“އޭނައާ؟ ލޯބިން ވާހަކަ ދައްކަންވީ؟ ދުވަހަކުވެސް ނުކުރާނަން ތިކަމެއް. އަހަރެން އޭނަ ކާމިޔާބުވިޔަކަ ނުދޭނަން އެއްވެސް ކަމަކުން.” ޔޫނުސް ދެންވެސް ހަރު އަޑުން އެހެން ބުނެލަމުން ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ނަޞްރާ ބަލަބަލާ ހުއްޓާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ޔޫނުސް ސިޓިންގް ރޫމަށް ގޮސް އެތާނގެ މެދުގައި މަޑުކޮށްލަމުން އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއަށްފަހު ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ.” އެކޮޅުން ޖަވާބު ދިނީ އައި.ސީ.ޔޫގެ ދޮރު ކައިރީގައި ކޮޅަށްހުރި ނާސިފެވެ.
“ނާސިފް…..މިހާރު ނާސިފްމެންގެ ސައިޓަށް ހަމަ އެއްގޮތަކަށް ވެސް ނުވަދެވޭތަ؟” ޔޫނުސް ހިތް އަވަސްވެފައިހުރި ވަރުން ސީދާ މަޢުޟޫއަށް ދިޔައެވެ.
“އާނ ޔޫނުސް.” ނާސިފް ޔޫނުސް ވާހަކަ ދެއްކި ގޮތުން ހިސާބަކަށް ޙައިރާންވެހުރެ ބުނެލިއެވެ.
“އެހެންވިއްޔާ ހިނގާ ދެމީހުންވެގެން އަލުން ސައިޓެއް އުފައްދަން.” ޔޫނުސް ބުނެލިއެވެ. އެ ވާހަކަ އިވިފައި ނާސިފް ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.
“ޔޫނުސް…….އަހަންނަށް ހީވަނީ މިހާ ހިސާބުން އަހަރުމެން ދެން މިކަން ހުއްޓާލަންވީހެން. އިން ފެކްޓް އަހަރެން މި އުޅެނީ ހުއްޓާލަން. އަހަރެން ހުރިހާ ނޫސްވެރިންނަށް ވެސް އަންގައިފިން ދެން އަނބުރާ އައުމުގެ އެއްވެސް ބޭނުމެއްނެތޭ.” ނާސިފްގެ ވާހަކަ ނިމުނުތަނާ ޔޫނުސް ވާހަކަ ދެއްކިއެވެ.
“ވަޓް؟! ނާސިފް ކީއްވެ އެހެން ހެދީ؟ އެ ނުލަފާ މީހުންގެ ކުރިމަތީގަ ނާސިފް ބަލި ޤަބޫލުކުރީތަ؟” ޔޫނުސް ހަރުކަށި ގޮތަކަށް އަހާލިއެވެ.
“ޔޫނުސް އަހަރުމެން ކިތަންމެ ނުރުހުނަސް ގިނައިން ފައިސާ ހުރި ބަޔަކު އެ މީހުންގެ ދަށުގައި ތިބި މީހުންގެ މައްޗަށް އަތްގަދަ ކުރާނެ. ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތް ކުރެވިއްޖެ އެމީހުންގެ ކުރިމަތީގަ ކޮޅަށް ހުރެވޭތޯ. އެކަމަކު ދެނެއް ނުހުރެވޭނެ. މިއަދު އެނގިއްޖެ އެމީހުންނަށް ކުރެވިދާނެ ކަންތައް.” ނާސިފް އެހެން ބުނެލީ އައި.ސީ.ޔޫގެ ކުޑަ ދޮރުން އޭނަގެ ބައްޕައާއި ދިމާލަށް ދެރަގޮތަކަށް ބަލަން ހުރެއެވެ.
“އެކަމަކު ނާސިފް…..” މިފަހަރު ޔޫނުސްގެ ވާހަކަ ފުރިހަމައެއްނުވިއެވެ.
“ޔޫނުސް އަހަރެން މިއުޅެނީ ބައްޕައާއެކީ މާދަމާ އިންޑިޔާއަށް ފުރަން. އެ މީހުން އެ އިންތިޒާރުކުރާ އިންތިޚާބެއް ނުނިމެނީސް އަހަރުމެން މިކޮޅަށް ދެން ނާންނާނަން.” ނާސިފް ބުނެލިއެވެ.
“އެކަމަކު ނާސިފް އެމީހުން……” ޔޫނުސްގެ ވާހަކަ މިފަހަރުވެސް މެދުކެނޑުނެވެ.
“ބައްޕަ އަދިވެސް ހޭނާރާ ޔޫނުސް!” ނާސިފް އިހުނަށްވުރެ ހަރުއަޑަކުން އެ ވާހަކަ އެންގިއިރު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ނާސިފްގެ އަޑުގައި ތުރުތުރެއްވިކަން ފާހަގަވުމުން ޔޫނުސްގެ އަނގަ ބަންދުވިއެވެ. ނާސިފް ދެން މިވާހަކަ ދައްކަން ބޭނުމެއްނުވާކަން ޔޫނުސްއަށް ސާފުކޮށް އެނގުންވިއެވެ. ޔޫނުސްއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ނާސިފް ފޯނު ކަނޑާލުމުން އޭނަގެ ހިތަށް އުނދަގޫވިއެވެ. ކަންފަތުން ފޯނު ނަގާލިއިރު އެ މޫނުމަތީގައިވީ ނާއުއްމީދުގެ އަސަރުތަކެކެވެ. އޭނަގެ ހިތަށް ވެރިވެގެން ދިޔައީ މީގެ އިރުކޮޅެއް ކުރިން ނަޞްރާ ކޮށްލި ސުވާލެވެ. އޭނަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނަ އެންމެ ކުރިން ވެސް ނިންމައިގެން ހުރީ އަމީންމެންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ނާސިފްމެނަށް އެހީވުމަށެވެ. ކަންތައް މިހެން ވެދާނެއެކޭ އޭނަ ހިއެއްނުކުރެއެވެ. ޔޫނުސް ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ފަސްއެނބުރި ބަލާލި ވަގުތު ފުރަގަހުގައި ދެއަތް އުރައިގެން ނަޞްރާ ހުރިތަން ފެނިފައި އޭނަ ކުޑަކޮށް ސިހުންވިއެވެ.
“ނާސިފް ބުނީ ކީކޭ؟” ނަޞްރާ ސުވާލު ކުރިއެވެ. ޔޫނުސް ވަކި އެއްޗެކޭ ނުބުނެ އިސްޖަހާލަމުން މޫނު އަނބުރާލިއެވެ. އެއަށްފަހު ސިޓިންގް ރޫމުގައި ހުރި ދިގު ސޯފާގައި ގޮސް އިށީނެވެ. ނަޞްރާވެސް އިތުރު އެއްޗެކޭ ނުބުނެ ލަސް ހިނގުމެއްގައި ގޮސް ޔޫނުސްގެ ކައިރީގައި އިށީނެވެ. ހިމޭންކަމުގެ ވަގުތުކޮޅެއް ވަންދެން ދެމީހުން ތިބި ގޮތަށް ތިއްބެވެ. ޔޫނުސް ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސައިގެން އިނީ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. ނަޞްރާ އިންތިޒާރު ކުރަމުން ދިޔައީ އޭނަ ވާހަކަ ދައްކާނެ އިރަކަށެވެ. މިނެޓްތަކެއް ހިނގިފަހުން ނަޞްރާގެ އެ އިންތިޒާރު ނިމުމަކަށް އައެވެ.
“ނާސިފް ބުނީ ތިމަންނަމެން ނޫސް ހުއްޓާލަނީއޭ.” ޔޫނުސް އިންގޮތަށް އިނދެ މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
“ޔޫނުސް އުޅުނީ އެމީހުންނަށް އެހީވާންދޯ؟” ނަޞްރާ އޭނައަށް ހީވިގޮތް އަހާލިއެވެ. ޔޫނުސް ދެންވެސް ދެލޯ މަރައިގެން އިނދެ މަޑުމަޑުން ބޯޖަހާލިއެވެ.
“ދެން ވާނީވެސް އެހެންތާ…..ސައިޓްވެސް ގެއްލުވާލީމަ ނޫސް އަނބުރާ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ.” ނަޞްރާ ބުނެލިއެވެ.
