އަތިރިމަތީގައި ހުރި ބޮޑު ދިއްގާ ގަހުގައި އެލުވާލައިފައި ހުރި އުނދޯއްޔެއްގާ އަހަރެން އޮތީ ފެންނަމުން ދިޔަ ރީތި މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއްވެސް ރާޅެއް ނުވާ އެމޫދު އިސްތިރިކޮށްލާފައި ވާފަދައެވެ. އިރުއޮއްސެމުން ދިޔަވަގުތު ނަމަވެސް މޫދުދޮށުގައި ދޮށިހިފައިގެން އެކިޢުމުރު ފުރާގެ މީހުން ތިބީ މަސްބޭނުމަށް ގެއްލިގޮސްފައެވެ. ބަލާލަން ކިތަންމެ ހިތްގައިމު މަންޒަރަކަސް ވަގުތު ބޭކާރުނުކޮށް އަހަރެން އަތުގާ އޮތް ޑައިރީއަށް ނަޒަރު ހިންގާލަމުން ކޮންމެވެސް ވަރަކަށް އޭގާ ލިޔަންވެސް ފެށީމެވެ. އަހަރެންގެ ވަށައިގެންވާ މާހައުލަކީ ހަމަ ހިމޭން މާހައުލަކަށް ވުމުން އަހަރެންގެ ހިތަށް ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެންދެއެވެ. ވަކިވަރަކަށް ޑައިރީގައި ލިޔެވުމުން ކުރަން ނުކުރަން އިނދެފައި އަހަރެން ޑައިރީގައި ލިޔެނިމިފައިވާ ސޮފްހާ ތަކަށް ނަޒަރެއް ހިންގާލީމެވެ. އެއީ އަހަރެން ގެ ހިތި މާޒީއެވެ. ކިތަންމެ ހިތް ނޭދުނަސް އަނބުރާ އެދުވަސްތަކުގެ ހަނދާން އަހަރެން ގެ ސިކުނޑިވަށާލިއެވެ. ނޭގުމެއްގެ ތެރޭގައި ވެސް މާޒީ ތެރެއަށް ފީނާގަނެވުނެވެ.

