ހަމަސް ފަސް…

ނައިޝާއާ އައްކިޔުންގެ ކައިވެންޏަށް ހަމަސް ފުރުނެވެ.އައްކިޔުންގެ ފަރާތުން ނައިޝާއަށް ލޯތްބާއި އަޅާލުން ލިބެމުންދިޔައީ އޭނާ އުންމީދު ކުރިވަރަށްވުރެވެސް މާފުރިހަމަކޮށެވެ.ގޭތެރޭގެ މަސައްކަތުގައިވެސް އައްކިޔުންގެ އެހީ ނައިޝާއަށް ލިބެމުން ދިޔައީ އިންތިހާ ދަރަޖައަށެވެ.އައްކިޔުން ގޭގައި ހުރި ވަގުތެއްގައި ވިއްޔާ ނައިޝާ އެކަނި އެއްވެސްކަމެއް ކުރާކަށް ނުޖެހެއެވެ.އޭނާއަށް އައްކިޔުންގެ އެހީ ލިބެއެވެ.ނައިޝާ ކައްކައިފިނަމަ އައްކިޔުން ތަށިތައް ދޮވެދެއެވެ.ނައިޝާ ތަން ފޮޅާނަމަ މޮޕުއަޅަނީ އައްކިޔުންނެވެ.

“އައްކި ތިބަހައްޓަބަަލަ ނައި ދޮންނަންށޭ މިއައީ” ޒިންކުތެރޭގައިހުރި ތަށިތައް ދޮންނަންހުރި އައްކިޔުންނަށް ނައިޝާ ބުނެލިއެވެ. “ނައި އެއްނު ކެއްކީ އެހެންވީމަ ތަށިތައްދޮންނާނީ އައްކި..ނައިއަށްވެސް ފަސޭހަވާނެއެއްނު” އައްކިޔުން ބުނެލިއެވެ. “ނައި އެކަންޏެއް ނޫނެއްނު ކެއްކީ އައްކިގެ ހެލްްޕްވެސް ލިބުނެއްނު..އައްކި ޖޮބަށްދަމުން ގޭތެރޭގެ މަސައްކަތްވެސް ތިކުރަނީ ނައި ބޭނުމެއްނޫން ތިކަންތައް އައްކި ކުރާކަށް” އާަދައިގެމަތިން މިއަދުވެސް ނައިޝާ ޝަކުވާކޮށްލިއެވެ.

“ދެން މީ މާބޮޑުކަމެއް ނޫނޭ ދޫންޏާ މިނިމުނީއޭ” އައްކިޔުން ބުނެލިއެވެ.އައްކިޔުންނަށް އެއްޗެއް ބުނަން ނައިޝާ އުޅުނެވެ.ނަމަވެސް ކުއްލިއަކަށް އޭނާ މޭނުބައިކޮށް އޯކަށްދެމެންފެށިއެވެ.ހޮޑުލެވެންއުޅޭތީ ނައިޝާ ފާހަނައާ ދިމާލަށް ދުއްވައިގަތެވެ.އޭނާގެ ފަހަތުން އައްކިޔުންވެސް ދިޔައެވެ.ނައިޝާ ފާހަނައިން ނިކުތުމުން ސޯފާގައި ބޭންދުމަށްފަހު ފެންތައްޓެއް އައްކިޔުން ދިއްކޮށްލިއެވެ.އަދި އެދެމީހުން އެކަކު އަނެކަކަށް ބަަލައިލިއެވެ. “ނައި އަނެއްކާ..” ނައީޝާ ބުއި ފެންތަށީގައި ހިފަމުން އައްކިޔުން ބުނަން އުޅުނެވެ. “ނައިއަށްވެސް ހީވަނީ..އެކަމް ޓެސްޓް ހެދީމަ ޔަގީންވާނީ” ނައިޝާ ބުނެލިއެވެ.

