“ދުރުވެބަލަ ކަޔާން! އަހަރެން ގަޑި ޖެހެނިއްޔޭ!” އިޒްހާއަށް ރުޅިއާދެވުނެވެ.

“އަރާ!” އިޒްހާ ކަޔާންއަށް ބަލައިލީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުންނެވެ.

“ލަސްވެގެނެއްނު ތި އުޅެނީ؟ ދެންވެސް އަރާބަލަ އަވަސްކުރަން ބޭނުމިއްޔާ.” ކަޔާން އެހާ ސީރިއަސްކޮށް އެހެން ބުނުމާއިއެކު އިޒްހާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

*****

އިޒްހާ ހިމޭންކަމާއިއެކު ގޮސް ކަޔާންގެ ސައިކަލުގެ ފަހަތަށް އެރީ އަރަން ނާރަން ހުރެފައެވެ. ކަޔާން ގާތަށް އައީ ލާނެތް ހިންޏެކެވެ.

“ވަޓް؟” އިޒްހާ ދެބުމަ ކައިރިކޮށްލިއެވެ.

“ހާދަ ލަދުންނޭ ދޯ ތި އުޅެނީ.. ތަންކޮޅެއް ކައިރިވެބަލަ. ތިހާ ދުރުގައި އިށީނދެ އިންދައި ވެއްޓިދާނެ އޭ.” ކަޔާން އެހާ ކެރިފައި އެހެން ބުނުމާއިއެކު އިޒްހާގެ ދެކޯއެކީ ރަތްވެގެން ދިޔައެވެ.

“ދެން… އަވަސްކޮށްބަލަ!” އިޒްހާއަށް ބުނާނެ އެއްޗެއް ނޭނގުމުން ބުނެވުނީ އެހެންނެވެ.

ކަޔާން އަނެއްކާވެސް ހިނިގަނޑެއް ޖަހައިލަމުން ހިފެހެއްޓުމަށް ބުނެ ސައިކަލި ކުއްލިއަކަށް ދުއްވައިލިއެވެ. އިޒްހާ އެހެން ކޮޅަކަށް މޫނު އަނބުރައިލަމުން މަޑުމަޑުން އަތް ގެންގޮސް ކަޔާން ލައިގެން ހުރި ޓީޝާޓުގައި ހިފައިލިއެވެ. ކަޔާންގެ މޫނުން ސިހުމުގެ ކުލަވަރު ފެނުނު ނަމަވެސް އެކަން ފޮރުވައިލަމުން އޭނާ ހިނިތުންވެލިއެވެ. އިޒްހާ އެންމެ ފަހަރަކު ކަޔާންއަށް ބަލައިލި ނަމަވެސް ކަޔާންގެ މޫނު މަތީގައިވި ހިތްހަމަޖެހުމުގެ ކުލަވަރު ފެނުނީހެވެ. ދެތިން މިނެޓުގެ ކުރު ދަތުރަކަށްފަހު އިސްކޫލާއި ހަމައަށް އާދެވުނެވެ. އެއިރު ކުދިންތައް ވައްދަނީއެވެ. އިޒްހާ އަވަސް އަވަހަށް ސައިކަލުން ފައިބަމުން ކަޔާންއަށް ބަލައިލުމެއްވެސް ނެތި ޝުކުރު އަދާކޮށްލަމުން އަވަހަށް ‘ޓީޗާރސް ގޭޓް’ އިން އެތެރެއަށް ވަންނަން ދިޔައެވެ. ކަޔާން އިޒްހާ ދިޔަ ދިމާއަށް ރުޅިވެރިކަމާއިއެކު ބަލަން ހުރުމަށްފަހު ކޮންމެވެސް މީހަކާއި ގުޅަމުން ސައިކަލުގައި އެ ހިސާބުން ދުރަށް ދިޔައެވެ.

މެންދުރު ދޭއް ޖަހައިފިއެވެ. އިޒްހާ އިސްކޫލުން ނިކުމެ އެ އަވި ގަދަ ވަގުތުގައި ގެއަށް ދާން މިސްރާބުޖެހީ ވަރުބަލިކަމާއިއެކުއެވެ. އެ ދޮން މޫނުގައި ދާތިކިތައް ބަބުޅަމުން ދިޔައިރު އިރުކޯކޮޅުން އަތުގައި އޮތް ޓިޝޫކޮޅުން މޫނު ފުހެލާ މަންޒަރަކީ ބަލއި ފޫހި ނުވާނޭ މަންޒަރެއްކަން ޔަޤީނެވެ.

