ފޮހެވޭނޭ ބާއޭ… 24
”މިޝޫ މިރޭ ފެންނާނެ ކަމަށް އަހަރެން އުއްމީދުކުރަން…” އިޒްކާން ފޯނު ބޭއްވުމުގެ ކުރިން ބުންޏެވެ. ފޯނު ކެނޑިގެން ދިއުމާއެކު މިޝްޔާ މާޔޫސް ވިއެވެ. އަދި އެއްފަހަރު އިޒްކާން ގުޅާލާނެނަމައޭ އޭނަގެ ހިތަށް އެރިއެވެ.
ކޮޓަރިއަށް ވަން ދީމް ހުރީ މިޝްޔާއަށް ބަލާށެވެ. އެމޫނު ކިތަންމެހާ ވެސް ރަގަޅަށް އޭނަ ދިރާސާ ކުރިއެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް އޭނަ ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ. އަދި އުނަގަނޑުގައި ދެއަތް ވިއްދާލިއެވެ. ކުއްލިޔަކަށް ދީމް ފެނުމުން މިޝްޔާ ސިހުނެވެ.
”ދޮންތާ…” މިޝްޔާ ތެދުވުނެވެ. އަދި އޭނަގެ ހިތް ހަމައަކަށް އަޅުވާލަން އުޅުނެވެ. ”ތިހާ ވަރަށް ފޯނަށް ތިބަލަނީ ކީއްވެ؟، އަނެއްކާ ދޮންތައަށް ނޭގި ސިއްރުކަމެއް ކުރަނީތަ؟…” ދީމްގެ ޖުމްލައިން މިޝްޔާއަށް ދީމްއާ ދިމާއަށް ބަލާލެވުނެވެ. އަދި ހިންދިރުވާލެވުނެވެ. ހީވީ ވައްކަން ކުރަނިކޮށް ފަޅާ އެރިހެންނެވެ.
”އައި ސީ، ދައްކަބަލަ ތި ފޯނު، ދޮންތައަށް ވެސް އެނގެން ޖެހޭނެއެއްނު…” މިޝްޔާގެ އަތުގައި އޮތް ފޯނު އަތުލަން ދީމް ދިމާކޮށްލުމުން މިޝްޔާ އޭނަގެ އަތް ފުރަގަހަށް ލިއެވެ. ”ދެން ދައްކަބަލަ، ދޮންތަ ބޭނުމީ ތީ ކޮންކަހަލަ ކުއްޖެއްތޯ ބަލަން، ކްލާސްމޭޓެއްތަ؟ އަޅެ ދެން ދީބަލަ، އެހެން ނޫނީ ގަދަކަމުން އަތުލާނީ…” ދީމް ގޮތް ދޫކުރާކަށް ނޫޅުނެވެ. މިޝްޔާ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ފަތިފުށް ބެލުން އޭނައަށް މުހިންމު ކަމަކަށް ވެއްޖެއެވެ. އަދި ހަމައެއާއެކު މިޝްޔާ އެކަން ސިއްރުކުރީތީ ދެރަވެސް ވިއެވެ.
”ދެން ދޮންތާ…” ދީމް ހަތިޔާރު ނުބަހައްޓާނެކަން އެނގުމުން ގޮތް ހުސްވެފައިވާ ރާގަކަށް އޭނަ ބުންޏެވެ. އޭރު ދީމް ހުރީ އޭނައަށް ކޮޓަރިން ބޭރަކަށް ނުނިކުމެވޭނެހެން ކުރި ބައްދާލައިގެންނެވެ. އޭނަ ފިޔަވަޅެއް އަޅާލިޔަސް އެދިމާއަކަށް ދީމް ފިޔަވަޅު އަޅައެވެ. މިފަހަރު ސަލާމަތް ވުމުގެ ފުރުސަތެއް ނެތޭ ބުނާ ކަހަލައެވެ. ދީމް އެހާވެސް ހުޝިޔާރެވެ.
”މިޝޫ ދެން ބުނެބަލަ، ދޮންތަ ނުބުނާނަމޭ އެއްވެސް މީހަކު ގާތު، އައި ޖަސްޓް ވޯންޓު ނޯ ހޫ ހީ އިޒް…” ދީމް ބުންޏެވެ. މިޝްޔާ ހުރީ އޭނަގެ ފޯނުގައި ބާރަކަށް ހިފަހައްޓައިގެންނެވެ. ”މިޝޫ ދޮންތައަށް އިތުބާރު ނުކުރަނީތަ؟ ދެރަވެއްޖެ، އަޅެ ދޮންތަ ނޫޅެމޭ މިޝޫގެ ލައިފްއަށް ފާޑު ކިޔާކަށް…” ދެރަވާކަމަށް ހެދެމުން ދީމް ވާހަކަ ދެއްކިއެވެ.
