Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެެދެނީ މަޢާފް

thaadhi Level 110 Stories
February 8, 2016 8 Mins Read
30 Comments

(ފަސްވަނަ ބައި)

އެންމެންގެ ހިތުގައިވެސް ވަނީ އެންމެ ސުވާލެކެވެ. ހުސޭނު އެއްބަސްވާނެ ބާއެވެ.

“ހުސޭނު. މިފަހަރު އޭނަ ފޮނުވާ.” މައިލަގޮނޑިއަށް ކެތް ނުވެގެން އެންމެފަހުން ޒާހިރާ ބިރު ކަނޑާލާފައި އަނގަ ހުޅުވިއެވެ. މާރިޔާ ހައިރާންވިއެވެ. “އޭނާ ވަރަށް ކިޔަވާ ހިތްވޭ. އެހެންކަމަށް ވީއިރު އޭނާގެ ކިޔެވުމަށް އަހަރެމެން ހުރަސް އެޅުމަކީ އޭނާގެ މުސްތަގުބަލާމެދު ވިސްނުން ކަމަށް ވާނެތަ؟ މިއަދު އޭނާ ނުފޮނުވައިފި ނަމަ އަހަރެމެންގެ އަމިއްލައެދުމާހެދި އަހަރެމެންގެ އަތުން އެ ހަލާކުކޮށްލެވުނީ އަހަރެމެންގެ ދަރިފުޅުގެ މުސްތަގުބަލު. ހުސޭނު.” ޒާހިރާއަށް ރޮވުނެވެ. “އާދޭސްކޮށްފަ މިބުނީ. މިފަހަރު އޭނާ އެމީހުންއެކީ ފޮނުވާ.” އަމިއްލަ ދަރިފުޅުގެ ކުރިމަގާމެދު ވިސްނާ މައިމީހާ އެދަރިފުޅުގެ މުސްތަގުބަލު ހޯދައި ދިނުމަށްއެދި އާދޭސް ކުރިއެވެ. މިއަދު އޭނާ ހަނު ހުރެއްޖެ ނަމަ އެދަރިފުޅުގެ މުސްތަގުބަލު ބަރުބާދު ވާނެކަން އޭނާއަށް ވިސްނުނީތީއެވެ.

ޒާހިރާގެ ވާހަކަ އަޑުއަހާފައި ހުސޭނު ހަށިފުރާ ނޭވާއެއްލިއެވެ. އަދި އެކަމަށް އޭނާގެ ރުހުން ދިންކަން އެންގިއެވެ. ހިފަހައްޓައިގެން ހުރި ނޭވާ މާރިޔާއަށް ދޫކޮށްލެވުނީ ލޯމަރާލަމުންނެވެ. އެވަގުތު އެދެލޮލަށް ޖަމާވެފައިވީ ކަރުނަތަށް އޮހިގަތެވެ. ޒާހިރާ ގައިގާ ބައްދައިގަންނަމުން މާރިޔާ ރޮއެގަތީ އުފަލާއި ހިތާމަ ކުރަމުންނެވެ. އޭނާ މިއަދު ހިތާމަ ކުރަނީ މަންމަމެނަށް ދޮގު ހަދައިގެން މާލެ ދާން ޖެހޭތީއެވެ. މިއަދު އޭނާއަށް މާލެ ދިއުމުގެ ފުރުސަތު ފަހިވެފައި މިވަނީ އޭނާގެ މައިމީހާގެ ސަބަބުން ކަމަށް ވީ ހިނދު އޭނާ މާލެ ދިއުމުގެ އަސްލު މަގުސަދު އެމައިމީހާއަށް އެނގޭ ދުވަހު ކުރާނެ ހިތާމަ ހިތަށް އަރާފައި ދެރަވެއެވެ. ނަމަވެސް މާރިޔާ އެކަން ކުރި ސަބަބު އެނގުމުން ހަމަ އެމައިމިހާ އޭނާއާއިމެދު ފަހުރުވެރި ވާނެކަންވެސް މާރިޔާ ޔަގީންކުރިއެވެ. މިއީ މާރިޔާގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި ހިތާމަވެރިވެސް ދުވަހެވެ.

ފާލަންމަތީގައި ތިބެ މާރިޔާ ޒާހިރާ ގައިގާ ބައްދަބައްދާފައި ރުޔެއެވެ. މިއީ އޭނާގެ މައިންބަފައިން ދޫކޮށްފައި ދާ ފުރަތަމަ ފަހަރެވެ. ކޮންމެ މީހަކުވެސް މައިންބަފައިންނާ ދުރަށް ދާން ޖެހުމުން ދެރަވާނެއެވެ. ނަމަވެސް މާރިޔާ މިއަދު އެންމެ ދެރަވަނީ މައިންބަފައިން ދޫކޮށްފައި ދިއުމަށްވުރެ އެމީހުންނަށް ދޮގުހަދާފައި ދާން ޖެހޭތީއެވެ. އެހެންނަމަވެސް ކޮންމެވެސް ދުވަހަކުން އޭގެ އަގު އޭނާ އަދާކުރާނެ ކަމަށް މާރިޔާގެ ހިތުން އަޒުމް ކަނޑައެޅިއެވެ. އޭނާގެ މައިންބަފައިން ފަހުރުވެރި ކުރާނެ ކަމަށް އޭނާ ހިތާ ހިތުން ނިންމިއެވެ. އެއަޒުމުގައި ހިތްވަރުކޮށްފައި މާރިޔާ ކަރުނަ ފުހެލިއެވެ. އަދި ހިނިތުންވެލަމުން ލޯންޗަށް އެރިއެވެ.

މާލޭގެ ކާރޫބާރޫ ބޮޑު މާހައުލަށް ވާސިލްވުމުން މާރިޔާގެ ބޮލުގައި ރިއްސާލިއެވެ. އެތަނުގައި ދުއްވާ އެއްޗެއްސާއި މީހުންގެ ގިނަ ކަމުން މާރިޔާއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ގެއަށް ގޮސް އޭނާއަށް ހަމަޖައްސާފައިހުރި ކޮޓަރީގައި އަރާމުކޮށްލުމުން ހަމައަކަށް އެޅުނެވެ.

