
ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 37
3 މަސް ފަސް
އީމަން އިނީ ކޮޓަރީގެ ބެލްކަނީގައެވެ. އަތުގައި އޮތް ފޮޓޯ ފްރޭމަށް ބަލަހައްޓައިގެން ފުން ހިޔާލަކަށް ގެއްލިފައި އިން އިރު ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތަށް ފޮޓޯފްރޭމަށް ބޮސް ދެމުން ދެއެވެ. ޔާނާ އާއި އީމަންގެ ކައިވެނީގެރޭގައި ނަގާފައިވާ އެފޮޓޯގައި ޔާނާ ހިނިތުންވެލައިގެން އިންއިރު އެމޫނުމަތިން ފެންނަމުން ދިޔަ މަޢުސޫމުކަން އަދިވެސް އީމަންގެ ހިތް ކަތިލަމުންދާފަދައެވެ.
“މާން! ސައިބޯންވީނު؟” ސައިތަބަކެއް ހިފައިގެން އައި ރީމް ކޮޓަރީގެ ދޮރު ހުރަސް ކޮށްލަމުން ބުނެލިއެވެ. ކަޅު ސްކިނީ އަކާއި ގަދަނޫކުލައިގެ އަތްދިގު މައްޗެއް ލައިގެން ރީމް ހުރި އިރު އިސްތަށިގަނޑުވަނީ ގަތާލާފައި އެއްކޮނޑުމަތިން ކުރިއަށް ވައްޓާލާފައެވެ.
ރީމްގެ އަޑު އިވުނު ނަމަވެސް އީމަން އިތުރު އެއްވެސް ހަރަކާތެއް ނުކުރެއެވެ. އެކްސިޑެންޓުން ލިބުނު އަނިޔާއިން މަޑުމަޑުން ރަނގަޅުވަމުން އައިސް މިހާރު އީމަން ވަރަށް ބޮޑަށް ރަނގަޅެވެ. ނަމަވެސް އަދިވެސް ރަނގަޅަށް ނުހިނގޭތީ ގިނައިން އިންނަނީ ފުރޮޅުލީ ގޮނޑީގައެވެ. ޔާނާއާ ވަކިވުމުގެ ހިތާމާއިގައި އީމަން މުޅި ދުނިޔެ މަތިން ފޫހިކޮށްލާފައިވުމުން އޭނާގެ ފަރުވާއަށްވެސް ވަނީ މަޑުޖެހުމެއް އައިސްފައެވެ. ޑޮކްޓަރުން ހާމަކުރާގޮތުންނަމަ އީމަން އަމިއްލައަށް މަސައްކަތް ކުރާނަމަ މިއަށްވުރެ އަވަހަށް އީމަން ރަނގަޅުވެ މިހާރު ހިނގޭ ވަރުވީހެވެ.
ރީމް އީމަންގެ ފަހަތުގައި ހުއްޓި ވީލްޗެއަރ އަނެއްފަރާތަށް އަނބުރާލިއެވެ. އެއަށްފަހު ކައިރީގައި ހުރި ކުޑަމޭޒުމަތީ ހުރި ސައި ތަބަކުން ސައި އަޅައި ހެދިކާތަށިވެސް މަތި ނެގިއެވެ. އީމަން އެއްފަރާތަކަށް މޫނު އަނބުރާލި އެވެ.
“މާން! ކައިގެނެއްނު ދުނިޔޭގެ ހުރެވޭނީ! ސައި ބޮއެގެން ހިނގާބަލަ ހިނގާލަންދާން.” ރީމް އާދޭސްކުރާ ރާގެއްގައި އީމަން ކައިރީގައި ބުނެލިއެވެ. ނަމަވެސް އީމަންއަށް އިތުރު ހަރަކާތެއް ނައެވެ.
ރީމް އެތަށް އާދޭހެއް ކުރި އިރުވެސް އީމަންއަށް އަޑުވެސް ނީވޭ ފަދައެވެ. މާޔޫސް ކަމާއެކީ ރީމް ބޭރަށް ދާން ހިނގައިގަތެވެ.
