ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 18

- by - 0- October 3, 2015

އީމަންއަށް ޔާނާގެ އެންމެ ކަމުދާ އެއްސިފައަކީ އެއީއެވެ. އެހެން އަންހެންކުދިންނާ ޔާނާ އާއި ހުންނަ އެއް ތަފާތަކީ އެއީއެވެ. ލަދުރަކިކަމެވެ.

މިރޭ ދާނަމޭ ބުނަމުން އީމަން ޔާނާގެ އަތުން ދޫކޮށްލުމުން ޔާނާ ދުވެލާފައި ނުކުމެގެން ދިޔަ މަންޒަރު ބަލަން އިނީ ހެވިފައެވެ.

އެދުވަހު ގޭގައި އުޅޭ ނޯކަރުންނަށްވެސް އީމަންގެ ތަބީޢަތަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނެވެ. އެހެންކަމުން މުޅި މާހައުލަށް ވަނީ ހިނިތުންވުމާއި އުފާވެރިކަން ވެރިވެފައެވެ.

ކަޅުފޮއިރޭގެ އަނދިރިކަމުން މުޅި ފަޒާއަށް އަނދިރިކަން ވެރިކުރުވާފައިވީ ނަމަވެސް އީމަންއާ ޔާނަގެ ހިތް އުފަލުންނަށަމުން ގެންދަނީއެވެ. އީމަން މިރޭ އަންނަ ވާހަކަ ބުނުމުން ޔާނާ ރީތިވެލައިގެން ނުކުމެ ސިޓިންރޫމްގައި ކެތްތެރިކަމެއް ނެތި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ކަޅުކުލައިގެ ހެދުމުގެ ފަސްބައިގެ އެއްފަރާތުގައި ގަދަފެހިކުލައިގެ މާކޯޅިއެއް ހުރެފައި އެމާކޯޅިއާގުޅޭ ކުލައެއްގެ ޝޯލްއެއް އަޅާފައި ހުރިއިރު ޔާނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ކަޅުކުލަގަދަ އެ ބުމައާއި އެ ބޮޑު ދެލޮލެވެ. އީމަން އައިސް ދޮރު ހުޅުވާލި އަޑަށް ޔާނާ އެދިމާއަށް ބަލައިލި އިރު އެމަޑު ރަތްކުލައިގެ ތުންފަނުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ދުވެލިއެވެ. އީމަން މިރޭ އެހެން ރޭރެއަށް ވުރެ މާ ފިރިހެންވަންތަހެން ޔާނާއަށް ހީވިއެވެ. ގަދަނޫލުކުއިގެ ގަމީހެއް ލައިފައި އާދައިގެމަތިން އަތުގެ އުޅަބޮށްޓާ ހަމައަށް ގަމީހުގެ އަތުކުރި އޮޅާލެވިފައި ހުއްޓެވެ. އަދި ކަޅު ޖިންސެއްގައި އީމަން ފެންނަލެއް ވަކިން ރީއްޗެވެ.

އީމަން ވަނުމާއެކު މުޅިތަން އެއްވަސްކުރުވީ ފިރިހެންވަންތަ މީރުވަހަކުންނެވެ. ޔާނާ ގޮސް އީމަންގެ ކައިރީގައި ހުއްޓުމުން އީމަން މަޑުމަޑުން ޔާނާގެ އަތުގައި ހިފައިލިއެވެ. ދެމިޙުންގެ ހިތަށްވެސް ތަފާތު އިހުސާސެއް ކުރުވިއިރުއެކަކު އަނެކަކަށް ޓަކައި ހިތުގައި ފޮރުވިފައިވާ އިހުސާސްތައް ހިތު ތެރެއިން ނެރޭނެ ގޮތެއް ނޭނގުނެވެ. ޔާނާ ރީތިވެލައިގެން ހުރިއިރު އެރީތިކަން އީމަންގެ ހިތް ކުދިކުދި ކުރަމުން ދިޔައެވެ. އެހެދުމުގައި ޔާނާ ހާދަ މާތް ވައްތަރު ޖަހައެވެ. މައުސޫމުކަން އެމޫނުމަތިން ފާޅުވާން ހުރިއިރު އެދެލޮލުން އީމަންއަށް ޓަކައި ލޯބި ބަބުޅަމުން ދާފަދައެވެ. ފުރިހަމަކަމާ ރިވެތިކަމުގެ ނަމޫނާއެއް ކަމުގައި ޔާނާ ފުދޭހާވެއެވެ.
އީމަން އެތެރެއަށްވަދެ ދޮރު ލެއްޕިއެވެ. އަދި މަޑުމަޑުން އެއްކަކޫ މައްޗަށް ތިރިވިއެވެ. “ޔާނު، ވިލް ޔޫ މެރީ މީ؟”