“އެކަމަކު ނޫސް ނެތިއްޔާ އަމީންމެނަށް ފަސޭހައިން އެމީހުންގެ ކުށްތަކުން ރެކެވޭނެ. އަހަރެން ބޭނުމެއްނޫން އެހެންވާތަން ދެކޭކަށް. އަހަރެން ބޭނުން ކޮންމެވެސް އެއްގޮތަކަށް އެމީހުން ހުއްޓުވަން. އެމީހުން އިންތިޚާބު ކާމިޔާބުކޮށްފިއްޔާ ވާނެގޮތާމެދު ނަޞްރާ ވިސްނާލަބަލަ.” ޔޫނުސް ނަޞްރާއަށް ބަލާލަމުން ކޮންޓްރޯލް ކުރެވިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. ނަޞްރާ އިސްޖަހާލަމުން ބޯޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް އެ ދެމެދަށް ހިމޭންކަން ވެރިވިއެވެ.
“އެހެންވިއްޔާ ޔޫނުސް ނޫހެއް ނެރެންވީއެއްނު؟” އިރުކޮޅެއްގެ ވިސްނުމަށްފަހު ނަޞްރާ ބުނެލިއެވެ.
“ނޫހެކޭ؟ އަހަރެން އަމިއްލައަށް؟” ޔޫނުސް އޭނަގެ މޭގައި އެއްއަތް ޖައްސާލަމުން ބުނެލިއެވެ. ނަޞްރާ ހޫންލައްވާލިއެވެ.
“އަހަންނަށް ވެވުނު ވަރަކުން އެހީވެދޭނަން. ގޭގެއަށް ބަހާ ނޫހަކަށް ނުވިޔަސް އޮންލައިން ނޫހެއް އުފެއްދިދާނެއެއްނު؟ އެޗް.އެން ނިއުސް ގޮތަށް؟” ނަޞްރާ ޚިޔާލެއްދިނެވެ. ޔޫނުސް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“އޮންލައިން ނޫހެއް އުފެއްދުމަކީ ހަމައެކަނި ސައިޓެއް ހަދާލުމެއް ނޫނޭ ނަޞްރާ. އަހަންނަށް އެކަނި ކިހިނެއް ހުރިހާ ޚަބަރެއް އެއްކުރެވޭނީ؟” ޔޫނުސް ބުނެލިއެވެ.
“އެކަނި ހަދާށެކޭ އަހަރެން ނުބުނަމޭ.” ނަޞްރާ ބުންޏެވެ.
“ދެން؟ ކޮން ތަނަކުން އަހަރެން އެހާ ގިނަ ނޫސްވެރިން ހޯދަނީ؟” ޔޫނުސް ލުއި ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. ނަޞްރާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިންގޮތުން އޭނަ އިނީ ފުން ވިސްނުމެއްގައިކަން އެނގެއެވެ.
“ޔޫނުސްގެ ލައިކް ޕޭޖެއް އޮވޭތަ؟” ނަޞްރާ ކުއްލިއަކަށް ޔޫނުސްއަށް ބަލާލަމުން ސުވާލުކުރިއެވެ.
“އާނ ކިހިނެއްވީ؟” ޔޫނުސް ޙައިރާންވެހުރެ އަހާލިއެވެ.
“ބައިވަރު ލައިކްސް ލިބިފަ ހުރޭތަ؟ ޕޭޖްގަ އުޅޭ މީހުން ޕޯސްޓްތަކަށް ކޮމެންޓްކޮށް ހަދާތަ؟” ނަޞްރާ އެހިއެވެ.
“ގާތްގަނޑަކަށް އެއްހާހާ ގާތްވާނެ ލައިކްސްތައް. އާނ ކޮމެންޓްތައް ލިބޭ. އެކަމަކު އާއްމުކޮށް ކޮމެންޓް ކުރާ މީހުން އަބަދުވެސް ފެންނާނީ.” ޔޫނުސް ޖަވާބުދިނެވެ.
“ގްރޭޓް! ޔޫނުސް، ވެދާނެ އަހަރެން މިދެނީ މޮޔަ ޚިޔާލަކަށް ކަމަށްވެސް އެކަމަކު ހީވޭ މީތި ކާމިޔާބުވާނެހެން. ޔޫނުސް ހަދަން ވީ ގޮތަކީ ޔޫނުސްގެ އެކިއެކި ސަޕޯޓަރުންނަށް ވަކިވަކިން މެސެޖުތަކެއް ފޮނުވަންވީ. ކޮންމެ މީހަކު ކައިރިން ފުރަތަމަ ސުވާލު ކުރާނީ އެމީހަކު ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުރިތޯ. ހުރިއްޔާ އެ މީހަކަށް ކިޔައިދޭނީ ޔޫނުސް އުޅެނީ ކީއްކުރަންކަން. ބުނާނީ ތިމަންނަ މިއުޅެނީ ނޫހެއް ފަށަންވެގެންނޭ. އެ ނޫހަށްޓަކައި ނޫސްވެރިން ހޯދަންވެގެންނޭ މިއުޅެނީ. ދެން އިތުރަށް ޝައުޤުވެރިކަން ހުރިއްޔާ އެމީހެއްގެ ލިޔުމެއް ހޯދާފަ ޔޫނުސް ހިތްހަމަޖެހޭތޯ ބަލާނީ.” ނަޞްރާ ނުހަނު ފޯރިއާއެކީ ކިޔައިދިނެވެ. ޔޫނުސްއަށް ވަގުތުން ހެވެން ފެށިއެވެ.
“ހެހެހެހެ……ހާދަ އެހެން ކަހަލަ ޕްލޭންއެކޭ. ތިކަންކޮށް ނިމޭއިރު އަހަރެންގެ ސަޕޯޓަރުން އަހަރެންގެ ދުޝްމިނުންނަށް ބަދަލުވެދާނެހެން ހީވަނީ. އެހާވަރަށް ނުވެސް އެނގޭ މީހުންނަށް އުނދަގޫ ކުރާކަށް ނުވާނެއެއްނު؟” ޔޫނުސް ހެވިފައި އިނދެ ބުނެލިއެވެ.
“ބައެއް މީހުންނަށް އެއީ އުނދަގުލަކަށްވެދާނެ. އެކަމަކު ހަމައެކަނި ތެދު ޚަބަރު ޗާޕުވާ ނޫހަކަށް އެދިއެދި ތިބި މީހުން މަދުވާނެއެކޭ އަހަރެން ނުބުނާނަން.” ނަޞްރާ ސާބިތުކަމާއެކީ ބުނެލިއެވެ. އެ ވާހަކަ އިވުމުން ޔޫނުސްގެ ހިނިތުންވުން ފަނޑުވެ އެ މޫނުމައްޗަށް ވެސް ސާބިތުކަން ވެރިވިއެވެ. އޭނަ ތުން ފިއްތާލަމުން ބޯޖަހާލިއެވެ.