********

އަހަރެންނަކީ ހަނދާން ހުންނަން ފެށުނީއްސުރެ އަހަރެން ބައްޕަ ފަރާތުގެ ބޮޑުދައިތަ އާއެކީ ދިރިއުޅުން ކުރިއަށް ގެންދަމުން ދިޔަ އަންހެން ކުއްޖެކެވެ. ބައްޕަ އަދި މަންމަ ގެ އެއްވެސް ހަނދާނެއް އަހަރެން ނުވެއެވެ. ބޮޑުދައިތަ އަކީ އެހާ ނުފޫޒުގަދަ މީހެއް ކަމުން ބޮޑުދައިތަ ކުރިން އޮޅުން ފިލުވާލާކަށް އަހަރެން ގަޔަކު ހިތްވަރެއް ނުހުރެއެވެ. ޢުމުރުން ދިހަ އަހަރުވީއްސުރެ އަހަރެން ގޭގެ މަސައްކަތް ކުރަން ފެށީވެސް ބޮޑުދައިތަ އަހަރެން ލައްވާ ކުރުވަން ފެށުމުންނެވެ. ކަމެއް ގޯސްކޮށް ކުރެވޭ ދުވަހަކީ އަހަރެން އެތައް ވޭނަކުން ތެޅެން ޖެހޭ ދުވަހެކެވެ. ބޮޑުދައިތަ އަހަރެން ބަލަނީ ވެސް އަހަރެން އެގޭތެރޭގެ މަސައްކަތް ކޮށްހަދާތީއެވެ. އަހަރެންނާ ބޮޑުދައިތަ ގެ އިތުރުން އެގޭގައި އުޅެނީ ބޮޑުދައިތަ ގެ އަންހެން ދަރިއެވެ. އަހަރެންނަށް ވުރެ އެއްއަހަރު ދޮށީ ލީޝާ އަކީ ވެސް ބޮޑުދައިތަ ހެން ބޮޑާ އަންހެން ކުއްޖެކެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން ގެ ފުރާވަރަށް އެޅުމާއެކީ ބޮޑުދައިތަ ފަރާތުން ލިބޭ ގޯނާތައް އިތުރުވަމުން ދިޔައެވެ. ސްކޫލަށް އަހަރެން ދާދުވަސް ތަކަށް ވުރެވެސް ނުދާ ދުވަސްތައް ގިނައެވެ. އެހެންނަމަވެސް އަހަރެން ވީވަރަކުން ގޭގައި އިނދެ ކިޔަވަން މަސައްކަތް ކުރަމެވެ. އަހަރެންގެ ޢުމުރުން އަށާރަ ފުރުނު ފަހުން އަހަރެން ކުރިމަތި ލާން ޖެހުނީ އެންމެ ހިތްދަތި ދުވަސްތަކާއެވެ. ކޮންމެ ރެއަކު ހެން އެގެއަށް އަންނަ ފިރިހެން މީހާ ގެ ސަބަބުން އަހަރެންނަށް އެގޭގޭގައި އުޅެން ވެސް ނުކުޅަދާނަ ވާވަރުވިއެވެ. އޭނާ އަހަރެންނަށް ބަލާ ބެލުން އަހަރެންނަކަށް ކަމަކު ނުދެއެވެ. ނުވިތާކަށް އަހަރެންނާ ގާތްވާން ވެސް އޭނާ އެތައް މަސައްކަތެއް ކުރެއެވެ. އޭނާ އަދި ބޮޑުދައިތަ އަކީ ގާތް ގުޅުމެއް އޮންނަ ދެމީހުންނެވެ. އެއްރޭގެ ވަގުތެވެ، ބަދިގެއިން ކާއެތިކޮޅުތައް ހޫނުކޮށްލުމަށް ފަހު އަހަރެން ބަދިގެއިން ނިކުމެގެން އައިއިރު މީހާ ހުރީ މޮޅިން ލޮޑުވެފައެވެ. އެނދުގެ އަރާމުތަންމަތި އަހަރެންގެ ލޮލުކުރިމައްޗަށް ސިފަވަމުން ދިޔައެވެ. އަހަރެން ހުރީ އެހާ ވެސް ނިންޖަށް ބޭނުންވެފައެވެ. އެހެން ނަމަވެސް އަޅާލިފުރަތަމަ ފިޔަވަޅާ އެކީ ގެއިން ކަރަންޓުދިޔައެވެ. މުޅިގޭތެރެ އަށް ވެސް ވެރިވެފައި ވަނީ ފަނޑުއަލިކަމެކެވެ. ހަނދުވަރުދޭރެއަކަށް ވުމަކީ ނަސީބެއް ކަންނޭގެއެވެ. ދާންވީދިމާލެއް ނޭނގި ހުއްޓާ އަހަރެން ސިއްސާގެން ގޮސް ހަޅޭލަވާގަތީ އަހަރެންގެ އުނަގަނޑުގާ މީހަކު އަތް އަޅުވާލިހެން ހީވެގެންނެވެ. އެއީ އަހަރެންނަށް ހީވިހީވުމެއް ނޫނެވެ. އަހަރެންނާ ކައިރިވެގެން ހުރީ ދެވަނަ އެހެންމީހެއްނޫނެވެ، ބޮޑުދައިތަގެ އެކުވެރިޔާ އާދަމް އެވެ. އަހަރެން ބިރުން ރޫރޫއަޅަމުން ދިޔައީ އޭނާގެ ނިޔަތް ރަނގަޅުހެން ހީނުވާތީއެވެ. އަހަރެން ހަޅޭލަވަން ފެށުމުން އޭނާ އަހަރެން ކޯމަތީ ވަރަށް ބާރަށް ޖެހުމަށް ފަހު އަހަރެން ގެ އަނގަމަތީ އަތްއެޅިއެވެ. އެރޭ ބޮޑުދައިތަ ވެސް ގޭގާ ނެތުމަކީ އަހަރެންގެ ބަދުނަސީބުކަމެވެ. އޭނާ އަހަރެން އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ސޯފާ މައްޗަށް ވައްޓާލިއެވެ. ޖެހުނުގޮތަކުން އަހަރެން ގެ އުނަގަނޑަށް އެރިތަދަށް އަހަރެންނަށް ކެތްކޮށްލެވުނީ ކިރިޔާއެވެ. އޭނާ އަހަރެންގެ ގައިމައްޗަށް ޖެހިގަތީ ބަނޑުހާވެފައިވާ ޖަނަވާރެއް ކާނާއެއް ފެނުމުން އެ ޖަހާގަންނަ އުސޫލުންނެވެ. އަހަރެންގެ ގައިގެ އެތަންމިތަނުގައި އޭނާ ބީހެމުން ދިޔައިރު އަހަރެން ދިޔައީ އަޑުގެ ކޮޅަށް ރޮމުންނެވެ. އެންމެ ފަހުކަމަކަށް އޭނާ އަހަރެން ލައިގެން ހުރި ހެދުން އިރާލުމަށްފަހު ހާމަ އަށް އޮތް އަހަރެންގެ ހަށިގަނޑަށް ބަލައިލީ ދަހިވެތި ނަޒަރަކުން ކަން އެ އަނދިރިގަނޑުތެރޭ ވެސް އަހަރެންނަށް ފާހަގަވިއެވެ. އޭނާ ބޭނުން ފުއްދުމާއެކު އަހަރެން އޮތްގޮތަށް ބާއްވާ ގެއިން ނިކުންނަން ދިޔައިރު ވެސް އަހަރެން ދިޔައީ އަޑުގެކޮޅަށް ރޮމުންނެވެ. އަހަރެންނަށް ސިހުންވީ ގޭގެ ބޮޑުދޮރު ހުޅުވު އަޑަށެވެ. ކަރަންޓުވެސް އައީ ހަމައެވަގުތެވެ. ގެއިން ނިކުންނަން ދިޔަ އާދަމް އާދިމާލަށް ހައިރާން ކަމާއެކީ ބަލަން ހުރީ އަހަރެންގެ ބޮޑުދައިތައެވެ. އަހަރެންނާ ދިމާލަށް ބަލާލުމަށް ފަހު ބޮޑުދައިތަ އާދަމް އަށް އަތުގެ ހަމާލާއެއް ދިންތަން އަހަރެންނަށް ފެނުނެވެ. ދެން ވީގޮތް އަހަރެންނަށް ނޭނގިދިޔައީ އެވަގުތު އަހަރެން ހޭހުސްވުމުންނެވެ. އަހަރެން ހޭއެރިއިރު ކައިރީ ބޮޑުދައިތަ އިންއިރު ކަރުނައިން ފުރިފައިވީ ބޮޑުދައިތަގެ ދެލޯފެނުމުން އަހަރެންނަށް ހުރިހާ ކަމެއް ހަނދާންވިއެވެ. އެއާއެކު އަހަރެންނަށް ބާރަށް ރޮވެން ފެށުނެވެ. ކަރުގެ ނެތްތަނަށް އަހަރެން ހަޅޭލަވާގަތީ އެވަގުތުކޮޅު އަހަރެންގެ ދެލޮލަށް ސިފަވުމުންނެވެ. އަހަރެންގެ އިއްފަތްތެރިކަން ފޭރިގަން އާދަމް އަށް އަދަބު ލިބިގެން ދާނެވާހަކާ އާ އޭނާ ވީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން ވެސް ބޮޑުދައިތަ އަހަރެން ކައިރި ބުނަމުން އަހަރެން ކިބައިން މާފަށް އެދުނެވެ. އަހަރެން ހިތުން ރުހުމުން ބޮޑުދައިތަ އަށް މާފް ކުރީ ބޮޑުދައިތައާ މެދު ހިތްސާފު ކަމަށް އަންގަމުންނެވެ.

