Skip to content
އެސްފިޔަ

ހިޖުރަ (އެއްތިރީސްވަނަ ބައި)

“އައްދެ! މި ސޮރު ކޮން ދުވަހަކުތަ ޝެއިޚަކަށްވީ؟” އަމީން އެހިއެވެ. އަމީނަށް ބަލަހައްޓައިގެން ހުރި މިޞްބާޙްގެ ހިތް ދެރަވިއެވެ. އޭނަގެ މަންމައާއި ބައްޕަ އޭނަ ދިން ނަޞޭޙަތަކަށް މަލާމާތްކުރިހެން ހީވުމުންނެވެ.

 

“އަމީން…….އަހަންނަށް ހީވަނީ އަމީން ބުނާހެން މިޞްބާ ހަމަ އަސްލުވެސް މުސްތަޤްބަލުގަ ޕޯޑިއަމްތަކަށް އަރާފަ ހުންނަތަން ފެންނާނެހެން. އެކަމަކު ޕާޓީއެއްގެ ރައީސެއްގެ ގޮތުގައެއްނޫން. ދީނީ ދަރުސްދޭ މީހެއްގެ ގޮތުގަ.” ޒާހިޔާ ހެވިފައި އިނދެ ބުނެލިއެވެ. އަމީން ލުއި ހީލުމަކާއެކީ ހޫންލައްވާލަމުން އެތާ ވަކިން ހުރި ސޯފާއަށް ވެއްޓިގަތެވެ. މަންމައާއި ބައްޕަ ވާހަކަ ދެއްކި ގޮތުން މިޞްބާޙްގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އޭނަ އެކަން ފޮރުވުމަށްޓަކައި އިސްޖަހާލިއެވެ. ނަމަވެސް އޭނައަށް އިވުނު ވާހަކަތަކާއިމެދު ވިސްނުނެވެ. މަންމައާއި ބައްޕަ ވާހަކަ ދައްކާ ގޮތުން ހީވަނީ އޭނަ ޕާޓީއެއްގެ ރައީސަކަށްވުމަށް އެމީހުން އުއްމީދު ކުރާހެންނެވެ. އެހެނަސް އޭނަ އެ ވަޒީފާ އަދާ ކުރާކަށް ބޭނުމެއްނުވެއެވެ. ބައްޕަ ނިސްބަތްވާ ޕާޓީގެ މީހުން ކުރާ ބައެއް ކަންތައްތައް އޭނަވަނީ ލޮލުންދެކެ އަތުން ހިފާފައެވެ. އޭނަ އެފަދަ ބައެއްގެ ތެރެއަށް ދާކަށް ހުވަފެނަކުން ވެސް ނޭދެއެވެ. ބައްޕައަކީ ވެސް ކިހާ ނުލަފާ މީހެއްކަން މިޞްބާޙަށް ކުއްލިއަކަށް އެނގުންވިއެވެ. ސިޔާސީ އެއްވުންތަކުގައި ބައްޕަގެ ފަރާތުން ފެނުނު ހުރިހާ ނޭދެވޭ ޢަމަލުތައް އެއްފަހަރާ އޭނަގެ ސިކުނޑިއަށްއައެވެ. ހަމަ އެވަގުތު މިޞްބާޙަށް ރުޅިވެރިކަމާއެކީ އޭނަގެ ބައްޕައާއި ދިމާލަށް ބަލާލެވުނެވެ. ހިނިތުންވުމަކާއެކީ ޒާހިޔާގާތު ކޮންމެވެސް އެއްޗެކޭ ކިޔަކިޔާ ހުރި އަމީން ފެނިފައި މިޞްބާޙް ރުޅިން ތުރުތުރު އެޅިއެވެ. އޭނަގެ އަނގައިން އެއްޗެކޭ ބުނެވިދާނެހެން ހީވި ވަގުތު މިޞްބާޙް ކޮޅަށް ތެދުވިއެވެ. އެއާއެކު ޒާހިޔާއާއި އަމީންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. މިޞްބާޙް އޭނަގެ ރުޅިވެރިކަން ހިންދަން މަސައްކަތް ކުރަމުން އޭނަގެ ކޮޓަރިއަށްދާން ހިނގައިގަތެވެ.

 

“މިޞްބާޙް!” އަމީން ގޮވާލި އަޑަށް އޭނައަށް ފަސްދެމުން ދިޔަ މިޞްބާޙްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

 

“ކައިފިންތަ މިރޭ؟” އަމީން ސުވާލުކުރިއެވެ.

 

“ނުކަން.” މިޞްބާޙް ގަދަކަމުން ކަހަލަ ގޮތަކަށް އަމީނާއި ދިމާލަށް އެއްކޮށް އެނބުރިލަމުން ޖަވާބު ދިނެވެ.

 

“އެހެންވިއްޔާ ހިނގާ ކާން.” އަމީން ތެދުވެލަމުން ބުނެލިއެވެ. ޒާހިޔާވެސް ތެދުވުނެވެ. މިޞްބާޙް ވަގުތުން ނޫނެކޭ ކިޔައި ހަޅޭއްލަވަން ބޭނުންވިއެވެ. ތިކަހަލަ މީހުންނާއެކީ އިށީންނާކަށްވެސް ބޭނުމެއްނޫނޭ ހިތާހިތުން ބުނެލެވިއްޖެއެވެ. ނަމަވެސް އެއީ އޭނަގެ މަންމައާއި ބައްޕަކަން ހަނދާންވި ވަގުތު މިޞްބާޙްގެ ހިތް މައިތިރިވިއެވެ. އެ މީހުންނަކީ ކިތަންމެ ގޯސް ބަޔަކަށް ވިޔަސް އެމީހުންނާއެކީ ރީއްޗަށް އުޅެންޖެހޭކަން އޭނަ އަމިއްލަ ނަފްސަށް ހަނދާން ކޮށްދިނެވެ. އެހެންނޫނަސް އޭނަ ރުޅި އިސްކުރަން ފަށައިފިނަމަ މަންމައާއި ބައްޕަ ދީނާއި ދުރުވުން ނޫންކަމެއް ނުވާނެއެވެ. ދީނާއި ކައިރިވާ ކޮންމެ މީހަކީ ރުޅިގަދަ މީހެއްހެން އެމީހުންނަށް ހީވެދާނެތީވެއެވެ.

 