މާލޭގައި ފުރަތަމަ ދުވަސްވީ މާރިޔާއަށް އުނދަގޫ ދުވަހަކަށެވެ. ކުއްލިއަކަށް މާހައުލު ބަދަލުވީމާ ކަމަށްވެސް ވެދާނެއެވެ. އޭނާ ހުރީ ފާޑަކަށް “މޫޑީ” ވެފައެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ނަމަވެސް މާނީއަށް އެހީތެރިވުމުގެ ގޮތުން ގޭތެރޭގެ ކަންތައްތައްކޮށްލާ ހެދިއެވެ. އަދި މާނީގެ އެހީތެރިކަމާއެކު އެމާހައުލަށް ހޭނުމަށް މަސައްކަތް ކުރިއެވެ. ކޮންމެއަކަސް މާރިޔާ މާލޭގެ އެ ނުސާފު ނުތަނަވަސް މާހައުލަށް ހޭނުމަށް ހަފްތާއެއްވަރު ނެގިއެވެ.

އެމާހައުލަށްވެސް ހޭނުމަށްފަހު މާރިޔާއަށް ކުރިންވީ އުނދަގޫތަކެއް ނުވެއެވެ. އެހެންކަމުން ގޭތެރޭގެ ހުރިހާ ކަމެއްވެސް މިހާރު ކުރަނީ މާރިޔާއެވެ. އައްސަދުގެ ކަންތައްތައްވެސް މާރިޔާ ނުހަނު ފުރިހަމައަށް ބަލަހައްޓައެވެ. އެހެންކަމުން މާނީ އެކަންކަމަކާ ނުވިސްނައެވެ. މާރިޔާ އެމަސައްކަތްތައް ކުރާތީ ފަތިހުގެ ހާލާއެކު ނިދާތެދުވުންވެސް މުހިންމު ނޫން ކަމަށް މާނީއަށް ވިސްނުނީތީ އޭނާ ނިދާ ހޭލަނީވެސް މެންދުރުވާފަހުންނެވެ. އޭނާގެ ކަމަކީ ކައިކައިގެން އަރާމު ކުރުމެވެ. އެއަށްފަހު ފޭސްބުކަށްވަނުމާއި ޗެޓު ކުރުމެވެ. މީގެއިތުރުން ތައުފީގަށް ގުޅައިގެން ވާހަކަ ދެއްކުމަކީވެސް އޭނާގެ ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ހިމެނޭ ކަމެކެވެ.

ގޭތެރޭގެ އެއްކަމެއް މާނީ ނުކުރިޔަސް މާރިޔާގެ ފަރުވާލެއްނެތެވެ. އޭނާ އެކަމާ ޝަކުވާއެއް ނުކުރެއެވެ. ޝަކުވާ ކުރާކަށްވެސް ބޭނުމެއް ނޫނެވެ. މާނީގެ ބަލި ހާލަތު ހުރި ގޮތުން މާނީ ލައްވާ ކަމެއް ކުރުވާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. މާނީއަށާއި އައްސަދުއަށް ޚިދުމަތް ކުރުމަކީ މާރިޔާގެ އުފަލެއް ކަމަށް އޭނާ ދެކެއެވެ. އޭނާއަށް މިދިރިއުޅުން ހޯދައިދިން ބަޔަކީ އެއީއެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. މާރިޔާ އުޅުނީ މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި އަވަދިނެތިއެވެ. އެހިނދު މީހަކު ގިސްލާ އަޑު ގޭތެރެއިން އިވުނެވެ. އެވަގުތު ގޭގައި މާނީ ނޫން އިތުރު މީހަކު ނޫޅޭނެއެވެ. އެހެންކަމުން މާނީ ރޮނީ ކީއްވެތޯ ބެލުމަށް މާރިޔާ އަވަސްއަވަހަށް މާނީގެ ކޮޓަރިއަށް ދިޔައެވެ.

ކަރުދާސް ގަނޑަކަށް ބަލަހައްޓައިގެން ހުރެ މާނީ ރޮމުން ދިޔައެވެ. މާނީގެ ފުރަގަހުން ލެފުނު މާރިޔާ ބޯދިއްކޮށްލާފައި އެއީ ކޮން އެއްޗެއްތޯ ބަލާލިއެވެ. އިނގިރޭސި އަކުރުން ލިޔެފައިވާ އެލިޔުން ކިޔާލުމުން އެއީ ޑޮކްޓަރުގެ ރިޕޯޓެއްކަން މާރިޔާއަށް އެނގުނެވެ. އަދި އެއީ މާނީއަށް ކެންސަރު ޖެހިފައިވާކަމުގެ ލިޔުންކަންވެސް މާރިޔާގެ ސިކުނޑި ދެނެގަތެވެ. އެވަގުތު މާރިޔާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. މާނީގެ ކޮނޑުގައި މާރިޔާ އަތްބާއްވާލުމުން މާނީ އަވަސް އަވަހަށް ކަރުނަތައް ފުހެލަމުން ފުރަގަހަށް އެނބުރުނެވެ. އަދި ހިނިތުންވެލިއެވެ. ނަމަވެސް މާނީގެ ލޮލުގައިވާ ހިތްދަތިކަމާއި ހިތާމަ މާރިޔާގެ ހިތުގައި ޖައްސާލިއެވެ. ރޮއެ ގަންނަމުން މާރިޔާއަށް މާނީ ގައިގާ އޮޅުލައިގަނެވުނެވެ.

“އަހަންނަކަށް މިކަން ކުރާކަށް ކެތެއް ނުވާނެ.” މާރިޔާ ރޮއެގަތެވެ.

“މިއީ ހިތްވަރު ކުރަންވީ ވަގުތު މާރިޔާ.” މާނީ މާރިޔާގެ ބުރަކަށީގައި ފިރުމާލިއެވެ. “ހިތްވަރު ކުރޭ މާރިޔާ.”

