ގޭޓު ތެރެއަށް ވަންނަ އިރު ފުރަތަމަވެސް ފެންނަ ބޮޑު ބަގީޗާތެރޭ ހުރި މޭޒު ދޮށުގައި ދާނިޔާ އާއި ސުޖާޢު އާއި، ސަޢުދިއްޔާ އަދި އެޚާންދާނުގެ ބޮޑު “ލަޝްކަރު” ތިއްބެވެ. ޔައިންގެ މަންމަ ސަޢުދިއްޔާ ރޮއިރޮއި ހަލާކުވަނީ އެވެ. އެއްބަޔަކު ސަޢުދިއްޔާއަށް ހިތްވަރުދެނީ އެވެ. ހުރިހާ އެންމެންގެ މޫނުމަތީގައި ހީވަނީ ހިތާމައިގެ ސާލެއް އޮޅާލާފައިވާހެންނެވެ. އެރޭ ގަސްތައްވެސް ހީވަނީ އެންމެންގެ ހިތާމައިގައި ބައިވެރިވަނީ ހެންނެވެ. މާހައުލު ފިނި ނަމަވެސް، އެއަކުން މީހެއްގެ ހިތަކަށް ކުރި އަސަރެއް ނެތެވެ. ކިތަންމެ ދެރަވި ނަމަވެސް ހިތްވަރު ކޮށްފައި މިކްޔާލާއި ކައިލް އެމީހުން ތިބި ދިމާއަށް ދާން ހިނގައިގަތެވެ. އޭރުވެސް ހެވި ދިއްލިފައި ހުރި ދޮރުވާނަކަށް އެދެމީހުންގެ ސަމާލު ކަމެއް ނުހުއްޓުނެވެ.
……………………………………………
ނައު އޮތީ އެދިމާއިން އައި އެހެން ނަވެއްގައި ޖެހިފައެވެ. ޖެހުނުލެއް ބާރުކަމުން ޝެރިންމެން ތިބި ނަވުގެ އަރިމައްޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. ދެނަވަކީ ވެސް ހަމަ އެއްތަނަކަށް ނިސްބަތްވާ ދެނަވެކެވެ. އެހެންކަމުން މާރާމާރީ އާއި ލޫޓުވުން ފަދަ ނުރައްކާތެރި ކަމެއް ނުހިނގަ އެވެ.
ޝެރިން ބަހައްޓާފައި ހުރީ ކުޑަކުޑަ ކޮޓަރިއެއްގަ އެވެ. ނައު ބަނދަރު ކުރަންދެން، އަދި ހުރިހާ މީހުން ހަމަ ޖެހެންދެން މިތާ ހުރުމަށް އެތަނުން މީހަކު ވަނީ އޭނާއަށް އަންގާފަ އެވެ. އެހެންކަމުން ބޭރުގައި ހިނގާ އެއްވެސް ކަމެއް އޭނާއަކަށް އިނގޭ ގޮތެއް ނުވިއެވެ.
ރޭގަނޑުގެ ފިނި ފިނި ވައިރޯޅިތައް ޝެރިން ހުރި ކޮޓަރީގެ ކުޑަދޮރުން ވަންނަމުން ދިޔައިރު، ޝެރިން ހުރީ ބޭރު ބަލާށެވެ. އޮއިވަރު ފުދޭވަރަކަށް ގަދައެވެ. ނަމަވެސް އޭގެ އަސަރެއް އެބިޔަ ނަވަކަށް ނުކުރާނެތާ އެވެ. އުޑާ ދިމާއަށް ބަލާލުމާއިއެކު އޭނާގެ ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބާގަތީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އިސާހިތަކު ކޮޓަރިތެރޭގެ ހިމޭންކަން ފޫދުއްވާލީ ޝެރިންގެ މަޑު ގިސްލުމުގެ އަޑެވެ. ނަމަވެސް މިވަގުތު އޭނާގެ ކަރުނަ ފުހެދީ ހިތްވަރު ދޭނޭ މީހެއް ނެތެވެ. ބޮލުގައި ފިރުމާލާނޭ އަތެއް ނެތެވެ. ލޯބިލޯބިން ބަސް ބުނެލާނޭ ތިމާގެ މީހެއް ނެތެވެ. ޝެރިން މުޅިން އެކަނި ވެއްޖެ އެވެ. ކުރިއަށް އޮތީ ކޮންފަދަ އިމްތިހާނެއް ކަމެއް އެނގެނީކީ ނޫނެވެ.