އަތުތެރެއިން އަލިމަހުގެ ވިދަވިދާ ހުރި އަނގޮޓިއެއް ދިއްކޮށްލަމުން އީމަން ކޮށްލި ސުވާލުން ޔާނާގެ ހިތް މޭތެރެއިން ފުންމާނުލީ ކިރިޔާއެވެ. ތިރީ ތުންފަތުގައި ދަތްއަޅާލެވުނީ އުފަލުން ގޮސް ބާރަށް ހީގަނެވެން އުޅެވޭހެން ހީވުމުންނެވެ.

އަނގައިން ބަހެއް ނުނިކުތުމުން ބޮލުގެ އިޝާރާތުން އަވަސްއަވަހަށް އާނއެކޭ ބުނެލިއެވެ. އީމަން މަޑުމަޑުން ޔާނާގެ އިނގިލީގައި އަނގޮޓި އަޅުވައިދިނެވެ. އަދި މަޑުމަޑުން އެ އަތްތިލަ އީމަން ތުންފަތުގައި ޖައްސާލައި ބޮސްދިނެވެ. ވީ އުފަލެއް ބޮޑުކަމުންނާއި އީމަންގެ އެ ހަރަކާތުން ލަދުގަތުމުން ޔާނާ އަށް ބޭ އިޚްތިޔާރުގައި އަތްތިލަ ދަމައިގަނެވުނެވެ. އަދި ފަހަތަށް އެނބުރެވުނެވެ. އީމަން ފަހަތުން އައިސް ޔާނާގެ ހަށިގަނޑާ ކައިރިވެލިއެވެ. އެކަކު އަނެކަކުގެ ހޫނު އިހްސާސް ވާހާ ގާތަށެވެ.

އީމަން މަޑުމަޑުން ޔާނާއަށް ކަރުދާސް ގަނޑެއް ދިއްކޮށްލިއެވެ. ޔާނާ އެ ހޯދުމަށްފަހު ބަލައިލިއެވެ. ކައިވެނީ ގެ ފޯމު ފެނުމުން ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން އިތުރަށް ފުޅާވެ އެ ރީތި ދަތްޕިލަތަށް ފެންނަވަރަށް ހިނިތުންވެލެވުނެވެ. އަދި އީމަންއާ ދިމާއަށް އެނބުރެލިއެވެ. ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކުގެ ނޭވާ އިހްސާސްވާ ހިސާބުގައި ކަމުން އެދެމެދަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. އީމަން މަޑުމަށުން ބޯ ކައިރިކޮށްލިއެވެ. ޔާނާއަށް ލޯމަރައިލެވި ނޭވާ ހިފަހައްޓާލެވުނީ އަމިއްލަ ނަފްސުން ކޮންޓްރޯލް ނެތިގެން ދަނީ ހެން ހީވުމުންނެވެ. މިއީ އަދި ގޯހެއްކަން އެނގޭ އިރުވެސް އަމިއްލަ ނަފްސު ހުއްޓުވޭ ގޮތެއް ނުވިއެވެ.
ނޭފަތުކުރިއަށް އެރި ކުޑަކުޑަ ފުއްޓަކަކުން ޔާނާއަށް ސިހި ދެލޯ ހުޅުވާލެވުނެވެ. އީމަން އެހާ ކައިރިއަށް އައިސްފައި އެކޮށްލި ސަމާސާއިން ޔާނާއަށް ހިނިތުންވެވި އިސްޖަހާލެވުނެވެ. އީމަން އަކީވެސް އެގޮތަށް ގައިގޯޅިވުން ބޭނުންވާ މީހެއް ނޫންކަން ވިސްނި އަމިއްލަ ނަފްސަށް ކުރެވުނު ކުށްހީއަށް ލަދުގަނެވުނެވެ.

