މާލޭގެ ފެންވަރު ރަނގަޅު ސްކޫލަކުން ކިޔަވާ ނިންމުމަށްފަހު އަހަރެން ވަނީ ޤުރްއާން ކޯހަކަށެވެ. އެއީ އެއް އަހަރުގެ ކޯހެއްކަމުން އަހަރެން އެކޯސް ނިމެންދެންވެސް މަޑުކުރީ ހަމަ އަހަރެން ކިޔަވަން ހުރި ގޭގައެވެ. އެއީ އަހަރެންނާ އާއިލީ ގޮތުން ގުޅުން އޮންނަ ބައެއް ނޫނަސް ހަމަ އާއިލާގެ ރައްޓެހިންނެވެ. ޒަމާންވީ ގުޅުމެއްގެ ބޮޑުކަމުނާއި އިތުބާރުގެ ގޮތުން އަހަރެން އެގޭގައި މަޑުކޮށްގެން ހުރީ ކިޔެވުން ނިންމާފައި އައިސް ރަށަށް ޚިދުމަތް ކުރުމުގެ ނިޔަތުގައެވެ.
އަހަންނަކީ އެންމެ ފުރަތަމަވެސް ގުރްއާން ކޯސް ހެދުމަށް އަހަރެންގެ ރަށުން އެންމެ ފުރަތަމަވެސް އެޕްލައިކޮށް ކޯސްފެށި ކުއްޖާއޭ ބުންޏަސް މުޅިން ދޮގަކަށް ނުވާނެއެވެ. އެކަމާ އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެއީ އަހަރެން ގްރޭޑް 6 ކުން ފެށިގެން ދެކެމުން އައި ހުވަފެނެއްގާ ކުލަޖެހެމުން ދާތީއެވެ.
އުންމީދުގެ އެތައް ދުވަހަކަށް އިރުއަރާ ނިމެނީ އަހަރެންގެ ހަޔާތަށް ހިތްހަމަޖެހުން ގެނެސްދެމުންނެވެ. ކޮންމެޔަކަސް އަހަރެން ކޯހަށް ދާންފެށިތާ ވާނީ ހަފްތާއެއްހާ ދުވަހެވެ. ދެވަނަ ހަފްތާގައި އަހަރެންގެ ކްލާހަށް މުޅިންއާ ބައިވެރިއެއް އިތުރު ވެއްޖެއެވެ. އެއީ އަހަރެން ބޮޑުދައިތަގެ ދަރިއެވެ. އޭނާ އަހަރުމެން ކްލާހަށް އަންނަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އަހަންނަށް އެއްގޮތަކަށްވެސް ނުލިބުނީ ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ.
ޒީޝާއަކީ އަހަރެންގެ ދައްތައެވެ. ޤާރީ ކޯހުގައި ޒީޝާ އިންނަން ޖެހެނީ އަހަންނާ ތަންކޮޅެއް ދުރުގައެވެ. އަހަންނާއެކު އެކޯސް ފުރިހަމަ ކުރަމުން އައިއިރު ޒީޝާ އައީ އަހަރެންގެ ބޮޑު ބޭބެގެ ގޭގައި މަހުކުއްޔަށް އުޅެމުންނެވެ. ކޮންމެ ދުވަހަކު ގުރުއާނާބެހޭ މަރުކަޒަށް ޒީޝާ ގެންގޮސް ގެނެސް ހަދާނީ އަހަރެންގެ އެއްބަނޑު އެއްބަފާ ކުޑަބެއެވެ.
ކޮންމެ ދުވަހަކުވެސް އަހަންނާއި ޒީޝާ ދެކްލާސް ނަގަން ޖެހެއެވެ. ބައެއް ދުވަސް ދުވަހު ގަޑިތައް ހަމަޖެހިފައި އޮންނަ ގޮތުން ދެކްލާހުގެ ގަޑިއަށް ފުށުއަރައެވެ. އެހެންވެ ބައެއް ދުވަސް ދުވަހު އަހަންނާއި ޒީޝާ އެޑްވާންސް ކޯހަށް ވަންނަން ޖެހެނީ ޤާރީ ކްލާހުގެ ކިޔެވުން އެއްކޮށް ނުނިންމައެވެ. އެހެނަސް އެގޮތުގައި އަހަރެމެން ދެކްލާހަށް ކިޔަވަން ދިއުން ވެގެންދިޔައީ ކްލާސް އެހެން ކުދިންގެ މެދުގައި އުފެދުނު ފިތުނައެއް ކަމަށެވެ. އެހެންވެ އެމައްސަލަ އިންތިހާއަށް ބޮޑުވެ، ތިން ވަނައަށް ވީ ހަފްތާގައި ކޮންމެހެންވެސް މައްސަ ހައްލުކުރަން ޖެހުނެވެ.
