވުރެ މާތްމީހެއް މާފު ދޭ މީހާއަކީ.. މިއަދު މާޒީވެދިޔަ އެއްވެސްކަމެއް ހިތުގައި ބާއްވައިގެން އުޅުމުގެ ބޭނުމެއްވެސްނެތް.. މަރުވެފައިވާ މީހަކަށް މާފުކޮށް އެމީހަކަށް ހެޔޮ ދުޢާކުރުމަކީ އޭނާގެ ފާފަތައް ފުއްސަވާދެއްވާނެ ކަމެއް…” އަހަރެންގެ ބޮލުގައި ފިރުމާލަމުން ދޮންބެ ނަސޭހަތްދިނެވެ. އަހަރެން ހަމައެކަނި މަޑުމަޑުން ބޯޖަހާލީމެވެ.
” މަންމަ އެހެރީ ދެރަވެފަ އިތުރަށް ދެރަވާ ކަހަލަ އެއްޗެއް ނުބުނެވޭތޯ ބަލައްޗޭ.. އަނިޔާ ކުރިޔަސް އެކުއުޅުނު ފިރިމީހާ ވަކިވެ އެދިޔައީ.. އަހަރުމެން ޖެހޭނެ އެކަން ވިސްނަން..” އަހަރެން ގޮވައިގެން އެތެރެއަށް ވަންނަމުން ދޮންބެ ވާހަކަދެއްކިއެވެ. އަހަރެން މަންމަ ކައިރީ އިށީންނައިރަށް އަހަރެންގެ ގައިގާ ބައްދާލިއެވެ. އަދްހަމް ގުޅީ އެވަގުތެވެ. ބައްޕަގެ ހަށިގަނޑު މާލެ ގެނެސްސިކަމަށް ބުންޏެވެ.
“ދޮންބޭ ބޮޑީ މާލެ ގެނެސްސި” ދޮންބެއަށް ގޮވާލަމުން އަހަރެން ބުނީމެވެ. ދޮންބެ ޝިއުޒް ގޮވައިގެން ނިކުތީ ހިނެއުމުގެ މަސައްކަތްކުރަން ދިޔުމަށެވެ. ކުޑައިރުކޮޅެއްފަހުން ނިޒާމްއާއި އަދްހަމް އާއި ހުސެންއަދި އަހަރެންނާއިއެކީ މަސައްކަތްކުރި އެންމެން އައިސްތިއްބެވެ. އެންމެންވެސް މަންމައަށާއި އަހަރުމެންނަށް ވަރަށް ހިތްވަރުދިނެވެ.
ރަނގަޅު އެކުވެރިންނަކީ އާއިލާއެއްފަދަ ބައެކެވެ. ދިމާވާ ކޮންމެ ހިތާމައަކާއި އުފަލެއްގައި ބައިވެރިވެއެވެ. އާސަހަރާއަށް ދިޔައީ އެންމެން އެއްކޮށެވެ. ކާރުތެރޭއިން އިރުވެސް ޝާލީ އިނީ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ހިނގާދިޔަ ހާދިޘާއަށްފަހު އަހަރުމެން ދެބެންވަނީ ވަރަށް ގާތް ދެ ރަޙްމަތްތެރިންނަށްވެފައެވެ. އެދުވަހު ޝާލީގެ ލޮލުން އަހަރެން ގެއްލިދާނެ ކަމުގެ ބިރު އަހަންނަށް ފެނުނެވެ. މާތްﷲ އަހަރެން ދިރިހުރުމަށް ޝާލީ މެދުވެރިކުރެއްވީއޭވެސް ބައެއްފަހަރު ހިތަށްއަރައެވެ.
އާސަހަރާއަށް ދެވުނުއިރު ދޮންބެމެން ބައްޕަގެ ހިނެއުމުގެ ކަންތައްތަކުގައި އުޅެއެވެ. ޝިއުޒް އޭނަގެ ރީތި އަޑުން ޤުރުޢާން ކިޔަވަމުންދަނީއެވެ. މަންމަ އަހަރެންނާއި ޝާލީގެ އަތުގައި ބާރަށް ހިފަހައްޓައިގެންއިނެވެ. ދޮންބެދައްތަވެސް މަންމައަށް ހިތްވަރުދެމުންދިޔައެވެ. ކުޑަ ކުޑަ ނޫރުގެ ސުވާލުތައް ހުސްނުވެއެވެ. ވަގުތުގެ ނާޒުކުކަމުން އެއްވެސް މީހަކަށް އޭނަގެ ސުވާލުތަކަށް ޖަވާބެއް ނުދެވުނެވެ.
ކަށުކަމާކެމީގެ ކަންތައްތައް ނިމި ކަށުނަމާދުކޮށް ވަޅުލަންދެން އަދްހަމްމެން ހުރިހާ ކަމެއްގައި ބައިވެރިވިއެވެ. ގެއަށް ދިޔުމަށްފަހު މަންމަ ބޭނުންވީ އަރާމުކޮށްލާށެވެ. މަންމަ އެކަނިވިޔަ ނުދޭން ޝާލީއާއި ދޮންބެދައްތަ މަންމަ ގާތު މަޑުކުރިއެވެ.