*********

ޕުރެގްނެންސީ ޓެސްޓުހެދުމަށްފަހު ނަތީޖާ ލިބެންދެން އައްކިޔުންނާ ނައިޝާ ހޮސްޕިޓަލުގައި ތިއްބެެވެ.އެދެމީހުންވެސް ތިބީ ނުހަނު ހިތްއަވަސްވެފައެވެ.ނަތީޖާ ލިބުމުން ގެއަށް އައިސް ނައިޝާ ސިޓީއުރަ ކަނޑާލިއެވެ.އަދި ނަތީޖާ ގަނޑުކޮޅު ނަގައި ނިއުޅުވާލި ނައިޝާގެ ހިތް ގަދައަށް ތެޅެމުންދިޔައެވެ.ކައިރީގައި އިން އައްކިޔުންވެސް އިނީ ލިބޭނެ ނަތީޖާއަކާ ދޭތެރޭ ހިތްއަވަސްވެފައެވެ.

މަޑުންމަޑުން ގަނޑު ހުޅުވާލި ނައިޝާއަށް އުފަލުންގޮސް އައްކިޔުންގެ ގައިގައި ބައްދާލެވުނެވެ.ބަނޑުބޮޑުކަން ނަތީޖާގައި އިނުމުން އައްކިޔުންނަށްވެސް ލިބުނީ ބުނެދޭން ނޭނގޭ އުފަލެކެވެ. “އައްކި ބައްޕައަކަށް ވަނީ؟ ނައި މަންމައަކަށް؟” އުފަލުންހުރެ އައްކިޔުން އަހާލިއެވެ.އައްކިޔުންނަށް އާނއެކޭ ބުނުމުގެ ގޮތުން ނައިޝާ ހިނިތުންވެހުރެ ބޯޖަހާލިއެވެ.ވީ އުފަލެއްގެ ބޮޑުކަމުން ނައިޝާގެ ގައިގައި އައްކިޔުން ބައްދާލިއެވެ.އެދެމީހުންގެ ކައިވެންޏަށް އިތުރު އުފާވެރިކަމެއް ލިބެންއުޅޭ ޚަބަރު އެންމެނަށް ދޭން ނައިޝާ އަވަސްވެގަތެވެ.

ނައިޝާ ފަހަރަކު މީހަކަށް ގުޅާ އަންގަމުންދިޔައެވެ.ނައިޝާއަށް ދަރިއަކު ލިބެންއުޅޭކަން އޭނާގެ މައިންބަފައިންނަށް އެންގުމުން އެމީހުން ވަރަށް ބޮޑަށް އުފާވިއެވެ. ޔުދާއަށް އެޚަބަރުދޭން އުޅުނުވަގުތު މީހަކު ދޮރުގައި ޓަކިޖެހިމުން ނައިޝާ އެކޯލު ކަނޑާލުމަށްފަހު ދޮރުހުޅުވިއެވެ.ދޮރުމަތީގައި ހުރި އައްކިޔުންގެ ބައްޕައަށް ވަނުމަށް ނައިޝާ ތަންދެެއްކިއެވެ.

އަދި ހަމަޖެހިލުމުން އައްކިޔުންގެ ބައްޕަ ކާފައަކަށްވާން އުޅޭކަމުގެ އުފާވެރި ޚަބަރު ނައިޝާމެން ދިނެވެ.އައްކިޔުންގެ ބައްޕައަށް އެޚަބަރު ލިބުމާއެކު ވީއުފަލެއްގެ ބޮޑުކަމުން އައްކިޔުންނާ ނައިޝާއާ ދެމީހުން ގައިގައި އެއްފަހަރާ ބައްދާލިއެވެ.ދުވަހަކުވެސް ހެވިފައިވާ ނުވާވަރަށް އައްކިޔުންގެ ބައްޕަ މިއަދު ހެވިފައިވެއެވެ.” ބައްޕަ ވަރަށް އުފާވެއްޖެ..ދަރިއަކު އުފަންކުރުމަކީ ވަރަށް ބޮޑު ވޭނެއް..އެހެންވީމަ ދަރިފުޅު ވާނެ ނައިޝާާއަށް ވަރަށް ބޮޑަށް އޯގާތެރިވާން” އައްކިޔުންގެ ބައްޕަ އައްކިޔުންނަށް ނަސޭހަތްދިނެވެ. “މިހާރުވެސް އައްކިޔުންގެ އޯގާތެރިކަމާ އަޅާލުންލިބެޔޭ ބައްޕާ” ނައިޝާ ބުނެލިއެވެ.