އެގޮތުން ދުވަހެކެވެ. އަހަރެން މަރުކަޒަށް ވަދެގެން ދިޔައިރު ސްޓާފް ރޫމް ކުރިމަތީގައި ތިއްބެވީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އިސް މުޝީރުގެ އިތުރުން މަރުކަޒުގެ ދެ ސުޕަވައިޒަރުންނާއި އިތުރު ޓީޗަރެކެވެ. އަހަރެން ފެނުމާއިއެކު އެތަނުން ޓީޗަރަކު އަތުގެ އިޝާރާތުން އަހަންނަށް ގޮވާލެއްވިއެވެ. ވަގުތުން އަހަރެންގެ އަތްފައި ތުރުތުރު އަޅަން ފެއްޓިއެވެ. އެހެނަސް އަހަރެން އެތަނުގައި މަޑުކޮށްލީ އެބޭފުޅުންނަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ.
އެބޭފުޅުން އަހަންނާ ވާހަކަ ދައްކަމުން ގެންދެވިއެވެ. މަޝްވަރާ ކުރަމުން ދިޔައީ އަހަރެން ހަދަމުން ދިޔަ ދެކޯހުގެ ތެރެއިން ކޮންމެސް އެއް ކޯހެއް ނެގުމާއި ދޭތެރޭ އިޚްތިޔާރީ ޖަވާބަކަށް އެދިގެންނެވެ. ކޮންމެއަކަސް، އަހަރެންގެ ބެލެނިވެރިންގެ ޣައިރު ހާޒިރުގައި އަހަންނަށް އެންގީ ވަގުތުން ޖަވާބެއް ދިނުމަށެވެ. އެހެނަސް އަހަރެން ވިސްނާލުމަށްފަހު އެބޭފުޅުންނާ ސުވާލު ކޮށްލީމެވެ
“އަޅުގަނޑާއި ޒީޝާ ދެކޯސް އެއްފަހަރާ ފުރިހަމަ ކުރަމުންދާއިރު ކީއްވެތޯ ހަމައެކަނި އަޅުގަނޑު އެއް ކޯސް އިޚްތިޔާރު ކުރަންވީ؟ އަހަރެން ސުވާލު ކޮށްލީމެވެ.
“އެއީ ތާރާ ތިހުރީ ޖީ.ސީ.އީގަ ހަތަރު މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވެފަ. އެހެންވެ ކޯހަށް ޝަރުތެއް ހަމަވޭ ތާރާގެ. އެކަމު ޒީޝާއަށް އެވަރުވެސް ނުވޭ.. އެހެންވީމަ ތާރާ ހަދަން ޖެހޭނީ ގަވައިދުގަ އިންނަ ގޮތުން ކޮންމެސް އެއްކޯހެއް. ދެން ޒީޝާއަށް އެޑްވާންސް ކޮންމެހެންވެސް ފުރިހަމަ ކުރެވޭނީ ޤާރީކޯސް ހަދައިގެން. އޭރުން ޒީޝާގެ ޝަރުތު ހަމަވާނީ. ޒީޝާއަށް އެއްފަހަރާ ދެކޯސް ހެދިދާނެ. އެކަމު ތާރާ ޖެހޭނީ އެކަތި ހަދަން. އެހެންވީމަ ތާރާ ބޭނުންވަނީ ކޮން ގޮތެއް؟”
“އަޅުގަނޑަށް އެންމެ ފައިދާވާނެ އެންމެ މޮޅުގޮތެއް ބުނެދެއްވާ. އަޅުގަނޑު ބޭނުމީ އެގޮތެއް.” އަހަރެން ބުނެލީމެވެ.
