Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ސިއްރެއް ނުވާނޭ… 7

Mai Naa Level 3100 Login10 Stories100 Comments
January 18, 2022 5 Mins Read
2 Comments

އެއްމިޔަކަނުން ހީލިއިރު، އަހަންނަށް އެ މޫނުން ސިފަވީ އޭނާގެ މަކަރުވެރިކަމެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އަހަރެންގެ ދެއަތް މުށްކަވާލެވުނެވެ. ދަތްކުނޑި ވިކާލަމުން ދުރަށް ނަޒަރު ހުއްޓާލީމެވެ. ދެން އިވުނު ޖުމްލަ އަޑުއަހާފައި އޭނާގެ މޫނަށް ބަލާލެވުނެވެ.

ޕާޓް 7

“އިތުރު ޓާސްކެއް އެބަ އޮތް… މިއީ އާލިފްއަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެއް… އާލިފްއަށް….” އެވާހަކަތައް އިތުރަށް އަޑުއަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހަނދާންކުރަން ބޭނުންނުވާ އެތައް ކަމެއް ލޯ ކުރިމަތިން ސިފަވެގެން ދިޔައެވެ. އެޚިޔާލުތަކުން އުނދަގޫވުމުން ދެލޯމަރާ ބާރުކޮށްލަމުން ދެފަރާތަށް ބޯހަލުވާލެވުނެވެ.

ކުރިމަތީގައި އިން ޒުވާނާއާއި ހަތަރުކަޅި ހަމަކޮށްލީމެވެ. އެއީ އެއްއިރެއްގައި އަހަރެންގެ އެކުވެރިއެއްގެ ގޮތުގައި ދެކުނު މީހެކެވެ. އެ ގުޅުން ހީނަރުވެގެން ދިޔައީ ސަބަބެއް ނެތިއެއްނޫނެވެ. އެކަމަކު ސާދު އަދިވެސް ބަދަލެއްނުވެއެވެ. އެއީ އެކުވެރިއެއްގެ ގޮތުގައި ހުރެ ހީލަތްތެރިކަމާއެކު، އޭނާގެ ދަލުގައި މީހުން ޖެއްސުމަށް މަސައްކަތްކުރާ މަކަރުވެރިއެކެވެ. މީހުންގެ ވިސްނުން ބަދަލުކޮށްލުމަށް އޭނާގެ މޮޅުވާހަކަތަކާއި އެކިއެކި އުކުޅުތައް ބޭނުންކުރުމުގެ ކުޅަދާނަކަމާއި ހުނަރު ކިތަންމެ ރަނގަޅަކަށްވެސް އޭނާއަށް ލިބިފައި ހުރިކަމަށް އަހަރެން ޤަބޫލުކުރަމެވެ. އެކަމަކު މިފަހަރު އަހަރެންގެ ވިސްނުމާއި ކުޅެލުމުގެ ފުރުޞަތު ސާދުއަށް ދޭކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލުމަށް ބުނީމެވެ.

ސާދު އެބުނަނީ ކޮންކަމެއްތޯ ބެލުން އަހަންނަށް މުހިންމެއް ނޫނެވެ. އޭނާ އެބުނާ ކަމެއް ކުރުމުގެ ނޫނީ އެކަމުގައި އެއްވެސް ގޮތަކަށް ބައިވެރިވުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. އަހަރެން ދެންމެ ދެއްކި ވާހަކަތައް އޭނާއަށް މުހިންމެއް ނުވިތާއެވެ. އަހަންނަށް އޭނާގެ ވާހަކަ މުހިންމުވާންވީ ވަކި ކީއްވެގެން ހެއްޔެވެ؟ އެހެންނޫނަސް ދެވަނަ ފަހަރަށް ސާދުގެ މަޅީގައި ޖެހޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

“ނޫން…. ނުވާނެ ތިކަމެއް…. އަހަރެން ބޭނުމެއް ނޫން….” ދެވަނަ ފަހަރަށް ސާދު އެވާހަކަ ދައްކަން ފެށުމުން އަހަރެން ވަގުތުން ޖަވާބު ދިނީމެވެ. އޭނާގެ ވާހަކަ ނުނިމެނީސް އަހަރެން ވާހަކަ ދެއްކުމުން ހިތްހަމަނުޖެހުނުކަން އެ މޫނުން ސާފުކޮށް ފެންނަން ހުއްޓެވެ. އެހެނަސް ފަރުވާލެއް ނެތެވެ. ސާދު ޖަހާހާ ބެރަކަށް އަހަރެން ނަށާނެކަމަށް ހީވަންޏާ އެއީ ކުށްހީއެކެވެ.

