‘އެނީވޭސް މަލް ހިނގާބަ ފިހާރައަށް.. އެއޭ އަހަރެން އަސްލު އައި ކަމަކީ..’ އާލާ ތެދުވެގެން މަލްކާ ކައިރިއަށް ޖެހިލިއެވެ.

‘ހޫމް ހިނގާ..’ މަލްކާވެސް އިންތަނުން ތެދުވެލިއެވެ.ދެމީހުން އެކުގައި ހިނގާފައި ދިޔަތަން ބަލަން އިނދެފައި ޒުލްފާވެސް ތެދުވެގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

‘މެލޯ.. އެކަމާ މާބޮޑަށް ނުވިސްނައްޗޭ.. މެލޯގެ ވައްތަރު އެނގޭތީ މިބުނީ އެނގޭ.. ޖަސްޓް ލައިކް ޔޯ މޯމް.. ދަ އޯވަރ ތިންކިންގް..’ މަލްކާމެން ގެއިން ނުކުމެފައި އާލާ ބުނެލިއެވެ.

‘ޔެސް މައި މޭޑަމް.. ގޮޓް ދެޓް..’ މަލްކާ ހިނިތުންވެލިއެވެ.

‘ދެޓްސް ލައިކް މައި ބެސްޓީ..’ އާލާ ހިނިތުންވެފައި މަލްކާގެ ކޮލުގައި ހިފާލިއެވެ.

‘އޭ އަހަރެން ކޮލުގަ އަތް ނުލައްޗޭ..’ އާލާގެ އަތް ދުރުކޮށްލަމުން މަލްކާ އޭނާގެ ކޮލުގައި ފިރުމާލިއެވެ.

‘ހިފާނެ ވަރެއް..’ ދޫ ނެރެލަފާއި އާލާ ހިނިގަޑެއް ޖަހާލިއެވެ. ދެމީހުންވެސް އެކިކަހަލަ ވާހަކަތަކުގައި ޖެހިފަ ތިބެގެން ފިހާރައަށް ގޮސް ވަދެލިއެވެ.

‘މި ސެންޓް ފުޅިތަ.؟ ނޫނީ އެއިން ފުޅިތަ.؟ މެލޯޯ ބުނެބަ މީރުވަސް ދުވަނީ ކޮން ފުޅިއަކުން..’ ސެންޓް ފުޅިތައް ހުރި ހަރު ކައިރީ ހުރެގެން ފަހަރަކު ފުޅިއެއް މަލްކާއަށް ދައްކަމުން އާލާ ބުނެލިއެވެ.

‘އަހަންނަށް ހެޔޮ ތިތާ ހުރިއްޔާ ހުރިހާ ސެންޓް ފުޅިއެއް ގެންދިއައަސް.. ޕްލީސް އަހަރެން ކައިރީ އޮޕީނިއަން އަކަށް ނާހާ..’ މަލްކާ ބޯހޫރާލިއެވެ.

‘ހެވޭ ހެވޭ.. އެހެންނޫނަސް މި އަހަރެން ގެންގޮސްފާނަން..’ އަތުގައި ހުރި ސެންޓް ފުޅި ނޭފަތާ ކައިރި ކޮށްލަމުން އާލާ ކުސްތަޅާލިއެވެ.

ގަންނަން އައި ސާމާނުތައް ހަމަވުމުން އާލާ ދިޔައީ ކައުންޓަރު ކައިރިއަށެވެ. ބޭރުގައި މަޑުކޮށްގެން ހުންނާނަމޭ ބުނެފައި މަލްކާ ފިހާރައިން ނިކުމެލިއެވެ.

މީހަކު ކަރުކެހިލި އަޑަށް މަލްކާ ފަހަތަށް އެނބުރި ބަލައިލިއެވެ. ކުރިމަތީގައި ހުރި ޝައިލް ފެނުމުން މަލްކާއަށް އިސް ޖަހާލެވުނެވެ.

‘ހައި.. ފިހާރައަށް އައިސްދޯ.. އިއްޔެ ހަވީރުގެ ފަހުން މަލްކާ މިދެކުނީ.. ވިސްނާލިންތަ..’ ޝައުގުވެރި ވެފައި ހުރި ރާގަކަށް ޝައިލް އަހާލިއެވެ. މަލްކާ އިސްއުފުލައިލިއެވެ. ޝައިލް ބަލައިން ހުރި ގޮތުން މަލްކާއަށް އުދަނގޫ ވާން ފެށިއެވެ. މިނިމުނު މަސްދުވަސް ތެރޭގައި ވެސް ޝައިލް އޭނާއަށް މިފަދަ ބެލުމަކުން ނުބަލައެވެ.