”ދޮންތާ…” މިޝްޔާ ލަފްޒުތަކަށް ބާރުލަމުން ބުންޏެވެ. ދީމް އެހެން ވާހަކަ ދެއްކުމުން އޭނަ ހިތްހަމައެއް ނުޖެހުނެވެ. ދީމް އަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާ އެވެ. އޭނަގެ ލޯބިވާ ދައްތަ ވެސް މެއެވެ. އޭނަގެ ހުރިހާ ސިއްރުތައް ދަންނަ އެސިއްރުތަކުގެ ފާރަވެރިޔާއެވެ. އެހެން މީހަކަށް އިތުބާރު ނުކުރެވުނަސް އޭނަ ދީމްއަށް އިތުބާރު ކުރެއެވެ. އިޒްކާންގެ ވާހަކަ ބުނަން އޭނަ ބޭނުންވީ ރަގަޅު ދަނޑިވަޅެއް ބަލާފައެވެ.
”އިޒްކާން…” މިޝްޔާ އެންމެ ފަހުން ބުންޏެވެ. ދީމްއަށް ލިބުނު ހައިރާންކަމާއެކު އޭނަގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. އޭނަ އައިސް މިޝްޔާ ކުރިމައްޗަށް ހުއްޓުނެވެ. އަދިވެސް ޤަބޫލު ނުކުރެވިފައެވެ.
”ރިއަލީ؟…” ދީމްއަށް އަހާލެވުނެވެ. މިޝްޔާ ބޯޖަހާލިއެވެ. ”ދޮންތަ ގާތު ބުނަން ހުރީ ރަގަޅު ދަނޑިވަޅެއް ބަލާފަ، ފަހަރެއްގައި ވެސް ދޮންތައަށް ސިއްރުކުރާކަށް ނޫން…” މިޝްޔާ ބުންޏެވެ.
”އައި ނިއު އިޓް، ޒޭން މިޝޫ ފަހަތުން އުޅޭ ގޮތުން ފުރަތަމަވެސް ޝައްކުވިއޭ، އެންޑް މިޝޫ ޒޭން ހުންނަ ތަންތަނުގަ އަބަދު ހިނިތުންވެފަ ހުރުމާ ގެއްލިފަ ހުރުން ވެސް ފާހަގަ ކުރެވުނޭ، އެކަމަކު އަހަރެން ހީކުރީ އެއީ ކުށްހީއެއް ކަމަށް، ބަޓް ނައު އެވްރީތިންގް އިޒް ކްލިއާރ، ޔޫ އެންޑް ޒޭން، ދެމީހުން ވަރަށް ބޮޑަށް ވެސް ގުޅޭ، ޑިޑް ހީ ޕްރޮޕޯޒް ޔޫ؟، އަޅެ ކިހިނެއްތަ ދިޔައީ؟ ހުރިހާ ކަމެއްގެ ތަފްސީލީ ރިޕޯޓް ދޮންތައަށް ކިޔައިދީބަލަ….” ދީމް އުފާވެފައި ހުރިވަރު އޭނަގެ އަޑުން ހާމަކޮށްދެއެވެ.
”އަދި ޒޭން ޕްރޮޕޯޒް ނުކުރޭ، އެއްޗެއް ބުނަން އަބަދު ބޭނުންވެފަ ހުންނަހެން ހީވޭ، އެކަމަކު ފަސްޖެހެނީ…” ޚިޔާލަކަށް ގެއްލިފައި ހުރެފައި މިޝްޔާ ބުންޏެވެ. އޭނަގެ ލޯކުރިމަތިން ސިފަވަނީ މިއަދު ޕާރކްގައި ހިނގި ހާދިސާއެވެ. އިޒްކާން އޭނަ ގެނެސް މޭގައި ޖައްސާލި މަންޒަރެވެ. އެހަށިގަނޑު ހޫނުކަމުން ކުރެވުނު ފޮނި ތަޖުރިބާތަކެވެ. އެހިތުގެ ތެޅުން އިހުސާސްކުރެވުމުން ލިބުނު ހިތްހަމަޖެހުމެވެ. އެވަގުތުކޮޅު އިތުރަށް ދިގުވެގެން ދިޔަ ނަމަ ހާދަ ރަގަޅު ވީސް ހެއްޔެވެ؟
”ޒޭން ވަރަށް ޝައި ވާނެ…” ދީމް ބުންޏެވެ. އެއާއެކު މިޝްޔާ ލޯއަޅާލިއެވެ. ”ހީ އިޒް ޕާރފެކްޓް، ޝައި ވީމަ އަދި ވަކިން ބޮޑަށް…” އިޒްކާންގެ ދިފާއުގައި މިޝްޔާ ނުކުތުމުން ދީމްއަށް މަޖާވިއެވެ.
