އަލާންއާއި އެކީ ސޯފާގައި ސަކަރާތްޖަހަން އިން ޔަނާލް ސިހުނީ މީހަކު ބެލް އަޅާލުމުންނެވެ. އޭނާ އަލާންއަށް ބަލައިލުމުން އަލާން އަވަހަށް ސޯފާގައި އޮށޯވެލިއެވެ. ނުދާންވެގެން ބަހަނާ ދައްކަނީއެވެ. ޔަނާލް ހެމުން ގޮސް ދޮރުހުޅުވާލުމަށްފަހު ކުރިމަތީގައި ހުރި މީހާއަށް ބަލައިލުމާއެކު ސިހުންވަރުން ނުވެއްޓުނީވެސް ކިރިޔާއެވެ. އިސާހިތަކު ދެލޮލަށް ކަރުނަތައް ޖަމާވިއެވެ.

“އަފްލާކް..” ޔަނާލްގެ ދުލުން އެނަން ބޭރުވީ ގައިގައި ހުރިއްޔާ ހުރިވަރެއް ލައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އަފްލާކްވެސް ހުރީ އެފަދަ ހާލެއްގައެވެ. ދެއަހަރު ފަހުން ޔަނާލްއާއި ބައްދަލުވުމުން އެހިތުގައި އުތުރި އަރަމުން ދިޔައީ އެހެންކަހަލަ އިޙުސާސެކެވެ. “ޔަނާލް… ކޮބާ މަންމަ؟..” އަފްލާކް ހިތުގައި ގަދަވެގަތް އިހުސާސްގެ މައްޗަށް ރުޅިވެރިކަން ގަދަކުރަން މަސައްކަތްކުރަމުން އެހެން އަހާލިއެވެ. ކުޑަކޮށް ބުމަ ގޮށްޖަހާލައިގެން ހުރިއިރުވެސް އަފްލާކް ނުހަނު ފުރިހަމައެވެ. ޔަނާލް ދެރަވީ އަފްލާކްގެ ރުޅިމޫނު ފެނިފައެއްނޫނެވެ. އޭނާއާއި މުޚާތަބުކުރި ނަމުންނެވެ. “އިކީ އައި” “ޔަނާލް މަންމަ އަތަށް މި ކޮތަޅު ދޭތި.. ބުނޭ ސަމީމާ ދިން ހެދުން ކޮތަޅޭ..” އަފްލާކް އެހެން ބުނެލަމުން ޔަނާލް އަތަށް ކޮތަޅު ދީފައި އެނބުރި ހިނގައިގަތްއިރު ވެސް ޔަނާލް ހުރީ އެހުރި ފިޔަވަޅު މަތީގައެވެ. ދެލޮލުގައި ވިދަވިދާ ހުރި ކަރުނަތަކަށް ފުރުސަތުދެމުން ޔަނާލް ދެލޯ މަރާލިއެވެ. މިއަދު އަނެއްކާވެސް އެހިތުގައި ކޫރުމެއް އެޅިއްޖެއެވެ. “އިކީ ކީއްވެ؟..” ޔަނާލް ދެލޯ ފުހެލަމުން އަމިއްލަ ހިތާއި ސުވާލުކޮށްލިއިރު އެހިތް ހީވީ ވަޅިއަކުން ކަފަމުންދިޔަ ހެންނެވެ.

“ޔަންނު ކިހިނެތްވެފަ ތިހުރީ.. އަވަހަށް އާދެބަލަ..” ގޭތެރެއިން އަލާން ގޮވާލި އަޑަށް ޔަނާލް ސިހުނެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން އޭނާ ހަމަޖެހިލަން މަސައްކަތްކުރިއެވެ. އޭނާގެ ސަބަބުން އެހެން މީހުންނަށް އުނދަގުލެއް ވެގެން ނުވާނެއެވެ.

