Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުން

ހިޔަނި 2

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 14, 2024 6 Mins Read
4 Comments

އަނެއް ދުވަހު އަހަރެން ކްލާހަށް އައުމަށްފަހު އެކުއްޖަކު ބުނި ފިލާވަޅަކުން އެކުއްޖަކަށް ކިޔަވައި ދިނީމެވެ. އަހަރެން ކިޔަވައިދިނުމުގައި ގެންގުޅުނު އުކުޅު ފެނިފައި އެކުދިން ހައިރާންވިއެވެ.
ތަޖްވީދުގެ ކޮންމެ ފިލާވަޅެއްވެސް އަހަރެން ބޯޑުގައި ކިޔައިދިނީ ކުރަހައިންނެވެ. އެތައް ގޮތަކަށް ނޫނީ ތަފާތު ވައްތަރުގެ ގޮތްގޮތަށް އަހަރެން ކުރަހަމުން ދިޔަ ފިލާވަޅުތަކުން އެކުދިން ތިބީ ހައިރާން ވެފައެވެ. އެއީ ތަޖްވީދު ދަސްކުރަން އަހަރެން ގެންގުޅުނު އުކުޅެވެ.

ހަގީގަތުގައި ތަޖްވީދަކީ އަހަންނަށް އެންމެ އުނދަގޫ އެކައްޗެވެ. ޒީޝާގެ ސަބަބުން އަހަރެންގެ ހިތުގައި އުފެދުނު އަޒުމް އަހަރެން ވަރުގަދަކުރީ އަމިއްލައަށެވެ. ކޮންމެ ދުވަހެއްގެ ހަވީރު 4 ޖަހާއިރު އަހަރެން ކިޔަވަން ހުރިގޭގެ ބަދިގެ ތެރޭގައި ވަގުތު ހޭދަކުރަމެވެ. ކައްކާ ކައި ތަށިތައް ދޮވެ ހަދަމުން އަހަރެން މެންދަމުން އަލިވެ 12 ޖަހަންދެން ކިޔެވުމުގައި ހޭދަކުރީ ބަދިގޭގައެވެ. ތަޖްވީދު ދަސްކުރުމަށެވެ. ފަހު ސެމިސްޓާއިން ފާސްވުމުގެ ޖޯޝުގައެވެ.

އެގޮތުގައި އަހަރެން މަސައްކަތް ކުރީ އުންމީދާއި އެކުގައެވެ. އެހެންވެ އަހަންނަށް ﷲ ގެ ހެޔޮ ރަހުމަތުން އެކަން ވީއެވެ. އަހަންނަކީ ފަހު ސެމިސްޓާގައި ތަޖްވީދާއި ސައިކޮލޮޖީ އިން މުޅި ކުލާހުން 1 ވަނައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ގިނަ މާއްދާ ތަކުންވެސް އަހަރެން ހައި ޑިސްޓިންކްޝަން ހޯދީމެވެ. އަހަރެންގެ ނަތީޖާގެ ސަބަބުން އަހަންނާ ދޭތެރޭ ޒީޝާ ދެކެމުން އައިގޮތް އަހަންނަކަށް ނޭނގެއެވެ.

ކިޔެވުން ނިންމާ އަހަރެމެން ރަށަށް ބަދަލުވީމެވެ. ރަށަށް އައުމުގެ ކުރިން ޒީޝާ އާއި އަހަރެންގެ ސެޓްފިކެޓް އެޕްރޫވް ކުރީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ދެމީހުން ގޮހެވެ. އެކުއެކީގައި ދެމީހުންވެސް ވިސްނީ ރަށު ސްކޫލްގެ ވަޒީފާއަށް އެޕްލައި ކުރުމަށެވެ. އެހެންވެ އެކަމަށް ބޭނުންވާ މައުލޫމާތުތައް ހޯދަން އަހަރެންވެސް މަސައްކަތް ކުރީމެވެ.

