Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުދާނޭ ފިލާ 14

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
November 8, 2025 7 Mins Read
6 Comments

އެނދުގައި އޮވެ ގިސްލާ ރޮމުން ދިޔަ ލަޔާލްގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ އިން ނަސްމާއަށް އާޔާ ފެނުމުން ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުނެވެ.

“އާޔާ އަހާބަލަ، ފަހަރެއްގަ ވީ ގޮތެއް އާޔާ ކައިރީ ބުނެފާނެ..” އާޔާ އައިސް ސުވާލު ކޮށްލުމުން ނަސްމާ ބުންޏެވެ.

ނަމަވެސް އާޔާއަކަށްވެސް ޖަވާބެއް ނުލިބުނެވެ. ލަޔާލް ހުއްޓާނުލާ ރޯތީ އެންމެ ފަހުން ނަސްމާ ނާފިޒްއަށް ގުޅީއެވެ. ބައިގަޑިއެއްހާ އިރު ތެރޭ ނާފިޒް އައެވެ. ނަމަވެސް ދެންވެސް ލަޔާލްގެ ފަރާތުން ޖަވާބެއް ނުލިބުމުން ނާފިޒް މާހިރާއަށް ގުޅިއެވެ.

އިރު އޮއްސުނު އިރު އާއިލާ އެންމެން ހެން ތިބީ އެ ގޭގައެވެ. މާހިރާއާ އިރުފާން، މުހައިމިންއާ ނާފިޒްއާ ނަސްމާ، އަދި އާސިމާވެސް ސިޓިންގްރޫމްގައި ތިއްބެވެ. ވެގެން އުޅޭ ގޮތް ކިޔާދިނީ މާހިރާއެވެ. ސާހިލްއަށް ގުޅީ ނާފިޒްއެވެ.

“ލަޔާލް ހަމަ އެ ވަރުގެ ކަމެއް ކޮށްފާނެތަ؟” ނާފިޒްއަށް އަހާލެވުނެވެ.

އެ ސުވާލަށް އެކަކުވެސް ޖަވާބެއް ނުދިނެވެ.

“ސާހިލް.. ލަޔާލްގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތަކުގެ ވާހަކަ އެންމެ ގިނައިން ދައްކާ މީހަކީ އަހަރެން. އެކަމަކު އެ ވަރުގެ ކަމެއް.. ސާހިލްއަށް އޮޅުނީއެއް ނޫންތަ؟” ނާފިޒް އަހާލިއެވެ.

“ޕްލީޒް ދޮންބޭ، ތި ވާހަކަތައް ތަކުރާރުކޮށް ދެއްކުމުގެ ބޭނުމެއް ނެތް. މި ކަންތައް ރަނގަޅު ކުރާނެ ގޮތް ލަޔާލްއަށް އެނގޭނެ. ލަޔާލްގެ އަތްމަތީ އެކަން އޮތީ. އެއްވެސް މީހަކު ލަޔާލްއާ ދިމާއަށް އެކަމާ އެއްޗެއް ކިޔާކަށް އަހަރެން ބޭނުމެއް ނޫން. ލަޔާލް ގޮތެއް ނިންމާފަ ބުނީމަ ހުރިހާ ކަމެއް ހައްލުވާނެ” ސާހިލް ބުނަން ބޭނުންވި އެއްޗެއް ބުނެފައި އެ ގެއިން ނިކުތީއެވެ.

ސާހިލް ކަންތައް ކުރަން ބުނި ގޮތް ނާފިޒްމެންނާ ހިއްސާ ކުރީވެސް މާހިރާއެވެ.

“ދޮންތާ، ލަޔާލް އެވަރުގެ ކަމެއް ކޮށްފާނެ ހެންނެއް އަހަންނަކަށް ހިއެއް ނުވޭ. ދޮންތައަށް އެހެން ހީވޭތަ؟” އާސިމާއަށް އެ ވާހަކަތައް ގަބޫލު ކުރަން އުނދަގޫވިއެވެ.

“ސާހިލްއަށް ޔަގީން ނުވާ ނަމަ ނުބުނާނެ. އޭނަވެސް ކުރެވުނު ކަންތަކަށް އެއްބަސް ވީ އިރު.. މިހެން ބުނަން ވީމަ ދެރަވެސް ވޭ.. އެކަމަކު އަހަންނަށް ސާހިލްގެ ވާހަކަ ގަބޫލު ކުރެވޭ” މާހިރާ ބުންޏެވެ.