‘ނޫން..’ ކުރު ޖަވާބަކުން ފުއްދާލަމުން މަލްކާ ފަހަތަށް އެނބުރިލިއެވެ.

‘އޭ.. މަޑުކޮށްބަ..’ ކުރިއަށް އަޅަން މަލްކާ ނަގައިލި ފިޔަވަޅަށް ހުއްޓުމެއް އައީ ޝައިލް އޭނާގެ އަތުގައި ހިފާ ހުއްޓުވުމުންނެވެ. ފުރަތަމަ ފަހަރަށް ޝައިލްގެ ނިޔަތާ މެދު މަލްކާއަށް ޝައްކުވާން ފެށީ އޭނާގެ އަތުގައި ޝައިލް ހިފި ގޮތުންނެވެ. އަތް ފޯޅުވާލަމުން ޝައިލް އާ ތަންކޮޅެއް ދުރަށް ޖެހިލައި މަލްކާ ހަށަން ބަދެލިއެވެ.

‘އަހަރެންގެ ސުވާލުގެ ޖަވާބަކީ ނޫނެކޭ ނޫން.. އަވަހަށް ޖަވާބެއް ދޭންވީ އިނގޭ.. އަހަންނަށް މާބޮޑަށް ކެތެއް ނުލެވޭނެ..’ ޝައިލް ކިތަންމެ ރީތިކޮށް އެހެން ބުންޏެއް ކަމަކު މަލްކާއަށް ފާހަގަވީ ފަހު ޖުމްލައިން އޭނާގެ ރާގަށް އައި ބަދަލެވެ.

ފުންނޭވާއެއް އެތެރެއަށް ލުމަށްފަހު މަލްކާ ބޯ ޖަހާލިއެވެ. ޝައިލްގެ އުޅުމަށް އައިސްފައި ހުރި ބަދަލެއްގެ ސަބަބުން އަނގައިން އެއްޗެއް ބުނާކަށް ނުކެރުނީއެވެ. އެއްބުމަ މައްޗަށް އަރުވާލަމުން ޝައިލް ޖެހިގެން އޮތް ގޯޅިއަށް އަޅައިލިއެވެ.

ނޭގޭ ބިރެއް މަލްކާގެ ހިތުގައި އުތުރި އަރައިގަތެވެ. އިއްޔެއާ ޖެހެންދެންވެސް މަޑުމަޑުން ހުރި ޝައިލްއަށް މިއަދު ވެފައި ހުރި ގޮތުން މީހަކު ހައިރާންވާނެއެވެ. އެކަނި އެތާ ހުންނަން ނުކެރިގެން ފިހާރައިގެ ދޮރާދިމާއަށް ދާން ހިނގައި ނުގަނެވެނީސް އާލާ ފެނުމުން މަލްކާގެ ހިތަށް ފިނިކަމެއް ލިބުނެވެ.

‘ހިނގާ ގެއަށް..’ އާލާ ފެނުމާއެކު މަލްކާއަށް ބުނެވުނެވެ. މަލްކާގެ މޫނުގައި ހުރި ކުލަވަރުން ކަމެއް ގޯސްވެއްޖެ ކަން އާލާއަށް ޔަގީންވިއެވެ. މިވަގުތު އެހިއަސް މަލްކާ ނުބުނާނެކަން އެނގޭތީ އަޅާނުލާ އާލާވެސް ހިނގައިގަތެވެ.

******

ރޭނގަޑުގެ ކަނު އަނދިރިކަން ދުނިޔެ ވަށާލީ ހީވެސް ނުކުރާހާ އަވަހަށެވެ. އެނދުމަތީގައި އުއްޑުން އޮށޯވެގެން އޮތް މަލްކާގެ ދެލޮލަށް ސިފަވަމުން ދިޔައީ މިއަދު ޝައިލް އުޅުނު ގޮތެވެ. މިއޮއް ހުރިހާ ދުވަހު ޝައިލް ދައްކަމުން ދިޔައީ ދަޅައެއް ބާވައެވެ. މިއަދު މަލްކާއާ ވާހަކަ ދެއްކީ މިހާދުވަހު ފެނި ދެނިފައިވާ ޝައިލް ހެއްޔެވެ. ނުވަތަ އެހެން މީހެއް ހެއްޔެވެ. މިފަދަ ހިޔާލުތަކުގައި އޮއްވާ ނިދިޖެހުނީ ކިހިނެތް ކަމެއްވެސް މަލްކާއަށް ނޭނގުނެވެ.

