ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 17
“ތިއީ ތަ ވީ ލޯތްބަކީ. ޗި.. ތިއީ ފިރިހެނަކަށް ވެސް ނުވިއެއްނު. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްނޫންކަން ހަނދާން ކުރާތި.” ރުޅިވެރި ކަމާއެކީ މިހެން ބުނެލުމަށްފަހު އަނެއްކާވެސް އާއިޒު ކޮށްޕާލިއެވެ. އީމަން ތެދުވެގެން ޔާނާއާ ދިމާއަށް ހިނގައިގަތެވެ. އަދި މަޑުމަޑުން ޔާނާ އެ ބާރުގަދަ އަތްދަނޑި މައްޗަށް އުފުލާލީ ލޯތްބާއި އޯގާތެރި ކަމާއެކީއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. ޔާނާގެ އަދިވެސް ހެއެއް ނެތެވެ. އެވަގުތު އެ ހަމަ ހިމޭން ފަޒާ ތެރޭގައި ގުގުމާލީ އާއިޒުގެ ރުޅިވެރި ބަސްތަކެވެ.
“އީމަން! ކަލޭ ތީ ކޮންމެ މީހަކަށް ވިޔަސް ވަރިހަމަ. އަހަރެންގެ ގަޔަށް އަތްލުމުން ތި ކުރެވުނީ ވަރަށް ބޮޑު ކުށެއް. އެހެންނޫނަސް އަހަރެންގެ މަގަށް ހުރަސް އަޅާމީހަކަށް އަހަރެން ދުވަހަކުވެސް މާފެއް ނުދެން. ހީނުކުރާތި މިހިސާބުން މިނިމުނީއޭ. މިއީ ފެށުން.” އާއިޒު ކޮޅަށްހުރެ ރުޅިވެރި ކަމާއެކީ ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން ހީވަނީ ރުޅިވެރިކަމުގެ އަލިފާންކަނި ބުރާ ހެނެވެ. ނަމަވެސް އީމަން އިތުރު އެއްވެސް ހަރަކާތެއް ނުގެނެސް ކުރިއަށް ގޮސް ގޮސް ހުރިއެވެ. އަދި ޔާނާގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ވަރުބަލިކަން ފެންނަން ހުރިނަމަވެސް ރީތިކަން އޭގެ އިންތިހާއަށް ބަބުޅަމުން ދިޔައެވެ.
އީމަންއަށް ޔާނާއަށް ބެލެމުން ދިޔައީ އެސްފިޔަވެސް ޖަހާލަން ނޭނގިފައި ހުރެއެވެ. ހިނގަމުން ގޮސް މީހުން އުޅޭ ހިސާބަށް ދެވުމާއެކީ ކާރެއް ލިބޭތޯ މަސައްކަތް ކުރިއެވެ. ދަންވެފައި ވުމުންނާ ވިއްސާރަވެފައި ވުމުން މަގުމަތިން މީހެއްވެސް ފެންނާކަށް ނެތެވެ. ދޭތެރެ އަކުން ދުރުން ހުރަސްކޮށްލާ ސައިކަލެއްގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެއެވެ. އީމަންގެ ޖީބުގައި އޮތްފޯނު ވައިބްރޭޓް ވާހެން ހީވުމުން ކަކޫ މައްޗަށް ތިރިވެ ޔާނާގެ ގައިގައި އެއް އަތުން ހިފަހަށްޓާލައިގެން އިނދެ ފޯނަށް ބަލައިލިއެވެ. ސޭވްކޮށްފައި ހުރި ނަމްބަރެއް ނޫންކަމުން އީމަން އަކަށް ވަކިމީހެއް ނޭނގުނެވެ. އީމަން ފޯނު ނެގުމާއެކީ އެކޮޅުން އިވުނީ ޖާހަތުގެ އަޑެވެ. ޔާނާގެ ހަބަރެއް ވީތޯ ބެލުމަށެވެ. އީމަން ވަރަށް ކުރުކޮށް ހުރިހާ ވާހަކަ ތަކެއް ކިޔައިދިނެވެ. އަދި މިހާރު ހުރިތަނުގެ މަޢުލޫމާތުވެސް ދިނެވެ.
