ފޮހެވޭނޭ ބާއޭ… 10
ގެއަށް އާދެވުމާއެކު ދީމް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ދޮރުތަޅުލަމުން އޭނަ ގޮސް ވެއްޓިގަތީ އެނދަށެވެ. މަންމަ ތަޅުގައި ހިފިކަން އެނގުނެވެ. ޓަކިދިން އަޑު ވެސް އިވުނެވެ. ނަމަވެސް ދީމްގެ ހަށިގަނޑަކު މަންމައަށް އިޖާބަދޭނެ ވަރުގެ ހަކަތައެއް ނެތެވެ. އަޑުބޭރުވެދާނެތީ ބަނާތު ގެނެސް މޫނުގައި ޖައްސާ ބާރުކޮށްލިއެވެ. ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް ބަނާތުގެ ތެރެއަށް ނިމިގެން ދިޔައެވެ.
”ދަރިފުޅާ ދޮރުހުޅުވަބަލަ…” ޖުވޭރިޔާ ކަންބޮޑުވެފައި ހުރެ ދީމްއަށް ގޮވާލިއެވެ. ދީމްގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނަ އަވަސް ވެގަތީ ޑުޕްލިކޭޓް ތަޅުދަނޑިން ދޮރުހުޅުވުމަށެވެ. ދީމްއަށް ކޮންމެވެސް ކަމެއް ވެއްޖެކަމަށް އޭނަގެ ހިތް ބުނަން ފެށިއެވެ. ގެއަށް އައި މަގުމަތީގައި ވެސް ދީމް އިނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. އެއީ ދުވަހަކު ވެސް ދީމްގެ ފަރާތުން އޭނައަށް ފެނިފައިވާ ސިފައެއް ނޫނެވެ. އޭނަ ވާހަކަ ދެއްކުމުން ރައްދުގައި ވެސް އެއްޗެއް ނުބުންޏެވެ. ހާސްވަނީ ދީމް މޮޔަކަމެއް ކޮށްފާނެތީއެވެ. ޔޫޝައު ދިން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުން ދީމްއަށް އަސަރު ކުރީ ހެއްޔެވެ؟ ދީމްއަށް އެވަނީ ނަފްސާނީ ޑޮކްޓަރެއްގެ އެހީ ބޭނުންވެފައި ހެއްޔެވެ؟
މަޑު ތުރުތުރުލުމެއް އެކުލެވިގެންވި އަތަކުން ތަޅުދަނޑި ވަޅަށް ތަޅުދަނޑިކޮށްޕާލުމަށްފަހު ޖުވޭރިޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހިތާހިތުން ދުޢާ ކުރެވުނީ ހިތްހަލާކުވެގެން ދާނެ ފަދަ މަންޒަރެއް ނުދެއްކެވުމަށް އެދިއެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ކަނު އަނދިރިކަމަށް ނިމުމެއް ގެންނަމުން ޖުވޭރިޔާ ގޮސް އެނދާއި އަރާހަމަކޮށްލިއެވެ. އޭނައަށް ހަމަޖެހުމެއް ލިބިގެން ދިޔައީ ފުން ނިންޖެއްގައި އޮތް ދީމް ފެނިފައެވެ.
”މަންމައަށް އިނގޭ ދަރިފުޅަށް ތިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައިކަން، ކީއްވެގެންތަ މަންމައަށް ކުރިން ނޭންގީ؟ މަންމަ އެހާ ބޮޑަށް ވެސް ދުރުކޮށްލީތަ؟…” ޖުވޭރިޔާގެ ދެލޯ ފެންކަޅި ވިއެވެ. ދީމް އުފުލި ވޭންތައް ތަސައްވަރު ކުރެވުމުން ރުޅިއާއެއްވަރަށް އޭނަ ދެރަވެއެވެ. އޭނަ ޔޫޝައުއާ ދީމް ހަވާލުކުރީ ހާދަ ވަރަކަށް އިތުބާރުކޮށްފައެވެ.