އެދުވަސްފަހުން ވެސް މިޞްބާޙް އެކި ގޮތްގޮތުން އޭނަގެ މަންމައާއި ބައްޕައަށް ނަޞޭޙަތްތެރިވެވޭތޯ ބެލިއެވެ. އެ މީހުން އޭގެއިން ކޮންމެ ފަހަރަކު އޭނައަށް ނުސީދާ ގޮތަކަށް “މަލާމާތް” ކޮށްލައެވެ. މިޞްބާޙް އެ ވަގުތުތަކުގައި ރުޅިއައެއްކަމަކު އޭނަ ލުއި ހީލުމަކާއެކީ އެ މީހުން ކުރާ ސަމާސާތަކުގައި ބައިވެރިވެއެވެ. އޭނަ އެހެން ކަންތައް ކުރުމުގެ ނިޔަތަކީ މަންމަމެންގެ ހިތުގައި ދީނަށްޓަކައި ލޯބި ޖެއްސުމެވެ. އޭނަ އެ މީހުންނާއިމެދު ދުވަހަކުވެސް ކަންތައް ނުކުރާވަރަށްވުރެ ރަނގަޅަށް ކަންތައް ކުރަމުން ދިޔައީ މި ދީނަކީ ކިހާ ފުރިހަމަ ދީނެއްކަން އެމީހުންނަށް އެންގުމަށްޓަކައެވެ. އޭގެ ސަބަބުން އެއްދުވަހު އެ މީހުން އަމިއްލައަށް ދީނާއިމެދު އިތުރަށް އެނގެން ބޭނުންވާނެ ކަމުގެ އުއްމީދުގައެވެ. މިޞްބާޙްގެ ރޭވުން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ވަމުން ދިޔައެވެ. އޭނައަށް އައިސްފައިވާ ބަދަލުތަކާމެދު ޒާހިޔާއާއި އަމީން ވެސް ތިބެނީ ޙައިރާންވެފައެވެ. އެ މީހުން ކަމެއްކުރަން ބުނާއިރަށް މިޞްބާޙް އެއްވެސް ޝަކުވާއެއް ކުރުމެއްނެތި އެކަމެއް ކުރާ ގޮތުން އެމީހުން ތިބެނީ އަޖާއިބުވެފައެވެ. މި ބަދަލު އިތުރަށް “ތަޙުޤީޤު” ކުރުމަށްޓަކައި ޒާހިޔާއާއި އަމީން މިޞްބާޙް ލައްވާ ދުވަހަކުވެސް ނުކުރުވާ ކަންތައް ކުރުވަމުން ދިޔައެވެ. ކެއުމަށްފަހު އެންމެން ކެއި ތަށި ދޮވުމާއި ބަދިގެ ތެރެ ސާފު ކުރުމާއި އަމީންގެ ކާރާއި މިޞްބާޙްގެ ސައިކަލު ދޮވުން ފަދަ ކަންތައް ކުރުވިއެވެ. މީގެ ކުރިން މިޞްބާޙްގާތު އެފަދަ ކަމެއް ކުރާށޭ ބުނިނަމަ ގޭގަ ނޯކަރުން އެބަ ތިއްބޭ ބުނެ އޭނަ ހަޅޭއްލެވީހެވެ. ނަމަވެސް މިޞްބާޙް އުނދަގުލާއެކީ ވެސް އެ ހުރިހާ ކަމެއް ކުރާތަން އަމީނާއި ޒާހިޔާ ބަލަން ތިބީ އަންތަރީސްވެފައެވެ.

 

މަންމަމެން އޭނަ ލައްވާ މަސައްކަތް ކުރުވަމުން ދިޔައީތީ މިޞްބާޙް އުފާވިއެވެ. އޭނަ އުޅެންވާ ގޮތަކީވެސް މިއީއޭ ހިތަށް އަރަމުން ދިޔައެވެ. އޭނަ ކަންނެތްވެގެން އުޅޭކަށް މިހާރު އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. މަންމަމެންނަށްޓަކައި ޚިދުމަތް ކުރެވެމުން ދިޔައީ އޭނައަށް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް އެ ހިތްހަމަޖެހުން ނެތެމުން ދިޔައީ އޭނަގެ ބުރަ މަސައްކަތުން ވެސް މަންމަމެން ދީނާއި ކައިރި ނުވާހެން އިޙްޞާޞް ކުރެވުމުންނެވެ. އޭނަ އެތައް ފަހަރަކު ލޯބިން އާދޭސް ކުރީމަ ވެސް ބައްޕަ ނަމާދަށް އައުމަށް ޚިޔާލު ނުކުރިއެވެ. މަންމަ އަދިވެސް އޭނަ ދޭ ކޮންމެ ނަޞޭޙަތަކަށް ގަދަކަމުން ވެސް ހީލުމަކުން ނިންމާލަނީއެވެ. އެއްދުވަހު މަޣުރިބު ނަމާދަށް ބަންގި ގޮވަމުން ދިޔަ ވަގުތު ވެސް ބައްޕަ ނިކަން ބާރަށް ކެމްޕެއިން ލަވައެއް ޖަހައިގެން ސިޓިންގް ރޫމުގައި އިންތަން ފެނިފައި މިޞްބާޙްގެ ހިތްދަތިވިއެވެ. އޭނަ މަޑުމަޑުން ލަވަޖަހާ ސެޓް ކައިރިއަށް ގޮސް އޭތި މުޅިން އަޑު މަޑުކޮށްލިއެވެ. ހަމަ އެވަގުތު އަމީން ޗޮއްކަނޑާލަމުން އޭތި އަޑު ބާރުކޮށްލުމަށް އެންގިއެވެ. މިޞްބާޙް އަމީންގާތު އޭނައާއެކީ ނަމާދަށް އައުމަށް އެދުނެވެ. އަމީން އައި ރުޅީގައި އޭނައާއި ދިމާލަށް އައިސް އޭނަ ދުރަށް ކޮއްޕާލަމުން އަނެއްކާވެސް ލަވައިގެ އަޑުގަދަ ކޮށްލިއެވެ.

 

ބައްޕައާއި މަންމަގެ ފަރާތުން ފެންނަމުން ދިޔަ ޢަމަލުތަކުން މިޞްބާޙްގެ ހިތްވަރު އެލެމުން ދިޔައެވެ. އެހެނަސް އޭނަ ޤުރުއާން އިތުރަށް އުނގެނެން ކުރާ މަސައްކަތުން އޭނަގެ ޢަޒުމް ވަރުގަދަވެގެންދެއެވެ. އޭނަ ހުސް ވަގުތުގައި ކުރާހާވެސް ކަމަކީ ދީނާއިމެދު އުނގެނުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޤުރުއާނުގެ އާޔަތްތަކަކުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ތަބާވުމަކީ ކިހާ މުހިއްމު ކަމެއްކަން އެނގުނުއްސުރެ އޭނަ އެކަލޭގެފާނުގެ ސީރަތާއިމެދުވެސް އުނގެނެން ފެށިއެވެ.

 

އޭނަ އަމިއްލައަށް ކުރަމުން ދިޔަ މަސައްކަތުގެ އިތުރުން އަފްރީން އެސަމްބްލީގައި ދެމުން ދިޔަ ސްޕީޗްތަކަކުން ވެސް މިޞްބާޙްގެ ހިތަށް ސާބިތުކަން ލިބެމުން ދިޔައެވެ. އޭނަ އިންތިޒާރު ކުރަމުން ދިޔައީ އޭނަ އެންމެ ފުރަތަމަ އުނގެނުނު އާޔަތާއިބެހޭ ސްޕީޗެއް އަފްރީން އެސަމްބްލީގައިދޭނެ ދުވަހަކަށެވެ. ނޫރާއިބެހޭ އަޔާތަކީ މިޞްބާޙަށް މިހާތަނަށް އެންމެ ރީތިވި އާޔަތެވެ. އެ އާޔަތް ވީހާވެސް ގިނަ ބަޔަކަށް އެނގިގެން ދިޔުމަކީ އޭނަގެ ވަރަށް ބޮޑު އެދުމެކެވެ. އޭގެ ސަބަބުން އޭނަ ފަދައިން އެހެން މީހުންގެ ހިތްތަކުގައި ވެސް ޤުރުއާނަށްޓަކައި ޝައުޤުވެރިކަމެއް އުފެދިދާނެހެން އޭނައަށް ހީވާތީވެއެވެ. ކޮންމެއަކަސް އަފްރީނަށް ބަރޯސާވެގެން ހުރެހުރެ އަފްރީން އެ އާޔަތާއިބެހޭ ސްޕީޗެއް ކިޔާ ދުވަހެއް މިޞްބާޙަށް ފެންނަ ގޮތެއްނުވިއެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔުމުން އޭނަ އަފްރީންގާތު އެ އާޔަތާއިބެހޭ ސްޕީޗެއް ތައްޔާރުކުރުމަށް އެދެން ނިންމިއެވެ. ނަމަވެސް އޭނަ ވަކި އެކަމަށްޓަކައި އަފްރީންގެ އެހީއަށް އެދެންވީ ކީއްވެބާއޭ ފަހުން މިޞްބާޙްގެ ހިތް ބުންޏެވެ. އެހެންކަމުން އޭނަ އަމިއްލައަށް ސްޕީޗެއް ތައްޔާރު ކުރިއެވެ.