‘މަލްކާ.. ދަރިފުޅާ..’ ނިދިފައި އޮތް މަލްކާއަށް ހޭލެވުނީ ދޮރުގައި ޓަކިދެމުން ޒުލްފާ ގޮވާލި އަޑަށެވެ.

‘ޝޫޓް ނިދުނީ ކޮންއިރަކު.. އަނެއްކާ ފަތިސްވީތަ.؟ އަދި ގައިމުން އަލި ނުވިލޭނެ..’ ކުޑަދޮރާދިމާއަށް ބަލައިލަމުން އެއްއަތުން ބޮލުގައި ހިފައިގެން ހުރެ މަލްކާ ފޯނު ހޯދާލިއެވެ.

‘ހޭލެވިއްޖޭ.. ނުވަ ގަނޑި ފަންސަވީސް.. ނަސީބެއްނު ހީކުރީ ފަހެއް ޖަހައިފިއޯ.. ‘ ޒުލްފާއަށް އަޑު އިއްވާލަމުން މަލްކާ ގަޑި ކިޔާލިއެވެ.

‘ނުކައި ނިދީ ދޯ.. ކާން ނިކުމޭ، ކަން ހަދާފަ ހުންނާނެ.. މަންމަ މިދަނީ މަލާ ހޯދައި އިނގޭ..’ ޒުލްފާ ގެއިން ނުކުންނަން އުޅެފައި ބުނެލިއެވެ.

‘އާނ މި ދަނީ..’ ޒުލްފާއަށް ޖަވާބު ދީފައި މަލްކާ ފާހާނާއަށް ދާން އަވަސްވެގަތެވެ.

******

އާދުވަހަކަށް އިރު ފެނުން މައްޗަށް ތޮޅިލީ ރަށުގެ ގިނަ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަމުންނެވެ. ރަށުގެ ނަން ހޮވާލެވޭ މަސްވެރިއެއް ކަމަށްވާ ނައީމްގެ އަންހެން ދަރިފުޅު ނަޝްޔާ ގެއްލިގެން ހޯދަމުންދާ ވާހަކަޔާ އެކީއެވެ. މިއީ މި މަހުގެ ތެރޭގައި ގެއްލިގެން ހޯދަމުން ދާ ފުރަތަމަ ނުވަތަ ދެވަނަ ކުއްޖެއް ނޫނެވެ. ނަޝްޔާގެ އިތުރުން އަދި ދެތިން ކުއްޖަކު ގެއްލިގެން ހޯދާފައި ވެއެވެ.

ބުނެވެމުންދާ ގޮތުގައި އިޝާނަމާދުން ފޭބިގޮތަށް ގްރޫޕް ސްޓަޑީއަކަށް ގޮސް އެގާރަ ޖެހިއިރުވެސް ނަޝްޔާގެ ހަބަރެއް ނުވުމުން ނައީމް ގުޅީއެވެ. އެގޭ މީހުން ބުނާގޮތުގައި ދިހައެއް ޖެހިތަނާ ނަޝްޔާ ގެއަށް ދާން އެގެއިން ނިކުތެވެ.

‘މަލާކްމެންނާ އެއް އަހަރެއް ދޯ ނަޝްޔާ.. މަންމަ އަޑުއެހީމޭ ކުރިންފަހަރު ގެއްލުނު ކުއްޖާ ފެނުނު އިރު އޮތީ ރޭޕް ކޮށްފައޯ.. ވަރަށް އަނިޔާ ވެސް ކޮށްފައޯ އޮތީ.. ހާލު ގޯސްކަމުން ރަށުން ބޭރަށް ފުރީއޭ..’ ޒުލްފާ އާއި މަލްކާ ދައްކަމުން ދިޔައީ ރަށުތެރެއިން އިވެމުންދާ ވާހަކައެކެވެ.

‘އާނ.. އަހަންނަށް ވެސް އިވުނު.. ތިހުރިހާ ކުދިންނެއް ގެއްލުވަނީ އެކަކު ކަމަށް މިހާ ދުވަހު ހިތަށް އެރީ.. މިހާރު ޔަގީން ވެއްޖެ.. މަންމާ މަލާ ކައިރީ ބުނައްޗޭ އެކަނި ތާކަށް ނުދާށޭ.. މިވާގޮތުން ކުއްޖަކު އެކަނި މަގުމަތީ އުޅެން ހެޔޮވެސް ނުވާނެ..’ މަލްކާ އޭނާގެ ހިޔާލު ފާލުކޮށްލިއެވެ.