ބޯމަތިވެފައިވާ ކަޅުވިލާގަނޑުގެ ވާރޭ ވެހިގަތީ އީމަން ފޯނު ޖީބަށް ލުމަށްފަހު ޔާނާ ނެގިވަގުތުއެވެ. ބަރުފެންތިކި ތަކުން މުޅިމީހާ ތެންމަމުން ދިޔަ އިރު ޔާނާގެ މޫނަށް ފެންތިކިތަށް ތަޅަންފެށިއެވެ. ޔާނާ ހޭއަރާތޯ ބަލަން ދެތިން ފަހަރަކު ގޮވައިލިއެވެ. ނަމަވެސް ޔާނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ފެރީޓާރމިނަލާ ކައިރިކަމުން އީމަން އެދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ކުއްލިއަކަށް ފަހަތުން ނުކުމެގެން ކާރެއް އައިސް ބާރު ސްޕީޑްގައި އީމަންއާ އަރާ ހަމަކުރަނީ އެވެ. ބޯވާރޭގެ ތެރޭގައި އީމަންއަށް އެދިމާއަށް ބަލަން ހުރެވުނީ ވާނުވާ ނޭނގިފައެވެ. ކާރު އަންނަނީ މަޑުނުކޮށް އީމަންއާ ދިމާއަށް ކަން އެނގުނު ހިނދު އެއްފަރާތަކަށް ދުއްވައިގަތީ ސަލާމަތް ވުމަށެވެ. ކާރުގެ ބްރޭކް ހިފުނު އަޑު އިވުމާއެކީ ކާރުގެ ހަތަރު ފަރާތުގެ ދޮރުފަތްތައް އެއްފަހަރާ ހުޅުވުނެވެ. އަދި ހަތަރުފަރާތުން ފައިބައިގެން އައި ހަތަރު މީހުންގެ ތެރޭގައި އާއިޒު ވެސް ހުރުމުން މިވާން އުޅޭގޮތް އީމަންއަށް ވަގުތުން އެނގުނު ކަހަލައެވެ.
އަޅާނުލާން ވެގެން އީމަން ބާރުބާރަށް ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ފަހަތުން އައި މީހެއް އައިގޮތަށް އައިސް ކޮޅުފައިން އީމަންގެ ބުރަކަށި މަތީގައި ޖެހުމާއެކު ކުރިމައްޗަށް އަރިއަޅަލިއެވެ. ހަށިގަނޑު ބެލެންސް ކުރުމަށްޓަކައި ކުރެވުނު މަސައްކަތުން ގޮސް އިށީންދެ ވުނީ ކަކޫމަތީގައެވެ. އަތުން ކައްސާލައިގެން ގޮސް ޔާނާ ބަނޑުވަތަށް ބިންމައްޗަށް ވެއްޓުނީ ކަކޫ ޖެހުނު ފަހުން ކަމަށް ވާތީ ވެއްޓުނީ ވަރަށް މަޑުމަޑުންނެވެ. ނަމަވެސް އީމަންއަށް ތެދުވެވުމުގެ ކުރިން އަނެއްކާވެސް އީމަންގެ ބުރަކަށްޓަށް ހަމަލާއެއް އެރުމުން އަނގަވަތަށް ގޮސްވެއްޓުނެވެ. އަވަސްއަވަހަށް އެނބުރި ފަހަތަށް ބަލައިލި އިރު އާއިޒު ނުލަފާ ހިންޏެއް އައިސްފައި ކުރިމަތީގައި ހުއްޓެވެ.
“ބުނީމެއްނު އަހަރެންގެ މަގަށް ހުރަސް އަޅާ މީހުން އެހާފަސޭހައިން ދުލެއް ނުކުރަމޭ. ޔާނާ ގޮވައިގެން އައިއިރު ހީވި ދޯ ތިމަންނަ ވަރަށް މޮޅޭ. ދެން ތިޔަހުރި މޮޅުކަމެއް ނިކަން ދައްކަބަލަ.” މިހެން ބުނުމާއެކު ބާކީ ތިބި ތިންމީހުން އައިސް އީމަންގެ ފައިގައި ހިފައިގެން ބަންޑުންބާއްވައިގެން ފަހަތަށް ދަމައިގަނެ ދުރަށް، މަގުގެ މެދަށް ގެންދިޔައެވެ. އަދި ގައިގެ އެތަން މިތަނުގައި ފައިކުރުކޮށްލާފައި ތަޅައިގަތެވެ. ލިބެމުން ދިޔަ އަނިޔާތަކަށް ރައްދުދެވޭތޯ އީމަން މަސައްކަތްކުރި ނަމަވެސް ބިޔަ ތިން ފިރިހެނުންގެ ނުލަފާ ހަމަލާ ތަކުގެ ޝިކާރަ އަކަށް އީމަން ވަމުން ދިޔައެވެ.