ކޮންމެޔަކަސް އެބޭފުޅުންގެ މަޝްވަރާގެ މަތިން އަހަރެން ޤާރީ ކޯސް ދޫކޮށްލީ އެޑްވާންސް ކޯސް ފުރިހަމަ ކުރުމަށެވެ. އެހެންވެ އޭގެފަހުން އަހަރެން ކިޔަވަން ޖެހުނީ އެންމެ ކޯހެކެވެ.
އެގޮތުގައި ދުވަސްތައް ވޭތުވަމުން ގޮސް ފުރަތަމަ ސެމިސްޓާގެ ޓެސްޓް ނަގާ ނިމިއްޖެއެވެ. އެވްރެޖްކޮށް އަހަންނާ ޒީޝާވެސް ވީ ދާދި އެއްވަރެކެވެ. ނުބަލާ ކިޔެވުމުގެ ބައިން އަހަރެން ކިރިޔާ ފާސްވިކަމެވެ. އެއީ އަހަންނަށް ހިތުދަސް ކުރުމިގައި އުނދަގޫ ކަމެއް ހުންނާތީއެވެ. އެންމެ ބޮޑަށް އަހަރެން ދަށްވީ ތަޖުވީދުގެ ބަޔަށެވެ. އެއިން އަހަރެން ފާސްވެސް ނުވިއެވެ. އެޔާ ޚިލާފަށް ޒީޝާ ފާސްނުވީ ސައިކޮލޯޖީ މާއްދާއިންނެވެ. ތަޖްވީދުގެ ބައިން އޭނާ ފާސްވިއެވެ.
އެހެންވެ އަހަންނާ ޒީޝާއަށް ޖެހުނީ ދަށްވި ޓެސްޓް ތަކުން އަލުން ރިޓެސްޓު ހަދާށެވެ.
ރިޓެސްޓު ހެދުމުގެ ވަގުތު ޖެހެން ކުޑަތަން ވަމުން އަންނާތީ ޒީޝާ އެއްދުވަހު އަހަރެންގެ ގެއަށް އައެވެ. އެއީ ޒީޝާ ސައިކޮލޮޖީ އިން ފާސްވާން ބޭނުންވާތީ އަހަރެންގެ އެހީއާއެކު އިތުރަށް ކިޔެވުމަށް މަސައްކަތް ކުރަންނެވެ. އެހެން ހެދީ ޓީޗަރވެސް އެގޮތަށް ބުނެފައިވާތީވެ. ޓީޗަރުގެ އެހީ ބޭނުންވެ ޓީޗަރ ނުހުންނަ ހާލަތެއްގައި ނަމަ އަހަރެން ގާތުން ފިލާވަޅަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ބުނެފައިވާތީއެވެ. އެހެންވެ، އެދުވަހު އަހަރެން ޒީޝާއަށް ވަރަށް ގިނަ ފިލާވަޅުތައް ބުނެދިނީމެވެ.
ދެން އޮތީ އަހަރެންގެ ރިޓެސްޓެވެ. އިންތިހާއަށް ތަޖްވީދު ދަސްކުރަން ޖެހެއެވެ. ކޮންމެހެންވެސް ރިޓެސްޓުން ފާސްވާން އަހަރެން މަސައްކަތް ކުރަން ޖެހެއެވެ. އަހަރެންގެ ރިޓެސްޓް ނެގުމުގެ ދެދުވަސް ކުރިން އަހަންނަށް އެހީތެރި ވުމަށް ޒީޝާގާތު ބުނެލީމެވެ. އެއީ އަހަރެންގެ ދައްތައަކަށް ވާތީއާވެސް އެކުގައެވެ. ކްލާހުގެ އެހެން ކުއްޖަކު އަޅާނުލިޔަސް ހަމަ ގައިމުވެސް ޒީޝާ އަހަންނަށް އެހީތެރިވާނެ ކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ.
