Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 9

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 1, 2015 7 Mins Read
4 Comments

”މަންމާ….” ދީމް އެތެރެއަށް ނޭފަތް ދަމާލިއެވެ. ޖުވޭރިޔާ މިއަންނަނީ ކަމުގައި ބުނެ ފޯނު ކޯލް ކުރުކޮށްލިއެވެ.

ދީމް ފޯނުގެ އަތްގަނޑު ބާއްވަމުން އެނބުރިލި ވަގުތު ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ޔޫޝައު ފެނިފައެވެ. ސިޑީގެ ފަހުގެ ފަރުފަތްތަކުގައި ހުރި ޔަޝްމް ވެސް އޭނައަށް ފެނުނެވެ. ދެމީހުންނަށް ވެސް ސާފުކޮށް ދީމްގެ ވާހަކަތައް އަޑުއިވުނެވެ.

ޔަޝްމް އިނީ ހުއްޓުން އަރާފައެވެ. ޔޫޝައު އަކީ އެހާ ގޯސް މީހެއް ހެއްޔެވެ؟ ޔޫޝައުހާ އިޒްކާން ގޯސްވެދާނެ ބާވައެވެ؟

ޔޫޝައުއަށް ޔަޝްމް އެތާނގައި ހުރިކަމެއް ނޭގުނެވެ. އޭނަ ހުރީ ދީމް ދެއްކި ވާހަކަތައް އަޑުއިވިފައި ހިތުގައި ޖެހިފައެވެ. ދީމް އޭނަ ގޯސް ކުރާއިރު ދީމްގެ އުނި ސިފަތަކާއެކު ވެސް ދީމްދެކެ އޭނަ ވާ ލޯތްބަށް އެއްވެސް ޤަދަރެއް ނުކުރެއެވެ. މުޅި ދުނިޔޭގައި އޭނަ ބަދުނާމުކުރަމުން ދުވަނީއެވެ.

ދީމް ތުން އުލެއްހެން ހަދާލަމުން ސިޑިއާ ދިމާއަށް ހިނގައިގަތީ ކާމިޔާބު ލިބިއްޖެކަން ކަށަވަރުވެއްޖެކަން ޔަޤީންވުމުންނެވެ. ހިތާމަވެރިކަން ވެރިވެފައިވާ ޔޫޝައުގެ މޫނުފެނި އޭނަގެ ހިތަށް ފިނިކަމެއް އިހުސާސްކުރެވުނެވެ. އިރުކޮޅަކުން މަންމަ އައިސް އޭނަ ގެއަށް ގެންދާނެއެވެ. އޭރުން މިތަނުން އޭނަ ސަލާމަތްވާނެތާއެވެ. މަންމަ އިތުބާރު ކުރާނީ އޭނައަށެވެ.

ޔޫޝައު ދީމްގެ އަތުގައި ހިފާ އޭނައާ ދިމާއަށް ދަމާލިއެވެ.

”ދީމް ތިއުޅެނީ ކޯޗެއް ސާބިތުކޮށްދޭންތަ؟….” ޔޫޝައު ދަތްކުނޑިވިކާލިއެވެ.

”އަތުން ދޫކޮށްލާ…” ދީމް ކަޅިއަޅާލިއެވެ.

ޔަޝްމް ބަދިގެއަށް ދާން އުޅެގަތުމުން ސިޑިމަތިން ކައްސާލައިފިއެވެ. މޫނު ވަތަށް އޭނަ ވެއްޓުމުން ވޭނީ ހަޅޭކެއްގެ އަޑުއިވުނެވެ. ޔޫޝައުއަށް ދީމްގެ އަތުން ދޫކޮށްލެވުނެވެ. އޭނަގެ ދެލޮލުގައި ވަނީ ސިހުމެވެ. ޔަޝްމް އެތާނގައި ހުންނަތާ ކިހާ އިރު ވެދާނެ ބާވައެވެ. ޔޫޝައު ޔަޝްމްއަށް އެހީވާން އަތްދިއްކޮށްލުމުން އެއަތުގައި ހިފުމުގެ ބަދަލުގައި ޔަޝްމް އަމިއްލައަށް ތެދުވުނެވެ. ނިއްކުރިއާއި އުޅަބޮށީގައި އުފެދިގެން ދިޔަ ތޫނު ރިހުމުން އެދެލޯ ފެންކަޅި ވެއްޖެއެވެ.

