އައްކިޔުންނަށް އަހަރެންގެ ހަޔާތުގައި ކަންތައްތައް ދިމާވިގޮތާއި، އައްކިޔުންގެ މަންމަ ކަންތައް ކުރިގޮތް ކިޔައިދިން ފަހުން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމަކީ އޭނާއަށް ވަރަށް ސީރިއަސް ކަމެއް..

ވަރަށް ގިނަ އަންހެންކުދިން އައްކިޔުންނަށް މަލާ، މެސެޖުތައްވެސް ފޮނުވާހެދި…ރައްޓެހިވާންވެސް ހުށަހެޅި..އަނެއްކޮޅުން ލެޔާލްވެސް އޭނާއާ ރައްޓެހިވުމަށްއެދި އައްކިޔުންގެ ފުލުންދުވެ އާދޭސްކުރި..އެކަމަކު އައްކިޔުން އެއިން އެއްވެސްކުއްޖަކާ ނުގުޅޭ..އައްކިޔުން ބުނާހާވެސް ވާހަކައަކީ ލޯބިނުވެވޭނެކަމާ ގަޔާނުވާއިރު ގަޔާވެޔޭ ނުވަތަ ލޯބިވެޔޭ ބުނުމަކީ އެމީހަކަށްވެވޭ ވަރަށް ބޮޑު އޮޅުވާލުމެކޭ…އޭނާ ކުއްޖަކާ ރައްޓެހިވިޔަސް ވާނީ ރުޅިވާކަށްނޫނޭ..އެމީހަކާއެކު މުޅިއުމުރު ހޭދަކުރާށޭ…

މިއަދާ ހަމައަށް އައިރުވެސް ނައިޝާ ފިޔަވައި އޭނާ ގަޔާވެ ލޯބިވި ކުއްޖަކުނުވޭ..އޭނާއަށް ނައިޝާދެކެ ވެވިފައިވަނީ އާދައިގެ ލޯތްބެއްނޫން..އެހެންވެގެން އަހަރެން ނުގަބޫލުއިރުވެސް ނައިޝާއާއެކު އޭނާ އުޅުނީ…ނައިޝާގެ ކަންތަކުގައި ފިޔަވައި، އަހަރެންގެ ބަހާ ދެކޮޅުވެފަކާ ދުވަހަކުވެސް އައްކިޔުން ނުވާނެ…ބޮޑުވަމުންއައި އިރުވެސް ބޮޑުވިފަހުންވެސް އޭނާއަކީ ބަސްއަހާ ކިޔަމަންތެރި ކުއްޖެއް” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

އައްކިޔުންގެ ބައްޕަގެ ވާހަކަތައް އަޑުއަހަންއިން ނައިޝާ އިނީ ފެންކަޅިވެފައެވެ. “އަސްލު އައްކިގެ ލައިފް ވަރަށް ހިތާމަވެރިދޯ” ނައިޝާ ދެރަވެލާފައި ބުނެލިއެވެ.

“އައްކިޔުންނަކީ އަހަރެންގެ ދެލޯފަދައިން ލޯބިވާ ދަރިފުޅު…މަޔަކާނުލާ ނުހަނު ގިނަ ތަކުލީފުތަކަކާއި ނުހަނު ބޮޑެތި ގުރުބާނީތަކެއްވެގެން އަހަރެން އެކަނިމާއެކަނި ގެންގުޅުނު ކުއްޖެއް..އެހެންވެގެން އޭނައަށް ދެރަގޮތެއްވާކަށް އަމުދުން ބައްޕަ ބޭނުމެއްނުވޭ…އައްކިޔުންގެ ހާލުދެރަވުމުން ބައްޕައަށް ނައިޝާދެކެ ބޮޑަށް ރުޅިއާދެވުނީ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