އެއީ ކޮންކަމެއްތޯވެސް ބަލާނުލާ އަހަރެން ނޫނެކޭ ބުނުމުން އޭނާ އަހަންނަށް ވިސްނައިދެވޭތޯ އެކި ގޮތްގޮތުން މަސައްކަތްކުރިއެވެ. އެހެނަސް އަހަރެން ހުރީ އަހަރެންގެ ނިންމުން ބަދަލުކުރާ ގޮތަކަށް ނޫނެވެ.

“ލުކް… މި ޗާންސް ގެއްލުވާލައިފިއްޔާ….” އަނެއްކާވެސް އަހަރެން ސާދުގެ ވާހަކަ މެދުކަނޑާލީމެވެ.

“އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ…” ސާބިތުކަމާއެކު އަހަރެން ބުނީމެވެ.

“އާލިފް ތިއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް… އެހެންވީމާ އާލިފްއަށް ދެރަގޮތެއްވާކަށް އަހަރެން ނޭދޭނެއެއްނު…” ސާދުގެ ވާހަކަ އަޑު އިވިފައި ދެލޯ ހަނިކޮށްލަމުން އަހަރެން އޭނާއަށް ބަލާލީމެވެ. އެ “ގާތް” ގުޅުމުގެ ބަދަލު އަހަންނަށް ވަރަށް ރީތި ގޮތުގައި ލިބިއްޖެއެވެ. އޭނާގެ ސަބަބުން އަހަންނަށް ލިބުނު ދެރަ ކުޑަ ހެއްޔެވެ؟ ސާދުގެ އެގާތްކަމުން ލިބުނު ގެއްލުން އަހަރެން ދުވަހަކު ހަނދާނެއް ނުނެތޭނެއެވެ.

އެތައް އިރެއްވަންދެން ވާހަކަ ދެކެވުނުއިރުވެސް ދެމީހުންނަށް އެއްބަސްވުމަކަށް ނާދެވުނެވެ. ސާދުގެ ބާރުގެ ކުރިމަތީގައި އަހަރެން ފަސްނުޖެހޭނެކަން އޭނާއަށް އެނގުނެވެ. ޖެހިލުންވިޔަސް އޭނާގެ ކުރިމަތީގައި އަހަރެން އެކަން ނުދައްކާވޭތޯ މަސައްކަތް ކުރީމެވެ. އެންމެފަހުން އެރޭގެ ބައްދަލުވުން ނިންމާލީއެވެ. އެކަމަކު އެވަރުންވެސް ސާދުގެ ކިބައިން އަދި ސަލާމަތް ނުވާނެކަން އަހަންނަށް އެނގެއެވެ. ސާދުއަކީ އެހާ ފަސޭހައިން ގޮތްދޫކުރާނެ މީހެއް ނޫނެވެ. ބަލި ޤަބޫލުކުރާނެ މީހެއްވެސް ނުމެނޫންމެއެވެ. އޭނާގެ ސިކުނޑީގައި މިހާރު ހިނގަމުންދާނީ ކޮންކަހަލަ ނުބައި ރޭވުމެއްކަމެއް އަހަރެންގެ ޚިޔާލަށްވެސް ނުގެނެވެއެވެ.

*****************

ގެއަށް ވަންއިރު ދާނިޔާ އިނީ ސޯފާގައި ނިދިފައެވެ. ދެފަރާތަށް ބޯ ހޫރާލެވުނެވެ. ކިތަންމެ ލަސްވިޔަސް އަހަރެން ގެއަށް އަންނަންދެން ދާނިޔާ އިންތިޒާރުކުރާނެއެވެ. ސޯފާގެ ކައިރިއަށް ގޮސް ދާނިޔާ އަހަރެންގެ އަތް މައްޗަށް ނެގީމެވެ. އެވަގުތު ދާނިޔާއަށް ހޭލެވުނެވެ. އޭރުވެސް ލޮލުގައި ނިދީގެ އަސަރު އެކުލެވިގެންވެއެވެ. ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ދާނިޔާ އަހަރެންގެ އަތުތެރޭގައި ބާއްވައިގެންނެވެ.