“ދޮންތަ ތި ބުނީ ސާހިލް ބުނި ގޮތަށް ލަޔާލް ހަދައިފިއްޔާ ސާހިލް ދެންވެސް ލަޔާލް ދޫކޮށެއް ނުލާނެޔޭ..؟ ދެން ލަޔާލް ކޮންކަމަކާ ދެކޮޅު ހަދަންވީ؟ ކަމެއް ކުރި ކަމަށް އެއްބަސް ވާކަށް ނުޖެހޭ، ސާހިލް ކައިރީ މާފަށް އެދޭކަށް ނުޖެހޭ. ދެންވެސް ލަޔާލްތަ ބޮޑާހާކާ ގޮތްދޫ ނުކުރަންވީ؟” ކައިވެންޏަށް ފަހުވެސް ލަޔާލްގެ ޝަކުވާ އަޑުއަހަން ޖެހިދާނެ ކަމަކަށް ނާފިޒް ހިއެއް ނުކުރެއެވެ. އާސިމާއާ މާހިރާ އަދި މުހައިމިންގެ އިންޒާރަށް ފަހުވެސް އިވުނު ވާހަކަތަކުގެ ސަބަބުން ނާފިޒްއަށް ރުޅި މަޑެއް ނުކުރެވުނެވެ.

ނާފިޒް ބާރަށް ހިނގާފައި ގޮސް ލަޔާލްގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނެވެ. ލަޔާލް ކައިރީ ތިބި އާޔާއާ ރަމްޝާ ލަޔާލްއާ ދުރަށް ޖެހިލީ ނާފިޒް އައިސް އެނދު ކައިރީ ހުއްޓުމުންނެވެ.

“ބޭރަށް ނިކުމެ އެންމެން ކުރިމަތީ މާފަށް އެދޭ!” ނާފިޒް ބުނީ މަޑުން ނަމަވެސް އެ އަޑުގައި އެކުލެވިފައިވި ރުޅިއާ ހިތްހަމަނުޖެހުން ލަޔާލްއަށް ފާހަގަ ކުރެވުނެވެ.

“ބައްޕާ—” ނާފިޒްއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން އާޔާ އެއްޗެއް ބުނަން އުޅުނެވެ.

“މީ އާޔާއާ ބެހޭ ކަމެއް ނޫން، ބޮޑެތި މީހުންގެ ވާހަކައިގެ ތެރެއަށް ނުވަދެ ހުރޭ!” އާޔާއަށް އެއްޗެއް ނުބުނެވެނީސް ނާފިޒް ބާރަށް ބުންޏެވެ.

“ލަޔާލް!” ލަޔާލް ނުތެދުވެ އިނުމުން ނާފިޒް ގޮވާލީ އިންޒާރެއް ފަދއިންނެވެ.

އިސް ޖަހައިގެން އިން ލަޔާލް ދެފަރާތަށް ބޯ ހަލުވާލީ އެންމެންގެ ތެރެއަށް ނިކުންނަން ބޭނުން ނުވާތީއެވެ.

ނާފިޒް ކުއްލިއަކަށް ކައިރިވެލާ ލަޔާލްގެ އަތުގައި ހިފާ ކޮޅަށް ނެގުމާއެކު ލަޔާލްގެ ކޯމަތީ އަތްތިލައިން ޖެހިއެވެ. އަރިއަކަށް ދިޔަ ލަޔާލް ނުވެއްޓި ސަލާމަތްވީ ރަމްޝާ ހިފެހެއްޓުމުންނެވެ.

“ބައްޕާ!” އާޔާއަށް ހަޅޭލަވައިގަނެވުނެވެ.

އާޔާގެ އަޑަށް މާހިރާއާ އާސިމާ އައިސް އެ ކޮޓަރިއަށް ވަނެވެ. އެ މީހުންގެ ފަހަތުން މުހައިމިންއާ ނަސްމާވެސް އައެވެ.

“އަހަރެން ހިއެއް ނުކުރަން މީހެއްގެ ކުރިމަތީ މިހާ ވަރަށް ލަދުގަންނަން ޖެހޭނެ ދުވަހެއް އައިސްދާނެ ކަމަކަށް. ލަޔާލްއާ ހެދި ދޮންތައާ އިރުފާންއާ ދެން ކުރިމަތި ލާނެ ގޮތެއް ބުނެބަލަ! ތިވަރުގެ ކަމެއް ކުރަން ލަޔާލްއަށް ކެރުނީ ކިހިނެއް؟” ނާފިޒް ހަޅޭ ލަވައިގަތެވެ.