ގެއަށް ވަދެގެން އައި އަފްލާކް ފެނިފައި ސަމީމާ އޭނާއަށް ގޮވާލިއެވެ. ދެފަހަރު ގޮވި އިރުވެސް އަފްލާކްއަށް އަޑެއްނީވުނެވެ. އޭނާ ގޮސް ކޮޓަރިއަށް ވަންތަން ބަލަން ހުރެފައި ސަމީމާ ބުމަ އަރުވާލިއެވެ. “އަފްލާކްއަށް ކިހިނެތްވެފަ އެހުރީ..؟..” ސަމީމާ އަމިއްލަ ހިތާއި ސުވާލުކޮށްލަމުން އެނބުރި މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

“އޯ މައި ގޯޑް ލާލް.. ދެއަހަރު ފަހުން ބައްދަލުވީއިރުވެސް ހަމަ އެފުރިހަމަ ސޫރަ.. އެންމެ ފުރަތަމަ ފެނިލުމުންވެސް ހިތަށް އެނގުންވެލި ސޫރަ.. ހަމަ އެދެލޯ.. އެ ފަން އިސްތަށިގަނޑު.. ޔެސް އަފްލާކް އެއީ ހަމަ އެ ޔަނާލް.. ޝީޒް ދަ ސޭމް..” އަފްލާކް އައިސް އެނދުމަތީގައި އިށީނދެލިއިރު ސިކުނޑީގައި އުތުރި އަރަމުންދިޔަ ޙިޔާލުތައް ވީ މިއަދުވެސް އޭނާ ބަލިކަށި ކުރުވި ޙިޔާލުތަކަށެވެ. ބޮލުގައި އަތްއަޅާލަމުން އަފްލާކް އިސްޖަހާލިއެވެ. ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. އެހެނަސް، އެކަން މިވަގުތު ކުރެވޭކަށް ނެތެވެ. ކޮޓަރީގައި ހުރި އެއްޗެހިތަށް އުކާލައި މުޅި ކޮޓަަރި އެފުށް މިފުށަށް ޖަހާލަން ބޭނުންވިއެވެ. އެހެނަސް، އެއީވެސް މިވަގުތު ކުރެވެން އޮތް ކަމެއްނޫނެވެ. މަންމަމެނަށް އޭނާގެ ފުށުން އެއްވެސް އުނދަގުލެއް ވެގެން ނުވާނެއެވެ. އަފްލާކް ބޮލުގެ އިސްތަށިގަނޑަށް ވާންކޮށްލަމުން އިސްޖަހާލީ މިއޮއް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތަކަށް ފުރުސަތުދެމުންނެވެ.

“ވައި؟ ވައި؟ އަދިވެސް އެސޫރަ ފެނިފަ މިހިތަށް ގޮތްތަކެއް ވަނީ ކީއްވެ؟ އަދިވެސް އެދެލޯ ފެނިފަ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދަނީ ކީއްވެ؟ އަބަދާއި އަބަދު ދުށުމަށް އެދިއެދި ވި ސޫރަ ފެނުމުން އެހަށިގަނޑުގައި ބައްދާލަން ބޭނުންވީ ކީއްވެ؟ ލާލް.. ލާލް އެއްނު ބުނީ މުޅި އުމުރަށް އެކުގައި ވާނަމޭ.. ދުވަހަކުވެސް ދޫކޮށްފަ ނުދާނަމޭ… ދެން ކީއްވެ މިހިތަށް އަނިޔާދިނީ؟ ކީއްވެ ލާލްގެ ލޯބިވާ އިކީ ދޫކޮށްފަ ދިޔައީ؟ ލާލް ވައި ޑިޑް ޔޫ ބިޓްރޭ މީ؟ ވައި؟ ހާދަ ލޯބިވީމޭ ޔަނާލް.. އަދިވެސް އެހާވެސް ބޮޑަށް ލޯބިވޭ.. އެކަމަކު އެދުވަހު ލާލް ކީއްކުރީ.. ޔޫ ބިޓްރޭޑް މީ.. ޔޫ ޑިޑް އެކްޒޭކްޓްލީ ވަޓް އައި ޓޯލްޑް ޔޫ ނޮޓް ޓު.. ލާލް ޔޫ ބިޓްރޭޑް މީ.. އިތުރަކަށް މިހިތުގަ ޔަނާލްއަށް އެއްވެސް މަޤާމެއް ނެތް.. ޔޫ ހޭވް ނޯ ޕްލޭސް އިން މައި ހާރޓް.. އެކަމަކުވެސް ޔަނާލް… އަދިވެސް ހާދަ ލޯބިވޭ..” އަފްލާކް ކުރެހިފައިވާ އަޑަކުން ވާހަކަދެއްކިއިރު ހީވީ ކުރިމަތީ ޔަނާލް ހުރެ އެޝަކުވާ ޔަނާލްއާއި ކޮށްލިހެންނެވެ. މީހުން ބުނެ އުޅެއެވެ. ރޯނީ އަންހެން ކުދިންނެވެ. ފިރިހެން ކުއްޖެއް ރޮއެފިއްޔާ އެ ފިނޑިވީއެވެ. ނޫނެކެވެ. ފިރިހެނުންގެ ވެސް އޮންނަނީ ހިތެއް ނޫންހެއްޔެވެ؟ އެމީހުންވެސް ދެރަވާނެއެވެ. ބޭރުފުށުން ނުދެއްކިޔަސް، އެތެރެއިން ހިތް ރޯނެއެވެ. ފިރިހެނުންނަށް ވެސް ކެތްކުރެވޭނީ ވަކި ވަރަކަށްތާއެވެ. ގައިމު ފިރިހެނުންގެ ވެސް އިހުސާސެއްވެއެވެ. ހިތެއްވެއެވެ. އެހިތް ވެސް ރޯނެނޫންހެއްޔެވެ؟ ކަރުނަ އަޅާނެ ނޫންހެއްޔެވެ؟