އެވަގުތު އޭނާ ހަނދާންވީ އާއިލާ މަތިންނެވެ. ދޮންތަ އާއި، ޔާލް ބޭބެ އެވެ. ކުޑޫ އާއި، ދޮންބެ އާއި، ޔައިނެވެ. އަދި މަންމަ އާއި ބައްޕަ އެވެ. އެމީހުންނަށް ހަމަގައިމުވެސް ޝެރިން ނެތްކަމުގެ އިޙްޞާޞް ކުރާނެ އެވެ. އަނެއްކާ އެމީހުން ސަލާމަތުން އެބަހުރިބާ އެވެ؟ މުޅި އެގޭންވެސް ވަކިން ޚާއްޞަކޮށް އޭނާ ހޮވައިގެން ކިޑްނެޕް ކުރި ސަބަބެއް ސާފުކޮށެއް ޝެރިނަކަށް ނޭނގުނެވެ.
ކުއްލިއަކަށް ޝެރިނަށް ޚިޔާލެއް އައެވެ. ޝެރިންހުރި ކުޑަ ދޮރަކީ އޭނާއަށް ކުޑަ ހިތްވަރަކާއި ލައިގެން ނިކުމެވޭނެ ގޮތަށް ހުރި ކުޑަދޮރެކެވެ. އެވަގުތު ސިކުނޑި ދެމުންދިޔަ ސިގްނަލް ތަކުގެ ސަބަބުން ޝެރިން ހުރީ ހިތް ތެޅެން ފެށީ އަމަށަކު ބާރަކަށްނޫނެވެ. ކުޑަ ދޮރުން ބޭރަށް ފުންމާލައިފިއްޔާ ވާނީ ކީއްހެއްޔެވެ؟ ހަމަ ގައިމުވެސް ކަނޑަކަށް ނުވެއްޓޭނެ އެވެ. އެކޮޓަރިއާއި، ކަނޑާއި ދެމެދު އޮތް ހުރަހަކީ ނަވުގެ ތައްޓުގެ ހުރި ފުޅާ މިނެވެ. (ތައްޓު = ޑެކު). ޝެރިން ހުރީ ހަމަ ފުންމާލާ ގޮތަށެވެ. އޭރު އޭނާގެ ހިތް ތެޅެމުން ދިޔަ ގޮތުން ހީވަނީ ދެންމެ ދެންމެ މޭފަޅާލާފައި ނުކުމެ ދާނެހެންނެވެ. އޭނާ އެގޮތަށް ނިކުންނަން އުޅެނިކޮށް ކުއްލިއަކަށް މީހަކު ކޮޓަރީގެ ދޮރު ހުޅުވައިފިއްޔާ އެހިސާބުން ހުރިހާ ކަމެއް އެނިމުނީ އެވެ. ހިނދުކޮޅުންޝެރިންގެ ލޯ ދޮރާއި ދިމާއަށް ހުއްޓެ އެވެ. އެވަގުތު އޭނާގެ ޒަމީރު ގޮވަމުން ގެންދިޔައީ އަވަހަށް މިތަނުން ނިކުމެގެން ފިލުމަށެވެ. އެއީ ނަވެއްކަމުން ވަރަށް ފަސޭހައިން ފިލައިގެން އުޅެވިދާނެ އެވެ. ނަމަވެސް ޝެރިން ކަންބޮޑުވަނީ މިނައު ގޮސް ބަނދަރު ކުރާނީ ކޮންތާކަށްކަން އެއްވެސް ވަރަކަށް އެނގިފައި ނުވާތީ އެވެ.