އަހަރެން ސްކޫލު ޓީޗަރަކަށް ވާން އުޅުމުން މަންމަގެ ފަރާތުން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ. މަންމަ އަހަންނަށް އެއްވަސް ވަރަކަށް އެއްބާރުލުން ނުދޭކަން އަހަންނަށް އިހްސާސްވިއެވެ. އެހެން ނަމަވެސް ސްކޫލުގައި ކިޔަވައި ދިނުމަކީ އަހަރެންގެ އެންމެ ފޮނި އުންމީދުކަމުން އަހަރެން އެކަމަށް ކުރިމަތިލީމެވެ.

ހަފްތާއެއް ފަހެވެ. އަތޮޅު އޮފީހުން އަހަންނަށް ގުޅީ ވަޒީފާ ހަމަ ނުޖެހޭކަން އެންގުމަށެވެ. އެވަޒީފާ ހަމަޖެހިފައިވަނީ ޒީޝާއަށްކަން އަހަންނަށް އެންގީވެސް އެއޮފީހުންނެވެ. އެދުވަހު އަހަރެން ވަރަށް ދެރަވިއެވެ. އެއީ އަހަރެން އެހާ އުންމީދު ކުރަމުން ދިޔަ ކަމެއް އަހަންނަށް ހާސިލް ނުވުމުންނެވެ. އެކަން އެނގުމުން އަހަރެންގެ މަންމަ ދެރަވިޔަސް އެކަމާ ހިތާމައެއް ނުކުރެއެވެ. އަދި އަހަންނަށް ވަޒީފާ ނުލިބުމުގައި އަވަސް އަރުވާލައިންވެސް ނޫޅެއެވެ.

އެހިސާބުން މުޅި ރަށަށް ފެތުރުނީ އަހަންނަށް ވަޒީފާ ނުލިބި ޒީޝާއަށް ވަޒީފާ ލިބުނު ވާހަކައެވެ. އަހަންނަށްވެސް އެކަމާ ގުޅޭ ގޮތުން އެކިކަހަލަ އަޑުތައް އިވެމުން ދިޔައެވެ. އެކަމަކު އެއީ އަހަންނަށް އަޑު އަހާލަން ފަސޭހަ ވާހަކަ އަކަސް ޒީޝާ އާއި އޭނާގެ އާއިލާއަށް ހިތްހަމަ ނުޖެހުން ގެނެސްދިން ވާހަކަ ތަކެކެވެ. “ތާރާ އެންމެ މާކްސް އެއްގެ ތަފާތުން މަތި ޒީޝާއަށްވުރެ.” މިއީވެސް ރަށުގައި ދެކެވުނު ވާހަކައެކެވެ. “ކީއްވެ ޒީޝާއަށް އެވަޒީފާ ލިބެންވީ؟ ތާރާއަށް މަތިން މާކްސް ލިބުނީވެސް.” މިކަހަލަ އެކި ވާހަކައެވެ.

ޒީޝާއަށް ވަޒީފާ ހަމަޖެހުނު މައްސަލައިގައި އަހަރެންގެ ގެއާއި އިންވެގެން ހުރި ހޮޓަލަށް ސައި ބޯން އަންނަ ފިރިހެން ވެރިންވެސް ހިތްހަމަ ނުޖެހިގެން އެތައް ޒުވާބެއް ކުރިއެވެ. އަހަރެން ގޭގެ ބޮޑު ދޮރުން ބޭރު ބަލާލަނީވެސް ގިނަ ފަހަރަށް އެމީހުންގެ މެދުގައި އެމައްސަލަ ހޫނު ވެގެންނެވެ. އެކަން އަހަންނާއި އަހަރެންގެ މައިން ބަފައިންނަށް އެނގެއެވެ. އެހެން ނަމަވެސް އަހަރެންގެ ބައްޕަ އެކަމާ މާބޮޑަށް އަޅައެއް ނުލައެވެ. މަންމަ އަދި އަމުދުން އެކަމާ ބެހޭގޮތުން ހިތްހަމަ ނުޖެހިގެން ކުޑަވެސް ބަހެއް ނުބުނެއެވެ.