“އިޒޫ! މަޑުކޮށްލަބަލަ!” އިޒްހާ ސިހުނީ ފަހަތުން މީހަކު ގޮވައިލި އަޑަށެވެ.

ފަހަތް ބަލައިލިއިރު ހުރީ ރުކައިންއެވެ. ހުދު ކުލައިގެ އަތްކުރު ގަމީހަކާއިއެކު ލައިފައިހުރި ރިޕްޑް ޖިންސްގެ ދެ ޖީބަށް އަތް ޖަހައިލައިގެން އެ ދިމާއަށް އަންނަމުން ދިޔަ ރުކައިން ފެނިފައި އިޒްހާގެ ތުންފަތުގައި ކުޅެލީ ރީތި ހިނިތުންވުމެކެވެ.

“ރުކް؟ ހާދަ ނުވަގުތެއްގަ؟” ރުކައިން އިޒްހާ އާއި އެއްވަރުކުރުމުން އެއްސެވެ.

“ހަހަހަ! އާނ! މި ބައްޕަ ބަލިވެގެން އުޅޭތީވެ ބޭސް ގަންނަން ދިޔަ ގަޑީގައި އިޒޫ ފެނުނީ. ދެން ހަމަ ހިތަށް އެރީ ގޮވާލާނިއްޔޭ.” ރުކައިން އެހެން ބުނެލުމާއިއެކު އިޒްހާއަށް ‘އޯހް’ އޭ ބުނެވުނެވެ.

“އިޒޫ ތި ދަނީ ކޮންތާކަށް؟ ގެއަށްތަ؟” ރުކައިން އަނެއްކާވެސް އެއްސެވެ.

“ނޫން.. މި ދަނީ އަހަރެންގެ ބެސްޓް ފްރެންޑް ރައިމެން ގެއަށް. ދެތިން ދުވަސްވެއްޖެ މިހާރު އިސްކޫލް ކަންތަކާއި ހެދި އެގެއަށްވެސް ނުވަދެވޭތީ. ދެން އެ ގެ ސްކޫލާ ކައިރިކަމުން އެ ގެއަށް ގޮސް ގެއަށް ދާނީ.” އިޒްހާ އަވިގަދަކަމުން ލޮލުގައި އަތުން ހަނާ އަޅައިލަމުން ބުންޏެވެ.

“އޯހް. އެހެން. ދަނީ އެހެންވިއްޔާ ދެން އިނގޭ. މިހާރު ބައްޕައަށް ހުންނާނީ ލަސްވެފަ ކަންނޭނގެ.” ރުކައިން އެހެން ބުނެލަމުން އެތަނުން ގޯޅިއަކަށް އަޅައިލިއެވެ.

އިޒްހާވެސް އަވަހަށްގޮސް ކުރިމަތީގައި ހުރި ރައިލީމެންގެއަށް ވަނެވެ. އެއިރު ރައިލީ ފިޔަވައި އެހެން އެއްވެސް މީހަކު އެގެއަކު ނޫޅެއެވެ. އިޒްހާ ގޮސް ރައިލީގެ ކޮޓަރިއަށް ވަތްއިރު ސިހުނީ ރައިލީ ކޮޓަރީގެ ކަނެއްގައި ދެކަކޫ މޫނާއި ކައިރިކޮށްގެން އިނުމުންނެވެ.

“ރަ.. ރައި؟ ކިހިނެތްވީ؟ ރައި ވަޓްސް ރޯންގް؟” އިޒްހާ ދުވެފައިގޮސް ރައިލީގެ ކުރިމަތީގައި އުޑުފައިން އިށީނުމަށްފަހު އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން އެހީ ކަންބޮޑުވުމާއި އެކީގައެވެ.

ރައިލީ މަޑުމަޑު ގިސްލުމަކާއިއެކު އިސް ހިއްލައިލިއިރު އެ ދެލޯ އެކަށް ވަނީ ރޮއެރޮއެ ގޮސް ރަތްވެފައެވެ. އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ވޭނާއި ޝަކުވާއެވެ.

“އިޒޫ! ޖި.. ޖިޔާ ޗީޓެޑް އޮ.. އޮން މީ..” ރައިލީ އިޒްހާގެ ގައިގައި ބައްދައިލަމުން ގިސްލަމުން އެހެން ބުނެލުމާއިއެކު އިޒްހާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ.

