“އެހެންވިއްޔާ ދެން ތާރާއަށް ނުވަންޏާ ނުވާނެއޭ ބުނެބަލަ. އޭރުން ނުގުޅާނެއްނު” އަހަރެން ރޯތީވެ އޯގާތެރިކަމާއެކު މަންމަ ބުނެލިއެވެ.
“ތިވަރުގެ މީހުން ކިޔަވާނެ ކަމެއް ނެތް. ވަޒީފާ ލިބުނީމަ ދާނެ ހިތްވަރެއް ނުހުރެ. ކިހިނެއް ވަޒީފާ އަދާކުރަނީ.” ބައްޕަ އަހަރެން ދެކެ ހިތްހަމަ ނުޖެހިގެން ޝަކުވާ ކުރިއެވެ.
“ބައްޕާ! އަހަންނަށް ވާގޮތްގޮތް ބައްޕައަށް ވާނަމަ، ބައްޕަވެސް އިންނާނީ މިހާލުގަ. މީ އަހަރެން އަމިއްލައަށް ކުރާ ކަމެއް ނޫނޭ.. މީ އާދައިގެ ކަމެއް ނޫނޭ… އަހަންނަށްވެސް ނޭނގެ އަހަންނަށް މިވާގޮތެއް ބައްޕާ… އަހަރެން ކިޔަވާދޭން އެތަނަށް ނުދާނަމޭ މިބުނަނީ އަހަންނަށް އެކަން ނުކުރެވޭނެތީ.. މިހިރީ ޕްރިންސިޕަލް ގުޅިޔަސް ވާވަރު… އަދި ގޮސްފިއްޔާ ވާނެ ގޮތެއްވެސް ނޭނގެ… އެކަމު އަހަރެން އެބަ ދަމެއްނު ކޮންމެ އަހަރަކުވެސް މުބާރާތްތައް ޖަޖް ކުރަން. ގައިމު އަހަންނަށް ގޮތެއް ނުވެ… އެހެންވެ އަހަރެން އެގޮތަށް އެހީވިޔަސް އެކަމެއް ނުކުރެވޭނެ.” އަހަރެން ރޮމުން ރޮމުން ބައްޕައާ ދިމާލަށް ބުނެލީމެވެ.
ކޮންމެޔަކަސް އަހަރެން އެފަހަރުވެސް ޕްރިންސިޕަލްގެ އެދުމާ ދެކޮޅު ހެދީމެވެ. އެކަން ރަށުގެ ވަރަށް ގިނަ މީހުންނަށްވެސް އެނގޭނެއެވެ. އެހެން ނަމަވެސް އަހަންނަށް އެކަން ކުރާނެ ހިތްވަރު ނުލިބުނީއެވެ. ހަގީގަތް ނޭނގޭ ބައެއް މީހުން ދެކެނީ އެއީ އަހަރެންގެ ފޮނިކަމުން ހަދާ ގޮތެެއް ކަމަށެވެ. އެއީ އަހަރެންގެ ހުރި ބޮޑާ ކަމޭވެސް ބައެއް މީހުން ބުނެފާނެއެވެ. އެހެނަސް ވަރިހަމައެވެ. އަހަންނަށް އެނޫން ގޮތެއް ނެތީއެވެ.
އަނެއްކާވެސް ދުވަސްތަކެއް ވޭތުވަމުން ގޮސް އަހަރެން ބަލިވެއިނދެ ވިހައިފިއެވެ. ވިހެއުމުގެ މެޓާރނިޓީ ލީވްގައި އަހަރެން ގުރްއާން ކްލާހަށް ނުގޮސް މަޑުކުރީ 3 މަސް ދުވަހެވެ. އަނެއްކާވެސް އަހަރެން ވަޒީފާއަށް ނުކުންނަން ފަށައިފީމެވެ. އެގޮތުގައި އަހަރެން ހޭދަ ކުރީ އެންމެ އަހަރެކެވެ. ދިމާވި ކަމެއްގެ ސަބަބުން ޖެހުނީ ގުރްއާން ކްލާސް ދާއިމީ ގޮތަކަށް ހުއްޓާލާށެވެ.