ކޮންމެޔަކަސް އަހަރެން އެވަޒީފާ އެވަރުން ހޯދާކަށް ފަހުން އެއްވެސް މަސައްކަތެއް ނުކުރަމެވެ. ވިސްނުމުގެ ތެރޭގައި ގޭދޮރުމަތީ ހުރި ޖޯލިފަތީގައި ހަމަޖެހިލައިން އޮށޯއްވެލައިން އޮވެލީމެވެ. އިރުކޮޅެއްތެރޭ އަހަރެން ގާތަށް އައިސް ހުއްޓިލީ ގެކައިރީގައި ދިރިއުޅޭ ފިރިހެނެކެވެ.

“އޭތް… ގުރުއާން ޓީޗަރެއްގެ ވަޒީފާ ދީފިއްޔާ މިމަގުގަ އެހުރި ގުރްއާން ކްލާހަށް ކިޔަވައިދޭން ދާނަންތަ؟ ބޭނުންވަންޏާ މިރޭ 8:00 އިރަށް ގޮސްލާ ޒުބެއްތައާ ބައްދަލުކޮށްލަން.” އެމީހާ އަހަރެން ކައިރި ބުނެލިއެވެ.

އަހަރެން އެ އުފާވެރި ޚަބަރާއެކު އެރޭ ޒުބެއްތަމެން ގެއަށް ދިޔައީމެވެ. ވަގުތުން ޒުބެއްތަ އަހަންނަށް ވަޒީފާ ހަމަޖައްސައިދިނެވެ. ހަމައެކަނި ޓީޗަރެއްގެ ވަޒީފާއެއް ނޫނެވެ. އޭގެ އިތުރުން އިދާރީ ބައިގެ ހުރިހާ މަސްއޫލިއްޔަތެއްގެ ޒިންމާ ނަގަން ޖެހުނީ އަހަންނަށެވެ. އަހަރެން އެކަންކަން ކުރެވޭނެ ކަމަށް އެއްބަސް ވަމުން އެވަޒީފާ ގައި ކުރިޔަށްދާން ނިންމީމެވެ.

ވަޒީފާއަށް އަހަރެން ނުކުތް ދުވަހަކީ ޒުބައިދާ އެތަނުގެ ދެ ޓީޗަރުން ވަކިކުރި ދުވަހެވެ. އެއީ އެއްވެސް ކޯހެއް ނުހަދާ ހުރި އަންހެން ކުއްޖެއްގެ އިތުރުން އިދާރީ ބަޔާ ހަވާލުވެގެން ހުރި ފިރިހެނެކެވެ. ހަގީގަތުގައި އަހަރެން ވަރަށް ދެރަވިއެވެ. އަހަރެން އެތަނަށް ވަޒީފާ އަދާކުރަން ވަނަސް، އަހަރެން ކުރިމަތީގައި އެދެމީހުން ކަނޑާލާފައި ފޮނުވާލައިން ނުވާނެ ނޫންހެއްޔެވެ؟ އަހަރެންގެ ނަމުގަ އެދެމީހުންގެ ވަޒީފާ ހަމަ ޖެހުނީތީ އަހަރެން އުފަލެއް ނުވިއެވެ. ކެނޑިގެން ދިޔަ މީހުން ކުރިމަތީ ކިބުރުވެރިއެއް ނުވަމެވެ. ބަދަލުގައި އަހަރެން ވީ ދެރައެވެ. އެއީ އެމީހުން އަހަންނާ ދޭތެރޭ ނަފްރަތު އުފެދޭނެތީއެވެ. ހަމައެކަނި އެއެއް ނޫނެވެ. އެމީހުންގެ އާއިލާ ތަކުންވެސް އަހަންނާ ދޭތެރޭ ހަސަދަވެރި ވެދާނެއޭ އަހަރެން ހިތަށް އަރައެވެ.

