Skip to content
އެސްފިޔަ

އަނިޔާ.. 06 ވަނަ ބައި…

އެވަގުތު އެމީހާ އެތެރޭގައި ހުރި ކޮޓަރިއަކަށް ދިޔައެވެ. ދިޔަތާ މާގިނަ އިރެއްނުވެ އެކޮޓަރިން ދަމާފައި ނެރުނީ ބަނދެފައި އިން މީހެކެވެ. އޭނަގެ ލޯމަތީގައި ވަނީ ފޮތިގަނޑަކުން ބަދެފައެވެ. އަނގަމަތީގައި ޓޭޕްގަނޑެއް އަޅާފައެވެ. އަތްވަނީ ފުރަގަހަށް ވާގޮތަށް ވާގަނޑަކުން އައްސާފައެވެ. އެމީހާގެ މޫނު މަތިން އެމީހާއަށް އަނިޔާ ކޮށްފައި ހުރިކަން ރަނގަޅަށް އެގެއެވެ. އެމީހާ ދަމާފައި ގެނެސް ފުއާދު ކުރިމަތީގައި ބޭންދިއެވެ.

އެމީހާ ފެނުމާއި އެކު އަހަރެން ސިހިގެންދިޔައެވެ. އަނެއްކާ އަހަރެންނާއި ޖައްސަށް އެއުޅެނީ ކޮންކަހަލަ ކަމެއްބާއޭ ހިތަށް އެރިއެވެ. އެވަގުތު މާޒިން އާއި ދިމާލަށް އަހަރެން ބަލާލީމެވެ. މާޒިން އިސްޖަހާލީ ސޮރީއޭ ބުނާކަހަލަ ގޮތަކަށެވެ. “ޝާމް” ފުއާދު ބަރުއަޑަށް ސިހިފައި އަހަރެން ފުއާދުއާއި ދިމާލަށް ބަލާލީމެވެ. އަހަރެން ބަލާލުމާއި އެކު ފުއާދު އެމީހާއި ދިމާލަށް އަތްދިއްކޮށްލަމުން އެއީ އަހަރެންގެ މަސައްކަތޭ ބުންޏެވެ. އަހަރެންނަށް ފުއާދު ބުނި އެއްޗެއް ނޭގުނެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން ފުއާދު އާއި ދިމާލަށް ބަލާލީމެވެ. “އެއީ ޝާމްގެ މަސައްކަތަކީ… އޭނަ މަރާލަންވީ” ފުއާދު ބުނެލިއެވެ. “ވަޓް” ސިހިގެންދިޔަ ވަރުން އަހަރެންނަށް އެހެން ބުނެވުނީ ވަރަށް ބާރަށެވެ. އަހަރެން ފުއާދު އާއި ދިމާލަށް ބަލާލީމެވެ. “އާ އޭނަ މަރާލަންވީ.. އެއީ ޝާމްގެ މަސައްކަތަކީ… ޔޫ ހޭވްޓް ކިލް ހިމް” އިނގިރޭސިން އެހެންބުނުމާއި އެކު އެމީހާ ތެޅިގަތެވެ. އެތަނުން ތެދުވެގެން ދާ މަސައްކަތް ކުރަންފެށިއެވެ. އެވަގުތު އޭނަގެ ފުރަގަހުގައި ހުރި މީހަކު އޭނަގެ ގައިގައި ވަރުގަދަ ބޮޑިއެއް އަޅާ އެމީހާ ތަޅުންގަނޑު މައްޗަށް ވައްޓާލިއެވެ. އަހަރެންނަށް ހުރެވުނީ ފުއާދު އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެއްފަހަރު ފުއާދުއަށް އަނެއްފަހަރު މާޒިންއަށް އަދި އަނެއްފަހަރު އެމީހާއާއި ދިމާލަށް އަހަރެން ބަލާލީމެވެ. މާޒިންގެ މޫނަށް އަހަރެން ބަލާލީ ރުޅިވެރިކަމާއި އެކުގައެވެ. ނަމަވެސް މާޒިން އޭރުވެސް ހުރީ އިސްޖަހައިގެންނެވެ. އޭނައަށް އަހަރެންނާއި ހަތަރުކަޅި ހަމަކުރަން ނުކެރުނީއެވެ.