******

އޭގެ ފަހުން ހަތަރުއަހަރުވެގެން ދިޔައިރު ވެސް އެހަނދާންތަން އަހަރެންގެ ސިކުނޑީގަޔާ ހިތުގާ ނުފިލާ ލަތްގަނޑެއް ހެން ވެއެވެ. މާޒީ ގެ ހަނދާންތަކުން އަހަރެންނަށް ނިކުމެވުނީ ބަންގީގެ މޫރިތި ކަލިމަ އަހަރެންގެ ކަންފަތާ ހަމައަށް ފޯރުމުންނެވެ. ކަރުނައިން ތެތްވެފައިވާ އަހަރެންގެ ކޯތާފަތް މަތި ފޮހެލަމުން އަހަރެން އުނދޯލިން ދެތުވެގެން ދިޔައީ އަވަހަށް ގެއަށް ދިޔުމަށެވެ.

ގެއަށް ވަދެގެން ދިޔައިރު އަހަރެން ހުރީ އިސްޖަހާގެން ކަމުން ގޭތެރޭގައި އިން މެހެމާނެއް އަހަރެންގެ ލޮލަކު އަޅައެއް ނުގަތެވެ. ބޮޑުދައިތަ ގެ އަޑަށް އަހަރެން އިސްއުފުލާލިއިރު ކުރިމަތީގައި އިން ފިރިހެން ވަންތަ ސޫރަވެސް އަހަރެންގެ ލޮލުގައި އަޅާގަތެވެ. އެއިރު އޭނާގެ ނަޒަރު އަހަރެންނަށް އަމާޒުވެފައިވުމުން އަހަރެން ނަށް އުނދަގޫވިނަމަވެސް ބޮޑުދައިތަގެ އެދުމަށް އަހަރެން އެދިމާލަށް ދިޔައީމެވެ. ” ދަރިފުޅާ މީ އާލިފް ، ދައްތަ ގެ އެކުވެރިއެއްގެ ދަރިފުޅެއް ދުވަސްކޮޅަކަށް މިރަށުގާ ހުންނާނެ ، ސުހާ އަށްވުރެ އަހަރެއް ދޮށީވާނީ ” ބޮޑުދައިތަ އެހެން ބުނުމާއެކީ އަހަރެން އުނދަގުލުން ނަމަވެސް އާލިފްއަށް ހިނިތުންވުމެއް ރައްދުކޮށްލީމެވެ. އޭނާވެސް ހިނިތުންވެލިއިރު އަހަރެން ހީނުލާގެން އިންފަދައެވެ. މާޒީގެ ހާދިސާ އަށް ފަހު ފިރިހެނެއް ކީއްކުރަން ފިރިހެންކުއްޖަކާ ވެސް އަހަރެން ވާއެޅޭކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އަހަރެން ޒަވާޖީ ހަޔާތެއް ނުފަށާގެން އެވާހަކަ ވެސް ބޮޑުދައިތަ އެތައް ބުރަކު ދައްކައެވެ.

އާލިފް އާ ކިތަންމެ އެކުވެރިވާން ބޭނުންނުވިނަމަވެސް އާލިފް ގެ މަޖާ މިޒާޖުގެ ސަބަބުންނާ އެ ހިތްގައިމު ސޫރަގެ ސަބަބުން ދެތިން ދުވަސްވެގެންދިޔައިރު އަހަރެންގެ ހިތްވަނީ އޭގެ މަގާމުން ދޫވެފައިއެވެ. އާލިފް ގެ ގާތްކަމުން ހިތަށް އުފާވެރިކަން ލިބުނަސް އަހަރެން ގެ މާޒީ ހަނދާންވާން ކޮންމެ ބުރަކު އާލިފް އަހަރެން ކަހަލަ އަންހެން ކުއްޖެއް ބޭނުން ނުވާނޭ ހިތަށް އަރައެވެ. އެހެންނަމަވެސް އަހަރެންނަށް ހަޤީޤީ ލޯބި ނޭނގެނީއެވެ. ބޮޑުދައިތަގެ ދަރި ލީޝާ ގެ ހިތްވެސް ދެވިފައިވަނީ އާލިފް އަށްކަން އިނގުނު ދުވަހުން ފަށާގެން އަހަރެން އޭނާ އާ ދުރުވާން މަސައްކަތް ކުރީމެވެ. ސަބަބަކީ އަހަރެންނަށް ވުރެ ލީޝާ އެތައް ގޮތަކުން ރަނގަޅުވާތީއެވެ. އަހަރެން ކަހަލަ ބޭނުން ނެތް އަންހެނެކަށް ވުރެ ލީޝާ އާލިފް އަށް މާ އެކަށޭނެވާނެއެވެ.

