ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 27
‘އެތަނުގައި ކީއްތަ އެކުރަނީ.؟” ޖާހަތު ވަރުބަލި ކަމާއި ފޫހި ކަމާއެކީ ދޮރާދިމާއަށް ބަލައިލަމުން ބުނެލިއެވެ. ޕާރޓީގައި ކޮޅަށް ހުރުމުގެ ސަބަބުން ދެފައިވެސް ވަނީ ވާޅުވެފައެވެ. ނިދިއައިސް އެސްފިޔަ ވަނީ ބަރުވެފައެވެ. ބޭނުންވަނީ އެނދުގައި އޮށޯވެ އަރާމު ކޮށްލާށެވެ. ނަމަވެސް ބަރު ވެޑިން ޑްރެސްގެ ސަބަބުން ހަށިގަނޑަށް އިތުރު ބުރަކަމެއް ވަނީ ވެރިވެފައެވެ. އެހެދުމުގެ ތެރެއިން ނިކުންނަން އިންތިހާއަށް ބޭނުމެވެ. ނަމަވެސް އާއިޒު ފާހާނާއިން ނުނިކުމެ އެކުރަނީ ކީއްހެއްޔެވެ؟
ޖާހަތު ފާހާނާގެ ދޮރާ ކައިރިއަށް ގޮސް ކުޑަކޮށް ކަންފަތް ދިއްކޮށްލިއެވެ. އަޑެއް ނީވެއެވެ. ގޮވަން ހިތަށް އަރާފަވެސް އާއިޒުއާ ވާހަކަ ދައްކަން ބޭނުން ނުވާތީ އެނބުރި ހިނގައިގަތީ މޫނު ހަދާލުމަށްފަހުއެވެ. ދޮރުގެ ބޭރުން ހަރުކޮށްފައި ހުރި ތަންޑު ލޮލުގައި އަޅައިގަތީ އެނބުރިލި ވަގުތުގައެވެ. މޫނަށްވެރިވީ ނުލަފާ ހިނިތުން ވުމަކާއެކީ މަޑުމަޑުން ތަންޑު އަޅުވާލިއެވެ. އަދި ސިއްރުވެރި އަވަސް ހަރަކާތް ތަކަކާއެކީ އެނދުކައިރިއަށް ދިޔައެވެ.
އަވަސް އަވަހަށް ވެޑިން ޑްރެސް ބާލައި ހެދުން ބަދަލުކުރަން ފެށިއެވެ. ފާހާނައިން ނިކުންނަން އައި އާއިޒު ތަޅުގައި ހިފައި އަނބުރާލި ނަމަވެސް ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. ދޮރު ތާށިވެފައި ހުރިހެން ހީވިއެވެ. ތަންކޮޅެއް ބާރުލާފާއި ހިފާލިއެވެ. ނަމަވެސް ދޮރެއް ނުހުޅެވުނެވެ. ފާހާނައިގެ ދޮރު ތެޅޭތަން ފެނުމުން ޖާހަތު ހަރަކާތްތައް އަވަސްކޮށްލާފައި ކަކުލާ ހަމައަށް އަންނަ ހެދުމެއް ލުމަށްފަހު ބޮލަށް ބުރުގާ މަހާލިއެވެ. ނަމަވެސް ހެދުމުގެ ހަރުވާޅެއް ނުފެނުނެވެ. ފޮށި ހާވަން ފެށިއެވެ. ފާހާނާގައި ހުރެގެން އާއިޒު ފަހަރަކަށް ވުރެ ފަހަރެއް ބާރުލާފައި ދޮރު ހުޅުވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ. ބޭރުން ތަންޑު އަޅުވާފައި ހުރި ކަމުގެ ޝައްކުވެސް ކުރެވިގެން ދިޔައެވެ. ގަޔަށް ލެވުނުހާ ބާރެއްލާފައި އެންމެފަހުން ދޮރުގައި ހިފާލުމާއެކު ތަންޑު ވިއްސައިގެން ގޮސް ދޮރު ހުޅުވިއްޖެއެވެ.