“އެކަމަކު އަހަރެން ކިހިނެތް މިކަންތައް އައްސަދަށް މުޅި އުމުރަށް ސިއްރު ކުރާނީ؟” މާރިޔާ މާނީގެ ކޮނޑުން ބޯނެގިއެވެ. “އަހަންނަކަށް ނުވާނެ.”

“އަހަންނަށް ކެންސަރު ޖެހުނު ވާހަކަ މާރިޔާ ބުނާކަށް ނުޖެހޭނެ.” މާނީ ހިނިތުންވަމުން ބުނެލިއެވެ.

“ތިބުނީ؟” މާރިޔާ ހައިރާންވިއެވެ.

“އަހަރެން ހުރިހާ ކަމެއްވެސް ޕްލޭން ކޮށްފިން.” މާނީ ހަމަޖެހިލާފައި ބުނެލިއެވެ. “އަހަރެން ބޭނުމެއް ނޫން އަހަންނާ ހެދި އައްސަދު މާރިޔާއަށް ދޭން ޖެހޭ ލޯބިން ކުޑަ މިންވަރެއްވެސް އުނި ވާކަށް.”

“ކީކޭތަ މާނީ ތިކިޔަނީ؟” މާރިޔާއަކަށް އަދިވެސް ނުވިސްނުނެވެ. “ކޮން ޕްލޭނެއްތަ؟”

“އަހަރެން ކޮޓަރިއަށް މީހަކު ވައްދާނީ. އެކަމަކު އެއީ ހުސް އެކްޓު.” މާނީ އެހެން ބުނުމުން މާރިޔާ ސިހުނެވެ. “ދެން މާރިޔާ ގޮސް އައްސަދު ގާތު އެވާހަކަ ބުނާނީ. އޭރަށް އައްސަދު އަހަރެމެން ދެމީހުން ރެޑްހޭންޑްކޮށް ހިފަހެއްޓީމަ އަހަރެންދެކެ ރުޅި އައިސްގެން އަހަރެން ވަރި ކުރާނެ. އޭރަށް މާރިޔާއަކަށް ނުޖެހޭނެ އެއްވެސް އެއްޗެއް ކިޔާ ދޭކަށް.”

“ނޫން ނޫން. އަހަންނަކަށް ދެން ތިޔަ ވަރުގެ ބޮޑު ދޮގެއް ހަދާކަށް ނުކެރޭނެ.” މާރިޔާއަކަށް އެއްބަހެއް ނުވެވުނެވެ.

“މާރިޔާ ޕްލީޒް.” މާނީ އަނެއްކާވެސް އާދޭސް ކުރިއެވެ. “މާރިޔާ މިއަދު ވިސްނަންވީ މަށާ މެދަކު ނޫނޭ. އައްސަދުއާ ދޭތެރޭ.” މާނީ އަނެއްކާވެސް ހިފީ މާރިޔާގެ ބަލިފައިގައެވެ. މާނީގެ އާދޭސްތައް ކުރުވާގޮތް ނުވުމުން މާރިޔާ އަނެއްކާވެސް އެކަމަށް އެއްބަސްވިއެވެ.

“އަހަންނަށް މިހާރު ވަގުތު ވަރަށް ކުޑަ ވެއްޖެ.” މާނީ ބުނެލިއެވެ. “އެހެންވީމަ އަހަރެމެން މިކަން ކުރަންޖެހޭނީ މިރޭ.” މާރިޔާއަށް ބަލާލެވުނީ މާނީގެ މޫނަށެވެ.

ރޭގަނޑުގެ ވަގުތެވެ. މާނީ ބުނި ވަގުތު ކުޑަތަންވީ ވަރަކަށް މާރިޔާގެ ހިތުގެ ތެޅުން އިތުރުވަމުން ދިޔައެވެ. އެއްތާކު ފޫޖައްސާލައިގެން އިންނަން އޭނާއަށްވީ ބޮޑު ވޭނަކަށެވެ. އެހެންކަމުން އޭނާގެ ކޮޓަރިތެރޭގައި ހުއްޓާނުލާ ދެކޮޅަށް ހިނގަމުންދިޔައެވެ. އިރުއިރުކޮޅުން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލެވެއެވެ. ނުވައެއް ޖަހަން މާކަ ގިނަ އިރެއް ނެތެވެ. އައްސަދު އާންމުކޮށް އޮފީހުންނިމިގެން ގެއަށް އަންނަނީ ނުވައެއް ޖަހާކަށްހާއިރުއެވެ. އެހެންކަމުން މާނީގެ ޕްލޭން ވެސް ރޭވިފައިވަނީ އެގަޑިއަށެވެ. މާރިޔާގެ މަސައްކަތަކަށް އޮތީ އައްސަދު ގެއަށް އައުމުން އައްސަދުގާތު ވާހަކަ ކުޓުވުމެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލިއަޑަށް މާރިޔާ ސިއްސައިގެން ދިޔައެވެ. އެތެރެއަށް ވަދެގެން އައި އައްސަދު ފެނުމުން މާރިޔާ ހައިރާންވިއެވެ. އައްސަދު ގެއަށް އައިކަންވެސް އޭނާއަށް ނެނގުނީތީއެވެ.

“ކޮން..ކޮން އިރަކު އައީ؟” މާރިޔާ ހުރީ އިސްޖަހައިގެންނެވެ.

“އިރުކޮޅެއް ވެއްޖެ އައިތާ؟” އައްސަދުގެ ޖަވާބުން މާރިޔާގެ ހައިރާންކަން އިތުރުވިއެވެ. އަނެއްކާ އައްސަދަށް މާނީ އެހެން ފިރިހެނަކާއެކު ފެނުނީ ނޫންބާއޭ ހިތަށް އެރިއެވެ. އެކަމަކު އައްސަދުގެ މޫނުމަތިން އެފަދަ އަސަރެއް ފެންނަން ނެތީ ކީއްވެބާއެވެ. “އަހަރެން މިއައީ ވާހަކައެއް ދައްކާލަން ވެގެން.”