“ތިކަމަކީ އަހަރެން ކުރާނެ ކަމެއް ނޫން. އަހަންނަށް ހީވަނީ މާޒިންވެސް އެވާހަކަ ބުނެފަހެން އޮންނާނީ” އަހަރެން ރުޅި ވެރިކަމާއި އެކުގައި ބުނެލީމެވެ. އެވަގުތު ފުއާދު ނުލަފާ ގޮތަކަށް ހީގަތެވެ. އަހަރެންގެ ރުޅި އަހަރެން ބަލަމުންދިޔައީ ކޮންޓްރޯލް ކުރެވޭތޯއެވެ. “އާ ބުނެފަ އޮތީ.. އެކަމަކު ސަބަބެއް ނުބުނޭ… މާޒިން ބުނި ގްރޫޕްގެ ފަރާތުން ހިންގޭ އެއްވެސް މާރާމާރިއެއް އެއްގައި ޝާމް ބައިވެރި ނުވާ ވާހަކަ… އަދި އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ޝާމް ބުނެފައި އޮތް ވާހަކަ… ކޮބާތަ މައްސަލައަކީ…ކޭން ޔޫ ޓެލް މީ ދަ ރީސަން” ފުއާދުގެ މޫނަށް ބަލާލުމުންވެސް އަހަރެންގެ ރުޅި ހީވަނީ ކޮންޓްރޯލްއިން ނައްޓަފާނެ ހެންނެވެ. އެހެންވެ އަހަރެން މަސައްކަތްކުރީ ފުއާދުގެ މޫނަށް ނުބަލާ ވޭތޯއެވެ. “ޔޫ ޑޯންޓް ހޭވްޓް ނޯ ދެޓް” އަހަރެއް ބުނެލީމެވެ. “އައި ނޯ… އެކަމަކު ހަމަ ކިއުރިއަސް ވީމަ އަހާލީ… އެން ބައިދަވޭ ޕޮލިހުން ކަޑާލީވެސް މާރާމާރީގެ މައްސަލައެއްގައެއް ނުން… ސޯ” ފުއާދު އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އާ އަހަރެންގެ ވަޒީފާ އަހަރެންނަށް ގެއްލުނީ އެކަމާއި ހުރެ… އެހެންވެ އަހަރެން އެކަހަލަ ކަންތަކަށް ނަފްރަތު ކުރަން… އަހަރެންނަށް އޭގެން ފުރަތަމަވެސް ވަނީ ގެއްލުންވެފައި…. ސޯ އައި ޑޯންޓް ވޯންޓް” އަހަރެން ބުނެލީމެވެ. “އޯހް އައި ސީ… އެހެންވީމަ ޝާމް އެކަމެއް ނުކުރާނަމޭތަ ތިބުނަނީ” އަނެއްކާވެސް ފުއާދު އަހާލިއެވެ. އަހަރެން ފުއާދު މޫނަށް ބަލާލީމެވެ. އެމޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެވެ. އަހަރެންނަށް އަތްމުއްކަވާލެވުނީ ވަރަށް ބާރަށެވެ. “އާ.. އާ… އާ… އަހަރެން ނުކުރާނަން” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ.

އަހަރެންގެ ރުޅި ކޮންޓްރޯލް ނެއްޓުމުގެ ކުރިން އަހަރެން ބޭނުންވީ އަވަހަށް އެތަނުންދާށެވެ. ފުއާދުގެ ކުރިމަތިން ދާށެވެ. ނޫނީ އެމީހާގެ ބަދަލުގައި އަހަރެންނަށް މަރާލެވޭނީ ފުއާދު ކަންނޭގެއެވެ. އަހަރެން އެކަންތަށް ނުކުރާނަމޭ ބުނުމުން ފުއާދު މަލާމާތް ކުރާގޮތަށް ހީގަތެވެ. އަދި ކުރިން ގެންގުޅު ފައިލް ހިފައިގެން ބޮޑާގޮތަކަށް ގޮޑީގައި ދެމިލިއެވެ. ” އަހަރެން ކުރިންވެސް ބުނީމެން ނުން މިހާހިސާބަކަށް އަންނާކަށް އެހާ ފަސޭހައެއް ނުވާނެއޭ… އަދި އަނބުރާ ދާކަންވެސް… އަންނާނީ އެމީހެއްގެ އިހްތިޔާރުގަ… ނަމަވެސް ދާންޖެހޭނީ އަހަރެންގެ އިހްތިޔާރުގަ” ފުއާދު ވާހަކަ ދެއްކިއެވެ. ” ހޫމް ކުރިން ބުނި ކަންތަކުގެ އިތުރަށް އަދިވެސް ވަރަށް އިންޓްރެސްޓިން ކަމެއްވެސް އިބައޮތޭދޯ” އެހެންބުނުމާއި އެކު އަހަރެންނަށް ފުއާދު އާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު ފުއާދު ފައިލްތެރެއިން ނެގީ ފޮޓޮއެކެވެ. “ލޯބި ބިޓެއް އިގޭ ޝާމްގެ ކޮއްކޮއަކީ” ފުއާދު އަހަރެންނާއި ދިމާލަށް ބަލާލަމުން އެފޮޓޯ ދައްކާލިއެވެ. އަހަރެންނަށް ހުރެވުނުތަންވެސް ނޭގުނެވެ. ރުޅި ކޮންޓްރޯލްއިން ނެއްޓީ ވަގުތުންނެވެ.