އުނަގަނޑާހަމައަށް ހަރުވާޅު އަރުވާލި ޖާހަތު ސިހި އެދިމާއަށް ބަލައިލެވުނެވެ. އަދި އަވަސް އަވަހަށް ހެދުން ރަނގަޅު ކޮށްލިއެވެ. އާއިޒު ކުއްލިއަކަށް އެގޮތަށް ނިކުތުމުން ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. ޖާހަތު ތަންޑު އެޅުވީކަން އެނގި އާއިޒު ރުޅި ގަދަވިއެވެ.
“ކީކޭ ހިތަށް އަރައިގެން ދޮރު ތަންޑު އެޅުވީ؟” ރުޅި އައިސްފައި ހުރެ އާއިޒު ސުވާލު ކޮށްލިއެވެ.
“ފާހާނާ ތެރެއިން ނިކުންނަން ނޭނގިގެން ހުރީމަ ތަންޑު އެޅުވީ. އެގިއްޖެތަ؟” ޖާހަތު ރައްދުގައި ހަރުކަށި ކޮށްބުނެލިއެވެ.
“ދެން ތަންޑުތަ އަޅުވަނީ؟” އާއިޒުގެ އަޑު އިހުނަށްވުރެ ބާރެވެ.
“އާނ! ދެން ތަންޑު އަޅުވަނީ. އެއީ މިކޮޓަރީގަ މިހާރު އަހަރެންވެސް އެބަ އުޅެން. އެން އައި ނީޑް މައި ޕްރައިވެސީ!” ޖާހަތުގެ ކޮޅު ގަދަކޮށްލަމުން ބުނެލިއެވެ.
އާއިޒު އައި ރުޅީގައި ކޮޓަރީގެ ދޮރުފަތް ބާރަށް ހުޅުވާލުމަށްފަހު ނިކުތެވެ. ޖާހަތު ދޮރު ބާރަށް ލެއްޕުމަށްފަހު އެނދަށް އަރައި ބްލޭންކެޓްގެ ދަށުގައި ހަމަޖެހިލިއެވެ. އަދި ދެލޯ މަރައިލީ ހަމަޖެހުމުގެ ނޭވާއެއް ލަމުންނެވެ.
އާދުވަހަކަށް އަރައިގެން އައި އިރުން ދުނިޔެ ވިދަމުން ދިޔައިރު ޔާނާގެ ހަޔާތަށްވެސް އިތުރު އުޖާލާކަމެއް ގެނުވައިފި ކަހަލައެވެ. ގޭ ފުރަގަހުގައި ހައްދާފައި ހުރި މާބަގީޗާ ގަސްތަކުގެ ކައިރީގައި ހިނގާލަމުން ދިޔައިރު ހިތަށް އިތުރު ފިނިކަމެއް އިހުސާސް ކޮށްދެއެވެ. ފަތިހުގެ ތެތްފިނި ވައިރޯޅިތައް އެމޫނުގައި ބީހިލާ ކޮންމެ ފަހަރަކު ލޯބި އިހުސާސެއް ކުރުވައެވެ.
“ދެން އީމު ފެނިއްޖެނަމަ މި ހިތްފަސޭހަ ފަތިހުގެ އުޖާލާކަން ފުރިހަމަ ވެގެން ދިޔައީ.” ޔާނާ މަޑުމަޑުން އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ކުރިއަށް ހިނގަމުން ދަނީއެވެ. މާގަސްތައް ފަސްދީ ބޯކޮށް ހެދިފައި ހުރި ގަސްތަކުގެ ތެރެއަށް ވަދެވުނު އިރުވެސް ޔާނާ އިނީ ހިޔާލެއްގެ ތެރޭގައެވެ. އީމަން އާއި އެކީ ހޭދަ ކުރި އުފާވެރި ވަގުތުތަކުގެ މަތިން ހިތަށް އަރާފައި ބުނެދޭން ނޭނގޭކަހަލަ އުފާވެރި އިހުސާސެއް ކުރުވަނީ އެވެ.
ޔާނާގެ ހިތް އީމަން ދެކިލުމަށްޓަކައި ކެތްތެރި ކަމެއްނެތި ތެޅިފޮޅެމުންދަނީއެވެ. ނަމަވެސް އެބޮޑުގޭގެ އީމަންގެ ކޮޓަރި ތެރޭގައި ހިނގަމުން ދާކަންތައްގަނޑެއް ޔާނާ އަކަށް ނޭނގެއެވެ.
