Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 4

Marsha
February 9, 2016
8 Mins Read
67 Views
7 Comments

އެދެކުދިން ފެނި ވާހަކަ ދައްކާލެވުމުން ހިތަށް ހަމަ ޖެހުން ލިބުނު ނަމަވެސް މީރާ ފެނުމުން އިފާޝާއަށް ރޮވުނީ އާމިރު މަތިން ހަނދާން ވިވަރުންނެވެ. މީރާއާ އާމިރު ވައްތަރު ކަމުންނެވެ.

މެންދުރު ޒިޔާން ގުޅާފައި ހަވީރު ޒާޔާ ގޮވައިގެން އަންނާނެ ވާހަކަ ބުނުމުން މެންދުރުފަހު އިފާޝާ އުޅުނީ ޒާޔާއަށް މީރު ކާއެއްޗެއް ތައްޔާރު ކުރުމުގައެވެ. ބަޓަރކޭކް އަޅައިގެން ކަސްޓަޑް ކެއްކުމަށް ފަހު ހަވީރަށް ސައި ތައްޔާރު ކޮށްފައި އިފާޝާ ފެން ވަރައިގެން ނިކުމެ އަސުރު ނަމާދު ކޮށް ނިމުނު ތަނާ ބެލް ޖެހިއަޑު އިވުނެވެ.

އިފާޝާ އަވަސްއަވަހަށް ގޮސް ދޮރު ހުޅުވާލުމާ އެކު ޒާޔާ އިފާޝާ ގައިގައި ބައްދައިގަތެވެ. ޒާޔާ ފެނުމާ އެކު އިފާޝާއަށްވެސް ރޮވުނެވެ. ޒާޔާ އުރާލާފައި ޒާޔާގެ މޫނުގައި ބޮސްދެމުން އިފާޝާ ރޯން ފެށިއެވެ.

“އިފާ މަންމާ، ކީއްވެ ތިރޮނީ؟” އިފާޝާ ރޯތަން ފެނުމުން ހައިރާން ވެފައި ދެއަތުން އިފާޝާގެ މޫނު ފޮހެދެމުން ޒާޔާ ސުވާލު ކޮށްލިއެވެ.

“ޒާ ނުފެންނަތާ ގިނަ ދުވަސް ވީމަ ރޮވުނީ…” ހިނިތުން ވެލަން މަސައްކަތް ކުރަމުން އިފާޝާ ބުންޏެވެ.

ރަމްޒިއްޔާ އިފާޝާގެ ބޮލުގައި ފިރުމާލިއެވެ. މާޔާއާ ޒާޔާއާ މެދު އިފާޝާ ކަންތައް ކުރާ ގޮތް ފެނިފައި ވާތީ އިފާޝާއަކީ ކޮން ކަހަލަ ކުއްޖެއް ކަން ރަމްޒިއްޔާއަށް ވަނީ އެނގިފައެވެ. އަމިއްލަ ދަރިއަކަށް ނުވި ނަމަވެސް މާޔާއެކޭ އެއްގޮތަށް އިފާޝާވެސް ވަނީ ރަމްޒިއްޔާގެ ލޯބި ހޯދާފައެވެ.

އެތެރެއަށް ވަދެ ހަމަޖެހިލުމަށް ފަހު އިފާޝާ އެންމެންނަށް ސައި ހެދިއެވެ. އިފާޝާގެ އަތުން ޒާޔާއަށް ޚާއްސަކޮށް ތައްޔާރު ކުރި ކާއެއްޗެހި ފެނުމުން ޒާޔާ އުފާވިއެވެ. އިފާޝާގެ އަތުން ކާން އިން އިރު ޒާޔާ އެކިއެކި ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާ ސުވާލު ކުރަމުން ދިޔައެވެ.

ރޭ އިފާޝާ ފެނުނު ގޮތާ މިއަދު ފެންނަ ގޮތާ ތަފާތު ވިވަރު ޒިޔާންއަށް ފާހަގަ ކުރެވުނެވެ. އެބަދަލު އިފާޝާއަށް އައީ ޒާޔާގެ ސަބަބުން ކަން ޒިޔާންއަށް ވިސްނުނެވެ. އެވަގުތުން ފެށިގެން ވީހާވެސް ގިނަ ވަގުތު ޒާޔާ އިފާޝާ ގާތު ބެހެއްޓުމަށް ޒިޔާން ނިންމިއެވެ.

އަށެއް ޖެހި އިރަށް ޒާޔާ ނިދި އައިސްގެން ލޯއުނގުޅަން ފެށުމުން ޒިޔާންއާ ރަމްޒިއްޔާ ގެޔަށް ދާން އުޅުމުން ޒާޔާ ބޮޑާ ހާކަން ފެށިއެވެ.

“ޒާ ހުންނާނީ އިފާ މަންމަ ކައިރީ…” އިފާޝާ ގައިގައި ހިފައިގަނެގެން އިނދެ ޒާޔާ ރޯން ފެށިއެވެ. އެންމެ ފަހުން ޒިޔާން އެކަމަށް އެއްބަސްވެ ގެޔަށް ގޮސް ޒާޔާއަށް ބޭނުން ވާނެ އެއްޗެހި ހިފައިގެން އަންނަން ބުނެފައި ދިޔައެވެ.