“ޔާނު” އީމަންގެ ދުލުން ވޭނީ އަޑަކުން ޔާނާގެ ނަން އިވިގެން ދިޔައެވެ. ރީމް ފަސް އެނބުރި ބަލައެއް ނުލައެވެ. އެއަޑު ނީވޭފަދައެވެ. ނުވަތަ އެއަޑަށް ހޭނިފައި ހުރީއެވެ. ދޮރު ކައިރީގައި ހުރި ޝަކީލާއާ އަރާ ހަމަވުމުން ހުއްޓި އީމަންއަށް ބަލައިލި އެވެ.
“ކިހާ ވަރަކަށް ދަރިފުޅު މަސައްކަތް ކުރާނީ؟ ތި ސަކަރާތް ޖަހަން ނުޖެހޭ ދުވަހެއް އާދޭތަ؟” ޝަކީލާ ހިތްހަމަ ނުޖެހިފައި ބުނި ޖުމުލައަށް ރީމް އިތުރު ޖަވާބެއް ނުދެއެވެ. އީމަންއަށް ބަލައިގެން ހުރީއެވެ.
“މީހުން ނެތި ދިޔަޔަސް އެމީހުންގެ އުންމީދު ގެއްލިގެނެއް ނުދާނެ. އަހަރެންގެ އެންމެ ފަހު ނޭވާ އާ ހަމައަށްވެސް މާންގެ ހިދުމަތުގައި ހުންނާނަން.” ރީމް ހަމަހިމޭންކަމާއެކީ ބުނެލިއެވެ.
“ކިހާވަރަކަށްތަ ދަރިފުޅު މަސައްކަތް ކުރާނީ؟ ދަރިފުޅުގެ އުމުރު ހުސްވަންދެންތަ؟” ޝަކީލާ ނުރުހުމާއެކު ބުނެލިއެވެ. “އޭނާގެ ހިތަކުން ޔާނާ ފުހެވިގެނެއް ނުދެއެއްނު؟ ދުލުން ކިޔަނީ ހުސް ޔާނާގެ ނަން. ޔާނާ! ޔާނާ! ޔާނާ!” ނުރުހިފައި ޝަކީލާ ދެއްކި ވާހަކަތަކުގެ ތެރެއިން އީމަންގެ ކަންފަތާ ހަމައަށް ޔާނާގެ ނަން އިވުނު ފަދައެވެ.
“ޔާނު އައީތަ؟ ކޮބާ؟ ޔާނު؟” އީމަން ތެޅިގަތުމާއެކީ އަވަސްއަވަހަށް އެދިމާއަށް ބަލައިލަމުން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ހަމައަށް ދެތިން ފިޔަވަޅު ނޭޅި އަނގަވަތަށް ވެއްޓުނެވެ.
ރީމްއަށް ހަޅޭއްލަވައިގަނެވުމާއެކީ އެދިމާއަށް ދުއްވައިގަނެވުނެވެ. ނަމަވެސް ރީމްއަށް އެހިސާބަށް ދެވުމުގެ ކުރިން އީމަން ވެއްޓިއްޖެއެވެ. ޝަކީލާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެން ހައިރާންވެފައެވެ.
“ޕްލީޒް! ޓޭކް ކެއަރ އޮފް ޔޮއަރސެލްފް އީމަން.!” ޑޮކްޓަރު ވާހަކަ ދައްކަމުން ދިޔައީ އީމަންއާއެވެ. ވެއްޓުމުގެ ސަބަބުން ނިތްކުރީގައި ފަޅައިގެން ދިޔަ ތަނުގައި ބޭސްއަޅައި ބެންޑޭޖްކުރަމުން ޑޮކްޓަރު އީމަންއަށް ނަސޭހަތް ދެމުން ދިޔައެވެ. އީމަން ރަނގަޅުވާން އެއްވެސް މަސައްކަތެއް ނުކުރާކަމުގައި ބުނެ ރީމް ޑޮކްޓަރު ކައިރީ ޝަކުވާ ކުރިއެވެ.