“ބައްޕަ ދެން މިގޭގަ އުޅެން އާދެބަލަ..ޔުދާ ނިދި ކޮޓަރި ހުހަށް ހުންނަތާ ތިންމަސް މިވަނީ ޔުދާ ޒަލަފާ ކައިވެނިކޮށްގެން ޒަލަފްގެ ގެއަށްދިޔަފަހުން…ބައްޕައަށް އެކޮޓަރީގަ ހުރެވޭނެ..ނޫނީ ނައިމެން އެކޮޓަރިއަށް ބަދަލުވެފަ ބައްޕައަށް ނައިމެންގެ ކޮޓަރިވެސް ދީފާނަން…ބައްޕަ ތިހެން ވަކިންތަނެއްގަ ހުންނަން ނައިޝާ އެހާ ހިތްހަމައެއްނުޖެހޭ” ނައިޝާ ބުނެލިއެވެ. “އައްކިވެސް ބައްޕަ ކައިރީގަ ބުނީމޭ އެކަމަކު ބައްޕަ ބޭނުމެއްނޫން އަންނާކަށް” އައްކިޔުން ބުނެލިއެވެ.

“ދަރިފުޅުމެން ކައިވެނިކޮށްގެން އުޅޭއިރު ބޭނުންވާނެ ވަކިންތަނެއް…ބައްޕައަށް އިނގޭ ދަރިފުޅުމެން ބައްޕަ ބަލާނެކަންވެސް..އެކަމަކު ބައްޕަގެ ހިތެއްހަމައެއްނުޖެހޭ އެގޮތަކަށް..އަނެއްކާ މިހާރު ދަރިއަކު ލިބެންތިއުޅެނީ އެކުއްޖާއަށްވެސް ވަކިން ކޮޓަރިއެއް ބޭނުންވާނެ…ބައްޕަ މިއުޅޭތަން ބައްޕައަށް ރަނގަޅޭ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

***********

ނުވަމަސް ފަސް…

ނައިޝާ ހޮސްޕިޓަލުން ގެއަށްދޫކޮށްލިއެވެ.ގެއަށްއައި ނައިޝާމެންނަށް އެންމެންވެސް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ.މުޅިގޭތެރެވެސް ވަނީ ޒީނަތްތެރިކޮށްފައެެވެ.ނައިޝާގެ ލޮލުގައި އަޅައިގަތީ ފިޔާތޮށިކުލައިން ބޮޑުއަކުރުން އިނގިރޭސިބަހުން ފާރުގައި ތަތްކޮށްފައިވާ ލިޔުންކޮޅަށެވެ. “ވެލްކަމް ބޭބީ ގާރލް” އެލިޔުމުގައި ވެއެވެ.ނައިޝާ އުފަލާއެކު އެެންމެނަށް ޝުކުރުއަދާކުރިއެވެ.

ބަނޑުބޮޑުއިރު ޔުދާގެ ފަރާތުންވެސް ނައިޝާއަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނެވެ. ގޭތެރޭގެ ހުރިހާކަމެއް ކޮށްދިނީ އައްކިޔުންނާ ޔުދާ ކަމުން ނައިޝާއަށް އެއްވެސްކަމެއް ކުރާކަށް ނުޖެހުނެވެ.ޔުދާއަށާ ޒަލަފަށްވެސް އައްކިޔުން ހަގީގަތް ކިޔައިދިނެވެ.އައްކިޔުންގެ ބައްޕައަކީ ޖިންނިއެއްކަމާއި، ގެބަދަލުވި ދުވަހު ކަންތަައްތައް އެހެންދިމާވީ ލެޔާލްގެ ފުށުން ކަމަށްވެސް ޒަލަފަށާއި ޔުދާއަށްވެސް މިހާރު އެނގެއެވެ.އަދި އެހަގީގަތް އިތުރުމީހަކަށް ކިޔައިނުދިނުމަށްވެސް އެދެމީހުންގާތު އައްކިޔުން އެދުނެވެ.