މިހެން ވިސްނަން ގިނައިރު ހުރުމަކީ މޮޔަކަމެއްކަން ވިސްނުނީ ހަމަ ކުއްލިއަކަށެވެ. ކޮންމެ ފަދަ ވަގުތަކުވެސް މިތަނަށް މީހަކު ވަދެދާނެ އެވެ. ކުޑަދޮރު ހުރީ ޝެރިނަށް އެރޭވަރަށްވުރެ ތަންކޮޅެއް މަތީގައި ކަމުން ކައިރީހުރި ދެތިން ބޯލަކުޑިގަނޑު ގެނެސް އޭގެ މައްޗަށް އަރައިގެން ކުޑަދޮރުގެ ރެއިލިން މައްޗަށް އެއްފައި އެރުވިއްޖެ އެވެ. އެވަގުތު ކުޑަދޮރުން ތިރިއަށް ބަލާލެވުނެވެ. ޝެރިން ހުރި ދިމާލުން ތިރިއަށް ގާތްގަނޑަކަށް އަށެއްކަ ފޫޓުގެ އުސްމިން ހުރެދާނެ އެވެ. ނަމަވެސް ޝެރިން ބައެއް ފަހަރާ އޭނާގެ ގާތް ރަޙުމަތްތެރިޔާ ޔައިންގެ ގެއަށް ގޮސް އުޅޭ ދުވަހެއް ވިއްޔާ ޔައިން ނިދާ ދެބުރި އެނދު މައްޗަށް އަރާ ތިރިއަށް ފުންމާ ހަދާތީ، ފުދޭވަރަކަށް މަތިން އަނިޔާނުވެ ފުންމާލަން ޝެރިނަށް އިނގެ އެވެ.
ޝެރިން ލައިގެން ހުރި ޓީޝާޓު ފޮތީގެ ނިދާހެދުމުގެ ހަރުވާޅު ބުރި ކުޑަކޮށް މައްޗަށް އަރުވާލުމަށްފަހު، ކުޑަދޮރު މައްޗަށް ދެފައި އަރުވައި، އެއްފައި ބޭރަށް ލާން އުޅުނު ވަގުތު އައިނައި ދިމާއެއް ނޭނގި މީހަކު ކުއްލިއަކަށް ޝެރިންގެ އުނަގަނޑުގައި ހިފައި އެތެރެއަށް ދަމައިގެންފި އެވެ. ހަމަ އެހިނދުކޮޅު ތެރޭ އެމީހާ ޝެރިންގެ ދެއަތް ފުރަގަހަށްލައި އައްސައިފި އެވެ. ލިބުނު ކުއްލި ސިހުމާއިއެކު ޝެރިނަށް ބާރަށް ހަޅޭއްވެސް ލަވައިގަނެވުނެވެ.
“ކޮންތާކައްތަ މާ އަވަސްއަރުވާލާފައި ދާން ތިއުޅެނީ…؟؟ ހެހެހ…. ހީކުރީތަ ވަރަށް ފަސޭހައިން ސަލާމަތް ވެވިދާނެއޭ؟ އަހަރެމެންގެ ވެސް ސިކުނޑި އޮވެޔޭ!” އެއީ އަންހެނެއްގެ އަޑެވެ. ނަމަވެސް ވަރަށް ހައިބަތު ހުއްޓެވެ. ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އެވަގުތު އެމީހާ ދައްކާލީ އެކޮޓަރީގެ މަތީ ކަނެއްގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ކެމެރާ އެވެ. އެހާ ފާހަގަވާ ގޮތަށް އެކެމެރާ އިންއިރުވެސް ކުރިން ޝެރިންގެ ލޮލުގައި އެކެމެރާ އަޅައިނުގަތީ އެވެ.