އަހަރެން ފުއާދު އާއި ދިމާލަށް ފުއްމައިގަތީމެވެ. ނަމަވެސް ފުއާދުގެ ގައިގައި އަތްޖެހުމުގެ ކުރިން އެތަނުގައި ތިބި ދެތިން މީހަކު އަހަރެން ހިފެހެއްޓިއެވެ. އަދި އަހަރެންގެ މޫނުމަތީގައި ވަރުގަދަ ބޮޑިއެއް އަހަރެން އަތުގައި ހިފެހެއްޓި މީހަކު ޖަހައިފިއެވެ. “ކަމޯން ޝާމް ޔޫ ނޯ ޔޫ ކާންޓް ޓަޗްމީ”ފުއާދު ބޮޑާ ގޮތަކަށް އަހަރެންގެ ކުރިމަތީގައި ހުއްޓެލިއެވެ. “އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން. އަހަރެންގެ އާއިލާއާއި ދިމާކުރުން އެއީ ކަލެއަށް ކުރެވުނު އެންމެ މޮޔަ ކަންތަށް. އެކަން ހަނދާން ކުރާތި” އަހަރެން އައި ރުޅީގައި ކިޔޭ ނުކިޔޭ އެއްޗެއް ނޭގުނެވެ. އަހަރެންނަށް އެވަގުތު ފުއާދުގެ ގައިގައި އަތްޖެހުނުނަމަ އޭނަ ކުދިކުދި ކޮށް ނޮޅާލީމުހެވެ. “ހެހެހެ… އަހަރެން ކުރަން ބޭނުންކަމެއް ކުރަން ބޭނުންގޮތަކަށް އަހަރެން ކުރާނަން. ޝާމް ތީ މިހާރު އަހަރެންގެ އަމުރަށް ބޯލަބަންޖެހޭ މީހެއް. އެހެންވީމަ އަހަރެން ބުނާ ކަމެއް ކުރަންޖެހޭނެ… ނޫނީ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ” ފުއާދު އޭނަގެ ހަރުކަށިކަމާއި އެކު ވާހަކަ ދެއްކިއެވެ. އަހަރެން އިސްޖެހީމެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. މިނުބައި މީހުންތެރޭގައި އަހަރެންގެ ބަލިކަށިކަން ހިތަށް އެރުމުން މީހާގެ ގައިން ބާރު ހުސްވިއެވެ. ” އަހަރެން ބުނާ ކަންތަށް ނުކުރާ މީހުން މިތަނުން ނިކުމެގެންދަނީ ހިގާފައެއް ނޫން. އެމީހަކު ނެރެންޖެހެނީ މިތާ މިތިބި މީހުންގެ އަތްދަނޑި މަތީގައި… އެމީހެއްގެ އަދަބަކީ މަރު… އަހަރެންގެ އަތުން… އަދި އޭގެ ފަހުން އެމީހެއްގެ އާއިލާވެސް” “އަހަރެންގެ އާއިލާއެއް އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެ… އެމީހުން އެކަނި ދޫކޮއްލާ” އަހަރެން ކަރުނައިން ފުރިފައިވާ ލޮލަކުން ފުއާދުއާއި ދިމާލަށް ބަލާލީމެވެ. “އެއީ ޝާމްއަށް ކުރެވޭނެ ކަމެއް… އަހަރެން ނޫޅެއް ޝާމްގެ އާއިލާއާއި ދިމާކުރާކަން.. އެކަމަކު ޝާމް އަހަރެން ބުނާކަމެއް ނުކޮއްފިނަމަ އެމީހުންވެސް ޖެހޭނީ” އެހާ ހިސާބަށް ފުއާދު ބުނެފައި ހުއްޓާލިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލީ ވިސްނިއްޖެހޭ ބުނާކަހަލަ ގޮތަކަށެވެ. އަހަރެން ވަގުތުން އިސްޖަހާލީމެވެ. އެވަގުތު އަހަރެންގެ އަތުގައި ހިފަހައްޓައިގެން ތިބި މީހުން އަހަރެން ދޫކޮއްލުމަށްފަހު ދުރައްޖެހިލިއެވެ.