“އުންމީދެއް ނެތި ކިހިނެތް ދިރިއުޅޭނީ؟ އަހަރެން ދިރިއުޅެންވީ އެއްވެސް ސަބަބެއް އެބަ އޮތްތަ؟” އީމަން ހަމައަކަށް އެޅުމުން ޑޮކްޓަރު ނަސޭހަތް ދެވޭތޯ އުޅުނަސް އީމަންގެ އެއްވެސް ކަހަލަ އުންމީދެއްނެތެވެ. ކައިރީގައި ހުރި ރީމްގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. ނާއުންމީދުން ފުރިފައިވާ ހިތަކަށް އަލިމަގެއް ނުފެންނާނެޔޭ ހިތް ބުނަމުން ދިޔަ ނަމަވެސް އީމަން ހާސިލުކުރުމަށްޓަކައި ހިތުގައި ވާ އުންމީދު ފަނޑުކޮށްލާކަށް ބޭނުމެއް ނުވިއެވެ.
ޑޮކްޓަރު ދިޔުމުން ރީމްވެސް ބޭރަށް ދާން ހިނގައިގަތެވެ.
“ރީމް! ޔާނުއަށް ވީ ކިހިނެތް؟” އީމަންގެ ސުވާލުން ރީމްގެ ދެފައި ތަޅުލެވުނުފަދައެވެ. ދެލޯ ބޮޑުކޮށްލެވުމާއެކު އެފަރާތަށް ބަލައިލިއެވެ. ޖަވާބެއް ދޭން ދަތިވެފައި ހުރެވުނީއެވެ. އެހެންކަމުން އީމަން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. ރީމް އާގަންނަ ގޮތްވެފައި ޖަވާބުދިނެވެ.
“މާން! ޔާނު އެއް ނުފެނުނު. ފުލުހުން ވަރަށް މަސައްކަތް ކުރި. އެކަމަކު އެއްވެސް އަލިމަގެއް ނުފެނުނު. ޔާނު އަހަރެމެންނާ ވަރަށް ދުރަށް ހިނގައްޖެ. އެނބުރި އައުމެއްނުވާ ބިމަށް.” ރީމް ދެރަވެ އިސްޖަހާލަމުން ބުނެލިއެވެ.
“ނުފެނުމުން އޭގެ މާނައަކީ ޔާނު މަރުވީ އޭތަ؟ އެމީހުންނަށް ރަނގަޅަށް ނުހޯދެނީ. އެހެންނޫންނަމަ ޔާނު ފެނުނީސް.” ހިތްހަމަ ނުޖެހިފައި ހުރެ އީމަން ދެއްކި ވާހަކަ ތަކުން ރީމް ރުޅި އަންނަގޮތްވި ނަމަވެސް ހަމަ ޖެހިލިއެވެ. “މާން! ހިތްވަރުކުރޭ! ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް!”
“ރަނގަޅަކަށޭ؟ ތިބުނީ އަހަރެންނާ ޔާނު ވަކިވީ ރަނގަޅަކަށޭ؟ ރީމްއަށް ހަމަ ރަނގަޅަށް އެނގޭނެ އެއީ އެކަން އޮތް ގޮތެއް ނޫންކަން. ޔާނު އަކީ އަހަރެންގެ ފުރާނަ. ކިހިނެތް ޔާނުއާ ނުލާ އަހަރެން ދިރިއުޅޭނީ؟ ޔާނުއަކީ އަހަރެންގެ ޒިންމާއެއް. އަހަރެން ޔާނުގެ މަންމައަށް…..” އީމަންގެ އަރު ބެދުނު ކަހަލަ އެވެ.