“އަހަރެން މިއައީ ކައިގެން…. ދާނިޔާ ކައިފިންތަ؟” ފިޔަވަޅުތައް މަޑުޖައްސާލާފައި ދާނިޔާގެ ސުވާލަށް ޖަވާބުދެމުން އަހަރެން އަހާލީމެވެ. ކާހިތް ނެތްކަމަށް ބުނުމުން، އަހަރެން ކުރިއަށް ހިނގައިގަތީމެވެ.

ކޮޓަރިއަށް ވަދެ، ދާނިޔާ އެނދުގައި ބާއްވާފައި އަހަރެން ވަނީ ފާހާނާއަށެވެ. ނިދަން ތައްޔާރުވެލައިގެން އެނދަށް އެރިއިރު ދާނިޔާއަށް އޮތީ ނިދިފައެވެ. ދާނިޔާގެ ކައިރީގައި އަހަރެންވެސް އޮށޯވެލީ ނިދޭތޯއެވެ. އެކަމަކު މިރޭ އަހަރެންގެ ލޮލަށް ނިދި އަންނާނެހެނެއް ހިއެއް ނުވެއެވެ. ސާދުއާއި ދެމީހުން ދެއްކި ވާހަކަތަކާއިމެދު ވިސްނުމުގައި އަހަންނަށް އެތައް އިރަކު އޮވެވުނެވެ.

*****************

ރަމީޒްއާއި ހަސަންއާއެކު ކޮފީއަކަށް ދިޔަ ދުވަހެކެވެ. ގިނަ ދުވަސްތަކަކަށްފަހު ތިން އެކުވެރިން ބައްދަލުވުމުން އެކި ވާހަކަތަކުގައި ތިބިއިރު ވަގުތު ހިނގާދިޔަގޮތްވެސް ނޭންގުނެވެ.

ކުއްލިއަކަށް އަހަރެންގެ ސަމާލުކަން ހުއްޓުނީ އަހަރެމެން ތިބި މޭޒުގެ ކުރިމަތިންލާފައި ދިޔަ އަންހެންކުއްޖަކަށެވެ. އެކުއްޖާ ރަނާއާއި ވައްތަރުކަމުން އަހަންނަށް ބަލަން އިނދެވުނެވެ. ކައިރީގައި ހުރި ކުއްޖާއާއި ވާހަކަ ދައްކަމުން އެއްފަރާތަކަށް އެކުއްޖާގެ މޫނު އަނބުރާލި ވަގުތު އަހަންނަށް އެކަން ޔަޤީންކުރެވުނެވެ. ތަފާތު ކަމަކަށް ފެނުނީ އޭނާގެ ކައިރީގައި ހުރި ފިރިހެންކުއްޖާއެވެ. ރަނާއަކީ އާއްމުކޮށް ފިރިހެންކުދިންނާއި އެއްކޮށް އެގޮތަށް ބޭރަށްދާ ކުއްޖެއް ނޫނެވެ. އޮފީސް ނޫނީ ކޮލެޖް ނޫންގޮތަކަށް ގެއިން ބޭރުގައި މާގިނަ ވަގުތު ހޭދަކުރާ ކުއްޖެއްވެސް ނޫނެވެ. އެކަމަކު ބޭރަށް ނުކުންނަ ފަހަރަކުވިއްޔާ ދާނީ މަދުވެގެން ހަތަރު ފަސް މީހުންގެ ގްރޫޕަކާއި އެކުގައެވެ.

އެކަމަކު މިފަހަރު ތިބީ އެދެމީހުން އެކަންޏެވެ. އެދެމީހުން ތިބިލެއް ގާތްކަމުން ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުން ނޫންކަން އަހަންނަށް އެނގުނެވެ. އެކަމަކު ދާނިޔާވެސް ރަނާގެ އެކަހަލަ ވާހަކައެއް އަހަރެން ގާތު ބުނެފައެއް ނުވެއެވެ.