“ބައްޕައަށް މާފުކުރޭ..ނައިޝާއަށް އިތުބާރުނުކުރެވުނީ އެއީ ނައިޝާ ފެނުމުން ބައްޕައަށް އައްކިޔުންގެ މަންމަ މަތިން ހަނދާންވާތީ..އޭނައަށްވެސް ލިބިފަ ވަނީ ހަމަތިކަހަލަ ރީތިކަމެއް..ތިދެމީހުން ސިފައިގެ ގޮތުން ރީތިވެ އެއްގޮތްވުމުން ބައްޕައަށް ހީކުރެވުނީ ނައިޝާވެސް އައްކިޔުންގެ މަންމަ ފަދައިންނޭ ވާނީ..އެއީ ބައްޕައަށް ކުރެވުނު ވަރަށް ބޮޑު ކުށްހީއެއް” އައްކިޔުންގެ ބައްޕަ އިސްދަށަށް ޖަހާލަމުން ދެރަވެލާފައި ނައިޝާގެ ކިބައިން މާފަށް އެދުނެވެ.

އެވަގުތު ގޮނޑީގައި އިން ނައިޝާ އައްކިޔުންގެ ބައްޕަގެ އަތުގައި ލޯބިން ހިފާލިއެވެ. “ބައްޕަވި ގުރުބާނީތަކަކީ އަގު ނުކުރެވޭނެ ކަންކަން..އައްކިޔުން އުފަންވިރޭ ބައްޕަވެސް އައްކިޔުން އެގަސްގަނޑުތެރެއަށް އެއްލާލިނަމަ މިހާރު އައްކިޔުން  ދުނިޔެއަކުވެސް ނެތިސް ކަންނޭނގެ…

ނައި ބައްޕައާ ދޭތެރޭ ހިތްބުރައެއް ނުކުރަން..ބައްޕަ މާފަށްވެސް އެދޭކަށް ނުޖެހޭނެ…ބައްޕަ ކުރި ހިތާމަވެރި ތަޖުރިބާގެ ހިތިކަން އިހުސާސްވާނީ ހަމަ ބައްޕައަށް..ދުލުން އެވާހަކަތައް ކިޔައިދިނަސް އޭގެ ތަޖުރިބާ ކުރެވިފައިނުވާ މީހަކަަށް އެކަމުގެ ވޭނެއް އިހުސާސެއް ނުކުރެވޭނެ…އެކަމަކު ގަބޫލުކުރޭ ބައްޕަގެ އިހުސާސް ނައިޝާއަށް ވަރަށް ރަނގަޅަށް އިނގޭ…އެކަހަލަ ކަމެއް ހަޔާތުގަ ދިމާވެއްޖެނަމަ ދެވަނަފަހަރަށް މީހުންނަށް އިތުބާރުކުރަން ފަސްޖެހެވޭނެ…ބައްޕަ ނައިޝާއަށް ޝައްކުކުރި ފަދައިން ނައިޝާއަށްވެސް އައްކިޔުންނާ ދޭތެރޭ އެންމެ ފުރަތަމަ ޝައްކު އުފެދުނު..އެއީ ނައިވެސް ކުރިން ވަރަށް ހިތްދަތި ތަޖުރިބާއެއް ކޮށްފަވާތީ…ނައިގެ ކުރީގެ ފިރިމީހާ ސައިފް ނައިއަށް ކަންތައް ކުރިގޮތުން ފިރިހެނުންދެކެ ނައިވެސް ފޫހިވި..މީހަކާ ދެވަނަފަަހަރަށް ގުޅެން ފަސްވެސްޖެހެވުނު” ނައިޝާ ދެރަވެލާފައި އައްކިޔުންގެ ބައްޕައަށް ކިޔައިދިނެވެ.

******

އައްކިޔުންގެ ބައްޕައާ ވާހަކަދެއްކުމަށްފަހު، ނިދިފައިވާ އައްކިޔުންނަށް ލޯބިން ފުރިގެންވާ ނަޒަރަކުން ނައިޝާ ބަލާލިއެވެ.އައްކިޔުންނަށް ބަލަންއިން ނައިޝާގެ ލޮލަށް އިސާހިތަކު ކަރުނަ ޖަމާވިއެވެ.އައްކިޔުންމެން އުޅުނު ހިތްދަތި ހަޔާތުގެ ވާހަކަ އޭނާގެ ބައްޕަ ހިއްސާކުރުމުން އޭނާދެކެ ނައިޝާވީ ލޯބި އިތުރުވިފަދައެވެ.