ދީމް ނިދާކަމަށް ހެދިގެން އޮތްކަމުގައި ވިޔަސް މަންމަ ދެއްކި ވާހަކަތައް އޭނައަށް އަޑުއިވުނެވެ. އޭނަގެ ހިތަށް އިތުރަށް އަސަރުކުރީ މަންމަ ރޯކަން އެނގުމުންނެވެ. ޖުވޭރިޔާ ދަރިފުޅުގެ ނިތަށް ބޮސްދެމުން ކޮޓަރިން ނިކުންނަށް ހިނގައިގަތެވެ. ދީމް ދެލޯ ހުޅުވާލީ މަންމަ ދިޔަކަން ޔަޤީންވީމައެވެ.
”ސޮރީ މަންމާ، އަހަރެންގެ ސަބަބުން މިއަދު މަންމަ އެގެއަށް ދާން ޖެހުނީ ވެސް، އެބަލްޤީޝް ގަނޑާ ކުރިމަތިލާން ޖެހުނީ ވެސް…. މަންމައަށް ނޭގޭނެ އަހަރެން އެމީހުންނާއެކު ދެ އަހަރު ދުވަސް ހޭދަކުރީ ކިހިނެއް ކަމެއް، ހަމައެކަނި ޔޫޝްއަށް ޓަކާ އަހަރެން އެގޭގައި މަޑުކުރީ، އެކަމަކު މިއަދު އަހަންނަށް ޖެހުނީ ލޯބިވާ ފަރާތާ ވެސް ވަކިވާން، އެސަބަބު އެނގިއްޖެއްޔާ މަންމަ އިތުރަށް ހިތާމަ ކުރާނެ…. އަހަރެން ބޭނުމެއް ނޫން މަންމައަށް އިތުރު ހިތްދަތިކަން ދޭން…. ޔޫ އާރ އޯލްރެޑީ އިން ޑީޕް ޕެއިން…. އެކަމަކު ކީއްވެގެންތަ މަންމަ އަދިވެސް އެއިޒްކާން އާ ގުޅުން ބާއްވަނީ؟ އޭނަގެ ސަބަބުން ދިމާވި ކަންތައް ހަނދާން ނައްތާލީ؟………….” ދީމްއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އޭނައަށް ގިސްލެވުނީ އެވެ. މާޒީ މަތިން ހަނދާން ވިޔަސް އޭނަގެ ލޭ ކެކިގަނެ އެވެ. އިޒްކާން ދެކެ އަންނަ ރުޅިގަނޑު އިތުރަށް ގަދަވެގެން ދެއެވެ. އެނުލަފާ މީހާއަށް އޭނަ ދުވަހަކު މާފެއް ނުކުރާނެއެވެ.
****
ފަހަރަކު މީހަކު ބޮޑު ކޮޓަރި ދޫކޮށް ދާން ފެއްޓިއެވެ. އިޒްކާން ރުޅިއައިސްފައި ހުރެ މަންމައަށް ބަލާލިއެވެ. މިއަދު މިވީ ކަންތަކުގެ އިލްޒާމު މަންމަގެ ބޮލުގައި އެޅުވި ކަހަލައެވެ. މަންމަ ބޭނުންވިނަމަ ޔޫޝައުގެ ނިންމުން ބަދަލުކުރުވަން ބާރު އެޅުނީހެވެ. ދަރިންގެ އުފާތަކާ މެދު މަންމަ ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ ވެސް ހަމަ އެފަދައެވެ. މަޖުބޫރުން އޭނައައީ ޔަޝްމްގެ ނަމެއް ނެތް ގުޅުން ވުޖޫދަށް ގެނައި އިރުވެސް އޭނައަށް އުފާވެރިކަމެއް ނުލިބޭނެކަން ނޭގެނީ ބާވައެވެ!
އިޒްކާންގެ ބަލައިލުމުން ބަލްޤީޝްއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ލޮލުގައި ކަރުނަތައް ވިދާލިއެވެ.
”އިޒްކާން…” އިޒްކާން ބޭރަށް ދާން އުޅުމުން ބަލްޤީޝް ގޮވާލިއެވެ. އިޒްކާންއަށް އެއަޑު ނީވުނެވެ. އޭނަ ބާރުބާރަށް ގޮސް ކާރަށް އަރައި ކާރު ދުއްވާލިއެވެ. ކާރު ގޮސް ގޭޓުން ނިކުމެގެން ދަންދެން ބަލަން ބަލްޤީޝްއަށް ހުރެވުނެވެ. މަންޒަރު އޭރުވަނީ ހިސާބަކަށް ފުސްވެފައެވެ. ރަސަލް އައިސް ބަލްޤީޝްގެ ކޮނޑުގައި އަތްބާއްވާލުމުން ރަސަލްގެ ގައިގައި ބަލްޤީޝްއަށް ބައްދާލެވުނެވެ. އޭނަ ނުރޯން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އިޒްކާންގެ ބަލައިލުމުގައި ވި ނަފްރަތުގެ ދިލަހޫނުން އޭނަގެ އެތެރެހަށި ފިއްސާލައިފިއެވެ.