ރަނާގެ ކައިރީގައި ހުރި ޒުވާނާއަކީ ކާކުތޯ ބެލުމުގެ ޝައުޤު އަހަރެންގެ ހިތުގައި އުފެދުނެވެ. އެކަމަކު އޭނާގެ މޫނު ނުފެންނާތީ އެއީ ކާކުކަމެއް އަހަންނަކަށް ނޭނގުނެވެ. އޭނާގެ މޫނު ފެނޭތޯ އަހަރެން  ވަރަށް ބެލީމެވެ. ފަހުން އަހަރެންގެ މޮޔަކަމާމެދު ހިނި އައެވެ. މާލޭގައި އުޅޭ އެންމެންނަކީ އަހަރެން ދެކެފަރިތަ މީހުންނަކަށް ނުވާނެނޫން ހެއްޔެވެ؟ އެހެންވީމާ، ވަކި އޭނާގެ މޫނު ފެނުނަސް އަހަންނަށް އެއީ ކާކުކަން ވަކިކުރަން އެނގޭނެ ހެއްޔެވެ؟

*****************

ދާނިޔާގެ މަންމަމެންގެއަށް ދިޔަ ދުވަހެކެވެ. ބެލް ޖަހާލުމުން ދޮރު ހުޅުވާލީ މައިދައިތައެވެ. ހިނިތުންވުމަކާއެކު އަހަރެމެންނާއި ބައްދަލުކޮށް އެތެރެއަށް ވަނުމަށް އެދުނެވެ. ސޯފާގައި ރަނާ އިންތަން ފެނުމުން ދާނިޔާ ގޮސް ރަނާ ކައިރީގައި އިށީންދެލިއެވެ.

“ބައްޕަ ކޮބާ؟” ބައްޕަ ފެންނަން ނެތުމުން އަހަރެން ސުވާލުކުރީމެވެ. ކޮންމެވެސް ރައްޓެއްސަކާއެކު ބޭރަށް ދިޔަ ވާހަކަ މައިދައިތަ ބުންޏެވެ.

“މިއަދު ކޮލެޖަށް ނުދަނީތަ؟” ސޯފާގައި އިށީންނަމުން އަހަރެން އެހީމެވެ.

“އާން… މިއަދު ކްލާސްތައް ކެންސަލްވެއްޖެ…” ރަނާ ޖަވާބުދިނެވެ. ދާނިޔާގެ މަންމަވެސް އައިސް ސޯފާގައި ޖައްސާލިއެވެ. އިރުކޮޅެއްވަންދެން އަހަރެމެން ހަތަރު މީހުން އެކި ވާހަކަ ދައްކަން  ތިބީމެވެ.

“ދަރިފުޅުމެން ސައިބޮއިގެން ދާންވާނީ އިނގޭ… މަންމަ އަންނާނަން ސައި ހަދާފައި….” ދާނިޔާގެ މަންމަ ތެދުވަމުން ބުނެލިއެވެ. އަހަރެންވެސް ދާނަމޭ ބުނެފައި ދާނިޔާވެސް އޭނާގެ މަންމަ ފަހަތުން ތެދުވެގެން ދިޔައެވެ.

ރަނާގެ ނަޒަރު ހުއްޓިފައިވަނީ ޓީވީއަށެވެ. އަހަރެންވެސް ޓީވީއަށް ނަޒަރު ހުއްޓާލީމެވެ. ކުއްލިއަކަށް ކަމެއް ހަނދާންވެގެން އަހަރެން ރަނާއަށް ގޮވާލީމެވެ.

“ވަރަށް ސިއްރުން ކަމެއް ކުރާހެން ހީވޭ މިހާރު…” ރަނާއަށް ނިސްބަތްކޮށް އަހަރެން ބުނީމެވެ. އަހަރެން އެހެން ބުނީ ކުރީ ދުވަހު އަހަންނަށް ފެނުނު ކަންތައް ދާނިޔާއާއި ހިއްސާކުރުމުން ދާނިޔާއަށްވެސް އެކަން ނޭންގި އޮތް ވާހަކަ ބުނެފައިވާތީއެވެ. ދާނިޔާ އެއީ ރަނާގެ އެކުވެރިއަކަށްވެދާނެއޭ ބުނުމުން، އެކަން ޤަބޫލު ނުކުރެވުނުނަމަވެސް، އަހަރެން ކޮންމެހެން އިތުރަކަށް އެވާހަކައެއް ނުދައްކަމެވެ.