”ތިހެން ވާނީ މީހުންގެ ކަންތަކުގެ ތެރެއަށް ބޯބާނަންޏާ ބަބުރުގަނޑު…… ދެން ވެސް މިތަނުން ދާން އުޅެބަލަ، ތިކަހަލަ މީހުން ތަނަކުން ރީތި ފިރިހެނަކު ފެންނައިރަށް ހުންނާނީ ހޭބަލިވެފަ، އެހެންވެ ޓަސް ލާފަ އެފިރިހެންގަނޑާ އިނީވެސް…. ނޫނީ ފައިސާއަށް ބޫތުކައިފަ ހުރިވަރުން ކަލޭ އިން މީހާގެ ހަޤީޤަތެއް ވެސް އެނގުން މުހިންމު ކަމަކަށް ނުވީ…. ވިލެޖް އިޑިއަޓް!…” ދީމް ދެލޯހަދައިގެން ހުރެ ސިޑިން އަރަން ފެއްޓިއެވެ. އޭނައަށް ގިރާކުރެވުނީ އެންމެ ދެހަރުފަތެވެ. ޔޫޝައު އޭނަގެ އަތުގައި ހިފައި ދަމާލީނުން އޭނަ ނުވެއްޓުނީ ވެސް ކިރިޔާއެވެ. ޔޫޝައުގެ މޭގައި ޖެހިފައި މައިތިރިވުމުން އެއަތުގެ ތެރޭން ނިކުންނަން އޭނަ ގޮތް ދައްކާލިއެވެ.

ޔަޝްމް ބާރުބާރަށް ހިނގާލާފައި ގޮސް ތަނބެއްގެ ނިވަލަށް ވަދެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. ދީމްގެ ޖުމްލައިން އޭނަގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ހިތުގައި ޖެހި ރޮވުނެވެ. ދީމް އޭނަގެ ބޮލުގައި އެއެޅުވީ ކޮންފަދަ ދޮގު ތުހުމަތުތަކެއް ހެއްޔެވެ؟

ދީމް މައިތިރިވީ އޭނަގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔަ ހޫނު އެތިފަހަރުންނެވެ. މޫނުމަތިން ކޮކާތައް ބުރައިގެން ގޮސް ކަންފަތް ވެސް ބައްވިއެވެ. ޒޫމް އަޑެއް ކަންފަތުގައި ގުގުމާލައިގެން ދިޔައެވެ. ދީމްއަށް ކޯތާފަތުގައި ފިރުމާލެވުނެވެ.

”ޔޫޝައު!…” ޖުވޭރިޔާ ބާރަށް ހަޅޭއްލަވައިގަތެވެ. ފެނުނު މަންޒަރަކުން އޭނަ ހުރީ ގަނޑުވެފައެވެ. ޔޫޝައުގެ ހަޤީޤީ ސޫރަ ހާމަވެގެން މިދިޔައީ އަދި ކިރިޔާއެވެ. މައުސޫމްކަމުގެ ނިވަލުގައި ފިލާހުރި ޝައިތާނެކެވެ. އަންހެން ކުއްޖެއްގެ ގަޔަށް އަތް އިސްކުރާނީ ވަރަށް ފިނޑިވީމައެވެ. ތިމާގެ އަނބިމީހާގެ ގައިގައި ތަޅާއިރު ލަދެއް ވެސް ނުގަންނަނީ ބާއެވެ.

ޖުވޭރިޔާގެ މައިލަގޮނޑިއަކަށް އިތުރަށް ކެތްނުކުރެވުނެވެ. ލޯބިވާ ދަރިފުޅު މި ނުލަފާ ފިރިހެނާ ދިން އަދަބުތަކަށް ހާދަ ވަރަކަށް ކެތްކޮށްފިއެވެ. ކުޅަދާނަ ނުވާ ހިސާބަށް ކަންތައް ދިއުމުން ސަލާމްތަކޮށް ދިނުމަށް އެދި އޭނަގެ މަދަދަށް އެދުނީއެވެ. މިހުރިހާކަމެއް ވާތާ ކިހާ ވަރަކަށް ދުވަސް ވެއްޖެ ހެއްޔެވެ؟ އެއްވެސް މީހަކަށް ނޭގެނީ ހެއްޔެވެ؟ ނޫނީ ނުފެންނަ ކަމަކަށް ހަދައިގެން ތިބީ ހެއްޔެވެ؟ އޭނަގެ ފުރާނައަށް ވުރެ ލޯބިވާ ދަރިފުޅަށް އޭނަ ހިމާޔަތް ދޭނެއެވެ. މި ނުލަފާ ފިރިހެނާގެ އަތްދަށުން މިނިވަން ކުރާނެއެވެ. ކޯޓަށް ދާން ޖެހުނަސް ހެވެވެ.