“ކޮން..ކޮން ވާހަކަ އެއް؟” މާރިޔާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ހިތް ބިރުގެންފައި ހުރިލެއް ބޮޑުކަމުންނެވެ.

‘މާނީ ބުނި މާރިޔާ އެއްބަސްވީ ވާހަކަ.” އައްސަދު މިހެން ބުނުމާއެކު މާރިޔާއަށް އިތުރު ޝޮކެއް ލިބުނެވެ. މާނީގެ ވާހަކަ އައްސަދު ބުނުމުންނެވެ. އަނެއްކާ މާރިޔާއަށް ނޭނގި މާނީ ޕްލޭން ބަދަލު ކުރީ ނޫންބާއެވެ. މާރިޔާ މުޅިން ވާވަދެ ނިމިއްޖެއެވެ. އޭނާއަށް ވާނުވާ އޮޅުނެވެ.

“ކޮން..ކޮން ކަމަކަށް؟” މާރިޔާއަށް ހަމަ އެކައްޗެއްވެސް ވިސްނޭ ގޮތެއް ނުވިއެވެ.

“އަހަންނާ އިންނަން.” އައްސަދުގެ ޖަވާބުން މާރިޔާއަށް އަނެއްކާވެސް ސިހުންގެނުވިއެވެ. ނަމަވެސް ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.

“މާނީ ހުރިހާ ވާހަކައެއް ކިޔާ ދިނީތަ؟” މާރިޔާ ހީކުރީ މާނީ ޕްލޭން ބަދަލުކޮށް، ހުރިހާ ވާހަކައެއްވެސް އައްސަދަށް ކިޔާ ދިނީ ކަމަށެވެ. އެކަމާ އޭނާ އުފާކުރިއެވެ.

“އާނ. ހުރިހާ ވާހަކަ އެއްވެސް މާނީ ކިޔާދީފި.” އައްސަދު މިހެން ބުނުމުން މާރިޔާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.

“ދެން އައްސަދު ކޮން ގޮތަކަށް ނިންމީ؟” ހިތުގެ އުދާސްތައް ބޭރުވީ ހިނދު މާރިޔާ އަހާލިއެވެ.

“އަހަރެމެން ދެމީހުން މާކުރިންވެސް ނިންމާފަ އޮންނާނީ.” އައްސަދު ދެން ބުނެލީ މާރިޔާއަށް އަނެއްކާވެސް ވިސްނަން މަޖުބޫރު ކުރުވި ޖުމުލައެކެވެ. “އަސްލު އަހަރެން ހިޔެއް ނުކުރަން މާރިޔާ މަށާ ފަށްކަނޑަން އިންނަން އެއްބަސްވާނެ ކަމަކަށް.” މާރިޔާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަފަދަ އިހުސާސެއް މާރިޔާއަށް ކުރެވުނެވެ. ލިބުނު ހައިރާންކަމާއެކު ހުޅުވުނު އަނގަމަތީގައި އޭނާއަށް އަތްއެޅުނެވެ. އަދި ކޮޅަށް ހުންނަން ދަތިވެ އެނދުގައި އިށީންދެލެވުނެވެ. އިސާހިތަކު ކަރުނައިގެ ލަޝްކަރު ދެލޯ ހިސޯރުކުރިއެވެ.

“ފަށްކަނޑާށޭ؟” ލިބުނު ހައިރާންކަމާއެކު މާރިޔާއަށް އަހާލެވުނީ އިވުނު އެއްޗެއް މޭރުން ނުވެގެނެއް ނޫނެވެ.

“މާރިޔާ އެއްބަސްވީ އެކަމަކަށް ނޫންތަ؟” މާރިޔާގެ އަޑުގައިވާ ހައިރާންކަމުގެ ސަބަބުން އެއީ މާރިޔާ ދެނަހުރިވެސް ކަމެއް ނޫންކަން އައްސަދު ދެނެގަތެވެ.

މާރިޔާއަށް ރޮއެ ގަނެވުނެވެ. މާރިޔާ ރޯތަން ފެނުމުން އައްސަދުގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ބަލަން ހުންނަން ކެތް ނުވެގެން މާރިޔާގެ ކޮނޑުގައި އަތްބާއްވާލިއެވެ.

“މަގޭ ގައިގަ އަތްނުލާ.” އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމުން މާރިޔާ އައްސަދުގެ އަތް ފޮޅުވާލިއެވެ. “މާ މާތް ވެގެން އުޅޭނެ ކަމެއް ނެތް.” މާރިޔާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. “ތިޔަ ދެމީހުންވެގެން އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލީ.”

“މާރިޔާ ކީކޭތަ ތިކިޔަނީ؟” އައްސަދަކަށް ނުވިސްނުނެވެ. ވިސްނޭނީވެސް ކިހިނެތް ހެއްޔެވެ. ހުރިހާ ކަމެއްވެސް ކުރި މީހަކީ މާނީއެވެ. “މާރިޔާ އަމިއްލައަކަށް ނޫންތަ އެއްބަސްވީ؟”

“އާނ އަހަރެން އަމިއްލައަށް އެއްބަސްވީ.” އަދިވެސް މާރިޔާގެ އަޑުގައިވި ރުޅިވެރިކަމެއް ނުފިލައެވެ. “އެކަމަކު އަހަރެން އެއްބަސްވީ މާނީއަށް ކެންސަރު ޖެހިފައޭ ބުނީމަ. އޭނާ ނެތް ދުނިޔެއެއްގަ އައްސަދަށް އެހީތެރިވެދޭށޭ ކިޔައިގެން އާދޭސް ކުރީމަ.” މާރިޔާ އެހެން ބުނުމާއެކު އައްސަދަށް ލިބުނީ ޝޮކެކެވެ.

“ކެންސަރޭ؟” އައްސަދުގެ އަޑުގައިވާ ހައިރާންކަމުގެ ސަބަބުން މާރިޔާ މަޑުޖެހުނެވެ. “މާނީ ބުނިތަ އެހެން؟” މާނީ ހެދި ބޮޑު ދޮގުގެ ފަހަތުގައި އައްސަދުގެ އަތެއް ނުވާކަން މާރިޔާއަށް އެނގުނީ ދެނެވެ.