އެވަގުތު އެދިމާއަށް ބާރު ސްޕީޑްގައި އަންނަ ވެހިކަލެއް ފެނުމާއެކީ އެތިން މީހުން ކާރާ ދިމާއަށް ދުއްވައިގަތެވެ. އާއިޒުއަށް ރޭކާލީ ތަންކޮޅެއް ފަހުންނެވެ. އޭނާ އިނީ ދީވާނާ ވެފައިވާ މީހެއްފަދައިން ޔާނާގެ މޫނުގައި ފިރުމާލަ ފިރުމާލައެވެ. ގައިމަތީގައި ބޮޑު ކޯޓެއް އަޅައި ޔާނާ ހިޔާކޮށްފައި ވެއެވެ. ވެހިކަލް އައިސް މަޑުކުރި އިރު އެތިން މީހުނަށް ކިރިޔާ ކާރަށް އެރުނީއެވެ. ވެހިކަލް މަޑުޖަހައިލީ އީމަން އޮތް ހިސާބުގައި ކަމުން އޭގެން ފޭބި ޔާނާގެ މަންމަމެންނާއި ތިން ފުލުސް އޮފިސަރުންނަށް ދުރުގައި އޮތް ޔާނާ ފެންނަ ވަރެއް ނުވިއެވެ. ތަން އަނދިރި ވެފައި އޮތުމާއި ބޯކޮށްވާރޭ ވެހެމުން ދިޔުމުން އެއްވެސް ތަނެއް ފެންނަ ވަރެއް ނުވިއެވެ.
އާއިޒު ދުވެގޮސް ކާރަށް އެރިތަން ފުލުހުންނަށް ފެނުމުން އެމީހުން ފަހައި ދުއްވައިގަތެވެ. އެވަގުތު ކާރު ފަހަތަށް އެނބުރުމަށް ޓަކައި އާއިޒު ތެޅެމުން ދިޔައެވެ. ފުލުހުން އަރާ ހަމަކުރާތަން ފެނުމުން އާއިޒު ބާރު ސްޕީޑްގައި ކުރިއަށް ދުއްވާލި ކާރު ޔާނާއާ އަރާ ހަމަވާތަން ފެނުނީ ކާރުގެ އަލި އެހިސާބަށް އެރުމުންނެވެ. މިތަން ފެނުމާއެކު އީމަންއާ ޔާނާގެ ބައްޕަ އެއްކޮށް ކަހަލަ ގޮތަކަށް ދުއްވައިގަތެވެ. ބާރުސްޕީޑްގައި އަރާހަމަ ކުރަމުން ދިޔަ ކާރުގެ ކުރިމަތިން ޔާނާގެ ހަށިގަނޑު އެއްފަރާތަކަށް ޖައްސަން އުޅުނުތަން ފެނުމުން އާއިޒުއަށް ތެޅެގަނެވުނެވެ. ނަމަވެސް ތަންކޮޅެއް ލަސްވީއެވެ. ކާރު ގޮސް ޖެހުނީ ޔާނާގެ ގައިގައި ހިފައިގެން މަގާވީ ފަރާތުގައި ހުރެވުނު ނޫހުގެ ގައިގައެވެ. ކާރުން ޖެހި ނޫހު އެއްފަރާތަކަށް ވިއްސައިގެން ދިޔުމެވެ. ހުރިހާ އެންމެނަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ.
ހިތްވަރުކޮށްފައި ހުރިހާ ވާހަކަތައް އަޑުއަހަން އިން ޔާނާ އަށް އިނީ ރޮވިފައެވެ. ކޯތާފަތްމަތިން ބޮޑެތި ކަރުނަ ތިކިތައް ހިފެހެއްޓުމެއް ނެތި ފައިބަމުން ދާއިރު އެހިތުގައި އަޅަމުންދާ ވޭން އެމޫނު މަތިން ސާފުކޮށް ފެންނަން ހުރި ފަދައެވެ. ޖާހަތު ޔާނާ ކައިރީ އިށީނދެ އިނދެ ކޮނޑުމަތީ ގައި އަތްބާއްވާލީ ނުރޯށޭ ބުނަމުންނެވެ.
“ބޮޑުދައިތަ އެބުނީ ރަނަގަޅަށް. ބައްޕަ މަރުވީ ހަމަ އަހަންނާ ހެދި.” ޔާނާ ރޮމުން ބުނެލިއެވެ.
ޔާނާ ދެރަވެފައިވާ މަންޒަރު ފެނި އީމަންގެ ހިތް ހަމްދަރުދީ އިން ފުރިއްޖެއެވެ. އަދި މަޑުމަޑުން އައިސް ޔާނާ ގާތުގައި އިށިނދެފައި ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޔާނާގެ ވިސްނުން ހުރީ މުޅިން އެހެން ގޮތަކަށެވެ.
“ނޫން ޖާތު. އިތުރަށް އަހަންނަށް ވިސްނައިދޭން ނޫޅޭ. ބޮޑުދައިތަ އެބުނީ ރަނގަޅަށް. ބައްޕަގެ އެދުން އަހަންނަށް ފުރިހަމަ ކޮށެއް ނުދެވުނު. ނަމަވެސް އެކަންއެހެން ވިޔަ ނުދޭނަން. އަހަރެން އާއިޒުއާ އިންނާނަން. ބައްޕަގެ އެދުން ފުރިހަމަ ކުރާނަން.” ޔާނާ ލޮލުން ކަރުނަ ފުހެލަމުން ބުނެލިއެވެ.