“ބައްޕައަށްވެސް ހީވަނީ—” ލަޔާލް ރޮވިފައި ހުރެ ނާފިޒްއާ ދިމާއަށް ބަލާލަމުން އަހާލަން އުޅުނެވެ.

“ލަޔާލްގެ ފިރިމީހާ އެ ބުނަނީ ލަޔާލްގެ ބަނޑުގަ—” ލަޔާލްގެ ވާހަކަ މެދުކަނޑާލަމުން އެ ވަރަށް ބުނެފައި ނާފިޒް ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

ލަޔާލްއަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ. އާޔާއާ ރަމްޝާ އަނެއްކާވެސް ދެ ފަރާތުން ލަޔާލްއާ ކައިރިވެލިއެވެ.

“ވީހާވެސް އަވަހަކަށް ޓިކެޓްގެ ކަންތައް ހަމަޖައްސާނަން. ނަސްމާ، މީނަ ގޮވައިގެން ފުރަން ތައްޔާރުވޭ” ނާފިޒް އެނބުރެމުން ބުންޏެވެ.

“ނުދާނަން! ކޮންމެ މީހަކު ބުންޏަސް އެކަމެއް ނުކުރާނަން!” ލަޔާލް ވަގުތުން ދެކޮޅު ހެދިއެވެ.

ނާފިޒް އެނބުރި ދެވަނަ ފަހަރަށް ލަޔާލްގެ ކޯމަތީ ޖެހިއެވެ.

“ނާފިޒް! އަނިޔާ ނުކުރިޔަކަސް ވެދާނެ” އެ ވަގުތު މުހައިމިން އައިސް ނާފިޒްގެ އަތުގައި ހިފާ ލަޔާލްއާ ދުރަށް ގެންދަމުން ބުންޏެވެ.

“ލަޔާލް ހަނދާން ކުރާތި! ސާހިލް ބުނި ގޮތަށް ކަންތައް ނުކޮށްފިއްޔާ ލަޔާލްއަށް އަހަރެންގެ ފަރާތުންވެސް އެހީއެއް ނުލިބޭނެ. އެހާ ހިސާބުން އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދު ނުކުރާތި!” ނިކުތުމުގެ ކުރިން އެނބުރި ލަޔާލްއަށް ބަލާލަމުން ނާފިޒް އިއްވާލިއެވެ.

ނާފިޒް ނިކުތުމުން ރަމްޝާ އައިސް ލަޔާލް ކައިރީ އެނދުގައި އިށީނެވެ.

“ދޭ މިތަނުން.. އެންމެންވެސް ދޭ!” ރަމްޝާގެ އަތް ފޮޅުވާލަމުން ލަޔާލް ބުންޏެވެ.

މާހިރާ އެ ވަގުތު އެންމެންނަށް ނިކުތުމަށް އިޝާރާތް ކޮށްލިއެވެ. ރަމްޝާއާ އާޔާ އަދި ނަސްމާ ނިކުތުމުން އާސިމާއާ މާހިރާ ލަޔާލް ކައިރީ އިށީނެވެ.

“ލަޔާލް..” ލަޔާލްގެ ކޮނޑުގައި ފިރުމާލަމުން މާހިރާ ގޮވާލިއެވެ.

“އަހަރެން ހީކުރީ އަހަރެން ބުނީމަ ބޮޑުއްތަ ގަބޫލު ކުރާނެ ކަމަށް.. އެކަމަކު ބޮޑުއްތަވެސް ގަބޫލު ކުރީ ސާހިލްގެ ވާހަކަ.. އަހަރެންގެ އާއިލާ އެންމެންވެސް އަހަންނަށް ވުރެ ބޮޑަށް އިތުބާރު ކުރަނީ ސާހިލްއަށް.. އެންމެން ވެގެން އަހަރެން މަރާލާފަ ވަޅުލަން ވީނު؟” ލަޔާލް ރޮމުން ޝަކުވާ ކުރިއެވެ. ލަޔާލްގެ ޝަކުވާއަށް މާހިރާ އަދި އާސިމާވެސް ރައްދެއް ނުދިނެވެ.

“ޕްލީޒް.. ބޮޑުއްތަމެންވެސް އިހަށް ދޭ.. އަހަރެން ބޭނުން އެކަނިވެލަން.. ވިސްނާލަން ބޭނުން” ލަޔާލް ބުންޏެވެ. މާހިރާއާ އާސިމާ އެކަކު އަނެކަކަށް ބަލާލާފައި ނިކުތެވެ.

