ހިތަކުން ނުދާނޭ ފިލާ 15
“އަހަރެން ހުރި ތަނެއް ބަލަން ދެން ނޫޅޭ. އަހަރެންގެ ބަނޑުގަ އޮތް ދަރިފުޅު ނައްތާލަން ބުނި ހެން އަހަންނަކީވެސް ނެތް މީހެއް ކަމަށް ބަލާ. ކޮންމެވެސް ދުވަހަކުން ސާހިލްއާވެސް އަދި ދިމާވާނެ. އެ ދުވަހަކުން އެނގޭނެ އަހަރެން މިހެން ކަންތައް ކުރީ ކީއްވެ ކަން. އަހަންނަށް ކަމެއް ކޮށްދެންޏާ އަހަރެންގެ އާއިލާއާ އޮތް ގުޅުން ދުވަހަކުވެސް ކަނޑާނުލާ. ބާއި ސާހިލް!” ބުނަން ބޭނުންވި އެއްޗެއް ބުނެފައި ލަޔާލް ފޯން ކަނޑާލި އިރު ސާހިލް ގޮވާލި އަޑު އިވުނެވެ.
އަނެއް ދުވަހުގެ ރެއާ ހަމައަށްވެސް ލަޔާލްއަށް ނާފިޒްގެ ޚަބަރެއް ނުވެއެވެ. ގްރޫޕަށް ލީ މެސެޖަށް ފަހު ސާހިލްގެ ކޯލަށް ނޫނީ ލަޔާލް ޖަވާބެއް ނުދެއެވެ. އެރޭ އެންމެ ފަހުން ލަޔާލް ގުޅީ ނަސްމާއަށެވެ.
“ދައްތާ، އަހަންނަށް އެންމެ ކަމެއް ކޮށްދޭން ބައްޕަ ކައިރީ ބުނެދީ. މަންމަގެ ގޭގެ ކުލިން އެއްބައި އަހަންނަށް ލިބޭނެ ގޮތް ހަދައިދޭށޭ ބުނޭ. އޭރުން ބައްޕައަށް ދެން އަހަރެންގެ އެއްވެސް އުނދަގުލެއް ނުޖެހޭނެ. އެކަން ކޮށްނުދެވެންޏާވެސް ބުނެލަދޭތި. އަހަންނަށް ކަމެއް ވެގެން ބައްޕައަށް އަންގައިފިއްޔާ އަހަންނަށް މާފުކޮށްދޭށޭ ބުނެދޭތި” ލަޔާލް ނަސްމާއާ އެ ވަރަށް ވާހަކަ އެ ދެއްކީ އެތައް ދުވަހެއް ފަހުންނެވެ.
“ލަޔާލް ބައްޕައަށް ގުޅާފަ ބުނަންވީނު؟” ލަޔާލްގެ ވާހަކައިން ނަސްމާގެ ހިތަށްވެސް ތަދުވިއެވެ.
“އަހަންނާ ވާހަކަ ދައްކަން ބޭނުން ނޫން ކަން ބައްޕަ ބުނެދީފި. ދެން ބޭއްވީ ދައްތާ” ލަޔާލް ފޯން ކަނޑާލިއެވެ.
ލަޔާލްގެ ވާހަކަ އަޑުއަހަން ނަސްމާ ހުރި އިރު ކައިރީގައި ނާފިޒްވެސް ހުއްޓެވެ. ނަސްމާ ކަންފަތާ ފޯން ދުރުކޮށްލާ ނާފިޒްއަށް ބަލާލިއެވެ. ލަޔާލްއާ ބެހޭ ގޮތުން ނާފިޒް ސުވާލެއްވެސް ނުކުރިއެވެ.
ދެ އަތުން މޫނު ފޮރުވައިގެން ރޯން އިން ލަޔާލް ލޯ ފޮހެލަމުން ބަލާލީ ފޯނެއް އައުމުންނެވެ. ގުޅަނީ މުހައިމިން ކަން އެނގުމުން ލަޔާލްއަށް އެ ކޯލް ނުނަގާ ދޫކޮށްލާކަށް ނުކެރުނެވެ.