ކަން ވީވެސް އަހަރެން ހީކުރި ގޮތަށެވެ. ކްލާހުގައި ކިޔަވައިދޭން އުޅުމަށް ފަހު އެއްދުވަހު އަހަރެން ބްރޭކަށް އައީމެވެ. ގެޔަށް އައި އިރު ގޭގައި އަހަރެން މަންމަގެ އެންމެ ބޮޑު އަންހެން ދަރި އިނެވެ. އޭނާ އުޅެނީ އެހެން ގެއެއްގައެވެ. ދޭތެރެއަކުން މަންމަ ގާތަށް އަންނާތީ އެދުވަހުވެސް އައިސްލީއެވެ.

“މަ ހުރީ ގޭގައޭ މަންމާ…. މަށަށް… އަހަރުމެން ގެޔަށް ރަނގަޅަށް އަޑު އިވުނޭ އެމީހުން ކީއެއްޗިހި..” ދައްތަ ބުނެލިއެވެ.

“ކޮން ވާހަކައެއްތަ؟ ކާކު ކީކޭ ކިޔައިގެން ތިއުޅެނީ؟ މިއަދުވެސް ކޮންމެސް ވާހަކައެއް ދުލަށް ލައިން ދޯ ތިއައީ؟” އަހަރެން ބުނެލީ އެމީހުން ދައްކަމުންދާ ވާހަކަ ރަނގަޅަށް ނޭނގޭތީ މަޖާ ރާގުގައެވެ.

“މިކިޔަނީ ކަލޭގެ ވާހަކަ… ތި ގުރްއާން ކްލާހުން އައިނީ ކަނޑާލީމަ އެގޭ މީހުން ރުޅިއައިސްގެން އެއްޗިސްކީ… އެމީހުން ބުނީ އައިނީ ކަނޑާލާފަ މިހާރު އެތަނަށް އެވެއްދީ “އަޒްހަރު ޔުނިވާރސިޓީ” އިން ކިޔަވައިގެން އައިސް ހުރި މީހެކޯ.” ރުޅިގަދަވެގެން ފަޅައިންދާ ވަރުވެފައި އިނދެ ދައްތަ ބުންޏެވެ.
މީސްމީހުން ދައްކާ ފާޑުފާޑުގެ ވާހަކަތަކަށް މާބޮޑަށް ސަމާލުކަން ނުދިނުމަށް އަހަރެން ބުނީމެވެ. އެހެން ދައްކާ ވާހަކައިން އަހަންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގައި ބުނަމުން އަހަރެން ކުރިޔަށް ދިޔައީމެވެ. އެހެން ނަމަވެސް ހަގީގަތުގައި އަސަރު ކުރަނީ އަހަންނަށެވެ. މުޅި ރަށުގައި އަހަރެން ފާސްނުވެއޭ ކިޔައިގެން ވާހަކަ ފަތުރަމުން ދިޔަ ބަޔަކު އުޅެއެވެ. އަނެއް ބަޔަކީ އަހަރެންގެ މަގާމު ނުހައްގުން ނިގުޅައިގަތޭ ކިޔައިން މުޅި ރަށުގައި އަޑު އުފުލާމުން ދިޔަ ބައެކެވެ. އެވަރުންވެސް ނިމުނީކީ ނޫނެވެ. ކަންތައްތައް ކުރިޔަށް ހިނގަމުން ދިޔަގޮތް އަދި މާ ތަފާތެވެ.

