ހުވަފެން
ކުރަނީ އަސަރު ކީއްވެހޭ މިހިތަށް ފެނުމުން ކަލާ ހުވަފެނުން
ތިޔަސޫރަމެ އަބަދުހެން ފެންނަނީ މެރުމުން ދެލޯ ހުވަފެނުން
މަރަނީ ދެލޯ އަޅާ ވޭނުން ނިކަން ނިދުމުން ކަލާ ސިފަވުމުން
ލިބިދޭ ވޭނަށް ކެތްނުވެޔޭ ވެވުމުން ތިޔަ ހަނދާން ހުވަފެނުން
ފަވަނީ މާޒީގެ ފޮނިފުން ހަނދާންތައް އަކުރުގެ ރަން ގަލަމަކުން
އަހަރުއެތައްވީ ފުން އިޙުސާސްތައް ކުރަނީ ފެނުމުން ހުވަފެނުން
ކުރަމޭ ސުވާލު މިހިތާއި ޝަކުވާއިން ފެނެނީ ކީއްވެހޭ އަބަދުހެން
ކުރަނީ އުނދަގޫ އެހަނދާންތަކުން ފެނުމުން އެކަން ހުވަފެނުން
ކަރަނީ ދެލޯ ހިތަށްކުރާ އަސަރުން ވެވުމުން ޖަމާ ހިތިކަރުނައިން
އަޅަނީ ވޭން އޭރުދެވުނު އަނިޔާއިން އައުމުން ތިބާ ހުވަފެނުން
ތަޅަނީ ހިތުގައި ރަން މިޔުޒިކުން ނަށަމުން ލޯބީގެ އާ ލަވަޔަކުން
ފެވެނީ ލެއިން ހިތުގައި ކުރުވަމުން އިޙުސާސު ލޯބި ހުވަފެނުން
ނިދަނީ ވިސްނެމުން ތިބާގެ މަތިން ދުށުން އެދެމުން ހިތުގެއަޑިން
ނުވެ ބޭނުންހުރެ ފުރުމަށް ތިލޯބިން މިހިތް ތިބާއެކު ހުވަފެނުން
ކުރަނީ ރޭދުވާ ހޭދަ ވިސްނަމުން ފުންމާޒީގެ ފޮނި ހަނދާންތަކުން
ފޮޅެނީހިތް ނޭނގޭ ޖަޒުބާތަކުން ކުރުމުން އިޙުސާސު ހުވަފެނުން
އަޅަނީ ހާރު ލޯބީގެ ރަންބޮޅުތަކުން ފެވިގެންވީ ލޯބީގެ ހަދިޔާއަކުން
ފޮހިގެންނުދާނޭ އެރަން ވަގުތުތައް ކުރިހޭދަ ތިބާއެކު ހުވަފެނުން
މަރަނީ ދެލޯ ބޭނުންވެގެން މިހާރު ކުރުމުން އިޙުސާސު ލޯބީގެފުން
ދުށުމަށްއެދެނީ ތިބާ އަބަދުހެން ފަހުނޭވަޔާ ހަމަޔަށް ހުވަފެނުން
އައިޝާގެ އުމުރުން އަށާވީސް އަހަރުވީ އޭނާ ހުސްކޮށް ހުއްޓައެވެ. ޒުވާންކަމުގެ ދައުރުގައި އޭނާގެ ޙަޔާތަށް އެތައް ކުދިންނެއް އައެވެ. ނަމަވެސް އެއްވެސް ކުއްޖަކާއިއެކު އޭނާޔަށް އުފާވެރި ހިންހަމަޖެހޭ ދިރިއުޅުމެއް ނުލިބުނެވެ. މިއަދު އޭނާއަކީ އެކަނިވެރިޔެކެވެ. އެ އެކަނިވެރިކަމުގައި އޭނާއަށް އެންމެބޮޑަށް ހަނދާންވަނީ އޭނާގެ ފުރަތަމަ ލޯބިމަތިންނެވެ. އެލޯތްބާއިއެކު އޭނާ ހަތަރުއަހަރު ވޭތުކުރިއެވެ. އެއީ ކުއްޖަކާއިއެކު އޭނާ ހޭދަކުރި އެންމެގިނަ ދުވަސްތަކެވެ. ދުނިޔޭގެ އަރާމަށްޓަކައި އޭނާ އެލޯބި ދޫކޮށްލީ ފަސްޖެހުމެއްނެތިއެވެ. އޭރު ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ބޭނުންވީ މުއްސަނދި މީހަކާއިއެކު އަރާމު ދިރިއުޅުމެއްގައި އުޅުމަށެވެ. ނަމަވެސް އެކަކަށް ހިތިކަންދީފައި އަރާމުގައި ނޫޅެވޭނެޔޭ މީހުންބުނެއެއް ނޫންހެއްޔެވެ. އައިޝާއަށްވެސް ވީއެހެންނެވެ. ނުވައަހަރަށްފަހު އޭނާގެ ޙަޔާތް ބަދަލުވީ އޭނާގެ ފުރަތަމަ ލޯބި ހުވަފެނުގައި ފެންނަންފެށި ހިސާބުންނެވެ. ނިދިން ލޯމަރާލުމާއިއެކު އޭނާޔަށް އިޝާން ފެނެއެވެ. ކޮންމެ ރެއަކުހެން އޭނާ އިޝާންއާއިއެކު އުފާވެރި ދިރިއުޅުމެއްގައި އުޅޭތަން ފެނެއެވެ. އިޝާންގެ ލޯބީގެ ފުންކަން އެހުވަފެންތަކުން އައިޝާއަށް އިޙުސާސްވާންފެށިއެވެ. ލޯހުޅުވާލުމާއިއެކު އެލޯ ކަރުނުންތެމެންފެށިއެވެ. ހިތުގައި ދުވަހަކުވެސް ނުއުފެދޭ ރިހުމެއް އުފެދުނެވެ. މަސްތީ ދިރިއުޅުން މުޅިންބަދަލުވެ އެކަނިވެރިކަން އެދިރިއުޅުން ވަށާލިއެވެ. ފުރަތަމަ ފަހަރަށް ލޯބީގެ ހިތްދަތިކަން އައިޝާ ތަޙައްމަލްކުރިއެވެ. ނަމަވެސް ވަގުތުވަނީ ފާއިތުވެފައެވެ. އޭރު އިޝާންގެ ކަރުނައަކީ އެއްޗަކަށް ނުވީފަދައިން މިއަދު އޭނާގެ ކަރުނައަކީވެސް ބޭކާރު އެއްޗަކަށްވެއްޖެވެ. އިޝާންއަކީ އޭނާގެ ފުރަތަމަ ލޯތްބަށްވެފައި މިއަދު އެއީ އޭނާގެ ހުވަފެންތަކުގެ ބައިވެރިޔާވެސް މެއެވެ. އައިޝާގެ ހިތުން އިޝާންއަށް އާމަޤާމެއް ދެވުނެވެ. އެލޯތްބަށް އިތުރު ނަމެއްވެސް ދެވުނެވެ. އޭނާ މިހާރު ދެލޯމަރާލަނީ އިޝާން ދުށުމަށްއެދިއެވެ. އޭނަޔާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްއެދިއެވެ. އެއީ ހަގީގަތެއްނެތް ކުޑަ ހިނދުކޮޅަކަށްވިޔަސްމެއެވެ.
One Comment
Comments are closed.


Haadha kurey 🙁