މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (4 ވަނަ ބައި)
(ތިންވަނަ ބަޔާއިގުޅޭ)…………
މާޒީގެ އުފާވެރި ސޮފްޙާތަކުން އަހަންނަށް ބޭރަށް އާދެވުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. ގުޅަނީ މަންމައެވެ. އަހަރެން ފޯނުނެގީމެވެ. ”ހަލޯ….. ދަރިފުޅާ…. ކޮންތާކު؟ ލަންކާ އެއަރޕޯޓުގަތަ؟ އެތަނަށް ދެވިއްޖެތަ؟” މަންމަ އެއްފަހަރާ ހުރިހާ ސުވާލުތަކެއް އަމުނާލިއެވެ. ޓްރާންސިޓްވެގެން ދާންޖެހޭތީވެ އަހަންނަށް ލަންކާއަށް ދެވުނުތޯ މަންމަ ބަލާލީއެވެ. ކުރީގައި ފުރަންއޮތް ގަޑީގައި ފުރުނުނަމަ އަހަރެން އޭރުވާނީ ލަންކާގައެވެ. އަހަރެން ފުރުން ލަސްވީވާހަކަ މަންމަ ކައިރީގައި ބުނީމެވެ. އެވަގުތު އަހަރެން ފޯނުގެ ގަޑިއަށް ބަލާލީމެވެ. ”އޯހް….. މިހާރު ބޯޑިން ފެށިދާނެ….” އަހަރެން އަވަސްއަވަހަށް އެތަނުން ތެދުވީމެވެ. އަދި މަންމަ ކައިރީގައި ލަސްވެއްޖެ ވާހަކަޔާއި، ފްލައިޓް ނެއްޓުމުގެ ކުރިން ގުޅާނެކަމަށް ބުނެފައި އަހަރެން ފޯނު ބޭއްވީމެވެ. ފޯނު ޖީބަށް ލުމަށްފަހު އެތަނަށް އާދެވޭނޭ އެންމެ ފަހުފަހަރު ކަމަށް ހިތަށް އަރުވަމުން އަހަރެން ވަށައިގެން ނަޒަރު ހިންގާލީމެވެ. ދެތިން ސިކުންތު ވަންދެން ތޫ އެންމެ ފުރަތަމަޔަށް އަހަންނަށް ފެނުނުތަނަށް ބަލަން ހުރީމެވެ. ފެންކަޅިވެފައި ހުރެއެވެ. ”ތޫ….. އަހަރެން ވަރަށް ލޯބިވޭ ތޫދެކެ. މިލޯބި އަބަދުވެސް މިހިތުގައި ވާނެ. މުޅި އުމުރަށް…… ތޫ ނޫން އެހެންމީހަކުދެކެ އަހަންނަށް ލޯތްބެއް ނުވެވޭނެ…. އަހަރެން ތޫދެކެވާ ލޯބި ތޫއަށް އިހުސާސް ކުރެވޭނެ ނަމަ…..” މަޑުމަޑުން އަހަރެން އަމިއްލަ ނަފުސާއި ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލީ ކުރިމަތީގައި އޮތް ފެރީ ފުރަން އެއަށް މީހުން އަރަން ފެށުމުންނެވެ. އަހަރެން ލެޕްޓޮޕް ކޮނޑުގައި އަޅުވާލަމުން ދާން ހިނގައިގަތީމެވެ. ތަންކޮޅަކަށް ގޮސްފައި އަދިއެއްފަހަރު ފަސްއެނބުރި އެތަނަށް ބަލާލީމެވެ. ތޫގެ ހަނދާނުގައެވެ.