ދުވަސްތައް ވޭތުވަމުން ދަނިކޮށް އަހަންނަށް އައީ ފޯނު ކޯލެކެވެ. އެއީ ސްކޫލްގެ ޕްރިންސިޕަލްގެ ފަރާތުންނެވެ. ޕްރިންސިޕަލް ދެންނެވީ އަތޮޅު ތެރޭގެ ރަށަކުން ގުރްއާން ޓީޗަރެއް ހޯދަން ބޭނުންވާ ވާހަކައެވެ. އަދި އަހަރެން އެރަށަށް އެ ވަޒީފާއަށް ބަދަލުވާން ބޭނުންނަމަ އެކަން ފަސޭހައިން ކޮށްދޭނޭ ވާހަކަވެސް ޕްރިންސިޕަލް ބުނެލިއެވެ.

އަހަރެން އެގޮތެއް ބޭނުމެއް ނުވިއެވެ. އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނަކީ އަހަރެންގެ މަންމަ މެންނަށް ހިދުމަތް ކޮށްދެމުން އަމަލީ މައިދާނަށް ނުކުތުމަށެވެ. އެހެންވެ އަހަރެން އެ ހުށައެޅުން ގަބޫލު ނުކުރީއެވެ. އެވާހަކަ އަޑު އިވުމުން އަހަންނަށް ހަބަރުދޭން ޒީޝާ ގުޅިއެވެ. އަދި އެއީ ކުރަން ރަނގަޅު ކަމެއް ކަމުގައި ބުނެ އެކި ގޮތްގޮތުން ނަސޭހަތްތެރި ވިއެވެ.

“ކީއްކުރަން ތި އާދޭސް ކުރަނީ؟ އަހަރެން ނޫޅެން ކޮންމެހެން ރަށުން ބޭރަށް ވަޒީފާ އަދާކުރަން ދާކަށް. އަސްލު އަހަރެން ބޭނުންވީ ރަށު ސްކޫލުން. އެކަމު ޒީޝާއަށް ވަޒީފާ ލިބުނީމަ އޯކޭ .. ދެން މިހާރު އަހަރެން މިއުޅޭ ވަޒީފާ އަހަންނަށް މާބޮޑަށްވެސް ރަނގަޅު. ތިބުނާ ބޮޑު މުސާރައިން އަހަންނަށް ލިބޭނެ ހިތްހަމަޖެހުމެއް ނެތް ރަށުން ބޭރުގަ ހުރެގެން.” އަހަރެން ބުނެލީމެވެ.

އެގޮތުގައި އަނެއްކާވެސް އަހަރުތައް ވޭތުވާން ފަށައިފިއެވެ. އަހަރެން ކިޔަވައިދެނީ އަމިއްލަ ގުރްއާން ކްލާހެއްގައި ކަމުން 4 އަހަރު ފަހުން އަހަންނަށް ގުރްއާން ކްލާސް ހިންގުމުގެ ޒިންމާވެސް ލިބުނެވެ. އެއީ ޒުބެއްތަ ރިޓަޔަރ ކޮށް އެމަގާމަށް އަހަރެން ހަމަޖައްސައި ދިނީ ކްލާހުގެ މަސްއޫލުވެރި ފަރާތުންނެވެ. އެހެނަސް އަހަރެން ހަގީގަތުގައި އެމަގާމު ބޭނުމެއް ނޫނެވެ. ސަބަބަކީ އަހަރެން މިހާރުވެސް އަދާ ކުރަނީ ޓީޗަރެއްގެ ވަޒީފާގެ އިތުރުން އެޑްމިން އޮފިސަރގެ މަސައްކަތް ކަމަށް ވާތީއެވެ. ކޮންމެޔަކަސް އަހަންނަށް އެމަގާމު ވެސް ފުރަން ޖެހުނެވެ. ކްލާހުގެ މަސްއޫލުވެރިޔާގެ އާދޭސްތަކަށް އެންމެ ފަހުން ޖެހުނީ ތަބާވާށެވެ.