ރީމް ހުރީ ރުޅި އައިސް ރަތްވެފައެވެ. އީމަންގެ ގަމީހުގެ ގޮށްތަކުގައި ހިފައި ދަމައިގަންނަމުން ބާރަށް ހަޅޭއްލަވައިގަތެވެ.
“އަހަރެންގެ ސުވާލަށް ޖަވާބުދީ!” އީމަން ފަރުވާލެއް ނުބަހައްޓާ އަތް ފޮޅުވާލިއެވެ.
“ރީމް! އަހަރެންވެސް ޖަވާބު އެނގެން ބޭނުން ވަރަށް ގިނަ ސުވާލުތަކެއް އެބަހުރި. ރީމްއަށް ޖަވާބު ދެވޭނެތަ؟” އީމަން ވާހަކަ ދައްކަމުން ދިޔައީ މަޑުމައިތިރި ކަމާ އެކީއެވެ. ރީމް ކިތަންމެ ރުޅިއައިސްފައި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އީމަން ދައްކަމުން ދިޔަ ކެތްތެރިކަމާ ހަރުދަނާކަމުގެ ސިފައިގެ ސަބަބުން ކުޑަކޮށް ޖެހިލުންވާ ގޮތްވިއެވެ. އެހެންކަމުން ޚުދު އަމިއްލަ ނަފްސުވެސް ކޮންޓްރޯލްކޮށް ހަރުދަނާ ގޮތް ދެއްކޭތޯ މަސައްކަތް ކޮށްލިއެވެ.
“ކޮން ސުވާލުތަކެއް؟” ކުޑަކޮށް ކަރުދަމާލަމުން ރީމް ސުވާލުކޮށްލިއެވެ.
“ކުއްލިއަކަށް ތިހާ ބޮޑު ބަދަލެއް އައީ ކީއްވެ؟ އަހަރެމެންގެ ވަރީގެ ކަންތައް އެންމެ ފަހު މަރުހަލާގައި އޮވެފައި ކުއްލިއަކަށް ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިގެން މިދިޔައީ ކީއްވެ؟ ރީމްއަކީ އެއް އިރެއްގައިވެސް އަހަރެން ކަމުގޮސްގެން އުޅުނު މީހެއް ނޫން. އެކަމަކު ކުއްލިއަކަށް ކިހިނެއް ލޯބިޖެހިގެން ތިއުޅެނީ؟ ކީއްވެ؟” އީމަން ހިތުތެރޭގައި އުފެދެމުން ދިޔަ ހުރިހާ ސުވާލުތަކެއް ބޭރުކޮށްލިއެވެ.
ރީމްއަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. ނުވަތަ ހިތުގައިވާ އެއްޗެއް ބަޔާންކޮށް ދޭން ނޭގުނީއެވެ. ރީނދޫކުލައިގެ ޓީޝާޓަކާއި ހުދު ސްކިނީ އެއްގައި ރީމް ފެންނަލެއް ކިތަންމެހާވެސް ފުރިހަމަ އެވެ. ރަންކުލައިގެ ޝޭޑްކޮށްފައިވާ އެފަން އިސްތަށިގަނޑު ވަނީ ވޫލްކޮޅަކުން ބަނދެލެވިފައެވެ. އީމަންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގުމުން މަޑުމަޑުން އިސްޖަހައިލިއެވެ. ފިޔާތޮށި ކުލަ ޖެހިފައިވާ އެކޯތާފަތާއި ލޮލުގެ ދިގު އެސްފިޔަތަކުން ރީމްގެ މައުސޫމުކަން އިތުރުކޮށްދެމުން ދިޔައިރު އީމަން ހުރީ ރީމްއަށް ބަލަހައްޓައިގެންނެވެ.