“ޔާނު އައިސް މަންމައާ ބެހޭ ގޮތުން ސުވާލުކޮށްފިނަމަ ކީކޭ އަހަރެން ބުނާނީ؟ ކިހިނެތް ބުނެދޭނީ މަންމަ ނިޔާވެއްޖެއޭ؟ ޔާނުގެ ހިތް ކުދި ކުދި ވެދާނެ.” އީމަންގެ ލޮލުން ކަރުނަ ނީރާލިއެވެ. ރީމް ހަމަ ހުރީއެވެ. އިތުރު ވާހަކައެއް ދައްކާކަށް ގަސްތެއް ނުކުރިއެވެ. މަޑުމަޑުން ހިނގަމުން ގޮސް ކޮޓަރިން ނިކުތެވެ.
ކޮޓަރިން ނިކުމެގެން އާއިޒު އައީ ދެލޯ އުނގުޅަމުންނެވެ. ގޭތެރެ ފުހެން ހުރި ޖާހަތު އާއިޒުއަށް ބަލައިލިއެވެ.
“ކޮފީ ގެންނަންތަ؟” ޖާހަތު މަޑުމަޑުން ސުވާލުކޮށްލުމުން އާއިޒު ބޯ ޖަހައިލިއެވެ. އަދި ގޮސް ސޯފާގައި އިށީނދެ ޓީވީ ޖައްސައިލުމަށްފަހު އޮށޯތެވެ. ސައުދިއްޔާ އާއި ޝަކީބު އިންޑިޔާއަށް ދިޔަފަހުން އާއިޒުއާ ޖާހަތު އެކަނި އުޅެމުން އައި ނަމަވެސް ދެމީހުންގެ ދެމެދުގައިވާ ބީރަށްޓެހިކަމުގެ ފާރު ނެތިގެނެއް ނުދެއެވެ. އާއިޒު ގިނަ ވަގުތު ގޭގައި އުޅުނު ނަމަވެސް ދެމީހުންގެ ދެމެދުގައި މާ ގިނަ ވާހަކަ ތަކެއް ނުދެއްކެއެވެ. މަންމަގެ ހިތްހަމަ ޖެހުމަށްޓަކައި ދެމީހުން އެއްކޮށް އުޅެން ނިންމައިފައި ވިނަމަވެސް ސައުދިއްޔާ ނޫޅޭއިރުވެސް އެކަކު އަނެކަކަށް އިޚްތިރާމް ކުރެވޭކަމީ ދެމީހުންވެސް ދަންނަ ބޮޑު ސިއްރަކަށްވަނީ ވެފައެވެ. ނޭނގިނަމަވެސް ދެމީހުންވަނީ އެކަކު އަނެކަކުގެ އެހީއަށް ބޭނުންނެވެފައެވެ.
އާއިޒުގެ އުޅުމަށް ހެޔޮ ބަދަލު އަންނަމުންދާކަން ޖާހަތުއަށް ފާހަގަ ކުރެވެމުން ދިޔައެވެ. ޚުދު އާއިޒުވެސް ކުރިން މަގުމަތީގައި އުޅުނު އުޅުން ދޫކޮށްލައި ހަރުދަނާ ގޮތެއްގައި އަމަލުތައް ބަހައްޓަމުން ގެންދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރުމަށްފަހު ގެއަށް ދިޔުމަށްޓަކައި ސައިކަލަށް އަރައި މިސްރާބު ޖެހިއެވެ. އަތްދިގު ހުދު ގަމީހަކާއި ކަޅު ފަޓްލޫނު ލާފައި ހުރިއިރު އާއިޒު ފެންނަލެއް ވަރަށް ފިރިހެންވަންތައެވެ. ކުރުކޮށްކޮށާލެވިފައިވާ އިސްތަށިގަނޑު ރީތި ގޮތަކަށް މައްޗަށް އަރުވާލެވިފައިވާއިރު ހަމުގެ ކުލަ މެދުމިނެއްގައި ހުރި އިރު ވަރަށް ހިތްގައިމެވެ.