ޒިންމާ ބޮޑަސް އެކުޑަ ގުރްއާން ކްލާހުގެ 200 އަށް ވުރެ ގިނަ ކުދިންގެ ބެލެހެއްޓުންތެރިޔަކީ އަހަރެން ކަމުގައި ދެކެގެން ކުރިޔަށް ދާން ފެށީމެވެ. އަހަންނަށް ވަޒީފާގެ އިސް މަގާމެއް ލިބިގެން ދިއުންވީ ޒީޝާއަށް ހަޖަމު ކުރަން ދަތިވި ކަމަކަށެވެ. އެކަން އަހަންނަށް އެނގުނީ ޒީޝާ އަހަންނަށް ގުޅުމުންނެވެ. އަހަންނަށް މަގާމު ލިބުނު ގޮތާ، އަހަރެންގެ މުސާރައަށް ލިބެމުންދާ މިންވަރު ބަލަން އެކި ގޮތްގޮތުން ޒީޝާ ސުވާލުކުރަމުން ދިޔައެވެ.

“ޒީޝާ ތިހުރީ ސަރުކާރުގެ ވަޒީފާއެއް ގައެއްނު… ދެން ކީއްކުރަން އަހަންނަށް ގުޅާފަ އަހަންނަށް ލިބޭ ވަރެއް ތިބަލަނީ؟ ކޮންމެ ގޮތެއްގައި ވިޔަސް ޒީޝާއަށޭ މުސާރަ ބޮޑުވާނީ… އެހެންވީމަ ދެން މިކަހަލަ ކަންކަމާ ނޫޅެބަލަ” ދޭތެރެއަކުން ކަން ބަލަން ޒީޝާ އަހަންނަށް ގުޅާތީ، އަހަރެން ދިނީ ފާޑެއްގެ ޖަވާބެކެވެ.

ދުވަސްތައް ވޭތުވަމުން ގޮސް އަނެއްކާވެސް އަމާން ކަމާއެކު އަހަރެއް ފާއިތުވިއެވެ. އަހަންނަށް އަނެއްކާވެސް ލިބުނީ ފޯނު ކޯލެކެވެ. އެއީ ސްކޫލް ޕްރިންސިޕަލްގެ ފަރާތުންނެވެ. ކޮންމެޔަކަސް މިފަހަރު ހުރީ އެހެން ޕްރިންސިޕަލެކެވެ. އަހަރެން ފޯނު ނަގައިން ވާހަކަ ދެއްކީ އިހްތިރާމާ އެކުގައެވެ.

“އަޅުގަނޑު ޖެހޭނީ ވިސްނާލަން… ފިރިމީހާއާ މަންމަމެން ގާތު އަހާލާފަ ޖަވާބެއް ދޭން ގުޅާލާނަން.” ފޯނު ބާއްވަމުން އަހަރެން ބުނީމެވެ.

އޭރު އަހަރެންގެ ގައި މުޅިން ތުރުތުރު އަޅަމުން ދިޔައެވެ. އަހަރެންގެ ދެފައިކޮޅުން ކުއްލިޔަކަށް ވާގި ދިޔަހެންވެސް ހީވިއެވެ. އެކަން ފޮރުވަމުން އަހަރެން މަންމަ ހޯދަން ދިޔައީމެވެ. އޭރު މަންމަ އާއެކު ބައްޕަވެސް މޭޒު ކައިރި ކާން އިނެވެ. އަހަރެން ގޮސް ޕްރިންސިޕަލް ދެއްކި ވާހަކަތައް ކިޔައި ދިނީމެވެ. އަހަންނަށް ވަގުތުން ރަށު ސްކޫލުން ގުރްއާން ޓީޗަރެއްގެ ވަޒީފާ ހަމަޖައްސަދޭން ބުނި ވާހަކައެވެ.