“ޒީޝާ! އަޅެ އެވަރަށް ބުނީމަ ވެސް ހުކުރު، ހޮނިހިރުގަ ކީއްވެތަ ނައީ؟ އަހަރެން ކިޔާކިޔާވެސް ތަޖްވީދު ފިލާވަޅުތައް ދަސްކުރަން ވަރަށް އުނދަގޫ. ބޭނުންވި ވަރަށް ދަހެއް ނުވި. މާދަމާ އެއީ ޓެސްޓް ނަގާ ދުވަސް. އެންމެ ކުރިން ސުވާލު ކުރާނީވެސް އަހަންނާ. މާދަމާ އަޅެ ކުލާސް ފެށުމުގެ ތިރީސް މިނެޓް ކުރިން ވިޔަސް ހިނގާބާ މަރުކަޒަށް ދާން. އަޅެ އަހަރެން ބޭނުން ޒީޝާގެ އެހީތެރިކަން.” ހޮނިހިރު ދުވަހުގެ ރޭ ޒީޝާއަށް ގުޅައިން ހުރެ އަހަރެން ވާހަކަ ދެއްކީމެވެ.
“އެހާ ހެނދުނާ؟ ނޭނގެ މަރުކަޒަށް ގެންދާނެ މީހަކުވެސް އެގަޑީގަ ހުންނާނެކަމެއް.. ދެވޭތޯ ބަލާނަން. ދެން ތާރާ ދޭ ގަޑިއިރެއް ކުރިން. އަދި އަހަރެން އެބައޮތް ވާހަކައެއްވެސް ބުނަންވެފަ.” ޒީޝާ އަހަންނަށް ދިނީ އުންމީދެއް ކަމެއް ނާއުންމީދެއް ކަމެއް ބުނާކަށް އަހަންނަކަށް ނޭނގުނެވެ.
“އަހަރެންގެ ކުޑަބެ ދޯ ކޮންމެ ދުވަހަކު ޒީޝާގެ ތިހުރިހާ ދަތުރެއް ކޮށްދެނީ؟ އަހަންނަށް ހީވަނީ އަހަންނަށް އެހީވާން، ފިލާވަޅު ބުނެދޭންނޭ ބުނިއްޔާ ކުޑަބެ އެކަން ކޮށްދޭނެހެން.” ކާމިޔާބަށް ވާސިލް ވެވިދާނެ މަގެއް ދައްކަމުން އަހަރެން ބުނެލީމެވެ.
އަނެއް ދުވަހު އަހަރެން ވަރަށް ފަތިހު ހޭލައިން މަރުކަޒަށް ދިޔައިމެވެ. ވަރަށް ފޮނި އުންމީދާ އެކުގައެވެ. އަހަރެން ދިޔަގޮތަށް ޒީޝާ އަންނަންދެން މަޑުކޮށްގެން އިނީމެވެ. އެވަގުތުވެސް ކޮންމެސް ވަރަކަށް އަމިއްލައަށް ފިލާވަޅުތައް ކިޔާލާ ހެދީމެވެ. ގަޑިން ވާވަރު އަހަންނަށް ބެލެނީ އިރުއިރުކޮޅާއެވެ. ސާޅީސް ފަސް މިނެޓް އަހަރެން އެތާ މަޑުކުރީ ޒީޝާގެ އިންތިޒާރުގަ އެކަނިމައި އެކަންޏެވެ. ޒީޝާގެ އެއްވެސް ޚަބަރެއް ނުވުމުން އަހަރެން މުޅިން ފޫހި ވާގޮތްވިއެވެ. ފާސް ނުވެދާނެހެން ހީވާން ފެށިއެވެ.
އެހެން އިންދާ އެންމެ ފުރަތަމަވެސް ކްލާހުން އަހަންނާ ބައްދަލުވީ އެހެން ކުއްޖެކެވެ. އަހަރެން މާއަވަހަށް ކްލާހަށް އައިސް އިން ބޭނުން ކިޔައިދިނީ އެކުއްޖާ ސުވާލު ކުރުމުންނެވެ. ޒީޝާގެ ފަރާތުން އަހަންނަށް ފައިދާއެއް ވާނެކަމުގެ އުންމީދުގައި ވަގުތުތައް ގުނި ވާހަކަ އަހަރެން ބުނެލީމެވެ.