ހަފްތާގެ ތެރެއިން ރެއެކެވެ. އަހަރެން ބަދިގެ ނިތްވާލާފައި ނިކުންވަގުތު ސޯފާގައި އިން އާލިފް އަހަރެންގެ ލޮލުގައިއަޅާ ގަތެވެ. އަހަރެން ފެނުމާއެކީ އާލިފް ކޮޅަށްތެދުވިގޮތުން އެއިނީ އަހަރެން އަންނަން ދެން ކަން އިނގުނެވެ. އެވަގުތު މުޅިގޭތެރޭގައި ވަނީ މަރުފަދަ ހަމަހިމޭންކަމެވެ. ” އަހަރެން ބޭނުން ސުހާ އާ ވާހަކަ އެއް ދައްކާލަން ” އާލިފްގެ އަޑުގައިވީ އާދަޔާޙިލާފު މާޔޫސީކަން އަހަރެންނަށް ފާހަގަވިއިރު ދެކެވެން މިއޮޅެވެނީކީ ކުޑަވާހަކަ އެއް ނޫންކަން ރޭކާލިއެވެ. އާލިފް އާއެކީ ދެމީހުންގޮސް ގޭބޭރުގައި ހުރި ޖޯލިތަކުގައި ހަމަ ޖެހެލީ އެއީ އެންމެ ރަނގަޅުތަން ކަމަށް އަހަރެންގެ ހިތް ބުނުމުންނެވެ. ” ކީއްވެ ތިހާ ދުރުން ތިއޮޅެނީ ؟ ” ފުރަތަމަ ވެސް އާލިފް ކޮށްލީ އަހަރެން ހިތުގައި ކުރާނެ ކަމަށް އޮތްސުވާލެވެ. ” މީހުންގެ ހައްޤުތަކަށް އަރައިގަތުމަކީ އަހަރެން އެއްވެސް އިރެއްގާ ކުރާކަމެއް ނޫން އެހެންވެ! ” މަޑުމައިތިރިކަމާ އެކީ ނަމަވެސް އަހަރެން ބުނެލީމެވެ. ” ތި ބުނި އެއްޗެއް ސާފެއް ނުވި ؟ ” އާލިފް އެހެން ބުނުމާއެކީ އަހަރެން ފުންނޭވާ އެއްދޫކޮށްލީމެވެ. ” ލީޝާ އާލިފް ދެކެ ލޯބިވޭ ، ދެން އެހެންވިއިރު އާލިފް އަހަރެން ކައިރި އުޅުމުގެ ބޭނުމެއް އަހަރެންނަކަށް ނުވިސްނޭ ” އަހަރެން އެހެން ބުނެލުމާއެކީ އާލިފް ޙައިރާން ކަމާއެކީ އަހަންނާ ދިމާލަށް ބަލައިލި އިރު އެބެލުމުގާ ވީ ޝަކުވާ އަހަރެންނަށް ފާހަގަވިނަމަވެސް ނުފެންނަކަމަށް ހަދާލަމުން ދުރުބަލައިލީމެވެ. އެތެރެއިން އަހަރެންގެ ހިތްރޮމުން ދިޔައެވެ. ލޯބިވީއާ ޤުރުބާނެއް ވެސް ވާންޖެހޭނެކަން އަހަރެންނަށް ހީވިއެވެ. ” މިވަގުތު މުހިންމީ ލީޝާ އަހަރެންނާ މެދު ދެކޭގޮތްތަ ؟ ވީއިރު އަހަރެންގެ ފީލިންގްސް އެއީ މުހިންމު އެއްޗެއް ނޫން ދޯ ؟ ” އާލިފް އެހެން ބުނުމާއެކީ އެ ބުނަން އުޅެނީ ކީއްކަން ވަގުތުން ރޭކާލިއެވެ. އަހަރެންގެ ހިތްތެޅެލިއެވެ. ” އާލިފް ވެސް ލޯބިވަނީ ލީޝާ ދެކެ އެއްނޫންތަ ؟ ” ނޭނގޭކަމަށް ހެދެމުން އަހަރެން ބުނެލީމެވެ. ” އަހަރެން ލޯބިވަނީ އަހަރެން ކުރިމަތީ ތިއިން އަންހެން ކުއްޖާ ދެކެ ، އަލަށް އަހަރެންހިތުގައި މިކަހަލަ އިޙްސާސް އެއް އުފަންކުރުވީ ވެސް ސުހާ ، ތިނޫން ކުއްޖެއް އަހަރެން ނޭދެން އެހޮޔޮ ލީޝާ އަކަސް ” އަސަރާއެކީ އާލިފް އެބުނި ބަސްކޮޅު ރުވާފައި ދޫކޮށްލި ދުނިތީރެއްހެން އަހަރެންގެ ހިތަށް ހެރުނެވެ. ދެލޯފެންކަޅިވެ އަލިފްގެ މޫނުވެސް އަހަރެންނަށް ފެނުނީ ފުސްކޮށެވެ. ރޭގަނޑުގެ އެއަނދިރިކަމުގެ ސަބަބުންނަމަވެސް އަހަރެންގެ މުނުމަތީގެ ކުލަވަރު ސިއްރުވެފައި ވާކަން ނަސީބެވެ. ” އަހަރެން.. ކީއްވެ.. ލީޝާ އަކީ އަހަންނަށް ވުރެ އެތައް ގޮތަކުން ރީތި އަންހެން ކުއްޖެއް ، އަހަރެން ކަހަލަ ބޭކާރުވެފައިވާ އަންހެނަކަށް ވުރެ ލީޝާ ވެސް  މާރަނގަޅުވާނެ އާލިފްގެ ހަޔާތަށް ” ކުރެކިފައިވާ އަޑާއެކީ އަހަރެން ބުނެލީ މާޒީގެ ސޮފްހާ ހުޅުވާލަން ޖެހޭ ވަގުތު ގާތްވާހެން ހީވުމުންނެވެ. ” ލޯބިވަނީ ކީއެއް ރީތިކަމަށް ބަލާފައެއް ނޫން ، އަހަރެން ހިތުގެ ފުންމިނުން ސުހާ ދެކެ ލޯބިވަން ، އަދި ސުހާ ކީއްވެ ބޭކާރުވާން ވީކީ ތިވެސް ހަމަ އެހެން އަންހެން ކުދިން ހެން ފުރިހަމަ އަންހެން ކުއްޖެއް ” އިސްޖަހާލަމުން އާލިފް ބުނެލި ވާހަކަ އިން އަހަރެން ގެ ހިތަށް އަސަރު ކުރިއެވެ. ” ތިބުނާހެން ފުރިހަމަ ވާނެ ނަމަ ކިހާ ރަނގަޅު ، އެކަމް އަހަރެންނަކީ ފުރިހަމަ އަންހެނެއް ނޫން ، އަ..އަހަރެންނަކީ އިއްފަތްތެރިއަންހެނެއް ނޫން .. އަހަރެން އަތުގައި އާލިފް އަށް ދޭކަށް އެކައްޗެއް ވެސް ނެތް ” ބާރު ރުޔުމަކާއެކީ އަހަރެން ބުނެލި ވާހަކަ އިން އާލިފް ސިހިގެން ދިޔަކަން އަހަރެންނަށް އިނގުނެވެ. އަހަރެން ގެ އުންމީދުގެ ހުޅުކޮޅު ނިވެން ކައިރިވިއެވެ. ” ކީކޭ!!!! ، އަހަރެން ބޭނުން ވީގޮތް އެނގެން ” އަހަރެން ކައިރި ކުރުފައިމައްޗަށް އިށީންނަމުން އާލިފް އެހެން ބުނެލުމާއެކީ އަހަރެން ނޭފަތް އެތެރެ އަށް ދަމާލަމުން ކަންހިނގާދިޔަގޮތް ކިޔާދިނީމެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ހުއްޓުވަން އަހަރެން ނުކުޅެދުނެވެ. ” މިކަންތަކަށް ފަހު ވެސް އާލިފް އަހަރެން ބޭނުމެއް ނުޥާނެ ، އެހެންނޫން ” ހަމަޖެހެން މަސައްކަތް ކުރަމުން އަހަރެން ބުނެލީމެވެ. އިވިގެން ދިޔަ ވާހަކަ އިން އާލިފް އަށް ޝޮކް އެއް ލިބިފައި ވީކަން އިނގުނެވެ. ” ކާކު ބުނީ އަހަރެން ދެންވެސް ސުހާ ބޭނުމެއް ނުވާނޭ ، އެއީކީ ސުހާ ކުށެއް ނޫން ، އެދުވަސްތަކަކީ ބަދަލުކުރެވޭނެ ދުވަސްތަކެއް ނޫން އެހެންނަމަވެސް ހަނދާން ނައްތާލަން މަސައްކަތް ކޮށް ، އުފާވެރި ދިރިއުޅުމަކަށް ފިޔަވަޅު އެޅިދާނެ އެންނު ، ސުހާ އަހަރެންނާ އިންނާނަން ތަ؟ އަހަރެން ބޭނުމީ ސީދާ ސުހާ އަހަރެންގެ އަންބަކަށް ހަދަން، ވެދިޔަ ކަންތައް ހަނދާން ނައްތާލަން ސުހާ އަށް ހިތްވަރުދީ އެންމެ ކައިރީ ވުމަށް އަހަރެން ބޭނުން ؟ އަހަރެންނަށް އެފުރުސަތު އެބައޮތްތަ ؟ ” އަސަރާއެކު އާލިފް އެހެން ބުނުމާއެކީ ހިފަހައްޓާފައި ވާ ކަރުނަތިކިތައް ބޮޑު އެއްތިއްކަށް ވެގެން އަހަރެން ކޯތާފަތުގައި ބީހެމުން ދިޔައެވެ. އަހަރެން އިނީ ބަސްހުއްޓި އަޖާބުވެފައެވެ. އަހަރެން ދެކެ އާލިފް ވާ ލޮއިތްބަށް އަހަރެން އިޙްތިރާން ކޮށް އުފަލުން ހުރެ އާބަސްދިނީ ހިތުން ރުހުމުންނެވެ. އަހަރެންގެ ގައިގައި އާލިފް ދެއަށް ވަށާލަމުން ލޯބިވާވަރު ބަޔާން ކޮށްދިން ވަގުތު އަހަރެންގެ ކުދިކުދި ވެފައިވާ ހިތަށް ޝިފާ އެއް ލިބުނުފަދައެވެ. އަހަރެންގެ ހަޔާތް އާބާދުވެގެން ދާތީ އަހަރެންގެ ހިތްދިޔައީ އުފަލުން ނަށަމުންނެވެ.ހިތާހިތުން ﷲ އަށް ޙަމްދުކޮށްލަމުން އާލިފްގެ މޭތެރޭގައި އިތުރަށް ބޮނޑިވެލީމެވެ.