ރީމް މަޑުމަޑުން އެނބުރިލާފައި ދާން ހިނގައިގަތެވެ. އީމަންއަށް ރީމްގެ އަތުގައި ބޭއިޚްތިޔާރުގައި ހިފަހައްޓައި ލެވުނީ ޖަވާބަކަށް ބޭނުންވެފައި ހުރެވުނީތީއެވެ. ރީމްއަށް އެނބުރި ބަލައިލެވުނީ ހިތަށް ކުރެވުނު ބުނެދޭންނޭނގޭ އިހުސާސެއްގެ ސަބަބުންނެވެ.
އޭނާގެ ހިތުގައި އީމަންއަށް ޓަކައި ބުނެދޭން ނޭނގޭފަދަ ވިންދެއް ޖަހަން ފެށީ ކޮންވަގުތެއްގައި ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އީމަންއާ ދޭތެރޭގައި ތަފާތު އިހުސާސެއް ކުރެވެމުން ދާކަމެވެ. އޭނާއަށް ނޭނގި ނަމަވެސް އީމަން ދެކެ ލޯބި ވެވިއްޖެއެވެ. އީމަންގެ އަތުތެރޭގައި ބޮނޑިވެގަނެގެން އެފުޅާމޭގައި ބޯއަޅާލައިގެން އޮންނަން ކިތަންމެހާވެސް ބޭނުމެވެ. އެ ރީތި މުށި ދެލޮލުން ރީމްއަށް ޓަކައި ލޯބި ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރެވެން ފެށީ ކޮންވަގުތަކު ކަމެއް ނޭނގެއެވެ.
ދެކޮޅު ހެދުމެއްނެތި ރީމް އީމަންއާ ދިމާއަށް އެނބުރެލިއެވެ. ރީމްގެ ލޮލުން ފެންނަމުން ދިޔަ ތަފާތު އަސަރެއްގެ ސަބަބުން އީމަންއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. ރީމް އީމަންއާ ކައިރިވެލި ހިނދު ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. މިހުރިހާ ދުވަހު އީމަންއާ އެހާ ގާތުގައި އުޅެން ފުރުސަތު ލިބިފައި އޮތް އިރު އެ ފުރުސަތުގެ ބޭނުން ނުކުރެވުނު ކަމަށްޓަކައި ރީމް އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ.
ތިބެވުނު ގައިގޯޅިކަން އިހުސާސް ކުރެވުނު ހިނދު އީމަން ތެޅިގެންފައި ދުރަށް ދިޔައެވެ. އީމަންގެ މި ހަރަކާތުން ރީމް އިންތިހާއަށް ދެރަވެ މާޔޫސްވިއެވެ. އީމަންއަށް އޭނާ ކަމުނުދަނީ ހެއްޔެވެ. ރީމްގެ ރީތިކަމަށްޓަކައި އެތަށް ފިރިހެންކުދިންނެއް ފިދާވަމުން ދާއިރު އީމަންއަށް ކުޑަވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟ އަނެއްކާ އީމަންގެ ހުރިހާ ހިއްސެއް ފުރިހަމަ ހެއްޔެވެ؟
ތަފާތު ސުވާލުތަކަކުން ރީމްގެ ހިތް ބަންޑުން ކުރަމުން ދިޔައެވެ.
“ނެތް ދޯ ދޭނެ ޖަވާބެއް؟” އީމަން ފަނޑު ހިނިތުންވުމަކާއެކީ ބުނެލަމުން ކުރިއަށް ހިނގައިގަތެވެ. ރީމްގެ ކޮންމެ އަމަލެއްގެ ފަހަތުގައިވެސް އަމިއްލަ އެދުމެއް އޮންނަކަމީ އީމަންއަށް އޮޅިފައި އޮތްކަމެއް ނޫނެވެ. ނޭނގެނީ މިފަހަރު ރީމް ބޭނުންވެގެން އެއުޅޭ ކަމެކެވެ.
“ލޯބިވާތީ!” ކޮޓަރީގެ ދޮރާއަރާ ހަމަވަމުންދިޔަ އީމަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކަންފަތަށް އިވިގެން އެދިޔަ ލަފުޒުތަކުގެ ސަބަބުންނެވެ.