ޔޫނުސް ހަމަ އެ ދުވަހުގެ ރޭ ނަޞްރާ ބުނި ގޮތަށް ކަންތައް ކުރަން ފެށިއެވެ. ޔޫނުސް ހީކުރި ގޮތާއި ޚިލާފަށް އޭނަ މެސެޖެއް ފޮނުވުމުން ގިނަ މީހުންވީ އުފަލެވެ. އޭނަ ހީކުރި ވަރަށްވުރެ ބޮޑަށް އޭނަ މަޝްހޫރެވެ. ތަފާތު މިޒާޖުގެ މީހުންނާއި ވާހަކަ ދެއްކުންވެގެން ދިޔައީ ޔޫނުސް ޝައުޤުވެރިވާފަދަ ކަމަކަށެވެ. އޭނައަށް މައްސަލައަކަށްވީ އެކި މީހުން އޭނަ އެޗް.އެން ނިއުސްއިން ވަކިވި ސަބަބާއިމެދު ސުވާލުކުރާތީވެއެވެ. ނަޞްރާގެ އެދުމުގެ މަތިން ޔޫނުސް ވީހާވެސް ވަރަކަށް އެ ނޫހާއި ނޫހުގެ ވެރިންނާއިމެދު ވެސް އެއްވެސް ނުބައި ވާހަކައެއް ދެއްކުމެއްނެތި ކުރިއަށް ދެވޭތޯ ބެލިއެވެ. ޔޫނުސް އެރޭ ލެޕްޓޮޕް ލައްޕާލިއިރު ވެސް އޭނައަށް ނޫސްވެރިޔަކު ލިބިއްޖެއެވެ. ނަޞްރާގާތު އެ ވާހަކަ ބުނިއިރު ޔޫނުސްއަށް ހުރެވުނީ ހެވިފައެވެ. ނަޞްރާ ބޯ ކަހާލަމުން ތިމަންނަގެ މޮޔަ ޚިޔާލު ދެން ރަނގަޅުދޯއޭ ބުނެލި ގޮތުން ޔޫނުސްގެ ހިތް ލޯބިން ފުރިގެންއައެވެ. އޭނައަށް ނަޞްރާގެ ގައިގައި ބާރަށް ބައްދާލެވުނެވެ. ނަޞްރާ އޭނަގެ ޙަޔާތުގައި ވި ކަމަށްޓަކައި އޭނައަށް އެރޭ ހާސްފަހަރު ޝުކުރުކުރެވުނެވެ. ނަޞްރާއަށް ނުވިނަމަ އޭނަ މިރޭ ވީހީ ކިހާ ބޮޑު ފިކުރެއްގައި ކަމެއްވެސް ޔޫނުސްއަކަށް ނޭނގެއެވެ. އޭނައަކީ ނޫސްވެރިކަން ފިޔަވައި އެހެން ދާއިރާއަކުން މާ ބޮޑަށް ކުރިއަށް ދެވޭނެ ވަރަކަށް ކިޔަވައިގެން ހުރި މީހެއްވެސް ނޫނެވެ. ނަމަވެސް މިރޭ ނަޞްރާ މި ދިން ޚިޔާލުން އޭނަ މުޅި ޤައުމުން ވެސް ހޮވާލެވޭނެ ފަދަ ޝަޚުޞިއްޔަކަށްވުމުގެ ފުރުޞަތު އެބައޮތްހެން ޔޫނުސްއަށް ހީވިއެވެ. ނަޞްރާ ބުނިހެން އޭނައަކީ ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރާ މީހަކަށްވާން ޔޫނުސް ބޭނުންވިއެވެ.
ރަނގަޅު ބަދަލެއް ގެނައުމުގެ ޝުޢޫރު އުފެދުނީ ހަމައެކަނި ޔޫނުސްގެ ހިތުގައެއްނޫނެވެ. އަފްރީންގެ ހިތުގައި އެފަދަ ޝުޢޫރެއް އުފެދިގެން ދިޔައީ އޭނަގެ ވަށައިގެންވި މީހުން ޤުރުއާނަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން އޭނައަށް އިޙްޞާޞް ކުރެވުމުންނެވެ. އެއްދުވަހު އެސަމްބްލީގައި އަފްރީން ވަރަށް ފަހަކަށް އޭގެ މާނަ ރަނގަޅަށް ދެނެގަތް އާޔަތްތަކެއް ކިޔެވިގެން ދިޔައެވެ. އެ އާޔަތްތައް އަޑުއިވެން ފެށުމުން ވެސް އަފްރީންއަށް ހިނިތުންވެލެވުނެވެ. އޭނަ ދެލޯ މަރައިގެން އަޑުއަހައިގެން ހުއްޓާ އެންމެ ފަހު އާޔަތް ކިޔެވިގެން ދިޔަ ވަގުތު ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އަފްރީންގެ ލޯ ތެމުނެވެ. އޭނަ ދެލޯ ހުޅުވާލިއިރު އޭނަގެ ކުރިމަތީގައި ހުރި ކުއްޖާ އާ ފުރާލިތަން ފެނިފައި އަފްރީން ޙައިރާންވިއެވެ. ކަނާތް ފަރާތަށް ބަލާލިއިރު އެހެން ކުއްޖަކު ހުރީ ނިޔަފަތި ބަލާށެވެ. އަފްރީން އެކި މީހުންގެ މޫނަށް ވަކިވަކިން ނަޒަރު ހިންގާލިއިރު އެންމެންގެ މޫނުތަކުން ވެސް ފެނުނީ ފޫހިކަމެވެ. އެހާ އަސަރުގަދަ އާޔަތްތައް ކިޔެވިގެން ދިޔުމުން ވެސް އެމީހުންގެ ހިތަށް އަސަރުނުކުރި ގޮތުން އަފްރީން އަޖާއިބުވިއެވެ. އެއީ އެމީހުންނަށް މާނަ ނޭނގޭތީވެއޭ ފުރަތަމަ އަފްރީންގެ ހިތަށްއެރިއެވެ. ނަމަވެސް ދިވެހި ތަރުޖަމާ ކިޔާލުމުން ވެސް އޭނަގެ އެކުވެރިންނަކަށް މާ ބޮޑު ބަދަލެއްނާދެއެވެ. އަފްރީނަށް ވިސްނާލެވުނެވެ. މީގެ ދުވަސްތަކެއް ކުރިން ޚުދު އޭނަގެ މޫނުމަތިން ވެސް މިފަދަ ވަގުތުކޮޅެއްގައި ފެނުނީހީ އެފަދަ ކުލަވަރެކޭ އޭނަގެ ހިތް ބުންޏެވެ. އެއީ އޭރު ޤުރުއާނުގެ އާޔަތްތަކަކީ ކިހާ ފުރިހަމަ އެއްޗެއްކަން އޭނައަށް ނޭނގޭތީވެއެވެ. އޭނަގެ އެކުވެރިން ވެސް ފޫހިވެފައި މިތިބެނީ އެ އެކުވެރިންނަށްވެސް ނޭނގޭތީވެތާއެވެ. އެ އެކުވެރިންނަށް ޤުރުއާނުގެ ފުރިހަމަކަން ދެއްކުމަށް އަފްރީންގެ ހިތުގައި ކުއްލިއަކަށް ޢަޒުމެއް ކަނޑައެޅިގެން ދިޔައެވެ. އޭނަ ހަމަ އެދުވަހު ގެއަށް ގޮސް އެސަމްބްލީގައި ކިޔާނެ ސްޕީޗެއް ލިޔުނެވެ. އެ ސްޕީޗްގައި ވަނީ އެދުވަހު ކިޔެވުނު އާޔަތްތައް ތަފްޞީލުކޮށް ބުނެދީފައެވެ. އަފްރީން އެތައް ދުވަހެއް ވަންދެން އެ ސްޕީޗް ވީހާވެސް ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ކިޔޭތޯ މަސައްކަތް ކުރިއެވެ. އޭނަ ހިތްހަމަޖެހޭ ވަރުވުމުން އެންމެ ފަހަކަށް އޭނަ އެއްދުވަހުގެ ހެނދުނު އެ ސްޕީޗް އެސަމްބްލީގައި ކިޔުނެވެ. އެ ސްޕީޗަށް ލިބުނު ތަޢުރީފުގެ ހޫނުކަމުން އަފްރީންއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. މުޅި އެދުވަހު އޭނަގެ އެކި އެކުވެރިން އެ ސްޕީޗް ރީތި ވާހަކަ ބުނުމުން އަފްރީން އުފާވަމުން ދިޔައީ ވަކި އޭނައަށް ތަޢުރީފެއް ލިބޭތީވެއެއްނޫނެވެ. އޭނަގެ އެކުވެރިން ޤުރުއާނާއި ކައިރިވާކަން އިޙްޞާޞް ކުރެވުމުންނެވެ. އަފްރީންއަށް އިތުރު ސްޕީޗްތައް ލިޔުމުގެ އާ ހިތްވަރެއް ލިބުނެވެ.
