Skip to content
އެސްފިޔަ

ހިތަކުން ނުދާނޭ ފިލާ 13

“ލަޔާ، ސާހިލް ބުނި ގޮތަށް ދަރިފުޅު ކަންތައް ކުރޭ. އެންމެ ރަނގަޅު ގޮތަކީ އެއީ” ލަޔާލް ކައިރީ އިށީނދެފައި މާހިރާ ބުންޏެވެ.

“ބޮޑުއްތައަށްވެސް އެހެންތަ ހީވަނީ؟ އަހަރެން އެހާ ވަރުގެ ކަމެއް ކޮށްފާނެ ކަމަށް ބޮޑުއްތައަށްވެސް ގަބޫލު ކުރެވޭތަ؟” ލަޔާލްއަށް އަހާލެވުނެވެ.

“ސާހިލްއަށް ޔަގީން ނުވާ ނަމަ އެވަރުގެ ކަމަކަށް މަންމައާ ބައްޕަ ކުރިމަތީ އެއްބަހެއް ނުވާނެ.. ސާހިލް އެންމެން ކުރިމަތީ އެއްބަސް ވި ގޮތަށް ދަރިފުޅުވެސް އެއްބަސް ވޭ. އޭރުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނީ. ސާހިލް އެ ބުނީނު އެއްވެސް ސުވާލެއް ނުކުރާނަމޭ..” މާހިރާ ބުންޏެވެ.

މާހިރާއަށް ގަބޫލު ކުރެވެނީ ސާހިލްގެ ވާހަކަ ކަން ލަޔާލްއަށް ޔަގީންވިއެވެ. ލަޔާލްގެ ބަހަށް މާހިރާއަށް ޔަގީން ނުކުރެވުނު އިރު، އާއިލާއާ ހަމައަށް އެ ކަންތައް ދިޔުމުން ލަޔާލްގެ ވާހަކަ ގަބޫލު ކުރާނެ އެކަކުވެސް ނުހުންނާނެ ކަން ލަޔާލްއަށް އެނގެއެވެ. ސާހިލް ބުނާ ގޮތަށް ކަންތައް ނުކޮށްފި ނަމަ އެ ކަންތައް ލަޔާލްގެ އާއިލާއާ ހަމައަށް ދާނެއެވެ. އެހެން ނަމަވެސް، ނުކުރާ ކުށެއް ސާބިތު ކުރުމަށް އެ ވަރުގެ ކަމެއް ކުރާކަށް ލަޔާލްއަކަށް އެއްބަހެއް ނުވެވޭނެއެވެ. ލަޔާލްއަށް އިތުބާރު ނުކުރުން އެއީ ލަޔާލް ދެކެ ސާހިލް ލޯބި ނުވާ ކަމުގެ ހެއްކެކެވެ. ސާހިލްއަށް އަފްޒާގެ ބަސް ގަބޫލު ކުރެވުނު ނަމަވެސް ސާހިލްއާ އަފްޒާގެ މެދުގައި ކަމެއް ނުހިނގާ ކަން ލަޔާލްއަށް އެނގެއެވެ. ލަޔާލްގެ ނަޒަރުގައި ސާހިލްގެ ކުށަކީ ލަޔާލްއަށް އިތުބާރު ނުކުރުމެވެ.

އެރޭ ސާހިލް ގެއަށް އައި އިރެއް ލަޔާލްއަކަށް ނޭނގެއެވެ. ސާހިލް ކޮޓަރިއަށް ވަނީ ފަތިހުއެވެ. ނަމާދުން އައިސްފައި ސާހިލް ކޮޓަރިއަށް ވަނީ އޮފީހަށް ދާން ތައްޔާރު ވާށެވެ. ފެންވަރައިގެން ނިކުމެ ތައްޔާރު ވެގެން ސާހިލް ނިކުތީ އެނދުގައި އިން ލަޔާލްއަށް ބަލާވެސް ނުލައެވެ.