ދީމް ޔޫޝައުގެ އަތް ފޮޅުވާލަމުން އައިސް މަންމަގެ ގައިގައި އޮޅިލައިގަންނަމުން އަޑުވީއްލާ ރޮއިގަތެވެ. ގޭތެރޭގައި އަޑުގަދަވެގެން ޢައިލާގެ މެންބަރުންތައް ތިރިއަށް ފައިބަން ފެށިއެވެ. ފަލަކް ހުރީ ނިކަން ގަޔާވެފައެވެ. މީ ކޮން ކަންތައް ގަނޑެއް ހެއްޔެވެ؟ ދީމް އާއި ޔޫޝައުގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހެނީ ބާއެވެ؟

”އޯހް ޔޭއި….” ފަލަކް އުފާވިއެވެ. މި ހަލަބޮލިކަމުގެ ތެރޭން ޔޫޝައު ދީމް ވަރިކޮށްފިނަމަ އޭނަ ހަފްތާއެއް ވަންދެން ރޯދަ ވެސް ހިފާނެއެވެ. ހިތާހިތުން ދުޢާކުރެވުނެވެ.

”ކިހިނެއް ވެގެންތަ މިއުޅެނީ؟….” ބަލްޤީޝްއަށް އަހާލެވުނެވެ. އޭނަ މުޅިތަނަށް ނަޒަރު ހިންގާލީ ޔަޝްމް އެތާނގައި ހުރިތޯ ބަލާލުމަށެވެ. އޭނަގެ ލޮލުގައި ތަނބެއްގެ ނިވަލުގައި ހުރި ޔަޝްމް އަޅައިގަތެވެ. ޔަޝްމް ލޮލުން ފޭބި ކަރުނަތައް ވެސް ފޮހެލިތަން ފެނުނެވެ. އެއާއެކު އޭނަގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އޭނަ ދީމް އާއި ޔޫޝައުއަށް ބަލާލީ ޖަވާބު ހޯދަން ވެގެންނެވެ. އޭރު އޭނަގެ ހިތް ބާރުބާރަށް ތެޅެއެވެ. ކަމެއް ގޯސްވެއްޖެކަމަށް އޭނަގެ ހަވަނަ ހިއްސު އިންޒާރު ދިނެވެ. އޭނަ ދެކެމުން އައި ފޮނި ހުވަފެންތައް ހަޤީޤަތަކަށް ވުމުގެ ކުރިން ވިއްސިވިހާލިވެގެން ދިޔައީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އޭނަގެ ހުވަފެންތަކުގެ ހުރަހަކަށް ވާ ހުރިހާ ކަމެއް އޭނަ އެއްފަރާތްކުރާނެތެވެ. ދީމް އަކީ އެކަމަށް އޮތް އެންމެ ބޮޑު ހުރަހެވެ! ބިރެވެ!

”އަހަރެންގެ ދަރިފުޅު މިހާ ނިކަމެތި ހާލުގަ އުޅެމުން ދާއިރު އެއްވެސް މީހަކަށް ނުފެންނަނީތަ؟، ނޭގޭ މިކަމެއް ހިނގާތާ ކިހާ ދުވަސް ވެއްޖެކަމެއް ވެސް!… ތިއިން އެކަކަށް ޝައްކު ވެސް ނުވޭތަ؟ އަހަރެން ހަމަ އަޖައިބުވެއްޖެ ޔޫޝައުގެ ނުބައިކަން ފެނި، ދީމްގެ ގައިގައި ޖެހުމުގެ ހުއްދަ ދިނީ ކާކުތަ؟…” ޖުވޭރިޔާ ދަރިފުޅުގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ. ތުރުތުރުއަޅަމުން ދިޔަ ދަރިފުޅުގެ ހަށިގަނޑުން އޭނަގެ ހިތް ކަފާ ކުދިކުދިކޮށްލި ކަހަލައެވެ. ދީމް ފޯނުން ދެއްކި ވާހަކަތައް ވެސް އޭނަ ބުނެލައިފިއެވެ.

އެންމެންގެ ލޯތައް އަމާޒުވީ ޔޫޝައު އަށެވެ. އޭނަ ލަދުވެސް ގަތެވެ. ދީމް އޭނަގެ އަގު ޢާއިލާ ތެރޭގައި ވައްޓާލިއެވެ. ބައްޕަ އޭނަގެ ގަޔަށް އަތް އިސްކުރުމުން ޔޫޝައުއަށް އިސްދަށަށް ޖަހާލެވުނެވެ. އެދެމެދަށް ވަދެގަތީ އިޒްކާން އެވެ. އޭނަ ވެސް ހުރީ ޖުވޭރިޔާގެ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. ޝޮކެއްގައެވެ. މިއީ އޭނަގެ ފަރާތުން ބަދަލު ހިފަން ދީމް ރާވާ ރޭވުމެއް ބާއެވެ.