އީމަންއަށް ހީވީ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެނެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. މުޅިމީހާ މާޔޫސްވުމުން މަޑުމަޑުން އެތަނުން ނުކުމެއްޖެއެވެ. ޖާހަތުއަށް މިކަން ފާހަގަ ކުރެވުނަސް ޔާނާއަށް ފާހަގައެއް ނުވިއެވެ. އެއަށްވުރެން ބޮޑަށް އޭނާއަށް ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފައެވެ. މަންމައާ ބައްޕަގެ ހިޔަލުގައި އުޅެމުން އައިސް ކުއްލިއަކަށް އެހިޔާ ނެތިގެން ދިޔުމުން މުޅި ދުނިޔެއާ ކުރިމަތިލާން ނޭނގިފައެވެ. ރަނގަޅުގޮތާއި ނުބައިގޮތް ވަކިކުރަންވެސް ނޭނގިފައެވެ.
އީމަން ނިކުމެގެން ދިޔުމުން ޖާހަތު ފުންނޭވާއެއް ލާފައި ޔާނާއަށް ވިސްނައިދޭން ފެށިއެވެ. “ޔާނު! މައްސަލައެއް ނެތް! ތިއީ ޔާނުގެ އެންމެ ފަހުގެ ނިންމުން ކަމުގައި ވަނީނަމަ އަހަރެން ނެތިން ދެކޮޅު ހަދާކަށް. ނަމަވެސް ނިކަން ޔާނު ވިސްނާލަބަލަ. އާއިޒުގެ ހަޤީޤަތް އެނގުނު ވަގުތުން ފެށިގެން ޔާނު މަންމަ ވެސް ތިޔަ ކައިވެންޏާ ނުގަބޫލުވި. އެހެންވެއްޖެ ނަމަ ޔާނު ބައްޕަ އަމުދުން ބޭނުންވާނެތަ؟ އެމީހުން ބޭނުމީ ޔާނުއަށް އުފާވެރި ދިރިއުޅުމެއް ލިބުން. ޔާނުގެ ބައްޕަ މިއަދު ދުނިޔޭގައި ހުރިނަމަވެސް އަހަންނަށް ޔަޤީން ތި ކައިވެންޏަށް އެއްބަހެއް ނުވާނެކަން. ޔާނު ނިކަން ހަމަޖެހިލައިގެން ވިސްނާލަބަލަ. ޔާނުގެ އުފަލަކީ އީމަން އެއްނޫންތަ. އޭނަ މިއަދުވެސް އެހުރީ ޔާނުގެ އިޝާރާތަކަށް އިންތިޒާރުކޮށްލަ ކޮށްލަ. ޔާނު އީމަން ނުފެނިގެން ކިހާ ރުއިމެއް ރުއިންތަ؟ މިހާރު އެހުރިހާ ކަމެއް ހަނދާން ނެތުނީތަ؟”
ޖާހަތުގެ ވާހަކަތަކުން ޔާނާއަށް އެއްޗެއްވިސްނެން ފެށި ފަދަގޮތަކަށް އިސްއުފުލާ ބަލައިލިއެވެ. އެހެންކަމުން ޖާހަތު އިތުރަށް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އާނ! ރަނގަޅު. ޔާނު ވީ ޔާނުގެ މަންމައާ ބައްޕަގެ އެދުން ފުރިހަމަ ކޮށްދޭން. އެއީ އާއިޒުއާ ކައިވެނި ކުރުމެއް ނޫން. އެއީ ޔާނުއަށް ރަނގަޅު މުސްތަޤްބަލެއް ލިބުން. އެކަން ކުރެވެން އޮތީ ހަމަ އެންމެ ގޮތަކުން. އެއީ އީމަން. އީމަން ނޫން އެހެން މީހަކަށް އެކަމެއް ނުވާނެ. ޔާނުގެ ހުރިހާ އުފާތަކެއް ގުޅިފައިވަނީ އީމަންއާ. އެކަން އެކަންޏެއް ނޫން. ޔާނު މަންމައަށްވެސް ފަރުވާ ކުރެވޭނެ އޭރުން.” ޖާހަތު ވާހަކަތައް ކުރުކޮށްލީ ޔާނާ ގެ ފަރާތުން ބަހެއް ލީބޭނެ ކަމުގެ އިންތިޒާރުގައި ހުރެއެވެ.
“އެކަމަކު ބޮޑުދައިތަމެން މަންމަ ނުފޮނުވާނެ. އެމީހުން އަހަންނަށް މަންމައާ ބައްދަލު ކޮށްލެވުނަވެސް ނުދޭ.” ޔާނާ ދެރަވެލާފައި ބުންޏެވެ.