އީމަން ޔާނާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީންނިއެވެ. ދެހިތްވެސް އުފަލުން ފޮޅެމުން ދަނީއެވެ. އެރޭ ދެމީހުންވެސް އެކަކު އަނެކަކާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ޔާނާއަށް ކަންތައް ކުރެވުނު ގޮތުގެ ވާހަކަވެސް ކިޔައިދިނެވެ. އެދުވަހު އެހެން ކަންތައް ކުރަންޖެހުނު ސަބަބުވެސް އޮޅުންފިލުވައިދިނެވެ. އަދި އާއިޒުގެ ހަޤީޤަތްވެސް ކިޔައިދިނެވެ. ކަންތައްވީ ގޮތް އެނގުމުން އީމަންއަށްވެސް އަދި ޔާނާއަށްވެސް އިތުރު ހިތްހަމަ ޖެހުމަކާ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ހުރިހާ އޮޅުންބޮޅުންގަނޑެއް ސާފުވެގެން ދިޔުމުން ދެން ދެކެވެން ފެށީ ކުރިއަށް އަންނަން އޮތް އުފާވެރިކަމުގެ ވާހަކައެވެ.

ފާއިތުވާން ފެށި ދުވަސްތަކަކީ ދެހިތްވެސް އުފަލުން ދޫނިތަކެއް ފަދައިން ފަޒާގައި ފިޔަ ޖަހަމުން ދިޔަ ދުވަސްތަކެކެވެ. ކައިވެނި ކުރާނެ ތާރީޚެއް ކަނޑައަޅައި ނިންމިއެވެ. ޖެހިގެން އޮތްމަހު ކައިވެނި ކުރާ ގޮތަށް ނިންމުމުން ދެން ފެށުނީ ކައިވެނީގެ ތައްޔާރީ ތަކެވެ. މިކަންކަމުގައި ދެމީހުން އަވަދިނެތި އުޅެމުން ދިޔަނަމަވެސް އެކަކު އަނެކަކާ އެކީގައި އުފާވެރި ވަގުތުތަށްވެސް ހޭދަކުރަމުން ދެއެވެ.

ކޮންމެ ދުވަހަކުވެސް އީމަން ޔާނާ ގޮވައިގެން ޔާނާގެ މަންމައާ ބައްދަލުކޮށްލަން ދެއެވެ. ހާމިޒާގެ ހާލަތަށް އިތުރު އެއްވެސް ކުރިއެރުމެއް ނުލިބޭތަން ފެނި ޔާނާ ކުރަމުންދާ ހިތާމަތަކަށް ކެތްތެރިވުމަށް އެދި ހިތްވަރު ދެއެވެ. އީމަންއާ ކައިވެނި ކުރަން އުޅޭ ވާހަކަ ޔާނާ މަންމަ ގާތުގައި ބުންޏެވެ. އަދި އޭގެ އިތުރުން އޭނާގެ އުފާވެރިކަމުގެ ވާހަކައާ ހަމައެކަނި ފަޅުކަމަކީ މަންމަ ނެތުންކަން ބުނެ ވާހަކަ ދައްކައި ހަރަކާތްކުރުމަށް އެދި އާދޭސްކުރަމުން ގެންދިޔައެވެ. އެގޮތަށް ދާ ވަގުތުތަކުގައި ބޮޑުދައިތަމެން ތިބި ނަމަވެސް މިހާރު ޔާނާ އީމަންއާއެކު ގޮސް އުޅޭތީ އެއްވެސް އެއްޗެކޭ ނުކިޔައެވެ. ނަމަވެސް މޫނުމަތިން ނުރުހުންވުމުގެ ކުލަވަރު ފެނެއެވެ. އީމަންވެސް ހާމިޒާގެ ހާލަތާ ބެހޭ ގޮތުން އިތުރަށް ޑޮކްޓަރުންގެ ކިބައިން ލަފާ ހޯދިއެވެ. އަދި އިތުރަށް ފަރުވާ ހޯދުމަށްޓަކާ ކައިވެންޏަށްފަހު މެލޭޝިޔާއަށް ފުރަން ބޭނުންވާހަކަ އީމަން ޔާނާގެ ގާތުގައި ބުންޏެވެ. އެކޮޅުގައި އީމަންގެ ގެއެއް ހުންނަކަމަށްވެސް ބުންޏެވެ. މިއިން ކޮންމެ ދަނޑިވަޅެއްގައި ވެސް ޔާނާ ޝުކުރުވެރިކަމާއެކު އީމަންއަށް ތަޢުރީފު ކުރެއެވެ.

