އާދައިގެމަތިން މިއަދުވެސް އަހަރެން ހޭލިއިރު ހަވީރުވާން ގާތްވަނީއެވެ. ހައިކަން އިހުސާސްވެފައި ހުރުމުންނާއިއެކު އަހަރެން އަވަސްވެގަތީ ފެންތިކެއްވަރައިލައިގެން ނިކުންނާށެވެ. ރޭގަނޑުދާ  ހަތަރުދަމު އަހަރެން ވަގުތު ހޭދަކުރަނީ އަހަރެންގެ އެކުވެރިންނާއެކުގައެވެ. ޕާޓީ ކުރުމުގައެވެ. މަޖަލާ ފޯރީގައި ދީނުގައި ހަރާމް ކުރައްވާފައިވާ ކަންތައްވެސް ކުރަމުން ދިޔައީ ހެއްދެވި ފަރާތެއް ވާކަންވެސް ނޭނގޭ މީހެއްފަދައިންނެވެ. ބިރުގެކަންފުޅެއް ވެސް ނެތިއެވެ.

އުމުރުން ފަނަރަ އަހަރަށް އަޅަންދެންވެސް އަހަރެންމީ ވަގުތުން ވަގުތަށް ނަމާދުކޮށް ދީނީކަންކަމަށް ސަމާލުކަންދޭ، ރަނގަޅު ކުއްޖެކެވެ. ނަމަވެސް އަހަރެންނާއި ދިމާވި ބީރައްޓެހި ދެ ކުއްޖެއްގެ ސަބަބުން އަހަރެންނަށް މަގު އޮޅިގެންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއަދާއި ހަމައަށް އައި އިރުވެސް އަހަރެން މިހެން އުޅޭތީ މަންމަމެން އަދި އެކުވެރިންނާއި ހެޔޮއެދޭ މީހުންވެސް އެހެން ނޫޅުމަށް ނަސޭހަތްދެއެވެ. ނަމަވެސް އެކަކުދޭ ނަސޭހަތެއްގެ ބަހެއްނާހަމެވެ. މަންމަދޭ ނަސޭހަތެއް ނޫނީ އަޑުވެސް ނާހަމެވެ. އެކަމަކު މަންމަދޭ ނަސޭހަތްވެސް ކަނުލާ އަޑުއަހަމެކޭ ނުބުނެވޭނެއެވެ. މަންމަގެ ނަސޭހަތް އަޑުއަހަން އިންނައިރުވެސް އަހަރެންގެ ހިތާއި ސިކުނޑީގައި ހިނގަމުން ދަނީ އެހެން ހިޔާލުތަކެވެ. އަހަރެން އެހެން އުޅޭތީ މިހާރު  ގޭގައި އުޅޭ މަންމަނޫން އެހެން ހުރިހާ އެންމެން ވާހަކަ ދެއްކުން ހުއްޓާލައިފިއެވެ.

” ދަރިފުޅާ ޝާއިން..މިކޮޅަށް އާދެބަލަ..” އަހަރެން ކައިގެން ބަދިގެއިން ނިކުމެ ގެއިން ބޭރަށް ނިކުތުމަށް ހިނގައިގަތްތަނާ އަހަރެންގެ މަންމަ އަހަރެންނަށް ގޮވާލިއެވެ. މަންމަގާތަށް އައުމަށް އެދުމުން އަހަރެން ގޮސް މަންމަގާތު އިށީނީމެވެ. އަހަރެން މަންމަގާތު އިށީން އިރުގައިވެސް އަހަރެންނަށް މަންމަދައްކާނީ ކޮން ވާހަކައެއްކަން އެނގެއެވެ. އެހެންކަމުން އަވަހަށް އެތަނުންދާން ދައްކާނެ ބަހަނާއަކާއި މެދު ވިސްނަންފެށީމެވެ.