”ރަސަލް…” ބަލްޤީޝް ގޮސް ރަސަލްގެ އަތުގައި ހިފާލިއެވެ. ރަސަލް ރުޅިއައިސްފިނަމަ ކަންތައް ވާނެ ގޮތް ރަގަޅަށް އޭނައަށް އެނގެއެވެ. ޔޫޝައުގެ ގަޔަށް ދެވަނަ ފަހަރަށް އަތްއިސްކުރަން ހުއްދައެއް ނުދެވޭނެއެވެ. އޭނަގެ ހިތަށް ދެންމެ ވެގެން ދިޔަގޮތް ވެސް ބަޔާންކޮށެއް ނުދެވޭނެއެވެ.

”ދީމް ކީއްކުރަންތަ ޔޫޝައު ބަދުނާމުކުރަން ތިއުޅެނީ؟… މައުސޫމްކަމަށް ހެދިގެން އުޅުނަސް ރޭގަ ދީމް އުޅުނު ގޮތް އަހަންނަށް ފެނުނޭ…” ބަލްޤީޝް ދަރިފުޅުގެ ދިފާޢުގައި ނިކުތެވެ.

”ބަލްޤީޝްއަކަށް ދުވަހަކު ޔޫޝައުގެ ކުށެއް ނުފެންނާނެކަން އަހަންނަށް އިނގޭ…” ޖުވޭރިޔާ ވެސް ހުއްޓާލާކަށް ނޫޅުނެވެ.

”ބަލަ ދީމްގެ ގޮތް ނޭގޭނެ މީހަކު މިތާކު ނެތޭ، އޭނަ ކަމެއް ކުރީމަ ޔޫޝައު އެފަދަ ފިޔަވަޅެއް އަޅާނީ…” ބަލްޤީޝްއަށް ޔޫޝައު ކުރި އަމަލުތައް ކުށްވެރި ނުކުރެވުނެވެ. ދީމް ހަދަނީ ދޮގުކަން އޭނައަށް ޔަޤީނާ ގާތަށް އެނެގެއެވެ.

”ދެމަފިރިންގެ ދެމެދުގައި ޖެހޭމައްސަލަތަކުގެ ތެރެއަށް އިތުރު ބަޔަކު ނުވަނިއްޔާ އަހަންނަށް ރަގަޅީ….” ޔޫޝައުގެ ޖުމްލައިން މުޅިތަނަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ.

”ޔޫޝައު!…” ރަސަލްގެ ބާރު ހަޅޭކުގެ އަޑު ބޮޑުކޮޓަރި ތެރޭގައި ގުގުމައިގަތެވެ. ބަލްޤީޝް އާއި އިޒްކާން ނުހިފެހެއްޓިނަމަ އޭނަ ޔޫޝައުގެ ގައިގައި ހޫނު ބޮނޑިއެއް އެޅީހެވެ. ޔޫޝައު ބަލަން ހުރީ ދީމްއަށެވެ. ހިތުގައި ރުޅިވެރިކަމާއި ފޫހިކަން އުފެދުނެވެ. ދީމް ކުރިކަންތަކުން ހިތުގައިވި ލޯތްބަށް ފަނޑކަމެއް އައެވެ. ދީމް ބޭނުންހާ ގޮތަށް އުޅުމުގެ ފުރުސަތު ނުލިބުމުން އެއުޅެނީ އޭނަ ބަދުނާމު ކުރާށެވެ. ޢައިލާ ތެރޭގައި އޭނަގެ އަގުވައްޓާލާށެވެ. އޭނަ ވި މަތިވެރި ލޯބީގެ ބަދަލުގައި ދޭން އެނގުނީ ހިތްދަތިކަން ހެއްޔެވެ؟ ދީމް އޭނަ ދެކެ ވީ ލޯތްބަކީ ދެއްކުނެތެރި އެއްޗެއް ހެއްޔެވެ؟ އޭނަގެ ލޮލުގައި އަޅުވާލި އަނދުނެއް ހެއްޔެވެ؟ އޭގައި އެކުލެވިގެންވި ލައްޒަތާއި ރާހަތު ލޯހުޅުވާލުމާއެކު ގެއްލިގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ ދީމް ކުއްލިޔަކަށް އޭނަ ދެކެ ފޫހިވެ، ވަކިވާން ބޭނުންވީ ކީއްވެގެން ހެއްޔެވެ؟

”ދެން އަހަރެންގެ ދަރިފުޅާ ބައްދަލުކުރަން ޖެހޭނީ އައިސީޔޫއިން ކަންނޭގެ!….”