ޔާނާގެ ކޯސް ނިމެން ދެތިން ހަފްތާއަށް ވެފައި ވުމުން ޔާނާވެސް އުޅެމުން ދިޔައީ ވަރަށް ބުރަކޮށެވެ. އީމަންގެ އެހީތެރިކަން ޔާނާއަށް ކިޔެވުމުގައިވެސް ލިބުމުން ޔާނާއަށް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމައްޗެއް ނުވެއެވެ.
“ކުރިން ދިޔައިން ދޯ ޔުނިވަރސިޓީއަށް. މިހާރު ހުއްޓާލީތަ؟” ޔާނާ އީމަންއާ ފޯނުންވާހަކަ ދައްކަމުން ގޮސް ސުވާލުކޮށްލިއެވެ.
“އާނ. މިކޮޅަށް އައިތަނުން ޔުނިވަރސިޓީއިން އެދުނީ ޕާރޓްޓައިމް ކޮށް މެނޭޖްމަންޓް ކުދިންނަށް ކިޔަވައިދޭން. އެ ސެމެސްޓާރގަ އެކަނި ދާން ޖެހުނީ” އީމަން ކުޑަދޮރުގައި އަތް އަޅުވާލައިގެން ބޭރު ބަލަން އިނދެ ޖަވާބު ދިނެވެ.
“އޯވ. ލެކްޗަރާރ އެއް ދޯ. އަހަރެން ހީކުރީ ސްޓޫޑެންޓެއް ކަމަށް.” މިހެން ބުނަމުން ޔާނާ ހީގަތީ އީމަން ހޯދުމަށްޓަކައި އެކްލާސްތައް ކައިރިން ކިޔަވައިދޭން ހުންނަ މީހާއަށް ސިއްރުން ބޯދިއްކުރާ ހަނދާން ވުމުންނެވެ. ދެމީހުން ފޯނުން ވާހަކަ ދައްކަމުން ދިޔައިރު މޫނު މަތިން އުފާވެރިކަމުގެ ކުލަވަރު ފެންނަމުން ދިޔައެވެ.

އީމަން ފޯނު ބޭއްވުމަށްފަހު ޖީބަށް ފޯނު ލިއެވެ. އަދި ފުންނޭވާއެއް ލުމަށްފަހު ބޭރަށް ބަލައިލިއެވެ. އެވަގުތު އަނެއްކާވެސް ފޯނު ވައިބްރޭޓް ވާން ފެށުމުން ނަގައި ބަލައިލިއެވެ. އަދި ފޫހިކަމާއެކު ފޯނު ސައިލެންޓް ކޮށްލާފައި ޖީބަށް ފޯނު ލިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޔާނާމެން ކައިވެނިކުރަން ހަފްތާއަކަށް ވީއެވެ. ދެމީހުންވެސް ބޭނުންވީ ވަރަށް އާދައިގެ ގޮތަކަށް ހުރިހާކަމެއް ނިންމާލުމަށެވެ. ނަމަވެސް ހަނދާނަކަށް ބެހެއްޓުމުގެ ގޮތުން ފޮޓޯނެގުމަށް ޓަކައި ވެޑިން ޑްރެސް އެއް ފެހުމަށް ދެމީހުންވެސް ނިންމިއެވެ. އެކަމުގައި އީމަންއަށް އެހީތެރިވެ ދިނީ ޖާހަތު އެވެ.
މެންދުރުގެ ހޫނުގަދަ ވަގުތު މަގުމަތިން ހިނގާލާފައި އައިސް ޔާނާމެންގެ ގޯޅިއަށް އަޅަން އައި ޖާހަތު، ކަންމަތީގައި ހުރި ފިހާރަތެރޭގައި ހުރި ޔާނާއަށް ފެނުނެވެ. ޖާހަތުއަށް ގޮވުމަށްޓަކައި އަވަސްއަވަހަށް ދޮރާ ދިމާއަށް ހިނގައިގަތް ޔާނާގެ ދެފައިގައި ތަންޑު އެޅުވުނުހެން ހީވެގެން ދިޔައީ ޖާހަތުގެ ކުރިމައްޗަށް އައިސް ހުއްޓުނު ފިރިހެން މީހާ ފެނުމުންނެވެ. އެއީ އާއިޒު ބުނެގެން ޔާނާ ހުޅުމާލެއަށް ގެންދިޔަ ރޭގައި ކާރުގައި ތިބި ދެމީހުންގެ ތެރެއިން ދުއްވަން އިންމީހާއެވެ. ޔާނާ އެސޫރަ ވަރަށް ރަނގަޅަށް ހަނދާން ހުރިއެވެ.