”ރަސަލް…. އިޒްކާން….” ބަލްޤީޝްއަށް ބުނެވުނީ އެހާވަރަށެވެ. އޭނަގެ އަރު ބެދިއްޖެއެވެ.
ކުޑައިރުއްސުރެ އިޒްކާންގެ މައްޗަށް ބަލްޤީޝްގެ ހިތުން ދެވިފައިވަނީ ޚާއްސަ މަޤާމެކެވެ. ދެދަރިންގެ ދެމެދުގައި ހަމަހަމަކަން ގެންގުޅެން އުޅުނުކަމުގައި ވިޔަސް އިޒްކާންއަށް މާ ބޮޑަށް އަހައްމިއްޔަތުކަމެއް ދެވެއެވެ. މިހާރު ވެސް ޔޫޝައުގެ އުފާތަކަށް ވުރެ ބޮޑަށް އޭނައަށް މުހިންމުވީ އިޒްކާން އާއި ޔަޝްމްގެ ގުޅުން ރައްކާތެރިކުރުމެވެ. ދީމް އޭނަގެ އުއްމީދުތައް އަނދާއަޅިއަށް ހަދާލާނެ ކަމުގެ ބިރު ހިތުގައި އޮތްނަތާ ފުދޭވަރަކަށް ގިނަ ދުވަސް ވެއްޖެއެވެ. އެނުރައްކަރުން ސަލާމަތްވާން އޭނަ ޖެހި މަޅިފަތި މެހިގެން ދިޔައީ އޭނަގެ ކަރަށެވެ. ދީމް އެގެއިން ނިކުމެގެން ދިޔައީ އޭނައާއި އިޒްކާންގެ ގުޅުމަށް އިތުރު ހަނަފަސްކަމެއް ގެނުވާފަ އެވެ. އުއްމީދުގެ ފަހުގެ ވާފަށް ވެސް ބުރިވެގެން ދިޔަ ފަދަ ނުބައި ހީތަށް ކުރެވުނެވެ. މިހެން ކަންތައް ދިމާވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ކުރެވުނީ ކޮން ނުބައިކަމެއް ހެއްޔެވެ؟
ޔަޝްމް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނައަށް އާދެވިގެން މިއުޅެނީ ކޮންތަނަކަށް ބާވައެވެ؟ ރަށުގައި ތިބިއިރު އިޒްކާން އާއި ބަލްޤީޝްގެ ގުޅުން ވަރަށް ރަގަޅުކަމަށް ހީކުރެވުނެވެ. ނަމަވެސް މާލެ އާދެވުމާއެކު މަންޒަރު ބަދަލު ވެގެން ހިނގައްޖެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މާޒީގައި ބޮޑުކަންތައް ގަނޑެއް ހިނގާފައިވާކަން ގައިމެވެ. އޭނައަށް އިވުނު އަޑުތަކާއި ފެނުނު މަންޒަރުތަކުން އެ ވިސްނުމަށް ބަރުދަން ގެނެސްދެއެވެ. އެހާ ބޮޑުކަމެއް ހިނގާފައި ވާނަމަ މަންމައަށް އިނގޭނެއެވެ. ބަލްޤީޝްއަކީ މަންމަގެ ގާތް އެކުވެރިޔާއެވެ. ޔަޝްމް ގަސްދުކުރީ މަންމައާ ސުވާލުކުރާށެވެ.
”ނޫން މިހާރު ސުވާލުކުރުން އެއީ އެންމެ ރަގަޅު ވަގުތަށް ނުވެ ހިނގައިދާނެ، ދުވަސް ކޮޅެއް ފަހުން އަހާނީ، މިވަގުތަށް ފެނުނު މަންޒަރު ނުފެންނަ ކަމަށް ހަދާނީ…” ޔަޝްމް ރާވާލިއެވެ. އޭނައަށް ދެން ހަމަޖެހުމެއް ލިބޭނީ ވެސް ހަޤީޤަތް އޮޅުން ފިލުވާފައެވެ.
ސިޑިއާއި ދިމާއަށް ހިނގައިގަތް ޔަޝްމްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ބަލްޤީޝް ގޮވާލުމުންނެވެ. ޔަޝްމް މޫނު ރީތިކޮށްލަމުން ފަސްއެނބުރުނެވެ. އޭރު ބަލްޤީޝް އައިސް ޔަޝްމްއާ އަރާހަމަވަނީއެވެ. ޔަޝްމްގެ ނިއްކުރީގައި ދުޅަވެފައި ވާތަން ފެނި ބަލްޤީޝް މާހުތާބްއަށް ބާރަށް ގޮވާލިއެވެ.
މާހުތާބް އަތްމަތި ކުރަން ހުރި މަސައްކަތް ހުއްޓާލަމުން އައެވެ. ބަލްޤީޝްގެ މޫޑު މިއަދު ހުންނާނީ ގޯސްވެފައިކަން އޭނައަށް އިނގެއެވެ.
”އައިސްޕެކް ހިފައިގެން އާދޭ…” ބަލްޤީސް އަމުރުކޮށްލިއެވެ. މާހުތާބް ބޯޖަހާލަމުން ހިނގައިގެންފިއެވެ.
ބަލްޤީޝްގެ ހަރުކަށި ސިފަ ޔަޝްމްއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. އޭނަ ކުޑަކޮށް ބިރުވެސް ގަތެވެ. މަންމަވެސް މިހާ ހަރުކަށްޓެއް ނޫނެވެ.
”ކާކޮޓަރިން ނިކުންނަނިކޮށް ދޮރުކަނީގަ ޖެހުނީ…” ބަލްޤީޝް ބަލާލުމުން ޔަޝްމް ވާހަކައެއް ހަދާލިއެވެ. ޔަޝްމްގެ ވާހަކަތަކަށް ބަލްޤީޝްއަށް އިތުބާރު ކުރެވުނެވެ. އޭނަ ކަންބޮޑުވެފައި ހުރީ ކޮންމެހެން ޔަޝްމްއަށް ލިބިފައި ހުރި ޒަހަމްތަކަށް ނޫނެވެ. ދެންމެ އިވުނު އަޑުތަކާ ހުރެ ޔަޝްމްއަށް އެއްޗެއް ވިސްނިދާނެތީއެވެ. އޭނަ އަވަސް ވެގަތީ ޔަޝްމްގެ ވިސްނުމާ ކުޅެލާށެވެ. ބަލްޤީޝްއަކީ އެކުމުގެ ހުނަރު ކިތަންމެހާ ވެސް މޮޅަށް ލިބިފައިވާ މީހެކެވެ.
ޔަޝްމްގެ ނިއްކުރީގައި ދުޅަވެފައިވާ ހިސާބުގައި އައިސްޕެކް އަޅާލަ ދިނީ ބަލްޤީޝް އެވެ. އޭނަ ޔަޝްމްގެ ވިސްނުމާ ކުޅެލަން ތަފާތު ވާހަކަތައް ދެއްކިއެވެ. ދީމް ކިޔާ އެއްޗިއްސަށް ސަމާލުކަން ނުދިނުމަށާއި ދީމްގެ އަމާޒަކީ ޢައިލާ ތެރޭގައި ފިތުނަފަސާދަ އުފެއްދުން ކަމަށް ވެސް ބުންޏެވެ. ދީމްއަކީ އެހެން މީހުންގެ އުފާތަކާ މެދު ހަސަދަވެރިވާ ކުއްޖެއްކަމަށް ވެސް ކިޔައިދިނެވެ.