ވަކިހިސާބަކަށް ދުއްވުމާއެކު އާއިޒު ސިހޭގޮތްވީ އޭނާގެ ފަހަތުން ބައެއް އަންނަހެން ހީވުމުންނެވެ. މާލޭގެ ހަލަބޮލި މަގުމަތީގައި އެތަށް ސައިކަލެއް އަދި ކާރެއް ދުއްވަމުން ދިޔަ ނަމަވެސް ފަހަތުން އަންނަ ދެސައިކަލު އާއިޒުއާ ދާދި އެއްވަރެއްގައި އަންނަކަން ފާހަގަ ކުރެވުނެވެ. އާއިޒު ފަހަތަށް ބަލައިލި އެވެ. އެވަގުތު ދެފަރާތަށް ދެސައިކަލު އަރައި ހަމަކޮށް ޖެހިގެން އޮތް ހަނި ގޯޅިއަކަށް އާއިޒުގެ ސައިކަލު ލަވާލިއެވެ. ގޯޅިއެޅުމާއެކީ އާއިޒު ސައިކަލު މަޑުކޮށްލަން މަސައްކަތް ކުރިނަމަވެސް އިތުރު ސައިކަލެއް ފަހަތުން އައިސް ސައިކަލުގައި ޖެހޭނުޖެހޭ ވަރަށް ކައިރިކޮށްލިއެވެ. ކުރިއަށް ދުއްވުން ފިޔަވައި އިތުރު އެއްވެސް ކަމެއް އާއިޒުއަށް ކުރެވޭގޮތެއް ނުވިއެވެ.
އެމީހުން ދާން ބޭނުންވި ތަނަށް ދެވުމާއެކީ ދެފަރާތުން އައި ދެސައިކަލުގެ ތެރެއިން ވާތްފަރާތުން އައި ސައިކަލު އާއިޒުގެ ސައިކަލުގެ ކުރިމައްޗަށް އެރުމާއެކު ބުރަކި ހިފާލެވުނީ ކިރިޔާއެވެ. ކޮންބައެއް ކަން ނޭނގުމުންނާއި ކަންތައް ކުރަމުން ދިޔަ ގޮތުން ހިތްހަމަ ނުޖެހި ހުރެވުނަސް އާއިޒުގެ ހިތުގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަމެއްވެސް އުފެދިފައިވެއެވެ. އެމީހުންގެ މަޤްސަދަކީ ކޮބައިބާއޭ ހިތް ސުވާލުކުރިއެވެ؟ ކިތަންމެ ގޯސްކޮށް ކުރިން އުޅެފައިވިނަމަވެސް އެއްވެސް ބަޔަކަށް ގެއްލުމެއް ދީފައެއް ނުވާނެއެވެ. ގްރޫޕް ދެބަސްވުންތަކުގައި އެފަދަ ކަމެއް ކުރެވިފައިވީ ނަމަވެސް އެ ހުރިހާ ކަމެއް ވަނީ ހައްލުވެފައެވެ.
އާއިޒު ވަށައިގެން ނަޒަރު ހިންގާލިއެވެ. އެއީ އޭނާ ދަންނަ ތަނެކެވެ. މިހާރު ބީރަށްޓެހި ވެފައިވީ ނަމަވެސް މީގެ ކުރިން އޭނާގެ މުޅި ދުވަސް އެތަނުގައި އުފަލާ މަޖަލުގައި ހޭދަވެގެން ގޮސްފައިވާތަނެވެ. އާއިޒު އޭނާ ވަށައިގެން ތިބި މީހުންނަށް ނަޒަރު ހިންގާލިއެވެ. އެއީ އޭނާ އާއެކު އުޅުނު މީހުންނެއްނޫނެވެ.