ޖުވޭރިޔާގެ ޖުމްލައިން މުޅިތަނަށް ޒަލްޒަލާއެއް ގެނުވިއެވެ. އެންމެ ބޮޑަށް ސިހިގެން ދިޔައީ އިޒްކާން އެވެ. ބަލްޤީޝް ވެސް މެއެވެ. ޖުވޭރިޔާ ބުނި ޖުމްލައިގެ ފަހަތުގައި ފޮރުވިފައި ވާ މާނާ ޔަޝްމް ފިޔަވައި އެންމެނަށް ނަގައިގަނެވުނެވެ.

”ޖުވޭރިޔާ….” ބަލްޤީޝްއަށް ބުނެވުނެވެ. ދެން އިތުރަށް ޖުވޭރިޔާއަށް ބަހެއްވެސް ބުނުމުގެ ފުރުސަތު ދޭކަށް އޭނަ ގަސްދެއް ނުކުރިއެވެ. ޔަޝްމްއަށް އެވާހަކަތަކުން ނޭދެވޭ އަސަރުކޮށްފާނެއެވެ. ވަންހަނާ ކުރަން އަތުކުރި އޮޅާލާފައިވާ ސިއްރަކީ އެއީއެވެ.

ޖުވޭރިޔާއަށް ބަލާލެވުނީ އިޒްކާންއަށެވެ. އެމޫނުމަތީގައިވި ހިތާމަވެރިކަން އޭނައަށް ފާހަގަ ކުރެވުނެވެ. ބުނަން ނުޖެހޭ އެއްޗެއް ބުނެވިއްޖެކަން އޭނައަށް ނަގައިގަނެވުނީ ދެނެވެ. އޭނަ މައުޟޫއު ބަދަލުކޮށްލިއެވެ. މާޒީގައި ވެދިޔަ ކަންތަކުގެ އިލްޒާމް އޭނަ އިޒްކާންގެ ބޮލުގައި އަޅުވައި އިޒްކާން ކުށްވެރިކުރާކަށް ބޭނުމެއް ނޫނެވެ. ވެދިޔަކަންތައް ބަދަލުކުރެވޭނެނަމަ އިޒްކާން އޭނަގެ ފުރާނަ ވެސް ޤުރުބާން ކުރާނެކަން ކަށަވަރެވެ. ނަމަވެސް ތަޤްދީރުގެ ނިންމުން ބަދަލެއް ނުކުރެވޭނެއެވެ. މާޒީއާ މެދު އޭނައާއި ދީމް ދެކޭ ގޮތް ވަރަށް ތަފާތެވެ.

ކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން ޔަޝްމް ހުއްޓެވެ.

”ދަރިފުޅު ދޭ ހެދުންތައް ޕެކްކުރަން، އަހަރެން ބަލާނަން ކާކަށްތޯ އަހަރެން ހުއްޓުވެނީ…” ޖުވޭރިޔާ މިހެން ބުނާއިރަށް ދީމް ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ.

”ދީމް މިގެއިން ބޭރަށް އެންމެ ފިޔަވަޅެއް ވެސް އަޅައިފިނަމަ ތީ އަހަރެންގެ އަންބެއް ނޫން!….” ޔޫޝައުގެ އަޑު އިވިފައި ދީމްގެ ފައިގައި ނުފެންނައަތަކުން ހިފަހައްޓާލިހެން ހީވިއެވެ. އޭނަ ފަސްއެނބުރި ބަލާލިއެވެ. އޭނައާއި ޔޫޝައުގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ޔޫޝައުގެ ދެލޯ ފެންކަޅިވެފައި ވާ ތަން އޭނައަށް ފެނުނެވެ. އެހިތަށް ތޫނު ރިހުމެއް އިހުސާސް ކުރެވުނީ އެހިސާބުންނެވެ.

”އޯހް މައި ގޯޑް! އިޒް ދިސް ރިއަލީ ހެޕެނިންގް؟ އައި ކާންޓް ބިލީވް ދިސް….” ފަލަކްއަށް އާސްމާނަށް އުދުއްސައިގަނެވުނެވެ. ”ޔޫޝް އެންޑް މީ….” ފަލަކް ޚިޔާލީފޮލައިގެ ތެރެއަށް ގެއްލުނެވެ. އޭނައާއި ޔޫޝައު ”ވޯލްޑް ޓްރިޕް” އަކަށް ދާ މަންޒަރާއި އޭނައަށް ލޯބި ހުށަހަޅާނެ މަންޒަރުން ފެށިގެން ކައިވެންޏަށް އެދޭނެ ހިތްގައިމު ގޮތްވެސް އޭނަ ސިކުނޑީގައި ކުރަހާލިއެވެ. އޭނަ ޔޫޝައުގެ ހިތް އުތުރިއަރައިގެންދާހާ ލޯބި ދޭނެއެވެ. ދީމްގެ ޚިޔާލު ވެސް އެހަނދާނުން ފޮހެލާނެއެވެ. ޔޫޝައުއާއެކު ކުޑަ ޢާއިލާއެއް ބިނާ ކުރާނެއެވެ.