“އައި ލަވް ޔޫ މާން!” އީމަން އެނބުރި ބަލައިލުމުން ރީމް އީމަންގެ ލޮލަށް ބަލައިލީ މާނަފުން ނަޒަރަކުންނެވެ. އީމަންއަށް ހުރެވުނީ ދެންކިޔާނީ ކީކޭ ބާއޭ ހިތަށް އަރާފައެވެ. ރީމްގެ ދެލޮލުގައި ތޫނު ވިދުމެއްވާފަދައެވެ. ޖެހެމުންދިޔަ މަޑުވައިރޯޅިތަކުގެ ސަބަބުން މޫނު މައްޗަށް އެޅިފައިވި އިސްތަށިތައް ނަށަމުން ދިޔައެވެ. ރީމް ހުރީ އީމަންގެ ފަރާތުން ޖަވާބަކަށް އެދި އެދިއެވެ. ގިނަދުވަހު އެކުގައި އުޅުމުގެ ސަބަބުން އީމަންއަށްވެސް ރީމްދެކެ ލޯބި ވެވިފައިވާނެ ކަމުގެ އުންމީދުގައެވެ.
އީމަން އެނބުރި ބޭރަށް ނިކުތެވެ. ދޮރުކައިރީގައި ނިވާވެލައިގެން ހުރި ޔާނާ ފެނި އީމަންއަށް އިތުރަށް ސިހުން ލިބިގެން ދިޔައެވެ. ޔާނާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އެދެލޮލުން ނާއުންމީދު ފިޔަވައި އިތުރު އެހެން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ކަރުނަތައް ހިފެހެއްޓުމެއްނެތި އެ ކޯތާފަތްމަތިން ފައިބައި ގަތުމާއެކު ޔާނާ ދުއްވައިގަތެވެ. ސިޑި ގިރާކޮށް ގޮސް ނިވާވި އިރުވެސް އީމަންއަށް ހުރެވުނީއެވެ. ކުރާނެ ކަމެއް ނޭނގިފައެވެ. އެއް އަތުން ބޮލުގައި ހިފަހައްޓާ ލެވުނީ ބޮލަށް އުނދަގޫ ވެގަތުމުންނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަލިމަގެއް ފެންނާނެ ކަމަށް ހުއްޓާ ހުރިހާ މަގެއް ބަންދުވެ ހާސްވާން ފަށައިފިހެން ހީވަނީ އެވެ.
ސައިމޭޒު ކައިރީގައި ސައިބޯން ތިބި ސައުދިއްޔާ އާއި ޝަކީބުގެ މޫނަށް ހިނިތުންވުން ވެރިވެގެން ދިޔައީ ކޮޓަރިން ނިކުމެގެން އައި އާއިޒު އާއި ޖާހަތު ފެނުމުންނެވެ.
“އާދެ އަވަހަށް ސައިބޯން!” އޯގާތެރިކަމުން ފުރިގެންވާ ރާގެއްގައި ސައުދިއްޔާ ބުނެލިއެވެ.
އާއިޒުވެސް އަދި ޖާހަތުވެސް މަސައްކަތް ކުރަމުން ދިޔައީ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔަ ނުދިނުމަށް ޓަކައެވެ. ޖާހަތުމެން އިށީނުމާއެކު ޝަކީބުމެން ތެދުވެގެން ދިޔައީއެވެ. ދެކުދިން އެކީގައި ވަގުތު ހޭދަކުރެވުނު ވަރަކުން ގުޅުންވެސް އިތުރަށް ބަދަހިވެގެން ދާނެކަމުގައި ދެކިފައެވެ. ނަމަވެސް އެދެމެދުގައި އަކަކު އަނެކަކަށްޓަކައި ވަނީ ކޮންފަދަ ނަފުރަތުގެ ތޫފާނެއްކަމެއް އެދެމަފިރިންނަކަށް އަންދާޒާކޮށެއްވެސް ނުލެވެއެވެ.