”މިއަދު ޔޫޝައު ބަދުނާމުކޮށްފައި ވާހަކަ އެދެއްކީ، މަންމަ ފަދައިން ދަރިއަށް ވެސް ލިބިފައި އެހެރީ ދޭތެރެޖެއްސުމާއި ފިތުނަފަސާދަ އުފެއްދުމުގެ ބައި…” ބަލްޤީޝް ބުންޏެވެ. ޔަޝްމް އިނީ އަޑުއަހާށެވެ. އެއީ ހަޤީޤަތަށް ވެދާނެ ހެއްޔެވެ؟ ނޫނީ ބަލްޤީޝް އެއުޅެނީ އޮޅުވާލަން ހެއްޔެވެ؟ އޭނަ ހުރީ އިތުބާރުކުރަންވީ ކާކަށްކަން ނޭގިފައެވެ.
****
ފަލަކްއަށް ލިބިފައިވާ އުފާވެރިކަން ދުލަކުން ބަޔާންކޮށް ނުދެވޭނެއެވެ. ކޮޓަރި ތެރޭގައި އެނބުރިލާފައި އެނދަށް ވެއްޓިގަތް އިރު ފުޅާ ހިނިތުންވުމެއް ތުންފަތުގައި ވެއެވެ. އުފަލުން ގޮސް މީހާ މޮޔަވެދާނެހެން ހީވެއެވެ. ސީލިންގަށް ނަޒަރު ހުއްޓާލަމުން އަމިއްލަ ނަސީބާ މެދު އޭނަ ފޮނިވެލިއެވެ. އޭނަގެ ހުވަފެންތަކުންގެ ވެރިޔާ އެވަނީ އޭނައަށް މިލަކުވާހާ ކައިރީގައެވެ. ބޭނުންވަނީ މޮޅު ރޭވުމެކެވެ. ޔޫޝައު އޭނަގެ ދަލުގައި ހައްޔަރުކުރާނެއެވެ. ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ހެވެވެ. އޭނަ ޔޫޝައުއަށް ބޭނުންވެފައި ވާވަރު ބަޔާންކުރަން ދަތްޗެވެ. ޔޫޝައު ފެނުނަސް އޭނަގެ ހިތްއަވަސްވެ ދެފައި އޮޅޭ ގޮތް ވެއެވެ. އޭނައަށް ލޯބި ވެވިއްޖެއެވެ. އޭގައިވާ ފޮނި އިހުސާސްތައް މިހާރު އިހުސާސްވާން ފަށައިފިއެވެ.
”އައި ލަވް ޔޫ ޔޫޝް…” ފަލަކްގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވެގަތެވެ. ދެއަތްތިލަ ގެނެސް މޫނު ފޮރުވާލަމުން އޭނަ ދެފަރާތަށް ބޯހޫރާލިއެވެ. އެސްފިތަކުގެ ތެރޭން ސިފަވެގެން ދިޔައީ ޔޫޝައުއާއި އޭނަގެ ކައިވެނީގެ ރޭ އެކަކު އަނެކަކުގެ އަތުތެރޭގައި ހޭދަވެގެންދާނެ ހިތްގައިމު މަންޒަރެވެ. ހަނީމޫން ހަދަން ރާއްޖެއިން ބޭރަށް ގޮސް އުޅޭ ތަނެވެ.
”ޔޫޝް އަހަރެން މޮޔަކޮށްލައިފި، ހާއްސަކޮށް މިއަދު، ދެން އެދީމް ގަނޑު ނުހުންނާނެ އަހަންނަށް އުނދަގޫ ޖައްސަން، ޖަސްޓް ޔޫ އެންޑް މީ ފޯރ އެވާރ….” ފަލަކްއަށް ބުނެވުނެވެ.
****
ރޭގަނޑު ކެއުން ތައްޔާރު ކުރެވިއްޖެކަން އަންގަން ޖުވޭރިޔާ ދީމްގެ ކޮޓަރިއަށް ވަނުމުން މެޔަށް ފިނިވެއްޖެއެވެ. އޭނަ ގޮސް ފާޚަނާގެ ދޮރު ވެސް ހުޅުވާލިއެވެ. ލިބުނު ޚައިރާން ކަމާއެކު އޭނަގެ ހިތުގެ ވިންދު އަވަސްވެ ފިނި ދަލެއް ނިތުގައި ހިއްލާލިއެވެ. ސިކުނޑިއަށް ޕްރެޝަރު ބޮޑުވެގެން ދިޔަ ވަގުތު ނުބައި ޚިޔާލުތަކުން އޭނައަށް އުނދަގޫކުރަން ފެއްޓިއެވެ.