”އަހަރެން ހުވަފެންތައް ހަޤީޤަތަކަށް ވަނީ….” ފަލަކް ޔޫޝައުއަށް ބަލާލިއެވެ. އެތުންފަތުގެ މީރުކަން ހޯދަން އޭނަ ވަނީ ބޭޤަރާރުވެފައެވެ. އެޚިޔާލު ސިކުނޑިން ފޮހެނުލެވެއެވެ. އެތުންފަތުގެ ބޮސްދިނުންތަކާއި އަތުގެ ފިރުމުންތަކަށް އޭނަ ވަނީ ބޭޤަރާރވެފައެވެ.

****

ދީމް ކޮޓަރިއަށް ވަދެވުމާއެކު ދޮރުތަޅުލަމުން ބިމަށް ތިރިވެއްޖެއެވެ. ދެފައި ގެނެސް މޭގައި ޖައްސާލަމުން ބާރުބާރަށް ރޯންފެށިއެވެ. އޭނަގެ ހިތަށް އިތުރަށް ކެތްނުކުރެވުނެވެ. ހޯސްލާފައި ކަރުނަ ފައިބަން ފެށިއިރު އޭނަގެ ހިތް ކުދިކުދިވެއްޖެއެވެ. އޭނަ ތުންފަތުގައި ބާރަކަށް ދަތްއަޅާލިއެވެ. މޭގައި ރިހެން ފަށައި ނޭވާލާން ދަތިވިއެވެ. ދީމްގެ ގިސްލުމުގެ އަޑުން އޭނައަށް ކޮށްފައިވާ ފުން އަސަރުތައް ކޮންމެ މީހަކަށް ނަގައިގަނެވޭނެ އެވެ. އެހެނަސް އެއަޑު އަހާނެ މީހަކު ނެތެވެ.

”އައިމް ސޮރީ…. ޔޫޝްއަށް ކޮންމެވެސް ދުވަހަކުން އަހަރެން މިގޮތަށް ކަންތައް ކުރުމުގެ ފަހަތުގައިވާ ސަބަބުން އިނގޭނެ، އެދުވަސް އައުމުގެ ކުރިން އަހަންނަށް ރަގަޅީ އަހަރެން މަރުވެއްޖެއްޔާ، އަހަރެންގެ ދުޢާއަކީ ޔޫޝްއަށް ދުނިޔޭގެ ހުރިހާ އުފަލެއް މިންވަރު ކުރެއްވުން……..” ދީމް ރޮމުން ގޮސް އަޑު ބެދުނެވެ. ދޮން މޫނު ރަތްވެ ލޯ ދުޅަ ވެއްޖެއެވެ. އޭނަ ޔޫޝައުއާ އަރައިރުންވުމަށް ފަހު ރޯވަރު ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. އޭނަ ޔޫޝައުގެ ހިތުގައި ޖައްސާކޮންމެ ފަހަރަކު އެތައް ހާސް މަރަކުން އޭނަ މަރު ވެއެވެ.

”ޔޫޝްއަށް ދެވުނު އަނިޔާތަކަށް މާފްކޮށްދޭތި…. އައި ލަވް ޔޫ….” ދީމްގެ ބަޑިފަޅައިގެން ދިޔައެވެ. އޭނަ ނުހަނު އުނދަގުލުން ފައިމައްޗަށް ތެދުވުނެވެ. ފޮށްޓެއް ނެގެސް އެނދުމަތީގައި ބަހައްޓަމުން އޭނަ ފޮށި ހުޅުވާލިއެވެ. ކަރުނަތައް ފޮހެލަމުން އޭނަ ފޮށްޓަށް ހެދުން އަޅަން ފެށިއެވެ. އޭރުވެސް ކަރުނަތައް ފައިބައެވެ. އޭނަ ހިތަށް މިލިބޭ އަނިޔާތަކަށްވުރެ ގިނަ އަނިޔާ ޔޫޝައު އިހުސާސްކުރާނެކަން އެނގުމުން ގިސްލެވެ އެވެ.