ލަޔާލްއަށް ކޮޓަރިން ނިކުންނާކަށް ނުކެރުނެވެ. ލަޔާލް ސައި ބޯން ނުނިކުމެގެން މާހިރާ ލަޔާލް ބަލާ އައުމުން ނިކުންނަން ބޭނުން ނުވެފައި ހުރެވެސް ލަޔާލް ދިޔައީ ރެއިން ފެށިގެން ނުކައި ހުރުމުން ބަނޑުހައި ވެފައި ހުރި ވަރުންނެވެ. މޭޒު ދޮށުގައި ލަޔާލް އިށީނުމުން ސާހިލް ބަލާލިއެވެ. ނަމަވެސް ލަޔާލް އިސްޖަހައިގެން އިނީއެވެ. ބަނޑުހައިވެފައި ހުރި ނަމަވެސް ލަޔާލްއަކަށް ނުކެވުނެވެ. ހިމޭންވެފައި އެންމެން ތިބިއިރު މާހިރާއާ އިރުފާންގެ ނަޒަރު އިރުއިރުކޮޅާ ސާހިލްއާ ލަޔާލްއަށް ހުއްޓެއެވެ.

އެ ހިމޭންކަމުގައި ކެތް ކުރަން ދަތިވުމުން ލަޔާލް ތެދުވިއެވެ. ކޮޓަރިއާ ހަމައަށް ދިޔައިރުވެސް އެކަކުވެސް ލަޔާލް ނުހުއްޓުވައެވެ. ސާހިލްގެ އިތުރުން މާހިރާއާ އިރުފާންގެ ފަރާތުން އެ ދުވަހު ފެނުނު ދުރުކަމުން ލަޔާލްގެ ހިތަށް ކެތް ނުކުރެވުނީއެވެ.

އެ ދުވަހު ސާހިލް އޮފީހުން އައިސް ފެންވަރައިގެން ސިޓިންގްރޫމަށް ނިކުތް އިރުވެސް ލަޔާލް ކޮޓަރީގައި އިނެވެ. ލަޔާލްއަށް އުންމީދު ކުރެވުނީ ވަގުތާއެކު ސާހިލްގެ ހިތުގައި އެވާ ކުށްހީ ފިލާނެ ކަމުގައެވެ. ނަމަވެސް ތިން ދުވަސް ވީ އިރުވެސް ސާހިލްއަށް ބަދަލެއް ނައެވެ. އެ ތިން ދުވަސް އެކީހެން ލަޔާލް ހޭދަ ކުރީ ކޮޓަރީގައެވެ. ބޭރަށް ނިކުންނަނީ ބަނޑުހައި ވެގެން ކެތް ނުވާ ވަރު ވުމުންނެވެ. އެއްވެސް ކާ ގަޑިއެއްގައި މާހިރާމެންނާ އެކުގައި ލަޔާލް ބައިވެރި ނުވާތީ، ލަޔާލް ނިކުމެއްޖެ ނަމަ ވަގުތުން ލަޔާލްއަށް ކާން ހަދައިދިނުމަށް މާހިރާ ވަނީ ރޫބީއަށް އަންގާފައެވެ. އެހެން ކަމުން ލަޔާލް ކޮޓަރިން ނިކުންނަ އިރަށް ރޫބީ ލަޔާލްއަށް ކާން ހަދައިދެއެވެ. ނަމަވެސް ލަޔާލްއަކަށް ކެވެނީ ކުޑަ އެތިކޮޅެކެވެ. ގިނަ ފަހަރަށް ކެވެނީ ރޮމުންނެވެ. ރޫބީ އައިސް ލަޔާލް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް ލަޔާލްގެ ހިތް އެދެނީ ސާހިލްއަށެވެ.

އެ ގޮތުގައި ލަޔާލްއަށް ހުރެވުނީ ހަފްތާއެއް ވަންދެނެވެ. އެ ހަފްތާގެ ހުކުރު ދުވަހު އެންމެން ގޭގައި ތިބި ނަމަވެސް ސާހިލް ކޮޓަރިއަށް ވަންނަނީ ފާހާނާއަށް ވަދެލުމަށް އެކަންޏެވެ. ލަޔާލްއާ ވާހަކަ ދައްކަނީ މާހިރާ އެކަންޏެވެ. އެ ކަންތައް އެނގުނު ރޭގެ ފަހުން ލަޔާލްއާ އެ ވާހަކައެއް ނުދައްކައެވެ.