ޓެސްޓް ފެށުމުގެ ފަނަރަ މިނެޓް ކުރިން އެކުއްޖާ އަހަންނަށް އެހީތެރިވިއެވެ. އަހަންނަށް އެންމެ އުނދަގޫ ފިލާވަޅުތައް އަހަންނަށް ފަހުމް ކޮށްދެވޭތޯ ބެލިއެވެ. އެކަމަކު އެއިން އަހަންނަށް ކުރާނީ ކޮން ފައިދާއެއްހެއްޔެވެ؟ އަހަރެންގެ ސިކުނޑިއަށް ހީވީ ކުއްލިޔަކަށް ބަރުވިހެންނެވެ. އެހެނަސް، އެކުއްޖާގެ އެހީތެރިކަން އަހަރެން އަބަދުވެސް ބަލައިގަންނާނަމެވެ. އެއީ އަހަންނަށް ކުޑަ ނަމަވެސް އެހީތެރިވި ކުއްޖާ ވީމައެވެ.
ޓެސްޓް ނިމުމާއެކު ޒީޝާ އަހަންނަށް ގޮވާލިއެވެ. އެހެން ނަމަވެސް އަހަރެންގެ ޓެސްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ. އަހަރެން ހީކުރީ ޒީޝާ އުޅެނީ އަހަރެންގެ ޓެސްޓާ ބެހޭގޮތުން ސުވާލު ކުރަން ކަމަށެވެެ.
“ތާރާ! އަހަރެން މިއުޅެނީ ތާރާ އެންމެ ލޯބިވާ ކުއްޖާއާ ރައްޓެހިވާން. އޭނަ ބުނެގެން… އެކަމު އަހަންނަށް އިނގޭ ތާރާ ވަރަށް ދެރަވާނެ ކަން. އެހެންވީމަ، އަހަރެން ކިހިނެއް ހަދަންވީ؟ ތާރާ ބުނާ ގޮތެއް އަހަރެން ހަދާނީ!” ޒީޝާ އަހަންނާ ސުވާލު ކުރުމުން އަހަރެން ހުރީ އަނގަ ހުޅުވިފައެވެ.
“ޒީޝާ!… ތިބުނީ ތެދެއް. އަހަރެން ލޯބިވަނީ ޒައިޝްދެކެ. އެކަމު ޒައިޝް އަހަރެން ދެކެ ލޯބި ނުވާކަން އަހަންނަށް އިނގޭ.. ތީގަ އަހަރެން ބުނާނީ ކީކޭ؟ އަހަރެން ބުންޏޭ ކިޔާފަ ޒީޝާ ތިކަން ހުއްޓާކަށް ނުޖެހޭނެ.. އަދި އަހަރެން ބުންޏޭ ކިޔާފަ ޒީޝާ ތިކަން ކުރާކަށްވެސް ނުޖެހޭނެ… ޒައިޝް ލޯބިވާ ކޮންމެ މީހަކު ޒައިޝްއާ ގުޅެންޖެހޭނީ އަހަރެންގެ ހުއްދަ ހޯދާފައެއްވެސް ނޫން. އަހަންނަކީ ކާކު؟ ޒީޝާ ދެން ޒައިޝްއާ ގުޅުނިއްޔާ ހަނދާން ކުރާތި… ޒައިޝްއަށް ދެރަގޮތެއް ނުހަދާން.” އެހެން ބުނަމުން އަހަރެން ހިނގައިގަތީމެވެ.
ރިޓެސްޓުގެ ނަތީޖާ ލިބުނެވެ. އަހަރެން ފާސްވީ ކިރިޔާއެވެ. އެވަރުވެސް ވީތީ އަހަރެން ޝުކުރުވެރި ވީމެވެ. އެއީ އަހަރެންގެ ފެންވަރުކަން އަހަރެން އަމިއްލައަށް ގަބޫލުކުރަމެވެ. ޒީޝާ އަހަންނަށް ކޮންމެސް ވަރެއް ކޮށްދިންނަމަ މިއަށްވުރެ ރަނގަޅު ނަތީޖާއެއް އަހަންނަށް ލިބުނީސްކާން ޔަގީނެވެ. އަހަރެންގެ ބައްޕަ ހުންނާނީވެސް އެ އުންމީދުގައެވެ. ޒީޝާ އާއި އަހަރެން ކިޔަވައިން ކުރިޔަށްދާނީ ވަރަށް އެކުއެކީގައި ކަމަށް ހަމަ ގައިމު އަހަރެންގެ ބައްޕަ ވިސްނާނެކަން އަހަންނަށް އެނގެއެވެ.