އަހަރެންނަށް ހަދާނެ ގޮތެއް ނޭގުނެވެ. ނަމަވެސް ކުށެއް ނެތް މީހަކު އަހަރެން މަރާލާނީ ކިހިނެއްހެއްޔެވެ. އެމީހާއަށްވުރެއް އެތަނުގައި ތިބި މީހުން މެރުން އަހަރެންނަށް މާރަނގަޅެވެ. އަހަރެން ދެއަތުން ބޮލުގައި ހިފަހައްޓާލީމެވެ. ދެތިން މިނެޓް އެހެން އިނުމަށްފަހު އަހަރެން ތެދުވީމެވެ. އަދި ފުއާދު އާއި ދިމާލަށް ބަލާލީމެވެ. “ކޮބާ ރީޒަންއަކީ އޭނަ މަރާލަން ބޭނުންވާ” އަހަރެން ފުއާދު ކައިރީގައި މަޑުމައިތިރި ކަމާއި އެކު އަހާލީމެވެ. ފުއާދު މޫނުމަތީގައި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެވެ. “އޭނައަކީ ކުރިން އަހަރުމެންނަށް މަސައްކަތް ކޮށްދިން މީހެއް. އެއާޕޯޓްގައި… އަހަރުމެންގެ ސްޓަފް އޭނަ ތުރޫކޮށް ރާއްޖެ ފޮނުވަނީ… ކުރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި… ދެންނޭނގޭ ކޮން ބައްޔެއް ޖެހިގެންކަމެއް… އޭނަ އަހަރުމެންނަށް ޗީޓް ކުރަންފެށީ… އޭނަގެ އެހީގައި އެއާޕޯޓްގެ ސިފައިން އަހަރުމެންގެ އެއްޗެއްހި އަތުލައިގަންނަން ފެށީ” ފުއާދު ކިޔައިދިނެވެ. އަހަރެންނަށް އޭގެއިން އޭނަގެ މައްސަލައެއް ނުފެނުނެވެ. “ދެން މައްސަލައަކީ” އަހަރެންނަށް އަހާލެވުނެވެ. އެވަގުތު ފުއާދު ޝައްކުގެ ނަޒަރަކުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އޭނައާއި ހެދި އަހަރުމެންނަށް އެތަށް ޑޮލަރެއްގެ ގެއްލުންވީ… އޭނައާއި ހެދި އަހަރުމެންގެ ތެރެއިން އެތަށް ބައެއް ބަސްޓްވީ… އަދިވެސް އޭނަގެ މައްސަލައެއް ނުފެނޭތަ” ފުއާދުގެ އަޑު ގުގުމައިގެން ދިޔައައެވެ. އަހަރެންނަށް ކުރެވުނީ ރަނގަޅު ސުވާލެއް ނޫންކަށް އަހަރެންނަށް އެނގުނީ އެވަގުތުއެވެ.