“އައްސަދަކަށް ނޭނގޭތަ؟” މާރިޔާ އާދައިގެ ރާގެއްގާ އަހާލިއެވެ. ނަމަވެސް އައްސަދަށް އެއަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. ކޮންމެވެސް ފިކުރެއްގައި ހުރެފައި އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ދިޔައެވެ. އައްސަދުގެ ފަހަތުން މާރިޔާވެސް ދިޔައެވެ.

އައްސަދު ދިޔަ ގޮތަށް ގޮސް ހުޅުވާލީ އެދެމަފިރިންގެ ކޮޓަރީގެ ދޮރެވެ. ލައިޓު ޖެއްސުމަށްފަހު ވަރަށް ރަނގަޅަށް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. މާނީގެ އެއްވެސް އެއްޗެއް ކޮޓަރިން ފެންނާކަށްނެތެވެ. ފާރުގައި ހަރުކޮށްފައިހުރި ހެދުންއަޅުވާ ބުޅިފަތީގައި އަޅުވާފައި ހުންނަ މާނީގެ ހެދުންތަކެއް ނެތެވެ. އަދި ޑްރެސިންގ ޓޭބަލް މަތީގައި އަތުރާފައި ހުންނަ ވަރުވަރުގެ ރީތިވާ ސާމާނެއް ވެސް ނެތެވެ. ބާރު ހިނގުމެއްގައި ގޮސް އައްސަދު އަލަމާރި ހުޅުވާލިއެވެ. އައްސަދުގެ އަންނައުނު ފިޔަވާ އިތުރު އެއްޗެއް އަލަމާރިއަކުވެސް ނެތެވެ. އައްސަދު އައި ރުޅީގައި ހަޅޭއްލަވައިގަންނަމުން އަލަމާރީގެ ދޮރުފަތް ބަޑިއަކަށް ޖެހިއެވެ. އަދި ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އެނދާ ދިމާލަށް ބަލާލެވުނު ވަގުތު އެނދުމަތީގައި އޮތް ސިޓީ އުރައެއް އައްސަދުގެ ލޮލުގައި އަޅައިގަތެވެ. އަވަސް އަވަހަށް ސިޓީ އުރަނަގާ ކަނޑާލުމަށްފަހު އޭގެ ތެރޭގައި އޮތް ސިޓީ ނަގާ ކިޔާލިއެވެ. އެއީ މާނީގެ ސިޓީ އެކެވެ. އެސިޓީ ކިޔާލުމާއެކު އައްސަދުގެ ފައިން ވާގި ދޫވިފަދައެވެ. ރާއްޖެ ތެރެއަށް ދެމީހުންވެސް ދިޔައީ އެކަކު އަނެކަކުގެ ހިޔާލު ހޯދައިގެން، އެގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެމީހުންނަށްވެސް އެއްބަސް ވެވިގެންނެވެ. ދެން މާނީ ކުއްލިއަކަށް އެގޮތަށް ބަދަލުވާންވީ އެއްވެސް ސަބަބެއް އައްސަދަކަށް ނުވިސްނުނެވެ. އައްސަދަށް ރޮވުނެވެ. ދޮރުމަތީގައި މިމަންޒަރު ބަލަން ހުރި މާރިޔާއަކަށް އިތުރަކަށް ކެތެއް ނުވިއެވެ. ކޮޓަރިއަށް ވަދެ އައްސަދު ގާތު ހުއްޓިލުމުން އައްސަދު މާނީގެ ސިޓީ މާރިޔާއަށް ދިއްކޮށްލިއެވެ. އެސިޓީ ކިޔާލުމާއެކު މާރިޔާގެ ދެލޯ ވެސް ބޮޑުވެގެން ދިޔައެވެ.

މާނީގެ ސިޓީ:

“އައްސަދު އަހަންނާ ދޭތެރޭ ދެކޭނެ ގޮތަކަށް ދެކޭށެވެ. އަހަންނަކީ ނުބައި މީހެއް ކަމަށް އަހަރެންވެސް ގަބޫލު ކުރަމެވެ. އައްސަދު ކޮންމެ ގޮތަކަށް ދެކުނަސް އަހަންނަކަށް ފަރުވާލެއް ނެތެވެ. އަހަރެން މިއަދު މާފަށް އެދޭ ހިތެއް ވެސް ނެތެވެ. އެއީ އަހަރެން ކަންތައް މިކުރި ގޮތަކީ އަހަހަންނަށް އެންމެ ރަނގަޅު ގޮތް ކަމަށް އަހަންނަށް ފެންނާތީއެވެ. އައްސަދާއެކު މިހާރު ލައްކަ ދުވަހު ކެތް ކުރެވިއްޖެވެ. އައްސަދު އަހަންނަށް ނުބައިކޮށް ހިތައެކޭ އަހަރެން ނުބުނާނަމެވެ. އައްސަދަކީ ރަނގަޅު މީހެއް ކަމަށް އަހަރެން ގަބޫލު ކުރަމެވެ. އަހަރެންވެސް އެދެނީ އައްސަދަށް ރަނގަޅު ގޮތް މެދުވެރިވާށެވެ. އައްސަދާ އެއްކޮށް އެރަށަށް ދިޔައީވެސް އެހެންވެއެވެ. އައްސަދަށް ރަނގަޅު ކުއްޖަކު ހޯދަދޭށެވެ. އިރާދަ ކުރެއްވިއްޔާ އެކަން ތިއޮތީ ކޮށްދީފައެވެ.