“ބޮޑުދައިތަމެން ޖެހޭނީ މަންމަ ފޮނުވަން. ޔާނު، ތިހާ ފިނޑި ނުވެބަލަ. އެދުވަހު ޔާނު މަންމަ އެމީހުން ހޮސްޕިޓަލަށް ގެންދިޔައީ ކިހާވަރެއް ވީމަތަ. ހާމިޒާއްތަ އެހެން ގަނޑުވެފަ އިނީ ނޫހުބެގެ އެކްސިޑެންޓްވި މަންޒަރު ފެނުނު ސިކުންތުން ފެށިގެން. އެކަމަކު ޔާނު ނެތުމުން ހާމިޒާއްތަ ހަމަ އެހެން އިނީއެއްނު. އެއްވެސް ފަރުވާއެއް ނުލިބި. ހެޔޮނުވާނެ ޔާނު! ތިޔަ ވިސްނުން ދޫކޮށްލުމަށްފަހު ހަޤީޤަތާ ، ދުނިޔެއާ ކުރިމަތިލާބަލަ. ހިތްވަރުކޮށްފައި ދިރިއުޅުމާ ކުރިމަތިލާބަލަ. ތިޔަ ހިތުގައިވާ އެއްޗެއް އީމަންއަށް ކިޔާދީބަލަ. ޕްލީޒް.” ޖާހަތު އެންމެ ފަހުން ރޮވިފައި އާދޭސް ކުރަން ފެށިއެވެ.
ޔާނާގެ މޫނުމަތިން ހިތްވަރު އާލާވި ކުލަވަރު ފެނިގެން ދިޔައެވެ. އުންމީދު އައުވެގެން ދިޔައެވެ. ތަޤްދީރުގެ ރޭވުން ކޮންމެ ގޮތަކަށް އޮތްނަމަވެސް މިއަދު މިއޮތީ ޔާނާއަށް އީމަން ގާތަށް ދިޔުމުގެ މަގުސާފުވެފައެވެ. ދިރިއުޅުން މިހިސާބުން ނިމުނީ ނޫންކަން ވިސްނި އާހިތްވަރަކާއެކީ ދުނިޔެއާ ކުރިމަތިލާން ނިންމިއެވެ. އެގޮތުން ކުރަން އޮތް އެންމެ ފުރަތަމަ ކަން ކުރުމަށް އެންމެ ސިކުންތެއްވެސް ލަސް ކުރަން ޔާނާ ބޭނުމެއް ނުވިއެވެ. ޖާހަތުމޫނަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަދި ބޭރަށް ދުއްވައިގަތެވެ. ޖާހަތުއަށް ކުއްލި ހައިރާންކަމެއް ލިބުނަސް ޔާނާގެ މަޤްސަދު އިހްސާސްވެ ހިނިތުންވެލެވުނެވެ. ޔާނާ މަގަށް ނިކުތުމަށްފަހު ޓެކްސީއެއް ހުއްޓުވައި އެއަށް އެރިއެވެ. އަދި ޑްރައިވަރަށް މަގުކިޔައިދޭންފެށުމުން ޑްރައިވަރު ކާރު ދުއްވާލިއެވެ.
މާގިނައިރުތަކެއް ނުވެ އެ ޓެކްސީ މަޑުކުރީ އީމަންގެ ގޭގެ ގޭޓް ކުރިމަތީގައެވެ. ޔާނާ ގޭޓް ހުޅުވާލާފައި އެތެރެއަށް ވަނީ އެ ބޮޑު ގަނޑުވަރެއްފަދަ ގެއަށް ފުންނަޒަރަކުން ބަލަމުންނެވެ. ފިޔަވަޅުތަށް އަޅަމުން ގޮސް ގެއަށް ވަންނަ ދޮރުކައިރީ މަޑުކޮށްލުމަށްފަހު ބެލް ޖެހިއެވެ. އިސާހިތަކު އެބޮޑު ދޮރު ދެފަރާތަށް ހުޅުވިގެން ދިޔައެވެ. އަދި ދޮރު ކުރިމަތީގައި ހުރީ އެގޭގެ ނޯކަރެކެވެ.