“އޭނަ ފެމިލީއެއް އުޅޭތަ” އަހަރެން އަހާލީމެވެ. އެވަގުތު ފުއާދު އަނެއްކާވެސް އަހަރެންނާއި ދިމާލަށް ކުރިން ބަލާލި ގޮތަށް ބަލާލިއެވެ. “އަހަރެން ކަމެއް ކުރުމުގެ ކުރިން އެއީ ކޮންކަހަލަ ކަމެއްތޯ ވަރަށް ރަނގަޅަށް ބަލަން… އެހެން ނޫނަސް މިކަމަކީ މިކަމުގެ ގޮތުން އަހަރެންނަށް މިހުރިހާ ސުވާލެއްގެ ޖަވާބު ލިބުން މުހިއްމު ކަމެއް.. އަހަރެން ލައްވާ އެމީހާ މަރަން ބޭނުންވާ ކަމަށްވަންޏާމު އަހަރެންގެ ކުރާ ސުވާލަށް ޖަވާބު ދީ” އަހަރެން އަމުރުވެރި ރާގެއްގައި ބުނެލީމެވެ. “އާ އޭނަގެ އަތްބެއް އަދި ކުޑަ އަންހެއް ކުއްޖެއް ހުރޭ” ފުއާދު އެބަލަން ހުރި ގޮތަށް ހުރެ އަހަރެންނަށް ޖަވާބު ދިނެވެ. އަދި އެތަނުގައި ހުރި މީހަކަށް ފުއާދު ބަލާލިއެވެ. އެވަގުތު އެމީހާ ކުރިން ވަން ކޮޓަރިއަށް ވަދެ ބައިވަރު ތޫނު ހަތިޔާރު ތަކެއް ހިފައިގެން އައިސް ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ. އޭގެން ކޮންމެ އެއްޗެއް ފެނުމުންވެސް އަހަރެންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވެއެވެ. ފުރަތަމަ ބޭއްވީ ކަނޑިއެކެވެ. ދެން ކަތިވަޅިއެކެވެ. ބޮޑު މަސް ކަނޑާ ކަހަލަ ވަޅިއެކެވެ. އޭގެ ފަހުގައި ކުޑަ ވަޅިއެވެ. ދެން ފިސްތޯލައެކެވެ. “މީގެން ކޮންމެ އެއްޗެއް ބޭނުން ކުރިޔަސް އެންމެ ރަނގަޅު” ފުއާދު އަތުން އެއެއްޗެހި ދައްކާލަމުން ބުނެލިއެވެ. އަހަރެން ފުއާދު އާއި ދިމާލަށް ބަލީމެވެ. “އަހަރެންނަށް ކުޑަ ވަގުތުކޮޅެއް ލިބިދާނެތަ” އަހަރެން ވަރަށް މަޑުން ބުނެލީމެވެ. “އެންމެ ރަނގަޅު” ފުއާދު ބޯ ޖަހާލިއެވެ.

އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. އަދި މަޑުމަޑުން ހިގާފައި ގޮސް އެތަނުގައި ހުރި ކޮޓަރިއަކަށް ވަދެއްޖައީމެވެ. ކޮޓަރިއަށް ވަދުން ގޮތަށް ދޮރުލައްޕާ ތަޅުލީމެވެ. އަދި އަވަސް އަވަހަށް ކޮޓަރީގައި އެއްވެސް ކަހަލަ ކެމެރާއެއް ނޫނީ އަޑު ބޭރަށް އިވޭހަކަ އެއްވެސް އެއްޗެއް ހުރިތޯ ބަލާލީމެވެ. އަދި ފޯނު ނަގާ ފާރިޝްއަށް ގުޅާލީމެވެ. ނަސީބަކުން ފާރިޝް ރާއްޖެއިން ބޭރަށް އަންނަ ކޮންމެ ފަހަރެއްގައި ގެންގުޅެނީ އެންމެ ނަމްބަރެކެވެ. ފޯނު ރިންގު އަޑު އިވޭ ކޮންމެ ފަހަރެއްގައި އަހަރެންގެ ހިތުގެ ތެޅުން ބާރު ވެއެވެ. ހަތަރުފަހަރު ރިންގު ވިތަނާ ފޯނު ނަގައިފިއެވެ. “ކަލެއަށް އެއްފަހަރު ފޯނު ރިންގުވީމަ ނަގާކަށް ނޭގޭތަ. ކަލޭ ފޯނު ގެންގުޅެނީ މީހުންގުޅީމަ ނަގާކަން ނޫންތަ. މީހަކަށް ކިތައްމެ ވަރެއްވިޔަސް ކަލޭމެންނަށް ކީއްދޯ.. ކަލޭގެ އުފާވެރި ދިރިއުޅުން އެބަ އުޅެވޭ ވިއްޔަ” އަހަރެން އެއްނޭވާ މަތިން ހުރިހާ އެއްޗެއް ގޮވާލީމެވެ. އެކޮޅުން ވާހަކަ ދައްކަން އެއްވެސް ޗާންސްއެއް ނުދެމެވެ. “އޭ ހަމަޖެހިބަލަ ކިހިނެއްވީތަ” ފާރިޝްގެ އަޑުގައިވަނީ ހައިރާންކަމެވެ. “ކިހިނެއްވީހޭ… ކީއްނުވަނީ.. ކިހިނެއްތަ މިވަރު ވީމަ އަހަރެން ހަމަޖެހޭނީ… އަހަރެން ކިހިނެއްތަ އޭނަ މަރާލާނީ.. އަހަރެންނަށް މިކަމެއް ނުކުރެވޭނެއޭ ބުނީމަވެސް ފާރިޝްމެންނަށް އަހަރެންގެ ބަސް ގަބޫލެއް ނުކުރެވުނު… ކުރިންވެސް އަހަރެންނަށް އެނގޭ އަހަރެންނަށް މިކަހަލަ ކަމެއްވާނެކަން…” އަހަރެން އަނެއްކާވެސް ހަޅޭލަވައިގަތީމެވެ. އަހަރެންގެ އެތެރޭގައި ހުރި ރުޅި ހީވަނީ އަހަރެން ފަޅާލާފައި ނިކުންނަން އުޅޭހެންނެވެ. މުޅި ކޮޓަރީގައި ހިގަމުން އަހަރެން ވާހަކަ ދެއްކީމެވެ.