”އަޅެ ހާދަ އުފާވެއްޖެޔޭ، މެރީކޮށްގެން ވެސް އުޅޭނީ އެއްގެއްގައި، އޯވވވ…” ޚިޔާލީ ދުނިޔެއަކަށް ގެއްލުނު ދީމްއަށް ބުނެވުނެވެ. އެއާއެކު މިޝްޔާ ވެސް ހިނިތުންވެލިއެވެ.
”މިހެން ބުނީމައޭ ހަނދާން މިވީ، މިރޭ އެބަޖެހޭ އެގެއަށް ދާން ވެސް، ވަރަށް ބިރު އެބަގަނޭ، ޔޫޝް މަންމަ އަހަރެން ދެކެ ލައިކް ވާނެތަ؟…” ދީމް ކަންބޮޑުވެފައިވާ ރާގަކަށް ބުންޏެވެ. ”ހުނުން ކޮންޓްރޯލް ކުރަންޏާ ލައިކް ވާނެ….” މިޝްޔާ ބުންޏެވެ. އެއާއެކު ދީމް ކުޑަކޮށް ހަޅޭއްލަވައިގަތެވެ.
”ހައު މީން…” ދީމް ބުންޏެވެ.
”މިޝޫ ވެސް އަހަންނާއެކު ދާން ވާނެ، ޔޫޝް ބުނި އަށެއްޖަހާއިރު ބަލާ އަންނާނަމޭ، ކުޑަ ޑިނާރ އެއްވެސް އޮންނާނެޔޭ…” ދީމް މިރޭގެ ކަންތައް ރޭވިފައިވާ ގޮތުގެ ތާވަލް މިޝްޔާއަށް ކިޔައިދިނެވެ. ދީމްގެ ޖުމްލައިން މިޝްޔާއަށް އުފާވެރިކަން ގެނެސްދިނެވެ. އިޒްކާންއާއި ބައްދަލުކުރަން އެގެއަށް ދެވޭތީއެވެ.
”އަދި އެބަޖެހޭ މިރެއަށް ލާނެ ހެދުމެއް ވެސް ޗޫޒްކުރަން، ޔޫޝް މަންމަ ވަރަށް ޓިޕިކަލް ވާނެޔޯ ޔޫޝް ބުނީ، އެހެންވީމަ އާދައިގެ ހެދުމެއް ލާންޖެހޭނީވެސް…” ދީމް ބުންޏެވެ. ދީމް އަކީ ފެށުނީއްސުރެ ފެޝަނަށް ލޯބިކުރާ ކުއްޖެކެވެ. އެއާ ޚިލާފަށް މިޝްޔާ ބޭނުންވަނީ ސާދާ ދިރިއުޅުމެކެވެ. މިއަހަރުގެ ރޯދަމަހަށް ބުރުގާ އަޅަން ވެސް އޭނަ ވަނީ ގަސްދުކޮށްފައެވެ. ބުރުގާއަޅާ ވާހަކަ ދީމް ގާތު ބުނުމުން ދީމް ބުނެފައިވަނީ އޭނަ އެކަމާމެދު ވިސްނާނެ ކަމުގަ އެވެ. މިޝްޔާ ދައްތައަށް ވިސްނައިދެވޭތޯ އުޅުނެވެ. ނަމަވެސް އެކަށީގެންވާ ފަދަ ނަތީޖާއެއް ނުނެރެވުމުން އެމައުޟޫއަށް ވާހަކަ ދެއްކުން ޖެހުނީ ހުއްޓާލާށޭވެ.
”އަހަރެން މިހުރީއެއްނު އެހީވާން…” މިޝްޔާ ބުންޏެވެ. ”ޔަޕް، މިޝޫ ލާކަހަލަ ގޯންޏަކަށް އެރިގެން ދާން ޖެހޭނީ…” ދިމާކުރާ ރާގެއްގައި ދީމް ބުންޏެވެ.
ދީމް ވާހަކަ ދައްކަން ހުރެފައި ދިއުމުން މިޝްޔާ ވަގުތުން އިޒްކާންއަށް މެސެޖް ކުރިއެވެ. ޔޫޝައުއާއެކު ގޭމް ކުޅެން އިން އިޒްކާންގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުން ޔޫޝައުގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ގޭމުކުޅޭ އަތްގަނޑު ބާއްވަމުން އިޒްކާން ފޯނު ނެގިއެވެ. ޔޫޝައު ބަލަން އިނުމުން އޭނަ ބުމަ އަރުވާލިއެވެ.
”ޕިސް ޕިސް، ބުނުމެއް ވެސް ނޯވެއޭ ދޯ؟…” ޔޫޝައު ހަށަން ބަނދެލިއެވެ. އިޒްކާން ފަރުވާލެއް ނުބެހެއްޓިއެވެ. މިޝްޔާގެ މެސެޖް ފެނުމުން ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
”ކާކު؟…” ޔޫޝައު އެހިއެވެ.