“އީމަން..” ޔާނާ އީމަންގެ ނަން ގަނެލުމާއެކު އެމީހާ ވަގުތުން އެތެރެއަށް ވަނުމަށް އެދުނެވެ. އަދި ސޯފާގައި އިށީންނުމަށް އެދިފައި ސިޑިއާ ދިމާއަށް ދާން ހިނގައިގަތުމުން ޔާނާ ތެދުވެ އޭނާ ހުއްޓުވިއެވެ. އަދި އޭނާ ޚުދު ދިޔަދޭން އެދުނެވެ. އެމީހާ ކުޑަކޮށްފަސްޖެހުނު ނަމަވެސް ކުރިންރޭ ޔާނާ ކައިރީގައ ހުރި ނޯކަރުމީހާއަށް ޔާނާ ފެނިގެން އައިސް ދިޔުމުގެ ހުއްދަ ދިނެވެ. އެމީހުން ކިޔައިދިން ގޮތަށް ޔާނާ ސިޑިން އަރައިގެން މައްޗަށް ހިނގައިގަތެވެ. ދެފަރާތުގައި ހުރި ބޮޑެތި ދޮރުތަށް ފަސްކޮށް ކުރިއަށް ހިނގަމުން ދިޔައެވެ. ޔާނާ ލަފާ ކޮށްލުމަށްފަހު ކޮޓަރިއަކަށް ވަނެވެ. އެއީ ބެލެވޭ ގޮތުން އީމަންގެ ކޮޓަރިއެވެ. ބޮޑު ކޮޓަރިއެކެވެ. އެއްފަރާތުގައި ބޮޑު އެނދެއް ހުރިއިރު އެނދާ ދިމާއަށް ބޮޑު ޝާހީ ސޯފާއެއް ހުއްޓެވެ. އެހެން ތަނަކަށް ނަޒަރު ހިންގާލެވުމުގެ ކުރިން ޔާނާ ލޮލުގައި އަޅައިގަތީ ސޯފާގައި ބަންޑުން އޮށޯވެލައިގެން އޮތް އީމަންއެވެ.
ކަކުލާ ހަމައަށް އަންނަ ސޯޓުކޮޅެއްލައިގެން ހުސްގަޔާ އޮތްއިރު އެ ބިޔަ ބުރަކަށްޓާއި ފިރިހެންވަންތަ އަތް ހާމަޔަށް ހުއްޓެވެ. ކިތަންމެހައިވެސް ފުރިހަމައެވެ. އަނދިރި ކުލައެއް ގައިގައި ހުރުމުން ފިރިހެންވަންތަކަން އިތުރުވެފައިވާހެން ހީވެއެވެ. ޔާނާއަށް ކަޅިޖަހާނުލެވި ބެލެމުންދާކަމުގެ އިހުސާސްކުރެވުމުން އިސްޖަހާލިއެވެ. ހަދަންވީ ކިހިނެއްބާއޭ ހިތަށް އަރާފައި ހުރެވުނީއެވެ. ނަމަވެސް ދޮރު ހުޅުވުނު އަޑު އީމަންއަށް އިވުމުން ބަލައިވެސް ނުލާ އޮވެ ވާހަކަ ދައްކަންފެށީ އެއީ އީމަން ބުނެގެން އައި ނޯކަރު މީހެއްކަމުގައި ހީކޮށެވެ.
“ޝަހާބު. އާދެބަލަ ބުރަކަށީގަ ބޭސް އުނގުޅައިދޭން. އަދިވެސް ކޮންމެވެސް ވަރަކަށް ތަދު ހުރިކަމުގެ އިހްސާސް ކުރެވޭ. ތިއޮތީ މޭޒުކައިރީގައި ބޭސް އުރަ.” އީމަންގެ ވާހަކަ އިވި ޔާނާގެ ހަތަރެސްފައި ފިނިވެ ކުޅު ދިރުވާލެވުނެވެ.
“ފެނިއްޖެތަ؟ ” އީމަން އޮތް ގޮތަށް އޮތީއެވެ. އެހެން އޮތްއިރު ވިސްނެމުން ދިޔައީ ޔާނާއާ ދޭތެރޭގައެވެ. މިއަދު ޔާނާ ބުނި ޖުމުލައިން މުޅިން މޫޑު ގޯސްވެފައި ހުރުމުން ކަންނެތްވެފައި އޮވެވުނީއެވެ.
ޔާނާ މަޑުމަޑުން ދޮރުލައްޕާލުމަށްފަހު ކުރިއަށް ފިޔަވަޅުތަށް އަޅަންފެށިއެވެ. އަދި ކައިރީގައި ހުރި ކުޑަމޭޒުމަތީގައި އޮތް ބޭސް އުރައެއް ނަގައިގެން އީމަން އޮތް ސޯފާއާ ދިމާއަށް ހިނގައިގަތެވެ. އަދިވެސް ކޮންމެވެސް ވަރަކަށް އީމަންގެ ބުރަކަށީގެ ތަންތަންގަނޑު ނޫފައިގެންފައި ހުރިކަމުގެ އަސަރު ހުއްޓެވެ. މިއީ ކޮންފަދަ ލޯތްބެއް ހެއްޔެވެ؟ އިންސާނެއްގެ ގައިގައި އެވަރަށް ކެތްތެރިކަން ހުންނާނީ ކިހިނެއް ހެއްޔެވެ؟ އީމަން ހާދަ ރަނގަޅެވެ. ޖާހަތު ބުނީ ތެދެކެވެ. ޔާނާގެ ހުރިހާ އުފަލެއް ގުޅިފައި ވަނީ އީމަންއާއެވެ. ޔާނާގެ ލޮލުގައި ކަރުނަތަށް ޖަމާވެގަތީ އީމަންގެ ބުރަކަށީގައިވާ ޒަހަމްތައް ފެނިފައިކަމެއް ނުވަތަ ހިތުގައި އުފެދިގަތް އުފާވެރި ޖަޒުބާތުތަކެއްގެ ސަބަބުން ކަމެއް ޚުދު ޔާނާއަށްވެސް ނޭނގުނެވެ.