އެއްދުވަހު އަފްރީން އެސަމްބްލީގައި ސްޕީޗްދޭ ވާހަކަ އިވިފައި މިޞްބާޙް އެދުވަހު ގަޑިއަށް ސްކޫލަށް އަންނަން ނިންމިއެވެ. އަފްރީންގެ ސްޕީޗްގައި ޤުރުއާނުގެ ކޮންމެވެސް ވާހަކައެއް ދައްކަން ފެށުމުން މިޞްބާޙް ފޫހިވިއެވެ. އޭނައަށް އަފްރީން ދެއްކި ވާހަކައަށް ސަމާލުކަން ދެވެމުން ދިޔައީ ވަކި ވަރަކަށެވެ. މިޞްބާޙަށް އެ ސްޕީޗުން އިވުނުހާ ވެސް ވާހަކައަކީ އަފްރީން ތަކުރާރުކޮށް ބުނާ ވާހަކައެވެ. އެއީ ޤުރުއާނުގެ އާޔަތްތަކުގެ މާނަ ހަމައެކަނި ތަރުޖަމާއަކުން ފުރިހަމައަށް ނޭނގޭނެ ވާހަކައެވެ. ވީ ފޫއްސާއެކީ ހަމަ އަސްލުކޮށްހޭ މިޞްބާޙްގެ ހިތަށްއެރިއެވެ. އެއީ އޭނަ ދުވަހަކުވެސް އަޑުއެހި ވާހަކައެއްނޫނެވެ. ޤުރުއާން އިތުރަށް އުނގެނުމަށްޓަކައި ވަދެވިދާނެ ސައިޓެއްގެ ނަންވެސް އަފްރީން ސްޕީޗްގައި ބުންޏެވެ. އެއާއެކު އަފްރީންގެ ހިތް ދަމައިގަންނާނެ ގޮތުގެ އާ ޚިޔާލެއް މިޞްބާޙަށް ލިބުނެވެ. ސިނާން ބުނި ގޮތުގައި އަފްރީނަށް އެންމެ ބޮޑަށް ކަމުދާނީ އަބަދުވެސް އޭނައަށްވުރެ ބޮޑަށް އެނގޭ ފިރިހެން ކުދިންނެވެ. އޭނައަށް އަފްރީން އުނގެނިފައިވާ ވަރަށްވުރެ އިތުރަށް ޤުރުއާން އުނގެނެވިއްޖެނަމަ އަފްރީނަށް އޭނަ ކަމުދިޔުމުގެ ފުރުޞަތު ބޮޑުވާނެކަމަށް މިޞްބާޙްގެ ހިތް ބުންޏެވެ.
އެދުވަހު ގެއަށް ގޮސް މިޞްބާޙް އަފްރީން ބުނި ސައިޓްގެ ނަން ހަނދާންކޮށް އެ ސައިޓަށްވަނެވެ. ސައިޓްގައި ހުރީ ޢައްމާ ފޮތުގެ އެކި ސޫރަތްތަކުގެ ނަން ދެވިފައިހުރި އޯޑިޔޯ ކްލިޕްތަކެވެ. މިޞްބާޙް ދެ ޚިޔާލެއްގެ މަތީގައި އިނދެ ނާސް ސޫރަތުގެ ނަން ދެވިފައިވި އޯޑިޔޯ ކްލިޕް ޕްލޭ ކޮށްލިއެވެ. އެ ސޫރަތް ކިޔެވެން ފެށުމުން މިޞްބާޙަށް ކުއްލިއަކަށް ލެޕްޓޮޕްގެ އަޑުމަޑު ކޮށްލެވުނީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. ސޫރަތް ނިމުމުގެ ކުރިން މިޞްބާޙް އެ އޯޑިޔޯ ތަންކޮޅެއް ކުރިއަށް ޖައްސާލިއެވެ. މީގައި ހުރީ ސޫރަތުގެ ކޮންމެ ބަހެއް ވަކިވަކިން ތަފްޞީލުކޮށް ބުނެދީފައިކަން މިޞްބާޙަށް އެނގުންވިއެވެ. އެއާއެކު އޭނަ ވީ އަމަށަކު ފޫއްސެއްނޫނެވެ. އޭނައަށް ވަގުތުން އެ ސައިޓް ކްލޯޒްކޮށްލެވުނީ މިއީ ވާނެ ވަރުގެ ކަމެއްނޫނޭ ހިތާއެވެ. ނަމަވެސް އޭނަ ކޮންމެ ގޮތެއް ހަދާފަވެސް އަފްރީން އޭނަގެ މުށުތެރެއަށް ގެންނަން ޖެހޭކަން ހަނދާންވި ވަގުތު މިޞްބާޙް ޔޫޓިއުބުން ޤުރުއާނާއިބެހޭ ވީޑިޔޯއެއް ފެނޭތޯ ބެލިއެވެ. ބަލާނެ މަންޒަރެއް ހުރުމުން އޭނަގެ ސަމާލުކަން އެއަށް ދެވޭނެހެން ހީވީތީވެއެވެ. ޔޫޓިއުބުން ސާޗްކުރަމުން ގޮސް މިޞްބާޙް އެންމެ ފަހަކަށް ލެކްޗަރެއް ހުޅުވާލިއެވެ. އެ ލެކްޗަރުގައި ބުނެދެވެން ފެށީ ނޫރު ސޫރަތުގައި އޮންނަ ނޫރާއިބެހޭ އާޔަތުގެ ވާހަކައެވެ. ނޭނގޭ ސަބަބަކާހުރެ މާ ގިނައިރެއްނުވެ މިޞްބާޙަށް ލެކްޗަރުގެ ތެރެއަށް ވަދެވުނެވެ. އޭނަގެ ވަށައިގެންވި ހުރިހާ އެއްޗެއްގެ މަތިން ހަނދާން ނެތުނެވެ. ލެކްޗަރުގެ ވަކި ހިސާބަކުން އަޖައިބުވިވަރުން މިޞްބާޙަށް ނޭނގި އޭނަގެ އަނގަ ހުޅުވުނެވެ. އޭތި ނިމުނުއިރު މިޞްބާޙަށް ހުރެވުނީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެއްގައެވެ. އޭނަ ދުވަހަކުވެސް މިހާ ފުރިހަމަކަމެއް ނުދެކެއެވެ. އޭނައަށް މީގެ ކުރިން މިކަން ނޭނގުނީ ކީއްވެބާއޭ ހިތަށްއެރިއެވެ. އޭނަ ވަގުތުން އެ ލެކްޗަރު ފޭސްބުކްއިން އެކުވެރިންނާއި ޙިއްޞާކުރަން ބޭނުންވިއެވެ. ނަމަވެސް އޭނަ ކުއްލިއަކަށް މިހާ ޞާލިޙުވީ ކިހިނެއްތޯ އެންމެން ސުވާލު ކުރާނެތީ މިޞްބާޙް ޚިޔާލު ބަދަލުކޮށްލިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ޤުރުއާނަށް ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ.
މިޞްބާޙް އެދުވަސްފަހުން ކޮންމެ ދުވަހަކު ސްކޫލަށް އެސަމްބްލީ ފެށޭ ގަޑިއަށް އާދެއެވެ. އަފްރީން ޤުރުއާނާއިބެހޭ ސްޕީޗެއް ކިޔާތޯއެވެ. އެއީ ވަކި އަފްރީން ދެކޭ ހިތުންނެއްނޫނެވެ. ޤުރުއާނާއިބެހޭ ގޮތުން އިތުރަށް އެނގެން ބޭނުންވީތީވެއެވެ. މިޞްބާޙަށް ޤުރުއާނާއިމެދު އިތުރަށް އެނގެމުން ދިޔަ ވަރަކަށް އޭނަ އިތުރަށް ޝައުޤުވެރިވަމުން ދިޔައެވެ. އޭނަ ކުރީކޮޅު ފޫހިވީ އޯޑިޔޯ ކްލިޕްތައް ވެސް އޭނައަށް އަޑުއެހެން ފެށިއެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި އޭނަގެ ހިތުގައި ޤުރުއާނަށްޓަކައި ލޯތްބެއް އުފެދުނު ގޮތުން މިޞްބާޙް އަޖާއިބުވިއެވެ. ޤުރުއާނަކީ މުޢުޖިޒާތެއްކަމަށް ބުނާ ބުނުމަކީ ހަމައެކަނި ބުނާ ބުނުމެއްނޫންތާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ.