(ނިމުނީ)

33

5 Comments

  1. 🌹YEOJA🌹

    January 11, 2022 at 8:14 am

    Salaam my dear readers ❤️💖💖
    After a long time dhw
    Mi vhk vxx readers ah kamudhaane kama unmeedukuran
    Insha Allah dhn vhk liyun yeoja continu kuraany bodu chutee gaa . Deythere deythere in break thakugaa will try ingey
    Will miss u all 💖💖
    Stay safe and take care 💖

  2. widhaadhaa ismail

    January 11, 2022 at 10:35 pm

    wow… i like your storys YEOJA keep it up❤️❤️❤️❤️

    • 🌹YEOJA🌹

      January 12, 2022 at 8:26 am

      Jazakallah hairan❤️
      Vrh ufaavehje alhugandu ge vhk tha kamudhaakan inguny ma ❤️
      Stay safe ❤️

  3. widhaadhaa ismail

    January 12, 2022 at 6:41 pm

    ❤️❤️hope i will get a story [email protected] very soon. thank you .😊❤️😊stay safe and take care ❤️❤️❤️❤️

    • 🌹YEOJA🌹

      January 12, 2022 at 8:27 pm

      insha’Allah let’s hope dhw I’m working on a stry now but it might take days but will upload kuru vhk madu madun Nama vxx ❤️❤️
      Thanks for the support
      Yess same 2 u ❤️❤️❤️

Comments are closed.