މަޑުމަޑުން ސޯފާގެ މަގަތުގައި އިށީނދެ ބޭސް އުރައިން ޔާނާގެ ޝަހާދަތް އިނގިއްޔާއި މެދު އިނގިލީގައި ބޭސްކޮޅެއް ލުމަށްފަހު އީމަންގެ ބުރަކަށީގައި އެހިމަ ދިގު ލޯލި އިނގިލިތަށް ޖައްސައިލިއެވެ. އިސްޖަހާލައިގެން އޮތް އީމަންއަށް ވަގުތުން ބޯހިއްލާލެވުނެވެ. އަދި ހައިރާންވެފައި ވާ ގޮތަކަށް ދެލޯ ބޮޑުކޮށްލައިގެން އިނދެވުނީ ފަހަތުގައި ހުރީ ހަމަ އޭނާ އެހީވާ މީހާ ބާވައޭ ހިތަށް އަރައިފައެވެ. ފިނި އިނގިލި ތަކަކުން އީމަންގެ ބުރަކަށީގައި ފިރުމެމުން ދިޔައިރު އީމަން މަޑުމަޑުން ފަހަތަށް ބަލާލުމަށް ޓަކައި ބޯ އަނބުރާލިއެވެ. ސޯފާކައިރީގައި އޭނާގެ މަގަތުގައި އިށީނދެލައިގެން އިން ޔާނާ ފެނި އީމަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކޯތާފަތްމައްޗަށް ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކާއެކީ ޔާނާ އެހުދު ދެލޮލުން އީމަންއަށް ބަލައި ލުމުން އީމަންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަވަސްއަވަހަށް ކޮޅަށް ތެދުވެވުނެވެ. ޔާނާވެސް އިންތަނުން ތެދުވިއެވެ. އަދި އިސްޖަހާލިއެވެ.
އީމަން އަށް ބޭ އިޚްތިޔާރުގައި ބުނެލެވުނެވެ. ޔާނާ ހިން ދިރުވާލިއެވެ. ފަށަންވީ ކިހިނެއްކަމެއް ނޭނގުނެވެ.
“އަހަ..އަހަރެން ބޭނުން ވާހަކައެއް ބުނަން.” ޔާނާ ހިތްވަރުކޮށްފައި ފެށިއެވެ. މިއަދު ކޮންމެ ގޮތެއްވިޔަސް އޭނާ ހިތުގެ ހާލަތު އީމަންއަށް ބަޔާންކޮށްދޭން ހުރީ ބޭނުންވެފައެވެ.
“ބުނޭ. ކީކޭ ޔާނު ބުނަން ތިއުޅެނީ؟” އީމަންއަށް ޔާނާ ފަސްޖެހޭ ގޮތްވެފައިވާކަން ފާހަގަވުމުން ހިތްވަރުދޭ ރާގެއްގައި ބުނެލިއެވެ.
“އަހަރެން.. އެދުވަހު…” ޔާނާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ހިންދިރުވާލެވުނީ ތިމާގެ ފިނޑިކަން އިހުސާސް ކުރެވިގެންނެވެ. އިތުރަށް ހިތްވަރުކޮށްފައި ފެށުމުންވެސް ވާހަކަ ކުރިއަށްދާ ގޮތެއް ނުވިއެވެ.
“ޔާނު. ކަމް އޯން. ކީކޭ ތަ ތިކިޔަނީ؟ ތަންކޮޅެއް ސާފުކޮށް ބުނެދީބަލަ” އީމަން ތަންކޮޅެއް ސީރިއަސްވެލާފައި ބުނެލިއެވެ.
ޔާނާ ތެޅިތެޅި އޮތް ހިތަކާއެކީ ބުނެދޭން ފެށިއެވެ. “އަހަރެން.. އަހަރެން .. އީމަން ދެކެ”
“ވަރަށް ލޯބިވޭ!” ފުރިހަމަ ނުވެ ބުރިބުރިވެފައިވާ ޖުމުލަ ފުރިހަމަ ކޮށްދިނީ އީމަން އެވެ. ޔާނާ ސިހިފައި އިސްއުފުލާ އީމަންއަށް ބަލާލި ހިނދު އީމަންވެސް ހުރީ އެޖާދުވީ ލޮލުން ބަލަހައްޓައި ގެން ހިނިތުންވެލައި ގެންނެވެ. އެދެލޮލުން އުފާވެރިކަން ވިދާލަ ވިދާލަ ހުއްޓެވެ.