އޭގެ ފަހުން އެކަކުވެސް ލަޔާލްއާ ވާހަކައެއް ނުދައްކައެވެ. ކޮންމެ އިރަކު ނަސްމާ ލަޔާލްގެ ކޮޓަރިއަށް ކާ އެއްޗެހި ގެނެސްދެއެވެ. ނަމަވެސް ލަޔާލް ކަނީ މަދު ފަހަރެއްގައެވެ. ލަޔާލްއާ ވާހަކަ ދައްކަން އާޔާ މަސައްކަތް ކުރެއެވެ. ނަމަވެސް އާޔާ އަންނަ އިރަށް އެ ކޮޓަރިން ނިކުންނަން ބުނަނީ ލަޔާލްއެވެ.

ދެ ދުވަސް ފަހުން ނަސްމާ ކާ އެއްޗެހި ހިފައިގެން އައީ ނާފިޒްގެ މެސެޖްއަކާ އެކުއެވެ.

“މާދަން މެންދުރު ފުރާ ގޮތަށް ހަމަޖެހިފަ އޮތީ. ދިހައެއް ޖަހާ އިރަށް ތައްޔާރު ވެލާތި!” ނަސްމާ ބުންޏެވެ.

ލަޔާލް ޖަވާބެއް ނުދެއެވެ. އެ ދެ ދުވަސް ލަޔާލް ހޭދަ ކުރީ ވިސްނުމުގައެވެ. އެންމެ ފަހުން ގޮތެއް ނިންމާފައި އެރޭ އެގާރަ ޖަހަން އުޅެނިކޮށް ސާހިލްއަށް މެސެޖް ކޮށްފައި ބައްދަލު ކޮށްލުމަށް ލަޔާލް އެދުނެވެ. އެ މެސެޖަށް ރައްދު ދިނުމުގެ ބަދަލުގައި ފަނަރަ ވަރަކަށް މިނަޓް ތެރޭ ސާހިލް އައެވެ.

ޓަކި ޖަހާލާފައި ސާހިލް ކޮޓަރިއަށް ވަން އިރު ލަޔާލް އެނދުގައި އިނެވެ.

“ފަހު ފަހަރަށް މި ވާހަކަ މި ދައްކަނީ، މިރޭ ސާހިލް ދޭ ޖަވާބަށް ފަހު ދެން އިތުރަށް އެއްވެސް އެއްޗެއް ނުބުނާނަން.. މާދަމާ ފުރާ ގޮތަށް ބައްޕަ ޓިކެޓް ނަގާފަ އޮތީ.. ސާހިލް ހަމަ ބޭނުން ވަނީ އަހަރެން އެބޯޝަން ހަދަންތަ؟ މި ބޭބީ ދުނިޔެއަށް ނުގެންނަންތަ؟ އަހަންނަށް ޓަކާ އެ ނިންމުން ބަދަލެއް ނުކުރެވޭނެތަ؟” ސާހިލް އައިސް ޑްރެސިންގޓޭބަލް ކައިރީ ހުރި ގޮނޑީގައި އިށީނުމުން ލަޔާލް ވާހަކަ ދެއްކިއެވެ.

“އަހަރެން ބޭނުންވާ ގޮތް ބުނެފިން.. ދެން ގޮތެއް ނިންމަންވީ ލަޔާލް” ސާހިލް ބުންޏެވެ.

“އެންމެ ރަނގަޅު.. ތީ ސާހިލް ނިންމި ގޮތް ވެއްޖެއްޔާ އަހަރެން ނިންމާ ގޮތާ ސާހިލްވެސް ރުހެން ޖެހޭނެ” ލަޔާލް ބުންޏެވެ.

ސާހިލް ބޯ ޖަހާލިއެވެ.

“ދެން އަހަންނާ ސާހިލްގެ މެދަށް މި ބޭބީއެއް ނާންނާނެ، މިއަދު އަހަރެންވެސް މި ބުނަނީ.. މީ ސާހިލްއާ ގުޅުމެއް އޮތް ބޭބީއެއް ނޫން.. މީ އަހަންނަށް ކުރެވުނު ކުށެއްގެ ނަތީޖާ..” ލަޔާލްއަށް އެހެން ބުނެވުމާއެކު ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ. ލަޔާލް އެ ކަރުނަ ތިކި ފޮހެލިއެވެ.