ޝެރިން ގަދަހަދަހަދާ ހުއްޓާ އެމީހާ ޝެރިން ގޮވައިގެން އެކޮޓަރީން ނިކުމެއްޖެ އެވެ. އޭރު ތަނުގެ ޙާލަތުވެސް ވަނީ ހަމައަކަށް އެޅިފައެވެ. ނަމަވެސް ދޭތެރެއަކުން ކަޅުހެދުމުން ނިވާވެފައި ތިބޭ މިތަނުގެ “ފާރަވެރީން”ގެ ބައެއް މީސްމީހުން އަވަސްއަރުވާލާފައި އެކި ކޮޅުކޮޅަށް ދުވާތަން ދޭތެރެ ދޭތެރެއިން ފެނިލައެވެ. އޭރުވެސް އަނެއް ނައު ޝެރިންމެން ތިބި ނައު ކައިރީ އޮތެވެ. ޝެރިން ގޮވައިގެން ހުރި ކަޅުހެދުމުގައި ހުރި މީހާ އޭނާ ގެންދިޔައީ އެއްނަވުން އަނެއް ނަވަށް ދެވެން އޮންނަ ފިލާގަނޑު މައްޗަށެވެ. ހީވާ ގޮތުން ޝެރިންމެން ކުރިންތިބި ނަވުގެ އަރިމައްޗަށް ގެއްލުން ލިބުމާއި ގުޅިގެން އަނެއް ނަވަށް މީހުން ބަދަލު ކުރަނީ އެވެ.
……………….
“ކައިލް… އަހަރެން ދެން ދަނީ އިނގޭ… އެކެއްވެސް ޖަހަނީ އެއޮއްގެން…” ނީމް ކައިލް ގާތު ބުންޏެވެ. އޭނާ ހުރީ މިއަދު ހަދަރުދަމު ހޮސްޕިޓަލާއި، ކައިލްމެން ގޭގައި ތެޅިތެޅި ވަރުބަލި ވެފައިކަން ކިތަންމެ ރަނގަޅަކަށް އެ ނޫކުލައިގެ ލެންސް ލައްވާފައިވާ ދެލޮލުން ހާމަވެ އެވެ. ނީމްގެ އާއިލާ މީހުންވެސް ކައިލްމެން ގޭގައި ތިބެތިބެފައި އެދިޔައީ ހަމަ ދެންމެ އެވެ. އެހެން ކަމުން ކައިލްވެސް އިތުރަށް ނީމް ވަރުބަލި ނުކުރަންވެގެން އެއްބަސްވި އެވެ.
“ޔައިން ކޮއްކޮ އަދިވެސް ނުފެނޭ… ސަޢުދިއްޔާއްތަ ރޮއިރޮއި ވަރުބަލިވެއްޖެ. އަނެއްކޮޅުން ކައިލްގެ މަންމަގެ ޙާލުވެސް އެހާ ދެރަ… މަންމައަށް ހިތްވަރު ދެއްޗޭ އިނގޭ…” ނީމްގެ އަޑު ވަނީ ކުރެހިފައެވެ. ކައިލްގެ އާއިލާއާ ދޭތެރޭ ނީމްވެސް ވަރަށް ވިސްނާކަން ކައިލަށް އެނގުމުން ކައިލް ވަރަށް އުފާވިއެވެ. ނަމަވެސް އެއުފާވެރިކަން ދެމިގެން ދިޔައީ މަދު ސިކުންތު ކޮޅަކަށެވެ.