“ކިޔަވާފަ ހުރި އެއްޗެއްގެ ބޭނުން ހިފަން އުޅޭ މީހެއް ނޫން ތީކީ… ރަނގަޅު މުސާރައެއް އެތަނުން ލިބޭނެކަން މަށަށް އެނގެނީ..” ބައްޕަ ވަރަށް ހިތްހަމަ ނުޖެހިފައި އަހަންނާ ދިމާލަށް އަޑުގަދަ ކޮށްލިއެވެ.

ބައްޕަ ކިތަންމެ އަޑުގަދަ ކުރިޔަސް އަހަންނަށް އެއްވެސް ބާރެއް ނެތެވެ. އަހަރެންގެ މުޅި ހަށިގަނޑުގައި އާދަޔާ ހިލާފަށް ތުރުތުރު އަޅާކަން މަންމައާއި ބައްޕައަށް އެވަގުތު ނޭނގޭނެއެވެ.

“ތިބުނީ ޒީޝާއާ ދެމީހުންނޭ އެތާދެން ކިޔަވާދޭން ޖެހޭނީ…. މަންމައަށް އެންމެ ރަނގަޅު ތާރާ ބޭނުން ގޮތެއް ތާރާ ހަދާނީ… މަންމަ ނޫޅޭނަން މަޖްބޫރު ކޮށްގެން ސްކޫލު ވަޒީފާއަށް ފޮނުވާކަށް. މިހާރުވެސް ތިހުރީ ވަޒީފާ އެއްގައެއްނު.” މަންމަ ބުނެލީ އެހާ ޝައުގުވެރިކަމެއް ރޫހެއް ނެތް އާދައިގެ ބަސްތަކެކެވެ.

އަހަރެންގެ ފިރިމީހާވެސް ބުނީ މަންމަ ބުނިގޮތަށެވެ. އެކަމަށް އަހަންނަށް އެއްވެސް މަޖްބޫރު ކުރުމެއް ނުބާއްވާނެ ވާހަކައެވެ. ބައްޕަ ކައިގެން ދިއުމުން އަހަރެން އެތަނަށް ވަޒީފާއަށް ދާން ބޭނުން ނުވާ ވާހަކަ މަންމަ ގާތު ބުނެލީމެވެ. އެހެން ނަމަވެސް ވަކި އެއްޗެެއް ނުބުނެ މަންމަ ދިޔައީ ކަމުންނެވެ. މަންމަ ގާތުގައި އިނދެ އަހަރެން ޕްރިންސިޕަލް ގުޅި ނަމްބަރަށް ގުޅައިން ވާހަކަ ދެއްކީމެވެ. އަހަރެން އެވަޒީފާއަށް ދާން އިންކާރު ކުރަމުން ފޯނު ކަނޑާލީ ކޫސަނި ބަހަނާތަކެއް ދައްކާފައެވެ.

އަނެއްކާވެސް ދުވަސްތައް ވޭތުވަމުން ދިޔައެވެ. އަހަރެން އުޅުނު ގުރްއާން ކްލާހުގެ ދަރިވަރުން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ރަން ވަނަތައް ހާސިލް ކުރަމުން ދިޔައެވެ. އެއީ އަހަރެންގެ މޮޅު ކަމަކުން ނޫނެވެ. އަހަރެމެން ގުރްއާން ކްލާހުގައި އެވަގުތު ހުރި ޕާކިސްތާން ޓީޗަރަކީ އޭރު ރަށުގައި ހުރި އެންމެ މޮޅު ޓީޗަރަށް ވުމީ މުޅި ކްލާހަށް ލިބުނު ބާރެކެވެ. ފަޚުރެކެވެ.

އަނެއްކާވެސް އާ އަހަރެއް ވޭތުވުމުން ޕްރިންސިޕަލް އަހަންނަށް ގުޅި ދުވަހެކެވެ. ކޮންމެ ދިރާސީ އަހަރަކަށް އަހަންނަށް ގުޅަނީ ޓީޗަރެއްގެ ގޮތުގައި އަހަރެން ގެންދަން ބޭނުން ވެގެންކަން އަހަންނަށް އެނގެއެވެ. އަހަރެން ކިޔަވައިދޭ ކްލާސް ދޫކޮށްލާފައި ސްކޫލަށް ބަދަލު ވުމުގެ ބާރު އަހަންނަށް އޮތެވެ.