އަހަރެން އިނީ ލަންކާއަށްދާ ފްލައިޓް ތެރޭގައެވެ. ފްލައިޓް ނެއްޓުމުގެ ކުރިން އަހަރެން މަންމަޔަށް ގުޅީމެވެ. އެއަށްއަރާ މާގިނައިރުތަކެއް ނުވަނީސް އެ ނައްޓާލިއެވެ. އަހަރެން އިނީ ވިންޑޯސް ޝީޓްގައި ކަމުން ބޭރުން އަހަންނަށް ރީއްޗަށް ތަންތަން ފެންނަމުން ދިޔައެވެ. ލޯމަތިން ގެއްލެންދެން އަހަރެން އެތަންތަނަށް ބަލަންއިނީމެވެ. ތޫމަތިން އަހަރެން ވަރަށް ހަނދާންވިއެވެ. ތޫ ދެން ދުވަހަކުވެސް ނުފެންނާނެކަން އެނގޭތީއެވެ. ފްލައިޓް މަތީގައި މުނިފޫހި ފިލުވުމުގެ ގިނަ ވަޞީލަތްތަކެއް ހުއްޓަސް އަހަރެން އެ ބޭނުންކުރާ ހިތެއްނުވިއެވެ. ބޭނުންވީ ހަމައެކަނި ތޫއާއިއެކުގައި ވޭތުކުރި އުފާވެރި ދުވަސްތައް މަތިން ހަނދާންކޮށްލުމެވެ. ކޮންމެ ދުވަހަކާއި، ވަގުތާއި، ދެއްކި ވާހަކަތައް ލިޔެފައިވާ ޑައިރީއެއް ފަދައިން އަހަރެންގެ ސިކުޑީގައި ވެއެވެ. އެދުވަސްތައް މަތިން ހަނދާން ކޮށްލާ ކޮންމެ ފަހަރަކު އެމަންޒަރުތައް ނަގާފައިވާ ފޮޓޯތަކެއް ފަދައިން ލޯމަތިން ސިފަވެއެވެ. އަހަރެން ބޭނުންވީ ތޫގެ ހަނދާންތަކާއިއެކު އަނެއްކާވެސް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެހެންވެ އަހަރެން ކެބިން ކުރޫއަކަށް ގޮވާފައި ފްލައިޓް ޖެއްސުމުގެ ކުރިން އަހަންނަށް ނުގޮވުމަށް ބުނީމެވެ. އެއަށްފަހު އަހަރެން ގޮނޑީގައި ހަމަޖެހިލަމުން ދެލޯ މަރާލީމެވެ. އިތުރު އެހެންތަނެއް ނުބެލުމަށްޓަކައެވެ. ހަމައެކަނި ހިތުގައި ކުރެހިފައިވާ ތޫގެ ސޫރަ ދެކިލުމަށްޓަކައެވެ. އެހަނދާންތަކުން ސިކުޑި ތާޒާކޮށްލުމަށްޓަކައެވެ.
”އަޔާން……” އަހަރެން ސިހުނީ ތޫގެ އަޑުންނެވެ. އޭރު އަހަރެން އިނީ ހޯލުކުރިމަތީގައި ހުރި ބެންޗުގައެވެ. ނިހާލްމެންނާއިއެކުއެވެ. އަހަރެންއިނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ދެރަވެފައެވެ. ފުރަތަމަ ސެމިސްޓަރގެ އެންމެ ފަހުދުވަހަށް ވީތީއެވެ. ދެން ދެމަހެއްހާ ދުވަސްވަންދެން އަހަންނަށް ތޫ ނުފެންނާނެކަން އެނގޭތީއެވެ. މި ފާއިތުވެދިޔަ ސެމިސްޓަރ ތެރޭގައި އަހަރުމެން ދެމީހުންގެ ގުޅުން ވަރަށްބޮޑަށް ބަދަހިވިއެވެ. މި ގުޅުމަށް ދޭނެ ނަމެއް ނޭގުނަސް ދެމީހުންގެ އެކިއެކި ވާހަކަތައް ދެމީހުން ޝެއަރ ކުރަމެވެ. ސުކޫލުން ބޭރުގައި ދެމީހުން ފޯނުން ވާހަކަދައްކަމެވެ. ބައެއްރޭރޭ ވަރަށްގިނައިރު ވަންދެންވެސް އަހަރުމެން ދެމީހުން ވާހަކަދައްކަން ތިބެމެވެ. އަހަރުމެން ދުނިޔޭގެ ހުރިހާ ވާހަކަތައެއް ދައްކަމެވެ. ނަމަވެސް ލޯބީގެ ވާހައެއް ނުދައްކަމެވެ. އަހަންނަށް ދައްކަން ނުކެރެނީއެވެ. އެހެންވެ އޭނާވެސް ނުދައްކަނީ ކަމަށް ވެދާނެވެ. އެހެންނޫނަސް އެއީ ވަރަށް ލަދުރަކި ކުއްޖެކެވެ. އޭނާގެ އެމިޒާޖު އަހަންނަށް ވަރަށް ކަމުދެއެވެ. ބައެއްފަހަރު ގަސްތުގައި އަހަރެން އޭނާޔަށް ބަލަމެވެ. ލަދުގަންނަވަރަށެވެ. އެއީ ތޫ އަބަދުވެސް އަހަރެން ކައިރީގައި އަހަރެންގެ ބަލާލުމުގައި ހިތްކަތިލާކަހަލަ ގޮތެއް ހުންނަވާހަކަ ބުނާތީއެވެ. އޭނަ މިހެން ބުނާ ކޮންމެ ފަހަރަކު އަހަރެން ވަރަށް ހިންހަމަޖެހެއެވެ. އަހަރެން ބޭނުންވަނީ އޭނަގެ ހިތް ކަތިލެވިގެންވެސް އަހަރެންދެކެ އޭނާޔަށް އިންތިހާޔަށް ލޯބިވެވުމެވެ.