ޤުރުއާނާއިމެދު އުނގެނެންފެށިތާ މާ ގިނަ ދުވަހެއްނުވެ މިޞްބާޙް އާދަޔާ ޚިލާފަށް ޤުރުއާން ކިޔަވަން ބޭނުންވިއެވެ. އޭނަ ގްރޭޑް 7 ނިންމި ފަހުން ޚަތިމެއް ދުށް ހަނދާނެއްވެސް އޭނަ ނުވެއެވެ. އޭނަގެ މަންމައާއި ބައްޕަ ޤުރުއާން ކިޔަވާތަނެއް އޭނަ ދުވަހަކުވެސް ނުދެކެވެ. އެމީހުންގެ ކޮޓަރިން ޚަތިމެއް ހޯދަން އުޅުމުން އެކަން ކާމިޔާބު ނުވުމުން މިޞްބާޙް ޙައިރާންނުވީ އެހެންވެއެވެ. ކޮންމެއަކަސް ޤުރުއާން ކިޔަވުމަށް އޭނަގެ ހިތް އެދުނު ވަރުން އޭނަ އެއްދުވަހު ގެއިން ވުޟޫކޮށްލައިގެން ބައްޕަމެން ކައިރީގައި ނުބުނެ އިރު އޮއްސެމުން ދިޔަ ވަގުތު ގޭގެ ކައިރީގައި ހުރި ކުޑަ މިސްކިތަކަށް ދިޔައެވެ. މިސްކިތުގައި ހުރި ހަރުގަނޑުން ޚަތިމެއް ނެގިއިރު ވެސް މިޞްބާޙްގެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. އޭނަގެ މުޅި ޙަޔާތުގައި ވެސް ދުށް އެންމެ ބޮޑު ހުވަފެން ޙަޤީޤަތަކަށްވިހެން ހީވާފަދަ ހިނިތުންވުމެކެވެ. މިޞްބާޙް ކިޔަވަން ފެށީ އޭނަ މިހާތަނަށް މާނަ ދަސްކުރި އާޔަތްތަކާއި ސޫރަތްތަކެވެ. އޭނަ ކިޔަވަމުން ދިޔައީ އެހެން މީހުންނާއި ވީހާވެސް ދުރުގައި ހުރެ އިވޭ ނުއިވޭ އަޑަކުންނެވެ. އޭނައަށް ކިޔެވެމުން ދިޔަ ގޮތުން އެހެން މީހަކަށް އިވިދާނެތީ އޭނަ ޖެހިލުންވިއެވެ. މަޣުރިބް ނަމާދަށް ބަންގި ގޮވީ މިޞްބާޙް ކިޔެވުމަށް ގެއްލިފައި އިންދައެވެ. މިސްކިތަށް މީހުން ގިނަވެ އެކި މީހުން ސުންނަތް ނަމާދު ކުރަން ފެށިތަން ފެނިފައި މިޞްބާޙަށް އެ ޙަރަކާތްތަކަށް ބަލަން އިނދެވުނެވެ. އެ މީހުން ނަމާދުގައި އެ ކިޔަނީ ކީކޭތޯ ހިތަށްއެރިއެވެ. އޭނަ އެއްޒަމާނެއްގައި ނަމާދުގައި ކިޔާ އެއްޗެހި ނުބަލައި ދަސްކުރި ހަނދާނެއްވެއެވެ. ނަމަވެސް މިއަދު އޭގެއިން އެއްވެސް އެއްޗެއް އޭނަ ހަނދާންކުރަން އުޅުމުން ވެސް ހަނދާނެއްނުވިއެވެ. އޭނައަށް ނަމާދު ނުކޮށް އެހާވެސް ގިނަ ދުވަސް ވަންދެން ހުރެވިއްޖެއެވެ. އެކަން އެނގުންވުމުން މިޞްބާޙްގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. އެހެނީ ނަމާދަކީ ކިހާ މުހިއްމު ކަމެއްކަން އޭނައަށް މިހާރު އެނގެއެވެ. އޭނައަށް މީގެ ކުރިން އެކަން ނޭނގުނީ ކީއްވެބާއޭ ހިތަށްއެރި ވަގުތު މިޞްބާޙްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހަމުން ކޮޅަށް ތެދުވީ އާ ޢަޒުމަކާއެކީގައެވެ. މިޞްބާޙް އޭނަގެ އަތުގައި އޮތް ޚަތިމް ބާއްވާފައި ގޮސް އެތާނގައި ހުރި ބޭބެއަކު ކައިރިއަށް ދިޔައީ އެ ބޭބެ ކައިރިން ނަމާދުގައި ކިޔާ އެއްޗެހި ދަސްކުރުމުގެ ނިޔަތުގައެވެ. އެހެނަސް އޭނަ އެ ބޭބެއާއި އަރައި ހަމަވީ ވަގުތު ގަމަތް ދޭން ފެށުމުން މިޞްބާޙް ސިއްސައިގެން ދިޔައެވެ. އެންމެން ސަފުސަފަށް ރޭވެން ފެށި ގޮތުން ވާނުވާއެއް ނޭނގިފައި މިޞްބާޙަށް ވަށައި ހޯދުނެވެ. އޭނަ ހުރިތާ ހުއްޓާ މުސްކުޅި ބޭބެއަކު އޭނަ ގާތު ސަފަށް ވަނުމަށް އެންގިއެވެ. އެ ބޭބެ އެންގި ގޮތުން މިޞްބާޙަށް ވަގުތުން ސަފަށް ވަދެވުނެވެ. އޭގެ މާ ގިނައިރެއްނުވެ އިމާމް ޙަރަމް ބަނުމުން އެހެން މީހުން ވެސް ޙަރަމް ބަންތަން ފެނިފައި މިޞްބާޙް ވެސް އެގޮތަށް ކަންތައް ކުރިއެވެ. އެއަށްފަހު އޭނަ އެއްވެސް އެއްޗެކޭ ނުކިޔައި ހުއްޓާ ފާތިޙާ ސޫރަތް ފެށުމުން އޭނައަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެ ސޫރަތަކީ އޭނަ ވަރަށް ފަހަކަށް މާނަ ދަސްކުރި ސޫރަތަކަށްވާތީވެއެވެ. އާޔަތްތައް އަޑުއިވެމުން ދިޔަ ވަރަކަށް މިޞްބާޙް ހިތާހިތުން އޭގެ މާނަ ހަނދާނަށް ގެންނަމުން ދިޔައެވެ. ފާތިޙާ ސޫރަތަށްފަހު ދެން އިމާމް ކިޔަވަން ފެށީ ނަބައު ސޫރަތެވެ. އެއީ ވެސް މިޞްބާޙް މާނަ ދަސްކޮށްފައިވާ ސޫރަތެކެވެ. ސޫރަތް ކިޔެވެމުން ދިޔައިރު މިޞްބާޙަށް ހީވީ އޭނައަށް ސޫރަތުގެ ތެރޭގައި އުޅެވެނީހެންނެވެ. އެ އާޔަތްތައް އެ ވާހަކަ ދައްކަނީ ޚުދު އޭނައަށް ހީވިއެވެ. ވަކި ހިސާބަކުން ނަރަކައިގެ ވާހަކަ އައުމުން ގައިން ފިއްކަނޑައިގެން ދިޔަހެން ހީވީ އެހެންވެއެވެ. ސޫރަތް ނިމެމުން ދިޔައިރު މިޞްބާޙަށް ގިސްލެވެން ފެށިއެވެ. އޭނަ ކަރުނަތައް ކޮންޓްރޯލްކުރަން އުޅުމުން ވެސް އޭނައަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. ނަމާދުގައި ކިޔާ އެހެން އެއްވެސް އެއްޗެއް ނޭނގުނެއްކަމަކު މުޅި ނަމާދު ތެރޭގައި ހިތާހިތުން އޭނަގެ ފާފަތައް ފުއްސެވުމަށް އެދި މިޞްބާޙަށް ދުޢާކުރެވުނެވެ. އޭނަގެ ކަރުނަތައް އެއްފަހަރު ވެސް ހުއްޓުމެއްނާދެއެވެ. ސަލާމް ދިނުމަށްފަހު ވެސް އޭނައަށް ގިސްލެވެމުން