އެހިސާބުން އަހަރެންގެ ވަޒީފާ ގެއްލުނީއެވެ. އެހެންވެ އަހަރެން ނިންމީ ގޭގައި ގުރްއާން ކިޔަވައި ދިނުމަށެވެ. އަހަންނަށް އިތުބާރު ކުރާ ބެލެނިވެރިން އަހަރެން ގާތަށް ކުދިން ކިޔަވަން ގެނެއެވެ. އަދި އަހަރެން ދެކެ ލޯބިވާ ދަރިވަރުންވެސް އަހަރެން ގާތަށް ކިޔަވަން އަންނާނެކަން އަހަންނަށް އެނގެއެވެ. އެހެންވެ އަހަރެން ގޭގައި ކިޔަވައިދޭން ފެށީމެވެ. އެގޮތުގައި އަނެއްކާވެސް ހަތަރު މަސް ވޭތުވެއްޖެއެވެ. އަނެއްކާވެސް ދުވަސް ކޮޅަކަށްފަހު އެއްކަލަ ޒީޝާ އަހަންނަށް ގުޅާލިއެވެ.
“ހެއި! މިރޭ އެބައޮތް މީޓިންއެއް ސްކޫލްގަ. އަންނަށްޗެ. ތާރާގެ އިތުރުން 7 ވަރަކަށް މީހުން ބައިވެރިވާނެ.” އަހަންނާ ދިމާލަށް ޒީޝާ ބުނެލިއެވެ.
“ކޮންކަހަލަ މީޓިންއެއް؟ ބުނެބަލަ!” އަހަރެން ބުނެލީ އިތުރަށް އޮޅުން ފިލުވާލަން ވެގެންނެވެ.
“މިފަހަރު ނުބުނާނަން ކޮން މީޓިންއެއް ކަމެއް. މިހާރު ބުނީމަ އަނެއްކާ ނައިސްފާނެ… ސްކޫލްގެ ފަރާތުން ދާނެ މީޓިންއަށް ގަޑި ކިޔާފަ ސޮއި ކުރުވަން. އެކަމު އަސްލު ތާރާ އަށް މީޓިން ވަރަށް މުހިއްމުވާނެ.” ޒީޝާ އަހަންނާ ދިމާލަށް ބުނެލިއެވެ.
އަހަރެން އެރޭގެ މީޓިންއަށް ދިޔައީމެވެ. އޭރު ސްކޫލްގެ ޕްރިންސިޕަލްގެ އިތުރުން ލީޑިން ޓީޗަރއަކާ އެކު އިނީ ޒީޝާއެވެ. ޒީޝާ ބުނިހެން އަހަރެންގެ އިތުރުން 7 މީހުންވެސް ތިއްބެވެ. އެއީ ގާރީ ކޯސް ލެވެލް އެކެއް ނޫނީ ދެއެއް ކިޔަވަމުންދާ ކުދިންނެވެ. އެރޭގެ ބައްދަލުވުމުގައި މުޅިންވެސް ވާހަކަ ދެއްކީ އިތުރަށް ނަގާ ގުރްއާން ގަޑިތަކުގައި އެހީތެރިވާނެ ޓީޗަރުން ބޭނުންވާ ވާހަކައެވެ. އަހަރުމެންގެ ތެރެއިން އެހީވާނެ ޓީޗަރަކު ހުރިތޯ ބަލާށެވެ.
ބައެއް ވާހަކަތައް ޒީޝާ ހަމަ ސީދާ އަމާޒު ކުރީ އަހަރެންނަށެވެ. އަހަރެން މަދު ރުފިޔާ ކޮޅަކަށް ގޭގައި ކިޔަވާދޭތީ އެކަމާ ގުޅުވައިންވެސް ވާހަކަ ދެއްކިއެވެ. ކިޔަވައިން ހުރެ ވަޒީފާއަށް ކުރިމަތި ނުލުމަކީ ފިނޑި ކަމެއް ކަމުގައި އެތައް ފަހަރަކު ބުންޏެވެ. އަހަރެންގެ ހިތަށް ދިޔައީ ޒީޝާ ފޮނުވި ކޮންމެ ތީރެއް ހެރެމުންނެވެ. އެހުރިހާ މީހުން ތެރޭގައިވެސް ހަމައެކަނި ގޭގައި ކިޔަވައިދޭ މީހަކަށް އިނީ އަހަރެން އެކަންޏެވެ. އެހެންވެ އެހުރިހާ ވާހަކަތައް އަހަރެން އަޑު އަހަމުން ދިޔައީ ބަހެއް ނުބުނެ ކެތްކޮށްގެން އިނދެއެވެ.