އައްސަދު ދެރަ ވިޔަސް މިއަދު އަހަރެން އެއްވެސް ކަމެއް ސިއްރު ކުރާކަށް ނެތީމެވެ. އަހަރެން މިހާރު އައްސަދު ދެކެ ލޯތްބެއް ނުވެއެވެ. އިރެއްގައި ލޯބި ނުވަމެކޭ ނޫނެވެ. ލޯބި ވީ އިރެއްވެސް ދިޔައެވެ. އެއީ އަހަރެމެންގެ އަލަތު ކައިވެނީގަޔާ އޭގެ ކުރިން އަހަރެމެން ރައްޓެހިވެގެން އުޅުނު ދުވަސްވަރެވެ. ހިތާމަހުރި ކަމަކީ އެކަކު އަނެކަކު ދަސްކުރަން ފުރުސަތު ނުދެވި އަވަސްއަރުވާލާފައި ކައިވެނި ކުރެވުމެވެ. އެއީ އަހަންނަށް އެޅުނު ޅައެއްޗެއް ކަމަށް މިހާރު އަހަރެން ގަބޫލު ކުރަމެވެ. އެކަމަކު މިކަމުގައި އަހަރެން ކުށްވެރި ކުރާނީ އައްސަދެވެ. ކައިވެންޏަށްފަހު އުފާވެރި ދިރިއުޅުމެއް އުޅެން ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވާނެއެވެ. އަހަރެންވެސް ބޭނުންވީ އަހަރެންގެ ފިރިމީހާއާއެކު ރޮމައިންޓިކް މޮޑާން ލައިފެއް އުޅޭށެވެ. ނަމަވެސް އައްސަދުގެ ބިޒީ ލައިފާހެދި އަހަންނަށް ވަގުތު ހުސްކުރެވޭ ކަމަކަށް ނުވެއެވެ. އެންމެފަހުން އަހަރެން ގޮވައިގެން ބޭރަށް ދިޔަ ދުވަހެއް އައްސަދު ބުނެބަލާށެވެ. ނުބުނެވޭނެއެވެ. ހަނދާނެއް ނުހުންނާނެއެވެ. އެހެން ކަންތައް ވަންޏާ ކޮންމެ މީހަކު ނަމަވެސް ފޫހި ވާނެއެވެ. އަހަރެން ކިހާ ޝަކުވާއެއް ކުރިން ހެއްޔެވެ. އައްސަދަށް އެކަން ރަނގަޅު ކުރެވުން ހެއްޔެވެ. ނުކުރެވުނެވެ. އެންމެފަހުން އެކަނިމާއެކަނި ބަންދުވެފައި އިން ހަތަރުފާރު ތެރެއިން އަހަރެން ފޫހި ފިލުވާދިނީ އަހަރެންގެ ފޭސްބުކް ފްރެންޑްސްއެވެ. އެކަމާވެސް އައްސަދު ކުރީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. އަހަރެން އަބަދާއަބަދު ފޭސްބުކުގައި އިންނަނިޔޭ ކިޔާފައެވެ. އެކަމަކު އައްސަދު ވިސްނާލަބަލާށެވެ. އެކަމުގައިވެސް ޒިންމާ ނަގަންޖެހޭނީ ހަމަ އައްސަދަށެވެ. އެންމެފަހުން ކައިވެންޏަށް މާގިނަ ދުވަސްތަކެއްނުވެ ކޫސަނި މައްސަލަތައް ޖެހި ދެމީހުން ވަރިވީއެވެ. އެހެންނަމަވެސް އައްސަދަށް އަހަންނާނުލާ ނޫޅެވިގެން، ހުރިހާ ކަމެއް ރަނގަޅު ކުރާނަން ކަމަށް ބުނެ ވައުދު ވުމުން އަހަރެން އައްސަދަށް ދެވަނަ ފުރުސަތެއްދީ ދެވަނަ ފަހަރަށް އައްސަދާ ކައިވެނި ކުރީމެވެ. ނަމަވެސް ދެންވެސް އައްސަދަކަށް އެކަންތައްތައް ރަނގަޅު ކުރެވުން ކަމަކަށް ނުވިއެވެ. އެހެންކަމުން އަހަންނަށް އަނެއްކާވެސް ކެތް ނުވެގެން އެފަހަރު ވަރިވީ އަހަންނެވެ. އައްސަދަށް ދެންވެސް ވިސްނޭތޯއެވެ. އައްސަދު އަހަންނާ އިންނަން ދެންވެސް އާދޭސް ކުރާނެކަން އަހަންނަށް އޭރުވެސް އެނގެއެވެ. ކަންވީވެސް އެހެންނެވެ. އެކަމަކު ބުނަން ހެއްޔެވެ. އެދުވަހު އަހަރެން އައްސަދާ ކައިވެނި ކުރީ ލޯތްބަކުން ނޫނެވެ. އިންނަ ހިތަކުންވެސް ނޫނެވެ. އަހަރެންގެ ހަރަދު ބަރަދު ބަލަހައްޓުވާށެވެ. އައްސަދަށް ވަގުތު ދޭން ނުލިބުނަސް އަހަރެން ބުނާ ކަންކަން ބަރާބަރަށް ކޮށްދޭނެކަން އަހަންނަށް އެނގޭތީއެވެ.

އައްސަދާއި ކައިވެނިކޮށްގެން އުޅުނު ކަމުގައި ވިޔަސް އޭގެފަހުން އަހަރެން އައްސަދުގެ ކަންތައްތަކަކަށް މާބޮޑު ސަމާލު ކަމެއް ނުދެމެވެ. އަހަރެން އެކަން ގަބޫލު ކުރަމެވެ. އެއީ އަހަރެން އެކަންކަން ކުރާ ހިތް ނެތީމައެވެ. އަހަރެން ހުރީ ހަމަ އެއްކޮށް އައްސަދު މަތިން ފޫހިވެފައެވެ. އަހަރެން ބޭނުންވީ ހަމައެކަނި އައްސަދުގެ ފައިސާއެވެ. އެހެންނަމަވެސް އައްސަދު އަހަރެން ވަރި ނުކުރާނެވަރު ބަލައިގެން ވަރަށް ސަމާލުވީމެވެ. ނަމަވެސް އައްސަދަށް އެކަން އިހުސާސުވީދޯއެވެ. އައްސަދު އަހަރެން ދެކެ ރުޅިއައިސް އަހަރެން ތިން ފަށްކޮށްލީ އަހަރެން ކުރި އާދޭހުގައި ކޮޅުފައިން ޖަހާފައެވެ. ނަމަވެސް އައްސަދު އަހަރެން ދެކެތިވާ ލޯތްބަކީ އައްސަދުގެ ބަލިފައެވެ. އަހަންނާހެދި މޮޔަ ވުމަކީ އައްސަދުގެ ކަށީގައި ހިފާފާހުރި ކަމެކެވެ. އެހެންކަމުން އަނެއްކާވެސް އިންނަން އެހީއެވެ. އައްސަދުގެ ފައިސާއަށް ފެންބޮވައިގެންފާ ހުރިވަރުން ފަށްކަނޑައިގެން ވިޔަސް އައްސަދާ އިންނަން އަހަރެންވެސް އެއްބަސްވީއެވެ. އަދި އެކަމަށްޓަކައި އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު އަޅަން އެރަށަށްވެސް ދިޔައީއެވެ.