އެގެއިން ނިކުތުމުގެ ކުރިން ރަމްޒިއްޔާ އިފާޝާއަށް ހިތްވަރު ދިނުމަށް އެތައް ވާހަކައެއް ދެއްކުމަށް ފަހު އިފާޝާ ގާތު ދުވަސްކޮޅަކަށް ނަމަވެސް ޒިޔާންމެން ގެޔަށް ބަދަލު ވުމަށް ބުންޏެވެ.

ނަމަވެސް ކުރީ ފަހަރުހެން މިފަހަރުވެސް އިފާޝާ ދެކޮޅު ހެދިއެވެ.

ގެޔަށް ގޮސް ރަމްޒިއްޔާ ޒާޔާއަށް ބޭނުން ވާނެ އެއްޗެހި ޒާޔާގެ ދަބަހަށް އަޅާފައި ދިނުމުން ޒިޔާން އެއެއްޗެހި އިފާޝާއާ ހަވާލު ކޮށްފައި މާ ގިނަ އިރު މަޑު ނުކޮށް ގެޔަށް އައެވެ. އޭރު ރަމްޒިއްޔާ ކާން ހަދަން އުޅެއެވެ.

ސޯފާގައި އިނދެ ޒިޔާންއަށް ވިސްނެން ފެށީ މާޔާއާ އާމިރު އެދުނު ކަންތަކުގެ މަތިންނެވެ.

“ޒިޔާން، ހިނގާ ކާން” ރަމްޒިއްޔާ ގޮވާލިއެވެ.

ނަމަވެސް ޒިޔާންއަށް އެއަޑު އިވުނު ހެން ހިއެއް ނުވެއެވެ.

“ޒިޔާން؟” ޒިޔާން ކައިރިއަށް އައިސް ކޮނޑުގައި އަތް ޖައްސާލަމުން ރަމްޒިއްޔާ ގޮވާލިއެވެ.

ސިހިފައި ޒިޔާން ބަލާލިއެވެ.

“ހިނގާ ކާން” ދެވަނަ ފަހަރަށް ރަމްޒިއްޔާ ބުންޏެވެ.

“މަންމާ، އިހަށް އިށީނދެބަލަ” ޒިޔާން މަޑުމަޑުން ބުންޏެވެ.

ރަމްޒިއްޔާ އިށީނދެ ކަންބޮޑުވެފައި ޒިޔާންއަށް ބަލާލިއެވެ.

“މަންމައަށް އެނގޭތަ؟ އެދުވަހު…” އެވަރަށް ބުނެފައި ޒިޔާންއަށް ލޯމަރާލެވުނީ އެވަގުތުގެ ހަނދާން ވުމުން ހިތަށް ކުރި އަސަރުންނެވެ.

“ދަރިފުޅާ…” ރަމްޒިއްޔާ ޒިޔާންގެ އަތުގައި ފިރުމާލިއެވެ.

“މަންމާ، އެދުވަހު… އެންމެ ފަހު ވަގުތު… މާޔާއާ އާމިރު އަހަންނާ އިފާގެ ފަރާތުން ކަމަކު އެދުނޭ” ޒިޔާން ބުންޏެވެ.

“ކޮން ކަމެއް؟” ރަމްޒިއްޔާ ސުވާލު ކޮށްލިއެވެ.

ރަމްޒިއްޔާއަށް ބަލާލާފައި ޒިޔާން މޫނުން ފެށިގެން ބޮލުގެ އިސްތަށިގަނޑާ ކަނދުރާގައި އަތް ހިންގާލާފައި އިސް ޖަހާލިއެވެ.

“މަންމައަށްވެސް އެނގޭނެ މާޔާ އަބަދުވެސް… އަބަދުވެސް ސަމާސާއަކަށް ހަދާފަ ބުނާނެ… އޭނައަށް ކަމެއް ވެއްޖެއްޔާ އިފާ ޒާ ބަލައްޗޭ… އެވަގުތު… އެންމެ ފަހުންވެސް މާޔާ އެދުނީ އެކަން…” ޒިޔާން ބުންޏެވެ.

ރަމްޒިއްޔާ އެއްވެސް އެއްޗެއް ނުބުނެ ޒިޔާންގެ ވާހަކަ ފުރިހަމަ ކުރަން ފުރުސަތު ދީގެން އިނެވެ.

“އާމިރު އެދުނީ… ވަސިއްޔަތް ކުރީ… އަހަރެން އިފާއާ ކައިވެނި ކުރަން…” ޒިޔާން ބުންޏެވެ.

“އިފާއަށް އެނގޭތަ؟” ރަމްޒިއްޔާ އަހާލިއެވެ.

“އާނ، އެނގޭ” ޒިޔާން ޖަވާބު ދިނެވެ.

“އޭނަ ކީކޭ ބުނީ؟” ރަމްޒިއްޔާ އޮޅުން ފިލުވަން ބޭނުން ވިއެވެ.

“އެދުވަހުގެ ފަހުން އަދި އެވާހަކައެއް ނުދައްކަން… އަދި އެކަމާ ވިސްނާވެސް ނުލެވޭ… އިފާ ނޭނގެ ހަނދާންވެސް ހުންނާނެ ކަމެއް” ޒިޔާން ބުންޏެވެ.

ރަމްޒިއްޔާ އެކަމާ އެއްވެސް އެއްޗެއް ނުބުނެ އިނެވެ. އެވަގުތު ބުނާނެ އެއްޗެއް ވިސްނުމަށް ނައީ ކަންނޭނގެއެވެ.