އެ ދެމެދުގައި ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ފަސް ވަރަކަށް މިނަޓް ފަހުން ސާހިލް ތެދުވެގެން ދިޔައީވެސް އެއްޗެއް ނުބުނެއެވެ. ދޮރާ ހަމައަށް ގޮސްފައި ސާހިލް އެނބުރި ބަލާލިއެވެ. އޭރު ލަޔާލްއަށް ރުއިން އިތުރަށް ނުހިފެހެއްޓިގެން މޫނުގައި އަތް އަޅާލައިގެން އިނެވެ.

“ލަޔާ..” ރޮމުން ދިޔަ ލަޔާލް ފެނިފައި ސާހިލްއަށް މަޑުކޮށްލެވުނެވެ.

“ޖަސްޓް ގޯ!” މޫނުން އަތް ނުނަގާ އިނދެ ލަޔާލް ބުނެލިއެވެ. ސާހިލް ދެންވެސް އިރުކޮޅަކު ބަލަން ހުރެފައި ނިކުމެ ދޮރު ލައްޕާލިއެވެ.

 

އެކެއް ޖެހި އިރު އެންމެން ނިދާ ގޭތެރެ ހިމޭން ވުމުން ލަޔާލް ކޮޓަރިން ނިކުމެ ބަދިގެއަށް ވަނެވެ. ބަނޑުހައިވެފައި ހުރުމުން ތައްޓަށް ކާ އެއްޗެހި އަޅައިގެން ލަޔާލް މޭޒު ކައިރީ އިށީނެވެ. ނިންމި ނިންމުމާއެކު ހިތަށް ކިތަންމެ ތަދުވި ނަމަވެސް ލަޔާލްގެ ނަފްސަށް ހަމަޖެހުމެއްގެ އިހުސާސް ކުރެވުނެވެ. ފާއިތުވި ހަތަރު ވަރަކަށް ދުވަސް ތެރޭ ރަނގަޅަށް ކާ އެއްޗެއް ކެވުނީ އެރެއެވެ.

އެ ދުވަހު ނަސްމާ ބެހެއްޓި ގޮތަށް ޕާސްޕޯޓް އަދި ޕްރިންޓް ކޮށްފައި އޮތް ޓިކެޓް ސިޓިންގރޫމް ސޯފާތައް ކައިރީ ކޮފީޓޭބަލް މަތީ އޮތެވެ. ލަޔާލް އެ އެއްޗެހި ހިފައިގެން ކޮޓަރިއަށް ވަދެ އަލަމާރި ކައިރީ ހުރި ކުޑަ ފޮށި ނަގާ ލަޔާލް ކޮންމެހެން ބޭނުން ވާނެ އެއްޗެހި ފޮއްޓަށް ލިއެވެ. އެއަށް ފަހު ލީޝާއަށް ގުޅާލިއެވެ. އެ ހަފްތާގައި ވީ ހުރިހާ ކަމެއް ލަޔާލް އެންމެ ގާތް އެކުވެރިޔާއަށް ކިޔާދިނީ އެ ދުވަހު ނަސްމާ އައިސް ފުރަން ތައްޔާރުވާ ވާހަކަ ބުނުމުންނެވެ. ލީޝާ ހުރީ ލަޔާލްއަށް އެހީވާން ތައްޔާރަށެވެ.

ދޭއް ޖެހިތަނާ ލަޔާލް ފޮށި ހިފައިގެން ނިކުމެ މަގުމަތިން ޓެކްސީއެއް ނަގައިގެން ދިޔައީ ލީޝާމެން ގެއަށެވެ.

އަނެއް ދުވަހު ނަސްމާ ސައި ހިފައިގެން ދިޔަ އިރު ލަޔާލް ނެތުމުން ބޭރަށް ނިކުމެ ނާފިޒް ގާތު ބުންޏެވެ. ނާފިޒް އެންމެ ފުރަތަމަ ގުޅީ ލަޔާލްއަށެވެ. ލަޔާލްގެ ފޯން ނިއްވާލާފައި އޮތުމުން ދެން ގުޅީ މާހިރާއަށެވެ. ލަޔާލް ދިޔަ ތަނެއް މާހިރާއަށްވެސް ނޭނގޭ ކަމަށް ބުނެ މާހިރާ ސުވާލު ކުރީ ސާހިލްއާއެވެ. ނަމަވެސް ސާހިލްއަށްވެސް ލަޔާލްއާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބެއް ނުދެވުނެވެ.