އަފްލާކް އެތައް އިރަކު ކޮޓަރީގައި އޮތެވެ. މީގެ ދެއަހަރު ކުރިން އޭނާ އުޅުނީ ކިހާ އުފަލުންހެއްޔެވެ؟ ނަމަވެސް އެކަން ބަދަލުވީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އަފްލާކްއަށް މާޒީގެ ތެރެއަށް ފީނާލެވުނެވެ.

އެއީ ވިއްސާރަ ދުވަހެކެވެ. އުޑުމަތި ބަނަކަމުން ހީވަނީ އުޑުގައި ކަޅު ސާލެއް އޮޅާލާފައިވާހެންނެވެ. ކޮލެޖުން ނިކުތް އަފްލާކްއަށް ކާރާއި ހަމައަށް ނުދެވެނީސް ވާރޭ އޮއްސާލައިފިއެވެ. ސިކުންތެއް ތެރޭގައި އޭނާ ތެމި ފޯވިއެވެ. އަފްލާކް ބުމަ ގޮށްޖަހާލަމުން ކުދިކިޔާލިއެވެ. އޭނާ ކުޑަކޮށް އެނބުރި ވަށައިގެންވާ މާޙައުލަށް ބަލައިލުމާއެކު ހުއްޓުން އެރިއެވެ. ކުރިމަތީގައި ދެއަތް ފުޅާކޮށްގެން މޫނު މައްޗަށް ހިތްލާލައިގެން ހުރި ޕަރީއެއްފަދަ ކުއްޖާ ފެނިފައި އަފްލާކްގެ ހިތްވެސް ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ފިޔާތޮށި ޖިންސެއް ލައިގެން ހުރިއިރު ތެމުމުގެ ސަބަބުން ޓީޝާޓުވަނީ ގަޔަށް ހިފާލާފައެވެ. އުނަގަނޑުގެ ހިމަކަމާއި ވަނާތަކުގެ ރީތިކަން ފެނިފައިވެސް އަފްލާކް މޮޔަނުވީ ކިރިޔާއެވެ. ބްރައުންކުލައިގެ ރާޅުބާނި އިސްތަށިގަނޑު ތެމިފައި އޮތްއިރު ނިތްމަތީގައި ތަތްވެފައި ހުރި ކުދި އިސްތަށިތައް އެދޮން މޫނު އިތުރަށް ފުރިހަމަކޮށްދެއެވެ. ކަޅުކަންގަދަ ދިގު އެސްފިޔަތަކުގެ ފުރަގަހުގައިވާ ބްރައުން ކަޅި ފެނިފައި އޭނާ މޮޔަވާވަރުވިއެވެ. ފިޔާތޮށި ތުންފަތުގައި ވާރޭތިކި ވިދަމުންދިޔައިރު ލިލީމަލެއްގެ ފިޔައެއްގައި ޝަބްނަމް ވިދާފަދައެވެ.