“ލަޔާލް، ދަރިފުޅު ތި ހުރި ތާކުން ވީ އެންމެ އަވަހަކަށް ގެއަށް އާދޭ” ލަޔާލް ފޯން ނެގުމާއެކު މުހައިމިން ބުންޏެވެ.
“ބައްޕަ ބޭނުމެއް ނުވާނެ—” ލަޔާލްއަށް ފުރިހަމައެއް ނުކުރެވުނެވެ.
“ލަޔާލްގެ ބައްޕަގެ ބައްޕަ މި ބުނަނީ. ސާހިލްއާ އެކީ އުޅެން ބޭނުން ނުވަންޏާ ގެއަށް އާދޭ. އެކަކަށް އެއްކަމަކަށްވެސް ދަރިފުޅަށް މަޖުބޫރެއް ނުކުރެވޭނެ. ސާހިލްއަކަށްވެސް އަދި ނާފިޒްއަކަށްވެސް ނުކެރޭނެ ދެނެއް. ކާފަ މި ބުނަނީ ކާފަގެ ގެއަށް އަންނަން. އެކަކަށްވެސް އެއްޗެއް ނުބުނެވޭނެ” މުހައިމިން ބުންޏެވެ.
“ސޮރީ ކާފާ..” އެހެން ބުނުމާއެކު ލަޔާލް ފޯން ކަނޑާލިއެވެ. މުޅި އެރޭ ލަޔާލް ހޭދަ ކުރީ ރުއިމުގައެވެ. ނަމަވެސް އަނެއް ދުވަހު އިރު އެރުމާއެކު ލަޔާލް ނިންމާފައިވާ ގޮތަށް ކަންތައް ކުރުމަށް މަސައްކަތް ފެށިއެވެ. ފޯން ނިއްވާލުމާއެކު ސިމް ނަގާފައި ލަޔާލް އެ ސިމް ހަލާކު ކޮށްލިއެވެ. ދެ ދުވަސް ފަހުން މާލެއަށް އަންނަން ދެން ލަޔާލް އެ ފޯނެއް ނުހުޅުވައެވެ. ލަންކާއަށް ދިޔަތާ ހަފްތާއެއް ވީ ދުވަހު ލަޔާލް މާލެއަށް އައެވެ. އެ ދުވަހު އާ ފޯންއަކާ އެކު އާ ސިމްއެއް ނަގާފައި ވައިބަރއާ ވަޓްސްއެޕް ބޭނުން ކުރަން ފެށީ އެ ނަމްބަރުގައެވެ. އިންސްޓަގްރާމްއާ ޓެލެގްރާމް ފަދަ އެޕްތައް ބަދަލެއް ނުކުރެއެވެ.
މާލެއަށް އައިސް ހަފްތާއެއް ވަންދެން ލީޝާމެން ގޭގައި ހުރެފައި ލަޔާލް ބަދަލުވީ ލީޝާގެ މާމަ ކައިރިއަށް، އައްޑޫއަށެވެ. ލަޔާލްއާ އެކު ލީޝާ ދިޔައެވެ. މަހެއްހާ ދުވަހު މަޑުކޮށްފައި ލީޝާ މާލެއަށް އައީ ލަޔާލް އެ ރަށުގައި ހަމަޖެހުމުންނެވެ.
ހަތްމަސް ދުވަސް ފަހެވެ. އެގާރަ ގަޑިއިރުގެ ވޭނަށް ފަހު ނަރުސް ކުއްޖަކު އައިސް ހުދު ރަޖާގަނޑުގެ ތެރެއަށް ލާ އޮޅާލާފައި އޮތް ދަރިފުޅު ގެނެސް ލަޔާލްގެ އަތަށް ލައިދިނެވެ. ރޮމުން ދިޔަ ލަޔާލް ފިރިހެން ދަރިފުޅުގެ މޫނުގައި ބޮސްދިނެވެ. ގަޑިއެއްހާ އިރު ފަހުން ލަޔާލް ބޭރަށް ނެރުނު އިރު ލީޝާއާ، ލީޝާގެ މަންމަ ނީޒާއާއި މާމަ ސާމިޔާވެސް ހުއްޓެވެ.