”ދީމް…” ދީމް ނެތްކަން އެނގިހުރެވެސް ޖުވޭރިޔާއަށް ގޮވާލެވުނީ ހާސްވެފައި ހުރިވަރުންނެވެ.
”ސާޝާ…” ޖުވޭރިޔާ ބޭރަށް ނިކުންނަމުން ބާރުބާރަށް ބުންޏެވެ. ތަށިތައް އަތުރަން އުޅުނު ސާޝާ މަސައްކަތް ހުއްޓާލަމުން ޖުވޭރިޔާ ގާތަށް ދިއުމަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. އޭނަ އަށް ނިކުމެވޭއިރަށް އެދިމާއަށް އައި ޖުވޭރިޔާ ފެނިއްޖެއެވެ. ޖުވޭރިޔާގެ މޫނު ފެނި އޭނަ ގަތީ ބިރެވެ. ގޯސްކޮށް ކުރެވުނު ކަމެއް ވޭތޯ އޭނަ ވިސްނާލިއެވެ.
”އޯހް ނޯ… ދީމް…” ސާޝާއަށް ވިސްނިއްޖެއެވެ. ގޭގެ ދެވަނަ ފަންގިފިލާއަށް ދަމުން ދީމް ވަނީ މަންމަ ގާތު އޭނަ ވީ އެތާނގައި ކަމަށް ބުނެދިނުމަށް އެދިފައެވެ. ދީމް އޭނައާ ވާހަކަ ދެއްކި ގޮތުން ވެސް ސާޝާ ހުރީ އަޖައިބު ވެފައެވެ. އެހެންޏާ ދީމް އަކީ ކުރުލަކި ޖަހާ ކުއްޖެކެވެ. ކުއްލިޔަކަށް އެހާ ބޮޑު ބަދަލެއް ދީމް އައުމުން އޭނައަށް ކުޑަ ޝޮކެއް ވެސް ލިބުނެވެ.
”ކޮބާތަ ދީމް؟، ބުނީމެއްނު އޭނައާއެކު ހުންނާށޭ، ދީމް މެންޓަލީ ސްޓޭބަލް ނޫން ވާހަކަ ކިތައް ފަހަރު ބުނާނީ!” ހިތްހަމަނުޖެހުމާއެކު ޖުވޭރިޔާ ސުވާލުކުރިއެވެ.
”މޭމް ވީ ދެވަނަ ފްލޯރގައި…” ޖުވޭރިޔާ އޭނަ ދެކެ ރުޅިއައިސްފައި ހުރިތަން ފެނި ސާޝާގެ އަޑުވެސް ނިކުތީ އުނދަގުލުންނެވެ.
ޖުވޭރިޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. އޭނަ ލިފްޓާ ދިމާއަށް ހިނގައިތް ތަނާ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ކަންފަތުގައި ޖައްސާލަމުން ޖުވޭރިޔާ އޭނަގެ ފިޔަވަޅުތައް ބާރުކޮށްލިއެވެ.
ސާޝާ އޭނަގެ މަސައްކަތަށް އެނބުރި ދިޔައެވެ.
”ދިހައެއް ޖެހުމުގެ ކުރިން އާދެވޭވަރު ވާނެހެނެއް ހިޔެއް ނުވޭ… އަދި އެބައޮތް ދެ މީޓިންގް އެޓެންޑް ކުރަން…. ދީމް ކިހިނެއްތަ؟…” ޖުވޭރިޔާ ލިފްޓްގެ ފިތަށް އޮބާލާއިރަށް ފޯނުން ފިރިމީހާގެ އަޑު އިވިގެން ދިޔައެވެ.
”ދީމް އަދިވެސް ރަގަޅެއް ނޫން… ޔޫސުފް، މަށަށް ފެންނަނީ ދީމް ޑޮކްޓަރަކަށް ދައްކަން، އަހަރެން ވަރަށް ބޮޑަށް ބިރު އެބަގަނޭ ދީމް މޮޔަކަމެއް ކޮށްފާނެތީ، ގެއަށް އައިފަހުން ހުންނަނީ ހިމޭންވެފަ، ވާހަކަދައްކަނީ ވެސް މަދު ފަހަރަކު……” ޖުވޭރިޔާ ދެރަވެފައި ހުރެ ބުންޏެވެ.