އަފްލާކް އެކުއްޖާ ފެނިފައި އާޝޯޚުވިއެވެ. އެފަދަ ރީތިކަމެއް އޭނާ މުޅި ދުނިޔެއިންވެސް ދެކެފައެއްނުވެއެވެ. އެޙިޔާލުތަކުގައި ހުރި އަފްލާކް ސިހުނީ އެބޮޑުބޮޑު ދެލޮލުން އެކުއްޖާ އޭނާއަށް ބަލައިލުމުންނެވެ. އެމޫނުމައްޗަށް ޙައިރާންކަން ވެރިކުރުވަމުން އެ އަންހެން ކުއްޖާ އަފްލާކްއާއި ދިމާލަށް އައެވެ. އަފްލާކްގެ ހިތް ތެޅިގަތްލެއް ބާރުކަމުން އަފްލާކްއަށް ހިތާއި ވީ ދިމާލުގައި އަތްއެޅުނެވެ. މިއީ ހަމަ އެ ނުދަންނަ އަންހެން ކުއްޖާ ފެނުމުން ވާހާ ގޮތްހެއްޔެވެ؟

“ހޭއި.. ބަލަހައްޓައިގެން ހުރީމަ..” އެ އަންހެން ކުއްޖާ އައިސް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އަޑަށް އަފްލާކްއަށް މޭގައި އަތްއެޅުނެވެ. ހީވީ ކަންފަތުގައި މަޑުމަޑު ނާނާއެއް ކުޅެވުނުހެންނެވެ. އެހާ ރީތި އަޑެއް އޭނާ އަހާފައެއްނުވެއެވެ.

“އޯހްހް ހެހެ.. ރީތިކަމުން ބެލުނީ.. ދެން އެހެންނޫނަސް މިއޮއް ބޯ ވިއްސާރައިގަ ތެމޭތީވެ ކުޑަކޮށް ޙައިރާންވެފަ މިހުންނަނީ ވެސް.. ބަލިނުވޭތަ؟ އައި މީން ރޯގާ ނުޖެހޭތަ ތެމުނީމަ؟..” އަފްލާކް ކުޑަކޮށް ކަރުކެހެލަމުން ވާހަކަދެއްކިއިރު ދެންމެ ދިމާވި ކުއްޖެއްހެން ހީވެސް ނުވެއެވެ. އެވަގުތު އިވިގެން ދިޔައީ އެކުއްޖާގެ ހިތްގައިމު ހުނުމުގެ އަޑެވެ. އަފްލާކް ހަމަ ރަނގަޅަށްވެސް ޙައިރާންވިއެވެ. އެކުއްޖާގެ އެޖާދުވީ އަޑު އިވިފައިވެސް އޭނާ މޮޔަވެދާނެއެވެ.

“ނޫނޭ ނޫނޭ.. ބައްޔެއްނުވޭ ތެމުނަސް.. އިންފެކްޓް އައި ލަވް ރެއިން.. ވާރޭ ވެހޭއިރު ފްރީކޮށް ހުންނަންޏާ އަބަދުވެސް ތެމޭހިތްވޭ..” އެ އަންހެން ކުއްޖާ އެހެން ބުނެލަމުން އިސްޖަހާލިއެވެ. ލަދުން ކަންނޭނގެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެކުއްޖާ ފެނުނީއްސުރެ އަފްލާކް އެހުންނަނީ ބަލަހައްޓައިގެން ވިއްޔާއެވެ.

“ހެހެ އޯކޭ އޯކޭ.. މިހާރު ވާރޭވެސް ތުނިކޮށްލީނު.. ގެއަށް ދަނީ އިނގޭ.. އަދި ބައްދަލުވާނެކަމަށް އުންމީދުކުރަން..” އަފްލާކް އެހެން ބުނެލަމުން ކާރުގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އެ އަންހެން ކުއްޖާ ވާހަކަދެއްކި އަޑަށް އޭނާ ހުއްޓިފައި އެނބުރި ބަލައިލިއެވެ. “އަލަށް ކޮލެޖު ޖޮއިން ކުރީ މި.. އިފް އައިމް ނޮޓް ރޯންގް، ތީ ވެސް މި ކޮލެޖު ކުއްޖެއްދޯ؟..” އެ އަންހެން ކުއްޖާ އެހެން ބުނެލުމުން އަފްލާކް މަޑުމަޑުން ބޯޖަހާލިއެވެ. އެކުއްޖާ ހިނިތުންވެލަމުން އިރާދަކުރެއްވިއްޔާ އަދި ބައްދަލުވާނޭ ބުނެލިއެވެ. އަފްލާކްވެސް ރައްދުގައި ހިނިތުންވެލަމުން ކާރަށް އަރައި ގެއާއި ދިމާލަށް ދުއްވާލީ އަދިވެސް އެއްފަހަރު އެރީތި ޕަރީއަށް ބަލައިލާފައެވެ.