“ލަޔާލް، އާދޭ ކާން” ހުކުރުން އައިސް އެންމެން ކާން އެރި އިރު ލަޔާލް ނުނިކުންނާތީ ރުބީ ފޮނުވައިގެންވެސް ލަޔާލް ނުނިކުތުމުން މާހިރާ އައިސް ލަޔާލްއަށް ގޮވިއެވެ.

“ބަނޑުހައެއް ނުވޭ.. ބޮޑުއްތަމެން ކާން އަރާ” ސޯފާގައި އޮށޯވެލައިގެން އޮވެފައި ތެދުވެ ލަޔާލް ބުންޏެވެ.

“ދަރިފުޅާ..” ލަޔާލް ފެނުމުން މާހިރާގެ ހިތަށް ތަދުވިއެވެ. އެ ހަފްތާއެއްހާ ދުވަސް ތެރޭ ލަޔާލްގެ މޫނު ވަނީ މިލާފައެވެ. ރޮއެފައި ހުރިކަން އޭރުވެސް ލަޔާލްގެ ލޮލުން ހާމަވެއެވެ.

މާހިރާ ގޮވާލުމުން ލަޔާލްގެ ލޮލުން އަނެއްކާވެސް ކަރުނަ އައެވެ.

“ކައި ނިމުނީމަ ސާހިލްއަށް ގޮވާލަދެއްޗޭ..” ލޯ ފޮހެލަމުން ލަޔާލް އެދުނެވެ. ބޯ ޖަހާލާފައި މާހިރާ ނިކުތެވެ.

ބައިގަޑިއެއްހާ އިރު ފަހުން ސާހިލް ކޮޓަރިއަށް ވަނެވެ. އޭރު ލަޔާލް އިނީ ފެންވަރައިގެން ނިކުމެ އިސްތަށިގަނޑުގައި ފުނާ އަޅާށެވެ. ސާހިލް އައިސް އެނދުގައި އިށީނދެ ލަޔާލްއާ ދިމާއަށް ބަލާލިއެވެ.

“ކީއްވެ ކާން ނުނިކުތީ؟” ލަޔާލް ބޯ އައްސާލާފައި އެނބުރިލުމުން ސާހިލް އަހާލިއެވެ.

“ބަނޑުހައެއް ނުވޭ..” ލަޔާލް މަޑުމަޑުން ބުންޏެވެ.

“މަންމަ ބުނި ލަޔާ ގޮވިއޭ..” ސާހިލް ބުންޏެވެ.

“ސާހިލް.. ޕްލީޒް، އަހަރެން ބުނީމަ ގަބޫލު ކުރޭ.. އަހަރެން ދޮގެއް ނުހަދަން. ސާހިލް މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނުކުރާކަން އަހަންނަށް އެނގޭ. އެހެން މީހަކަށް އަހަރުމެންގެ މެދަށް ވަންނަން ޗާންސް ނުދީ، އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރޭ. އެ ވަރުގެ ކަމެއް ކުރަން އަހަންނަށް ފޯސް ނުކުރޭ ސާހިލް، ޕްލީޒް..” ލަޔާލް ވާހަކަ ދައްކަމުން ދިޔައިރު އަޑު އަހަން ސާހިލް އިނެވެ.

“ލަޔާއަށް ކުރެވުނު ކަމެއް ފޮރުވަންތަ އަހަރެން ކަމެއް ނުކުރާ ކަން އެނގެޔޭ ތި ބުނަނީ؟ އަހަންނަށް ހޭލެވުނު އިރު ލަޔާއެއް ނޫން އަހަރެން ކައިރީ އޮތީ.. ވީ ގޮތް ހަނދާން ނެތަސް ހޭލެވުނު އިރު..” އެ ވަރަށް ބުނެފައި ސާހިލް ދެފަރާތަށް ބޯ ހަލުވާލިއެވެ.

“އެއް ފަހަރުވެސް ސާހިލް ވިސްނިންތަ ތީ އަފްޒާ ގަސްތުގަ ކުރި ކަމަކަށް ވެދާނެއޭ؟ ކީއްވެ ސާހިލް އެއްބަސް ތި ވަނީ–” ލަޔާލް އަހަން އުޅުނު ސުވާލު ފުރިހަމަ ނުވަނީސް ސާހިލް ޖަވާބު ދިނެވެ.