ނަމަވެސް އެމީހާ ޖާހަތު އާ އެދައްކަނީ ކޮންވާހަކައެއް ހެއްޔެވެ؟ ޖާހަތުވެސް ކޮންމެވެސް ވާހަކަ ތަކެއް އެބަ ދައްކައެވެ. ޖާހަތުގެ މޫނުމަތިން ފެންނަ ކުލަވަރުން އެމީހާއާ ބައްދަލުވީ އަލަށް ހެނެއް ހިއެއް ނުވެއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ. ނަމަވެސް އެފިރިހެން މީހާ ދޭތެރެއަކުން ފާޑަކަށް ހީގަންނަތަންވެސް އެބަ ފެނެއެވެ.

ފިހާރައިން ގަނެފައި ހުރި އެއްޗެއްސަށް ލާރި ދެއްކުމަށްފަހު އެއްޗެހި ހިފައިގެން ޔާނާ ނުކުތް އިރު އެފިރިހެން މީހާ ފެންނާކަށް ނެތެވެ. ނަމަވެސް ޖާހަތު ޔާނާގެ ގެއާ ދިމާއަށް ގޮސްގޮސް ހުރިތަން ފެނުމުން ޔާނާ ފަހަތުން ހިނގައިގަންނަމުން ގޮވާލިއެވެ. ޔާނާގެ އަޑު އިވިފައި ޖާހަތު އެނބުރި ބަލައިލިއެވެ. ޔާނާ ހިނގާލާފައި ގޮސް ހުއްޓިގެން ހުރި ޖާހަތިއާ އަރާހަމަކުރިއެވެ. އަދި އިތުރު ވާހަކައެއް ދެއްކުމެއް ނެތި ސުވާލުކުރިއެވެ. “އެއީކާކު؟”
“ކޮބާ؟ ކޮންތާކު ހުރި މީހެއް؟” ޖާހަތުވެސް ޔާނާގެ ސުވާލު ނުވިސްނުމުން ކޮށްލީ ސުވާލެކެވެ.
“ދެންމެ އެފިހާރަ ކުރިމަތީގައި ޖާތުއާ ވާހަކަ ދައްކަން ހުރީ؟ އަހަރެން މިއައީ އެފިހާރައިންނޭ” ޔާނާ އިތުރަށް އޮޅުން ފިލުވައި ދިނުމުގެ ގޮތުން ބުނެލިއެވެ. ނަމަވެސް ޖާހަތުއަށް ހުރެވުނީއެވެ. ދޭންވީ ކޮން ޖަވާބެއްކަމެއް ނޭނގިފައެވެ. މެންދުރުގެ އަވިހޫނު ވަގުތު ނަމަވެސް ޖާހަތުގެ އަތްފައި ވަނީ ފިނިވެފައެވެ. ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތް ތަކަށްފަހު ޔާނާ ހަމައަކަށް އެޅިފައި ވަނިކޮށް އަނެއްކާ އޭނާއަށް އިތުރު ބޮލުރިހުމެއް ދޭން ބޭނުމެއް ނުވިއެވެ. ނަމަވެސް ބުނާނީ ކީކޭ ބާވައެވެ.