ދިޔައެވެ. އޭނަގެ ކައިރީގައި ހުރި ބޭބެއަކު ކިހިނެއްވީތޯ ސުވާލުކުރިއެވެ. މިޞްބާޙަށް ވަގުތުން އޭނައަށް ނަމާދުކުރަން ދަސްކޮށްދިނުމަށް އެދެވުނެވެ. އެ ބޭބެ ތެދުވެގެން ގޮސް މިސްކިތުގެ ހަރުގަނޑުގައި އޮތް ފޮތެއް ހިފައިގެން މިޞްބާޙްގެ ގާތަށް އައިސް އޭނައަށް އެ ފޮތް ދިއްކޮށްލިއެވެ. އެ ފޮތުގައި ހުރީ ނަމާދުގައި ކިޔާ އެއްޗެހި ދިވެހި ތަރުޖަމާއާއި އެކީގައެވެ. މިޞްބާޙަށް ވަގުތުން ހުރިހާ ޒިކުރެއް އަވަސްއަވަހަށް ދަސްކުރެވެން ފެށިއެވެ. ޢިޝާ ނަމާދު ވަގުތު ވީއިރު މިޞްބާޙަށް ހުރިހާ ޒިކުރެއް ނުފަރިތަ ގޮތަކަށް ދަސްވެފައިވިއެވެ. މިޞްބާޙް އެރޭ ގެއަށް ދިޔައީ ޢިޝާ ނަމާދުވެސް ކުރުމަށްފަހު ހަމަޖެހިފައިވާ ހިތަކާއެކީގައެވެ. އޭނަ ސިޓިންގް ރޫމަށް ވަތްއިރު ސޯފާގައި ބައްޕަ ޓީވީ ބަލަން އިންތަން ފެނިފައި މިޞްބާޙް ހީކުރީ އޭނަ ހުރީ ކޮންތާކުކަމާމެދު ބައްޕަ ސުވާލު ކުރާނެ ކަމަށެވެ. ނަމަވެސް އޭނަ ކޮޓަރީގެ ދޮރާއި ހަމައަށް ދިޔައިރުވެސް ބައްޕަ ޚަބަރަށް ގެއްލިފައި އިން ގޮތުން މިޞްބާޙް ދެރަވިއެވެ. ނުރުހުންވެސްވިއެވެ. އޭނަ މިހާ ދުވަހު ގޯސްކޮށް އުޅުނީ ބައްޕަގެ ފަރުވާކުޑަ ކަމުންނޭ ހިތަށްއެރިއެވެ. ބައްޕަ ދުވަހަކުވެސް އޭނަ ގޮވައިގެން ނަމާދަކަށް ނުދެއެވެ. އޭނަ ބޭރުތެރޭގައި އުޅެއުޅެފައި ކިތަންމެ ލަސްކޮށްފައި ގެއަށް އަޔަސް ބައްޕަ ސުވާލެއް ނުކުރާނެއެވެ. އެހެނަސް ދެން އޭނަ ރަނގަޅުވާކަށް ބައްޕައަކަށް ބަރޯސާއެއްނުވާނެއެވެ. މީހަކު ނުބުންޏަސް އޭނައަށް މިއަދު ހެވާއި ނުބައި ވަކިކުރަން އެނގިއްޖެއެވެ. އޭނަ މިއަދުން ފެށިގެން ކޮންމެ ކަމެއްގައި ވެސް ރަނގަޅުގޮތް ޚިޔާރުކުރެވޭތޯ މަސައްކަތް ކުރާނެއެވެ.
ޔޫނުސް އޭނަގެ އާ މަސައްކަތް ފެށިތާ ދެ ހަފްތާ ވީއިރު އޭނައަށް 10 ނޫސްވެރިން ލިބިއްޖެއެވެ. އެ މީހުން ޔޫނުސްއާއިއެކީ މަސައްކަތް ކުރަން އެއްބަސްވީ އެމީހުންނަށް ލިބޭ ހުސްވަގުތުތަކުގައެވެ. ޔޫނުސް އެކަމާ ދެކޮޅު ނެހެދީ މިއީ އަދި ކާމިޔާބުވާނެ ކަމެއްކަމާމެދުވެސް އޭނައަށް ޝައްކު ކުރެވެމުން ދިޔައީތީވެއެވެ. ޔޫނުސް އެ އެންމެން ކައިރީގައިވެސް މި ވާހަކަ ވީހާވެސް ސިއްރުކޮށްފައި ބޭއްވުމަށް އެންގިއެވެ. އަމީންގެ ކަންފަތަށް މިވާހަކަ ފޯރައިފިނަމަ އަމީން ކޮންމެހެން ހަދާފައިވެސް މިކަން ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެކަން އޭނައަށް އެނގޭތީވެއެވެ. ޔޫނުސްއާއި ނަޞްރާ ވެސް ތިބީ ސައިޓެއް ނުއުފެދެނީސް އެމީހުންގެ މި ކުޑަކުޑަ ރޭވުމުގެ މާ ގިނަ މީހުން ކައިރީގައި ނުބުނާށެވެ. ޔޫނުސް ޒަޔާން ގާތު މި ވާހަކަތައް ކިޔައިދިނީ ސައިޓް އުފެއްދުމުގެ މަސައްކަތް ކުރާ ޒަޔާންގެ އެކުވެރިޔެއް ހުންނަކަން ހަނދާންވުމުންނެވެ. ޒަޔާން އެންމެ ފުރަތަމަ ވެސް އޭނަ ގާތު އެ ވާހަކަ ނުބުނި ކަމަށްޓަކައި ޝަކުވާކުރިއެވެ. ޔޫނުސް މަޢާފަށް އެދުމުން ޒަޔާން އޭނަގެ އެކުވެރިއެއް ކަމަށްވާ މިހާދަށް ގުޅިއެވެ. ޔޫނުސް މިހާދާއި ބައްދަލުވިތާ މާ ގިނަ ދުވަހެއްނުވެ “ރާއްޖެ ޕްރެސް.ކޮމް” އުފަންވިއެވެ. ސައިޓް ރަސްމީވެ ލަސްލަހުން ސައިޓްގައި އެކި ޚަބަރުތައް ލިޔެވެން ފެށިއެވެ. ޔޫނުސްއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ނޫސްވެރިން ލިބިފައިވުމުން މުޅި ރާއްޖެއިން ޚަބަރުތައް އެއްކުރުންވީ ފަސޭހަކަމަކަށެވެ. ސައިޓް ފެށުނުފަހުން ވެސް ޔޫނުސް ކުރި މަސައްކަތުން އޭނައަށް ސައިޓްގައި މަސައްކަތް ކުރާނެ އިތުރު މީހުން ލިބުނެވެ. ޔޫނުސް އެ އެންމެނާއިވެގެން ސައިޓް އިޝްތިހާރު ކުރަން ފެށިއެވެ. ސައިޓަށްޓަކައި ފޭސްބުކް ޕޭޖެއް ހަދައި ސައިޓްގެ ޕޯސްޓްތައް ޕްރޮމޯޓްވާނެހެން ފޭސްބުކަށް ފައިސާ ދެއްކިއެވެ. ރަށުގެ އެތަން މިތަނުގައި ސައިޓްގެ ނަން ލިޔެ ޕޯސްޓަރުތައް ހަރުކުރިއެވެ. ހީކުރި ވަރަށްވުރެ ވެސް އަވަހަށް ރާއްޖެ ޕްރެސް ތަރައްޤީވާން ފެށިއެވެ. ނޫސްވެރިން ގިނަވެގެން ދިޔުމުން ޚަބަރުތައް ފޮޓޯތަކާއި ވީޑިޔޯއާއެކީ ނުހަނު އަވަހަށް ފޯރުކޮށްދެވެމުން ދިޔައެވެ. ސައިޓްގެ މުނިފޫހި ފިލުވުމުގެ ބަޔަށް ވާހަކަ ލިޔާނެ މޮޅު ލިޔުންތެރިޔެއްވެސް ލިބުނެވެ. ސައިޓްގައި ޢާއްމު މަޢުލޫމާތު ފޯރުކޮށްދޭ ކޮލަމެއް އުފެދުނެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އެއް މަސް ތެރޭގައި އެ މީހުންނަށް ފޭސްބުކްގެ 25000 ވަރަކަށް ލައިކްސް ލިބުނެވެ. މިހާ ހިސާބަށް އައިއިރު ޔޫނުސްއަށް އޭނަގެ ނޫސްވެރިންނަށް ކުޑަ މުސާރައެއް ވެސް ދެވޭވަރަށް ސްޕޮންސަރުން ލިބިއްޖެއެވެ.