ނިދިފައިވާ އައްކިޔުންގެ ބޮލުގައި ލޯބިން ފިރުމާލުމަށްފަހު މަޑުމަޑުން އޭނާގެ ނިއްކުރިއަށް ނައިޝާ ބޮސްދިނެވެ.އެވަގުތު އަައްކިޔުންނަށް ހޭލެވުނެވެ.އަދި ހިނިތުންވެލުމަކާއެކު ނައިޝާގެ އަތުގައި ހިފާލިއެވެ.ނައިޝާވެސް އައްކިޔުންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

*******

ކޮންމެދުވަހަކުވެސް އައްކިޔުންނަށް ބަރާބަރަށް ފަރުވާގެ އިތުރުން ނައިޝާމެންގެ ލޯތްބާއި އަޅާލުން ލިބެމުންދިޔުމުން އައްކިޔުންގެ ހާލަތު ދިޔައީ ޑަކުޓަރުންވެސް ހީކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވަމުންނެވެ.ނައިޝާގެ އޯގާތެރިކަން ފެނި އޭނާގެ ރަނގަޅުކަން އައްކިޔުންގެ ބައްޕައަށް މިހާރު ގަބޫލުކުރެވިއްޖެއެވެ.ނައިޝާފަދަ ރަނގަޅު އޯގާތެރި ކުއްޖެއް އައްކިޔުންނަށް ލިބުނީތީ އޭނާގެ ބައްޕަގެ އިތުރުން އައްކިޔުންވެސް އުފާކުރެއެވެ.

*********

އެއްހަފްތާ ފަސް…

އައްކިޔުންގެ ހާލަތު މުޅިން ރަނގަޅުވުމުން އޭނާ ހޮސްޕިޓަލުން ދޫކޮށްލިއެވެ.ކުރިއާ އެއްފަދައިން މިހާރު އައްކިޔުންނަށް ހެލިފެލިވެ އުޅެވެއެވެ.އެކަމާ އައްކިޔުންގެ ބައްޕަގެ އިތުރުން ނައިޝާވެސް ވަރަށް ހިތްހަމަ ޖެހުނެވެ.

ނައިޝާއާ އައްކިޔުންނާ ދެމީހުންވެސް ކުރިން އުޅުނުފަދައިން ވަރަށް ލޯބިން އުޅެންފެށިއެވެ.މާލެދާން ފުރަން އެއްޗެހިތައް ޕެކުކުރަން ނައިޝާ އުޅުނެވެ.އެވަގުތު އައްކިޔުން އެކޮޓަރިތެރެއަށް ވަނެވެ. “ޕެކުކޮށް ނިމުނީތަ؟” އައްކިޔުން ނައިޝާއަށް އަހާލިއެވެ. “ހާނ މިނިމުނީ ދަަބަހުގެ ޒިބު އަޅުވާލަމުން ނައިޝާ ބުނެލިއެވެ. “ހިނގާ ހިނގާލަންދާން މިރޭމީ ފަހު ރެއެއްނު މިރަށުގަ ހުންނަ” އައްކިޔުން އެހެންބުނުމުން ނައިޝާ ތައްޔާރުވެލައިގެން ނިކުތެވެ.

************

މަޑު ހިނގުމުގައި ހިނގަމުންގޮސް ނައިޝާމެންގެ އިތުރުން އައްކިޔުންގެ ބައްޕަވެސް ކާންވެގެން ރެސްޓޯރެންޓަކަށް ވަނެވެ.އަދި ކައި ނިމުމުން އެތަނުން އެންމެންވެސް ނިކުތެވެ.ނައިޝާއާ އައްކިޔުން ރަށުތެރެ ބަލައިލަން ހިނގައިގަތުމުން އައްކިޔުންގެ ބައްޕަ އެދެމީހުންނާ ދުރަށް ހިނގައިގަތެވެ.