“ވަޓް؟…” ރަނާ ސިހިފައި އަހަންނާއި ދިމާއަށް ބަލާލިއެވެ. އަހަރެން އެއްބުމަ އަރުވާލީމެވެ.

“ކީކޭ ތިކިޔަނީ؟… ކޮންކަމެއް؟…” ދެލޯ ބޮޑުކޮށްލަމުން ރަނާ އެހިއެވެ.

“ނޭންގޭނެ ކަމަށްތަ ހީކުރީ؟ ދެން ބުނެބަލަ އެއީ ކާކުތަ؟…” އަހަރެން ސަމާސާގޮތަކަށް ބުނެލީމެވެ. މޫނު ރަތްވެގެންދިޔައިރު، ލަދުރަކި ގޮތަކަށް ރަނާ ހީލިއެވެ. އެވަރުންވެސް އަހަރެން ދުލެއް ނުކުރަމެވެ. އަނެއްކާވެސް އެމީހަކާ ގުޅޭގޮތުން ރަނާއާއި ސުވާލުކުރީމެވެ.

“ދެންން ދޮންތަބޭ…. ނުބުނާކަށް ނޫޅެމޭ…. ދޮންތައަށާއި ދޮންތަބެއަށް ވަރަށް އަވަހަށް ބަދަލުކޮށްދޭނަން…. އޭރުން އެނގޭނެއެއްނު…” ހެމުންހެމުން ރަނާ ބުނެލިއެވެ.

“ދަރިފުޅާ އާލިފް…. އާދެ ސައިބޯން….” މައިދައިތަ ގޮވާލުމުން އަހަންނާއި ރަނާއާއި ދެމީހުން ތެދުވީމެވެ. ކާމޭޒުދޮށަށް ދިޔައިރު، ދާނިޔާ ހުރީ ތަށިތަކަށް ފެން އަޅާށެވެ. އަހަރެމެން ފެނުމުން، ހިނިތުންވެލާފައި އަވަހަށް ސައިބޯން ފަށަން ބުންޏެވެ.

ރަނާއާއި ދިމާކޮށްލަން އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް، މައިދައިތަ ހުރީތީ އަހަރެން ޚިޔާރުކުރީ ހިމޭންކަމެވެ. ދާނިޔާއަށް އަހަރެން ވާހަކައެއް ބުނަން އުޅޭހެން ހީވުމުން ބޮލުގެ އިޝާރާތުން ކިހިނެއްވީތޯ އަހާލިއެވެ. އަހަރެން ހީލާފައި ދެފަރާތަށް ބޯހޫރާލީމެވެ. ފަހުންނޭ ބުނާ ކަހަލަ ގޮތަކަށް އިޝާރާތެއް ކޮށްލުމުން، ދާނިޔާ ސުވާލު އުފެދިފައި އަހަރެންގެ މޫނަށް ބަލާލިއެވެ.

ކުއްލިއަކަށް ރަނާ ކަރުކެހިލިގޮތުން އަހަރެން ވަރަށް ހިނިއައެވެ. ބަސްބުނުމަކާނުލާ އެ އަންގާލީ، އަހަންނާއި ދާނިޔާއާއި ދެމެދު ކުރެވުނު އިޝާރާތްތައް އޭނާއަށް ފެނުނުކަމެވެ.