ޖާހަތު އިށީނދެ ސައި އަޅައިގެން ސައިބޯންފެށިއެވެ. އާއިޒު އިނީ ހަދާނެ ގޮތެއް އޭނާއަށް ސައި އަޅާކަށްވެސް ނޭނގެއެވެ. ނަމަވެސް ޖާހަތު ކައިރީ ބުނަން ބޭނުން ނުވާތީ އަމިއްލައަށް ޖޯޑު ހިފައިގެން ސައި އަޅަންފެށިއެވެ. ޖޯޑު ފުރާ ސައި އެޅުނު އިރު މޭޒުމަތީގައި ވެސް ސައިގެ ކޯރެއް ހެދިފައިވިއެވެ. ޖާހަތު ފަރުވާލެއް ނުބެހެއްޓިއެވެ. ސޭންޑްވިޗް ނަގައިގެން ކާންފެށިއެވެ. ސައިތަށީގައި ތުން ޖެހި އާއިޒު ސިހިގެން ދިޔައީ ހޫނު ކަމުންނެވެ. އަނގަ ފިހުނެވެ. ރުޅިވެސް އައެވެ. ޖާހަތު އާ އިނެއްކަމަކު މަންމަ އާއިޒުގެ ކަންތައް ކޮށްދިނުން ހުއްޓާލަން ޖެހޭ ހެއްޔެވެ؟
ކައިރީގައި އިން ޖާހަތު ބަނޑުފުރައި ސައިބޮމުން ދަނީއެވެ. ރުޅިވެރި ނަޒަރަކުން ބަލާލި ހިނދު ޖާހަތުވެސް ބަލައިލިއެވެ. “ކިހިނެއްވީ؟” ދޮންކެޔޮވަކުގެ އެއްބުރި ބުރިކޮށްލަމުން ޖާހަތު ސުވާލުކޮށްލީ ހަފައިލަމުންނެވެ.
އާއިޒު މޫނު ހަދައިލިއެވެ. އަދި ގޮނޑިން ތެދުވެ ހިނގައިގަތެވެ. ޖާހަތު ފަރުވާލެއް ނެތި ކެއުން ކުރިއަށް ގެންދިޔައެވެ. އާއިޒު ބޭރަށް ނިކުމެގެން ދިޔައެވެ. ޝަކީބުގެ އެދުމުގެ މަތިން ޝަކީބުގެ ވިޔަފާރިއާ އާއިޒު ހަވާލުވުމުން އޮފީހުގެ ހުރިހާ ކަމެއް މިހާރު ވަނީ އާއިޒުގެ ބެލުމުގެ ދަށުގައެވެ.
ޖާހަތު ވިސްނާލިއެވެ. ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އެޅުމުގެ ސަބަބުން އާއިޒުގެ އުޅުމަށް ބަދަލެއް އަތުވެދާނެ ހެއްޔެވެ؟ އާއިޒުގެ އުޅުން ރަނގަޅުވެއްޖެނަމަ ދެން ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ވަރިވާން ބޭނުންނަމަ…
ސިކުނޑީގައި އުފެދެމުން ދިޔަ ހިޔާލުތައް އިމުން ބޭރުވެގެން ދިޔަ ކަމުގެ އިހުސާސް ކުރެވެމުން ދެފަރާތަސް ބޯ ހޫރުވާލީ ހިޔާލުތައް ބޭރުކޮށްލުމަށެވެ.
އީމަން އާ ޔާނާ ތިބީ އީމަންގެ ކޮޓަރީގައެވެ. ހިތުގައި އުފެދިފައިވާ މަޑުމަޑު ރިހުމުގެ އަސަރު ޔާނާގެ ލޮލުން ފާޅުވާން ހުއްޓެވެ. ޔާނާ އީމަންގެ ގައިގައި އޮޅުލައިގަތެވެ. އެ ތަނަވަސް މޭގައި ބޯއަޅާލިއެވެ. “އީމު، ދެން ކިހިނެއް ހަދާނީ؟” ޔާނާ ހަތަރު އުދަރެސް ފެނު ޖެހިފައިވާ ފަދަ ރާގެއްގައި ސުވާލު ކޮށްލިއެވެ. ހާލިދު ކޮށްފައިވާ ޝަރުތު ތަކުގެ ތެރޭގައި ރީމް އީމަން ދެކެ ލޯބިވެއްޖެ ނަމަ ރީމް ދޫކޮށްނުލުމަށް ޝަރުތުކޮށްފައިވެއެވެ. އަދި އެފަދަ ހާލަތެއްގައި އިތުރު ކައިވެންޏެއް އީމަން ކޮށްގެން ނުވާނެއެވެ.