މުޅި ރަށުތެރޭގައި އެނބުރިލުމަށްފަހު ވާޅުފިލުވާލުމަށް ނައިޝާމެން ބީޗަށްވަނެވެ.އެވަގުތު އައްކިޔުންގެ ބައްޕަވެސް އެދެމީހުންގެ ފަހަތުން އައިސް ގަސްތަކުތެރޭގަ މަޑުކުރިއެވެ.ވަގުތަކީ ވަރަށް ހަމަހިމޭން ހިތްފަސޭހަ ވަގުތެެކެވެ.މޫދާ ދިމާލަށް ބަަލަން އަތާއަތް ޖޯޑުކޮށްގެން ނައިޝާއާ އައްކިޔުން ތިއްބެވެ.

“ނައި އައްކިއާ މެރީ ކުރަންވީނު..ނައިއާ ވަކިން އެންމެ ސިކުންތަކުވެސް ހުންނާކަށް އައްކި ދެން ބޭނުމެއްނުވޭ” ވަގުތުކޮޅަކު ހިމޭނުން ހުރުމަށްފަހު އައްކިޔުން ނައިޝާ ގާތު އިންނަން އެހިއެވެ. “ނައިވެސް ބޭނުމީ ތިގޮތް ނައިވެސް ބޭނުމެއްނޫން ދެން ދެމީހުން ވަކިވާކަށް” ނައިޝާ ބުނެލިއެވެ. އެވަގުތު އައްކިޔުން ވަރަށް އުފާވިއެވެ.

“ނައިދެކެ ހާދަ ލޯބިވެޔޭ” އުފަލުންހުރެ އައްކިޔުން ބުނެލިއެވެ. “ވަރަށް ލޯބިވޭތަ؟” ސަމާސާ ރާގަކަށް ހިނިތުންވެ ހުރެ ނައިޝާ އަހާލިއެވެ.ނައިޝާ އެހެންއަހާލުމުން އައްކިޔުން ބޯޖަހާލިއެވެ.އަދި ނައިޝާގެ ދެލޮލަށް ވަރަށް ލޯބިން ބަލައިލިއެވެ. “ހަމަ ވަރަށް ލޯބިވޭތަ؟” އަނެއްކާވެސް ސަމާސާ ރާގަކަށް ނައިޝާ އަހާލިއެވެ.

“ނޭނގޭހެ ހާދަ ލޯބިވޭ ވިސްނާށެ އައި ބަދަލް…ނޭނގޭހެ ހާދަ ލޯބިވޭ ވިސްނާށެ އައި ބަދަލް…ނިންޖާ އަރާމު ނޭދެމޭ..ނިންޖާ އަރާމު ނޭދެމޭ…އެކަމާ އުފާކުރޭ” މިފަހަރު އައްކިޔުން ނައިޝާއަށް ޖަވާބުދިނީ ލަވައަކުންނެވެ.”ހެޔޮ ހާލުގާ ކަލާތިހެން ހިނިތުންވެފާ ހުރޭ” ހިނިތުންވެލައިގެން ނައިޝާއަށް ބަލަންހުރި އައްކިޔުންނާ ދިމާލަށް ބަލަންހހުރެ ރަކިގޮތަކަށް ލަވައިގެ ދެން އިންބައި ނައިޝާވެސް ކިޔާލިއެވެ.އަދި ދެމީހުންނަށްވެސް އެއްފަހަރާ ހެވުނެވެ.

އައްކިޔުން ނައިޝާގެ އުނަގަނޑުގައި އަތްވިއްދާލުމަށްފަހު އޭނާގެ ގަޔާ ނައިޝާ ކައިރި ކޮށްލިއެވެ.ނައިޝާވެސް އައްކިޔުންގެ ކޮނޑުމަތީގައި ބޯއަޅާލުމަށްފަހު ހިނިތުންވެ ހުރެ މޫދާ ދިމާލަށް ބަލައިލިއެވެ.އެދެމީހުން ހެވިފަވާލެއް ބޮޑުކަމުން ހީވަނީ ދަތްޕިލައިގެ އިޝްތިހާރަކަށް ތައްޔާރުވެފަވާ ހެންނެވެ.އެމީހުންގެ ފަހަތުގައިހުރި އައްކިޔުންގެ ބައްޕަގެ ތުންފަތްމަތީގައިވެސް ވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!