ޔާނާ ހިތް އުފަލުން ފޮޅިގަތެވެ. އަދި ލަދުގަނެ އިސްޖަހައިލި އިރު މުޅި މޫނު ވަނީ ރަތްވެފައެވެ. ލަދުރަކި ހިނިތުންވުމަކާއެކީ ޔާނާ އިސްޖަހާލައިގެން ހުރިއިރު އަންހެންވަންތަކަން އުތުރި އަރަމުންދާކަހަލައެވެ. ޔާނާގެ މިސިފަ އީމަންއަށް ވަރަށް ކަމުދެއެވެ. ހަނދާނަށް އައީ ކުރިން ޔާނާ ލަދުގަނެ އިސްޖަހާލައިގެން ހުންނަ ދަނޑިވަޅުތަކެވެ. ލިބުނު އުފަލެއް ބޮޑުކަމުން އީމަން އަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އަދި ދެކޮޅަށް ބަލައިލެވުނީ ބުނަންވީ ކީކޭކަން ނޭނގިގެން އުޅޭފަދަ ގޮތަކަށެވެ. ކުއްލިއަކަށް އެހާ ބޮޑު އުފަލެއް ލިބުމުން ހަދަނވީ ކިހިނެއް ކަމެއް ނޭނގުނެވެ. ޔާނާ ގެނެސް މެޔާލާ ބޮޑިކޮށްލަން ބޭނުންވިއެވެ. އުފާވެރިކަމުން ފުރިގެންވާ ހިނިތުންވުމަކުން އެ ފިރިހެންވަންތަ ތުންފަތް ފުރިހަމަ ކޮށްލާފައިވާ ހިނދު ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތައް ބަޔާންކޮށްދޭން ދަތިވިއެވެ.
އީމަންގެ ފަރާތުން ބަހެއް ނައުމުން ޔާނާ އިސްއުފުލާ ބަލާލިއެވެ. ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ލިބިގެން ދިޔަ އުފާވެރިކަމުގައި އެދެމީހުންގެ އިތުރުން މުޅި ދުނިޔެވެސް ބައިވެރިވި ކަހަލައެވެ.
“އަހަރެންވެސް.” އީމަން ހިނިތުންވެލަމުން ބުނެލިއެވެ. ލިބުނު އުފަލެއް ބޮޑުކަމުން ޔާނާ ބޭނުންވީ ހަޅޭއްލަވައި ގަންނާށެވެ. ނަމަވެސް ބޭއިޚްތިޔާރުގައި ކޮޓަރީ ދޮރާ ދިމާއަށް ދުއްވައިގަނެވުނީ އީމަންގެ އެ ތޫނު ނަޒަރާ ކަޅިހަމަކޮށްލާނެ ހިތްވަރު ނެތުމުންނެވެ. ދޮރާ އަރާހަމަވިއިރު އީމަން އައިސް ޔާނާގެ އަތުގައި ހިފެހެއްޓުމުން ޔާނާ ހުއްޓި ބަލައިލިއެވެ.
“އެއީތަ ޔާނު ބުނަން ތިއައި ވާހަކައަކީ. އެކަމަކު އަދި ނުބުނެވެއެއްނު. އެއްވެސް އެއްޗެއް ނުބުނެ ހުރިހާ އެއްޗެއް ބުނެލައިފަ ތިދަނީ.” އީމަން ބޭނުންވީ ޔާނާ ލަދު ގަންނުވާލާށެވެ. ލަދުގަނެފައި އިންނަ އިރު ލޯބިކަމުން ބަލާހިތްނުފުރެއެވެ. ޔާނާ ލަދުން އިސްޖަހައިލީ އަތް ދަމައިގަންނަން މަސައްކަތް ކުރަމުންނެވެ. ޔާނާ ލަދުންގޮސް ވިރެމުންދާ މަންޒަރު ބަލަން އީމަން އިނީ ހިނިތުންވުމަކާ އެކީގައެވެ.
10 Comments!
Comments are closed.
Nice
Wow
Hmm nice
V nice…. but maa kuru
nimunytha
Varah reethi ekam adhi nunimey dho
Ey admin
Story thah search kureveygoi hadhaidheebala. Pls pls. Pls pls. I beg you..
mihaaru ves search kureveyne. there is a search bar on the right side if you using from a computer.. if u are on mobile there is a searchbar after the story.
aslu ehves meehaku nubunaane mifaharuge baie kurekey.. aslu mifaharuge baie rangalhi…ummedhu kuran abadhuves mivarah upload kuraane kamah..
Nices story