ހަތް ދުވަސް ފަހުން ލަޔާލްގެ ދަރިފުޅަށް ނަން ކިޔުން އޮތީވެސް ލީޝާގެ މާމަ ގޭގައެވެ. ކިޔާން ސާހިލް އިރުފާންގެ ނަމުން ނަން ކިޔުނު ދަރިފުޅު ސާމިޔާގެ އަތުގައި އޮތެވެ. ލީޝާއާ ނީޒާގެ މެދުގައި އިން ލަޔާލްއަށް އޭރުވެސް ރޮވެނީއެވެ.
“ލަޔާއަށް އެނގޭނީ ގުޅަންޏާވެސް. ލަޔާގެ ނިންމުމަށް އަހަރުމެން ދެކޮޅެއް ނުހަދާނަން” ލަޔާލްގެ ބުރަކަށީގައި ފިރުމަމުން ލީޝާ ބުންޏެވެ.
“ބޭނުމެއް ނޫން އެކަކަށްވެސް އަންގާކަށް.. މިހާ ދުވަސް ވީ އިރު އަހަރެންގެ ހާލު ބަލާނުލި ބަޔަކަށް ގުޅާފަ ކީއްކުރަން ބުނަންވީ؟” ލަޔާލް ރުއިމުގެ ތެރެއިން ބުންޏެވެ.
ހަތް މަސް ކުރިން ލަޔާލް ލަންކާއަށް ދިޔައީ ސާހިލް ބުނި ގޮތަށް ކަންތައް ކުރަން ނަމަވެސް އެ ފިޔަވަޅު ނަގާކަށް ލަޔާލްގެ ހިތެއް އެއްގޮތަކަށްވެސް ނުރުހުނެވެ. ހުރިހާ ކަމެއް ތައްޔާރުވެފައި ވަނިކޮށް އެންމެ ފަހު ވަގުތު ލަޔާލް ދެކޮޅު ހެދީއެވެ. ބަނޑުގައި އޮތް ކުށެއް ނެތް ދަރިފުޅަށް ޓަކާ ފިރިމީހާއާ އާއިލާއާ ދެކޮޅު ވާން ޖެހުނަސް ހެޔޮ ކަމަށް އެ ދަރިފުޅު އުފަން ކުރަން ނިންމީއެވެ. އެ ނިންމުމުގައި ލަޔާލްއާ އެކު ހުރީ ލީޝާއެވެ. އެ ދުވަހުން ފެށިގެން ވިހޭ ދުވަހާ ހަމައަށްވެސް ލަޔާލްއަށް އެހީވީ ލީޝާގެ އާއިލާއެވެ.
ސާހިލް އަދި އެހެން މީހަކަށްވެސް ލަޔާލް އެ ގޮތަށް ނިންމި ކަން އަންގާކަށް ލަޔާލް ބޭނުމެއް ނުވިއެވެ. އެއީ އަމިއްލަ ދަރިއެއް ކަން ގަބޫކު ކުރަން ދެކޮޅު ހެދި އިރު އެ ދަރިފުޅުގެ މައްޗަށް ސާހިލްގެ އެއްވެސް ހައްގެއް ނޯންނާނެއެވެ. އަދި ލަޔާލްގެ ވާހަކަ ގަބޫލު ނުކޮށް ސާހިލްއާ އެއްކޮޅަށް ތިބި ލަޔާލްގެ އާއިލާއާވެސް އެ ދަރިފުޅާ ގުޅުމެއް އޮންނާކަށް ލަޔާލް ބޭނުމެއް ނޫނެވެ. ދަރިއަކު ގޮވައިގެން އެކަނި އުޅޭނެ ގޮތަކާ މެދު ކަންބޮޑުވެ ހާސްވި ނަމަވެސް ކޮންމެވެސް ގޮތެއް އޮންނާނެ ކަމުގައި ލަޔާލް ގަބޫލު ކުރިއެވެ. ލަޔާލް އެދުނު ހެން ކަންތައް ކޮށްދޭނެ ކަން އޭރު ޔަގީން ނުވި ނަމަވެސް ލަޔާލްގެ މަންމަގެ ގެއިން ލިބޭ ކުލީގެ އެއްބައި ނާފިޒް ކޮންމެ މަހަކު ލަޔާލްގެ އެކައުންޓަށް ޖަމާ ކޮށްދޭން ފެށުމުން ލަޔާލްގެ ހިތުގައި ވި ހާސްކަން ކޮންމެވެސް ވަރަކަށް ފިލިއެވެ.