މެލޭޝިޔާގައި ތިބި އެންމެ ފަހުރޭ މާޔާ ޒިޔާންއަށް ދިން އުފާވެރި ޚަބަރު އޭގެ އަނެއް ދުވަހު ވަނީ ވަޔާ ބުރައިގެން ގޮސްފައެވެ. މާޔާ ދެވަނަ ފަހަރަށް ބަލިވެ އިން ވާހަކަ ބުނުމުން ޒިޔާން ވަރަށް އުފާވިއެވެ. ނަމަވެސް ޒާޔާ ކަހަލަ ލޯބިލޯބި ދެވަނަ ކުއްޖަކު ލިބެން އުޅޭ ކަން އެނގުމުން ލިބުނު ހިތްހަމަޖެހުމާ އުފާ، މާގިނަ އިރެއް ނުވެ ވަނީ ހިތުން ފިލައިގެން ނުދާނެ ފަދަ ހިތާމައަކަށް ބަދަލު ވެފައެވެ. ހޭލާ ހުއްޓާ ފެނުނު ރީތި ހުވަފެނެއް ފަދައެވެ.

ރަމްޒިއްޔާ ގާތު އެވާހަކަ ބުނަން އުޅެފަވެސް ޒިޔާންގެ ޚިޔާލު ބަދަލު ވިއެވެ. ބުނުމުން ލިބޭނެ އުފަލެއް ނޯންނާނެތީއެވެ.

އޭގެ ފަހުން ދެހަފްތާ ވީއިރު ގިނަ ރޭރޭ ޒާޔާ ނިދަނީ އިފާޝާމެން ގޭގައެވެ. އެއީ ޒާޔާވެސް އެދޭ ގޮތް ކަމަށް ވުމާއެކު، އެކަމުން އިފާޝާއަށްވެސް ހިތްހަމަ ޖެހުން ލިބޭތީ ޒިޔާން އެގޮތަށް އެކަން ދޫކޮށްލީއެވެ.

ޒާޔާގެ ސަބަބުން އިފާޝާ ޚިޔާލުތަކުން ދުރުވީ ނަމަވެސް ރޭގަނޑު އިފާޝާއަކަށް ރަނގަޅަކަށް ނުނިދެއެވެ. އާމިރުއާ މެދު ވިސްނާ ރުއިމުގައި ރޭގަނޑުގެ ބޮޑު ބައި ނުނިދާ އޮވެވެނީއެވެ. ނިދިއްޖެ ނަމަ ހުވަފެނުގައިވެސް އާމިރުގެ ހަނދާންތަކާ ދުރަކަށް ނުދެވެއެވެ. ގިނަ ރޭރޭ ހުވަފެނުގައި އެބިރުވެރި ހާދިސާ ތަކުރާރު ވަމުން ދެއެވެ. ނަމަވެސް އިފާޝާ އެއްވެސް މީހެއް ގާތު އެވާހަކައެއް ނުބުނެއެވެ. އެވާހަކަ ދެއްކުމަކުން އާމިރު އެނބުރި ނާންނާނެކަން އެނގޭތީއެވެ.

މާލެ އައި ފަހުން އިފާޝާ އެއްގޮތަކަށްވެސް ގެއިން ބޭރަކަށް ނުނިކުމެއެވެ. ޒާޔާއާ އެކު ހުރިހާ ވަގުތެއް ހޭދަ ކުރަނީ ގޭގައެވެ. މައިރާއާ މީރާ އައުމުންވެސް އިފާޝާއަށް ލިބެނީ އިތުރު ހިތްދަތިކަމެވެ. އެކަން ވިސްނިގެން ކަންނޭނގެއެވެ. އެދެކުދިންވެސް އިފާޝާމެން ގެއަށް އައުން މަދު ކޮށްލިއެވެ. އިފާޝާގެ ހަމަ އެކަނި ހިތްހަމަޖެހުމަކަށް ވެފައި ވަނީ ޒާޔާއެވެ. ޒާޔާގެ ލޯބިލޯބި މޫނާ، އެކުއްޖާ ދައްކާ ވާހަކައެވެ. އޭގެ އިތުރުން އާމިރުއާ އިފާޝާގެ ހަނދާންތަކެވެ.

މާޔާގެ ހަނދާން ތަކާ ދުރުވުމަށް ޒިޔާން ގިނަ ވަގުތު އޮފީހުގައި ހޭދަ ކުރަން ފެށިއެވެ. ނަމަވެސް ޒާޔާއަށް ވަގުތު ދެއެވެ. އިފާޝާގެ ހާލުވެސް ބަލައެވެ. ޒިޔާން ހެނދުނު އޮފީހަށް ދާ ގޮތަށް ހަވީރު އިފާޝާމެން ގެއަށް ގޮސް ޒާޔާއާ އެކު ވަގުތު ހޭދަ ކޮށްފައި ގެޔަށް އަންނަނީ ރޭގަނޑު އެގާރަ ޖަހާ ފަހުންނެވެ. އަށެއް ޖަހާ އެހާ ކަންހާ އިރު ޒާޔާ ނިދުމުން އިފާޝާމެން ގެއިން ނިކުންނަ މީހާ އެހާ އިރު ވަންދެން އުޅޭ ތަނެއް އިފާޝާއަކަށްވެސް އަދި ރަމްޒިއްޔާއަކަށްވެސް ނޭނގެއެވެ.