އެހެނަސް ހާލަތު އަބަދަކު އެއްގޮތަކަށް ނޯންނާނެއެވެ. އަހަރެންގެ އަތުގައިވެސް ނަސީބު ހިފާނެއެވެ. މިއަދު މިއޮތީ އެދުވަސް އައިސްފައެވެ. އަހަރެންގެ އަތުގައި ނަސީބު ހިފާފައެވެ. މިއަދު އަހަރެން އުފަލުގައި ގެންގުޅެވޭނެ ވަރުގެ އަހަރެން ހިތް އެދޭ ކަހަލަ މީހަކު އަހަންނަށް ލިބިއްޖެއެވެ. އަހަރެން މިދަނީއެވެ. އަހަރެންގެ އުފާ ތަކުގެ ފަހަތުންނެވެ. އަހަރެންގެ މި އުފާ ތަކުގައި ހުޅު ރޯކުރަން، އައްސަދު އަހަރެން ހޯދަން ނޫޅެއްޗެވެ.

އަދި އެއްވާހަކަ އެބަ އޮތެވެ. އަހަރެން މާރިޔާ މާލެ ގެނައީ އައްސަދާ ދެވާށެވެ. އެކަން އެގޮތަށް ކުރަން އަހަރެން މާރިޔާ ގާތު ވަރަށް ބޮޑު ދޮގެއް ހެދީމެވެ. އަހަންނަށް ކަމެއްކޮށްދޭށެވެ. މާރިޔާ ގާތު އަހަރެން ދެއްކި ވާހަކައަކީ ދޮގެއް ކަމަށް މާރިޔާ ގާތު ބުނެދޭށެވެ. އެހެންބުނީމަ އޭނައަށް އެނގޭނެއެވެ. (މާނީ)” 

“މާނީ އަހަރެމެންނަށް ކެހި ދިނީ މާރިޔާ.” އައްސަދަށް ރޮއެގަނެވުނެވެ. އެހިނދު އައްސަދު ގެނެސް އޭނާގެ އުނގުގާ ބޭއްވުމަށް ހިތް އެދުނު ނަމަވެސް މާރިޔާއަކަށް އެކަން ކުރެވޭކަށް ނެތެވެ. އައްސަދުގެ ހިތުގައި މާރިޔާއަށް އެއްވެސް ޖާގައެއް ނެތް ކަމަށް މާރިޔާ ނިންމިއެވެ. އަދި އެކޮޓަރިން ނުކުމެގެން ގޮސް އޭނާގެ އެއްޗެހި ފޮއްޓަށް އަޅަންފެށީ އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނަން ބޭނުން ނުވުމުންނެވެ.

އައްސަދުގެ ދެމަފިރިންވެގެން މާރިޔާއަށް ދިނީ ކޮން ފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ. އެފަކީރުގެ މުޅި ދިރިއުޅުން އެދެމަފިރިން ވެގެން ބަރުބާދުކޮށްލީއެވެ. އޭނާ މާލެއައީ ކޮންފަދަ ބޮޑު އުންމީދަކައިގެން ހެއްޔެވެ. ނަމަވެސް މިއަދު މިވަނީ އެހުރިހާ އުންމީދެއްގައިވެސް ހުޅު ހިފާފައެވެ.

މާރިޔާ މިހާރު ބޭނުންވަނީ އެނބުރި ރަށަށް ދާށެވެ. އޭނާގެ މައިންބަފައިން ގާތަށެވެ. ނަމަވެސް ރަށަށް ގޮސްވެސް މަންމައަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ. ދޮންބައްޕަ އެވަރަށް ހަޅޭއްލަވާނެއެވެ. ރަށަށް ދާކަށް ނުކެރޭނެއޭ ވެސް ބައެއް ފަހަރު ހިތަށް އަރައެވެ. ނަމަވެސް ރަށަށް ނުގޮސްވަކި ދާނީވެސް ކޮންތަނަކަށް ހެއްޔެވެ. މި ބީރައްޓެހި ރަށުގައި ދެން އޭނާއަށް އަޅާލާނެ އެކަކުވެސް ނުހުންނާނެއެވެ. އޭނާއަށް އޮތީ ހަމަ ރަށަށް ދިއުމެވެ. ދޮންބައްޕަގެ ބަސްތަކަށް ކެތް ކުރުމެވެ. މަންމަގެ މާޔޫސީ މޫނު ދެކުމެވެ. މިއީ އޭނާ ހެދި ދޮގުގެ ސަޒާ ތޯއްޗެކެވެ.

ދެއަތުން ފޮށީގެ އަތްގަނޑުގައި ހިފައިގެން ފޮށި ހިއްލައިގެން ހުރެ މާރިޔާ އައްސަދުގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރުވެސް އައްސަދު އިނީ އެނދުމަތީގައި އިސްޖަހައިގެން ހަމަ އެއިން ގޮތަށެވެ. ހިތްހެޔޮކުރާށޭ ބުނަން މާރިޔާ ބޭނުންވިއެވެ. ނަމަވެސް އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ހޯސްލާފާ އޮހިގެން ކަރުނަތަކާއެކު އޭނާ ހިނގައިގަތީ އެގެއިން ނުކުމެގެން ދާށެވެ. ދާހިތަކުން ނޫނެވެ. އޭނާ އައްސަދަށް ނަފްރަތު ކުރަން ބޭނުން ވިޔަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އޭނާގެ ހިތުގައި މިހާރުވެސް އޮތީ އައްސަދު ގޮވާލާފައި މަޑު ކުރާށޭ ބުނާނެ ނަމައޭ އެވެ.