“އޯހް ނޯ… ނަންވެސް އަހާކަށް ހަނދާނެއްނެތް..” ގެއަށް ވަދެވަދެ ހުރި އަފްލާކްއަށް ކުއްލިއަކަށް ހަނދާންވި ކަމެއްހެން ބުނެލެވުނެވެ. އޭނާ ދަތްތަކަށް ބާރުކޮށްލަމުން އިސްތަށިގަނޑަށް ވާންކޮށްލިއެވެ. ހުސްވެސް އޭނާގެ މޮޔަކަމުން ވާހާ ކަންތަކެވެ. “އެކަމަކުވެސް.. ދެން ފެނުނީމަ އިނގޭނެއެއްނު.. ނޯ ނީޑް ޓު ވޮރީ.. އެކުއްޖާ ބުނި ކޮލެޖުން ދިމާވާނޭ.. އައި ޖަސްޓް ހޯޕް އައި ފައިންޑް ހާރ އަގެއިން ސޫން..” އަފްލާކް އަމިއްލަ ހިތާއި މުޚާތަބުކޮށްލިއިރު އެތުންފަތުގައި ދުވެލާފައިވަނީ އެންމެ ރީތި ހިނިތުންވުމެވެ.

ޙިޔާލުތަކުގައި އޮތް އަފްލާކް ސިހުނީ ދޮރުގައި ޓަކިޖަހާލި އަޑުއިވުމުންނެވެ. އޭނާ ގަޑި ބަލައިލިއިރު ދިހައެއް ޖަހާ ތިން މިނެޓު ހިނގައިފިއެވެ. އަފްލާކްއަށް ސިހިފައި ފުންމައިގެން ތެދުވެވުނެވެ. އެހާ ލަސްވެއްޖެ ހެއްޔެވެ؟ އެގާރައިގައި މީޓިންއެއް އޮތްކަން ހަނދާންވުމުން އަފްލާކްގެ ދެލޯބޮޑުވިއެވެ. މަޑުމަޑުން އަމިއްލަ ބޮލުގައި ޖަހާލަމުން އޭނާ ގޮސް ފާހަނާއަށް ވަނެވެ.

އޮފީހަށް ވަދެގެން އައި ޒުވާނާއަށް ގިނަ ބައެއްގެ ލޯތަށް އަމާޒުވިއެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީސް ކަޅު ފަޓުލޫނުގެ ދަށަށް ޖަހާލާފައިވާއިރު މަތިން ލައިގެން ހުރި ކަޅުކުލައިގެ ސޫޓުގައި އެޒުވާނާ ފެންނަނީ އެހާ ފުރިހަމަކޮށެވެ. ކަރުގައި އަޅާލާފައިވަނީ ޑިޒައިންހުރި ހިމަ ޓައީއެކެވެ. އަރައިގެން ހުރި ކަޅު ބޫޓު އޮފުއަރުވާލާފައިވާއިރު އަތުގައި ވަނީ އެންމެ ޒަމާނީ ގަޑިއެކެވެ. އިސްތަށިގަނޑު ޖެލްލައި ތަތްކޮށްލާފައިވާއިރު ދެތިން ދުވަހުގެ ތުނބުޅިން ނުހަނު ފިރިހެންވަންތައެވެ. ލޮލުގައި އަޅާލާފައިވާ އަވިއައިނު ނަގަމުން އެޒުވާނާ ފަރާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. އޭރު އެންމެން އޭނާއަށް ބަލަހައްޓައިގެން ތިބެފައި ހަމަ ބަލައިލާއިރަށް އިސްޖަހާލައިފިއެވެ. އެޒުވާނާ ފުން ނޭވާއެއް ދޫކޮށްލަމުން ކައިރީގައި ހުރި ކުއްޖާއަށް އިޝާރާތްކޮށްލަމުން ގޮސް ލިފްޓަށް އެރިއެވެ.