” ދަރިފުޅާ..މަންމަ މިއަދު މިދޭ ނަސޭހަތް ވަރަށް ރަނގަޅަށް ކަނުލާ އަޑުއަހާތި..މަންމައަށް އެނގޭ ދަރިފުޅު މިތަނުން އަވަހަށް ދާން ބޭނުންކަން..އެކަމަކު އަޑުއަހާ އެއަށްފަހު ދަރިފުޅު ބޭރަށް ދިޔަޔަސް ހެޔޮ..ދަރިފުޅާ..އަހަރެމެން ހުރިހާ އެންމެން ވެސް މި ދުނިޔެއަށް ފޮނުވީ އަހަރެމެން ހެއްދެވި ފަރާތަށް އަޅުކަންކޮށް ރަނގަޅަށް އުޅެން..ދެ މަގެއް ދައްކާ ކޮންމެވެސް އެއްމަގެއް އިޚްތިޔާރުކޮށް، އެމަގަކުން ހިނގަން އެކަމަކު އެއީ ވަރަށް ރަނގަޅަށް ފަހުންވެދާނެ ގޮތަކަށް ވިސްނައިގެން..ދަރިފުޅު ތިއޮތީ ރަނގަޅަށް އޮތްމަގުން ހިނގަހިނގާފައި ނުވެސް އެނގި ފަޅި ސިކުންތު ކޮޅެއްތެރޭގައި ވިސްނާލުމެއްވެސް ނެތި މަގު ބަދަލު ކޮށްލާފައި..ދެ މަގުވެސް މިވަނީ ލޮލަށް ނުފެންނަހާ ދުރަށްގޮސް ގެއްލިފައި އެތަނުން ރަނގަޅީ ކޮން މަގެއްތޯ ބުނަންޖެހިފައި..ދަރިފުޅާ ވަރަށް ރަނގަޅަށް މަންމަ މި ދައްކާ ވާހަކައާއި މެދު ވިސްނާތި..ލޯމަރައިގެން އިނިއްޔާ ފަސޭހައިން ދަރިފުޅުގެ ސިކުނޑިއަށް ވިސްނޭނެ..” އަހަރެންގެ މަންމަ އަހަރެންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އަހަރެންގެ އިހުތިޔާރުން ބޭރުގައި އަހަރެންނަށް ލޯމަރާލެވުނެވެ.

އަނެއްކާވެސް މަންމަ ވާހަކަ ދައްކަންފެށިއެވެ. ” ދަރިފުޅާ..ކަނާތަށް އޮތް މަގުއެއީ ކަނޑިއެއްގެ މިޔައެއްހާ ތެދުމަގެއް..އަލިވެ ބަބުޅާފައިވާ ވަރަށް ރީތި މަގެއް، ވަރަށް އުޖާލާކޮށް..އެކަމަކު ވައަތަށް އޮތް މަގު އެއީ ސީދާކަމެއް ނެތް މަގެއް..ދެފަރާތުގައި އަލިފާން..އެ އަލިފާންގަނޑަށް މިނިވަންކަމާއެކު އެއްވެސް ފިކުރެއް ހިޔާލެއް ނެތި އުޅޭމީހުން ދިޔުންވަނީ .. އެ އަލިފާންގަނޑުގެ ތެރޭގައި އަނދައިގެން ދިޔުން އޮންނާނީ .. އަހަރެމެންނުވާނެ  ޝައިތާނާގެ ބަހަށް ހެއްލޭކަށް .. ..އެކަމަކު އޭރު ބުނި ކަނާތަށް އޮތް މަގުގައި ވަނީ މަލާއި މޭވާއިން ފުރިފައި..މާނައަކީ އެމަގުގައި އޮތީ އުފާވެރިކަމާއި ހިތް ހަމަޖެހުމެ..އަދި މަގު ގޮސް ނިމޭތަނުގައި އޮތީ ކޮންފަދަ ތަނެއް..ރަނުން ހަދާފައިވާ މަންޒިލަކަށް ވުރެންވެސް މާފުރިހަމަތަނެއް..ދާއިމީ ތަނެއް..އެކަމަކު އެ މަންޒިލާއި ހަމައަށް އެ ގޮވެއްޗާއި ހަމައަށް ދިއުމަށް އަހަރެމެންނަށް ކުރިމަތިވާ ކަންތަކުން، ދެވޭ އިމްތިހާންތަކުން ހިތްވަރާއެކު ފާސްވާންޖޭހޭ..” މަންމަ މިފަހަރު ނަސޭހަތް ނިންމާލީ ހަމަރަނގަޅަށްވެސް އަހަރެންގެ ހިތަށް ބިރުވެރިކަން ވައްދާފައެވެ. އަހަރެން ހާސްވާން ފެށިއެވެ. ލޯ ހުޅުވާލެވުނު އިރު އަހަރެންނަށް ބަލަހައްޓައިގެން މަންމައިނެވެ. އަހަރެން ވަރަށް ހިތްވަރު ކޮށްފައި މަންމައަށް ގޮވާލީމެވެ. ނަމަވެސް އެ މަންމަ ހަމަ އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން އިނެވެ. އަހަރެންނަށް މަންމަ އަނގައިން ނުބުނުމުން ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ޖެހުނެވެ. ނަމަވެސް މަންމަ ގޮވާލުމުން ގިނަފަހަރު އަޅާނުލާ ދަނީ އަހަރެންނެވެ. އެ މަންމަގެ ހިތަށް ކިހާ ތަދުވާނެ ހެއްޔެވެ؟  ދެން މަންމަ ކުރިކަމަކުން މިފަހަރު އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. ދުވަހަކުވެސް އަހަރެންނަށް އަހަރެންގެ ނަމުގެ ކުރިއަށް ދަރިފުޅު ނުލާ ކިޔާފައި ނުވާ މަންމަ މިއަދު އަހަރެންނަށް ގޮވީ ހަމަ އެކަނި ޝާއިން އޭ ކިޔާފައެވެ. އަހަރެންގެ ހިތަށް ވަރަށް ބޮޑު ހުސްކަމެއް ވެރިވިއެވެ. ” ޝާއިން..އަދިވެސް ޝާއިން އިޚްތިޔާރު ކުރާނީ ދެފަރާތުގައި އަލިފާންވާ އެ މަގުތަ؟..މި މަންމަގެ ބަހަށް ވުރެން އަދިވެސް ގަބޫލުކުރަނީ މިރަށަށް އައި ބީރައްޓެހި ދެކުދިންގެ ވާހަކަތަ؟..އަދިވެސް ހަމަ ތި ހިތަކަށް އެކައްޗެއްވެސް ނާރާތަ؟..ތިއުޅުން ދޫކޮށްލާކަށް ނުވޭތަ؟ ތިހެން އުޅެން ބިރެއްވެސް ނުގަނޭތަ؟ ސުބުހާނައްﷲ ކޮންކަހަލަ ކުއްޖެއްމީ؟..”  މަންމަ ވަރަށް އަސަރާއެކު އަހަރެންގެ މޫނަށް ބަލަން އިނދެ ހުރިހާ ސުވާލެއް ކޮށްފައި އެންމެފަހުން ބުނި ލަފުޒު ބުނެލީ އެހެން ފަރާތަކަށް ބަލާލަމުންނެވެ. އަހަރެންގެ މަންމަ އެހުރިހާ ސުވަލެއް ކުރިއިރުވެސް ދޭނެ ޖަވާބެއް ނޭނގުނެވެ. ގަބުވެފައި އިނދެވުނީއެވެ. ލޮލުގައި ކަރުނަ ވިދަވިދާ ހުރީ އަހަރެން ކަހަލަ މީހަކު ލޮލުން ފޭބުން ހައްގެއް ނޫނޭ ނުފައިބާނަމޭ ބުނާ ފަދައިންނެވެ.