”ތި އަތް ދުރުގަ ބާއްވަބަލަ…” ޔޫޝައުގެ އަތް އިޒްކާންގެ ފޯނާ ދިމާއަށް ދަތުރުކުރުމުން ހުޝިޔާރުކަމާއެކު އިޒްކާން އެއަތުގައި ހިފިއެވެ. އެވަރުން ވެސް ޔޫޝައު ހުއްޓާނުލިއެވެ. ސަލާމަތުން އޮތް އަތުން އިޒްކާންގެ ފޯނުގައި އޭނަ ހިފިއެވެ. އަދި ދަމައިގަނެވޭތޯ އުޅުނެވެ. އިޒްކާން ވެސް ދުލެއް ނުދިނެވެ.
ޔޫޝައު މިރޭ ގެއަށް މެހުމާނަކު ގެންނަ ވާހަކަ ބުނެފައި ވުމުން ކައްކަންވީ އެއްޗެހީގެ އިރުޝާދު ނޯކަރުންނަށް ދިނުމުގައި އުޅުނު ބަލްޤީޝް ބޮޑުކޮޓަރީގައި އަޑުގަދަވެގެން ބަދިގެއިން ނިކުމެއްޖެއެވެ. ގައިގައި ހިފައިގަނެގެން ތިބި ޔޫޝައުއާ އިޒްކާން ފެނި އޭނަ ދެފަރާތަށް ބޯހޫރާލިއެވެ.
”ތީދެން ކޮންކަމެއް؟… ހަމަޖެހިގެން ތިބެ އެއްވެސް ކަމެއް ކުރެވޭކަމަކަށް ނުވޭދޯ؟، އަބަދު ދެބަސްވުން…. ނަމާދުކޮށްގެންތަ ތިތިބީ؟…” ބަލްޤީޝްގެ އަޑަށް ދެޒުވާނުން ދުރަށް ޖެހިލައިފިއެވެ. އިޒްކާން ސޯފާއިން ތެދުވުނެވެ.
”ޒޭން ފެއްޓީ…” ޔޫޝައު ބުންޏެވެ.
”ޔޫޝައުއަށް ވުރެ ބޮޑީ އިޒްކާންއެއްނު ދެން ކޮން ޒޭން އެކޭ ކިޔާކަށްތަ…” ހިތްހަމަނުޖެހިފައިވާ ރާގަކަށް ބަލްޤީޝް ބުންޏެވެ. އެއާއެކު އިޒްކާން ނުހޭން ހުރެފައި ވެސް ހެވުނެވެ. މިމަންޒަރު ފެނުމުން ޔޫޝައު ލޯއަޅާލިއެވެ.
”ސޮރީ މަންމާ…” ޔޫޝައު މާފަށް އެދުނެވެ.
”ހޫނނނ، ދެން މަންމަ ކުރި ސުވާލަށް ޖަވާބު ދީބަލަ، ނަމާދުކޮށްގެންތަ ތިތިބީ؟…” ބަލްޤީޝް އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ. ޔޫޝައުއާ އިޒްކާން ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލިއެވެ.
”މަންމަ ގާތު އަދިވެސް ބުނާކަށް ބޭނުމެއް ނުވޭތަ ޔޫޝައު ތިހާ ވަރުން ގެއަށް ގެންނަން ތިއުޅެނީ ކޮން މެހުމާނެއްކަން؟…” ބަލްޤީޝް ބުންޏެވެ. ”މަންމާ އަދި ކުޑަ އިންތިޒާރެއްކޮށްލަބަ އޭރުން އެނގޭނެ، އިޓްސް އެ ސަޕްރައިޒް ފޯރ ޔޫ…” ސުވާލުތަކުގެ ތެރެއަށް ބަލްޤީޝް ދޫކޮށްލަމުން ޔޫޝައު ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ދަމުން އޭނަ އިޒްކާންއަށް ބަލާލިއެވެ. އޭނަގެ ސިއްރު ހޯދާނަމޭ ބުނާ ފަދަ ގޮތަކަށެވެ.
ބަލްޤީޝް ދެން ބަލާލީ އިޒްކާންއަށެވެ. ޔޫޝައުގެ ހުރިހާ ކަމެއް އެންމެ ރަގަޅަށް އެނގޭނެ މީހަކީ އިޒްކާން ކަމަށް ވާތީއެވެ. ނަމަވެސް އޭނަ ބަލާލުމާއެކު އިޒްކާން ކޮނޑުއަރުވާލައިފިއެވެ. ބަލްޤީޝް ދެން ދިޔައީ ބަދިގެއަށެވެ. ޔޫޝައު ގެންނަން އުޅޭ މެހުމާނާއަށް އޭނަގެ ފުރިހަމަ ސަމާލުކަން ދެވިއްޖެއެވެ.