ޒީޝާގެ ފަރާތުން އަހަންނަށް ލިބުނު ކޮންމެ މަލާމާތަކަށް އަހަރެން ކެތްކުރީމެވެ. ނޫނީ އަހަންނަށް އަހަރެންގެ ދިފާއުގައި ބަސް ބުނަން ނުކެރުނީއެވެ. ޕްރިންސިޕަލްގެ އާދޭސްތަކަށް އަހަރެން ފާޅުގައި އިންކާރު ކޮށް ދެކޮޅު ހެދީމެވެ. އަހަރެންގެ މުޅި އުމުރުގައި އެންމެ ގަދަރު ކުރަމުން އައި ލީޑިންގް ޓީޗަރގެ އާދޭސްތަކަށް އަހަރެން މުޅިން އަލަށް ނަމަވެސް ހިތާއި ދެކޮޅަށް ދިނީ ބީރު ކަންފަތެވެ. އެވަގުތު އެއީ އަހަންނަށް ކުޅަދާނަ ވަގުތު ކޮޅަކަށް ނުވިއެވެ. ހިތުން ރޮވޭ ހާލު އަހަރެން އިނީ ދޫ ތަޅުލެވިފައެވެ. އަހަރެންގެ ސިކުނޑި އާއި މުޅި ހަށިގަނޑު އަހަންނަށް ވިސްނައިދެނީ އަހަރެން މުޅި ސްކޫލް ދެކެ ފޫހިވެފައި ހުރި މިންވަރެވެ.
ސްކޫލްގެ ހޯލުން އަހަރެން ނުކުތީ އެހެން މީހުންނާ ވެސް އެކުގައެވެ. އެހެނަސް އަހަންނާ ވާހަކަ ދައްކަން ބޭނުންވި އެއްވެސް މީހަކު ނެތެވެ. ފެނިދެނިވެ އުޅުނު އެއެންމެން ހަމަ އެވަގުތުން ފެށިގެން އަހަރެންގެ ހަތުރުންނަށް ވެއްޖެއެވެ. އެކަން އަހަންނަށް އިހްސާސް ކުރެވުނުވެ. އަހަރެން އެކަނި ކޮށްލާފައި އެމީހުން ކޯޅި ކޯޅިއަށް ވާހަކަ ދައްކަން ތިބީމައެވެ.
އަސްލުގައި އެމީހުން ދެން ދައްކާނީ އަހަރެންގެ ފޮނި ވާހަކައެވެ. އަހަރެންގެ ބޮޑާ ވާހަކައެވެ. އަހަންނަށް އެނގޭ ޢިލްމެއް އަހަރެން އެހެން މީހުންނަށް ބުނެ ނުދޭން ހިފަހައްޓާ ވާހަކައެވެ. އެކަހަލަ އެތައް ވާހަކައެއް އަހަންނޭ ކިޔައިން ދެތިން މިނެޓް ތެރޭ ދެކެވޭނެކަން އަހަންނަށް އެނގެއެވެ. ހަގީގަތުގައި އަހަރެންނަށް ޒީޝާ ދެކެ ރުޅިއެއް ނާދެވެއެވެ. އޭނާއާ ހެދި ޒާތީއެއް ނުވެވެއެވެ. އެއީ އަހަރެންގެ ދައްތައެކެވެ. އެކަން އަހަރެން އުފަލާއެކު ގަބޫލު ކުރަމެވެ. އޭނައަށް ލިބޭ ކޮންމެ ކުރިއެރުމަކަށް އަހަރެން މަރުހަބާ ކިޔަމެވެ. އަހަރެންނަށް ލިބެން އުޅުނު ކޮންމެ އުފަލެއް ހައްގު ކުރި މީހަކީ އެއީއެވެ. އަހަރެން ލޯބިވީ މީހާއެވެ. އަހަރެންގެ ވަޒީފާއެވެ. އެހެނަސް އެއީ ތަގްދީރު އެކަން ނިންމެވި ގޮތެވެ.