މަންމައެތަނުން ތެދުވެގެން ގޮސް ކޮޓަރިއަށްވަނެވެ. އަހަރެންނަށް ބަލާލުމެއްވެސް ނެތިއެވެ. އަހަރެންގެ ކަންފަތުގައި ގުގުމަމުން ދަނީ މަންމައާއި ދައްތަމެންގެ ނަސޭހަތްތަކެވެ. މުޅިތަންފެންނަނީ ނާމާންކޮށް ފަދަ ގޮތަކަށެވެ. ކުރިމަތިން އަހަރެން ދަމާފައި އަލިފާންގަނޑާ ދިމާލަށް ގެންދާތަންވެސް ސިފަވަނީއެވެ. އަހަރެންނަށް ކުރެވުނު އަމަލުތަކާއި އަހަރެން ގެންގުޅުން އެއްވެސް އެއްޗެއް އަހަރެން ސަލާމަތް ކުރާކަށް ނާދެއެވެ. އެކުވެރިޔަކުވެސްނައެވެ. އަލިފާންގަނޑަށް ވެއްޓި ވެއްޓި އޮށްވައިވެސް ނުވެއްޓި ސަލާމަތްވީ އަހަރެންގެ ލޯބިވާ މަންމަގެ ދުޢާއިންނެވެ. އެ އަލިފާންގަނޑުގެ ދަރަކަށް ނުވެ ސަލާމަތްވިއެވެ. ނަމަވެސް ހުރިހާ އެންމެން އެހެން ސަލާމަތް ވާނެ ހެއްޔެވެ.؟ ހަމަގައިމުން ވެސް މަންމަގެ ހިތުގައި ޖައްސާ އުޅުނު މީހަކަށް ގަދަފަދަ އަޒާބު ލިބޭނެއެވެ. އެ މަންމަގެ ހިތް  އަހަރެމެންގެ މައްޗަށް ހެޔޮ ނޫން ކަމުގައި ވާނަމަ ސުވަރުގެ ދެވޭނެކަމުގެ އުންމީދެއް ނެތެވެ.