“އަހަރެން އެހީމަ އަފްޒާ ކިޔާދިން.. ޝައްކެއްގަ ނުހުންނަން ވެގެން އެހީ” އިސްޖަހައިގެން އިނދެ ކުށްވެރިއެއް ފަދައިން ސާހިލް ބުންޏެވެ.

“އަހަރެން ބުނާ އެއްޗެއް ކީއްވެ ގަބޫލު ނުކުރެވެނީ؟ އަހަންނަށް ވުރެ ބޮޑަށް އަފްޒާއަށްތަ ސާހިލް ޓްރަސްޓް ކުރަނީ؟” ލަޔާލް އެހިއެވެ.

“ކީއްވެތަ އަހަރެން ބުނާ އެއްޗެއް ލަޔާއަށް ނުވިސްނެނީ؟ ލަޔާއާ ދިމާއަށް އެއްޗެއް ބުނުމުގެ ހައްގެއް އަހަންނަކަށް ނެތް ކަން ގަބޫލު ކުރަން، އަހަރެން ކުރިޔަސް ގޯސް ކަމެއް ރަނގަޅެއް ނުވާނެ. އައިމް ސޮރީ.. ލަޔާ ބުނި ކޮންމެ ކަމެއް ކުރަން އަހަރެން ރެޑީ. އެރޭ ބުނި ހެން އަހަރެން ލަޔާއާ އެއްވެސް ސުވާލެއް ނުކުރާނަން. ލަޔާވެސް އެއްބަސް ވޭ.. ކޮންމެ ގޮތެއް ވިޔަސް އައި ކާންޓް.. ލަޔާ އަހަރެން ދެކެ ލޯބި ވަންޏާ ތި ބޭބީ އާ ނުލާ އަހަރެން ކައިރިއަށް އާދޭ” ސާހިލްގެ ނިންމުން އަދިވެސް ބަދަލު ނުވާކަން ސާހިލްގެ ވާހަކައިން ލަޔާލްއަށް ޔަގީންވިއެވެ.

“ސާހިލް ތި ބުނަނީ އަހަރެން ސާހިލް ދެކެ ލޯބި ވަންޏާ މި ބޭބީ އެބޯޓް ކުރާށޭ؟” ލަޔާލް އަހާލިއެވެ.

“އައި ޑޯންޓް ނޯ ލަޔާ.. އަހަންނަށް އެނގޭ ކަމަކީ އަހަރެން އަދިވެސް ލަޔާ ބޭނުން ކަން.. ލަޔާ ދެކެ އަހަރެން ލޯބިވާ ކަން.. ދެން ލަޔާ ޑިސައިޑް ކުރޭ..” ސާހިލް ޖަވާބު ދިނެވެ.

“ސާހިލް ޕްލީޒް، އަހަރެން ލޯބި ވާކަން ޕްރޫވް ކޮށްދޭން ތި ނޫން ގޮތެއް ބުނޭ.. ސާހިލްއަށް ގަބޫލު ނުކުރެވުނަސް އަހަރެން ސާހިލްއަށް ދޮގެއް ނުހަދަން.. ސާހިލް ނޫން މީހަކާ އެކީ ތިބުނާ ވަރުގެ ކަމެއް ނުކުރަން.. އެ ކަން ޔަގީން ކޮށްދޭނެ ގޮތެއް އަހަންނަކަށް ނޭނގޭ..” ލަޔާލް ރޮމުން ބުންޏެވެ.

“އެއްވެސް ކަމެއް ޔަގީން ކޮށްދޭކަށް ލަޔާ ނުޖެހޭނެ.. ޖަސްޓް ޑޫ އިޓް ލަޔާ..” ސާހިލް ދެންވެސް އެދުނީ އެންމެ ކަމަކަށެވެ.

“ޕްލީޒް ސާހިލް..!” ރޮމުން ދިޔަ ލަޔާލް ސާހިލްއާ ދިމާއަށް ބަލާލަމުން އާދޭސް ކުރިއެވެ. ނަމަވެސް ލަޔާލްގެ އާދޭހުގެ އަޑު ސާހިލްއަށް ނީވޭ ފަދައެވެ. އިތުރު އެއްޗެއް ނުބުނެ ސާހިލް ތެދުވެގެން ދިޔައީއެވެ.