“މަންމަ ދުވަސްކޮޅެއް ވާއިރަށް ރަނގަޅުވާނެ… މަށަށްވެސް ކުޅަދާނައެއްނޫން އެންމެން ރޮއިރޮއިފަ އުޅޭތަން ބަލާކަށް… ޝެރީއްކޮ ވީތަނެއް ހަމައެއްގޮތަކަށްވެސް އެނގެނީކީއެއް ނޫން… އަނެއްކޮޅުން ޔައިންވެސް… ދެން އަހަރެމެންނަށް އޮތީ ދުޢާ ކުރުން. އެކުދިންކޮޅު ފެނޭތޯ…” ކައިލް ވާހަކަ ދެއްކިއިރު އެއަޑުގައިވި ހިތާމައާއި މާޔޫސްކަން ކިތަންމެ ރަނގަޅަކަށްވެސް ނީމަށް ދެނެގަނެވުނެވެ.
ދެމީހުންވެސް ތިބީ ބަގީޗާގެ ތެރޭގައި ހުރި މޭޒުދޮށުގަ އެވެ. ދެމީހުންނަށް ގެނައި ކޮފީތަށިތައްވެސް ހޫނުކަން ކެނޑި، ތާފަނާވެފައި ހުރިގޮތަށް އެތާހުއްޓެވެ. ހީވަނީ އެއެއްޗެހި ބޮއިލާނެ މީހަކު ނުވިކަމުގެ ޝަކުވާ ކުރަމުން ދާހެންނެވެ.
ކައިލް އެކިގޮތްގޮތަށް ނީމް ހިތްހަމަޖެއްސުމަށްފަހު، ކާރުގައި ނީމް ގެއަށް ލައިދިނެވެ. އެއަށްފަހު އެނބުރި ގެއަށް އައިސް އޭނާގެ ކޮޓަރިއާއި ދިމާއަށް މިޝްރާބު ޖެހި އެވެ. ދިނާޔާ އާއި ސުޖާޢުގެ ކޮޓަރި ފިޔަވައި އެހެން ކޮޓަރިތައް ހުންނަނީ އެއް ހޯލެއްގައި ދެފަރާތަށް ބަހާލާފައެވެ.
އެވަގުތު އޭނާއަށް ފެނުނީ މިކްޔާލްގެ ކޮޓަރީ ބޮކި ދިއްލާފައިވާ ތަނެވެ. ޢާންމުކޮށް ގަރޑަން ވޭލީގެ ހުރިހައި މެމްބަރުން ނިދަނީ ކޮޓަރީގެ ބޮކި ނިވައިގެންނެވެ. އެހެންކަމުން މިކްޔާލް އަދިވެސް އުޅެނީ ހޭލާކަން ކައިލަށް އެނގުނެވެ. ކުޑަކޮށް މަޑު ޖެހިލުމަށްފަހު، ކައިލް ގޮސް މިކްޔާލްގެ ކޮޓަރީ ދޮރުގައި މަޑުމަޑުން ޓަކިޖަހާލުމަށްފަހު ކުޑަކޮށް ދޮރު ހުޅުވާލި އެވެ.
“ނުނިދަނީތަ؟” އެތެރެއަށް ބޯދިއްކޮށްލުމާއިއެކު ކައިލަށް ފެނުނު މަންޒަރުން އޭނާގެ ހިތުގައި ސުވާލުތައް ގިނަވެގަތެވެ.
މިކްޔާލް އޭނާ ކުރަމުން ގެންދިޔަ މަސައްކަތް މަޑުޖައްސާލުމަށްފަހު ކައިލާ ދިމާއަށް ބަލާލީ ކުޑަކޮށް ސިހިފަ އެވެ.