ޓެކްސީއެއްގެ އިންތިޒާރުގައި ދުވާރުމަތީގައި މާރިޔާ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. މިހާރު ދެތިން ޓެކްސީއަށް އަތް ނެގިއްޖެއެވެ. ނަމަވެސް ހުސް އެއްޗަކާ ދިމާލެއް ނުވެއެވެ. އެވަގުތު މާރިޔާގެ ފުރަގަހުން މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އައްސަދު ކަމަށް ހީކޮށް މާރިޔާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހިނިތުމަކާއެކު ފުގަހަށް އެނބުރިލުމާއެކު އޭނާގެ ދެލޯ ބޮޑުވެ ސިހުންލިބުނެވެ. އެއުފާވެރިކަން ބަދަލުވީ ބިރަށެވެ. އެއީ ތައުފީގެވެ. މާރިޔާއަށް ފަހަތަށް ޖެހިލެވުނެވެ. އެވަގުތު އެދެމީހުންގެ ދެމެދަށް ވަނީ އައްސަދެވެ. އައްސަދު ހުރީ މާރިޔާއަށް ފުރަގަސްވާ ގޮތަށް ތައުފީގަށް ކުރިމަތިލައިގެންނެވެ. ބިރުގެންފާ ހުރި މާރިޔާއަށް އައްސަދުގެ އަތުގައި ހިފާލެވުނެވެ. އެވަގުތު ތައުފީގުގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އޭނާ ގިސްލަ ގިސްލާފައ ރޯން ފެށުމުން މާރިޔާއާއި އައްސަދުވެސް ހައިރާންވިއެވެ. (ނުނިމޭ)

Tags:

އެދެނީމަޢާފްޢަބްދުﷲޝާހިދުތާދި

Share Article

Follow Me Written By

thaadhi

Level 110 Stories

Other Articles

Previous

ހިތް އެދެނީ 3

Next

ހިތް އެދެނީ 4

Next
February 9, 2016

ހިތް އެދެނީ 4

Previews
February 7, 2016

ހިތް އެދެނީ 3

30 Comments!

  1. Shaba says:
    February 8, 2016 at 4:53 pm

    Really nice .. Love this story.. Ibaaraaih kurun v salhi.. ?

    1. thaadhi says:
      February 8, 2016 at 6:31 pm

      Thank you ?

  2. Maariyaa says:
    February 8, 2016 at 5:19 pm

    Maanee ?

    1. thaadhi says:
      February 8, 2016 at 6:32 pm

      ???

  3. lam says:
    February 8, 2016 at 5:24 pm

    V nice mi part vx. Kn irakn next part up kohdheyny

    1. thaadhi says:
      February 8, 2016 at 6:33 pm

      Varah avahah in sha Allah
      Thank you ?

  4. misty says:
    February 8, 2016 at 6:06 pm

    Awsome.. Whn nxt prt?

    1. thaadhi says:
      February 8, 2016 at 6:33 pm

      In sha Allah varah avahah
      Thank you ?

  5. Ruby.. says:
    February 8, 2016 at 7:47 pm

    Great.. ??

    1. thaadhi says:
      February 9, 2016 at 4:29 pm

      Thank you ?

  6. Appy says:
    February 8, 2016 at 7:53 pm

    Awesome. ..v nice story ehh….waiting for next party. .gud luck. .thaaadhi

    1. thaadhi says:
      February 9, 2016 at 4:29 pm

      Thank you ?

  7. ifaa says:
    February 8, 2016 at 8:31 pm

    Nice

    1. thaadhi says:
      February 9, 2016 at 4:31 pm

      Thank you ?

  8. abhy says:
    February 8, 2016 at 10:06 pm

    maariya innanee asadhu thin fai kandan. ? Mihaaru 3fai vany firihen meehaa tha ? 3fai kandan maariya asadhu aa innany. Dhen maany thin fai kandany kaaku?

    1. thaadhi says:
      February 9, 2016 at 8:13 pm

      Wait for next part
      Thank you ?

  9. Shaff says:
    February 8, 2016 at 10:23 pm

    Varah reethi
    Waiting for next part…

    1. thaadhi says:
      February 9, 2016 at 8:14 pm

      Thank you ?

  10. Muiy says:
    February 8, 2016 at 10:44 pm

    Firihenun nujeheyne fahka’ndaakah 3 fah vaanee anhenmeeha. Ehen vma fah ka’ndan myhakaa innan jeheynee maanee.

    1. thaadhi says:
      February 9, 2016 at 8:15 pm

      Wait for next part
      Thank you ?

  11. x doo says:
    February 9, 2016 at 7:16 am

    Thaufeegah kihinehvee

    1. thaadhi says:
      February 9, 2016 at 8:16 pm

      Wait for next part
      Thank you ?

  12. Nicky says:
    February 9, 2016 at 10:51 am

    Nyc stry ehhh….??

    1. thaadhi says:
      February 9, 2016 at 8:17 pm

      Thank you ?

  13. ninni says:
    February 9, 2016 at 7:26 pm

    fah kandan ehen meehaka marry kuran jeheyny anhen meeha ennu .. firihen meeha ennoonennu !

    1. thaadhi says:
      February 9, 2016 at 8:18 pm

      Wait for next part
      Thank you ?

  14. Zaanaa says:
    February 10, 2016 at 2:07 pm

    Avahah up kohdeeba

    1. thaadhi says:
      February 11, 2016 at 2:32 pm

      Yes
      Thank you ?

  15. raheema says:
    February 15, 2016 at 10:58 pm

    v lobbu… haadha asaru gadhaey dhw…

  16. Rozy says:
    October 16, 2016 at 3:05 pm

    story vara nice

Comments are closed.


All Right Reserved!