އެރޭވެސް ސާހިލް ނިދާކަށް ކޮޓަރިއަކަށް ނުވަދެއެވެ. މުޅި އެރޭ ލަޔާލް ހޭދަ ކުރީ ރުއިމުގައެވެ. ފަތިސް ވަންދެން ލަޔާލްއަށް ވިސްނުނީ ސާހިލްއަށް ވިސްނައިދޭނެ ގޮތަކާ މެދުއެވެ. އެންމެ ފަހުން ލަޔާލްއަށް ވިސްނުނީ އެންމެ ގޮތެކެވެ.

ފަތިހު މިސްކިތަށް ދާން ތައްޔާރު ވާންވެސް އެރޭ ސާހިލް ކޮޓަރިއަކަށް ނުވަދެއެވެ. ނަމާދު ކޮށްގެން އޮށޯވެލި ލަޔާލްއަށް ނިދުނީއެވެ. ދެން ހޭލެވުނީ ނުވައެއް ޖަހަން އުޅެނިކޮށެވެ. އަފްޒާއަށް ލަޔާލް ގުޅީ އެ ވަގުތުއެވެ. އަފްޒާ ފޯން ނެގުމުން ލަޔާލް އެދުނީ އޮޅުވާނުލާ ހުރިހާ ކަމެއް ތެދަށް ސާހިލްއަށް ކިޔާދިނުމަށެވެ.

“އަހަރެން ކީއްކުރަން ކިޔާދޭންވީ؟ ލަޔާލް ބުނީމަ ސާހިލް ގަބޫލު ނުކުރުން އެއީ އަހަންނާ ބެހޭ ކަމެއް ނޫނެއްނު؟ ސާހިލް ލޯބި ވާނަމަ ލަޔާލްއަށް އިތުބާރުވެސް ކުރާނެ. އެހެން ނޫނަސް ލަޔާލްއާ ސާހިލްގެ މެދުގަ ޖެހޭ މައްސަލަތައް ހައްލު ކުރުމަކީ އަހަރެންގެ ކަމެއް ނޫން. އަހަންނާ ސާހިލްގެ މެދަށް ވަނީ ލަޔާލް، ދެން ދުރަށް ދާންވީވެސް ލަޔާލް. އަނބިމީހާއަށް ނުކުރާ އިތުބާރު ހިލޭ އަންހެނަކަށް ކުރާ ފިރިއަކާ އެކީ އުޅުމުގެ ބޭނުމެއް އެބަ އޮތްތަ؟” އަފްޒާ ހީވީ ލަޔާލްއަށް މަލާމާތް ކޮށްލި ހެންނެވެ.

ލަޔާލް އިތުރު އެއްޗެއް ނުބުނެ ފޯން ކަނޑާލީއެވެ. އަފްޒާ ފުރަތަމަވެސް އެ ވަރުގެ ދޮގެއް ފުރަތަމަ ސާހިލް ކައިރީ ހެދި އިރު، ލަޔާލް ބުނެގެން ސާހިލް ގާތު ތެދަށް ކިޔާދީފާނެ ކަމަށް އުންމީދު ކުރެވުމަކީ ލަޔާލްގެ މޮޔަކަން ކަމުގައި ލަޔާލްއަށް ގަބޫލު ކުރެވުނެވެ.

މެންދުރު ލަޔާލް ކޮޓަރީގައި އޮއްވާ ސާހިލް އައިސް ވަނެވެ.

“އަފްޒާއަށް ގުޅިންތަ؟” ސާހިލް އެނދު ކައިރިއަށް ހުއްޓިފައި އަހާލިއެވެ.

ލަޔާލް ބޯ ޖަހާލިއެވެ.

“ލަޔާލް ބުނެގެން އަފްޒާ އަހަންނަށް ދޮގު ހަދާފާނެ ހެން ލަޔާލްއަށް ހީވީތަ؟ އެހެން ނަމަ ފުރަތަމަވެސް އަފްޒާ ސިއްރު ކުރާނެއެއްނު؟ އެހެން ނޫނަސް އަފްޒާ އެހެން ގޮތަކަށް ބުނި ނަމަވެސް ކޮން ކަމެއް އެނގޭނީ؟” ސާހިލް ވާހަކަ ދެއްކި ގޮތުން އެ ހުރީ ރުޅި އައިސްފައި ކަން ލަޔާލްއަށް އެނގުނެވެ. އެއްޗެއް ނުބުނެ އިނީ އެހެންވެއެވެ. އަފްޒާއަށް ގުޅުމަކީ ކުރެވުނު މޮޔަކަމެއް ކަން އެ ފޯން ކުރެވުމާއެކު ލަޔާލްއަށް ވިސްނުނެވެ.