ބައްޕަގެ ކުއްލިމަރާއިގުޅިގެން ޝިއުޒް އޭނަގެ ކައިވެނި ވަކި މުއްދަތެއްނެތި ފަސްކުރިއެވެ. ކިއާރާގެ އާއިލާއިންވެސް އެކަން ޤަބޫލުކުރިއެވެ.
“ދޮންބޭ މަށަށް ފެންނަނީ މަންމަ ދުވަސްކޮޅަކަށް ނަމަވެސް ރަށަށް ގެންދަން..” ވާހަކައިގެ ތެރެއިން ޝިއުޒް ބުނެލިއެވެ. އަހަރެންވެސް ބޭނުންވަނީ އެގޮތެވެ. ބައްޕަގެ ހަނދާންތަކާއި ދުރަށް ގެންގޮސް ދޮންބެގެ ވީރާނާވަމުންދާ ޙަޔާތް އާބާދުކުރާށެވެ.
” މިތާހުރީމަ މާބޮޑަށް އެހަނދާންތަކާއި ދޭތެރޭ ވިސްނާނެ.. ދޮންބެދައްތަ ކައިރީގަ އަހާފަ އަހަރުމެންދާއިރު މަންމަ ރަށަށް ގެންދަންވީނު..” އަހަރެންވެސް ޝިއުޒްއާއި އެއްކޮޅަށް ހިފާލީމެވެ.
” މީރާ ކައިރީ ނޭހިޔަސް މަންމަ ގެންދެވޭނު.. މަންމަގެ އަމިއްލަ ގެވިއްޔަ އެއީ.. ދޮންބެއަށް ފެންނަނީ މަންމަ އެއްކޮށް ރަށަށް ގެންދަން އެހެންނޫނީ އަނެއްކާ މިކޮޅަށް އަންނައިރަށް އެކަމާ ވިސްނަންފަށާނެ.. ރަށުގަވިއްޔާ މަންމަގެ ރައްޓެހިންނާ އަހަރުމެން ތިބޭނު.. ނޫރު ކައިރީގަ ހުރީމަވެސް ހިތްހަމަޖެހޭނު..” ދޮންބެގެ ވާހަކައިން އަހަރެން ހިތްހަމަޖެހުނެވެ. އަހަރުމެންނަށް ވުރެ ބޮޑަށް މަންމައާއި ދޭތެރޭ ދޮންބެ ވިސްނާނެއެވެ.
” ތިއްތީ އަހަރެންވެސް ބޭނުން މިފަހަރު ރަށަށް ޖައްސާލަން..” ޝިއުޒްވެސް މާލެ އައިފަހުން އަދި ރަށަށް ނުދާތީ އޭނަވެސް ދާހިތްވާނެކަން އިނގެއެވެ.
އެތަކެއް އަހަރުތަކެއް ފަހުން އާއިލާއެއްކޮށް ހަނިމާދުއަށް އައީ އޭގެ ހަފްތާއެއްފަހުންނެވެ. އެންމެން އައުމުން ދޮންބެދައްތަ ހިތްހަމަނުޖެހިފައިހުއްޓަސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ހަފްތާއެއްގެ މެދުކެނޑުމަކަށްފަހު އަހަރެން އަލުން ޑިއުޓީއަށް ނިކުންނަށްފެށީމެވެ. ގިނަވަގުތު މަސައްކަތުގައި ހޭދަކުރަންޖެހުނަސް ކޮންމެދުވަހަކުވެސް މަންމައާއެކީ ވަގުތުހޭދަކުރަމެވެ.
ރަށަށް އައިފަހުން މަންމަ ގިނަވަގުތު ހޭދަކުރަންފެށީ އަޅުކަމުގައެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބުނެއެވެ. މަންމަ އުޅޭ ގޮތުން އަހަރެންގެ ހިތްބިރުގަނެއެވެ. މަންމަ އަހަރުމެންނާ ވަކިވެއްޖިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ބައްޕަ ވަކިވެދިޔަޔަސް އެއްވެސް އަސަރެއް ނުކުރިޔަސް މަންމަ ވަކިވެއްޖެނަމަ އަހަރެންގެ މުޅިހަޔާތް ފަޅުވެގެންދާނެކަމީ ޔަޤީންކަމެކެވެ.
“ތިއްތިއަށް ރޭގަ ކިހިނެއްވީ؟ އަހަރެން ވަރަށް ބިރުން އޮތީ..” ހެނދުނު ހޭލެވުމާއެކީ ޝިއުޒްގެ ސުވާލު ކުރިމަތިވިއެވެ. އަހަރެން ހައިރާންކަމާއެކު އޭނާއަށް ބަލާލެވުނީ ރޭގައިވީކަމެއް ހަނދާންނެތީމައެވެ.
“ހަނދާނެއް ނެތްތަ؟ އޭނަ ސަލާމަތްކުރާށޭ ކިޔާފަ ހަޅޭއްލަވާ އަޑަށް މަށަށްވެސް ހޭލެވުނީ.. އޭރު ތިއްތި ތެޅިފޮޅެނީ މަ ގޮވާ ގޮވާވެސް ޖަވާބެއް ނުދިން..” އޭނަގެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާންކަމެވެ.