ޔޫނުސްގެ ކާމިޔާބީ ފެނިފައި ނަޞްރާއާއެކީ ނަޞްރާގެ މުޅި ޢާއިލާވެސް އުފާ ކުރިއެވެ. ޔޫނުސް ނަވާޒަށްޓަކައި މަސައްކަތްކުރުން ހުއްޓާލީތީ ޝަރީފް ހުރީ ހިތްހަމަޖެހިފައެވެ. އަމިއްލައަށް ސައިޓެއް މަސައްކަތް ކުރުންވެގެން ދިޔައީ އަފްރީނާއި އަފްރާޒަށް ވަރަށް މޮޅު ކަމަކަށެވެ. އަފްރާޒް ސްކައިޕް މެދުވެރިކޮށް ޔޫނުސްއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ތަޢުރީފު ކުރިއެވެ. އަދި އެއްވެސް މީހެއްގެ ބަހަށް ނުހެއްލި ތެދުވެރިކަމާއެކީ ކުރިއަށް ދިޔުމަށް ނަޞޭޙަތްތެރިވިއެވެ. ޔޫނުސް އެ ނަޞޭޙަތް ޤަބޫލުކުރިއެވެ.
ރާއްޖެ ޕްރެސްއޭ މީހުން ކިޔާ އަޑަށް އަމީން ރުޅިން ރަތްވަމުން ދިޔައެވެ. އެ ނޫހުގެ އިޝްތިހާރުތައް އަމީން ތަންކޮޅެއް ކުރިން ދުށްޓެވެ. އޭތި މިހާ އަވަހަށް އެހާ މަޝްހޫރުވެދާނެއެކޭ އޭނަ އެއްގޮތަކަށް ވެސް ހިއެއްނުކުރެއެވެ. ޔޫނުސް އޭނައާއި ދެކޮޅަށް ލިޔުމެއް ލިޔެފާނެތީ އަމީންގެ ހިތަށް ބިރުވެރިކަމެއް ވަންނަމުން ދިޔައެވެ. އޭނަ މި ވާހަކަ ނަވާޒާއި ޙިއްޞާ ކުރުމުން ނަވާޒް އެއީ މާ ބޮޑު ވާހަކައެއްގެ ގޮތުގައި ނުނެގިއެވެ. ނަވާޒް އޭނައަށް ފަރުވާކުޑަ ޖަވާބެއް ދީފައި ފޯނު ކަނޑާލުމުން އަމީން އައި ރުޅީގައި އޭނަގެ އަތުގައި އޮތް ފޯނު ބިމަށް ޖަހައި ތަޅާލިއެވެ. ޔޫނުސްއާއި ދެކޮޅަށް ކަމެއް ކުރަންޏާ އޭނަ އެކަން ކުރަންވީ ނަވާޒަށް އެންގުމެއްނެތިކަން އަމީނަށް ނިންމުނެވެ.
މި ދުވަސްކޮޅު އޭނަގެ ބައްޕަ އެހާ ރުޅިގަދަވަނީ ކީއްވެގެން ކަމެއް މިޞްބާޙަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ފަހަކަށް އައިސް މަންމައާއި ބައްޕައާއި ދެމެދުގައި އޮންނަ އަރައިރުންތައް ވަނީ ގިނަވެފައެވެ. ބައްޕަ ގޭގެ ތެރޭގައި ހުންނަ ބިއްލޫރި އެއްޗެއް ނުތަޅާ ދުވަހެއް މަދެވެ. މިޞްބާޙް އެއްވެސް ކަމެއް ނުކުރަނީސް އޭނައާއި ދިމާލަށް ވެސް ބައްޕަ އެއްޗެހި ގޮވަން ފަށާފާނެއެވެ. އެހެނަސް މިހާރު މިޞްބާޙް އޭނަ ކުރިން ހަދާ ގޮތަށް ބަދަލުގައި ބައްޕައާއި ދިމާލަށް އެއްޗެކޭ ނުބުނެއެވެ. އޭނަ އެއްމެ ބަހެއްވެސް ބުނެލުމެއްނެތި ހުރިހާ ވާހަކައެއް އަޑުއަހައިގެން ހުންނަނީ އޭނަ ބައްޕަ ކުރަންޖެހޭ އިޙްތިރާމްގެ މަތިން ހަނދާންކޮށްގެނެވެ. އަދި ބައްޕަ ރުޅިވަނީ ވަކި އޭނައަށްނޫންކަން ވިސްނިގެންނެވެ. މިޞްބާޙް އޭނަގެ ބައްޕަ ރުޅި އަންނަ ސަބަބު ހޯދައި މައްސަލަ ޙައްލު ކުރެވޭތޯ ބަލަން ބޭނުންވިއެވެ. އޭނަ އެއްދުވަހު އޭނަގެ މަންމަ ޒާހިޔާ ކައިރިން ބައްޕައަށް ކިހިނެއްވީތޯ ސުވާލުކުރިއެވެ.
“ދަރިފުޅާ……އިންތިޚާބު ކައިރިވަމުންނެއްނުދޯ މިދަނީ؟ އެހެންވީމަ ޑޭޑް ވިސްނަންޖެހޭ ބައިވަރު ކަންތައް ހުރީމަ އެގޮތަށްވަނީ.” ޒާހިޔާ ސިޓިންގް ރޫމުގެ ސޯފާގައި އޭނަގެ ކައިރީގައި އިން މިޞްބާޙްގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.
“އާނ މަންމާ. އެކަމަކު އަހަންނަށް ހީވަނީ އެއަށްވުރެ ބޮޑު ކަމެއްވެގެންހެން ޑޭޑް އެހާ ވަރަށް ރުޅި އަންނާނީ.” މިޞްބާޙް ބުންޏެވެ.
“ތިއީ ދަރިފުޅު މާ ބޮޑަށް ވިސްނަންޖެހޭ ކަންތައްތަކެއްނޫން.” ޒާހިޔާ ޙަޤީޤަތް ފޮރުވިއެވެ.
“އަހަރެން ކަންބޮޑުވޭ ޑޭޑް އުޅޭ ގޮތް ފެނިފަ. ޑޭޑް ކައިރީގަ މަންމަ ބުނަންވީއެއްނު ނަމާދު ކުރާށޭ؟ ނަމާދު ކުރީމަ ހިތަށް ހަމަޖެހުން ލިބޭނެ. އަމިއްލަ އެކްސްޕީރިއެންސްއިން މި ބުނަނީ.” މިޞްބާޙް އުއްމީދީ ގޮތަކަށް ޒާހިޔާއަށް ބަލާލަމުން ބުނެލިއެވެ. ޒާހިޔާ ހީލިއެވެ.
“ކިހިނެއްތަ މިޞްބާޙަށް ތި އެކްސްޕީރިއެންސް ލިބުނީ؟ އޭ……އަނެއްކާ ފަތިހު ފަތިހާ ހޭލައިގެން މިއަދު ދިޔައީ ފަތިސް ނަމާދަށްތަ؟ މަންމަ ހީކުރީ އެކުވެރިންނާއެކީ ފުޓުބޯޅަ ޕްރެކްޓިސްއައްކަމަށް ދިޔައީ.” ޒާހިޔާ ހެވިފައި އިނދެ ބުންޏެވެ.
“ނޫން މަންމާ. އަހަރެން ދިޔައީ ނަމާދަށް. އަހަރެން ނަމާދުކުރަން ފެށިތާ ބައިވަރު ދުވަސްވެއްޖެ. އަސްލު ނަމާދު ކުރުމަކީ ވަރަށް މުހިއްމު ކަމެކޭ މަންމާ. މަންމަވެސް ނަމާދު ކުރަންވާނެ.” މިޞްބާޙް މަޑުމައިތިރި އަޑަކުން ސީރިއަސްކަމާއެކީ ވާހަކަ ދެއްކިއެވެ. ޒާހިޔާ މިފަހަރު ހޭންފެށީ އިހުނަށްވުރެ ބާރަށެވެ. މިޞްބާޙްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
“މަގޭ މިޞްބާޙް ހާދަ ޞާލިޙުވެއްޖެއޭ.” ޒާހިޔާ ހެމުހެމުން އެހެން ބުނެލީ ވަގުތު ގޭގެ ދޮރު ހުޅުވުނެވެ. މިޞްބާޙާއި ޒާހިޔާ އެކީގައި އެދިމާލަށް ބަލާލި ވަގުތު އަމީން ގެއަށް ވަދެ ދޮރު ލައްޕާލަނީއެވެ.