އެކަމާ ރަމްޒިއްޔާ ސުވާލު ކުރުމުން ޒިޔާންއާ މެދު ކަންބޮޑު ނުވުމަށް ބުނެ ރަމްޒިއްޔާ ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ޒިޔާން ވާހަކަ އޮޅުވާލައެވެ. ޒިޔާންގެ ހާލު ވިސްނޭތީ ރަމްޒިއްޔާ މާގިނަ ސުވާލު ނުކޮށް ދޫކޮށްލަނީއެވެ. ހިތާމައިގެ ސަބަބުން ވިޔަސް ޒިޔާން ގޯސް މަގަކުން ނުދާނެ ކަމުގެ ޔަގީންކަން އޮތީތީއެވެ.

ރޭގަނޑުގެ ވަގުތު ޒިޔާން ހޭދަ ކުރަނީ ކޮންމެވެސް ރެސްޓޯރަންޓެއްގައި އެކަނި އިނދެ ކޮފީ ބުއިމުގައާއި، އެފަދަ އެކަނިވެރި ތަންތަނުގައި މާޔާގެ ހަނދާން ކުރުމުގައެވެ. ބައެއް ފަހަރު އާޓިފިޝަލް ބީޗްގައި އިނދެއެވެ. އަނެއް ބައި ފަހަރު ވިލިނގިއްޔަށް ގޮސް މޫދުކައިރީ އިނދެއެވެ. އެއީ މާޔާއާ އެކު ޒިޔާން އުފާވެރި އެތައް ވަގުތެއް ހޭދަކޮށްފައިވާ ތަންތަން ކަމަށް ވާތީއެވެ.

 

ކަލަންޑަރުގައި އެދުވަހުގެ ތާރީޚްގައި އިނގިލި ޖައްސާލައިގެން އިފާޝާ ހުއްޓެވެ. މާލެ އައި ފަހުން މިވީ ދެ ހަފްތާގެ ތެރެއިން ފަހު ހަފްތާގެ ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު އިފާޝާއަށް އެހެން ހުރެވެނީ ހިތުގައި އެނބުރެމުންދާ ޚިޔާލެއްގެ ސަބަބުންނެވެ. ހަތަރު އަހަރު ވަންދެން ހިތް އެދުނު ކަމަކަށް ވީ ނަމަވެސް ދެން އެ އެދުން ފުރިހަމަ ވެދާނެ ކަމުގެ އުންމީދު އިފާޝާގެ ހިތުން ފިލައިގެން ދިޔައީ އާމިރު އިފާޝާއާ ވަކިވި ވަގުތުއެވެ.

މާލެ އައި ފަހުން ފުރަތަމަ އެހެން ހިތަށް އެރި ދުވަހު އިފާޝާއަށް އަމިއްލަ ނަފްސަށްވެސް މަލާމާތް ކުރެވުނީ އެފަދަ ކަމަކަށް ޝައްކު ކުރެވުނީތީއެވެ. އެހުރިހާ ދުވަހު ނުވި ކަމެއް ވެދާނެ ކަމަށް ހީކުރެވުނީތީއެވެ. އެހެން ނަމަވެސް ދެން ޝައްކު ކުރާކަށް ފުރުސަތެއް ނެތެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު އިފާޝާގެ ހިތުގައި ޔަގީންކަން އިތުރު ވަމުން ދެއެވެ.

ނަމަވެސް އެކަމާ އުފާ ކުރަންވީ ކަމެއް ނުވަތަ ދެރަވެ ރޯންވީ ކަމެއް އިފާޝާއަކަށް ނުވިސްނުނެވެ. ހަތަރު އަހަރު ވަންދެން އެދުވަހެއްގެ އިންތިޒާރުގައި ހުރި ދުވަސް އައި ނަމަވެސް އެއުފަލުގައި ހިއްސާވާ ބައިވެރިޔާ ނެތް ކަމުގެ އިހުސާސުން އިފާޝާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.

އާމިރު ނެތް ދުވަހު އާމިރުގެ ހަނދާނެއްގެ ގޮތުގައި އިފާޝާގެ ބަނޑުގައި އަށަގެންފައިވާ އެދަރިފުޅު އަބަދުވެސް ވާނެއެވެ. ނަމަވެސް އެއުފަލުގައި އިފާޝާއާ ބައިވެރި ވުމަށް އާމިރު ނެތުމުން އިފާޝާގެ ހިތް މާޔޫސް ވެގެން ދިޔައެވެ.

އާމިރު އިފާޝާއާ އެކުގައި ވި އިރު އިފާޝާގެ ހިތް އެދެމުން ދިޔައީ އިފާޝާއަށް މަންމަ، އަދި އާމިރުއަށް ބައްޕަ ކިޔާނެ ލޯބިލޯބި ދަރިފުޅަކަށެވެ. ނަމަވެސް މިއަދު އެދުޢާ އިޖާބަ ކުރެއްވީތީ ކަލާނގެއަށް ހިތުގެ ފުންމިނުން ޝުކުރު ކުރަމުން ދާއިރުވެސް އާމިރުގެ ހަނދާނުން އިފާޝާގެ ހިތް ޒަޚަމް ވަމުން ދަނީއެވެ. އިފާޝާގެ ހިތް އެދެމުން ދަނީ އާމިރުއަށެވެ. އެއުފާ އާމިރުއާ އެކު ހިއްސާ ކުރުމަށެވެ.