ބޯކޮށާތަނަކަށް ގޮސް އަހަރެންގެ އުނަގަނޑުން ތަންކޮޅެއް މައްޗަށް ހުންނަ އިސްތަށިގަނޑު ކޮށާލީމެވެ. ކުރީގައި އަހަރެންނަށް އެންމެ ރީތިގޮތަށް ކޮށާލިނަމަވެސް މިހާރު އަހަރެންގެ އެ ރީތިކަމެއްނެތެވެ. އަމަލާއި އެއްވަރަށް ސިފަ ވެސް ހުތުރުވާންފަށައިފިއެވެ. ދޮން ހަންގަނޑުވަނީ އަނދާފައެވެ. ރީތި ވަރަކަށް ހުންނަ އަހަރެންގެ ހަށިގަނޑާއި އިސްކޮޅު ވަނީ ގެއްލިފައެވެ. ލާފައިވައި ފަޓުލޫނުވެސް ވަނީ އުނަގަނޑުން ސޮހިފައެވެ.

އަވަހަށް ގެޔަށްގޮސް ފެންވަރައިލައިގެން މަޢްރިބަށް  ގޮވުމުގެ ކުރިން އަސުރު ނަމާދު ކުރެވޭތޯ މިސްކިތާއި ދިމާލަށް ހިނގައިގަތީމެވެ. ނަމާދަށް ދާން ލާން ކަމުދާވެސް އޮތީ އެންމެ އެއްޗެކެވެ. އެއީ އަހަރެން އެންމެފަހުން އީދަށް މަންމަ ގަނެދިން އެއްޗެވެ. އެ ހުދު ގަމީހާއި އުނަގަނޑަށާއި ފައިކުރިއަށް ރަބަރު ލައްވައިފައިވާ ޖިންސު މިޒަމާނުގެ ގޮތަށްނަމަ އެ ކެރެޓުލައިގެން އަހަރެން ނިކުތީމެވެ. މިސްކިތަށް ދިޔަ މަގުމަތީގައި އަހަރެންނަށް ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. އަހަރެން މިސްކިތަށް މިދަނީ އެއް އަހަރާއި ހަމަސް ފަހުންނެވެ.

ނަމާދަށް އެރީމެވެ. ނަމަވެސް އަހަރެންނަށް  ނަމާދުގައި ކުރާ ހަރަކާތްތައް ކުރަން އެނގުނު ކަމުގައި ވިޔަސް ކިޔާ ހަމަ އެކައްޗެއްވެސް ނޭނގުނެވެ. ނަމަވެސް އަހަރެން މިއީ އެއީ އެންމެ ކުޑައިރުން ސުރެންވެސް  ނަމާދުގައި ކިޔާ ތަކެތި ދަސްކޮށް މުދައްރިއްސުންނަށް އެންމެ ފުރަތަމަ ކިޔައިދީގެން ސެޓިފިކެޓް ގެންނަ މީހާއެވެ. ހަމައެކަނި ހަރަކާތްތަކަކުން ނަމާދުކޮށް ނިންމާލީމެވެ. އޭރު މަޢްރިބަށް ގޮވަން ނުހަނު ކައިރިވެއްޖެވެ. މަޢްރިބު ނަމާދު ކޮށްގެން އަހަރެން އެތައް އިރަކު އަހަރެންގެ ފާފަ ފުއްސަވައިދެއްވާތޯ ދުޢާ ކުރީމެވެ.