 

އޭގެ ހަފްތާހެއްހާ ދުވަސްފަހުން މިޞްބާޙް ފުރަތަމަ ފަހަރަށް އެސަމްބްލީގައި މައިކްގެ ކުރިމައްޗަށް ހުއްޓުނެވެ. ބައެއް އަންހެން ކުދިން މިޞްބާޙް ކިޔާނެ އެއްޗަކަށް އިންތިޒާރުކޮށްގެން ތިބީ ނޭވާ ހިފަހައްޓައިގެންނެވެ. އަފްރީން ވެސް އިސްޖަހައިގެން ހުރީ މިޞްބާޙް ކިޔާނެ އެއްޗެއް އެނގެން ބޭނުންވެފައެވެ. އޭނަ ދައްކާނީ ކޮންމެވެސް އެއް ފިލްމީ ތަރިއެއްގެ ވާހަކައޭ އަފްރީންގެ ހިތް ބުންޏެވެ. އެހެންނޫނީ އޭނަގެ އަތުގައި އޮތް ގަނޑުގައި ވާނީ އަންހެން ކުދިން ހެއްވާލުމަށްޓަކައި އޭނަ ތައްޔާރުކުރި ސަމާސާއެކޭ އަފްރީންގެ ހިތަށްއެރިއެވެ. އެއާއެކު އޭނައަށް ފޫހިކަމާއެކީ ފުން ނޭވައެއް ދޫކޮށްލެވެން އުޅުނެވެ. އެހެނަސް މިޞްބާޙް “އެއްކަލަ ޢަރަބި ބަސްކޮޅު” ކިޔަން ފެށުމުން އަފްރީންގެ ނޭވާ ހުއްޓުނެވެ. އޭނައަށް ބޭ އިޚްތިޔާރުގައި މައްޗަށް ބަލާލެވުނީ އޭނައަށް އެ އިވެނީ މިޞްބާޙްގެ އަޑުކަން ޤަބޫލު ނުކުރެވުމުންނެވެ.

 

މިޞްބާޙް އޭނަގެ ވާހަކަ ފެށީ ޖެހިލުންވުމަކާއެކީގައެވެ. އޭނަ އެ އުޅެނީ އަފްރީން ރުއްސަންހެން މިވަގުތު އަފްރީނަށް ހީވަމުންދާނެއޭ މިޞްބާޙްގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އޭނަގެ ނިޔަތަކީ ކޮބައިކަން ﷲ މޮޅަށް ދެނެވޮޑިގެންވާނެކަން ހަނދާންކޮށް މިޞްބާޙް ވާހަކަ ފެށިއެވެ. އޭނަ އިނގިރޭސި ބަހުން ވާހަކަ ފެށީ ދުރުދުރުންނެވެ. ތިބާއަށް ރީތި އެއްޗެއް ފެނުނިއްޔާ އެ ރީތި އެއްޗެއް އެހެން މީހުންނާއި ޙިއްޞާކުރަން ބޭނުންވާނެއޭ ބުނަމުންނެވެ. އެހެންކަމުން ތިމަންނަވެސް މިއުޅެނީ ތިމަންނައަށް އަޖާއިބުވާވަރަށް ރީތިވި އެއްޗެއް ޙިއްޞާކުރަން ކަމުގައި މިޞްބާޙް ބުންޏެވެ. އެވާހަކަ އަޑުއަހައިގެން ހުރި އަފްރީން އިތުރަށް ޝައުޤުވެރިވިއެވެ. އޭނަގެ ފުރަގަހުން ނައުފާމެން އެމީހުން އަޖާއިބުވާވަރަށް ރީތިވި މީހަކީ މިޞްބާޙޭ ބުނެ ސިއްރުސިއްރުން ހެމުން ދިޔައެވެ. އަފްރީން އެމީހުންނަށް ފަރުވާލެއްނުދީ މިޞްބާޙް ބުނާ އެއްޗަކަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. މިޞްބާޙް ނޫރު ސޫރަތުގެ ވާހަކަ ދައްކަން ފެށުމުން އަފްރީންގެ ނިތަށް ރޫގިނަވިއެވެ. އޭނަ އެ އުޅެނީ އާޔަތެއްގެ ތަފްސީރު ބުނެދޭންކަން އެނގުންވީ ހިނދު އަފްރީން އިތުރަށް ޙައިރާންވިއެވެ. މިއީ އަނެއްކާ މިޞްބާޙް ހެއްޔޭ ހިތަށްއެރިއެވެ.

 

މިޞްބާޙް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައީ އޮމާންކަމާއެކީގައެވެ. އެހެނަސް ވާހަކަ ދައްކަމުން ދިޔައިރު އޭނައަށް މި ދެވޭ ނަޞޭޙަތް އެންމެނަށް ސާފުވާނެގޮތް ހައްދަވައި ދެއްވުމަށް އެދި ހިތާހިތުން ތަކުރާރުކޮށް ދުޢާ ކުރެވެމުން ދިޔައެވެ. އޭނައަށް ވާހަކަ ދެއްކުމުގެ ތެރެއިން އަންހެން ކުދިންގެ ރޮނގުތައް ހުރި ދިމާލަށް އެއްލި ކަޅިއަކުން ބަލާލެވުނެވެ. ކުރީގައި ތިބި ބައެއް އަންހެން ކުދިން އޭނައާއި ދިމާލަށް ހިނިތުންވެގެން ތިބިތަން ފެނުނެވެ. އެ ފަޅި ސިކުންތުގައި އަފްރީން ނުފެނުނީތީ މިޞްބާޙްގެ ހިތް ހިތާމަކުރީ ކީއްވެކަމެއް ޚުދު މިޞްބާޙަކަށްވެސް ނޭނގެއެވެ. އެއީ އަފްރީން އޭނައާއިމެދު މިވަގުތު ދެކޭގޮތް ދެނެގަތުމަށްޓަކައި ކަންނޭނގެއެވެ. ނަމަވެސް އޭނަ ﷲ ފިޔަވައި އެހެން މީހަކު އޭނައާމެދު ދެކޭގޮތާމެދު ވިސްނާކަށް ނުޖެހޭކަން ހަނދާންކޮށް މިޞްބާޙް ކުރިއަށް ދިޔައެވެ.

 

ދުޢާއަކުން ވާހަކަ ނިންމައި ހިނިތުންވުމަކާއެކީ މައިކާއި ދުރުވެލީ މިޞްބާޙަށް ނޭނގުނު ކަމަކީ އޭނައަށް ފުރަތަމަ ފަހަރަށް އަފްރީންގެ ހިތް ދަމައިގަންނަފަދަ ކަމެއް ކުރެވިއްޖެ ކަމެވެ. މިޞްބާޙް ލަސް ހިނގުމެއްގައި ގޮސް ފާރު ކައިރީގައި މަޑުކޮށްލީ ވަގުތު އިސްޖަހައިގެން ހުރި އަފްރީންގެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. މިޞްބާޙްގެ ވާހަކައިގެ މެދުތެރެއިން އޭނަގެ ނިޔަތާއިމެދު އަފްރީނަށް ޝައްކު ކުރެވުނެވެ. މިޞްބާޙް އެ އުޅެނީ އޭނަ ލައްވާ މިޞްބާޙަށް ތަޢުރީފު ކުރުވަން ކަމުގައި އަފްރީނަށް ނިންމުނެވެ. ނަމަވެސް ހަމައެކަނި އޭނަ ރުއްސުމަށްޓަކައި އެތައް ގަޑިއިރުތަކެއްގެ ލެކްޗަރެއް ބެލޭނެކަމާމެދު އަފްރީނަށް ޔަޤީނެއް ނުކުރެވުނެވެ. އެފަދަ ނިޔަތެއްގައި ޤުރުއާން ކިޔަވަން ފެށިއަސް ޤުރުއާނުގެ ހިދާޔަތް މީހަކަށް ލިބދާނެކަމަށް އަފްރީންގެ ހިތް ބުންޏެވެ. އެއާއެކު އަފްރީންގެ ހިނިތުންވުން ފުންވިއެވެ.