‘މަލާ އެކަންޏެއް ނޫން ދަރިފުޅުވެސް ގެއިން އެކަނި ގޮސްގެން ނުވާނެ.. ނަވާރަ ފުރުނެއް ކަމަކު މަންމައަށް އެނގޭ ގައިގަ ނުހުންނާނެކަން މީހަކު އައީމަ ތޮޅޭނެ ވަރެއް.. ތިދެމީހުން ކުރެ އެކަކަށް ވެސް ދެރައެއް ލިބޭތަން ބަލަން މަންމައަށް ކެތްނުވާނެ..’ ޒުލްފާ ބުނެލިއެވެ.

‘އައްސަލާމް އަލައިކުމް.. އެބައުޅެންދޯ.. އެސައިންމަންޓް ތަކެއް ހަދަން މިއައީ.. މެލޯ ފޯން ކޮބާ.. އަހަރެން ހާދަވަރަކަށް މެސެޖް ކޮށްފީމޭ..’ ގޭތެރެއަށް ބޯދިއްކޮށްލަމުން އާލާ ބުނެލިއެވެ.

‘އާލް.؟ އާދޭ އެތެރެއަށް.. ފޯނު ދޯ.. ޗާރޖް ހުސްވެގެން ޗާރޖަށް ޖައްސާފަ އައިސް މިތާ އިންނަތާ ވަރަށް އިރު ވެއްޖެ.. އެނީވޭސް މިތާ މަޑުކޮށްލާތި އަހަރެން ކޮޓަރިއަށް ގޮއްސަ އަންނާނަން.. މޮޕު ލާފަ ހުރީމަ މިއަދު ތިބެން ޖެހޭނީ މިތާ..’ އާލާއަށް ތަންދައްކާފައި މަލްކާ ހިނގައިގަތީ ފާހާނާއަށް ދާށެވެ.

‘އާލް ޖޫސް ބޯނަންތަ.؟’ ބަދިގެއާ ދިމާއަށް ދަމުން ޒުލްފާ އަހާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން އާލާ ބޯ ޖަހާލިއެވެ.ޒުލްފާ ބަދިގެއަށް ވަނުމުން އާލާ އަޅައިގެން ހުރި ދަބަހުގެ ތެރެއިން ފޮތްތަކެއް ނަގާލިއެވެ.

‘އެ ފޯނު ގަނޑު އަދި ޗާރޖުވާކަށް ގާތެއްވެސް.. ކޮން ޗާޕްޓަރ އެއްތަ.. އަހަރެން އެންމެ ފަހުން ހަދާފަ އިނީ ބާވީސް ވަނަ ޗާޕްޓަރ.. އާލް އޯ.؟’ ފޮތްތައް ހިފައިގެން އައިސް އިށީންނަމުން މަލްކާ އަހާލިއެވެ.

‘ދެން ދެމީހުން ހެދީ އެއްތާކު ތިބެއެއްނު.. ބާވީސް އިނީ..’ އާލާ ހިނިތުންވެލިއެވެ.

‘އެއްތާކު ތިބެ ހެއްޖެއް ކަމަކު އާލް އިށީނދެފާނޭ ބޯޑަރުގަނޑު ހަދާލަ ހަދާލާވެސް.. އެހެންވީމަ ޖެހޭނީ ފުރަތަމަ އަހާށެއްނު..’ މަލްކާ ހީގަތެވެ. އެވެސް ތެދެކޭ ބުނެފައި އާލާވެސް ހުނުމުގައި ބައިވެރިވިއެވެ.

‘އަން މިހުރީ ޖޫހާ ކުޅިކާޖާ.. ފިލާވަޅު ހަދާއިރު ހަފާލާނެ އެއްޗެއް ހުންނަން ވާނެއްނު..’ ތަބަކެއްގައި ކުޅިކާޖާ ތައްޓަކާއި ދެޖޫސްތަށި ހިފައިގެން އައިސް ޒުލްފާ ދިގުކޮށްލިއެވެ.

‘ޒުލްފައްތަ ހާދަ ސްވީޓޭ.. ތޭންކްސް..’ ޖޫސްތަށި ނަގަމުން އާލާ ބުނެލިއެވެ. ޒުލްފާއަށް ހިނިތުންވެފައި މަލްކާ ތަބަށް ނަގައިލިއެވެ. އާލާގެ ބޮލުގައި ފިރުމާލުމަށްފަހު ޒުލްފާ ދެން ވަނީ ކޮޓަރިއަށެވެ.