ޓެސްޓްގެ ނަތީޖާ އަހަރެންގެ އަތަށް ލިބުނު ދުވަހަކީ އަހަރެން އިންތިހާއަށް ދެރަވީ ދުވަހެކެވެ. ދެރަވީ ވަރުން އަހަރެންގެ ހިތުގައި ވަގުތުން ޢަޒުމެއް ކަނޑައެޅީމެވެ. ދުވަހަކުވެސް އާދޭސް ކޮށްގެން މީހުންގެ ޢިލްމު ގަދަ ކަމުން ހޯދަން އަހަރެން ބޭނުމެއް ނޫނެވެ. ޒީޝާ ގާތުން އެކަންޏެއް ނޫނެވެ. ޢިލްމުގައި ގާބިލް ކޮންމެ މީހަކީ އެޢިލްމު ޞަދަޤާތް ކުރާނެ މީހެއް ނޫންކަން އަހަންނަށް ދަސްވީ ޒީޝާގެ ފަރާތުންނެވެ. އެއީ އަހަންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ފިލާވަޅެވެ.
ދެވަނަ ސެމިސްޓާ ފެށުމާއެކު ދުވަސްތައް ފާއިތުވަމުން ދާންފެށިއެވެ. އަހަންނާއި ޒީޝާ އިންނަނީ އެންމެ ކުރީ ސަފުގެ އެއް މޭޒުގައި ޖެހިޖެހި ގެންނެވެ. އަހަންނާ ޒީޝާއަކީ ދެބެއިންގެ ދެދަރިންކަން ކްލާސް ހުރިހާ ކުދިންނަށްވެސް އެނގެއެވެ. އެކަން ފެންނާނީ ކުދިންގެ ލޮލަށެވެ. ޒީޝާއަކީ އަހަރެންގެ ދައްތަކަން އަހަރެންގެ ހިތަށް ފެނެއެވެ. އަހަރެން ކޮންމެ ވަގުތަކު ޒީޝާއަށް އެހީތެރި ވަމުން އައީ އަހަރެންގެ ހިތުން އެކަން ގަބޫލު ކުރާތީއެވެ. އެހެނަސް ޒީޝާގެ ހިތަށް އަހަންނަކީ ކާކުކަން ފެނޭހެއްޔެވެ؟
ދުވަސްތައް ވޭތުވަމުން ދާން ފަށައިފިއެވެ. ކްލާހުގައި ކިޔަވައިދޭ ކޮންމެ ފިލާވަޅެއް އަހަރެން ކަނުލާ އަޑުއަހަމުން ދިޔައިމެވެ. އަހަރެންގެ ފަރާތުން ފެންނަންފެށި އާދަޔާ ޚިލާފު ބަދަލުތައް ކޮންމެ ކުއްޖަކުވެސް ދިޔައީ ފާހަގަ ކުރަމުންނެވެ. އަހަރެންގެ ހަމަހިމޭން ކަމެވެ. ޝައުގުވެރިކަމާއެކު ފިލާވަޅުތައް ހަދާ ފިލާވަޅުތައް ދަސްކުރަމުން ދިޔަކަން ކުދިންނާއި ޓީޗަރުން ދިޔައީ ބަލައިގަންނަމުންނެވެ.
އެފަދައިން ދުވަހެކެވެ. ދެވަނަ ސެމިސްޓާގެ ޓެސްޓު ނަގަން ހާފްތާއަކަށްވިއެވެ. އެ ހަފްތާގައި ކުރިޔަށް ދިޔައީ ރިވިޝަންގެ ބައެވެ. އަހަރެން ގަވައިދުން ކްލާހަށް ދިޔައިމެވެ. ފުރަތަމަ ސެމިސްޓާއާ ހިލާފަށް އަހަރެންގެ މޫނު މަތިން ކޮންމެ ދުވަހަކުވެސް ތާޒާކަން ފެންނާނެއެވެ. ޒީޝާގެ އިތުރުން އެހެން ކުދިންވެސް އެކަން ފާހަގަކޮށް އެވާހަކަ ދައްކައެވެ. ބަދަލުގައި އަހަރެން ހިނިތުން ވެލަމުން އެކަން ނިންމާލަނީ ބޭކާރު ވާހަކައެއް ނުދައްކައެވެ.