”ޖުވޭގެ ހާސްކަމަށް ތިކަމުންވެސް ލުޔެއްލިބޭނެނަމަ އަހަރެން ތިކަންކޮށްދޭނަން….” ޔޫސުފް ބުންޏެވެ. ޔޫސުފް ހުރީ ދަރިފުޅާ ބައްދަލުކުރާހިތުން ކެތްމަދުވެފައެވެ. އޮފީހުގެ މަސައްކަތް ދޫކޮށްލާފައި ދެވޭކަށް ވެސް ނެތެވެ. ޖުވޭރިޔާ އެވާހަކަ ބުނީއްސުރެ އޭނައަށް ހަމަޖެހުމެއް ނުލިބުނެވެ. ޔޫޝައު ދެކެ އިންތިހާއަށް ރުޅި ވެސް އައެވެ. އޭނަ އެހާ ލޯބިން ބަލާ ބޮޑުކުރި ދަރިފުޅުގެ ގަޔަށް އިސްކުރި އަތް ބިންދާލަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އޭނަ ޔޫޝައުގެ ފަރާތުން ބަދަލު ހިފާނެއެވެ.
ޖުވޭރިޔާ ފޯނު ކޯލް ނިންމާލަމުން ފުޅާ ކޮރިޑޯން ހިނގާލާފައި ދިޔައިރު ވެރިވެފައި އޮތް ހިމޭންކަންކަމުގެ ތެރޭން ދީމްގެ އަޑުއިވުނެވެ. އޭނަ ފިޔަވަޅުތައް ބާރުކޮށްލަމުން ގޮސް ކޮޓަރިއެއްގެ ދޮރުހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ހިތަށް ތޫނު ކަށްޓެއް ހަރާލިހެން ވެސް ހީވިއެވެ.
ދޮރުހުޅުވުނު އަޑަށް ސިހިފައި ދީމް ދޮރާދިމާއަށް ބަލާލިއެވެ. މަންމައާއި ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު އޭނަ ކަރުނަތައް ފޮހެލިއެވެ. މަންމަ ކުރިމަތީގައި ރޯކަށް އޭނަ ބޭނުމެއް ނޫނެވެ.
ޖުވޭރިޔާ އައިސް ދަރިފުޅާ އަރާހަމަކޮށްލިއެވެ. ފަނޑުއަލިކަމެއް އެތަނަށް ވެރިވެފައި ވާއިރު ތަނުގެ ހިމޭންކަން ނަގާލަމުން ދިޔައީ އިވެމުން ދިޔަ މެޝިންތަކުގެ އަޑުންނެވެ. ނަރުސްކުއްޖަކު ވެސް އެމީހުންނާއެކު އެތާންގައި އިނެވެ. ޖުވޭރިޔާ ފެނުމުން އޭނަ އަދަބުވެރިކަމުގެ ގޮތުން އޭނަ އިން ސޯފާ ގޮނޑިން ތެދުވެލިއެވެ.
”ދީމް…” ޖުވޭރިޔާ ލޯތްބާއެކު ގޮވާލިއެވެ.
ފުންނިންޖެއްގެ ތެރޭގައި އޮތް އަންހެންކުއްޖާގެ އަތުގައި ފިރުމާލަމުން ދިޔަ ދީމް މަންމައަށް ބަލާލިއެވެ. އޭނަ ވާހަކައެއް ނުދައްކައެވެ. ހަމަ އެއިން ގޮތަށް އިނދެގެ ކޮއްކޮގެ އަތުގައި ފިރުމަމުން ދިޔައެވެ. ދީމްގެ މަގަތުގައި އިށީންނަމުން ޖުވޭރިޔާ ހަށިފުރާ ނޭވާއެއް ލިޔެވެ. އޭނަ ދިޔައީ ކަރުނަތަކާ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ބަލި އެނދުގައި އޮތް ހަގު ދަރިފުޅު ފެނި އޭނަގެ އަމިއްލަ ނަފްސް ކޮންޓްރޯލްކުރަން ދަތިވެއްޖެއެވެ.