ދާނިޔާއާއި މަންމައަށް އެވާހަކަ ނޭންގުމަށް އެދި ކުރި އިޝާރާތަށް އަހަރެން ބޯޖަހާލަމުން އެއްބަސްވީމެވެ. ރަނާ އަމިއްލައަށް އެވާހަކަ ދާނިޔާ ގާތު ބުނަން ފުރުސަތުދެމުން އަހަރެންވެސް އެވާހަކަ އިހަށް ދާނިޔާ ގާތު ބުނުމުގެ ޚިޔާލު ދޫކޮށްލީމެވެ. އަހަންނަށް އެނގޭ ކަމަކީ މާލަހެއްނުވެ ރަނާ އެވާހަކަ ދާނިޔާއަށް އަންގާނެކަމެވެ. އެކަކު އަނެކަކަށް ކަންކަން ސިއްރުކުރާވަރަށްވުރެ، އެދެމީހުން ދެމެދުގައިވަނީ ގާތް ގުޅުމެކެވެ. އެންމެފަހުން މިސަކަރާތުގެ ތެރެއިން ދާނިޔާއަށްވެސް އަހަރެން ބުނަން އުޅުނީ ރަނާއާއި ގުޅޭ ވާހަކައެއްކަމާމެދު ޝައްކުވިހެން އަހަންނަށް ހީވިއެވެ.

*****************

ގަތް އެއްޗެއްސަށް ފައިސާ ދެއްކުމަށްފަހު، ކައުންޓަރު މަތީގައި އިން ކޮތަޅު ނަގައިގެން ފިހާރައިން ނުކުންނަން ހިނގައިގަތް ވަގުތު ހުއްޓުން އެރީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ.

“މާޝާ…” ހިތާއިހިތުން އަހަންނަށް އެނަން ކިޔާލެވުނެވެ. މިފަހަރުވެސް މާޝާގެ ކައިރީގައި އެ ކުޑަކުއްޖާ ހުއްޓެވެ. ތޫނު ނަޒަރަކުން އަހަރެންގެ މޫނަށް ބަލަން ހުރި މާޝާ ސިހިގެން ދިޔައީ ކުޑަކުއްޖާ އޭނާގެ އަތުގައި ހިފާ ދަމަންފެށުމުންނެވެ. ދެވަނަ ފަހަރަށް އަހަންނަށް ދިން އަވަސް ނަޒަރަށްފަހު، ހަލުވި ފިޔަވަޅުތަކެއްގައި ފިހާރައިގެ އެތެރެއަށް ވަދެގެން ދިޔައީ އަހަރެންގެ ކުރިމަތީގައި ހުންނަން އުނދަގޫވުމުންކަމަށް ވެދާނެއެވެ. އަހަންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

*****************

ފެންވަރައިގެން ނުކުތްއިރު ދާނިޔާ ހުރީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ. އަލަމާރިން ޓީޝާޓެއް ނަގާ، ބޮލަށް މަހާލަމުން ދާނިޔާ ކައިރިއަށް ދާން އެޅި ފިޔަވަޅު ހުއްޓުނީ އެ މޫނުގެ ކުލަވަރު ފެނިފައެވެ.

“އާލިފް… އަހަންނަށް ސިއްރުކުރީ ކީއްވެ؟” ދާނިޔާ ބުނެލި ވާހަކައިން އަހަރެންގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. ރަނގަޅަށް ބަލާލުމުން ދާނިޔާ އަތުގައި އޮތީ އަހަރެންގެ ފޯނުކަން އެނގުމުން ހިތުގައި ބިރުވެރިކަން ހިނގާލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ދާނިޔާގެ މޫނަށް ބަލަން ހުރެވުނެވެ. ދާނިޔާގެ ލޯ ފެންކަޅިވެގެން ދިޔަތަން ފެނި، އަހަރެންގެ މޭގައި ރިހުމެއް އުފެދުނެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mai Naa

Level 3100 Login10 Stories100 Comments

Other Articles

Previous

ހީވޭ ކަލާވާހެން-36

Next

ސިއްރެއް ނުވާނޭ… 8

Next
January 20, 2022

ސިއްރެއް ނުވާނޭ… 8

Previews
January 18, 2022

ހީވޭ ކަލާވާހެން-36

2 Comments!

  1. Hûdhãkkø says:
    January 19, 2022 at 8:54 am

    Mi part v reethi
    Waiting for next part

    1. Mai Naa says:
      January 19, 2022 at 9:09 pm

      Thank u Hûdhãkkø ?
      Next part mirey noonee maadhamaa genesdheveytho balaanan In Sha Allah

Comments are closed.

Next Episodeސިއްރެއް ނުވާނޭ… 8←


All Right Reserved!