ތޫ އަހަރެން ކައިރީގައި އިށީންނަމުން އަހަންނަށް ބަލާލިއެވެ. އެދެލޯ އަހަރެންގެ މާޔޫސްކަން މުޅިން ފިލުފާލި ފަދައެވެ. އަހަރެން ތޫއަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. ހަމައެކަނި ވޫލްކޮޅަކުން އައްސާލެވިފައިވާ އޭނާގެ ފަންދިގު އިސްތަށިގަނޑު އެއްކޮނޑުމަތިން ކުރިމައްޗަށް ވައްޓާލެވިފައިވެއެވެ. ކުރުކޮށް ކޮށާލެވިފައިވާ ބައެއް އިސްތަށިތަށް ވަޔާއިއެކު އޭނާގެ މޫނުގައި ބީހެމުންދިޔައެވެ. އަހަންނަށް އިނދެވުނީ ތޫއަށް ބަލާށެވެ. ގެއްލިފައި ކަހަލަ ގޮތަކަށެވެ. ”އަޔާން……” އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން ތޫ އަނެއްކާވެސް ގޮވާލިއެވެ. ”ކޮންކަމަކަށް ގެއްލިފައި؟” ތޫ އަހަރެންގެ މޫނުމައްޗަށްވާގޮތަށް އަތުން ހަނާއެޅިއެވެ. އަހަރެންގެ ރައްޓެހިންވެސް ތޫއާއި ބައިވެރިވެގެން އަހަންނާއި ދިމާކޮށް ހެދިއެވެ. ދުވާލުގަޑީގައިވެސް އަހަރެން ގެއްލިފައި އިންނާތީއެވެ. ތޫއައީ އޭނާ އެރޭ ފުރާ ބޯޓުން ރަށަށް ދާވާހަކަ ބުނާށެވެ. ފުރުން ހަމަޖެހުނީ ކުއްލިއަކަށް ކަމާއި އޭނާ ވަރަށް ރަށަށް ދާން ބޭނުންވާކަން ތޫ ހާމަކުރިއެވެ. އަހަރެން ކުރިއަށްވުރެ ބޮޑަށް ދެރަވިއެވެ. އެހާއަވަހަށް ތޫ ދާތީއެވެ. އަހަރެންގެ މޫނުމަތީގައި އަރާފައިބަމުން ދިޔަ ކުލަވަރުތައް ތޫއަށް ނޭގުނަސް އަހަރެންގެ ރައްޓެހިންނަށް އެނގުނެވެ. އެމީހުން ކައިރީގައި ބުނެފައި އެދުވަހު އަހަރެން ތޫއާއިއެކު އޭނާ ގެއަށް ލައިދިނުމަށް ދިޔައީމެވެ. ފުރަތަމަ ފަހަރަށެވެ. އަބަދު އިންކާރުކޮށްފައިވެސް ތޫއެދުވަހު އޭނަޔާއިއެކު ދިޔުމަށް ހުއްދަދިނެވެ. ފަހަރުގައި ގިނަދުވަކަށް ދެން ބައްދަލުނުވާނެތީ ކަމަށްވެސް ވެދާނެވެ. ދިޔަ މަގުމަތީގައި އަހަރެން މާގިނަ ވާހަކައެއް ނުދައްކަމެވެ. ހަމައެކަނި ތޫ ދައްކާ ވާހަކަތައް އަޑުއަހާފައި ކުރު ޖަވާބު ދިނީއެވެ. އަހަންނަށް ބަދަލެއް އައިސްފައިވާކަން ތޫއަށް ފާހަގަ ކުރެވުނެވެ. އެކަމާއި ސުވާލުވެސް ކުރިއެވެ. އަހަރެން އެއްވެސް ކަމެއް ނުވާކަމަށް ބުނެ ތޫކައިރީގައި ދޮގުހެދީމެވެ. އިރުކޮޅެއް ވަންދެން އަހަރެން ތޫމެންގޭ ބޭރު ދޮރާށި ކައިރީގައި އޭނަޔާއި ވާހަކަދައްކަން ހުރީމެވެ. ތޫކައިރީގައި އަހަރެން ރަނގަޅަށް ބަލައިގެން އުޅުމަށް