“އެއީ ބޭބެމެންނާ ތިމާގެ މީހެއް.” ޖާހަތު ވަރަށް ވިސްނާލުމަށްފަހު ދޮގެއް ހަދައިލިއެވެ.
ނަމަވެސް ޔާނާ މާ ހުޝިޔާރެވެ. ވަގުތުން އެކަމާ އިންކާރު ކުރިއެވެ. އަދި އެހަދަނީ ދޮގުކަމުގައި ބުންޏެވެ.
“ޖާތު. އަހަންނަށް އެނގެޔޭ އެއީ ކާކުކަން. އެއީ އާއިޒު ބުނެގެން އަހަރެން ހުޅުމާލެޔަށް ގެންދިޔަ ދެމީހުންގެ ތެރެއިން އެކަކު. އަހަރެން މިއަހަނީ ޖާތު އޭނާ ދަންނަނީ ކިހިނެއް ހޭ؟” ޔާނާ ކުޑަކޮށް ރުންކުރުކޮށްލާފައި ސުވާލުކޮށްލީ ޖާހަތު އޭނާއަށް ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން ޔަޤީންވުމުންނެވެ.
ޖާހަތުގެ ލޮލުގައި ކަރުނަތަށް ގިނަވެ ރޮވެން އުޅޭހެން ހީވާން ފެށުމުން ޔާނާ ޖާހަތުގެ އަތުގައި ހިފައިގެން ގޮސް ގެއަށް ވަދެއްޖެވެ. އަދި އެތެރެއަށްވަދެ ބަދިގޭ މޭޒުކައިރީ އިން ގޮނޑިއެއްގައި ޖާހަތު އިށީންނުވުމަށްފަހު އައިސްއަލަމާރިން ފެންފުޅިއެއްނަގައި ތަށްޓަކަށް އަޅައިދިނުމަށްފަހު ޖާހަތުއަށް ދިއްކޮށްލިއެވެ. ޖާހަތު ފެންތަށީގައި ހިފުމަށްފަހު ކޯވަރެއް ބޯލިއެވެ. ޔާނާ ޖާހަތުގެ ކައިރީ ހުރި ގޮނޑި ނަގައިގެން އިށީންނީ ޖާހަތުގެ ވާހަކަތަށް އަޑު އަހަން ތައްޔާރޭ ބުނާފަދަ ގޮތަކަށެވެ. ޔާނާ ދުލެއް ނުކުރާނެކަން އެނގުމުން ޖާހަތު އިސްޖަހައިގެން ފެންތަށްޓަށް ބަލަން އިނދެފައި ވާހަކަ ދައްކަން ފެށިއެވެ.

“އެއީ އަހަންނާ އެއްވެސް ގޮތަކަށް ތިމާގެ މީހެއް ނޫން. އޭނައަށް ކިޔަނީ ހުމާމް. ރަނގަޅަށް ތިބުނީ. އޭނަ އާއިޒުގެ އެރޭވުމުގައި އެހީވެދިނީ. އެކަމަކު އޭނަގެ މައްޗަށް އެއްވެސް ގޮތަކަށް އެކަމުގައި ބައިވެރިވި ކަމުގެ ހެއްކެއް ސާބިތެއް ނުކުރެވުނު.” ޖާހަތުގެ ވާހަކަ މިހާ ހިސާބަށް ދިޔުމާއެކު ޔާނާ ވާހަކަ ދައްކަން ފެށިއެވެ.
“އަހަންނަށްވެސް ތިކަން އެނގެޔޭ. އޭނަ ކީއްކުރަން، އާއިޒުވެސް ތިކަމުން ސަލާމަތްވާނެ ކަން އަހަންނަށް އެނގޭ. އެކަމަކު އަހަރެންގެ ސުވާލަކީ އޭނަ ޖާތުއާ އެދެއްކީ ކޮންވާހަކައެއް ހެއްޔޭ. އަހަންނަށް އެނގޭ މިއީ ތިދެމީހުން ބައްދަލުވި ފުރަތަމަ ފަހަރު ނޫންކަން.” ޔާނާ އަނދިރީގައި ތީރު އެއްލާލިއެވެ. ތީރު ހެރުނީ ހަމަ މެދަށެވެ. ޖާހަތު އިތުރަށް ކިޔައިދޭން ފެށިއެވެ.