‘މިރަށު ވަރަށް ބޮޑު ކަންތަައްގަނޑެއް އެބައުޅޭ ދޯ.. ނަޝްޔާ އަދިވެސް ނުފެނެއޭ..’ ގެއިން އައި ގަޑީ އިވުނު ހަބަރު ހިއްސާކޮށްލަމުން އާލާ ބުނެލިއެވެ.

‘އާނ.. ގެއްލޭ ކޮންމެ ކުއްޖަކު މިފެންނަނީ ދެދުވަސް ތިންދުވަސް ފަހުން.. ދެން ނޭނގޭ ކިޔާނެ އެއްޗެއްވެސް.. ގެއްލުނު ހުރިހާ ކުދިން ގޮތަކަށް ތިބީ ރޭޕްވެސް ކޮށްފައޯ ދޯ..’ މަލްކާ ޕިސްޕިސް ކިޔާލިއެވެ.

‘އާނ އަހަރެން އަޖައިބު ވަނީ އަދިވެސް ކުދިން އެކަނި ބޭރަށް ފުނުވާތީ.. މިއޮއް ރޯމާ ދުވާލުވެސް ދޮންބެ އަހަރެން އެކަނި އަޔަކަ ނުދީގެން ސައިކުގަ ގެނައީ..’ އާލާ ކުދިކިޔާލިއެވެ.

‘އަސްލު އެޔޭ މިހާރު އެންމެ ސޭފް ގޮތަކީވެސް.. ބައި ދަ ވޭ މިއަދު ހަވީރު އެބައިންދޯ ހިގާލުމެއް ކޮލެޖް ކުދިންގެ.. އެންޓި ރޭޕް..’ މަލްކާ އަހާލިއެވެ. ރަށު ކޮލެޖް އިން މިދުވަސްކޮޅުގެ ހާލަތަށް ރިއާޔަތްކޮށް ބާއްވާ ހަރަކާތެކެވެ.

‘އާނ ދާންވާނެ.. ދެން މިކަމާއިގެން އުޅެމާ ހިނގާ.. އަވަހަށް މި ނިންމާލާފަ ގެއަށް ގޮސް އަނެއްކާ އަންނަން ޖެހޭނީ.. ފޯރ ފިފްޓީން އަށޭ ދޯ..’ އާލާ ބުނެލިއެވެ. ދެމީހުންވެސް ދެން އުޅެގަތީ ފިލާވަޅުތައް ނިންމާށެވެ.

******

ހަވީރުގެ ހިތްގައިމު ވަގުތެވެ. ހުދުކުލައިގެ ސެޓާރން އެއް ކުރަހާފައި އިން ކަޅު އަތްދިގު އޯވަރސައިޒްޑް ޓީޝާރޓަކާއި ނޫކުލައިގެ ލެޓަރ ސްޓްރައިޕްޑް  ޖީންސެއް ލައިގެން ފުނާއަޅަން އިން މަލްކާ އިރުއިރު ކޮޅާ ފޯނަށް ބަލައިލައެވެ.

‘މި އާލް ވެސް ދޯ.. އަންނާނަމޭ ބުނެފަ..އެޖެހީ ހަތަރެއް.. މިހާރު ހުރީ އެންމެ ފަނަރަ މިނިޓް..’ މަލްކާ ޕިސްޕިސް ކިޔާލިއެވެ.

‘މި ނިކުތީ..’ އާލާގެ ރިޕްލައި ލިބުމުން ބަރު ނޭވާއެއް ލުމަށްފަހު މަލްކާ ނޫކުލައިގެ ބޮޑު ބޯވ ޓައި އެއް އިން ދައްޗެއް ބޮލުން ގަތާލި ބައިގައި ޖަހާލިއެވެ. ކަޅު ކުލައިގެ ވެޖް ހީލް އަކަށް އަރައިގެން މަލްކާ ގެއިން ބޭރަށް ނިކުމެލިއެވެ.

މާގިނަ އިރަކު އަލްޔާއަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އަޔާންގެ ސައިކަލުގައި އައި އާލާ ހުރީ ގަދަ ނޫ ކުލައިގެ ކްރޮޕް ޓޮޕަކާއި ކަޅު ޖީންސްއެއްގައެވެ.

‘ހިނގާ ދާން..’ ދެމީހުން އެކީގައި ހިނގައިގަތެވެ.