ހަމަ އެއާއެކު މާޔާ މަތިންވެސް އިފާޝާ ހަނދާން ވިއެވެ. އެޚަބަރު ލިބުމުން އާމިރުގެ އިތުރުން އެންމެ އުފާ ވާނެ އެކަކަށް މާޔާ ވީހެވެ. މާޔާ ދުނިޔޭގައި ހުރި ނަމަ އިފާޝާއާ މާޔާގެ ދެކުދިން އުފަން ވާނީ އެއް ދުވަސްކޮޅެއްގައެވެ. ދެކުދިން ބޮޑުވާނީ އެކީގައެވެ. އިފާޝާ ބަލިވެ އިންކަން މާޔާއަށް އެނގުމުން ބަލިވެ އިނުމާ ވިހެއުމާ ބެހޭ ގޮތުން އިފާޝާއަށް ނޭނގޭ ކިތަންމެ ކަމެއް މާޔާގެ ފަރާތުން އިފާޝާއަށް އެނގޭނެއެވެ. އެވަގުތު އިފާޝާއާ އެންމެ ގާތުގައި ވުމަށް އެދެވޭ ދެމީހުންވެސް އެވަނީ އިފާޝާއާ ވަކިވެ ގޮސްފައެވެ.

އިފާޝާއަށް އަންނަމުން ދިޔަ ބަދަލު ޒިޔާންއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭގެ ސަބަބެއް ނުވިސްނެއެވެ. ދެފަހަރަކު ޒިޔާން ސުވާލުވެސް ކުރިއެވެ. އެއްވެސް ކަމެއް ނުވާ ކަމަށް ބުނެ އިފާޝާ ފުއްދާލަނީ އަދި އެކަން އެއްވެސް މީހަކާ ހިއްސާ ކުރަން ބޭނުން ނުވާތީއެވެ.

ޒާޔާ ނާންނަ ދުވަހެއް ކަމުން ހަވީރު ވީއިރު ވަރުބަލި ވާތީ އިފާޝާ އޮށޯވެލިއެވެ. އޭރު އިފާޝާ މޭނުބައި ކުރާތާ ދެދުވަހެއް ވަރު ވެއްޖެއެވެ. ހޮޑުވެސް ލެވެއެވެ. ކާހިތް ނުވާތީ އެދުވަހު މެންދުރު ހަމަ އެކަނި ޖޫސްތައްޓަކުން ފުއްދާލައިގެން ހުރުމުންނާ ކުރީރޭ ނުނިދުމުގެ ސަބަބުން އޮށޯވެލި އިރަށް އިފާޝާއަށް ނިދުނީއެވެ. ހޭލެވުނީ ބެލް ޖެހި އަޑަށެވެ.

ލޯހުޅުވާލާފައި އިފާޝާ ފުރަތަމަވެސް ފޯނުން ގަޑި ބަލާލިއެވެ. ހައެއް ޖެހީއެވެ. އަވަސްއަވަހަށް ތެދުވެ މޫނު ދޮވެލައިގެން އިފާޝާއަށް ކޮޓަރީގެ ދޮރާ ހަމައަށް ދެވުނު އިރު ހައެއްކަ ފަހަރު ބެލް ޖަހައިފިއެވެ. އޭރު އިފާޝާގެ ފޯންވެސް ރިންގް ވެއެވެ. ނަމަވެސް އަވަހަށް ދޮރު ހުޅުވަން ދާން ވެގެން އިފާޝާ ފޯނަށް ބަލާވެސް ނުލާ ދިޔައީއެވެ.

އިފާޝާ ދޮރު ހުޅުވާލި އިރު ތަޅުދަނޑި ނަގާ ދޮރު ހުޅުވަން ތައްޔާރަށް ހުރި ޒިޔާންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެއެވެ.

“އިފާ! ހާދަ އިރަކުން ދޮރު ހުޅުވީ؟ ކިހިނެއްވީ؟” އިފާޝާ ފެނުމާއެކު ޒިޔާން ހާސްކަން އެކުލެވިފައިވާ އަޑަކުން ސުވާލު ކޮށްލިއެވެ.

“ނިދުނީ…” އިފާޝާ ޒިޔާން އެތެރެއަށް ވަންނަން ތަން ދައްކަމުން ކުރު ޖަވާބެއް ދިނެވެ.

“އަހަރެން ފޯންވެސް ކުރިން” އިފާޝާގެ މޫނަށް ބަލާލަމުން ޒިޔާން ބުންޏެވެ. އެމޫނުގައިވާ ވަރުބަލިކަން ޒިޔާންއަށް ފާހަގަ ކުރެވުނެވެ.

“އާނ، އަޑު އިވުނު… އަވަހަށް ދޮރު ހުޅުވަން ވެގެން ފޯނަށް ބަލާނުލާ ދިޔައީ” އިފާޝާ ބުނެދިނެވެ.

“އިފާ، ބަލިވެތަ ތިއުޅެނީ؟” ޒިޔާން އިށީނދެފައި އެހިއެވެ.

އިފާޝާ އިސްޖަހާލިއެވެ. އެވަގުތު ޒިޔާން ގާތު ބުނަންވެސް އިފާޝާގެ ހިތަށް އެރިއެވެ. ނަމަވެސް ފަސްޖެހެވުނެވެ. މަޑުމަޑުން ދެފަރާތަށް ބޯހަލުވާލީ ބައްޔެއް ނޫނޭ ބުނުމުގެ ގޮތުންނެވެ. އެއީ ޒިޔާންއަށް ހެދި ދޮގަކަށް ނުވާނެ ކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.