”އަނެއްކާ އަންހެން ކުއްޖެއްބާ؟…” ބަލްޤީޝްއަށް ވިސްނުނެވެ. އެއާއެކު ހިނިތުންވުމެއް ދުވެލިއެވެ. މިދުވަސް އަންނާނެ ދުވަހަކަށް އޭނަ އިޒްތިޒާރު ކުރާތާ ހާދަ ގިނަ ދުވަސް ވެއްޖެއެވެ. ޔޫޝައު ހޮވުން ދެކިލާ ހިތުން ކެތްތެރިކަން ކުޑަ ވެގެން ދިޔައެވެ.
****
އިރުއޮއްސި އަނދިރިކަން ވެރިވާން ފަށައިފިއެވެ. ވިއްސާރައިގެ ސަބަބުން ބޭރުތެރެ ވަނީ އާދަޔާ ޚިލާފަށް ފިނިވެފައެވެ. ދުންފިނީގެ އަސަރުވެސް ހިސާބަކަށް ފާޅުވެއެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުން ލުއި މިޔުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ. ދޭތެރެއަކުން ވިދާލި ކަމުގައި ވިޔަސް ގުގުރީގެ އަޑެއް ނީވެއެވެ. މިޝްޔާއާއި ދީމް ތިބީ ތައްޔާރު ވާށެވެ. ދެކުދިންގެ ޚަބަރެއް ނުވެގެން ސަލްމާ އައިސް ކޮޓަރިއަށް ވަނެވެ. އޭނަ ސުވާލުކުރުމުން ޖަވާބު ދިނީ ދީމް އެވެ. ލަސްނުވެ ގެއަށް އައުމަށް ސަލްމާ އިރުޝާދު ދިނެވެ.
ދީމް ހުރީ ރަތްކުލައިގެ މެކްސީއެއް ލައިގެންނެވެ. ޚަޔާތުގައި ފުރަތަމަ ފަހަރަށް އެހާ ދިގު ހެދުމެއް ލާން ޖެހުމުން އޭނައަށް އުނދަގޫވިއެވެ. ލުއި ގޮތަކަށް މޭކަޕްކޮށްގެން ހުރިއިރު އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލެވިފައެވެ. އަރައިގެން ހުރި އުސްފައިވާނުގެ އެހީގައި ހެދުމުގެ ފަސްބައިގެ ބޮޑުބައެއް ބިންމަތީގައި ފެތުރުމުން ސަލާމަތްކޮށްދެއެވެ. ދީމް ތައްޔާރުކޮށްދިން މިޝްޔާއަށް ތައްޔާރުވާން ލިބުނީ ފަސް މިނެޓެވެ.
ދެކުދީން ތައްޔާރުވެގެން ބޭރަށް ނިކުތް އިރު އިންތިޒާރުގައި ޔޫޝައު ހުއްޓެވެ. މިޝްޔާ އުއްމީދުކޮށްގެން ހުރީ އިޒްކާން ފެންނާނެ ކަމަށެވެ. ނަމަވެސް އިޒްކާން ނުފެނުމުން މޫނުގެ ކުލަވަރު ފަނޑުވާ ގޮތް ވިއެވެ. ދީމް ފެނި ކަޅިޖަހާނުލައި ބަލަން ޔޫޝައު ހުއްޓެވެ. ޔޫޝައުގެ ބަލާލުމުގައި ހުރި އަސަރުތަކުން ދީމްގެ މޫނު ރަތްކޮށްލިއެވެ. ޔޫޝައު ދީމްގެ ރީތިކަމަށް ތައުރީފު ކުރިއެވެ.
ދީމްމެން އަރަން ކާރުގެ ދޮރުފަތް ޔޫޝައު ހުޅުވާލާ ދިނެވެ. ”ތެންކިއު…” ދީމް ތުއި އަޑަކުން ބުންޏެވެ. ޔޫޝައު ހިނިތުންވެލިއެވެ. ދީމް އެރީ ކުރީ ސީޓަށެވެ. މިޝްޔާ އިނީ ފަހަތު ސީޓުގައެވެ.
”ވަރަށް ހާސްއެބަވޭ…” ޔޫޝައު ކާރަށް އެރުމާއެކު ދީމް ޔޫޝައުގެ މުލައްދަނޑީގައި އޮޅިލައިގަންނަމުން ބުންޏެވެ. ޔޫޝައު ބުނީ ހާސްނުވުމަށެވެ. ޔޫޝައުގެ ޖުމްލަތަކުން ދީމްގެ ހިތަށް ފިނިކަމެއް ލިބުނެވެ.
”ތިންކް ޕޮޒިޓިވްލީ…” ދީމް ތަކުރާރުކޮށް އޭނަގެ ހިތަށް ވިސްނައިދިނެވެ. އަދި ހުރިހާ ކަމެއް އުއްމީދު ކުރިފަދައިން ދިއުމަށް އެދި މާތްﷲއަށް ދުޢާކޮށްލެވުނެވެ. އޭނަ އިނީ ޔޫޝައުގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ.