ބުނީމެވެ. ރަށަށް ދެވުނުހާ އަވަހަކަށް އަހަންނަށް ފޯނުކުރަން ބުނީމެވެ. އަދި އަވަހަށް އައުމަށްވެސް އެދުނީމެވެ. ތޫ އަހަރެން ދައްކާވާހަކަޔަކަށް އާނބަސް ބުނަމުން ދިޔައީ ކުޑަކުއްޖަކު ފަދައިންނެވެ. ހިނތުންވެލަމުންނެވެ. އެވަގުތު އެތައްފަހަރަކު އަހަރެން ތޫދެކެވާލޯބި ހާމަކުރަން ބޭނުންވިއެވެ. ތޫ ގެއްލެން އުޅޭހެން އަހަންނަށް ހީވާތީއެވެ. ލޯބިވާ ވާހަކަ ބުނަންވެސް އުޅުނީމެވެ. ނަމަވެސް ހިތުގައި ވާއެއްޗެއް ދުލާއިހަމަޔަށް ނައެވެ. އެއަށްވުރެ މާ ބަލިކަށިއެވެ. ތޫ އަހަންނާއި ދޭތެރޭ ދެކެފާނެ ގޮތަކާއި ދޭތެރޭ ވިސްނުނީއެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައި ގޮތް ރަޚްމަތްތެރި ކަމުގެ ގުޅުންވެސް ގެއްލިދާނެތީ ބިރުގަތީއެވެ. ދުވާލުގެ އަލިކަންފަދައިން އަހަރެންގެ ހިންހަމަޖެހުމަކީ އެއީއެވެ. މޫނުމައްޗަށް ގެނެވޭ ހިނިތުންވުމުގެ އަސްލަކީވެސް އެރަޙްމަތްތެރިކަމެވެ. ތޫގެ ހިތުގައިވާ އެއްޗެއް ނޭނގި ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނޭޅުމަށް އަހަރެންގެ ސިކުޑި ބުނަމުންދިޔައެވެ. ބައެއްފަހަރު ސިކުޑިން ބުނާއެއްޗެއްވެސް ގަބޫލު ކުރަންޖެހޭނެއެވެ. ތޫ ގެއަށްލާފައި އަހަންނަށް ގެއަށްދެވުނުއިރު އަސުރުނަމާދަށް ބަންގިދޭން ކައިރިވަނީއެވެ. އަހަރެން ހެދުންބަދަލުކޮށް ތައްޔާރުވެލައިގެން ހަވަހަށް ދިޔައީ މިސްކިތަށެވެ.
އެދުވަހު ސައިގެ ސުފުރާމަތިން ގޭމީހުން ބައްދަލުވިއެވެ. އަހަރެންގެ މޫނުމަތިން އެހެންދުވަހު ފެންނަ އުފާވެރިކަން ފެންނަން ނެތުމުން ބައްޕަ އަހަރެންގެ ހާލުއަހުވާލު ބެލިއެވެ. އަހަރެން ކުޑަކޮށް ބޮލުގައި ރިއްސާތީ ކަމަށް ބުނީމެވެ. ”ދަރިފުޅަށް މިލިބުނީ ބޮޑު ޗުއްޓީއެއްނު. ރައްޓެހިންނާއިއެކު އެއްވެސް ތަނަކަށް ނުދަންތަ؟” ބައްޕަ ބުނިއެއްޗެއް އަހަންނަށް އެނގުނީ މާފަހުންނެވެ. ތޫ ފެންނަ ހިސާބަށް ފިޔަވައި އަހަރެން އެއްވެސް ތަނަކަށް ދާހިތެއް ނުވެއެވެ. ނަމަވެސް އެހެން އަހަރެން ބައްޕަކައިރީގައި ބުނާނީ ކިހިނެއްހެއްޔެވެ؟….. އަހަރެން ތަނަކަށް ދާން ބޭނުންނުވާ ވާހަކަ މޮޅިވެފައިވާ ރާގަކަށް ބުނީމެވެ. ”މިއަންނަ ހުކުރުގައި އެބައޮތް އޮފީސް ދަތުރެއް. ދޮނޫ ބޭނުމިއްޔާ ކުޑާއްތަ ދޮނޫ ގޮވައިގެން ގޮސްދާނަން. ދާންބޭނުންތަ؟