ނޫނެކޭ ބުނި ނަމަވެސް އިފާޝާ ބަލިކަން ޒިޔާންއަށް ޔަގީނެވެ. އިތުރަށް ސުވާލު ކުރަން އުޅެފައިވެސް ޒިޔާން އެޚިޔާލު ދޫކޮށްލިއެވެ. މާޔާ ހުރި ނަމަ އިފާޝާއަށް ދިމާ ވެގެން އުޅޭ ކަންތައް މާޔާއާ ހިއްސާ ކުރީއެވެ. އެ ދެއެކުވެރިންގެ މެދުގައި އެއްވެސް ސިއްރެއް ނޯންނާނެ ކަން ޒިޔާންއަށް އެނގެއެވެ.

އެހެން ހިތަށް އެރުމާއެކު މާޔާ ބަލިވެ އިންކަން އިފާޝާއަށް އެނގޭނެޔޭ ޒިޔާންގެ ހިތަށް އެރިއެވެ. ޒިޔާންއަށް ވުރެން ކުރިން މާޔާ އެޚަބަރު ހިއްސާ ކުރާނީ އިފާޝާއާއެވެ.

“އިފާ… އޭރު މާޔާ ބަނޑުބޮޑުކަން އެނގޭ ދޯ؟” ކުއްލިއަކަށް ޒިޔާން އަހާލިއެވެ.

ޒިޔާންގެ އެސުވާލާއެކު އިފާޝާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ އިފާޝާ ބަނޑުބޮޑު ކަން ކޮންމެވެސް ގޮތަކުން ޒިޔާންއަށް އެނގުނީއޭ ހިތަށް އެރުމުންނެވެ.

ޒިޔާންއާ ދިމާއަށް ބަލާލަމުން އިފޝާ ބޯޖަހާލިއެވެ.

“އަހަންނަށް އެނގޭ އެންމެ ކުރިން މާޔާ ބުނާނީ އިފާ ކައިރީގަ ކަން…” ލުއި ހުނުމަކާ އެކު ޒިޔާން ބުންޏެވެ.

ޒިޔާން އެހެން ބުނުމާ އެކު އާމިރުއާ މާޔާގެ ހަނދާން ތަކުން އިފާޝާގެ ހިތް ފުރިގެން އައެވެ. މިއަދު އެދެމީހުން ތިބި ނަމަ އެމީހުން ކިހާ އުފާވީސް ހެއްޔެވެ؟ އިފާޝާގެ އުފަލުގައި ބައިވެރިވެ އެއުފާ އެތައް ގުނައެއް އިތުރުކޮށް ދިނީހެވެ. އެހެނަސް…

ގަސްތަކާ ނުލާ އެވަގުތު އިފާޝާއަށް ރޮވުނެވެ. ދެއަތުން މޫނު ނިވާ ކޮށްލަމުން އިފާޝާއަށް ގިސްލެވުނެވެ.

“އިފާ…” ކަންބޮޑުވެފައި އިން ތަނުން ތެދުވަމުން ޒިޔާން ގޮވާލިއެވެ.

“އިފާ… ކިހިނެއްވީ؟” އިފާޝާ ރުއިން ހުއްޓާނުލުމުން ކައިރިއަށް ގޮސް ޒިޔާން އިފާޝާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

އެރޭ ޒިޔާންއަށް ހުރިހާ ކަމެއް އެނގެން އޮތީ ކަންނޭނގެއެވެ. އިފާޝާ މޭނުބައި ކޮށްލުމާއެކު ރޮމުން އަނގަމަތީ އަތް އަޅައިގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ.

އިފާޝާއަށް ވީގޮތެއް ޒިޔާންއަކަށް ނުވިސްނުނެވެ. އިފާޝާ ރޮމުން ދިޔަ ގޮތުން ހާސްވެފައި ހުރި ޒިޔާން އިފާޝާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. ފާހާނާއަށް ވަން އިފާޝާ ފެނުމުން އިތުރު ވިސްނުމަކާ ނުލާ ޒިޔާންވެސް ފާހާނާގެ ދޮރުމަތީ ހުއްޓުނެވެ.

އިފާޝާ ހޮޑުލާތަން ފެނުމުން ޒިޔާންއަށް އެނގުނެވެ. ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ އިފާޝާއަށް އަންނަމުން ދިޔަ ބަދަލުގެ އަސްލު ސަބަބު ޒިޔާންއަށް ވިސްނުނެވެ.

ޒިޔާންގެ ހިތަށް އުފާވެރި އިހުސާސެއް ކުރެވުނެވެ. އިފާޝާއާ އާމިރުއަށް ޓަކާ ޒިޔާން އުފާވިއެވެ. މޫނުމަތިން ހިނިތުންވުމެއް ފެނުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހިނިތުންވުން ފޮހެވުނެވެ. އިފާޝާގެ ހިތަށް އެވަގުތު ކުރަމުން ދާނެ އަސަރު ޒިޔާންއަށް ވިސްނުނެވެ. އެއުފަލުގައި ބައިވެރި ވުމަށް އާމިރު ނެތުމުން ދަރިއަކަށް އެދިއެދި ހުރި އިފާޝާއަށް ވާނެ ގޮތް ޒިޔާންއަށް ވިސްނުނެވެ.