 

އެދުވަސްފަހުން އަފްރީނަށް މިޞްބާޙް ފެންނަމުން ދިޔައީ ތަފާތު ނަޒަރިއްޔާތަކުންނެވެ. އަފްރީން ގިނަ ފަހަރު ދުރުބަލަން ހުއްޓަސް އޭނައަށް މިޞްބާޙް ބަދަލުވެއްޖެކަން އޭނައަށް އެނގުންވަމުން ދިޔައެވެ. މިޞްބާޙް ކުލާހަށް ވަންނައިރު ސަލާން ގޮވަނީ ވަކި އޭނަގެ ސަމާލުކަން ހޯދުމަށްޓަކައި ނޫންކަމަށް އަފްރީނަށް ޤަބޫލުކުރެވުނެވެ. އެކަން ޤަބޫލުކުރުމަށް އޭނައަށް ބާރު އަޅަނީ މިޞްބާޙް ބެލުން ތިރިކޮށްގެން ކުލާހަށް ވަދެގެން ދާ ގޮތެވެ. ފަހަކަށް އައިސް މިޞްބާޙް ކުލާހުގެ އަންހެން ކުދިންނާއި ދުރުދުރުން އުޅޭ ގޮތުންނެވެ. ނައުފާމެން ފަރި ގޮތަކަށް ގޮސް މިޞްބާޙާއި ވާހަކަ ދައްކަން އުޅުމުން އޭނަ ވާހަކަ އޮޅުވާލާ އަޑު އިވިފައި އަފްރީނަށް ހިނިތުންވެލެވެއެވެ. އޭނައަށް މާ ބޮޑަށް މިޞްބާޙަށް ސަމާލުކަން ދެވެން ފަށައިފިކަން އެނގުންވުމުން އަފްރީންގެ ހިތް ބިރުގަތެވެ. އޭނައަށް ނޭނގުމެއްގެ ތެރެއިން ވެސް މިޞްބާޙަށް ނުބައި ކަމެއް ކުރުމަށް ދަޢުވަތު ދެވިދާނެތީ އޭނަ މިޞްބާޙާއި ވީހާވެސް ދުރުދުރުން އުޅެވޭތޯ މަސައްކަތް ކުރިއެވެ. އިންޓަވަލް ގަޑީގައި މިޞްބާޙް ކުލާހުގައި ހުރިއްޔާ އޭނަ ކުލާހުގައި ނުހުރެއެވެ. ކުލާހުގައި މިޞްބާޙް ޖަވާބެއް ދޭއިރު އެންމެން އެކީގައި އޭނައަށް ބަލާއިރު ވެސް އަފްރީން ނުބަލައެވެ. އެއްދުވަހު ގްރޫޕް ވޯކެއް ހެދުމަށްޓަކައި އޭނަ މިޞްބާޙާއި އެއް ގްރޫޕެއްގައި ޖެހުމުން އަފްރީން މުދައްރިސާއި ވަކިން ވާހަކަ ދައްކައިގެން ގުރޫޕް ބަދަލު ކުރުވިއެވެ. އަފްރީނަށް ވެވޭނެނަމަ އޭނަ އޭނަގެ ކުލާސްވެސް ބަދަލު ކުރީހެވެ. މިޞްބާޙާއި ކިތަންމެ ދުރުން އުޅުނަސް އަފްރީނަށް ގެއަށް ގޮސްފައިވެސް ނޭނގުމެއްގެ ތެރެއިން މިޞްބާޙްގެ ޚިޔާލުތަކުގައި ހުރެވެން ފެށިއެވެ. އޭނަ އެ ޚިޔާލުތަކުން ވެސް ދުރުގައިވުމަށް އޭނަ ދުވަހަކުވެސް ނުކިޔަވާ ވަރަށް ކިޔަވަން ފެށިއެވެ. ދޮންތަ ކައިރިން ބަދިގޭގެ މަސައްކަތްތައް ރަނގަޅަށް ދަސްކޮށް ބަދިގޭގެ ކަންތައްތައް ވެސް ކުރަން ފެށިއެވެ. ނަޞްރާ ކިހިނެއްވީތޯ ސުވާލުކުރުމުން އަފްރީން ހިނިތުންވުމަކާއެކީ ވާހަކަ ނިންމާލިއެވެ.

 

އަނެކެއްގެ ޚިޔާލުތަކުގައި ހުރެވެނީ ހަމައެކަނި އަފްރީނަށް ނޫނެވެ. މިޞްބާޙަށް ވެސް ބައެއްފަހަރު ކިޔެވުމަށް ސަމާލުކަން ދެވުމުގެ ބަދަލުގައި އެހެން ޚިޔާލުތަކެއްގައި ހުރެވެމުން ދިޔައެވެ. އަފްރީންގެ ޚިޔާލުތަކުގައެވެ. އަފްރީނާއިއެކީ ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އޭނަ ކިހާ ތަފާތުކަން މިޞްބާޙަށް އެނގެމުން ދިޔައެވެ. އަފްރީން ކަހަލަ ލަދުވެތި ކުއްޖަކު އޭނަ ދުވަހަކުވެސް ނުދެކެއެވެ. އަފްރީނާއި ވާހަކަ ދެއްކި ފުރަތަމަ ދުވަހު އަފްރީން ވާހަކަ ދެއްކިގޮތް މިޞްބާޙަށް އޭރު ކަމަކު ނުދިޔައެވެ. ނަމަވެސް މިހާރު އެދުވަސް ހަނދާންވެފައި މިޞްބާޙަށް ހެވެއެވެ. އަފްރީން އެގޮތަށް ކަންތައްކުރީ އޭނައަށް ވެސް ރަނގަޅަށޭ ހިތަށްއަރައެވެ. އަފްރީން އެދުވަހު ފޮނި އަޑަކުން ވާހަކަ ދައްކަން ފެށިނަމަ އޭނައަށް އެދެމީހުން ވެސް ފަނާކުރުވަނިވި “ކުޅިގަނޑެއްގެ” ތެރެއަށް ވައްދާލެވުނީހެވެ. މުޅި ޢުމުރަށް ހިތާމަކުރަން ޖެހޭ ފަދަ ފާފަތަކެއް ކުރެވުނީހެވެ. ސިނާން ރާވާފައިވާ ރޭވުމުގެ މަތިން ހަނދާންވެފައި ވެސް މިޞްބާޙްގެ މޭ ރޫރޫއަޅައެވެ. އޭނަ އެ ރޭވުމާއި އެއްގޮތަށް ކަންތައް ކުރުމަށް އެއްބަސްވީ ވެސް ކީކޭ ހިތަށްއަރައިގެންބާވައޭ ހިތް ބުނެއެވެ. އެހެނަސް ވަގުތު ފާއިތުވުމުގެ ކުރިން އޭނައަށް ހޭލެވުނީތީ މިޞްބާޙަށް ޙަމްދުކުރެވުނެވެ. އޭނަ ދެން އަފްރީނަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. ސިނާނަށް ވެސް އެކަން ވިސްނައިދޭނީއެވެ. މިފަހަކަށް އައިސް ސިނާން އަފްރީންގެ ވާހަކައެއް ދައްކާއިރަށް މިޞްބާޙް މަޢުޟޫއު ބަދަލުކޮށްލައެވެ. ނުވަތަ އަޑު ނުއިވޭ ކަމަށްހަދައި ފޯނު ކަނޑާލައެވެ. މިއަދު އެގޮތަށް ކަންތައް ކުރެވުނަސް މާދަމާ ސިނާނަށް އޭގެ ޖަވާބުދޭން ޖެހޭނެކަން މިޞްބާޙަށް އެނގެއެވެ. ސިނާން އެ އެދޭ ކަންތައް އޭނަ ނުކޮށްފިނަމަ ސިނާން އެކަން ކުރުމަށް އެހެން މީހަކާ ޙަވާލު ކޮށްފާނެތީ މިޞްބާޙްގެ ހިތް ބިރުގަތެވެ. އަފްރީން ރައްކާތެރި ކޮށްދެއްވުމަށް އެދި އެތައްފަހަރަކު ދުޢާ ކުރެވެމުން ދިޔައީ އެހެންވެއެވެ.