”ޔޫޝް މިހާރު އަހަރެން ދެކެ ފޫހިވާނެ… ދެން އަހަންނަށް ބަލައިލަން ވެސް ބޭނުން ނުވާނެ… އެކަމަކު އެއީ ވެސް ރަގަޅު ގޮތެއް، އޭރުން އަހަރެން މަތިން ހަނދާން ނައްތާލަން ޔޫޝްއަށް ފަސޭހަ ވާނެ، އެހެން ދިރިއުޅުމެއް ފަށަން ވެސް ފަސޭހަ ވާނެ، ބާކީ ވެފައި ހުންނާނީ އަހަރެން، އެކަމަކު ޔޫޝް އެހެން މީހަކާއެކު އުޅޭތަން ބަލަން އަހަންނަށް ކެތްވާނެތަ؟….” ދީމްގެ ފައިން ވާގި ދޫވެ އޭނަ އުނދު ކައިރިއަށް ތިރިވެއްޖެއެވެ. އޭނަ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟

ދީމްއަށް ހެދުންތައް ޕެކްކޮށް ނިމުނީ ގަޑިއެއްހާ އިރުފަހުންނެވެ. ލަސްވެގެން ޖުވޭރިޔާ އެތައްފަހަރު ކޮޓަރީގެ ދޮރުގައި ޓަކިދީފިއެވެ. ދީމް ދިއުމުގެ ކުރިން އޭނަގެ ސޫރަ ލޯގަނޑުން ބަލާލިއެވެ. ލޯކައިރި ދުޅަވެފައި ވުމުން އޭނަ ކުޑަކޮށް މޭކަޕްކޮށްލިއެވެ. މަސްކާރާއާއި އައި ލައިނާރ އަޅާލުމުން ކުލަވެސް ޖައްސާލިއެވެ. ފާޑުފާޑުގެ އެއްޗެހި ހާކާލައިގެން ހިތްހަމަޖެހޭވަރުވިއެވެ. އޭނަ ގަދަޔަށް މޭކަޕްކުރި މީ ފުރަތަމަ ފަހަރެވެ.

ޔޫޝައު އޭނައަށް ދިން ލޯބީގެ ހަދިޔާތަށް ޑަސްބިނަށް އަޅާލީ އޭނަ ޔޫޝައު ދެކެ ފޫހިވާކަން ހާމަކޮށް ދިނުމަށެވެ. އެކަން ވެސް ކުރަން ޖެހުނީ ކަރުނަ އޮއްސަމުންނެވެ. ދޮރާ އަރާހަމަވަމުން އޭނަ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އޭނައާއި ޔޫޝައު އެކުގައި ހޭދަކުރި ވަގުތުތައް ލޯކުރިމަތިން ފިލްމެއްގެ ސިފައިގައި ފެންނަން ފެށިއެވެ. ޔޫޝައުއަށް ލޯބީގެ ގޯނާތައް ކޮށްފައި އަތުނުވާން ހީހީފައި ކޮޓަރީގައި އެނބުރު މަންޒަރެވެ. ކައިވެނީގެ ފުރަތަމަރޭ އެކަކު އަނެކަކުގެ އަތުތެރޭގައި ހޭދަކުރި ތަނެވެ. ހިތްހަމަޖެހުމާއި ލޯތްބާއި އަޅާލުމާއެކު ދެމަފިރިން ހޭދަކުރި އަގުހުރި ވަގުތުކޮޅުތަކެވެ. ހާދަ ފޮނި ހަނދާންތަކެކެވެ. އެހަންދާންތައް އޭނަ ތާއަބަދަށް ހިތުގައި ރައްކާ ރައްކާކުރާނެއެވެ. އެއަށް ހިޔަނިއެޅިގެން ދިޔައީ އޭނަގެ މަޖުބޫރީއެވެ. އެތައް ހާސް ޓަނުގެ ބަރުދަނާއެކު ސިކުނޑީގައި ޖެހިގަތުމުން އުފާވެރި އެމަންޒަރުތައް ގެއްލި ބަދަލުވެގެން ދިޔައީ އަރައިރުންވުމާއި ރުޅިވެރިކަމަށެވެ. ޔޫޝައުގެ ހިތުގައި އޭނައާމެދު ރުޅިވެރިކަމާއު ފޫހިކަން އުފައްދަން އޭނަ ކުރި މަސައްކަތެވެ. ދީމް ކޯތާފަތް ފޮހެލިއެވެ. އޭނަ ކޮޓަރިން ނިކުތީ ހިތުން ލޭއޮހޮރޭ ހާލުގައެވެ.

ދީމް ޖުވޭރިޔާ އާއެކު ޕޯޓިކޯއަށް ދާން މިސްރާބު ޖެހިއިރު ޔޫޝައު އޭނަ ހުއްޓުވަން އަންނާނެ ކަމަށް ހީކުރެވުނު އަދަދެއް ނޭގެއެވެ. ގެއިން ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އޭނަގެ ހިތުގެ ހިނގުން ވެސް ހިނދުކޮޅަކަށް މަޑު ޖެހުނެވެ. އޭނަ މިނިވަން ވީއެވެ. ޔޫޝައުއަށް އުފާވެރި ދިރިއުޅުމަކަށް މަރުޚަބާއެވެ.