“އޭ ޝާމް ކީކޭތަ ތި ކިޔަނީ… ކޮންތާކު ތިހުރީ… ކާކު މަރާ ވާހަކައެއް ތި ދައްކަނީ” ފާރިޝް ކުރީ ސުވާލު ތަކެކެވެ. އަހަރެންގެ ކައިރިއަށް އައިސްފައިވާ ރުޅި މަޑުވާގޮތެއް ނުވެއެވެ. “ހަދާންނެތުނީތަ… ކަލޭމެން ބުނެގެން އަހަރެން މަސައްކަތެއް ކުރާ ހަނދާން… ބަލަ އަދި މިއުޅެނީ އެންމެ ފަހުން ދިމާވިތާ ސައުވީސް ގަޑިއިރުވެސް ނުވަގެން”އަހަރެންނަށް ތަންކޮޅެއް ބާރަށް  ބުނެވުނެވެ. “އޯކޭ. ކޮންމެ ތަނެއްގަ ހުއްޓަސް ރުޅި މައިތިރި ކޮށްބަލަ… ހަމަޖެހިބަލަ… ތަންކޮޅެއް މަޑުން ވާހަކަ ދައްކަބަލަ… ކިހިނެއްވީތަ… ވީގޮތް ކިޔައިދީބަލަ” ފާރިޝްއަށް އަހަރެންގެ ހާލު ދެނެގަނެވުނުކަހަލައެވެ. އަހަރެން ދެތިންފަހަރު ފުންކޮށް ނޭވައެއް ލީމެވެ. މީހާ ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަމުން އަހަރެން ވާހަކަ ދެއްކީމެވެ. “އަހަރެން މިހުރީ ބޮސްމެންގެއަށް އައިސް” “ވަޓް. ތިތަނުގަ ހުރެ އަހަރެންނަށް ގުޅައިގެން ތި އުޅެނީ” ފާރިޝް ކަންބޮޑުވީ މީހަކަށް އެގިދާނެތީއެވެ. “ދެން އަހަރެން ގުޅާނެ މީހެއް ބުނެބަލަ… އަހަރެން ނުލާހިކު އެކަނި ވެއްޖެ… އޭނަ ބޭނުންވަނީ އަހަރެން ލައްވާ މީހަކު މަރަން” އަހަރެންގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލުނެވެ. “ޝާމް އެކަމަކު” “އަހަރެންނަށް އެގޭ.. އެކަމަކު އަހަރެން އެމީހަކު ނުމަރައިފިނަމަ އޭނަ އަހަރެން މަރާލާފަ އަހަރެންގެ ފެމެލީއާއި ދިމާކުރާނެ… ފާރިޝް އަހަރެން މިކަން ކުރަންޖެހޭނެ.. އޭނައަށް އަހަރެންގެ ކޮއްކޮ އެނގޭ… ވަރަށް ބައިވަރު އެއްޗެހި އެނގޭ” އަހަރެންނަށް ހަމަރަނގަޅަށްވެސް ރޮވުނެވެ. އަހަރެންނަކީ ކިހާ ފިޑިމީހެއްކަން އަހަރެންނަށް އެވަގުތު އެގިގެންދިޔައެވެ. “އެމީހަކީ މީހަކާ އިދެގެން އުޅޭ ދަރިއެއް ހުރި މީހެއް.. އަހަރެންނަށް އިހްސާސް ކުރެވޭ އާއިލާ މީހުންނާއި ދުރުގަ އުޅެންވީމަ ވާނެގޮތް… އަހަރެން ކިހިނެއް އެމީހާ މަރާނީ” އަހަރެން ބޭނުންވީ ފާރިޝްގެ ފަރާތުން ލަފައެކެވެ. “ދެން ކިހިނެއް ހަދާނީ” ފާރިޝްވެސް ކޮއްލީ ސުވާލެކެވެ. އަހަރެން މަޑުމަޑުން ނޭވާއެއްލީމެވެ. “އަހަރެން ޖެހެނީ އެމީހާ މަރަށް… އަހަރެންގެ އާއިލާ ސަލާމަތް ކުރަން… ތެންކްސް ފާރިޝް.. ޔޫ އާ ސޯ ގްރޭޓް” އަހަރެންގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަހަރެންގެ ނަފްސަށް ކުއްލިއަކަށް ބާރެއް އައި ކަހަލައެވެ. ފާރިޝްއަށް އެއްޗެއް އެއްޗެއް ނުބުނެވެނީސް އަހަރެން ފޯނު ކަނޑާލީމެވެ. އަދި އަވަހަށް ދޮރު ހުޅުވާފައި ބޭރަށް ނިކުތީމެވެ.