އަނގަޔާ މޫނު ދޮވެލައިގެން އިފާޝާ އެނބުރިލީ އިރު ދޮރުމަތީ ޒިޔާން ހުރި ތަން ފެނުމުން އިފާޝާއަށްވެސް ހުރެވުނީއެވެ.

“އިފާ، ބަނޑު ބޮޑު ދޯ؟” ޒިޔާންއަށް އެނގުނު ނަމަވެސް އަހާލިއެވެ.

ޖަވާބުގައި ބޯ ޖަހާލަމުން އިފާޝާއަށް އަނެއްކާވެސް ރޮވުނީއެވެ.

ޒިޔާން އިފާޝާގެ އަތުގައި ހިފައިގެން ނިކުމެ އެނދުގައި ބޭންދިއެވެ. އަދި ބަދިގެއަށް ގޮސް ފެންތައްޓެއް ހިފައިގެން އައިސް އިފާޝާ އަތަށް ދިނެވެ. ފެންފޮދެއް ބޯލާފައި އިފާޝާ ސައިޑްޓޭބަލް މަތީ ތަށި ބެހެއްޓިއެވެ.

“ކީއްވެ އިފާ ނުބުނީ؟” ޒިޔާން އަހާލިއެވެ.

އިފާޝާ ޖަވާބެއް ނުދީ އިނެވެ.

“އާމިރުއަށް އެނގޭތަ؟” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު ޒިޔާން އަހާލިއެވެ.

“ނޫން… ނޭނގޭނެ… އަހަންނަށްވެސް އެނގުނީ މާލެ އައި ފަހުން… ވީކެއް މިވީ އަދި އެނގުނުތާ…” ބޯ ހަލުވާލަމުން އިފާޝާ ބުންޏެވެ. އަނެއްކާވެސް ލޮލުން ކަރުނަ އައީ އެންމެ ފަހުރޭ އާމިރު ދެއްކި ވާހަކަ ހަނދާން ވުމުންނެވެ.

“އެރޭ… އެންމެ ފަހުރޭ… އާމިރު ބުނި… ނޭނގެއެއް ނޫންހޭ އަހަރެން އޭރުވެސް އިނީ ބަލިވެ ނޫން ކަމެއް… އޭރު އެނގުނު ނަމަ… އާމިރުއަށް މިކަން އެނގުނު ނަމަ… އަހަންނަކަށް ނޭނގެ މިކަމާ އަހަރެން އުފާ ވާންވީ ކަމެއް، ނޫނީ ދެރަވެ ރޯންވީ ކަމެއް… މިއަދު އާމިރު ހުރި ނަމަ އޭނަ ކިހާ އުފާ ވާނެ؟ މިއުފަލުގަ އާމިރު އަހަންނާ ބައިވެރި ވާނެ… އެހާ ދުވަސް ވަންދެން އެދުނު ކަންތައް ފުރިހަމަ ވީމަ އާމިރު…” އެވަރަށް ބުނެފައި އިފާޝާ ދެފަރާތަށް ބޯހަލުވާލަމުން ދެއަތުން މޫނު ފޮހެލިއެވެ.

ޒިޔާން އެއްވެސް އެއްޗެއް ނުބުނެ އިނެވެ.

“އަހަރެން ޝުކުރު ކުރަން މިއަދު އަހަންނަށް އާމިރުގެ ހަނދާނެއް ލިބުނީތީ… އެކަމަކު އޭނަޔާ ނުލާ އަހަރެން ކިހިނެއް…؟” އިފާޝާއަށް އަނެއްކާވެސް ރޮވުނީއެވެ.

“އިފާ، ދެރަ ނުވޭ… ނުރޮއެ… މިއަދު އާމިރު ހުރި ނަމަ އޭނަ އުފާ ވާނެ ވަރު ހިތަށް އަރުވާލާފަ އިފާ ހިތްހަމަ ޖެހިބަލަ… އޭނަ ބޭނުން ވާނެތަ އިފާ ތިހެން ރޯން؟” ޒިޔާން މަޑުމަޑުން ބުންޏެވެ.

އިފާޝާ ދެއަތުން މޫނު ފޮހެލިއެވެ.

“މާޔާ އަބަދުވެސް ބުނާނެ އަދި ވަގުތު ނުޖެހެނިއްޔޭ، މިކަން ވާންވީ ވަގުތު އައިމަ ކާމިޔާބު ވާނެޔޭ… އަހަރެން ދެރަ ވިޔަސް އޭނަ އަބަދުވެސް އަހަންނަށް ހިތްވަރު ދޭނެ…” އިފާޝާ ވާހަކަ ދައްކަމުން ގޮސް ޒިޔާންއަށް ބަލާލިއެވެ. އެދުވަހު މާޔާ ދެއްކި ވާހަކަތައް އިފާޝާގެ ކަންފަތުގައި ހަރުލާފައި ވާކަހަލައެވެ.

“ޒިޔާން، ކީއްވެތަ އެހެން ވާންވީ؟ ކީއްވެ މާޔާއާ އާމިރު… ކީއްވެ އަހަރުމެންނަށް މިހެން ވާންވީ؟” ޒިޔާންގެ މޫނަށް ބަލާލަމުން އިފާޝާއަށް ހިތުގައިވާ ޝަކުވާ ދުލުން ބޭރުކޮށްލެވުނެވެ.