******

ތިންމަސް ފަސް…

ތިންމަހުގެ އައިރީން ނިންދަވާލުމަށްފަހު ނައިޝާ އިސްކޮޅާ ހަމައަށްއަރާ ލޯގަނޑުކުރިމައްޗަށް ހުއްޓި އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ.އައިރީން ލިބުނުފަހުން ނައިޝާ ވަނީ ފަލަވެފައެވެ.އެހެންކަމުން އެކަމާ އޭނާ ވަރަށް ދެރަވިއެވެ.އޭނާގެ ސިފަދެކެ އައްކިޔުން އެހާ ގަޔާނުވެދާނެފަދަ ހީތައް ވެރިވުމުން ނައިޝާއަށް ރޮވެންފެށިއެވެ.އެވަގުތު ކޮޓަރިއަށް ވަތް އައްކިޔުންނަށް ލޯގަނޑުކުރިމަތީގައި ކަރުނަ ބާލުވަންހުރި ނައިޝާ ފެނުނެވެ.

އައްކިޔުން ވަނުމާއެކު ނައިޝާ އަވަހަށް ލޯފުހެލިއެވެ.އެމަންޒަރު އައްކިޔުންނަށް ފެނުނެވެ.އަދި މަޑުމަޑުން ނައިޝާގެ ގާތަށް ދިޔައެވެ. “ކަރުނަ ފުހެލާފާ ސިއްރުކޮށްލުންހޭ..ނޫނީ މޮޅުވާނީ ހިއްސާކޮށްލުންހޭ؟…ކަރުނަ ފުހެލާފާ ސިއްރުކޮށްލުންހޭ…ނޫނީ މޮޅުވާނީ ހިއްސާކޮށްލުންހޭ؟…އޭރުން ވޭނީ ފަރުދާ ކެހޭނީ..މޭގެ ރިހުމާ ހަގީގަތް އެނގޭނީ” ނައިޝާ ކޮންމެވެސް ކަމަކާ ހިތާމަކުރާކަން އެނގުމުން އޭނާ ހެއްވާލުމުގެ ނިޔަތުގައި އައްކިޔުން ބުނެލީ ލަވަައަކުންނެެވެ.

އައްކިޔުން ލަވަކިޔުމުން ނައިޝާއަށް ހެވުނެވެ. “ހާދަ ލަވަވެގެންނޭ ދޯތިއުޅެނީ” ނައިޝާ ބުނެލިއެވެ. “ދެން ބުނެބަލަ ކީއްވެތަ ތިރޮނީ..އައްކި އައީމަ ލޯފުހެލީތި ކީއްވެތަ؟” އައްކިޔުން ލޯތްބާއެކު އަހާލިއެވެ.”ނައި ފަލަވީމަ ދެރަވަނީ އައްކިއަށް ނައި ރީތިނުވެދާނެތީ..އައްކިއަށް ނައި ފެންނާނީވެސް ނައި ހިކިކޮށް ހުއްޓާ…އެހެންވެ ނައި ފަލަވީމަ..” ނައިޝާއަށް އެހިސާބަށް ބުނެވުނުތަނާ އައްކިޔުން ނައިޝާގެ އަނގަމަތީގައި އަތްބާއްވާލިއެވެ.

“ރަނގަޅު އައްކިއަށް ނައިއާ ދިމާވަނީ ނައި ހިކިކޮށްހުއްޓާ..އެހެންވިޔަސް ބޭރުންފެންނަ ހުންނަ ރީތިސިފައަށްވުރެ ހެޔޮހިތެއްގެ ވެރިއެއް އައްކި ބޭނުންވަނީ..ކިތަންމެ ސިފަރީއްޗަސް އޯގާތެރިކަން ނެތިއްޔާ ބޭނުމަކީ ކޮބާ؟..އަނބި ރީތީ ހެވިއްޔާއޭ” ނައިޝާ ގަޔާކައިރިކޮށްލަމުން އައްކިޔުން ބުނެލިއެވެ. “އެކަމަކު ނައި ތިހާ ދެރަވަންޏާ ހިކެން އައްކި އެހީވެދޭނަން ހިތްވަރުވެސް ދޭނަން” އައްކިޔުން އެހެންބުނުމުން ނައިޝާ ވަރަށް އުފާވިއެވެ.

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!