ފުރާ ގަޑި ޖެހުނު އިރުވެސް ލަޔާލްގެ ޚަބަރެއް އެކަކަށްވެސް ނުވިއެވެ. ލަޔާލްގެ އެކުވެރި ލީޝާގެ ވާހަކަ މާހިރާ ބުނި ނަމަވެސް ލީޝާއަށް ގުޅޭނެ ނަމްބަރެއް އެކަކަށްވެސް ނޭނގެއެވެ. ލީޝާ އުޅޭ ގެއެއްވެސް ނޭނގެއެވެ. އެހެން ކަމުން ލަޔާލް ވީ ތަނެއް ހޯދާނެ ގޮތެއް ނޭނގިފައި އެންމެން ތިބީ ލަޔާލް އިސްވެ ގުޅާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ކޮފީޓޭބަލް މަތީ ހުރި ޕާސްޕޯޓްތައް ނަސްމާއަށް ފެނުނީ މެންދުރު ވީ ފަހުންނެވެ. އެ ތަނުގައި ނަސްމާއާ ނާފިޒްގެ ޕާސްޕޯޓް އޮތް ނަމަވެސް ލަޔާލްގެ ޕާސްޕޯޓްއެއް ނެތެވެ. ލަޔާލް އެކަނި ލަންކާއަށް ދިޔައީތޯ ޔަގީން ކުރުމަށް ނާފިޒް ފޯން ކުރަން ފެށިއެވެ. އެކަން ޔަގީން ވުމުން މަޑުކޮށްގެން ތިބީ ލަޔާލްގެ ފޯން ހުޅުވާތޯއެވެ.

ހަތަރު ދުވަސް ވީ އިރުވެސް ލަޔާލް ފޯނެއް ނުހުޅުވައެވެ. ވައިބަރ، ވަޓްސްއެޕް، އަދި ޓެލެގްރާމް މެދުވެރިކޮށްވެސް ލަޔާލްއާ ގުޅޭތޯ ބެލިއެވެ. ނަމަވެސް އެއްވެސް ގޮތަކަށް ލަޔާލްއަކާ ނުގުޅުނެވެ. އެންމެން ކަންބޮޑުވެ ހާސްވެފައި ތިބި އިރު ސާހިލްއަށް އެ ހަތަރު ދުވަހު އެހެން ކަމަކާ ނުވިސްނެއެވެ. އެއްޗެއް ނުބުނި ނަމަވެސް ލަޔާލްއާ މެދު އެހެން އެންމެންނަށް ވުރެ ބޮޑަށް ސާހިލް ކަންބޮޑުވިއެވެ. ލަޔާލްއަށް މަޖުބޫރު ކުރީ ސާހިލް ކަމަށް ވީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ލަޔާލްގެ ފޯން ހުޅުވާތޯ، ނުވަތަ ގުޅާތޯ ދުޢާކޮށްލަ ކޮށްލާ ހުރުން ނޫން ގޮތެއް ސާހިލްއަކަށް ނުވިސްނެއެވެ. ކުޑަވެސް ހަމަޖެހުމެއް ހިތަށް ލިބުނީ ލީޝާގެ ދައްތަ ލަންކާގައި ދިރިއުޅޭކަން ހަނދާން ވުމުންނެވެ. އެކަނި ދިޔަ ނަމަވެސް ލަޔާލް ހުންނާނީ އެ މީހުން ކައިރީގައި ކަމުގައި ހިތް ބުނާތީއެވެ.

 

ލަޔާލްގެ ފޯން ހުޅުވީ ފަސް ވަނައަށް ވީ ދުވަހުއެވެ. ފޯން ހުޅުވުމާއެކު އައި މެސެޖްތައް ކިޔުމެއް ނެތި ލަޔާލް ހުރިހާ މެސެޖެއް ޑިލީޓް ކޮށްލީއެވެ. އިތުރު ކަމެއް ނުކުރެވެނީސް ފުރަތަމަވެސް ޓެލެގްރާމް އިން އައީ ސާހިލްގެ ކޯލެކެވެ. ލަޔާލް އެ ކޯލަށް ޖަވާބެއް ނުދެއެވެ. އެ ކޯލް ކެނޑުމާއެކު ދެން ގުޅި ނާފިޒްއެވެ. އެއަށް ފަހު ހުއްޓާނުލާ ކޯލްތައް ލިބެމުން ދިޔައެވެ. ލަޔާލް އެއްވެސް ކޯލަކަށް ޖަވާބެއް ނުދެއެވެ. އެއްވެސް މެސެޖަކަށްވެސް ރައްދެއް ނުދެއެވެ. އެރޭ އާއިލާގެ އިންސްޓަގްރާމް ގްރޫޕްގައި ލަޔާލް މެސެޖެއް ލިޔުނެވެ. އެ ގްރޫޕްގައި އެ އާއިލާގެ އެންމެން ތިބޭތީ، ބުނަން ވާ އެއްޗެއް އެންމެން ގާތު ބުނުމަށް އެންމެ ރަނގަޅު ގޮތެއް ކަމުގައި ލަޔާލްއަށް ފެނުނީ އެ ގޮތެވެ.