 

 

ސްކޫލް ފެށުނުތާ ދެވަނަ މަހުގެ މެދުތެރޭގައި އަފްރީން ޝަރީފާއެކީ އޯ ލެވެލް ޓޮޕް ޓެން ޖަލްސާއަށްޓަކައި މާލެއަށް ފުރަންޖެހުނެވެ. ރިހާސަލް އޮތް ފުރަތަމަ ދުވަހު އަފްރީން ދަރުބާރުގެއަށް ވަދެގެން ދިޔައިރު ކުދިންގެ ލިސްޓްތައް ހަރުކޮށްފައި ހުރި ބޯޑު ކައިރީގައި ބައިވަރު ކުދިން ތިއްބެވެ. އަފްރީން އެ ކުދިންތަކުގެ ތެރެއިން ކުޑަކޮށް ފުރޭނުމަށްފަހު އެ އެންމެންގެ މެދުގައި މަޑުކޮށްލަމުން އޭނަގެ ސްކޫލްގެ ލިސްޓް ފެނޭތޯ ބެލިއެވެ. ދުރުގައި ހުރެގެން ވެސް އަފްރީނަށް އޭނަގެ ނަން ފެނުނެވެ. ނަމުގެ ކައިރީގައި އޮތް ސީޓް ނަންބަރު ބަލާލަމުން ދާން އުޅުނު ވަގުތު އެ ލިސްޓްގައި އޮތް ސިނާންގެ ނަން ފެނިފައި އަފްރީނަށް އަނެއްކާވެސް ލިސްޓާއި ދިމާލަށް ބަލާލެވުނެވެ. ސިނާނަށްވެސް ލިބުނީ އެއްވަނައެވެ. ސިނާންގެ ނަމުގެ ކައިރީގައި އޮތް ނަންބަރަކީ އޭނަގެ ނަންބަރާއި ކައިރި ނަންބަރެއްކަން އެނގުން ވީހިނދު އަފްރީންގެ ގައިން ހީބިހި ނެގިއެވެ. އޭނަ ސިނާން ދެކޭކަށް ބޭނުމެއްނުވެއެވެ. ސިނާން ފެނުމުން އޭނައަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. ސިނާން މާލޭގައި ނުހުންނާނެ ކަމަށްބުނެ އަފްރީން އޭނަގެ ހަމަޖެހުން ގެއްލިފައިވާ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އޭނަ މިހާރު ހުންނާނީ ބޭރު ޤައުމެއްގައި ކަމަށް ހިތް ބުނި ހިނދު އަފްރީން އޭނަގެ ހިތާއި އެއްބަސްވަމުން މީހުންތަކުގެ ތެރެއިން ނިކުންނަން އުޅުނެވެ.

 

އަފްރީނާއިއެކީ އެހެން ހުރިހާ ކުދިން ވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ޖަލްސާ ހަމަޖެހިފައިވާ ހޯލު ފުރާލައިފިއެވެ. އަފްރީން ހުންނަން ޖެހުނީ އެންމެ ފުރަތަމަ ބަރީގައެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އޭނަގެ ދެފަރާތުގައި ވެސް ތިބީ ދެ އަންހެން ކުދިންނެވެ. ސިނާން ކޮބައިތޯ އޭނަގެ ހިތް ސުވާލު ކުރި ވަގުތު ޖަލްސާ ހަމަޖައްސާ މީހުންތަކުގެ ތެރެއިން އަންހެނަކު އެމީހުންގެ ކައިރިއަށްޖެހި ހާޒިރީ ބަލަން ފެށިއެވެ. އާދަމް ސިނާން ވަޙީދު އޭ ބުނެލި އަޑަށް އެކަކު ވެސް ޖަވާބެއްނުދިނެވެ. ސިނާން ނާންނަކަމަށް ވަގުތުން މާކު ކުރެވިގެން ދިޔައެވެ. އަފްރީންގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އަފްރީން ފުރަގަހަށް ނުބެލިއެއްކަމަކު ސިނާން ގެ ގޮނޑިއަކީ ސީދާ އޭނަގެ ފުރަގަހުގައި ހުރި ގޮނޑިކަން އަފްރީނަށް އަންދާޒާ ކުރެވުނެވެ. ސިނާނާއި އެހާ ކައިރިވާތަން އަފްރީނަށް ޚިޔާލު ކުރަން ވެސް ދައްޗެވެ. ސިނާން ފަހުން ވެސް ނާންނާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރެވުނީ އެހެންވެއެވެ.

 