“އަހަންނާ އެކީ އުޅެން ބޭނުމިއްޔާ ލަޔާލްއަށް އެހެން ގޮތެއް ނެތް. ލަޔާލް ދެކެ އަހަރެން ކިތަންމެ ލޯބި ވިޔަސް އަހަންނާ އިނދެގެން ހުރެ އެހެން މީހެއްގެ ދަރިއަކަށް ލަޔާލް ބަލިވެ އިނުން ބަލައެއް ނުގަނެވޭނެ. އައި ކާންޓް އެކްސެޕްޓް ދެޓް! އެކަމެއް ނުވާނެ!” އެ ވަރަށް ބުނެފައި ސާހިލް ނިކުމެގެން ދިޔައެވެ.

އެނދުގައި އޮށޯވެ ބާލީހުން މޫނު ފޮރުވާލި ލަޔާލްއަށް ގިސްލެވެން ފެށުނެވެ. ބައިގަޑިއެއްހާ އިރު ފަހުން ލަޔާލް ތެދުވެ ފެންވަރާ ތައްޔާރު ވެގެން ބޭރަށް ނިކުތެވެ.

“ލަޔާލް، ކާން ހަދަންތަ؟” ލަޔާލް ފެނުމުން ރޫބީ އެހިއެވެ. ނޫނެކޭ ބުނުމަށް ދެފަރާތަށް ބޯ ހަލުވާލާފައި ލަޔާލް ދޮރާ ދިމާއަށް ދިޔައެވެ.

“ލަޔާލް، ކޮން ތަނަކަށް ދަނީ؟” އަނެއްކާވެސް ލަޔާލް ހުއްޓުވަމުން ރޫބީ ސުވާލު ކުރިއެވެ.

“ބައްޕަމެން ގެއަށް” ލަޔާލް ޖަވާބުދިނެވެ.

ލަޔާލް ގެއަށް ދިޔަ އިރު ގޭގައި އުޅެނީ ނަސްމާ އެކަންޏެވެ. އެ ވަގުތު ލަޔާލް އައުމުން ނަސްމާ ހައިރާންވިއެވެ.

“ލަޔާލް، ކަމަކުތަ؟” ނަސްމާ އެހިއެވެ. ލަޔާލް ހުރި ގޮތުން ނަސްމާގެ ހިތުގައި ސުވާލު އުފެދުނެވެ. ރޮއެފައި ހުރިކަން މޫނުމަތިން ސާފުކޮށް ފެންނަން ހުރި އިރު ލަޔާލް ބަލިހެންވެސް ނަސްމާއަށް ހީވިއެވެ.

“ނޫން.. އިރުކޮޅަކަށް ކޮޓަރިއަށް މި ދަނީ..” އިސް ޖަހައިގެން ހުރެ ނަސްމާއަށް ޖަވާބުދީފައި ލަޔާލް ވަނެވެ.

ދިހަ ވަރަކަށް މިނަޓް ފަހުން ސޭންޑްވިޗްއާ ހޫނު ސައި ތައްޓެއް ތަބަކަށް ލައިގެން ލަޔާލްގެ ކޮޓަރިއަށް ވަން ނަސްމާގެ ފިޔަވަޅު ހުއްޓުނީ ލަޔާލްގެ ރުއިމުގެ އަޑު އިވުމުންނެވެ. ލަޔާލްގެ ރުއިމުން ނަސްމާގެ ހިތަށް ވާންވެގެން ދިޔައެވެ. ގިސްލަމުން ދިޔަ ލަޔާލްގެ ރުއިމުގެ އަޑު އިވިފައި އޭގެ ކުރިން ދުވަހަކުވެސް ލަޔާލްއާ މެދު ނަސްމާގެ ހިތުގައި އުފެދިފައި ނުވާ ފަދަ އިހުސާސްތަކެއް އުފެދުނެވެ.

“ލަޔާލް..؟” އެނދު ކައިރީ ހުރި ކަބަޑުމަތީ ތަބައް ބަހައްޓާފައި ނަސްމާ ގޮވާލިއެވެ.