ލަޔާލްއާ އޮތް ގުޅުން ކަނޑާލަން ބޭނުން ނަމަ ސާހިލް އެ ކަންތައް ކުރިއަށް ގެންދިޔުމަށް ބުނި ނަމަވެސް އެ ކައިވެނި ރޫޅާލުމަށް ސާހިލް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ސާހިލްއާ ކައިވެނި ކުރި ދުވަހުން ފެށިގެން ލަޔާލްގެ އެކައުންޓަށް ކޮންމެ މަހަކު ސާހިލް ޖަމާކޮށްދޭ ފައިސާ އޭގެ ފަހުންވެސް ޖަމާކުރަމުން ދިޔައެވެ. ނަމަވެސް ލަޔާލް އެ ފައިސާގެ ބޭނުމެއް ނުކުރެއެވެ. ސާހިލްއާ ގުޅުމެއް ބާއްވަން ބޭނުން ނުވާތީ ސާހިލްގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ލަޔާލް އިތުރަށް ބޭނުމެއް ނުވެއެވެ.
ކިޔާން ބަލިވާން ފެށީ އުމުރުން އަހަރެއް ވީ ފަހުންނެވެ. ފުރަތަމަ ފާހަގަ ކުރެވެން ފެށީ އުމުރަށް ވުރެ ހެދިބޮޑުވުން ލަސްވާކަމެވެ. އޭގެ އިތުރުން ކިޔާން އަވަސް އަވަހަށް ވަރުބަލި ވެ، ބައެއް ފަހަރަށް ނޭވާ ލާން އުނދަގޫ ވެއެވެ. އެންމެ ތުއްތު އިރުން ފެށިގެންވެސް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ކިޔާން ޑޮކްޓަރަށް ދައްކަން ޖެހެއެވެ. އެންމެ ފަހުން ރަށުން އެދެވޭ ފަރުވާއެއް ނުލިބުމުން ލަޔާލް ޖެހުނީ ކިޔާން ގޮވައިގެން މާލެއަށް ދާށެވެ.
މާލެއަށް އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދާ ނަތީޖާ ބަލާފައި ޑޮކްޓަރ ދިނީ ލަޔާލް ހީވެސް ކޮށްފައި ނުވާ ފަދަ ޚަބަރެކެވެ. ކިޔާންގެ ހިތުގައި ލޯވަޅެއް އިން ކަމަށާ، އެއީ އުފެދުމުގައިވެސް ހުރި ގޮތް ކަމުގައި ބުންޏެވެ. ފަރުވާއަކީ އޮޕަރޭޝަންއެވެ. އެއީ ރާއްޖެއިން ނުކުރެވޭ ކަމަކަށް ވާތީ، ފަރުވާ ހޯދުމަށް އެންމެ ރަނގަޅު ހޮސްޕިޓަލުތައް ހުރި ގައުމުތައް ބުނެދިނެވެ. އަދި ވީހާވެސް އަވަހަކަށް ފަރުވާ ހޯދުމަށްވެސް ބުންޏެވެ.
ގެއިން ނިކުތް ފަހުން ސާހިލް ނުވަތަ ނާފިޒްއަށް ގުޅުމަށް ފުރަތަމަ ފަހަރަށް ލަޔާލް ބޭނުންވީ އެ ދުވަހުއެވެ. އެ ވަރުގެ ބޮޑު ކަމަކާ އެކަނި ކުރިމަތިލާނެ ހިތްވަރު ލަޔާލްގެ ކިބައިގައި ނުހުރެދާނެތީ ކަންބޮޑުވީއެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ކިޔާންގެ ފަރުވާ ލަޔާލްއަށް މުހިންމެވެ. އާއިލާގެ އެހީއާ ނުލާ އެ ވަރުގެ ކަމެއް ނުކުރެވިދާނެ ހެން ހީވެ ލަޔާލް ބިރުގަތެވެ. ކިޔާންއާ ބެހޭ އެއްވެސް ކަމެއް ސާހިލްއަށް ނޭނގޭ އިރު އެހާ ބޮޑު ކަމެއް ކުރުމުގެ ކުރިން ސާހިލްއަށް އަންގަން ބޭނުންވިއެވެ.