“އަހަރެންވެސް ބައެއް ފަހަރު ތިހެން ހިތަށް އަރާ، އެކަމަކު… އިފާ، ކޮންމެ ކަމެއް އަހަރުމެން ބޭނުންވާ ގޮތަކަށް ނުވާނެ…” ޒިޔާންގެ އަޑުގައި ވަނީ މަޑުމައިތިރި ކަމާ ހިތާމައެވެ. ދެމީހުންގެ ހިތުގައިވެސް ވަނީ ޝަކުވާއެވެ. ވޭނާ ރިހުމެވެ. ލޮލުގައި ވަނީ ކަރުނައެވެ.

އެދެމެދުގައި ހިމޭން ވަގުތުކޮޅެއް ދިޔައެވެ.

“ކިހާ ދުވަހެއް؟” ޒިޔާން ސުވާލު ކޮށްލިއެވެ.

“ހީވަނީ އަދި މަހެއް ހެން…” އިފާޝާ މަޑުމަޑުން ބުންޏެވެ.

އެރޭ ޒިޔާން ގެޔަށް ދިޔައީ އިފާޝާ ގާތު ރަނގަޅަށް ކެއުމަށާ އަމިއްލަ ސިއްޙަތަށް ބަލައިގެން އުޅުމަށް ނަސޭހަތްތެރި ވެފައެވެ. އެތައް ވާހަކައެއް ދައްކައިގެން އިފާޝާއަށް ހިތްވަރު ކުރުމަށް ބުނެފައެވެ.

އިފާޝާއާ ޒިޔާންއަށް ދިމާވި ހިތްދަތި ހާދިސާއަށް ފަހު މާޔާގެ ދައްތަ ސާދާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒިޔާންމެން ގެޔަށް ދެއެވެ. ޒާޔާގެ ހާލު ބަލާށެވެ. ހަމަ އެހެން ސާދާ މަދުވެގެން ހަފްތާއަކު އެއްފަހަރު އިފާޝާމެން ގެޔަށްވެސް ދެއެވެ.

އެރޭ ސާދާ އިފާޝާމެން ގެޔަށް އައި އިރު ޒިޔާން ދިޔަތާ މާގިނަ އިރެއް ނުވެއެވެ.

ސާދާ ފެނުމާ އެކު އިފާޝާއަށް ރޮވުނީ މާޔާގެ ހަނދާން ވުމުންނެވެ.

“އިފާ، ނުރޮއެ ދެން…” އިފާޝާގެ ބޮލުގައި ފިރުމާލަމުން ސާދާ ބުނެލިއެވެ. ނަމަވެސް އިފާޝާއަށް މޫނުގައި އަތް އަޅާފައި ބާރަށް ރޮއެގަނެވުނެވެ.

“އިފާ، ކިހިނެއް ވީ؟” އިފާޝާގެ އަތުގައި ހިފާ މޫނާ ދުރު ކުރަން މަސައްކަތް ކުރަމުން ސާދާ ކަންބޮޑުވެފައި ސުވާލު ކުރަމުން ދިޔައެވެ. އެގޮތަށް އިފާޝާ ރޯން ފެށުމުން ކޮންމެވެސް ކަމެއް ވެއްޖެ ހެން ސާދާއަށް ހީވިއެވެ.

“ދޮންތާ، އަހަންނަކަށް ނޭނގެ އަހަރެން ހަދަންވީ ގޮތެއް… ދިރިއުޅުން ދެކެ މުޅިން ފޫހި ވެއްޖެ… މިއަދު އަހަންނަށް މިލިބުނު އުފާވެސް އާމިރުއާ ނުލާ އަހަންނަކަށް އިހުސާސެއް ނުކުރެވޭ… އަހަރެން ދެރަވަނީ… އާމިރު ނެތިސް އަހަރެން ކިހިނެއް މިކަމާ ކުރިމަތި ލާނީ… އަހަރެން ހިތަށް އަރާ…” ރޮމުން އިފާޝާ ހުރި ދިމާލުން ތިރީގައި އިށީނެވެ.

ނުނިމޭ

57
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

އެެދެނީ މަޢާފް

Next

ކަޅު ސަފުހާ – 7

Next
February 9, 2016

ކަޅު ސަފުހާ – 7

Previews
February 8, 2016

އެެދެނީ މަޢާފް

7 Comments

  1. Marsha says:
    February 9, 2016 at 9:54 am

    Sorry for the late update… but hope u like thiss too…

  2. Zaanaa says:
    February 9, 2016 at 9:59 am

    Haada reethi story akay next part varah avahah up kohdeychay

  3. Niz says:
    February 9, 2016 at 12:19 pm

    Wow v reethi mi part vx…mivaahakaige komme part eh kiyamun dhaa iruvx haadha cry kurevey..aslu marsha v molhu egey…keep it up

  4. Suvehkko says:
    February 9, 2016 at 2:40 pm

    V salhi vahakeh dhen kn irakun next part annani

  5. Shayaa says:
    February 9, 2016 at 2:41 pm

    Wow v nice

  6. I says:
    February 9, 2016 at 2:47 pm

    Mivaaahaka dhevana faharh mikiyany.but hama evarah karuna faibaaa dhelolun.kiyeyvareh nun.

  7. laara says:
    February 9, 2016 at 4:49 pm

    nice story eh

Comments are closed.

All Right Reserved!