އަހަރެން ގެއަށް އައިއިރު އަހަރެންގެ މުޅި މޫނު ވަނީ ޚަރާބު ވެފައެވެ. އަހަރެން މުޅިން ހުއްޓިފައިވާކަން ދެނެގަނެވުނު އަހަރެންގެ މަންމަ އަހަންނާ ސުވާލު ކުރިއެވެ. މީޓިންގައި ދެކެވުނު ވާހަކައާއި ބެހޭ ގޮތުންނެވެ. އޭރު އަހަރެންގެ ބައްޕަވެސް ސޯފާގައި އިނެވެ.
“އަހަރެން އެތަނަށް ކިޔަވާދޭން ދާކަށް އެއްބަހެއް ނުވަން. އަހަންނަށް އެކަމެއް ނުކުރެވޭނެ. އަހަރެން ހަށިގަނޑު ތުރުތުރު އަޅާ… ތިވާހަކަ ދެއްކިޔަސް ވާނުވާއެއް ނޭނގި އަހަންނަށް ރޮވިފަ ހުންނަނީ.. އަހަންނަށް ވާގޮތް ގޮތުން އަހަރެންވެސް ހައިރާންވޭ. އަހަރެން އެތަނަށް ދާން ފޫހިވޭ.” މަންމަމެން ހިތްހަމަ ޖެހުނަސް ނުޖެހުނަސް، އަހަރެންގެ ޝަކުވާތައް އެއްކޮށް ބޭރު ކޮށްލީމެވެ.
“މަ ނޫޅެން ދެން ތިކަމާ އެއްޗެއް ބުނާކަށް.. އާނ ޒީޝާވެސް ހުންނަ ގޮތަށް އެތާ ހަމަ ވަޒީފާގަ އުޅެވޭނެދޯ؟ އަހަރުމެންގެ ދުލުގަ ހިފާފަ ތާރާއާ ދިމާލަށް ނުބައި ކިޔުއްވަން ތިއުޅެނީ… އެހެން މީހުންވެސް ވަޒީފާއަށްދޭ… ތިހުރިހާ ގޮތް ގޮތެއް ނުވޭ. އެތިބަ އުޅެނީ ހަމަ… މަދެން ނޯންނާނެ ތިކަމާ ބެހޭގޮތުން ތާރާއަށް ދޭނެ އެއްވެސް ނަސޭހަތެއް.” އަހަންނާ ދިމާލަށް ވަރަށް އެއްޗެހި ކިޔުމަށްފަހު ބައްޕަ ގެއިން ނުކުމެގެން ދިޔައީއެވެ.
“ތާރާ! ނުރޮއެ ހުއްޓާލާ… ބައްޕަ އެއުޅެނީ ބައްޕައަށް ވާނުވާ ނޭނގޭތީވެ. ބައްޕައަށް އެނގޭނަމަ ބައްޕަ އެއްޗެސް ކިޔާނީ ތާރާއާ ދިމާލަކަށް ނޫން. ތާރާ! މަންމައަށް ކޮންމެ ފަހަރަކުވެސް ފެނޭ ތާރާއަށް ވާގޮތް. ތާރާ އުޅޭގޮތް އެންމެ ރަނގަޅަށް އެނގޭނީ މަންމައަށް.”