އިޝާ ނަމާދުވެސް ކޮށްލައިގެން އަހަރެން ގެޔަށް ވަނީމެވެ. އޭރު އެންމެން ތިބީ ކާންށެވެ. އަހަރެން ފެނުމުން އެންމެން ވެސް ބަލަހައްޓައިގެން ތިބީއެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. ނަމަވެސް މަންމަ ބަތްކާން އައުމަށް އެދުމުން އަހަރެން ބައްޕަގާތު އިށީނީމެވެ.  އެއީ އަހަރެން ކުރީގައި އަބަދުވެސް އިންނަ ގޮނޑިއެވެ.  ވަރަށް ހިތްވަރުކޮށްފައި އަހަރެންގެ އާއިލާ އެންމެން ކިބައިން އަހަރެން މާފަށް އެދުނީމެވެ.  އެމީހުން ހެޔޮ ލިތުން އަހަރެންނަށް މާފުކުރިއެވެ. އަދި އެހެން ނޫޅެންބުނެ އަހަރެންނަށް އަހަރެންގެ އާއިލާއިން ވަރަށް ހިތްވަރުދިނެވެ. އަދި އަހަރެންނަށްޓަކައި އަހަރެންގެ މަންމަ މިހާރު އުފާވާ ކަމުގައި ބުނެލީ ލޮލުން ކަރުނަ ހިލޭހާލުގައެވެ. އެވަގުތު އަހަރެމެންގެ ސަމާލުކަން ދަމައިގަތީ ގޭ ކައިރި އަވަށްޓެރިއަކު އައިސް ބުނެލި އެއްޗަކުންނެވެ. އަހަރެންގެ ނުބައި އެކުވެރިން ޑުރަގާއި އެކު ހައްޔަރު ކުރިވާހަކައެވެ. އަދި އެކަކު ޕޮލިހުން އައުމުން އަމިއްލައަށް މަރުވި ވާހަކައެވެ. ހެއްދެވިހާ ނުބައި އަމަލެއް ކޮށްފައި އަދި ކުފުރު މަރަކުން މަރުވީއެވެ. ކޮންފަދަ ނުބައި ކަމެއް ހެއްޔެވެ.؟  އަހަރެންނަށް ވެސް އެމީހުން އޮތީ މިއަދު މާލެއިން  ގެނައި ޑުރަގު ޕާޓީއަށް ދައުވަތުދީފައެވެ. މި ހުރިހާ ކަމެއްވެސް ނިމި މިދިޔައީ އަހަރެމެންގެ އެއްވެސް އާރެއް ބާރެއް ނެތިއެވެ. ވިސްނާ ފިކުރު ކޮށްފި މީހަކަށް އިބުތެއް ލިބޭނެކަން ކަށަވަރެވެ. ﷲ އިރާދަ ކުރެއްވީތީ އަހަރެންގެ ލޯބިވާ މަންމަގެ ފަރާތުން އަހަރެންނަށް އިޚްތިޔާރު ކުރަންވީ ރަނގަޅު މަގުއެގިއްޖެވެ. ދެން މަސައްކަތް ކުރަންވީ އެ މަގުގައިވާ އިމްތިހާންތަކާއި ކުރިމަތިލައި ފާސްވެގެން އުފާވެރިކަމުގެ ދާއިމީ ގޮވެއްޗަށް ދެވޭތޯއެވެ. ކޮންމެ މީހަކުވެސް ދެމަގުން އެއްމަގު އިޚްތިޔާރު ކުރުމުގެ ކުރިން އަދާ މާދަމައަށް ވިސްނާށެވެ.

{ނިމުނީ}

………..މިއީ އަޅުގަނޑުއަށް އެނގޭ ޅެމެއްގެ އަލީގައި ލިޔެފައިވާ ވާހަކައެކެވެ. އެ ޅެން ހެއްދެވި ޝާއިރު، އެކުލަވައިލުމުގައި ޚިޔާލުގެ އަސްލަކަށް ބަލާފައިވަނީ ކީރިތި ޤުރުއާނުގައި ވާ ، ސޫރަތުލް ބަލަދިގެ ދިހަވަނަ އާޔަތުގައިވާ އެންގެވުމަށެވެ. އެ އާޔަތުގެ މާނައަކީ ” އަދި ދެ މަގަށް ތިމަން ރަސްކަލާނގެ އޭނާއަށް މަގު ދެއްކެވީމެވެ.” މިއެވެ. އަލުގަނޑު އުންމީދު ކުރަނީ މި ވާހަކައިގައި އެދެމަގުގެ ވާހަކަ ކޮންމެސް ވަރަކަށް ގެނެސްދެވިފައިވާކަމަށެވެ. އަދި މިވާހަކައަކީ ކިޔުންތެރިންނަށާއި މުޖުތަމަޢުއަށް ފައިދާ ކުރަނިވި ވާހަކައަކަށް ވާނެކަމަށެވެ. އަދުގެ ޒުވާން ޖީލަށް ފައިދާ ކުރަނިވި ވާހަކައަކަށް ވާނެކަމަށެވެ.  ވާހަކަ ރީތިވާނެ ކަމަށް ހީކުރަމެވެ.

 

5

1 Comment

  1. widhaadhaa ismail

    January 12, 2022 at 6:42 pm

    @EEMA i like your storys ❤️❤️❤️keep it up

Comments are closed.