”އައިމް ސޮރީ….” ދީމްގެ ދުލާހަމައަށް އެލަފްޒުތަކެއް ނައެވެ. އެންމެ ކުޑަމިނުން ފަސްއެނބުރި ބަލައިލާނެ ހިތްވަރެއް ވެސް ނެތެވެ. ލޮލުގައިވި ކަރުނަތައް ފެނި ޔޫޝައު އޭނަގެ ނިންމުން ބަދަލުކޮށްފާނެ ތީއެވެ. ފައިން ވާގި ދޫނުވެ ކާރާ ހަމައަށް ދެވިދާނެ ކަމާމެދު ވެސް ޝައްކެވެ.

އިޒްކާން ޔޫޝައުއަށް ވިސްނައިދޭން އުޅުނަސް އެކަމަށް ހުރަސް އެޅީ ބަލްޤީޝް އެވެ. ހިތްހަމަ ނުޖެހިފައި ހުރެ އިޒްކާން ޖުވޭރިޔާމެންގެ ފަހަތުން ހިނގައިގަތެވެ.

”އިޒްކާން!…” ބަލްޤީޝް ހަރުކަށިކަމާއެކު ގޮވާލިއެވެ. އޭނަގެ ދެލޮލުގައި ނުތަނަވަސްކަން ވިދާލިއެވެ. އޭނަ ރަސަލްއަށް ބަލާލީ އިޒްކާން ހުއްޓުވައި ދިނުމަށް އެދިއެވެ. ރަސަލް ބުނެފި ކަމަކަށް ފުރަގަސްދޭން އިޒްކާންއަކަށް ނުކުރޭނެކަން އޭނައަށް ރަގަޅަށް އިނގެއެވެ. ލޯބިވާ އަނބިމީހާ ބޭނުންވާ ގޮތަށް ރަސަލް ކަންތައް ކޮށްދިނެވެ.

”އިޒްކާން މަންމަމެން ބުނާ ގޮތަށް ކަންތައް ކުރިއްޔާ ރަގަޅުވާނީ…” ވިސްނައިދޭ ރާގަކަށް ޖުވޭރިޔާ ބުންޏެވެ. އޭނަ އިޒްކާންއަށް ބަލާލަމުން ގޮސް ދީމްއާއެކު ގޮސް ކާރަށް އެރިއެވެ. އޭނަ ހުރީ ކުރިން ބުނެވުނު ޖުމްލައާ މެދު އިންތިހާއަށް ދެރަވެފައެވެ. ބުނެވުނު އެއްޗެއް އަނބުރާގެނެވޭނެނަމަ އެއިން ކޮންމެ ލަފްޒެއް ވެސް އޭނަ އަނބުރާގެނައީހެވެ.

ކާރަށް އަރަމުން ދީމް ކުޑަދޮރުގެ ލޫވާރގައި މޫނު ޖައްސާލިއެވެ. ޔޫޝައު އޭނައަށް ފުރަގަސް ދިންތަން ފެނި އެސްފިޔަތައް ފޫއަޅުވާލާފައި ކަރުނަތަށް ފައިބައިގަތެވެ.

”ޔޫޝައު…” ދީމްއަށް ހިތާހިތުން ބުނެލެވުނެވެ. އޭނަގެ ލޯބި ގެއްލުނީއެވެ. ދެން ދުވަހަކު ވެސް އެލޯބި ލިބޭނެކަމެއް ނޭގެއެވެ. މިހާރު ޔޫޝައު އޭނަ ދެކެ ނަފްރަތު ކުރާނެކަން ގައިމެވެ. އޭނައާ ދިމާއަށް ދުވަހަކުވެސް ބަލައިނުލާނެއެވެ.

ދީމް ތުންފަތުގައި ދަތްއަޅާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

.. ޔަނާ ..

Next

ފޮހެވޭނޭ ބާއޭ… 10

Next
December 1, 2015

ފޮހެވޭނޭ ބާއޭ… 10

Previews
December 1, 2015

.. ޔަނާ ..

4 Comments!

  1. ssssss says:
    December 1, 2015 at 10:44 pm

    vv nice

  2. azi says:
    December 2, 2015 at 12:35 am

    Wow so nice

  3. nisha says:
    December 2, 2015 at 9:31 am

    Kihineh thihedhy

  4. handi says:
    December 2, 2015 at 2:46 pm

    balgeesh ge thioh havana hihseh ves dhw…

Comments are closed.


All Right Reserved!