އަހަރެން ފެނުމާއި އެކު އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ ސުވާލު މާކްތަކެކެވެ. ސަބަބަކީ އަހަރެންގެ ހަމަޖެހިފައިވާ މޫނު އެމީހުންނަށް ފެނުމެވެ. އަހަރެން މަޑުޖެހުމެއްނެތި ފުއާދުގެ ކުރިމައްޗަށް ހުއްޓުނީމެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Luvna

    Aahaa im first. story kiyaafa cmnt kohlaanan

    1. Fantasy
      Luvna

      so true dear 🙂

    2. Luvna
      Luvna

      Alheyy. So saaaad. Innocent eh ge life nagaalan e jehuny dww, E fuadh haadha goahey. Huh. Curious to know what’s next. And thanks fanatsy ehaa avahah upload kohdhinyma. I just lurrrvv ur stories. This part vs hama habeyyss

    3. Fantasy
      Luvna

      thnks luvna… v happy vejje ehaa avahah kiyaalafa adhi ehaa lobi comment eh kohleema 🙂
      keekurany dhoo.. sharm ah ithuru gotheh nethy dhoo luvna…

  2. Fantasy

    mibaives kamudhaane kamah heekuran.. hurihaa kudinge comment thakah maruhabaa 🙂

  3. lyn

    vaahaka vrah reethi. aneh bayah inthixaaru kuran. fantasy thee firihen kujjeh dhow age kihaavare tha?

    1. Fantasy
      lyn

      thnks lyn v bodah 🙂 heheh fantasy mee girl ekey dear 🙂

  4. Sanu

    Vaahaka kuriah dhaagoeh varah kamudhey. Aneh part thankolheh dhigukoh maadhamaa up kohdhehchey…

    1. Fantasy
      Sanu

      thnks sanu 🙂 dhigu koh genes dheyveytho balaanan igey 🙂

  5. Aisha

    Haadha vahtharey hindhi film wanted ge story aa mi story dhaa goi… Bt varah interesting Hama mi story vx… Best of luck fantasy???

    1. Fantasy
      Aisha

      thnks aishaa .. 🙂 ekam mi story thafaathu vaane igey 🙂

  6. princess sajix

    Story is v unique n awesome..waiting for the next part..

    1. Fantasy
      princess sajix

      thnks princess sajix 🙂

  7. nukko

    hey fantasy…..Wowwwww varaaah rythi…. mi part vs hama habeys…. luvin it 😀 🙂

  8. Faxoo

    mibai vx varah reeeeeethi ekam mi oh vy kameh dhw.. 🙁 innocent life eh hama maraalan tha e ulheny?? 😮
    anyways varah varah reethi 😀

Comments are closed.