އެތެރެއަށް ވަންނަ ރާސްތާ އެނގޭތީވެ އާއިޒު އެތެރެއަށް ހިނގައިގަތެވެ. އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނެތިއެވެ. ވަށައިގެން ތިބި މީހުން އޭނާ އަށް މަގުދައްކަން ފެށުމުން އަތުގެ އިޝާރާތުން އެކަން ހުއްޓުވިއެވެ. އެއްޖީބަށް އަތް ޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ހަރުދަނާ ކަމާއި އެކީގައެވެ. އެއްވެސް ކަހަލަ ބިރެއް އަދި ފަސް ޖެހުމެއް އެމޫނު މަތިން ފެންނާކަށް ނެތެވެ. ފަރިތަ ކަމާއެކީގައި ކުރިއަށް ހިނގަމުން ދިޔައިރު ފަހަތުން އައި މީހުން ޖެހިލުންވެ ތިބެ ކުރިއަށް ހިނގައިގަތެވެ. އާއިޒުގެ މިކުއްލި ބަދަލާއެކީ ގައި އެމީހުން ކުޑަކޮށް ޖެހިލުންވާ ގޮތްވީއެވެ. ހަރަކާތްތަކުގެ ހަލުވިކަމާއި އަމަލުތައް ހުރިގޮތުން އެތަނަށް އާއިޒު ފަރިތަކަމާއި އާއިޒުގެ ޖެހިލުންކުޑަކަން ހާމަވަމުން ދިޔައެވެ. ޚުދު އާއިޒުވެސް އޭނާ އެތަނަށް އެފަދަ ގޮތަކަށް ގެންނަން ޖެހުނު ސަބަބު ބަލަން ބޭނުންވިއެވެ. އަދި އަލުން އެތަން އާރާސްތުކޮށް އުޅެން ފެށީ ކާކުގެ ސަބަބުންތޯ ބަލަން ބޭނުންވިއެވެ.
“ވެލްކަމް” އަނދިރި ހޮހޮޅައެއްފަދަ ތަނަކަށް ވަދެވުމާއެކީ އާއިޒުއަށް ހުއްޓެވުނީ އިވުނު އަޑުގެ ސަބަބުންނެވެ. ފަނޑުފަނޑު އޮރެންޖެ ބޮއްކެއްގެ އަލި ފިޔަވައި އެ އަނދިރި ތަނުގައި އިރުތު އަލިކަމެއް ނުވާ ފަދައެވެ. އެތެރެއަށް ނަޒަރު ހިންގާލެވުނީ އެ އަޑު އިވުނު ދިމާއެއްވެސް ނޭނގުމުންނެވެ. ފަހަތުން އައި މީހުންތައް ފަރިތަ ކަމާއެކީގައި އެތެރެއަށް ވަދެގެން ގޮސް އަނދިރިގަނޑުގެ ތެރެއަށް ގެއްލުނުފަދައެވެ.
“ކީއްވެ ހައިރާންވީ؟ މީ ހަމަ އާއިޒު ކުރިން އުޅުނު ތަނެއްނު!” އަޑު ގާތްވަމުން އަންނަ ކަހަލަ އިހުސާސެއް ކުރެވުނެވެ. އާއިޒު އެދިމާއަށް ބަލަން ފެށިއެވެ. އަނދިރީގެ ތެރެއިން މީހެއްގެ ހިލަމެއްވާހެން ހީވެއެވެ. ވަކި މީހެއް އެނގޭ ވަރެއް ނުވިއެވެ. އާއިޒު ކައިރީގައި ހުރި ފާރުގައި އަތްކާއްތާލިއެވެ. ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށެވެ.
“ސްވިޗްތަ ތިހޯދަނީ؟ މިހާރަކު ސްވިޗެއް ނުހުންނާނެ ތިތާނގައެއް.” އާއިޒު އަށް އެއަޑު އެއީ ދަންނަ އަޑެއްހެންވެސް ހީވިއެވެ. އެހެން ކަމުން ކަނުލާ އަޑުއަހަން އިނެވެ. “ސްވިޗް މިހާރު އޮތީ އަހަރެންގެ އަތުގަ.” މުޅިތަން އަލިވެގެން ދިޔައެވެ. އާއިޒުގެ މޫނުމަތިން ހައިރާންކަންފެނިގެން ދިޔައެވެ. ކުރިމަތީގައި ހުރި މީހާ ފެނުމުންނެވެ.