“ޔާނު! ތެދަށް ބުނާނަމަ އަހަންނަށްވެސް ނޭނގެ ދެން ހަދަންވީ ގޮތެއް! އެކަމަކު ހަޤީޤަތަކީ އަހަރެން ނަށް ރީމް ދެކެ ލޯތްބެއް ނުވެވޭނެކަން، އަދި ހަމަ އެހެންމެ ޔާނު ދޫކޮށެއް ނުލެވޭނެކަން.” އީމަންގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ. ޔާނާގެ ހަށިގަނޑުގައި އީމަންގެ ދެއަތް ވަށާލައިފައިވީ އިރު އެދެއަތުން އެ ތުނިތުނި ހަށިގަނޑުގައި ފިރުމަމުން ދިޔައެވެ.
އީމަންގެ މިހަރަކާތުން ޔާނާއަށް ބުނެދޭން ނޭނގޭފަދަ އަސަރެއް ކުރުވިއެވެ. ނިދާފައިވާ އިހުސާސްތަކެއް ހޭލައްވާލިފަދައެވެ. އީމަންގެ ގަމީހުގެ މޭމަތީގެ ގޮށްތައް ނައްޓާލެވިފައި ހުރުމުން އެ މޭގައި ޔާނާގެ ހޫނު ނޭވާތައް ބީހެމުން ދިޔައެވެ. ޔާނާ އަށް އިތުރަށް އީމަންގެ މޭގައި ބޮނޑިވެގަނެވުނެވެ. އަދި އީމަންގެ ބުރަކަށީގައި ދެއަތުން ބާރަށް ހިފަހައްޓައިލެވުނެވެ.
ޔާނާގެ ކުދިކުދި ހަރަކާތްތަކުން އީމަންގެ ހިތުގެ އިހުސާސްތައްވެސް ހޭލައްވާލިފަދައެވެ. ޔާނާ އިސްއުފުލާ ބަލައިލި ހިނދު ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެދެމެދަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. އެކަކު އަނެކަކަށްޓަކައި ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތައް ހާމަވަމުން ދިޔައީ ލޮލުންނާއި އަތުގެ ބީހުންތަކުންނެވެ. ޔާނާ އަތުގެ އިނގިލި ތަކުން އީމަންގެ ކޯތާފަތާއި ކަނދުރާގައި ބީހިލުމުން އީމަންއަށް ދެލޯ މަރައިލެވުނީ ކުރެވުނު އަރާމު އިހުސާސް ތަކެއްގެ ސަބަބުންނެވެ. ދެހަށިގަނޑު އިތުރަށް ކައިރިވެގެން ދިޔައެވެ.
ބިނާކުރަވެމުންދިޔަ ލޯބީގެ މާހައުލު ވިއްސި ވިހާލިވެގެން ދިޔައީ އެކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވިގެން ދިޔުމުންނެވެ. ދޮރުކުރިމަތީގައި ހުރި ރީމް ފެނި މުޅި މާހައުލަށް ބިރުވެރި ތޫފާނެއް ވެރިވެގެން ދިޔަފަދައެވެ. އީމަންއާ ޔާނާއަށް ސިހިފައި ދުރަށް ޖެހެވުނެވެ.
7 Comments!
Comments are closed.
um first. nice mi part.
V reethi….keep it up….yana nd eemaan dhurunukurahchey…..haadha lahey up kuraaleh…knirakun nxt part…..
Vvvv salhi dhen vaane gotheh balaalan v beynun
aslu vx maa las up kuraaleh… mi part vx nice..
Thankolheh avahah update vaagotheh neh tha v reethi vaahaka
V.reethi mihaaru. Thankolheh avahah up kohdhyba
dhen vaany reem eeman n yana ge accident kuruvaany. edhemeehun vakive kommeves doc ehge wife ehge gothuga yana fennaany eeman hunnaany wheelchair ehga. dhen reem ah fennaany yana. eyge fahun story liya kujja hithah araany dhen nuliyaanee ey.. dhn huhttaalaane ?