ލަޔާލް ފުރަތަމަ ގުޅީ ސާހިލްއަށެވެ. ނަމަވެސް ދެ ދުވަސް ވަންދެން މަސައްކަތް ކޮށްގެންވެސް ސާހިލްއަށް ގުޅޭ ގޮތެއް ނުވިއެވެ. މާހިރާއަށް ގުޅަން ހިތަށް އެރި ނަމަވެސް އެ ޚިޔާލު ދޫކޮށްލާފައި ލަޔާލް ދެން ގުޅީ ނާފިޒްއަށެވެ.
ނާފިޒް ފޯނަށް ޖަވާބު ދިން ނަމަވެސް ގުޅީ ލަޔާލް ކަން އެނގުމުން ނާފިޒް ދެއްކި ވާހަކަ ލަޔާލް ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ.
“ލަޔާލް ދެން އަހަންނަށް ގުޅަން ޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން، އަހަރެންގެ ބަސް ނާހަން ވެގެން ލަޔާލް ފިލައިގެން ދިޔަ ދުވަހުން ފެށިގެން އަހަރެންގެ ހުންނާނީ އެންމެ ދަރިއެއް. ދެން އަނެއްކާ އަހަރުމެންގެ އާއިލާއަކަށްވެސް އަދި ސާހިލްގެ ދިރިއުޅުމަކަށްވެސް އަންނަން އުޅޭނެ ކަމެއް ނެތް. ސާހިލްއަށްވެސް ކުރިއަށް ދެވޭނީ އޭނަ ދޫކޮށްލާފަ ދިޔަ އަނބިމީހާ މަތިން ހަނދާން ނައްތާލެވުނިއްޔާ. ލަޔާލްގެ ދިރިއުޅުމަށް ލަޔާލްއަށް ސަލާން!” އެހެން ބުނި ގޮތަށް ލަޔާލްއަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ ނާފިޒް ފޯން ކަނޑާލީއެވެ.
ލަޔާލްއަށް ވަގުތުން ރޮވުނީއެވެ. ލަޔާލްއާ ގުޅުން ބާއްވަން ބޭނުން ނުވާ ކަން ދެ އަހަރު ކުރިންވެސް ނާފިޒް ވަނީ ސާފުކޮށްދީފައެވެ. ނަމަވެސް ދެވަނަ ފަހަރަށްވެސް އެކަން ސާފުކޮށްދެމުން ނާފިޒް ދުލުން އެ ބަސްތައް ބުނި އަޑު އިވުމުން ބައްޕަގެ ހިތުގައި ލަޔާލްގެ މައްޗަށް އެއްވެސް ލޯތްބެއް ނުވާ ކަން ލަޔާލްއަށް ޔަގީންވިއެވެ.
އަދި ސާހިލްއާ ބެހޭ ގޮތުން ނާފިޒް އެ ބުނި އެއްޗަކުން ލަޔާލްއަށް ނެގުނީ މުޅިން އެހެން މާނައެކެވެ. ސާހިލް އެހެން ކައިވެންޏެއް ކުރަން އުޅެނީ ހެއްޔެވެ؟ ލަޔާލް މަތިން ހަނދާން ނައްތާލުމަށް ސާހިލްއަށް އެހާ ފަސޭހަ ހެއްޔެވެ؟ ލަޔާލްއާ ކުރެވުނު ކައިވެންޏަކީ ސާހިލްއަށް އެއްވެސް އެއްޗަކަށް ނުވަނީ ހެއްޔެވެ؟
ލަޔާލްވެސް ގޮތެއް ނިންމިއެވެ. އެ މީހުންނަށްވެސް ލަޔާލްއާ ނުލާ ދިރިއުޅުމާއިގެން ކުރިއަށް ދެވޭ ނަމަ ލަޔާލްވެސް ފަހަކަށް ނުޖެހޭނެއެވެ. އެ މީހުންނާ ނުލާ ލަޔާލްއަށްވެސް އުޅެވޭނެއެވެ.