“ބައްޕަ ނެގި ޓިކެޓްގަ ލަންކާގަ މިހިރީ. އަދި ސަލާމަތުން އެބަ ހުރިން. ކަމެއް ދިމާ ވެއްޖެއްޔާ ބައްޕައަށް ގުޅާނެ. އަހަރެންގެ ސަބަބުން އެއްވެސް މީހަކު ދެން ލަދު ގަންނާކަށް ނުޖެހޭނެ. އަހަރެން ފާފައެއް ކުރި ނަމަ އެކަމުގެ ސަޒާ އަހަންނަށް ލިބޭނެ، އަދި އެހެން މީހަކަށް ދެރައެއް ދީފަ ވާނަމަ، ދޮގެއް ހަދާފަ ވާނަމަ މާފަށް އެދެން. އަހަރެން ފަދަ ދަރިއަކާ ގުޅުމެއް ބާއްވަން ބައްޕަ ބޭނުން ނުވާނެ ކަން އެނގޭ، މި މެސެޖަށް ބައްޕަގެ ރައްދެއް ނުލިބިއްޖެއްޔާ ބައްޕަ އެދޭ ގޮތަކީ އެއީ ކަމުގަ ގަބޫލު ކުރާނަން. އަހަރެން ކަހަލަ މީހަކު އަނތްބެއްގެ ގޮތުގަ ބަހައްޓަން ސާހިލް ބޭނުން ނުވާ ނަމަ އެ މިނިވަންކަން ހޯދުމަށް ފިޔަވަޅު އެޅިޔަސް އަހަރެންގެ މައްސަލައެއް ނެތް. ބޮޑުއްތައާ ބޭބެގެ ދަރިފުޅުގެ ދިރިއުޅުން އަހަރެންގެ ސަބަބުން ހަލާކުވީތީ އެކަމަށް މާފަށް އެދެން، ޚާއްސަކޮށް ބޭބެގެ ފަރާތުން. އާއިލާގެ އެއްވެސް ކުއްޖަކު އަހަންނާ ގުޅުން ބޭއްވުމަކީ ބައްޕަ، ބޮޑުއްތަ އަދި ކުޑައްތަ ބޭނުން ވާނެ ގޮތް ނޫން ކަން އެނގޭ. އެހެންވެ ކުޑަދޮންބެ، ކުޑަދޮންތަ، ރަމް އަދި އާޔާވެސް އަހަންނަކީ ނެތް މީހެއް ކަމަށް ހީކޮށްލާ. އަހަރެންގެ ސަބަބުން އެއްވެސް މީހަކު ލަދު ގަންނަ ފަދަ ކަމެއް ވުން ނޭދޭތީ އަހަރެން މާލޭގަ އުޅޭކަށް ދެން ގަސްދެއް ނުކުރަން. ކާފައާ ބައްޕައާ ބޮޑުއްތަ އަދި ކުޑައްތަ ދެކެ ވަރަށް ލޯބިވޭ. އިންޝާﷲ އަދި ދިމާވާނެ!”

އެ މެސެޖް ލުމަށް ފަހު ލަޔާލް އެއް ދުވަސް ވަންދެން މަޑު ކުރީވެސް ނާފިޒްގެ ޖަވާބެއް ލިބޭތޯއެވެ. ނަމަވެސް ނާފިޒް އެ މެސެޖް ކިޔާފައި އެއްޗެއް ނުބުންޏެވެ. މާހިރާއާ އާސިމާ ހުއްޓާނުލާ ގުޅަމުން ދިޔަ ނަމަވެސް އެއްވެސް ކޯލަކަށް ލަޔާލް ޖަވާބެއް ނުދެއެވެ. އެ މެސެޖް ލީތާ ދިހަ މިނަޓް ތެރޭ ސާހިލް ގުޅިއެވެ. އެ ވަގުތު ސާހިލްއާވެސް ވާހަކަ ދައްކަން ލަޔާލް ބޭނުމެއް ނުވިއެވެ. ނަމަވެސް އެރޭ ސާހިލް ގުޅުމުން ލަޔާލް ޖަވާބު ދިނެވެ.