ސިހިގެން ދިޔަ ފަދައިން އެނދުގައި ބަންޑުން އޮވެފައި ލަޔާލް ފުންމައިގެން ތެދުވިއެވެ. ނަސްމާ ފެނުމުން ލަޔާލް އަވަސް އަވަހަށް ދެ އަތުން މޫނު ފޮހެލިއެވެ. ނަމަވެސް އެ ލޮލުން އަންނަމުން ދިޔަ ކަރުނައެއް ނުހުއްޓުނެވެ.

“ކިހިނެއްވީ؟ ގޭގަ ކަމެއް ވީތަ؟” ލަޔާލް ކައިރީ އިށީންނަމުން ނަސްމާ އެހިއެވެ. އެއާއެކު ލަޔާލްއަށް އަނެއްކާވެސް ބާރަށް ރޮވުނީއެވެ. ނަސްމާ ކަންބޮޑުވީ ވަރުން އެކިއެކި ސުވާލު ކުރަމުން ދިޔައެވެ. ހަދާނެ ގޮތެއް ނުވިސްނިފައި ނަސްމާ އިންދާ އާޔާ ގެއަށް އައެވެ. ލަޔާލްގެ ކޮޓަރިން ވާހަކަ ދައްކާ އަޑު އިވުމުން އާޔާ ދިޔަ އިރު ފެނުނު މަންޒަރުން އާޔާވެސް ދެރަވިއެވެ. އެނދުގައި އޮވެ ގިސްލާ ރޮމުން ދިޔަ ލަޔާލްގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ އިން ނަސްމާއަށް އާޔާ ފެނުމުން ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުނެވެ.

“އާޔާ އަހާބަލަ، ފަހަރެއްގަ ވީ ގޮތެއް އާޔާ ކައިރީ ބުނެފާނެ..” އާޔާ އައިސް ސުވާލު ކޮށްލުމުން ނަސްމާ ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Anonymous

    Hafthaa Ali 3 dhuvahu up nukureveyne tha?.
    Can’t wait for next..

    1. Mar Sha
      Anonymous

      vaahaka ekkoh type koh nimunyma hafthaa aku 3 dhuvahu genesdheynan, ekamaku adhi nunimigen miulheny, thank u

  2. Nonna

    Saahil vaa gothah loabi nuviyyaa ragalhee nukai nuboi onna iru ves rahumuge kanfulheh ves nei ammilla gothuga hifahahtaigen v foohi meeheh… layaa lolun karuna elhi varah thi saahil ves rohvann vaane pls eh faharu hama sorry ey bunaa irah maaf nukuraathi

    1. Mar Sha
      Nonna

      Saahil ah vegen ulhey shakkuge sababun ehen e vany, but still loabi vanya trustves kuran vaane dho. konme gotheh viyas ehaa avahah Saahil ah maaf libigen nuvaane. thank u for reading Nonna

  3. Nayaa

    wowww marshaaa
    hama bunaane ehcheh ves neyngifa meeny vaahaka reethi kamun.. Masha Allah 😍😍

    Alhey Afza dheke haadha rulhi ekey annany.. she ruined everything! I really hope saahil ah visni alun layaa and saahil gulheyney

    waiting for the next episode.. lots and lots of loveee💕💕

    1. Mar Sha
      Nayaa

      hey Nayaa, very happy that u like my story. hmm Afza varah goas dho, Layage kusheh nethi e varuge kameh boluga elhunyma hyveytha Saahil ah forgive kuraane hen?

  4. Kokila Modi

    omg varah reethi mi part ves. nest part ah kehtheri kamaa eku inthizaarugaa ebahurin

    1. Mar Sha
      Kokila Modi

      thank u Kokila, InshaAllah Saturday ga 14 genesdheynan

  5. Aisha

    Masha Allah reethikan♥️ hithah araa konme dhuvahaku vx kiyaalan libeyne namaey.. mihaaru esfiya in genesdhy enme reethi eh vaahaka mi❤️❤️

    1. Mar Sha
      Aisha

      Marsha ves hithah araa konme dhuvahaku episode eh upload kollevey varah type kurevey namaey, but time nuvaathy massala aky, thank u so much Aisha,

Comments are closed.