ހަތްވަނަ ބުރިއަށް ހުއްޓުނު ލިފްޓުން ނުކުމެގެން އެޒުވާނާ މިސްރާބުޖެހީ އޭނާގެ ކެބިންއަށެވެ. އެންމެ އެކޮޅުގައިވާ ކެބިންއަށް ވަދެ ގޮސް އޭނާއަށް ޙާއްސަ ކޮށްފައިވާ ގޮނޑީގައި ހަމަޖެހިލިއެވެ. އިރުކޮޅަކުން ޓަކިޖަހާލާފައި ވަދެގެން އައީ ހިމަތޮޅި އަންހެން ކުއްޖެކެވެ. ރަތްކުލައިގެ ގަމީސްކޮޅަކާއި ޕެންސިލް ސްކާޓެއް ލައިގެން ހުރިއިރު ކަޅުކުލަގަދަ އިސްތަށިގަނޑުވަނީ ހުޅިއެއް ޖަހާލާފައެވެ. އަރައިގެން ހުރި ރަތްކުލައިގެ އުސް ފައިވާނުގައި ފެންނަނީ ހުންނަވަރަށްވުރެ ދިގުކޮށެވެ. މޫނުގައި ކޮށްފައިވާ ލުއި މޭކަޕު އެދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. އެކުއްޖާ އައިސް ހުއްޓިލީ އެޒުވާނާގެ ކުރިމަތީގައެވެ.

“ސަރ.. މީޓިންއަށް ރެޑީކޮށްފަ ހުރީ.. އިތުރުކަމެއް ބޭނުންތޯ؟..” އެކުއްޖާ ނުހަނު އަދަބުވެރިކަމާއެކު އެހެން އަހާލުމުން އެޒުވާނާ ހިނިތުންވެލަމުން ބޯހޫރާލިއެވެ. އެކުއްޖާވެސް ރައްދުގައި ހިނިތުންވެލަމުން ކެބިންއިން ނުކުންނަން ދަމުން ކަމެއް ހަނދާންވީ ފަދައިން ހުއްޓުނެވެ. އަދި އަވަސް އަވަހަށް އެނބުރި އައިސް އެޒުވާނާގެ ގާތު މިއަދު ދޭއްގައި އިންޓަވިއު އޮންނާނޭ ބުނެލިއެވެ.

“ހޫމް.. އެކަމަކު އާތިކާ ވާނެ މަޑުކޮށްލަދޭން ދެތިން ހަފްތާއަށް.. ސެކެޓްރީއަށް އަންނަ ކުއްޖާއަށް ކަންތައްތައް ކިޔާލަދޭން.. މި އޮފީހުގެ ގަވާއިދުތަކާއި އެކަންތަކަށް ޙުރުމަތްތެރިކޮށް ނުހިތައިފިއްޔާ ލިބޭނެ އަދަބު ވަރަށް ރަނގަޅަށް ވިސްނަދޭންވާނެ..” އެޒުވާނާ އެހެން ބުނެލިއިރުވެސް އިނީ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން ކޮންމެވެސް އެއްޗެއް ލިޔުމުގައި އަވަދިނެތިއެވެ. ހީވާގޮތުން މީޓިންއަށް ކުރަންޖެހޭ ކަމެއް ނިންމާލަނީއެވެ.

“ލައްބަ އަފްލާކް ސަރ.. އެކަމަކު ސަރ ނަގާނީ ކަމަށް އެންމެ ޤާބިލް ކުއްޖާއެއް ނޫންތޯ؟ ވީއިރު އެހާ ރަނގަޅަށް ނުކިޔާދިނަސް އަޅުގަނޑަށް ހީވަނީ އެނގޭނެހެން.. އެކަމަކުވެސް އަޅުގަނޑު އެހުރިހާ ކަމެއް ކިޔައިދޭނަން..” އާތިކާ ހިނިތުންވެލަމުން އެހެން ބުނެލުމުން އަފްލާކް ޖަހާލީ ލުއި ހިނިގަނޑެކެވެ. އެގާރަޖަހަން ފަސް މިނެޓަށްވުމުން ދެމީހުން ގޮސް މީޓިން ހޯލަށްވަނެވެ. ގަޑިޖެހިގެން ދިޔުމަކީ އަފްލާކް ރުހޭނެކަމެއް ނޫންކަން އެހޯލަށް ބަލައިލުމުން އެނގޭހާވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ގަޑިޖެހެން ފަސްމިނެޓު ހުއްޓާ ހުރިހާ ސްޓާފުން އެތިބީ ކުރަން ތިބި ހުރިހާ ކަމެއް ހުއްޓާލުމަށްފަހު އައިސް މީޓިން ހޯލުގައެވެ.

 

(ނުނިމޭ)

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!