މަންމަގެ ގޭގެ ކުލި ލިބެން ފެށީއްސުރެ ލަޔާލް އައީ ކޮންމެ މަހަކުވެސް އެއިން ބައެއް ރައްކާ ކުރަމުންނެވެ. އެހެން ނަމަވެސް ކިޔާންގެ އޮޕަރޭޝަންއަށް ބޭނުންވާ އަދަދު ހަމަ ކުރަން އަދި ދުވަސް ބޭނުން ވާތީ މަޑު ކުރެވޭނެ އެންމެ ގިނަ ދުވަހަކަށް ލަޔާލް މަޑު ކުރިއެވެ. ލީޝާގެ އާއިލާ އިން ލަޔާލްއަށް އެހީވާން ތައްޔާރަށް ތިބި ނަމަވެސް ލަޔާލް އެދުނީ ލަޔާލްއަށް އަދި ފުރުޞަތު ދިނުމަށެވެ. އިތުރު އެހީއަކަށް ބޭނުންވެއްޖެ ނަމަ ބުނަން ފަސް ނުޖެހޭނެ ކަން ހާމަ ކުރުމުން ލީޝާ ލަޔާލްގެ އަޑު އެހިއެވެ.
ލަޔާލްއަށް ކިޔާން ގޮވައިގެން ލަންކާއަށް ދެވޭ ވަރުވީ ކިޔާންއަށް ދެ އަހަރުގައެވެ. އޮޕަރޭޝަން ކުރެވުނު ނަމަވެސް ލަޔާލް އުންމީދު ކުރި ނަތީޖާއެއް ނުލިބުނެވެ. ޑޮކްޓަރުން ހީކުރި ވަރަށް ވުރެ ކިޔާންގެ ޙާލަތު ގޯހެވެ. ޑޮކްޓަރުން ކިޔާދިން ގޮތުގައި އޮޕަރޭޝަންއަށް ފަހުވެސް ކިޔާންގެ ހިތުގައި ވާ ލޯވަޅު މުޅިން ބެދޭނެ ގޮތެއް ނެތެވެ. ދެވަނަ އޮޕަރޭޝަންއަކަށް ދާން ލަޔާލް އެދުނު ނަމަވެސް އެއީ ކިޔާންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމުގައި ބުންޏެވެ. ކިޔާންއަށް އޮތް ހަމަ އެކަނި ގޮތަކީ އެ ޙާލަތާއެކު ދިރިއުޅުމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.








ސަލާމް، ކިޔުންތެރިންނަށް މާޝާގެ ފަރާތުން ސަޕްރައިޒްއެއް! ކަމުދާނެ ކަމަށް ހީކުރަން. މާދަމާއަކީ ވަރަށް ބުރަ ދުވަހެއް ކަމުން މިއަދު މިބައި އަޕްލޯޑް ކޮށްލީ، މިބައި ތަންކޮޅެއް ކުރުވާނެ. އިންޝާﷲ 16 ވަނަބައި ބުރާސްފަތި ދުވަހު ގެނެސްދޭނަން.
ޖުމްހޫރީ ދުވަހުގެ ހެޔޮއެދުން ހުރިހާ ކުދިންނަށް!
Hi marsha, marsha is the best hama <3
Vrh reethi mi part ves maa sha allah.. roven ulhey hn ves heevey layaal ulhey haalu ingunyma.. vrh dhera vaane aslu family meehun baakee kuranya 😔 layaal ge hiy varu gadhakamh asseri bahaai saabas hama.. waiting for the next part
thank u butterfly, Layaal ah abadhu ehen ulheykah nujeheyne, adhi rangalhu vaane dho
Masha Allah vrh reethi ♥️.. asluvx vrh suprise vehje.. layaa vrh hihvaru gadha ekani kuhjaku belumakee vrh undhagoo kameh😢
hmm, Lets hope adhi rangalhu vaane kamah dho
Layaa aslu vx vrh hih varu gadha. Sahil aa nula vec ulheveyne kan angala dheebala. Laya ge dad vec dhw. 😭💔. Ehen hadhan kerun kan. Layaa ge step mom vec ma rangalhu vaane kanneynge real dad ah vure 💔😭
enmen jeheyne dho Layaa kairin maafah edhi aadheys kuran
https://www.esfiya.com/151047/
Uhurath, thank u