ރިހާސަލް ފެށި މާ ގިނައިރެއް ނުވަނީސް ހޯލުން މަޑުމަޑުން ކުދިން މަދުވާން ފެށިއެވެ. އެ މީހުން ސްޓޭޖަށް އަރާގަޑި ނުޖެހިގެން އެއްވަނަ، ދެވަނަ އަދި ތިންވަނަ ލިބޭ ގިނަ ކުދިން ފޫހި ފިލުވާލުމަށްޓަކައި ހޯލުން ބޭރަށް ދިޔައެވެ. އެހެން ކުދިން އެކުވެރިންނާއެކީ ދާތަން ފެނިފައި އަފްރީން ވެސް ދާން ބޭނުންވިއެވެ. ނަމަވެސް އޭނަ ދަންޏާ ދާންޖެހޭނީ އެކަންޏެވެ. ނައުފާމެން އޭނައާއެކީ ތަންތަނަށް ދާކަށް ނޭދޭނެއެވެ. އަފްރީނަށް ލިބުނު އާ އެކުވެރިންގެ ތެރެއިން މި ޖަލްސާއަށް އަންނަން އޮތީ އެންމެ ކުއްޖެކެވެ. އެކުއްޖާ މިއަދު ރިހާސަލަކަށް ނާދެއެވެ. އަފްރީން އެކަނި ބޭރަށް ދާކަށް ބޭނުމެއް ނުވިއެވެ. އޭނައަށް ފޫހިކަމާއެކީ ފުން ނޭވައެއް ދޫކޮށްލަމުން ހޯލުގެ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެކި ކުދިން ވަދެ ނިކުމެ އުޅޭތަން ބަލަން އިނދެފައި އަފްރީން ދުރު ބަލާލަން އުޅުމުން އޭނައަށް އެކަމެއް ނުކުރެވުނެވެ. އެ ދޮރު މައްޗަށް އެރީ ކާކުކަން އޭނައަށް ޤަބޫލުކުރަން ދަތިވީތީވެއެވެ. އޮރެންޖް ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްލައި ބޮލުގެ އިސްތަށިގަނޑުގައި ސްޕައިކެއް ޖައްސައިގެން އެތެރެއަށް މިވަންނަނީ ކާކުބާވައޭ އަފްރީނަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. އޭނަގެ ސިކުނޑި ސިނާންގެ ނަން ކިޔާލި ވަގުތު އަފްރީންގެ ހިތަށް އުނދަގޫވިއެއްކަމަކު އޭނައަށް ދުރުބަލާލާކަށް ނޭނގުނެވެ. އޭނަ ސިނާނަށް ބަލަހައްޓައިގެން ހުއްޓާ ސިނާން އޭނަގެ އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮށް އިސްއުފުލާލިއެވެ. ސިނާނާއި ހަތަރުކަޅި ހަމަވީތަނާ އަފްރީނަށް ދުރުބެލެން ފެށިއެވެ. އޭނަގެ ސިކުނޑި ސިނާނާއެކީ އޭނަ ވޭތުކުރި ހުރިހާ ވަގުތެއް އެއްފަހަރާ އޭނަގެ ހަނދާނަށް ގެނައެވެ. ހިނިތުންވުންތަކުން ފުރިގެންވި އެ ހުރިހާ ހަނދާނަކަށްފަހު ދެން ސިފަވެގެން ދިޔައީ ދެމީހުން ވަކިވި ރެއެވެ. އޭނަ ވަކިވާން ބޭނުންވާ ވާހަކަ ބުނުމުން ސިނާން ހަޅޭއްލެވި ގޮތެވެ. އޭނަ ދާން ހިނގައިގަތުމުން ސިނާން އޭނަގެ ފަހަތުން އައި ގޮތެވެ. އެންމެ ފަހު ވަގުތު ސިނާން ވައި އަޑުން އަފޫއޭ ކިޔާލި އަޑު ކަންފަތަށް އިވުނުހެން ހީވި ވަގުތު އަފްރީނަށް ދެލޯ މަރާލެވުނެވެ. އެ ދުވަސް ހަނދާންވެފައި ވެސް އަފްރީންގެ ހިތްދަތިވިއެވެ. އޭނަ އެދުވަހު ރުއި ފަދައިން ސިނާން ވެސް ރޯނެބާވައޭ އޭނަގެ ހިތަށްއެރިއެވެ. އެދުވަހު ކިތަންމެ ރުޔަސް މިއަދު ހުންނާނީ އެ ދުވަސްމަތިން ހަނދާންނެތިފައެއްނޫން ހެއްޔެވެ؟ ޚުދު އޭނަ ވެސް މި ހުރިހާ ދުވަހު އުޅުނީ އެ ދުވަސްމަތިން ހަނދާން ނައްތާލާފައެއްނޫން ހެއްޔެވެ؟ އޭނަ މާޒީ ދޫކޮށްލީ އޭނައަށް ހެޔޮ ވިސްނުމެއް ލިބުނީތީވެއެވެ. ސިނާނަށް ވެސް މިހާތަނަށް އައިއިރު އެފަދަ ވިސްނުމެއް ލިބިދާނެބާވައެވެ.

 

އަފްރީން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދާ ނުހަނު ކައިރިން ފުރަގަހުން ސިނާންގެ ހުނުމުގެ އަޑު އިވުމުން އޭނަ ސިހުންވިއެވެ. އަފްރީން ވަގުތުން އެތަނުން ތެދުވެގެން ދާން ބޭނުންވިއެވެ. ނަމަވެސް އޭނަ ދާނީ ކޮންތަނަކަށްބާވައޭ ހިތަށްއެރިއެވެ. ދެ ޚިޔާލެއްގެ މަތީގައި އަފްރީން ގޮނޑީގައި އިނދެ ހަމަޖެހޭތޯ ބެލިއެވެ. އޭނަގެ ފުރަގަހުގައި ހުރި ހުސް ބަރީގައި އިށީންނަނީ ސިނާން އެކަންޏެއް ނޫންކަން އަފްރީނަށް އެނގުނީ އަންހެން ކުއްޖަކު ވާހަކަ ދެއްކުމުންނެވެ.

 

“އޯ ސިނާން އައި މިސްޑް ޔޫ ސޯ މަޗް. މިތާ އެކަނި ހުންނަތާ ކިހާއިރެއް؟” އެ އަންހެން ކުއްޖާ ސިނާންގެ ކައިރީގައި އިނދެ ސިނާންގެ އަތުގައި ދެއަތުން ހިފަހައްޓައި އަނގަވަށްކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ.

 

“އޯންވް….ސޮރީ އާލިޔާ ސްވީޓްހާޓް. މިއަދު ތަންކޮޅެއް ލަހުން ހޭލެވުނީ. ސްވީޓްހާޓްގެ ހުވަފެނެއް ބަލަން އޮވެވުނީ.” ސިނާން ހެވިފައި އިނދެ އާލިޔާ ގާތު އެހެން ބުނެލަމުން އެއްމިޔަކަނުން ހިނިތުންވެހުރެ ކުރީމަތީގައި އިން އަފްރީނަށް ނުލަފާ ގޮތަކަށް ބަލާލިއެވެ. އޭނަ ހިތުން އޭނަ އެހެން ބުނީ އަފްރީން ޙަސަދަވެރި ކުރުވުމުގެ ނިޔަތުގައެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އޭނަގެ އެ ވާހަކަ އިވިފައި އަފްރީންގެ މޭ ނުބައި ކުރިކަމެވެ. އަފްރީންގެ މޫނުމަތީގައި ވީ ނުރުހުންތެރިކަމެވެ. އެއީވެސް ދެން މީހުން ދައްކާ ވާހަކަހެއްޔޭ ހިތަށްއެރިއެވެ. އެފަދަ ވާހަކަތައް ބުނެގެން އެހެން އަންހެން ކުއްޖަކު ރުހުނަސް އޭނަ ދުވަހަކުވެސް ނުރުހޭނެއެވެ.

 

“އޯ ޑާލިންގް! ކިހިނެއްތަވީ ހުވަފެނުގަ؟” އަފްރީން އިތުރަށް ފޫހިވާ ރާގަކަށް އާލިޔާ ބުނެލި އަޑު އިވުނެވެ. އާލިޔާ އިނީ ސިނާނަށް ބަލަހައްޓައިގެން ކަމަށްވިޔަސް ސިނާންގެ ނަޒަރު ހުއްޓިފައިވީ އޭނަގެ ކުރިމަތީގައި އޭނައަށް ފުރަގަސްދީގެން އިން އަފްރީނަށެވެ.