…” އަހަރެންގެ އެންމެ ހަގުދައްތަ، އަހަރެންގެ ނަމުން ކުޑާއްތަ މިހެން އަހާލުމާއިއެކު އަހަންނަށް ބަލައިލެވުނީ ދެންތިބި މީހުންގެ މޫނަށެވެ. ދޮނޫއަކީ ގޭމީހުން ލޯބިން ކުޑައިރު އަހަންނަށް ކިޔާ އުޅުނު ނަމެކެވެ. ނަމަވެސް ކުޑާއްތަ މިހާރުވެސް އަހަންނަށް ގޮވާނީ އެނަމުންނެވެ. ”ވަރަށް ސަޅި ބިޓުންދާނެ. ދޮނޫ ބޭނުމިއްޔާ ސެޓްވެސް ކޮށްދީފާނަން…. އަދިވެސް ނުދާނަންތަ؟” އަހަރެންގެ ޖަވާބެއް ނުލިބުމުން ކުޑާއްތަ އަހަރެން ކައިރިއަށް ޖެހިލާފައި އެހެންމީހުންނަށް ނީވޭވަރަށް ސިއްރުން ބުނެލިއެވެ. ކުޑާއްތަގެ ސަމާސާ މިޒާޖުގެ ސަބަބުން ކޮންމެ ފަދަ އެއްޗެއްވެސް ބުނެފާނެވެ. އަހަންނާއި ކުޑާއްތައާއި ދެމެދުގައި ވާނީ ދޮޅުއަހަރުގެ ތަފާތެވެ. އެހެންކަމުން ދައްތައަކާއި ކޮއްކޮއަކަށް ވުރެ ބޮޑަށް އަހަރުމެން ދެމީހުންގެ ރަޙްމަތްތެރިކަން ބޮޑެވެ. އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ވަރަށް ދިމާކޮށް ހަދަމެވެ. އަހަރެން ލައިފްގެ ހުރިހާ ވާހަކައެއް ކުޑާއްތައާއި ޝެއަރ ކުރަމެވެ. ނަމަވެސް ތޫގެ ވާހަކަ އަހަރެން ނުދައްކަމެވެ. ކުޑާއްތަ އަހަންނާއި ދިމާކުރާނެ ވަރު ހިތަށްއަރާފައެވެ. ބޮޑަށް އެކަހަލަ ވާހަކައެއް ދައްކަން ނުވެސް ކެރެނީއެވެ. ކުޑާއްތަ ކައިރީގައި އަހަރެން ސާފުކޮށް އެއްވެސް ތަނަކަށް ދާހިތްނުވާ ވާހަކަ ބުނީމެވެ. އެވަގުތު ތުއްތަވެސް އަހަންނާއި ސުވާލުކުރިއެވެ. އެއްވެސް ތަނަކަށް ދާން ބޭނުންނުވާ ސަބަބެކެވެ. އެހެންޏާ އަބަދުވެސް ލިބޭ ޗުއްޓީތަކުގައި އަހަރެން ތަންތަނަށް ދާތީއެވެ. ގޭމީހުންނާއިއެކުގައެވެ. ރައްޓެހިންނާއިއެކުގައެވެ.
އަޑެއް އިވިގެން އަހަރެން ފަސްއެނބުރި ބަލާލިއިރު ……………………… (ނުނިމޭ)
9 Comments!
Comments are closed.
ވ.ރީތި… ވެއިޓިންގް އިމްޕޭޝަންޓްލީ ފޮ ދި ނެކްސްޓް ޕާޓް.. ހަބޭސް 🙂
Imessrpive brain power at work! Great answer!
ރީތި
ނައިސް…. އަވަހަށް އަޕްކޮށްލައްޗޭ……
Your cranium must be prtnceoitg some very valuable brains.
I’m really into it, thanks for this great stuff!
That insight’s just what I’ve been looking for. Thanks!
Thanks All
ވަރަށް ނައިސް އަވަހަށް އަޕްކޮށް ދެއްޗޭ!!!!!!