“ޖިޔާ.. އެ.. އޭނާ.. މި.. މިއަދު އަ.. އަހަރެން ކެ.. ކެފޭއަކަށް ދި.. ދިޔައިރު ފެ.. ފެނު.. ނީ އެ.. އެހެން އަން.. ހެން ކުއް.. ޖެއްގެ އު.. ނަގަނޑުގަ.. ގައި އަތް.. އަ.. އަޅުވައިލަ.. އިގެން ހުއް.. ހުއްޓަ… އެ.. އެކަމު.. އެ.. އޭނާގެ.. މޫނެއް ނުފެ.. ނުނު.. ވައި.. އިޒޫ.. ވައި ޑި.. ޑިޑް ހިއް.. ހީ ޗީޓް.. ޓެޑް އޮ.. އޮން މީ؟؟ އަ.. ހަރެން ކޮ.. ން ކަމެއް މަ.. ދުކޮށްދިނީ؟ އަ.. ހަރެ.. ން އޭ.. ނާއަ… އަށް ދިނީ ކޮ.. ކޮން އަނި.. ޔާއެއް؟ އި.. އިޒޫ…!” ރައިލީގެ ހޫނު ކަރުނަތަކުން އިޒްހާ ލައިގެންހުރި ޓޮޕް ތެންމަމުން ދިޔައިރު އިޒްހާއަށް ކުރެވުނުހާވެސް ކަމަކީ ރައިލީގެ ބުރަކަށީގައި ފިރުމުމެވެ.

ރައިލީ ރޮއެރޮއެ ކުޑަކޮށް ހަމައަކަށް އެޅުމުން އިޒްހާ ރައިލީ ގޮވައިގެން ގޮސް އެނދުގައި ބައިންދައިދިނެވެ. އަދި ކޮޓަރިން ނިކުމެ ގޮސް ފެންތައްޓެއް ހިފައިގެން އައިސް ރައިލީ އަތަށް ދިނުމުން އޭނާ ފެންތަށި ދަމައިލީ އެއްނޭވާއިންނެވެ. އިޒްހާ ރައިލީގެ ކޮނޑުގައި ހިފައި އެނދުގައި ބޭއްވިއެވެ. ރައިލީ އެހެން އޮއްވައި ނިދުނީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ރައިލީއަށް ނިދުމާއިއެކު އިޒްހާ ބޮކީގެ އަލި ފަނޑުކޮށްލަމުން ކޮޓަރިން ބޭރަށް ނިކުތްއިރު ރަހޫލް ގޭތެރެއަށް ވަންނަން އައި ތަން ފެނުނެވެ. ރަހޫލްއަށް އިޒްހާ ފެނުމުން ހިނިތުންވެލިއެވެ. އަދި ގޭގައި ކީތް ކުރަނީ ތޯ އަހައިލިއެވެ. އިޒްހާ ކުރުކުރުކޮށް ވީގޮތް ކިޔައިދިނުމުން ރަހޫލްވެސް ހާސްވާގޮތްވިއެވެ. ނަމަވެސް އިޒްހާ ހަޔެއް ޖަހަން އުޅޭތީވެ އަދި އަންނާނެކަމަށް ބުނެ ގެއަށް ދިއުމަށް ހިގައިގަތެވެ.

ގެއަށް ވަތްއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ކޮޓަރިއަށް ވަނީ ހެދުން ބަދަލުކޮށްލުމަށެވެ. ފެންވަރައިލައިގެން ނަމާދުކޮށްލައިގެން އެނދުގައި އޮށޯތެވެ. އޭނާއަށް ވިސްނެން ފެށީ މިއަދު ހެނދުނު ބްރޭކް ގަޑީގައި ވީ ކަންކަމާއި މެދުގައެވެ.