“އާނ. އެރޭ އަހަރެންގެ ފޯނުން ޔާނުއާ ކޮންޓެކްޓް ކުރީ އޭނަ. އަހަރެންގެ ފޯނުގަ ހުރި އަހަރެންގެ ފޮޓޯތަކާ ހުރިހާ ކޮންޓެކްޓެއް އޭނަ ޗެކްކުރި. އަދި އޭގެ އިތުރުން އަހަރެންގެ އައިޑީ ކާޑުގެ އެހީގަ އަހަންނާ ބެހޭ ހުރިހާ މައުލޫމާތެއްވެސް ވަނީ ހޯދާފަ. އޭނަ ބޭނުންވަނީ އަހަންނާ ރަށްޓެހިވާން. އަހަރެންގެ ފޮޓޯތަށްވެސް އޭނަ އަތުގަ ތިބިކަމަށް ބުނީ. ވަރަށް އުނދަގޫ ކުރޭ. މަގުމަތިންވެސް އުނދަގޫ ކުރަނީ. ގެއަށްވެސް އެވަރަށް ދޭ. ކުރިންރޭވެސް ދަންވަރު މީހަކު ވަރަށް ދޮރު ތެޅި. ހީވަނީ ހުމާމުގެ ކަމެއްހެން.” ޖާހަތު ޔާނާއަށް ބަލައިލިއެވެ.

“އެކަމަކު ހަމަ ސާބަސް ޖާތުއަށް. ތި ހުރިހާ ކަމެއް ވީ އިރު އަހަރެން، ކައިރީ ބުނެލުން މުހިންމު ކަމެއްކަމުގައި ޖާތުއަށް ނުފެނުނު ދޯ؟” ޔާނާ ހިތްހަމަ ނުޖެހި ހުރެ ސުވާލު ކޮށްލިއެވެ. ހިތްހަމަ ނުޖެހުމަށްވުރެ ބޮޑަށް ޔާނާ ވީ ދެރައެވެ. ޖާހަތު އޭނާ އެވަރަށް ދުރުކޮށްލީތީއެވެ. ޔާނާގެ މޫނުމަތިން މިކަން ވަރަށް ރަނގަޅަށް ދޭހަވެގެން ދިޔައެވެ.

“ޔާނު އެއްގޮތަކަށް ވެސް ތިޔަހެނެއް ނޫން. އޭނަގެ އުނދަގޫ ތަކަށް މާބޮޑު ސަމާލުކަމެއް ދޭން އަހަރެން ބޭނުންނުވީ. ހީކުރީ މިއީ އެއްދުވަސް ދެދުވަހެއްގެ ކަމެއްކަމަށް. އަހަރެން އަޅާނުލުމުން އޭނާ ފޫހިވެގެން ދުރަށް ހިނގައި ދާނެކަމަށް. އެކަމަކު ނޭނގި ހުއްޓާ މަޑުމަޑުން ކަންތައް ބޮޑުވަމުން ބޮޑުވަމުން އައިސް ސަލާމަތް ނުވެވޭ ވަރުގެ ބޮޑު ވިލާގަނޑެއް އަހަރެންގެ ބޯމަތިވެފައިވާ ހެން ހީވަން ފަށައިފި. އޭނަ ކުރާނަމޭ ބުނާ ކަންތައްތައް ހަމަ ހަޤީޤަތުގައިވެސް ކޮށްފާނެޔޭ ހީވާންފަށައިފި.” ޖާހަތު އިތުރަށް ތަފްސީލުކޮށްދޭން މަސައްކަތްކުރިއެވެ.

“ޖާތު މިގެއަށް ބަދަލުވާންވީނު. ޖާތުގެ ދޮންބެމެންވެސް މިހާރު އެއުޅެނީ ވަކިން. ޖާތު މިހާރު ތި އުޅޭ ފްލެޓް ކުއްޔަށް ދީފަ އަހަރެން ކައިރިއަށް މިގެއަށް ބަދަލުވޭ.” ޔާނާ ވިސްނާލާފައި ހިޔާލެއް ދިނެވެ. ޖާހަތުއަށްވެސް މިއީ އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވި އެ ޚިޔާލަށް ތާއީދުކުރިއެވެ.

ޔާނާގެ އެދުމުގެ މަތިން ޖާހަތު އެގެއަށް ބަދަލުވުން ވެގެން ދިޔައީ ދެކުދިންނަށްވެސް އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބިގެން ދިޔަ ކަމަކަށެވެ. ޖާހަތު ހުރުމުން އީމަންއަށްވެސް އެގެއަށް އައުމަށް ތަންކޮޅެއް ފަސޭހަވެގެން ދިޔައެވެ.