“ހަނދާނެއްނެތް ހުވަފެނެއް ފެނުނުކަމެއް.. އެކަމު ދުވަސްކޮޅެއްވެއްޖެ ފާޑެއްގެ ހުވަފެނެއް ފެންނަތާ..” އެވާހަކަ ވަރަށް ތަފްސީލުކޮށް ކިޔާދިނީމެވެ.
“ސްޓްރޭންޖް.. އެއީ ކާކުކަމެއް ހަމަ ނޭނގޭތަ؟” ސީދާ މޫނަށް ބަލާލަމުން ޝިއުޒްއެހިއެވެ. އަހަރެން ބޮލުގެ އިޝާރާތުން އާނއެކޭ ބުނީމެވެ.
“މަށަށް ފެންނަނީ ތިއްތި އަވަހަށް މެރީކުރަން..” ކުއްލިއަކަށް އަހަރެންގެ ކައިވެނީގެ ވާހަކަދެއްކުމުން ލިބުނީ ހައިރާންކަމެވެ. މީގެކުރިން ދުވަހަކުވެސް އޭނަ އެކަހަލަ ވާހަކައެއް ދައްކާފައެއްނުވެއެވެ.
” ކީއްވެ ތިހެން ތިބުނީ؟ އަނެއްކާ ކިޔާމެން ފެމެލީގަ އިތުރު ހުސް ގާރލްއެއް ހުރީތަ؟” ހިނިގަނޑެއް ޖަހާލަމުން އެކަން ޖޯކަކަށް ހެދީ މީހަކާއިނުމަކީ އަހަރެން އަދި އެއްވެސް ވަރަކަށް ކުރަން ބޭނުންވާކަމެއްނޫންވީމައެވެ. އަހަރެން އެކަން ސީރިޔަސްކޮށް ނުނެގުމުން އޭނަވެސް ދެން އެވާހަކައެއް ނުދެއްކިއެވެ.
ދުވަސްތައް ހަލުވިކަމާއެކު ވޭތުވަމުންދިޔައެވެ. ވަގުތާއެކީ މަންމަވެސް މަޑުމަޑުން ހަމައަކަށް އެޅެމުންދިޔައެވެ. ގޭތެރޭގެ ކަންތައްތަކުގައި އުޅެމުން މަންމަގެ ޒަމާންވީ އެކުވެރިންނާއެކީ ވަގުތު ހޭދަކުރަން ފެށުމުން އަހަރުމެންނަށް ހަމަޖެހުންލިބުނެވެ. މަންމަގެ އުފަލަކީ އަހަރުމެން އެންމެންގެވެސް އުފަލެވެ. ޝާލީއާއި ނޫރު އަބަދުހެން މަންމަގެ ފަސްފަހަތުގައި އުޅެއެވެ. މަންމަ އެކަނިވިޔަނުދިމަށް އަހަރުމެން އެންމެން މަސައްކަތްކުރަމުންދިޔައީމެވެ.
އެއްދުވަހެއްގެ ހަވީރެވެ. ޑިއުޓީގައި އުޅެފައި އަހަރެންއައީ މަންމަ ކޮބާތޯ ބަލާލާށެވެ.
“ހޭ ހޭންޑްސަމް.. މިއޮތީ ކާޑެއް އައިސް..” ގެއަށްއަދި ރަނގަޅަށް ނުވަދެވިގެން އުޅެނިކޮށް ޝާލީއައިސް ދިއްކޮށްލީ ވެޑިންގ ކާޑެކެވެ.
“ކާކުގެ؟” ބޫޓު ބާލަމުން އަހަރެން އެހީމެވެ.
“ނޭނގެ… ނުބަލަން އަދި..” އެވަގުތު ދުރުން ނޫރު ގޮވާއަޑުއިވުމުން އަހަރެން އަތަށް ކާޑު ކޮށްޕާލަމުން ޝާލީ ދުވެފައިހިގައްޖެއެވެ. ހުދާއި ވިލުނުލުން ޖަރީކޮށްފައިވާ ކާޑަށް އަހަރެން ބަލާލީމެވެ. ކާޑުގައިވާ ނަން ފެނުމުން ލިބުނީ ހައިރާންކަމެވެ. ކާޑަށް ބަލަހައްޓައިގެން ހުރެވުނީ އެއީ ތެދެއްކަމަށް ޤަބޫލުނުކުރެވިފައެވެ.
(ނުނިމޭ)
7 Comments!
Comments are closed.
ހީކުރަން ކިޔުންތެރިން ބޭނުންވި ގޮތަށް ވާހަކަ ދިގުކޮށް ގެނެސްދެވުނުކަމަށް
V reethi I’ll wait for next prt
ޝުކުރިއްޔާ ޔުމް 🙂
nice story…waiting ………….
Thankss 🙂
welcome…
varah reethi mi vaahaka,,, waiting for the next part,, 🙂