ފަސްވަމުން ދިޔަ މަންޒަރުތަކަށް ބަލަން އިން މިޝްޔާއަށް އިރުއިރުކޮޅާ ފޯނަށް ނަޒަރު ހިންގާލެވެއެވެ. އިޒްކާން އޭނަ ފޮނުވި މެސެޖަށް ރައްދު ނުދިނުމުން ހިތުގައި ޖެހޭ ގޮތް ވިއެވެ. އެމަދު ވަގުތުކޮޅުގައި އޭނައަށް ވިސްނުނީ މުޅިން ގޯސްކޮށެވެ. ދެރަވިއެވެ. މެސެޖް ނުފޮނުވުނީ ކަމަށް ހީކޮށް އޭނަ ދެވަނަ ފަހަރަށް ވެސް ލިޔުނެވެ.
”އަހަރެން ހީކުރީ ޒޭން އަންނާނެކަމަށް…” މިޝްޔާ ލިޔުނެވެ. ތިން މިނެޓް ވީއިރުވެސް ޖަވާބެއް ނުލިބުނެވެ. ދެރަވެގެން ގޮސް މިޝްޔާގެ މޭގައި ރިއްސާލިއެވެ. އިޒްކާންއަށް ކަމެއް ވީ ހެއްޔެވެ؟ ޔޫޝައު ގާތުން އޮޅުން ފިލުވަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އެހިތްވަރެއް އޭނައަކަށް ނުލިބުނެވެ.
”ވުޑްލޭންޑް” އަށް ދެވުމުން މިޝްޔާމެން ކާރުން ފޭބިއެވެ. އެއީ ދެބުރިއަށް ނަގާފައިވާ ރީތި ގެއެކެވެ. ކުޑަ ބަގީޗާއެއް ވެސް އޮތެވެ. ރޭގަނޑުގެ ވަގުތުގައި ވެސް އެތަނުގެ ރީތިކަން ފާޅުވެއެވެ. ބޭރުތެރެ ފިނިކަމުން އެހާ ގިނަ އިރު ބޭރުގައި ހުރެވޭވަރެއް ނޫނެވެ. ދީމްމެންގެ ފަހަތުން ލަސް ފިޔަވަޅުތަކެއްގައި މިޝްޔާ އެތެރެއަށް ވަންނަން މިސްރާބު ޖެހިއެވެ. އޭރު ފިނިވެގެން ގޮސް އޭނަ ހުރީ ހަަށަން ބަނދެލައިގެންނެވެ.
މައިދޮރުން ވަން ޔޫޝައު އާއެކު ހުރި އަންހެންކުއްޖާ ފެނި ބަލްޤީޝްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ފުރަތަމަ ނަޒަރުން ވެސް ޔޫޝައުގެ ހޮވުން އޭނައަށް ކަމުދިޔައެވެ. ބަލްޤީޝްގެ ގާތުގައި ހުއްޓިލައިގެން ހުރި އިޒްކާންއަށް ހޯދާލެވުނީ މިޝްޔާ ފެނޭތޯއެވެ.
ބަލްޤީޝް އައިސް އަމިއްލައަށް ތަޢާރަފް ވެލިއެވެ. އަދި ނުހަނު ގަޔާވެފައި ހުރެ ދީމްއާ ވާހަކަ ދެއްކިއެވެ. އެއާއެކު ދީމްގެ ހާސްކަމަށް ނިމުމެއް އަތުވެއްޖެއެވެ. އޭނަގެ ހިނިތުންވުން ވެސް ފުން ވެގެން ދިޔައެވެ. ޔޫޝައު ހުރީ އުފަލުން ގޮސް ބުނާނެ އެއްޗެއް ނޭގިފައެވެ.
”ދަރިފުޅުގެ ހޮވުން ވަރަށް ވެސް ފުރިހަމަ…” ޔޫޝައުގެ ބޮލުގައި ބަލްޤީޝް ފިރުމާލިއެވެ.
ބަލްޤީޝްގެ ސަމާލުކަން ޔޫޝައު މެންގެ ފަހަތުން ހިނގާފައި އަންނަ އަންހެން ކުއްޖާއަށް ހުއްޓުނެވެ. އޭނަ އެކުއްޖާއަށް ރަގަޅަށް ބެލިއެވެ. ބަލްޤީޝްގެ ދެލޯ މިޝްޔާއަށް އަމާޒުވެފައިވާކަން އެނގުމާއެކު މިޝްޔާގެ މޭގަނޑު ނެގިފައި ޖެހެން ފެއްޓިއެވެ. ބަލްޤީޝް ބަލަން ހުރި ގޮތުން އޭނަ ލައިގެން ހުރި ހެދުމަށް ނަޒަރު ހިންގާލެވުނެވެ. އަދި އޭގައި އުނިކަމެއް ހުރިތޯ ހޯދާ ލެވުނެވެ. މިޝްޔާ ހުރީ ހިނގައިގަންނަން ނުކެރިފައެވެ. ބަލްޤީޝް ބަލަން ހުރި ގޮތުން އޭނަ ދެކެ ހިތްހަމެނުޖެހުނީކަމަށް ހީކުރެވުނެވެ.