“ކޮން ވާހަކައެއްތަ މިއޮތް ދަން ގަޑިއެއްގަ މި ދެކެވެނީ؟” އަމީން ގޭގެތެރެއަށް ވަންނަމުން ސުވާލު ކުރިއެވެ.
“އަހަރުމެންގެ މިޞްބާޙް ބުނީ ނަމާދު ކުރާށޭ. ނަމާދު ކުރީމަ ހިތަށް ހަމަޖެހުން ލިބޭނެއޭ.” ޒާހިޔާ ހެވިފައި އިނދެ ރާގަކަށް އެހެން ބުނި ގޮތުން މިޞްބާޙަށް ޤަބޫލު ނުކުރެވިފައި އޭނަގެ މަންމައަށް ބަލަން އިނދެވުނެވެ.
“އައްދެ! މި ސޮރު ކޮން ދުވަހަކުތަ ޝެއިޚަކަށްވީ؟” އަމީން އެހިއެވެ. އަމީނަށް ބަލަހައްޓައިގެން ހުރި މިޞްބާޙްގެ ހިތް ދެރަވިއެވެ. އޭނަގެ މަންމައާއި ބައްޕަ އޭނަ ދިން ނަޞޭޙަތަކަށް މަލާމާތްކުރިހެން ހީވުމުންނެވެ.
ނުނިމޭ
37 Comments!
Comments are closed.
Assalam’alaikum 🙂 dhen oiy bai wednesday ga In Sha Allah. mi bayaa gulhey fb post thah fudheyvarakah ginavaane In Sha Allah. post thah follow kuramun dhiyumakee jana ge varah bodu edhumeh
V nice. Kiyaa hithun in dhaa nimuny … waiting for next part. ..JAZAAKALLAH khairan
Alhamdhulillah! Jazakallah Khairan! 😀
Masha allah v furiham. Hama rangalha ves rovijje. Alhamdhullilah misbaah a thedhu
Magu dhekevee thee. Jana FB link buney dheebala. Jazaakillah khairan Jana mihaa iburaeytheri vaahaka ey up kohdheythi
Alhamdhulillah! (All praise and thanks belongs to Allah) FB link emme furathama comment ge matheega huri golheega onnaane 🙂
Slm..story Nice..jana ulheny sunathatha.adhi moonu nivaakogentha..
umm……jana moonu nivaeh nukuran. jana sunnathaai eggothah ulheveytho masakkaiy kuran. keevveba e suvaalu kurevene jehuny? muslimeh viyya sunnatha eggothah noontha ulheyny. hehe…..Alhamdhulillah! 🙂
V salhi hama..
Alhamdhulillah! 😀
Vara v v reethi mi vaahaka……..
Mi part kiyaafa quruan tharujamaa vara kiyaa hiy vege…… Vara ibraetheri vaahakae meee…… Adhi dhuvahakuves mikahala dheenaa beheygothun liyefa Hunan vaahakae nukiyey….. V v v Gina vaahaka kiyige… Ekm mikahala reethi dheenaa behey vaahakae adhi mihaathanakah nukiyey……????
Alhamdhulillah! 😀 Varah ufaavejje tharujama kiyaa hiyvejjeyey buneema. tanzil.net ga hunnaane varah simple english translation eh. dhivehi translation eh ves hunnaane. e site ga salhi thankolhaky Quran adu ahamun translationah balaigen hureveyne. ey jana varah like vaa site eh. 😀 Alhamdhulillah! (All praise and thanks belongs to Allah) 🙂
??
Can’t wait for the next part? Thank u
Alhamdhulillah! 😀
Thank u….I have become better Insha Allah by reading this story day by day…watching youtube links u give..May Allah bless u n thanks for the lovely story filled with good messages!
anekkaves varah ufaavejje links follow kuraa kan engunyma. its only Allah Who guides. Not anyone else. 🙂 Alhamdhulillah! (All praise and thanks belongs to Allah) 🙂
Aslu arabi bas igenya keerithi quran ge gaaigadakah ahdiha insahtha igeyne.. ???????????
ey classical arabic varah rangalhah engenya dho thihaavaru vaany anonymous? hehe….adhi ehaa varah engunas baeh aayaithakun libey filaavalhuthah hama eggothakahves neyngi hingaidhaane dho? hama tafsir balan jeheyny 🙂
Aan thafseer kiyeveema aayai baavaalehvee keehve kamaa ekahala muhimmu kanthah igeyne.. Ma v kiyavaa hiyvaa ehcheh ey thafseeraky.. mihaaru youtube in ves thafseer ge filaavalhuthah hoadhaalaigen dhaskurevey zamaaneh mee… ?
hmm anonymous Alhamdhulillah! 😀 ekamaku aharumen visnanvaane ingey youtube in lectures the balaairu. evves speaker aku blind koh follow koggen nuvaane. Ustadh Nouman ge fahuge lectures thakun controversial vaahaka thah ivifaivaathy mihaaru jana balamun midhany hama kureege lectures thah. egothah jana kiyuntherinnah ves naseyhaiytheri vany. 🙂
Vv v vvv reeethi. V ibratheri.
Alhamdhulillah! 🙂
Quran ge aayaiy thakuge maana huri link bunedhyba. Afreen e buna.
jana ulhuny fb post through koh bunedheyn. ekamaku ahaaleema bunefaanan. Bayyinah.com 🙂 mi site ge podcast ga hunnane Juz ‘amma ge tafsir ekko. Juz Tabarak ge vaki hisaabakah kanneynge hunnaany. dhen adhi baeh ehen suraiy thakuge tafsir ves hunnane. podcast ga hunna Khutbah thakuga ves hunnaany eki aayaiythah random koh explain koh dheefa. e aayaithakun libey filaavalhuthah bunedheefa. really cool stuff! And i mean it. jana ves mee kureega Quran ah ehaa shauquverikan huri meehehnoon. But this is amazing. So Enjoy In Sha Allah. 😀
Fb link fonuvabala
https://www.facebook.com/Hijra-1445208739121696
Thank you so much. Can I have ur fb id pls. Wana ask you so many things.
hehe…jana akah hieh nuvey thi heekuraa varakah jana ah ehevedheveyne henneh. ekamaku masakkaiy kuraanan vee varakun In Sha Allah. Hijra page ah msg eh kureema jana ge fb id dheefaanan 🙂
Afreen got surprised because her friends were not moved by this ayah:
“And when My servants ask you, [O Muhammad], concerning Me – indeed I am near. I respond to the invocation of the supplicant when he calls upon Me. So let them respond to Me [by obedience] and believe in Me that they may be [rightly] guided.” (Surah Baqarah-186)
https://www.youtube.com/watch?v=LKLz52dL1v0
FB Post:
This is what amazed Misbah. Ayat-e-Noor *__*
https://www.youtube.com/watch?v=di-tc_4mi5M
FB Post:
Complete tafsir of Surah An Naba with illustration. 🙂 This is amazing work Ma Sha Allah. May Allah bless the people who are engaged in the work of making these illustrations. It helps you concentrate on what you are listening to Alhamdhulillah! These illustrations are made using the tafsir audio clips found on Bayyinah.com. On that site, you will find tafsir of complete Juz ‘amma, some surahs of Juz Tabarak and some other surahs as well. And even the Khutbahs on the podcast explain random ayats of the Quran. Nevertheless, you wont find illustrations like these for all of those surahs on Bayyinah.com. But there are a few of them available on youtube. This is one of them.
For those of you that are wondering which surah is Surah An Naba, its ‘ammayathasaa-aloon. Its ok. i can totally understand! 😛
https://www.youtube.com/watch?v=8VAvW9z-Tvw
Quran a behey maulooomaathu hoadhey site eh ge name bunedheeeba plx….
matheega oiy comment ga ves e othy ehnu tafseelukoh bunedheefa? Bayyinah.com 🙂
jana aa frnd vaan beynun.. Num libidhaane thrr janaa ge.. plxx
Hijra page ah message eh kollyma number dhyfaanan. ehen noony mi site ge admin ah text eh koffa jana ge number hoadhanvy. admin ge number aky 7997991 🙂
jana ge num libihye☺☺☺message kohfa innane viber in