ކޮލެޖް ގެ އެތެރެއިން ފެންނަމުން ދިޔައީ އެކި އުމުރު ފުރައިގެ ކުދިންތަކެވެ. ލައިންތައް އެތުރިފައި ވާއިރު ގިނަ ކުދިންގެ އަތުގައި ޕޯސްޓަރ ހުއްޓެވެ. ‘އެންޑް ރޭޕިން ކަލްޗަރ’ އޭ ބޮޑު އަކުރުން ލިޔެފައި އިން ޕޯސްޓަރ އެއް ނަގައިގެން މަލްކާއާއި އާލާ އެ ކުލާސް ކުދިން ތިބި ލައިނުގެ ފަހަތަށް އެރިއެވެ.

ހިނގާލުން ފެށުނީ ހަތަރުގަނޑި ބައިންނެވެ. ފުރަތަމަ ދިޔައީ ރަށު ޖެޓީ ސަރަހައްދަށެވެ. އެހިސާބުން ދެން އެންމެންގެ މިސްރާބު ޖެހީ ރަށު ވަށައި މަގަށެވެ. އެމަގުން ގޮސް ރަށުތެރޭގައި ކުޑަކޮށް ހިނގާލުމަށްފަހު ކޮލެޖްއަށް ދިއުމަށެވެ.

‘އަހަރެން ބަލިވެއްޖެ.. މިރަށް ހާދަ ބޮޑޭ..’ ތަންކޮޅަކަށް ގޮސްފައި އާލާ ތުންދިގުކޮށްލިއެވެ.

‘ހެހެއްހެ.. އާލްވެސް އަހަންނާއެކު މޯނިންގް ޖޮގަށް ދާނަމަ ނުވާނެ ތި ވަރެއް..’ މަލްކާ ދިމާކޮށްލިއެވެ.

‘ތިވެސް ތެދެކޭ.. ދެން އަންނަ ހުކުރުން ފެށިގެން އުޅެންވީ ކަންނޭނގެ..’ އާލާ ބުނެލިއެވެ.މަލްކާގެ ފޯނުވެސް ރިންގުވާން ފެށީ ހަމަ އެވަގުތުއެވެ.

‘އާލް މިތާނގަ ހުރެ ފޯނުން ވާހަކަ ނުދެއްކޭނެ މިދަނީ އެކޮޅަށް އިނގޭ..’ ހުރިހާ މީހުންނާ ދުރުގައި ހުރި ތަނަކަށް އިޝާރާތް ކޮށްފައި މަލްކާ ހިނގައިގަތެވެ.

‘އާނ މަންމާ.. ދެން މާކަ އިރެއް ނުވާނެ.. އެހެންނޫނަސް ކޮލެޖް އެނެމެންވެސް މިތިބީ ނޫން..’ ޒުލްފާ މަލްކާ އަންނަލެއް ލަސްކަމުން ކަންބޮޑުވެގެން އުޅޭތީ މަލްކާ ބުނެލިއެވެ. ޒުލްފާ ފޯނުބޭއްވުމުން މަލްކާ އެނބުރިލީ ކުދިންތައް ތިބި ހިސާބަށް ދިއުމަށެވެ.

‘ދޫކޮށްލާ.. ނޫން..’ ކުރިއަށް ދާން ނަގާލި ފިޔަވަޅު ހުއްޓުނީ މަލްކާއަށް ފަހަތުން ދަންނަ އަޑެއް އިވުމުންނެވެ.

‘ނަޝްޔާ..؟’ މަލްކާއަށް އަހާލެވުނެވެ.

********

“ހޭ ގައިސް. އައިމް ރިއަލީ ސޮރީ ފޯރ ބީންގް ދިސް މަޗް ލޭޓް🥺 ސްކޫލް ބިޒީކަމުން ވާހަކަ އާއިގެން ނޫޅެވެނީ 😞 ބަޓް އައިލް ޓްރައި މައި ބެސްޓް ޓު ބްރިންގް އިޓް އޭސް ސޫން އޭސް އައި ކޭން 😊 ހޯޕް ޔޫ ގައިސް އަންޑަރސްޓޭންޑް.. އަނެއް ބައަށް އިންތިޒާރު ކޮށްލައްވާ⁦ 🤍 ސީ ޔޫ ދެއަރ.. އަންޓިލް ދެން ސްޓޭ ސޭފް އެން ޓޭކް ކެއަރ⁦❤️⁩⁦ ލަވް ޔޫ 🥰

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!