ބޮޑާކަމާއި އެކީ ފަޚްރުވެރިކަމުގެ ހިނިތުންވުމެއްގައި ހުއްޓިލައިގެން ހުރީ ހުމާމެވެ. “ސަޕްރައިޒްޑް؟” މަލާމާތުގެ ރާގެއްގައި ހުމާމު ސުވާލުކޮށްލިއެވެ. “އަހަރެންވެސް ޖެހޭނެއްނު އާއިޒަށް ސަޕްރައިޒެއް ދޭން. މިއީ އަދި ފެށުން. މިކަހަލަ ކިތަންމެ ސަޕްރައިޒެއް ކުރިއަށް އޮތް ތަނުގައި ލިބޭނެ.” ހުމާމުގެ ވާހަކަތައް ނިމުނުއިރު ރުޅިވެރިކަމާއި ނަފްރަތު އެދެލޮލުން ފެންނަމުން ދިޔައެވެ.
“ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟” އާއިޒު ސުވާލުކޮށްލިއެވެ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް ފަދަ ގޮތަކަށެވެ.
“ބަދަލު! އަހަރެން ބޭނުމީ ބަދަލު ހިފަން. އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލީ ކަލޭ. ދެން ކަލެއަށް އުފަލުގައި ދިރި އުޅެވުނައެއް ނުދޭނަން.” ހުމާމު ހާމަކޮށްލިއެވެ.
“ތީ އޮޅުމެއް. އަހަރެން ހުމާމުގެ ދިރިއުޅުން ބަރުބާދުކޮށެއް ނުލަން. ޤަބޫލުކުރަން ހުމާމު ޖަލަށް ދާން ޖެހުނީ އަހަރެންގެ ސަބަބުންކަން. އެއީ އަހަރެންނަށް ކުރެވުނު ކުށެއް. އެކުށަށް އަހަރެން ތަޢުބާވެއްޖައިން. އަދި ހުމާމު ސަލާމަތްކޮށްދިނީވެސް އަހަރެންނެއްނު؟” އާއިޒު ހަމަ ޖެހިލައިގެން ހުރެ ވާހަކަ ދެއްކިއެވެ. ނަމަވެސް ހުމާމުގެ ރުޅި މައިތިރިވާގޮތެއް ނުވެއެވެ.
“އެނިމުނީ؟ ކަލޭ އަމިއްލައަށް ފެނިގެން ކުށްކުރީ. ކުށެއްކަން އެނގުމުން ތަޢުބާވީ. ދެން އަހަރެން ސަލާމަތް ކޮށްދިނީ. އެވީތަ؟ ކޮބާ އެހުރިހާ ކަމެއްގެ ތެރޭގަ އަހަރެންގެ ހައްގު.؟ އަހަރެންގެ އިހުސާސްތައް.؟ އަހަރެންގެ އުންމީދުތައް.؟ ނުވިތާކަށް އަހަރެންގެ ދިރިއުޅުންވެސް އެފުށް މިފުށަށް ޖެހިގެން ހިނގައްޖެ.” ހިތުގައިވާ ޒަހަމްތަކުގެ އަޑު ހުމާމު އިއްވަމުން ދާފަދައެވެ.
“އަހަރެން ތިހުރިހާ ކަމެއް ޤަބޫލުކުރަން. ހުމާމުގެ ދިރިއުޅުން އަނބުރާ އާރާސްތުކޮށްދިނުމަށްޓަކައި އަހަރެން ކުރަންވީ ކަމެއް ބުނޭ. އިރާދަކުރެއްވިއްޔާ ބުނި ކޮންމެ ކަމެއް ކޮށްދޭނަން.” އާއިޒު ހުމާމަށް ބަލައިލަމުން ބުނެލިއެވެ. އާއިޒުގެ މޫނު މަތިން ފެންނަމުންދިޔަ ސީރިއަސްކަމާއި ހަރުދަނާކަމުން އޭނާ އެ ދައްކަނީ ތެދުވާހަކައެއް ކަން ހުމާމަށް ވިސްނުނެވެ. އިސްޖަހައިގެން އެނބުރި ހިނގާލާފައި ގޮސް ގޮނޑީގައި އިށީނދެލިއެވެ. އެތަނުގައި ދެން ތިބި ކުދިންގެ ފަރާތުންވެސް އަދި ހުމާމުގެ ފަރާތުންވެސް އިތުރު އިޝާރާތެއް ނައެވެ.