ބައްޕައަށް އެއުޅެނީ ނޭނގިގެން… ތާރާއަށްވެސް ނޭނގޭނެ. އެކަމު މަންމަ ކިޔައިދީފާނަން.. ތާރާއާއި ޒީޝާ ވަޒީފާއަށް އެޕްލައި ކުރަން ދެދުވަހަށް ވެފަ އޮއްވަ ތާރާގެ ބޮޑުދައިތަ މިގެއަށް އައި… އައިސްފަ ބުނީ ތާރާ ގާތު ބުނާށޭ އެވަޒީފާއަށް ކުރިމަތި ނުލާށޭ.. އެވަޒީފާއަށް ކުރިމަތި ލާނީ އޭނާގެ ދަރި ޒީޝާއޭ… ދަރިފުޅާ ތާރާ! އެއީ ދަރިފުޅުގެ ބޮޑުދައިތަ ބޭނުންވި ގޮތް. ތިކަން ނިމިގެން ތިދިޔައީވެސް ހަމަ އޭނަ ބޭނުންވި ގޮތަށް. މިއޮއްހާ ދުވަހު މަންމަ މިހުރީ އެވާހަކަ ސިއްރު ކޮށްގެން. ތާރާގެ ބައްޕަ ތާރާގެ ބޮޑުދައިތަ ދެކެ ވަރަށް ލޯބިވާނެ. އެހެންވެ ބައްޕަ އާއި ބޮޑުދައިތަގެ މެދުގަ މައްސަލައެއް އުފެދިދާނެތީ މިވާހަކަ މަންމަ ބައްޕައަށް ސިއްރު ކުރީ… އަނެއް ކޮޅުން ޒީޝާއާ ތާރާއާ ދެމީހުން މައްސަލަ ޖެހިދާނެތީ މިވާހަކަ މަންމަ ތާރާއަށް ސިއްރު ކޮށްގެން މިއުޅުނީ.. އެއީވެސް މަސްލަހަތަށް ބަލާފަ.. ދަރިފުޅާ! އެހެންވެ ތާރާ ވަޒީފާއަށް ވަންނަން ބޭނުންވެގެން އުޅުނީމަވެސް މަންމަ އެކަމާ އެއްވެސް އިރެއްގަ އަޅާނުލީ. ބައްޕަ ތާރާއާ ދިމާލަށް އެއްޗިހި ކިޔާތީ މިވާހަކަ ލިބުނީވެސް. ދެން އެހެން ގޮތެއް ނެތީމަ”
މަންމަ އަހަންނަށް ކިޔައިދިން ވާހަކަތަކުން އަހަރެން ހައިރާންވިއެވެ. އަޖައިބެއްފަދަ އެވާހަކަތައް އަޑު އެހުމަށްފަހު އެއްވެސް އެއްޗެއް ނުބުނެ އަހަރެން ދިޔައީ ކޮޓަރިއަށެވެ. އެކަނި މައި އެކަނި އެނދުގައި ވިސްނާލަން އަހަންނަށް އިނދެވުނީ ކިހާއިރަކު ކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަންނަށް އެނގޭ ކަމަކީ ކިޔެވި މަރުކަޒުގެ ޓީޗަރުންވެސް ޒީޝާއަށް ހާއްސަ ސަމާލުކަމެއް ދިނީ އޭނާއަށް ސެޓްފިކެޓް ގިނަ ކޮށްދޭން ކަމެވެ. އޭނާ އަށް ދެކޯސް ހެދުމުގެ ފުރުސަތު ދިނެވެ. އެއީ ޒީޝާގެ މައިން ބަފައިންގެ މާގާތް ޓީޗަރެއް ވީމައެވެ.
ކައިރީގައި އޮތް ފޯނު އަތަށް ހެޔޮވަރު ކޮށްލަމުން އަހަރެން ވަރަށް ތަފްސީލުކޮށް މެސެޖެއް ލިޔަން ފެށީމެވެ. ފަސްވަރަކަށް މިނެޓްގެ ވަގުތުކޮޅެއް ތެރޭ އެ މެސެޖް ލިޔުމަށްފަހު އަހަރެން އެނދުގައި ފޯނު ބާއްވާލީމެވެ. އެއަށް ފަހު ފާޚާނާއަށް ވަދެ ފެންވަރާލައިން އައިސް އަނެއްކާވެސް ފޯނު ބަލައިލީމެވެ.