ނަމަވެސް އެއީ މިޝްޔާގެ ސާދާކަން ފެނި ބަލްޤީޝްގެ ފުރިހަމަ ސަމާލުކަން އަތުލެވުމުން ވީ ގޮތްކަމެއް އޭރު މިޝްޔާއަކަށް ނޭގުނެވެ. ބަލްޤީޝްއަށް މިޝްޔާ ނުހަނު ކަމުދިޔައެވެ. އިޒްކާންއާއި ވަރަށް ގުޅެޔޭ އޭނަގެ ހިތަށް އެރިއެވެ. އެޚިޔާލުން ވެސް ބަޔާންކުރަން ދަތި ފިނިކަމެއް ހިތަށް ލިބުނެވެ.
ބަލްޤީޝް ބަލަން ހުރި ދިމާއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. އިޒްކާން ވެސް މައި ދޮރު ކައިރިއަށް ޖެހިލިއެވެ. މިޝްޔާ ފެނުމުން އޭނައަށް ހިނިތުންވެވުނެވެ.
”މިޝޫ އާދެބަލަ…” މިޝްޔާ ހުއްޓުން އަރާފައި ހުރުމުން ދީމް ބުންޏެވެ.
”ދީމް ކޮއްކޮތަ؟…” ބަލްޤީޝްއަށް އަހާލެވުނެވެ. އެދެމެދުގައިވާ ގާތްކަން އޭނައަށް ފާހަގަ ކުރެވިއްޖެއެވެ.
”ލައްބަ…” ދީމް ޖަވާބު ދިނެވެ.
މިޝްޔާ އައިސް ދީމްގެ ފުރަގަހުން ހުއްޓުނެވެ. އޭނަ ހުރީ ހާސްވެފައެވެ. ބިރުގެންފައެވެ.
ބަލްޤީޝް އޭނަގެ ތަޢާރަފެއް މިޝްޔާއަށް ވެސް ދިނެވެ. މިޝްޔާ ބަލްޤީޝްއަށް ބަލާލަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.
”މިޝްޔާ…” މިޝްޔާ ބުންޏެވެ.
”ވަރަށް ރީތި ނަމެއް، ދައްތަ ފެނުމުން ހާދަ ބިރުގެންފަ ތިހުރީ…” ބަލްޤީޝް ބުންޏެވެ. އެތެރެއަށް އައުމަށް ދައުވަތު ދެމުން އޭނަ ކާކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ކާކޮޓަރިއަށް ވަނުމުގެ ކުރިން އަދިވެސް އެއްފަހަރު މިޝްޔާއަށް ބަލައިލަމުން އޭނަ ހިނިތުންވެލިއެވެ. ދެން އޭނަ ބަލާލީ އިޒްކާން އަށެވެ.
މިޝްޔާ ހުރީ ވާނުވާ ނޭގިފައެވެ.
”އަހަންނަށް ހީވަނީ ދީމްއަށް ވުރެ ބޮޑަށް މަންމައަށް ކަމުދިޔައީ މިޝޫ ހެން…” ޔޫޝައު ދިމާކުރާ ރާގެއްގައި ބުންޏެވެ. ”މަންމަ މީހަކު ދެކެ ވަރަށް ބޮޑަށް ލައިކް ވީމަ އެހެން ވާނީ…”
****
ދީމްއާއި ޔޫޝައުގެ ފަހަތުން ކާކޮޓަރިއަށް ދިޔުމަށް މިޝްޔާ ވެސް ހިނގައިގަތެވެ. ކުރިއަށް ދެފިޔަވަޅު އެޅުނުތަނާ ހުއްޓެން މަޖުބޫރުވީ އިޒްކާން އެއަތުގައި ހިފުމުންނެވެ. މިޝްޔާ ފިނިވިއެވެ. އޭނައަށް މުޅި ތަނަށް ނަޒަރު ހިންގާލެވުނީ ކަންބޮޑުވެފައި ހުރެއެވެ. ހިތުގައި އުތުރި އަރަން ފެށި ޖަޒުބާތުތައް ހިންދާލެވޭތޯ މިޝްޔާ އުޅުނެވެ.
”ރުޅި އައިއްސަ މިހިރީ…” މިޝްޔާ ބުންޏެވެ. އެއާއެކު އިޒްކާންގެ އުފާވެރިކަން ގެއްލިގެން ދިޔަތަން ރީއްޗަށް ފެނުނެވެ. އެއާއެކު މިޝްޔާއަށް ބުނެވުނު ޖުމްލައާ މެދު ވިސްނި ދެރަވިއެވެ.