“ބޭނުންވާކަމެއް އަހަރެންނަށް ގުޅާލާފަ ބުނާތި. އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އަހަރެންގެ ފޯނު ނަމްބަރު ބަދަލެއް ނުވޭ.” އާއިޒު ހުމާމަށް އިޝާރާތްކޮށްލަމުން ބުނެލުމަށްފަހު އެތަނުން ނިކުންނަން ހިނގައިގަތެވެ.
“އަހަރެން ބޭނުމީ ކަލޭގެ އަންހެނުން.” ހުމާމު ބުނެލިއަޑު އިވުނެވެ. އަދި އިސް އުފުލާ ބަލައިލިއެވެ. ބޭރަށް ނިކުންނަން ހިނގަހިނގައި ހުރި އާއިޒު ހުރީ ހުއްޓިގެންނެވެ. ހުމާމު ތެދުވަމުން ކުރިއަށް ހިނގައިގަތެވެ. “އަހަރެން ބޭނުމި ޖާހަތު!” އާއިޒުގެ ފަހަތުގައި ހުއްޓިލައިގެން ހުރެ ބުނެލިއެވެ. އާއިޒުގެ ފަރާތުން ބަހެއް ނުލިބުނެވެ. ހަމަ ހުރި ގޮތަށް ހުރީއެވެ. ހުމާމުގެ ބޮލަށް އަނެއްކާ ރުޅިގަނޑު ސަވާރުވިއެވެ. އެތަނުގައި ހުރި ގޮނޑިއެއްގައި ފައިން ޖަހައި ހޫރާލީ ރުޅިގަނޑު ކޮންޓްރޯލް ނުވުމުންނެވެ. މުޅިތަނުގެ ހަމަ ހިމޭންކަން ގެއްލިގެން ދިޔައެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ؟ އެކަމަކު ބުނީމެއްނު ކޮންމެ ކަމެއްވެސް ކޮށްދޭނަމޭ؟ ދެން؟……….. ނުވާނެދޯ؟” ހުމާމު އާއިޒުއާ ސުވާލުކުރި ނަމަވެސް ޖަވާބެއް ނުލިބުނެވެ. އާއިޒުގެ ހަމަ ހިމޭންކަން ހުމާމަށް ބަލައެއް ނުގަނެވުނެވެ. ރުޅިގަދަވެގެން ގޮސް ރޮއެގަނެފާނެހެންވެސް ހީވެއެވެ.
(ނުނިމޭ)
10 Comments!
Comments are closed.
nice story…. first comment… hehe good luck writer.
vvvvvvv riyth
Good story indeed. Next part v avahah up kohfheyne kamah umiydhu kuran
Nice waiting for the next part
Koba next part any ways story vvvvv rythi
very nice
Mi story anekkaves medhu kedunytha
Nimifa oii story eh genes dheyn ehaa dhuwas nagaathi dhen vrah foohi! Alhe keehtha waani avahah up kolla dhiniyya:/ anekka mi story medhu kenduny tha ? Pls hurihaa episode thakeh up kolladhyba:(
Nimifa oii story eh genes dheyn ehaa dhuwas nagaathi dhen vrah foohi! Alhe keehtha waani avahah up kolla dhiniyya:/ anekka mi story medhu kenduny tha ? Pls hurihaa episode thakeh up kolladhyba:(
Alhey kobaatha…. haadha lahey