 

“ހުވަފެނުގަ ފެނުނީ އަހަރެން އާލިޔާ ނޫން ކޮންމެވެސް ކުއްޖަކާ ރައްޓެހިވެގެން އުޅޭތަން. ކުރީކޮޅު ދެމީހުން އުޅުނީ ވަރަށް އުފަލުގަ. އެކަމަކު ފަހުން ރިއަލައިޒްވީ މި ޑޭޓް ކުރެވެނީ ސައިކޯ ކުއްޖަކާކަން. އެ ކުއްޖާ ކޮންމެވެސް ދަރުހެއް އިވުނޭ ކިޔާފަ އަހަންނާ ދުރުވާން ފެށީ. ހަމަ އެ ބަހަނާ ދައްކާފަ އަހަންނާ ބްރޭކް އަޕް ކުރީ. އޭގެ މަދު ދުވަސްތަކަށްފަހު އަހަރެން އާލް އާ ބައްދަލުވެ ހެޕީ އެންޑިންއެއް އައިތަން ފެނުނީ.” ސިނާން ސީރިއަސް ނަޒަރަކުން އަފްރީނަށް ބަލަން އިނދެ ކިޔައިދިނުމުން އާލިޔާ އޯވް އޭ ކިޔައި ސިނާނާއި އިތުރަށް ކައިރިވިއެވެ. ވާހަކަ އަޑުއިވެމުން ދިޔަ އަފްރީން އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ސިނާން ދެންމެ އެ ވާހަކަ ދެއްކީ އޭނައަށް އިއްވަންކަން އަފްރީނަށް ޔަޤީން ކުރެވުނެވެ. ދެން ސިނާން އުއްމީދުކުރަނީ އޭނަ ކިހިނެއް ހަދަން ހެއްޔެވެ؟ ރުޅި އައިސްގެން އޭނައާއި ދިމާލަށް އެއްޗެހި ގޮވަން ހެއްޔެވެ؟ ނުވަތަ ޙަސަދަވެރިވެގެން އޭނަގެ ލޯބިވެރިޔާއަށް ލޯއަޅަން ހެއްޔެވެ؟ ސިނާން ހީކުރަނީ އޭނަ ވަނީ އަދިވެސް އޭނަގެ ވަށައިގެންވި މީހުންނަށް އަޅުވެތިފައި ކަމަށް ހެއްޔެވެ؟ އަފްރީންގެ ހިތަށް އެތައް ހާސް ޝުޢޫރެއް ވެރިވެގެން ދިޔަ ވަގުތު އާލިޔާ އަނެއްކާވެސް ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“އެކަމަކު ޑާލްސް ސުވާލެއް ކޮށްލަންތަ؟ އެ ސައިކޯ ކުއްޖާ އާލްއަށްވުރެ ރީތިތަ؟” އާލިޔާ ތަޢުރީފަކަށް އުއްމީދު ކުރަމުން ދެރަ ގޮތަކަށް އަހާލިއެވެ.

 

“އާލްއަށްވުރެ އެހެން އަންހެން ކުއްޖަކު ކިހިނެއް ރީތިވާނީ؟ އެހެން ނޫނަސް އެ ސައިކޯ ކުއްޖާއަކީ އަހަރެން ދުށް އެންމެ ހުތުރު ކުއްޖާ. އެކަހަލަ ހުތުރު ކުއްޖަކު އެއްވެސް ތަނަކުން ނުދެކެން. އޭނައާ އިންނާނެ މީހަކު ދުވަހަކުވެސް ނުވާނެ.” ސިނާން ބުނެލިއެވެ. އާލިޔާ ހީގަތް އަޑަށް އަފްރީނަށް ދެބުމަ ކައިރިކޮށްގެން އިނދެވުނެވެ. ސިނާންގެ ވާހަކަ އިވިފައި އޭނަ ދެރަވީ އަމިއްލަ ނަފްސަށްޓަކައެއްނޫނެވެ. ސިނާނަށްޓަކައެވެ. އޭނައާއިމެދު މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އޭނައަކަށް މައްސަލައެއްނެތެވެ. ﷲ ހުރިހާ އިންސާނުން ވެސް އެންމެ ރީތި ގޮތުގައި ހައްދަވާފައިވީއިރު އޭނަ ހުތުރުކޮށް ހުރުމަކީ ވާނެކަމެއް ނޫންކަން އޭނައަށް އެނގެއެވެ. އޭނަގެ ރީތިކަން ބަރޯސާވަނީ ފިރިހެން ކުއްޖަކު ދޭ ތަޢުރީފަކަށް އަދި އެހެން މީހަކު ބުނެލާ ހުތުރު ބަސްތަކަކަށްނޫނެވެ. އޭނައަކީ ސިކުނޑި ރަނގަޅު މީހެއްކަން އެހެން މީހަކަށް ނޭނގުނަސް ﷲ މޮޅަށް ދެނެވޮޑިގެންވާކަމުގެ ހަނދުމައިން އަފްރީންގެ ހިތަށް ހަމަޖެހުން ލިބިފައިވިއެވެ. ސިނާނަށް މިފަދަ ހަމަޖެހުމެއް ނުލިބޭނެކަން އެނގުންވުމުން އަފްރީން އޭނައަށް ޙަމްދަރުދީވިއެވެ. ސިނާން މިވަގުތު ވެސް ވިސްނަމުން އެދަނީ އެހެން މީހަކު ދެރަ ކޮށްލެވޭނެ ގޮތަކާއިމެދުގައެވެ. އެހެން މީހަކު ދެރަ ކުރުމުން ކިތަންމެ އުފާވެރި އިޙްޞާޞްތަކެއް ކުރެވުނަސް އެއިން ދުވަހަކުވެސް ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން ސިނާނަށް އެނގޭނެނަމައެވެ. އަފްރީނަށް ހިތާހިތުން ސިނާނަށް ހިދާޔަތް އިތުރުކޮށްދެއްވުމަށް އެދި ދުޢާކުރެވުނެވެ.

 

އެދުވަހުގެ ރިހާސަލް ނިންމާލުމަށްފަހު ސިނާން އޭނަގެ ބައްޕަ ޑްރައިވަރާއިއެކީ ފޮނުވި ކާރަށްއަރައި ވަގުތުން ގުޅީ މިޞްބާޙަށެވެ. ފޯނު ކަންފަތުގައި ޖެއްސިއިރު ވެސް އޭނަގެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ.

 

“ސަލާމް.” އެކޮޅުން ޖަވާބު ދިނީ ކިޔަވާ މޭޒު ދޮށުގައި އިން މިޞްބާޙެވެ.

 

“ވޯހް……ހާދަ ދީނީ ވެއްޖެއޭ ބްރޯ. ޕްރެކްޓިސްދޯ މިޝަން އަފްރީންއަށް؟” ސިނާން ހެވިފައި އިނދެ ވާހަކަ ދެއްކިއެވެ.

 

“ނޫން ސިނާން. ވީހާވެސް ގިނަގިނައިން އެކަކު އަނެކަކާ ސަލާމް ކުރަންވާނެ.” މިޞްބާޙް ސީރިއަސްކަމާއެކީ ބުނެލިއެވެ. ސިނާން ބާރަށް ހޭންފެށިއެވެ.

 

“ހެހެހެހެ….މިޞްބާ ތިހިރީ ހަމަ ކެރެކްޓާރއަށް ރަނގަޅަށް ވަދެވިފަ. ދެން އެ އަފްރީން މަޅީގަ ޖެއްސުމަކީ އުނދަގޫ ކަމަކަށް ނުވާނެ. އޭ އެނގޭތަ މިއަދު ވީ ގޮތެއް؟ ރިހާސަލްގަ އޭނަ އިނީ އަހަރެން ކުރިމަތީގަ. އަހަރެން އާލިޔާ ގޮވައިގެން އޭނަގެ ފުރަގަހުގައި އިނދެ އޭނައާއި ދިމާލަށް އެތަކެއްޗެއް ގޮވިން ނުސީދާ ގޮތަށް. އޭނަ މިއަދު ވަރަކަށް އެއްޗެހި ތަޅާނެ ގެއަށް ގޮސް.” ސިނާން މަޖާވެފައި އިނދެ ބުނެލިއެވެ. މިޞްބާޙް އެއްވެސް އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.

 

“ނޫން ސިނާން. އަފްރީން އެހާ ކުޑަކުޑަ ކަންކަމާ އެހާ އަވަހަށް ރުޅި ނާންނާނެ.” މިޞްބާޙް ބުނެލިއެވެ.