_____

އިޒްހާ އިސްކޫލު ކައިރީގައިހުރި ކެފޭއަކަށް ވަނީ މިއަދު ކޮފީ ނުބޮއެ ހުރުމުން ކޮފީއެއް ބޮއިލުމަށެވެ. އޭނާގޮސް ހުސް މޭޒު ދޮށެއް ކައިރީގައި އިށީނދެ ވެއިޓަރު އައުމުން އައިސް ކޮފީއަކަށް އޯޑަރު ޖެހިއެވެ. އޭނާ ފޯނު ހުޅުވައިލަމުން ވަނީ އިންސްޓާއަށެވެ. އެހެން އޭނާ އިންދައި އައިސް ކޮފީ ގެނައެވެ. އިޒްހާ ހިތްހަމަޖެހިފައި އިނދެ އައިސް ކޮފީ ބޮއި ނިންމައިލުމަށްފަހުގޮސް ބިލް ދެއްކިއެވެ. އޭނާ ދާން އުޅެނިކޮށް ސިހުނީ ކުއްލިއަކަށް ޖިޔާން އައިސް އޭނާގެ އުނަގަނޑުގައި އަތް ވަށައިލައި ކައިރިއަށް ދަމައިލުމުންނެވެ. އެއިރު ކެފޭގައި އެއްވެސް މީހަކު ނެތެވެ. ކައުންޓަރ ކައިރީގައި ހުރި ކުއްޖާވެސް ފޯނެއްގައި ހުރުމުން މިތަނެއް ނުފެނެއެވެ.

“ޖި.. ޖިޔާން! ދޫކޮށްލަބަލަ! ކަލޭގެ ލަދު ޙަޔާތް ކޮބާތަ؟ ހަމަ ތާކުން ރީތި އަންހެން ކުއްޖަކު ފެންނައިރަށް އެ ކުއްޖާ ފަހަތުން ދުވާކަށް ކަލޭ ލަދެއް ނުގަނޭތަ؟ އަދި ތި އުޅެނީ ރައި އާއި ރައްޓެހިވެގެންނޭ! އޭނާއަށް އިނގިއްޖެއްޔާ ވާނީ ކިހިނެތްތަ؟ އޭނ؟؟” އިޒްހާއަށް ރުޅިއައިސްފައި ބުނެވުނެވެ.

ނަމަވެސް އެހެން ބުނީ ހަމައެކަނި ޖިޔާންއަށް އަޑު އިވޭ ވަރަށް އެކަންޏެވެ.

“ސޯ ވަޓް؟؟ އަހަރެން.. އައި ލައިކް ޔޫ. އަހަރެން ރައިލީ އާއި ރައްޓެހިވީވެސް ހަމައެކަނި އިޒޫ ހޯދާށޭ.” ޖިޔާން އެހެން ބުނުމާއިއެކު އިޒްހާއަށް ފަކުރުގަންނަ ގޮތްވިއެވެ.

“ލެޓް ގޯ އޮފް މީ،” އިޒްހާ އެހެން ބުނަމުން ވަރަށް ބާރަށް ޖިޔާން ކޮއްޕައިލިއެވެ.

ޖިޔާން ގޮސް ޖެހުނީ އެތާ ހުރި ފާރުގައެވެ. ދެން އޭނާ އަވަހަށް ދުވަފައި އެތަނުން ނިކުންނަން ދިޔައީއެވެ. ޖިޔާން ދަތްކުނޑި ވިކައިލަމުން ފާރުގައި ގޮއްމުށުން ޖެހި ނަމަވެސް ނުލަފާ ގޮތަކަށް ހިނިތުންވެވުނީ އެތާ ދުރުގައި ހުރި އަންހެން ކުއްޖަކު އަނގަ މަތީގައި އަތް އަޅައިލަމުން ދުވެފައިގޮސް ކެފޭއިން ނިކުތުމުންނެވެ.

“ލެޓްސް ސީ އިޒޫ، ތިހެން އަބަދު އަހަރެން ރިޖެކްޓް ކުރާނީތަ ނޫނީ އަހަރެން އިޒޫގެ ލައިފް ހަލާކުކޮށްލާނީތަ؟” ޖިޔާންގެ އަނގައިން ބޭރުވި އެ ބަސްކޮޅާއިއެކު އޭނާ ހޭން ފެށީ މޮޔަވެފައި ހުރި މީހަކު ފަދައިންނެވެ.

_____

އިޒްހާއަށް ޚިޔާލުތަކުން ބޭރުވެވުނީ ބަންގިގޮވަން ފެށުމުންނެވެ. އޭނާ އަވަހަށް އިޝާ ނަމާދުކޮށްލައިގެން ނިކުތީ ކާން ހަދާށެވެ.

…..

“ފުރަތަމަ ޕްލޭން ކާމިޔާބުތަ؟” މާސްކު އަޅައި މޫނު ނިވައިކޮށްގެން ހުރި ޒުވާނާ ކުރިމަތީގައި ހުރި ޖިޔާންއަށާއި ޝިއުނީއަށް ބަލައިލީ ނުރައްކާތެރިކަމުން ފުރިގެންވާ ނަޒަރަކުންނެވެ.