“އާން…” މިކްޔާލަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“ޔާލް… ކޮންތާކަށް ދާން ތިއުޅެނީ؟” މިކްޔާލް އެއްޗެހި އަޅަމުން ގެންދިޔަ ފޮށްޓަށް އިޝާރާތް ކުރަމުން ކައިލް އެއްސެވެ. “ކީއްވެ ފޮށްޓަށް އެއްޗެހި އަޅަނީ…؟”
މިކްޔާލަށް ކުށްވެރިއެއްގެ އިޙްޞާޞް ކުރެވުނެވެ. އޭނާގެ ކޮއްކޮމެންނާއިއެކު އޭނާއަށް ހޭދަކޮށްލެވުނީ އެންމެ ދުވަހެކެވެ. އަނެއްކާވެސް އެމީހުން ދޫކޮށްފައި ދާން ޖެހުނީ އެވެ. ސަލާމަތުން އަނބުރާ އާދެވޭނެ ކަމުގެ އުންމީދު ވަރަށް ކުޑަ އެވެ. އޭނާ އަށް ޔަޤީން ވަނީ ޖާރމަނީ އަށް ގޮސްފިއްޔާ ޝެރިން ސަލާމަތް ކުރެވޭނެ ކަމެވެ. ޔައިންގެ ގޮތެއް އަދިވެސް ނޭނގެ އެވެ. ނަމަވެސް މިވާހަކަތައް ކައިލަށް ކިޔާދޭނެ ހިތްވަރެއް އޭނާގެ ނެތެވެ. ކޮއްކޮ ހިތުގައި ނުޖައްސަން ވެގެންނެވެ. ހަމައެކަނި ބުނެވޭނީ ދަނީ ކަމުގައެވެ. ސަބަބަކަށް ވާނީ ޝެރިން ހޯދުމެވެ. ނޫނެކެވެ… އޭރުން އަނެއްކާ ކައިލް އޭނާ ފަހަތު އަޅުވާލައިފާނެ އެވެ. އޭރުން ކައިލްގެ ފުރާނަ އެވައްޓާލެވެނީ މަރުގެ އަނދަވަޅަކަށެވެ. އެއީ އޭނާއަށް ކުޅަދާނަ ވެގެންވާ ކަމެއްނޫނެވެ.
“ޔާލް… މަވާހަކަ މިދައްކަނީ ޔާލަށޭ…! ކީއްވެ އަނގައިން ނުބުނެ ތިއިނީ…؟” ކައިލް ގޮސް އެނދުމަތީ އިސްޖަހާލައިގެން އިން މިކްޔާލްގެ ކޮނޑުގައިހިފައި ތަޅުވައިގަތެވެ.
“އަހަރެން މާދަން މިއުޅެނީ ޖަރމަނީ އަށް ފުރަން…” މިކްޔާލްގެ މިޖުމްލައިން ކައިލަށް ދެލޯ ބޮޑުކޮށްލެވުނެވެ.
“ކީކޭ؟” ޤަބޫލު ނުކުރެވިފައި ހުރެ ކައިލް އަހާލި އެވެ. މިކްޔާލް ކައިލަށް ހަތަރުކަޅި ހަމަކޮށްލި އެވެ. އެވަގުތު ކައިލްގެ މޫނުމަތިން ފައުޅުވާންފެށި ޝަކުވާގެ އަސަރުތަކާއި، ހިތާމަ ފެނިފައި އަނެއްކާވެސް މިކްޔާލަށް އިސްޖަހާލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




V reethi
v.rythi
vara reethi vara kiyaa hithun indha ninmaalaifi plz plz avaha nezt part up kolla dheychey waiting for next part
Balaaba faxu story up kuri vaahaka nuves buney….BTW story varah reethi ingey…eagerly waiting for the next part..
hehe oopsy sorry Jeesh. (Gmail nubelyehnu 😛 ) anyways thankuu soooooo much ? ? ? ?
Dhigu mi part nd varah reethi
thankx Kidy. ? ? ? ? at last Faxoo ah dhigu koh baeh genesdhevijje ?
Thivareh neth v obi
V reethi mi part ves
V salhi.waiting nxt prt.
thank you all my readers 🙂
V reethi….faxoo ge num libidhaanetha?
v reethi mi paart ves faxoo thankoleh dhigukoh lan vee ennu ekamakuves v salhi keep it up ! maasha allah
v reethi mi pary ves
thanx ?