”މިޝޫ ދެރަވާވަރުގެ ކަމަކަށް އަހަންނަށް ކުރެވުނީ ކޮންކަމެއްތަ؟…” އިޒްކާން އެހިއެވެ. ”މިރޭ އަހަރެން މެސެޖް ކުރީމަ ރިޕްލައި ނުކުރަމެއްނު…” މިޝްޔާ ޖަވާބުގައި ބުންޏެވެ.
”އައެމް ސޮރީ… މިއުޅޭ ޔޫޝައު މިޝޫމެން ބަލާ ދިޔައިރު ދިޔައީ އަހަރެންގެ ފޯނު ފޮރުވާލާފަ….” އިޒްކާން މިއަދު ހިނގި ހާދިސާ ކިއައި ދިނުމުން މިޝްޔާއަށް ހެވުނެވެ. އެއަޑުގެ ތެރެއަށް އިޒްކަން ހުރީ ގެއްލިފައެވެ.
”އައި ލަވް ދެޓް ސައުންޑް…” އިޒްކާން ބުންޏެވެ.
އިޒްކާން މެންނަށް ލަސްވެގެން ބޭރަށް ނިކުތް ޔޫޝައުއަށް ފެނުނު މަންޒަރުން ހުރީ ހުއްޓުން އަރާފައެވެ. އެއާއެކު ލާނެއް ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.
”އޯހް ގޯޑް، ހާދަ ރޮމޭންޓިކް ސީނެކޭ…” ޔޫޝައުގެ އަޑަށް މިޝްޔާއާއި އިޒްކާން ދިޔައީ ސިއްސައިގެންނެވެ. ވަގުތުން މިޝްޔާގެ އަތުން އިޒްކާންއަށް ދޫކޮށްލެވުނެވެ. އޭރު ޔޫޝައު ހުރީ އެމީހުންނާ ދާދި ކައިރީގައެވެ.
”މިހެންވެ ދޯ މަށަށް ސިއްރުކޮށްގެން އުޅުނީ، ފޯނު ވަގަށް ނެގިއިރު އޭގެ ޕާސްވޯޑުވެސް ހުރީ ބަދަލުކޮށްފައޭ…” ޔޫޝައު ދިމާކޮށްގަތުމުން އިޒްކާން އަޑު މަޑުކުރަން އެންގިއެވެ. މިޝްޔަ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެތަނުން ދާން ވެސް ބޭނުން ވެފައެވެ.
”މަންމައަށް އަޑު އިވުނަސް އޯކޭ ވާނެ، ދެންމެ މިޝޫ ފެނިފަވެސް ހުރީ ހުއްޓުން އަރާފަ، ޝީ ރިއަލީ ލައިކް ހާރ…” އިޒްކާންގެ ކޮނޑަށް އަތް ވައްޓާލަމުން ޔޫޝައު ބުންޏެވެ.
”ކޮންމެ ކަމަކަށް ވެސް ވަގުތު ކަނޑައެޅިފައި ވެޔޭ، ޔޫޝައުގެ ފަރާތުން މަންމައަށް އެނގިއްޖެއްޔާ މިމަހު ދޭން ބުނި ރުފިޔާ ނުދޭނަން، އޭރުން ސަލާން ޖަހަން ޖެހޭނީ…” އިޒްކާންގެ އެންމެ ޖުމްލައަކުން ޔޫޝައު މައިތިރިވެއްޖެ އެވެ.
”ފައިން…” ޔޫޝައު ބަލި ޤަބޫލުކުރުމުގެ ގޮތުން ދެއަތް މައްޗަށް އުފުލާލިއެވެ. އަދި އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.
(ނުނިމޭ)
13 Comments!
Comments are closed.
Adhi nuveh kiyan kiyaafa cmnt eh dheynan
Hmmmmmm Dhn varah molhu kameh thi kurevuny
J vee tha second shabee 🙂 😉 stay away frm things which doesn’t concern u
Hehee kada veeetha Ira. ? Nukiyaaa comment kollyyy yoo??????? lollolol
Adhives kiyany tha ira :p
nice . me first
dhn fahun ehaaa hate kurany kyhvebaaaaa????????
V v v nice mi story kuriah dhaa goyy.kyp it up
oh my god….eii 2nd shabee kurii cmnt eh…not me..
soo 1st shabeege nooni 2nd shabeega nan badhalu kolabala!
Peh hehehhhehehehehhehe kon second eh first eh. E shabee hus dhogu e hadhany. Eyna amilla ah dhemyhunah vegen comment kurany
What the hell why don’t u use ur own name
I guess h are right Ira mi shabee mew vareh ge anhenai anga laan nulaan thaneh neygigen ulhenee