“ޔެސް.. މިހާރު ރައިލީ ހީކުރާނީ އިޒްހާ ޗީޓްކުރިކަމަށް. އަދި އެވެސް އަހަރެންނަށް.” ޖިޔާން އެހެން ބުނުމާއިއެކު އެ ޒުވާނާ ޖަހައިލީ ހިނިގަނޑެކެވެ.

“ކަލޭ ހަމަ ބަރާބަރު! އިޒްހާ! ކަލޭ ހަނދާން ކުރާތި! ކަލޭގެ މަންމަ އަހަރެންގެ މަންމަގެ ދިރިއުޅުން ހަލާކުކޮށްލި ފަދައިން އަހަރެންވެސް ހަމަ އަހަރެންގެ މި ދެއަތުން ކަލޭގެ ތި ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާނަން.” އެ ޒުވާނާގެ އަނގައިން ބޭރުވި އެ ރުޅިވެރި ބަސްތަކާއިއެކު އޭނާގޮސް އަނދިރިގަނޑުގެ ތެރެއަށް ގެއްލުނެވެ.

…..

“ކީކޭ ދޮންބޭ؟” އިޒްހާ ބޭރު ޖޯލިފައްޗަށް ނުވައެއް ޖެހިއިރު އެ އައީ އިޒްއާންގެ އެދުމަށެވެ.

“ލުކް.. އިޒޫ.. އަމް ސޮރީ..” އިޒްއާން އެހެން ބުނެލިއިރު ޖެހުނު ފިނި ވައިރޯޅިއާއިއެކު އޭނާގެ އިސްތަށިގަނޑުވެސް ނަށައިލިއެވެ.

“ހަނ؟ ދޮންބެ ސޮރީ ބުނާވަރުގެ ކަމެއް ނުކުރަމެއްނު؟ ދެން ކީވްވެ ތި ސޮރީ ބުނީ؟” އިޒްހާއަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާންކަމެވެ.

އިޒްއާން އިޒްހާ އާއި ދިމާއަށް ބަލައިލިއިރު އެ ދެލޮލުން ފެންނަނީ ލޯތްބާއި ކުލުނެވެ. އެ ދެލޮލުން ވާހަކަތަކެއް ކިޔައިދޭ ފަދައެވެ.

“އިޒޫ. އަހަރެންނަށް އިނގޭ ކުރީގަ އަހަރެން އިޒޫ އިގްނޯރ ކުރާތީ ވަރަށް ދެރަވާކަން. އަދި އަހަރެން އަމިއްލައަށްވެސް ޤަބޫލުކުރަން އަހަރެން އިޒޫ އާއި މެދު ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން. ކޮންމެ ކަމެއް ކުރަންވެސް އަމުރުކޮށް… މިއީ އަހަރެން ފަހުން ވަރަށް ރިގްރެޓް ކުރި ކަމެއް. އަހަރެން ކުޑަ އިރުއްސުރެ އިޒޫ ދެކެނީ ލިޓްލް ސިސްޓާރއެއް ގޮތަށް. އެކަމު މަންމަ ކަންތައް ކުރާ ގޮތް ފެނިފަ އިޒޫއަށް ރީތިކޮށް ވާހަކަ ދައްކަން ނުކެރުނީ.. އަދި އެއީވެސް މަންމަ ނުރުހިދާނެތީ. މަންމަ އިޒޫއަށް ކުރި ކަންތަކާއި މެދުވެސް އަހަރެން ލަދުވެތިވަން.. އޮން ބިހާފް އޮފް މީ އެން މައި މޯމް.. އައިމް ރިއަލީ ސޮރީ އިޒޫ. ދޮންބެއަށް މާފުކުރޭ.. ދެން ދުވަހަކުވެސް ދޮންބެ އިޒޫ އިގްނޯރއެއް ނުކުރާނަން. ކޭން ޔޫ ގިވް މީ އެ ޗާންސް ޓު މޭކް ތިންގްސް ރައިޓް؟” އިޒްއާންގެ ދިގު ސްޕީޗް ނިންމައިލިއިރު އޭނާއަށް އިނީ އިޒްހާއަށް ދެލޯ ހަމަކުރަންވެސް ނުކެރިފައެވެ

– ނުނިމޭ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!