”ދަރިފުޅު ތިހެން ކޮއްކޮ ގާތު އިނދެ ރޮންޏާ ކޮއްކޮ ވެސް ދެރަވާނެ، ޑޮކްޓަރު ބުންޏެއްނު ކޯމާގައި އޮތަސް ދައްކާ ވާހަކަތައް އަޑުއިވޭނެޔޭ…” ފުންނިންޖެއްގައި އޮތް ދަރިފުޅަށް ދިން ނަޒަރާއެކު ޖުވޭރިޔާގެ ލޮލުން ކަރުނަ ތިއްކެއް ވެޓުނެވެ. އޭނަ ކެތްތެރިވާން މަސައްކަތްކުރެއެވެ.
މޮޔައެއް ފަދައިން ދަރިފުޅުގެ ހަރަކާތެއް ފެނިދާނެކަމުގެ އުއްމީދާއެކު ނިދިނަގާލެވުނީ ކިތައް ރޭ ވަންދެން ކަމެއް ވެސް ނޭގެއެވެ. ދަރިފުޅު ލޯހުޅުވާލާނެ ދުވަހަކަށް އޭނަ އިންތިޒާރު ކުރާ މިންވަރު ދެނެވޮޑިގެން ވާނީ މާތް ﷲ އެވެ. އޭނަގެ ދުޢާތައް ކޮންމެވެސް އެއްދުވަހަކުން ވިޔަސް އިޖާބަ ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޮބައޮތެވެ. މާތް ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
”އައި މިސް ހާރ…” ދީމްއަށް ބުނެވުނެވެ. ”ދެން ފްލާވާރ ނާންނާނީތަ؟….”
ދީމް ކޮއްކޮގެ އަތަށް ފިތާލިއެވެ. އެއަތްތިލަ ވެސް ހާދަ ފިންޏެވެ. އޭނަ އިނީ ތުންފަތުގައި ދަތްއަޅާލައިގެންނެވެ. އޭނަގެ އުއްމީދުގެ ހުޅުކޮޅު އެދަނީ ވަޔާ ހަނގުރާމަ ކުރަމުންނެވެ. ނިވިދާނެ ކަމުގެ ބިރާއެކު މީހާ ހާސްވެއެވެ. ހިތް ރޫރޫ އަޅައިގެން ދެއެވެ.
”ދީމް ގާތު މަންމަ ކިތައް ފަހަރު ބުނާނީ ތިހެން ވާހަކަ ނުދައްކާށޭ؟…” ޖުވޭރިޔާ އަޑުއލިއެވެ. އެހެން ވިސްނާކަށް ވެސް އޭނަގެ ޒަމީރު ހުއްދައެއް ނުދޭނެއެވެ.
”މަންމަ ކީއްވެތަ އިޒްކާންއާ ވާހަކަ ދެއްކީ؟…” ކޮއްކޮގެ މޫނަށް ބަލަން އިނދެ ދީމް ސުވާލުކޮށްލިއެވެ.
”ދީމްއަށް ވިސްނައިދީ މަންމަ ވަރުބަލިވެއްޖެ، އަދިވެސް ތި ވިސްނުން ބަދަލުކުރަން ބޭނުން ނުވަނީތަ؟….” ކުއްލިޔަކަށް ދީމް ދައްކަން ފެށި ވާހަކައަކުން ޖުވޭރިޔާ ހިތްހަމަ ނުޖެހުނެވެ.
”މަންމަ ގާތު އޭނަ ހަދަނީ ދޮގު، އޭނަ އަހަރުމެންނަށް އޮޅުވާލަނީ… އިޒްކާން ރާއްޖެތެރެއަށް ދިޔައީ ކީއްކުރަންކަން މަންމައަށް އެނގޭތަ؟…” ދީމް އެހި އެވެ.
”އާނ…” ޖުވޭރިޔާގެ ޖަވާބުން ދީމްގެ ދެލޯބޮޑުވިގެން ދިޔައެވެ.
(ނުނިމޭ)
11 Comments!
Comments are closed.
Wow muthaa. Mi dhe part ves v reethi. Ixkaan kykohgen tha e ulheny..?? Nxt part konirakun? Waiting….
E aailaage sirru engeyny kondhuvahakuntha? Mi vaahaka varah furihama
nxt part kon irakun nereny
varah reethi genesdey goh, totally in love with the story
banaathu ey koahcheh tha? haadha majaa namekey.
wow salhi
awesome
hi
So so so so so nice
kon irakun nxt part nereny
Thafaathu story eh. Keep it up. U r talanted