 

“ވާވް! ހާދަ ރަނގަޅަށޭ ލޯބިވެރިޔާ ތި އެނގެނީ. ބުނެބަލަ. ކިހާ ހިސާބަކަށް ގޮއްސިތަ؟ އޭނައާއި ރައްޓެހިވެއްޖައިމުތަ؟” ސިނާން އަހާލިއެވެ. މިޞްބާޙް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“ނޫން ސިނާން. އަހަރެން ވާކަށްވެސް ބޭނުމެއްނޫން. ހިނގާ މިކަން ހުއްޓާލަމާ.” މިޞްބާޙް ބުނެލިއެވެ.

 

“ވަޓް؟!” ލިބުނު ޝޮކާއިއެކީ ސިނާން އަހާލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (44)

  1. nanni

    yeyy me first vaahaka habeys

    1. jana
      nanni

      hehe…..Alhamdhulillah! (All praise and thanks belongs to Allah) 🙂

  2. Nuxu

    Wow vrh habeys

    1. jana
      Nuxu

      Alhamdhulillah! 😀

  3. amie

    Yah mi part v nyc.. kiyaa hithun kiyaalevijje

    1. jana
      amie

      Alhamdhulillah! kusheh othiyya faahanga kolla dhehchey In Sha Allah 🙂

  4. Fathun

    Vaahaka vara reethi?

    1. jana
      Fathun

      Alhamdhulillah! 😀

  5. Ary

    Wrah reethi..v intresting..☺☺

    1. jana
      Ary

      Alhamdhulillah! 🙂

  6. Azu

    Masha allah v reethi mi part ves. Jazaakillah khairan Jana

    1. jana
      Azu

      Alhamdhulillah! Wa iyyaaki! 😀

  7. Azu

    Masha allah v reethi mi part ves. Jazaakillah khairan Jana

  8. zai

    In shaa allah mibaivex v riiiithi?

    1. jana
      zai

      Alhamdhulillah! 😀

  9. shazy

    Mibaives reethikamun kiyakiya huttaa nimunee

    1. jana
      shazy

      hehe….Alhamdhulillah! 🙂

  10. afuu

    salhi ma sha allah…

    1. jana
      afuu

      Alhamdhulillah! 😀

  11. naff

    varah varah salhi mi part ves varah interesting thank you jana for a beautiful story

    1. jana
      naff

      Alhamdhulillah! (All praise and thanks belongs to Allah) 😀

  12. Mistaken Teenager

    V reethi may god bless you. Yahdheekillah. Wa Yarhamukahllah.

    1. jana
      Mistaken Teenager

      mee haadha ehen kahala namekey. hehe…..Alhamdhulillah! jana ahtakai thi edhunuhaa kameh thibaa ahves dhevvaashi. Ameen!

  13. nukko

    Mashaallah its awsom janooo… I lov this story…… v ibraiibraii..next part Saturday ga dw.. btw nxt part ga yoonus and nasra ge part dhigukohllachey. Lovin it luv u sis tc

    1. jana
      nukko

      hehe….mi baiga nasramenge bai evves varakah neh dho nukko? dhen anna baegga hunnaane. ebai saturdayga In Sha Allah. jana anekkaves busy vejje. ekamaku veehaaves avahakah genesdheveytho balamun dhaanan In Sha Allah. Love you too. tc 🙂

  14. nukko

    And wen fb psts… I luv it… psts ah v wait kureveyy…:-) 🙂 🙂 🙂 🙂 🙂 🙂 🙂 🙂 thnkss

    1. jana
      nukko

      Alhamdhulillah! i hope that you continue your journey with the Quran In Sha Allah. 🙂 🙂 🙂

    2. nukko
      nukko

      Inshaallah I will 🙂 🙂 🙂

    3. nukko
      nukko

      In sha allah *

  15. Anonymous

    v kiyaa hiyvey… ?

    1. jana
      Anonymous

      hehe….Alhamdhulillah! 🙂

  16. Hi

    Ey konirakun dhen up kuraaany

    1. jana
      Hi

      Saturday ga In Sha Allah 🙂

  17. jana

    FB Post:

    When we turn to Allah, and we see people around us who havent gone through the type of transformation that we have, we tend to get mad at those people. It doesnt matter whether its our parents, siblings or friends. We just lose it when we see others disobeying Allah.
    But there is a huge problem in getting mad way too often especially after we made tawba. If we continue to do so, people around us will start thinking that anybody who turns to Allah becomes harsh and judge mental. And this is an impression that i myself had before i started to learn more about the deen.
    We must constantly remind ourselves that we arent perfect even if we have made tawba. We must remember how we were like a while ago. We must realize we didnt guide our ownselves. When we see people far away from Allah, we must sympathize them instead of passing judgements. We seriously dont know what is in anyone’s heart. When we see two sisters are walking on the street and one dresses religiously and the other is wearing tight clothes we immediately think to ourselves that the one wearing jilbaab is better. Yes! How she is dressing is better. But we seriously dont know whats in their hearts. Maybe the other sister wearing tight clothes is hating her own self for being the way she is. Maybe she had these clothes all her life and when she turned towards deen, she couldnt afford to have new lose clothes. Or maybe her parents are not so religious and she hasnt found the courage to ask them for money. But little do we think when we glare at them.
    This is a reminder to myself first. None of us can say that we are better than the other. Just because i am trying to spread what i have learned about the deen doesnt make me better than you. It maybe that i could learn a lot more from you than i could ever give you. May Allah grant us all a deeper understanding. Ameen!

  18. jana

    FB Post:

    One of those ayahs that inspire me to learn about the seerah of Prophet (SAW) 🙂
    “Say, [O Muhammad], “If you should love Allah, then follow me, [so] Allah will love you and forgive you your sins. And Allah is Forgiving and Merciful.” Surah Al-i-Imran, ayah 31

  19. Nash

    Masha Allah. Varah varah reethi. Waiting for next part.

    1. jana
      Nash

      Alhamdhulillah! 😀

  20. Arcane_Belle

    ma Sha Allah. Beautiful.

    1. jana
      Arcane_Belle

      Alhamdhulillah! 😀

  21. Zaujath Zaidh

    ما شا الله
    V v reethii story..this is my first time I read a dhivehi story with interest Nd yrrh without sleeping too..yuhh knw wot wen I read dhivehi story it always gives me so much reason to sleep.. I really don’t hve any interest..bt blyv me today i jxt started to read your story with beginning Nd Ma sha Allah evry part bring me so interesting Nd I felt so curious to read the next part..Nd finally I’m here………. Can’t wait to read next part.. May Allah give me strength to be patient…?
    Jaxaakillah khair
    Love yuhh fillah ❤️
    Fee Amaanillah

  22. ummu

    Masha Allah.. Varah varah reethi.. waiting for the next part.. mikahala vaahaka eh kiyaalan libunyma warah ufaa wejje.. thnks jana.. may Allah reward you with good.. use ur talents in halal ways.. love u fillah

  23. spookx

    Alhamdhulillah
    Awesome story..
    V.ginain faahaga kurevey, “phone nagaalithanaa, ” it should be phone kanfathun negi thanaa..
    Nagaaleema gehleyne dho: )

    🙂

  24. whoosha

    assalaamu alaikum …Alhugandakee v vaahaka kiumah shauguveri ve kiyaa meeheh… bt dhivehi sitekun mifadha Gina iburaithakeh libey furihama vaahakaaeh nukiyan… allah thibaage masaikathugai kaamiyaabu lahvaashi… jaxakahlhaahu khairah

  25. IsHa

    SALHI

Comments are closed.