އެއްރެއަކު ޔާނާއާ އީމަން ހާމިޒާގެ ގާތުގައި ހޮސްޕިޓަލުގައި ވަރަށް ދަންވަންދެން ތިބެފައި ގެއަށް އައެވެ. ޔާނާ ގެއަށް ވަނުމާއެކީ ޖާހަތުއަށް ގޮވާލިއެވެ. ނަމަވެސް އެއްވެސް ހިލަމެއް ނުވިއެވެ. އީމަންވެސް ގޭތެރެ ކުޑަކޮށް ހޯދާލުމަށްފަހު ޖާހަތުއަށް ގޮވާލިއެވެ. ޖާހަތު އުޅެނީ ޔާނާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި ކަމުން ދެމީހުން އެކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާލާފައެވެ. ފާހާނާގައެއްވެސް ނެތެވެ. ޔާނާ ކުޑަކޮށް ހާސްވާ ގޮތްވިއެވެ. ދަންވެފައި ވަނިކޮށް ޖާހަތު ދިޔައީ ކޮންތަނަކަށް ބާވައެވެ. ޖާހަތުއަކީ ތިމާގެ އެއްވެސް މީހެއް ނެތް ކުއްޖެކެވެ. ތުއްތު އިރުއްސުރެ ބަލަމުން އައީ ދޮންބެ އެވެ. އެއީވެސް ދުރުތާ ތިމާގެ މީހެކެވެ. ޔާނާ ގްރޭޑް 10 ނިމި އަމިއްލަ އަށް އުޅެވޭ ވަރުވުމުން އެމީހުން އެހެންތަނަކަށް ބަދަލުވީއެވެ.

ޔާނާ ހާސްވެ ހުރެ އީމަން އާސުވާލު ކޮށްލިއެވެ. “ދެން ކިހިނެއް ހަދާނީ؟”

“ހަދަންވީ އަހަރެން ބުނާ ގޮތެއް.” ޖާހަތުގެ އެޕާރޓްމެންޓްގެ ކޮޓަރީގައި އިން ގޮނޑިއެއްގައި އިށީނދެ ކުރިމަތީގައި ހުރި ކުޑަ މޭޒުކޮޅަށް ދެފައި އަރުވައިގެން އިން އާއިޒު ވާހަކަ ދެއްކީ ޖާހަތު އާއެވެ. އަޑުގައި ވަނީ ހަރުކަށިކަމެވެ.

ޖާހަތުގެ ފްލެޓް ކުއްޔަށް ހިފަން ބޭނުންވެގެން މީހަކު އެ ފްލެޓް ބަލާލުމަށް އެދުނީތީވެ ޖާހަތު އެތަނަށް އައިއިރު އެއީ އާއިޒުގެ ރޭވުމެކެވެ. ޖާހަތު ހުރީ އާއިޒުގެ ކުރިމަތީގައެވެ. އެއްފަރާތު ފާރަށް ލެނގިލައިގެން ހުމާމު ހުއްޓެވެ. ބިރުގަނެފައި ހުރިނަމަވެސް މޫނުމަތިން ނުރުހުމުގެ އަސަރުފާޅުކޮށް ހަރުކަށި ގޮތްގަނޑެއް ދައްކައިގެން ހުރީ އެތަނުގައި އޭނާ އަށް ސަލާމަތްވެވޭނެ އިތުރު އެއްވެސް ގޮތެއް ނެތްކަން އެނގޭތީއެވެ.

“ކޮން ގޮތެއް؟” ޖާހަތު ރުޅިވެރި ކަމާއެކީ ސުވާލުކޮށްލިއެވެ.
“ޔާނާ އަހަންނާ ހަމައަށް ގެނެސްދޭންވީ.” އާއިޒު އަމުރުވެރި ރާގެއްގައި ބުނެލިއެވެ.
“ނުވާނެ ތިކަމެއް. ހަމަހޭ ހުއްޓައި ދުވަހަކުވެސް ޔާނު ކަލެއާ ހަމައަށް އަޔަކަ ނުދޭނަން.” ޖާހަތު ރުޅިވެރިކަމާއެކީ އިންކާރުކުރިއެވެ.

0

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.