“އަހަރެން ބުނި ގޮތަށް ހެދިންތަ؟” ސާހިލް ފުރަތަމަވެސް ކުރީ އެ ސުވާލެވެ.

“އަހަންނާ ސާހިލްގެ މެދުގަ އެ ބޭބީއެއްވެސް އަދި އިތުރު މީހަކުވެސް ދެން ނުހުންނާނެ. އެއީއެއްނު ސާހިލް ބޭނުން ވި ގޮތަކީ؟ އެކަމަކު އަހަރެންވެސް ބުނީމެއްނު ސާހިލް ދެން ޖެހޭނީ އަހަރެން ބުނާ ގޮތާވެސް ރުހޭށޭ؟ އަހަރެންގެ ބޮލުގަ އެޅުނު ކަންތަކަށް ފަހު ދެން ސާހިލްއާ އެކީއެއް އަހަންނަކަށް ނޫޅެވޭނެ. އިތުބާރު ނުކުރާ މީހަކާ އެކީ ކިހިނެއް އުޅޭނީ؟ ހަމަ އެހެން ދެން އަހަންނަށްވެސް ސާހިލްއަށް އިތުބާރެއް ނުކުރެވޭނެ. ސާހިލް ބޭނުން ގޮތަކަށް ކުރިއަށް ދޭ. އަހަރެން ދެކޮޅެއް ނުހަދާނަން” ލަޔާލް ވާހަކަ ދެއްކީ ރޮމުންނެވެ.

“ލަޔާލް، ކޮންތާކު ތިހުރީ؟” ސާހިލް އެހިއެވެ.

“އަހަރެން ހުރި ތަނެއް ބަލަން ދެން ނޫޅޭ. އަހަރެންގެ ބަނޑުގަ އޮތް ދަރިފުޅު ނައްތާލަން ބުނި ހެން އަހަންނަކީވެސް ނެތް މީހެއް ކަމަށް ބަލާ. ކޮންމެވެސް ދުވަހަކުން ސާހިލްއާވެސް އަދި ދިމާވާނެ. އެ ދުވަހަކުން އެނގޭނެ އަހަރެން މިހެން ކަންތައް ކުރީ ކީއްވެ ކަން. އަހަންނަށް ކަމެއް ކޮށްދެންޏާ އަހަރެންގެ އާއިލާއާ އޮތް ގުޅުން ދުވަހަކުވެސް ކަނޑާނުލާ. ބާއި ސާހިލް!” ބުނަން ބޭނުންވި އެއްޗެއް ބުނެފައި ލަޔާލް ފޯން ކަނޑާލި އިރު ސާހިލް ގޮވާލި އަޑު އިވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެކުގައިވާނަން-15

Next

މާޔާ ޓްރޭލާރ

Next
November 8, 2025

މާޔާ ޓްރޭލާރ

Previews
November 8, 2025

އެކުގައިވާނަން-15

6 Comments!

  1. hiyaalu says:
    November 8, 2025 at 12:57 pm

    vrh reethi masha allah

    1. Mar Sha Mar Sha says:
      November 9, 2025 at 1:16 pm

      thank u ❤️

  2. Aisha says:
    November 8, 2025 at 2:27 pm

    Masha Allah reethikan ♥️.. Layla kanthah thikuree rangalah.. kuriah huri part thakah waiting ga meenee

    1. Mar Sha Mar Sha says:
      November 9, 2025 at 1:22 pm

      thank u Aisha, Tuesday ga next part upload kollaanan

  3. Shiu says:
    November 8, 2025 at 3:49 pm

    Thi enmenn ladhu gane maafah edhi roe aadheys kuraa thann dhekenn v beynun e aailaa ga nei layaa ge ekakuves huss saahil ah ithubaaru kuraa meehun… beynun nuvi dharifulhu hoadhan saahil adhi ulheyne misunderstanding viyas aslu layaa ge goi bodah igenn jeheynee saahil ah ekam eyna gabool kuree ehen anhenehge vaahaka v veynaa hithaama koffi layaa saahil hama sorry bunelaa thanun e hurihaa kameh nufoheveyne

    1. Mar Sha Mar Sha says:
      November 9, 2025 at 1:24 pm

      hmm, Layaa suffer kuri varah e myhunves jeheyne dho kuran. Saahil ah ehaa avahah maaf kohgen nuvaane asluves, thank u shiu

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 16←


All Right Reserved!