އަހަރެން ކޮންމެ ފަހަރަކުވެސް ދެކޮޅު ހަދަނީއެވެ. އެއީ އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. އެންމެ ފުރަތަމަވެސް އަހަރެން ބޭނުންވި ވަޒީފާއަކީ ވެސް އެއީއެވެ. އަހަރެން ކިޔެވުން ފުރިހަމަ ކުރީވެސް ހަމަ އެވަޒީފާގެ ބޭނުމުގައެވެ. އެހެންވިޔަސް މިހާރު ސްކޫލްގެ ފަރާތުން އަހަރެން ބޭނުން ވެގެން ގުޅީމަ އަހަންނަށް ރޮވެނީއެވެ. ސްކޫލަށް ދާހިތް ނުވަނީއެވެ. އެކަހަލަ ކޮންމެ ހާލަތެއްގައި އަހަރެންގެ ދެފައިން ވާގި ދާހެން ހީވަނީއެވެ. އަދި މުޅި މީހާ ބިރުން ތުރުތުރު އަޅަނީއެވެ. ކުރިން އެވަޒީފާއަށް އަހަރެން ދާހިތްވިޔަސް މިއަދު އަހަރެންގެ ހާލަކީ މިއީއެވެ. އެވަނީ ކީއްކަމެއް އަހަންނަކަށްވެސް ނޭނގެއެވެ.

“މަންމާ!! އަހަރެން ނުދާނަމޭ އެތަނަށް ކިޔަވާދޭކަށް.. އަހަރެން ފައިގަ ވަރެއް ނެތް. ބަލާބަލަ މިއޮއް އަތްވެސް. ހަމަ ތުރުތުރު އަޅަނީ.. ޕްރިންސިޕަލް ގުޅީއްސުރެން އަހަރެން މިއިންނަނީ ބިރުން. އަޅެ މަންމާ އަހަރެން ނުދާނަން އެތަނަށް ކިޔަވާދޭކަށް. އަހަންނަށް މިވަނީ ކީއްތަ؟” އަހަރެން ރޮމުން އާދޭސް ކުރަމުން ދިޔައީ ޕްރިންސިޕަލް އަހަންނަށް ގުޅުމުންނެވެ. ވަޒީފާއަށް ދާން ބޭނުން ނުވާތީއެވެ.

ނުނިމެ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

މަންޒިލް 37

Next

ބޭވަފާތެރިޔަކީމޭ 17

Next
December 15, 2024

ބޭވަފާތެރިޔަކީމޭ 17

Previews
December 14, 2024

މަންޒިލް 37

4 Comments!

  1. Nawar says:
    December 15, 2024 at 4:22 am

    Maashaa Allah mi part vx varah varah reethi..
    Anehkaa meehaku thaaraa ah sihuru hedhyky noonbaa..
    Whn next??

    1. Shaleen says:
      December 15, 2024 at 11:46 am

      Thanks Nawar
      Let’s see kihineitha dho mi vanee… Vedhaane sihuru kamahves dho.
      Next part mirey kiyaalan libeyne in sha allah

  2. Your fav bab says:
    December 15, 2024 at 5:51 pm

    Very nice and interesting
    I think zeesha did some black magic on her
    Ya well why would her hand shiver when the principle call??
    Very curious keep it up
    When next???

    1. Shaleen says:
      December 15, 2024 at 6:16 pm

      Thanks dear
      Hingaa dho balamaa…
      V avahah kiyaalan libeyne in sha allah

Comments are closed.

Next Episodeހިޔަނި 3←


All Right Reserved!