“މިއަދު ކޮންމެ ކުއްޖަކާވެސް ވަކިވަކިން ސުވާލު ކުރާނަން. ހާޒިރީ ތަރުތީބުން.. އެންމެ ފުރަތަމަ ތާރާ.. އަވަހަށް އެކޮޅު ގޮނޑީގަ އިށީންދެލާ” މުދައްރިސް އެހެން ބުނުމުން އަހަރެންގޮސް އެގޮނޑީގައި އިށީނީމެވެ. ވަރަށް އުންމީދާ އިތުބާރާ އެކުގައެވެ
ފަހަރަކު ސުވާލެއް އަހަންނާ ކުރަމުން ދިޔަވަރަކަށް އަހަރެން ދިޔައީ ކޮންމެ ސުވާލަކަށްވެސް ކެނޑިނޭޅި ޖަވާބު ދެމުންނެވެ. އަހަރެންގެ ދެފަރާތުގެ ގޮނޑިތަކުގައި އިށީންދެތިބި އަހަރެންގެ ކްލާސް ކުދިން އަހަންނަށް ބަލަމުން ދިޔައީ އިންތިހާ ދަރަޖައަށް ހައިރާންވެ ތިބެއެވެ.
އަހަރެން ކޮންމެ ފަހަރަކު ޖަވާބު ދިނުމުން އެކުދިންގެ ލޯތައް ބޮޑުވާތަން އަހަންނަށް ފެނެއެވެ. ބައެއް ކުދިންގެ އަނގަ ހުޅުވެއެވެ. އެކަންކަން އަހަންނަށް ނުފެންނަ ކަމަށް ހަދަމުން އަހަރެންގެ
ޖަވާބުތައް ނިންމީމެވެ.
“ތާރާ! ކިހިނެއް ތިހެދީ؟ … އަހަރުމެން މުޅިން ހައިރާންވެއްޖެ. މިދިޔަ ސެމިސްޓާގަ ފާހެއްވެސް ނުވޭނު… އެކަމު މިއަދު ހީވަނީ މުޅި ފޮތް އެއްކޮށް ހިތުދަސް ކޮށްފަހެން. ސަރ ވެސް އިނީ ވަރަށް ހައިރާންވެފަ. އަދި އެހާ އުފާވެސްވެފަ. އެކަމު، ކިހިނެތް؟؟ އަހަންނަށް ނޭނގޭ ފިލާވަޅު ތައްވެސް ތާރާއަށް އެނގޭ.” ޒީޝާ އަހަންނާ ވާހަކަ ވާހަކަދެއްކީ ކްލާހުގެ ބައެއް ކުދިންގެ ކުރިމަތީގައެވެ.
“ތާރާ! ތެދެއް… އަހަރުމެންނަށް ނޭނގޭ ފިލާވަޅުވެސް އެބަހުރި.. މާދަމާ ތަންކޮޅެއް ކުރިން ކްލާހަށް އައިސްފަ ވީއެއްނު ބޯޑުގަ ލިޔެގެން ކިޔައިދޭން.” ހައިރާންވެފައި ހުރި ޔަޝްފާ އަހަރެން ގާތު ބުނެލީ ޖެއްސުމުގެ ރާގަކަށެވެ.
“އެހެން ކުދިންހެން އަހަރެންވެސް ހަމަ ދަސްކުރީ.. އޯކޭ.. މާދަން ބޯޑުގަ ކިޔަވައިދޭ ނަން.” ފޮނިކަމެއް ނުދައްކާ އަހަރެން މަޑުމަޑުން ހުރެ ބުނެލީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Maashaa Allah mi part vx varah varah reethi…
Zeeshaa haadha foni bodey…..
Whn next?
Thanks Nawar
Next part maadhamaa nooni mirey in sha Allah.
Oh shaleen you’ve started a new story!!!
Very nice and interesting
Lots of love from me shaleen gad!!!
Thanks my dear..
Ufaavejje anekkaa mi storyge comment section in dhimaaveema.
Ummeedhu kuran mi vhk ves reethi vaane kamah
V reethi
Zeesha ulhey gothei dho?
When next part
Waiting
Thanks dear
Inthizaaru kollaa
V avahah kiyaalan libeyne
heyy shaleen vrh reethi inge when next part
Hi 😊
Thanks thanks 🙏
Dhaadhi avahah libidhaane hehe
.