“ސިހުރު ނުވަތަ ހަސަދަ ކަމަށް ބެލެވޭ. ތިޔަފަދަ އިން މުޅި މީހާގެ ހަށިގަނޑަށާ އެކު ތަފާތު ގޮތްތަކެއް ވާނަމަ އެންމެ ރަނގަޅު ގޮތަކީ ކިޔަވައިދޭން ނުދިއުން. އެއީ ގުރްއާން ކިޔަވައިދޭން ކަމުގައި ވިޔަސް އެފަދަ މާތް ކަމެއް ކުރެވޭނީވެސް އިންސާނާގެ ސިއްހަތު ސަލާމަތުން ހުންނަ ނަމައެވެ. އެއީ ގަސްތުގައި ގުރްއާނަށް ފުރަގަސް ދިނުން ކަމުގައި ނުބެލެވޭނެތީ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ތިމާގެ ހަށިގަނޑު އެކަމަކަށް ތައްޔާރުވުން. ނޫނީ އެންމެ ރަނގަޅު ގޮތަކީ އިސްލާމީ ރުގްޔާއެއް ކުރުމަށްފަހު ތިކަމުން ސަލާމަތް ވުމަށްފަހު ވަޒީފާއަށް ނުކުތުން.”
ޝެއިޚްގެ ފަރާތުން އަހަންނަށް ލިބުނު ރިޕްލައިގައި ވެއެވެ.
ޝެއިޚްގެ ރިޕްލައި ކިޔުމަށްފަހު އަހަރެން ނިންމީ، އެފަދަ ބައެއްގެ ސަފުގައި އަހަރެން ހުންނަން ޖެހޭނީ އެންމެ ފަހަތުގައިކަމެވެ. ކޮންމެއަކަސް، އަހަރެންގެ ކިޔެވުމުން އަހަންނަށް މަންފާ ކޮށްފިއެވެ. އަހަރެންގެ އަމިއްލަ ދަރިންނާ އެހެން މީހުންގެ ދަރިންނަށް ގޭގައި ހުރެގެންވެސް އަހަރެން އެހީތެރި ވަމެވެ. ޝެއިޚްގެ ރިޕްލައި ލިބުނު ފަހުން އަހަންނަށް ހިތްހަމަޖެހުން ލިބުނެވެ. ބޮޑުދައިތައޭ ކިޔައިން މަންމަ އެދެއްކި ވާހަކަ ތަކުންވެސް އަހަންނަށް ދަސްވީ ވަރުގަދަ ގަދަފަދަ ފިލާވަޅެކެވެ. އާއިލާގެ މަސްލަހަތައްޓަކާ އެވާހަކަތައް އަދި އަދަށްވެސް އަހަރެންގެ ބައްޕައަށް ނޭނގުނަސްހެވެ. އަހަރެންގެ މުސްތަގްބަލަށް އެޅުނީ ކޮންފަދަ ކަޅު ހިޔަންޏެއްކަމެއް އަދިވެސް އަހަންނަކަށް ނޭނގެއެވެ. އެހެނަސް، އެބަޔަކަށް އަހަރެންގެ ހިތް ވަރަށް ސާފެވެ.
ނިމުނީ
6 Comments!
Comments are closed.







Maashaa Allah mi part vx varah varah reethi…
Shaleen ge aa vhk akah inthizaaru kuran
Thankssssss…
Ufaavejje
Ramazan ge fahun in sha Allah..
Break eh nagaalan jeheytheeve
Luv you 🤟
So the story finished?
Who made black magic for her?
Is it zeeshaa???????????
Very interesting and beautiful
Ya story finished
Black magic hedhikamei ves veegotheivves magic hedhi meehakuves nengey
Ingeyhaaves ehchakee thaaraa ah kommes kamei vaakan.
Thanks ingey you ge comment ah..
btw alhugandhu mi vhk kiyaalaifin ekm comment nukurevuneethi vrh bodah author ge kibain maafah edh shaleen vrh reethi ingeyy mvhk good work mashallah
Thanks gurrrrl
Alhugandah MAA lahun mi reply dhevuneeves. Ehenviyas v bodah shukuriyyaa comment kolleema.
Thanks