ވާހަކަ ދެއްކުމުގެ ތެރޭގައި ސާވަންއަށް ފާހަގަވީ ދެމީހުންނަށް ވެސް އަހަރުތަކުގެ ތެރޭގައި ވެފައިވާކަންތައްތައް އެހާ ގިނަ ކަމުން ބީރައްޓެހިންގެ ގޮޅިތެރޭގައި ދެމީހުންވެސް ހިމެނޭކަމެެވެ. އެހާވެސް ބޮޑެތި ބަދަލްތައް ވަނީ އައިސްފައެވެ. “ވާއު..އަހަރުން ހީވަނި ސްޓްރޭނަޖާރސް ހެން…” ހައިރަާންކަމާއެކު ސާވަން އެހެން ބުނެލި އިރު އައިލާގެ ތުންފަތް ފިތްތާލިއެވެ. އެއީ ތެދެކެވެ. “ކުރިއާ މިހާރާ ވަރަށް ތަފާތު…ކުރިން ކަންކަން ހުރި ގޮތަކަށް މިހާރަކު ނުހުންނާނެ.” ދުރު ބަލަހައްޓައިގެން އިދެ އައިލާ ބުނެލި އެތިން ސާވަން އިނީ މިންވަރަކަށް ހައިރާންވެފައެވެ.

*************************

ފަޒާގެ ތެރެއަށްވަނީ ރޭގަނޑުގެ އަދިރިކަން ވެރިވެފައެވެ. ރޭގަނޑު ދަންވާން ކައިރިވެފައިވުމުން އެއްވެސް މީހަކު ހެލިފެލިވެ މަގުމަތީ އުޅޭތަނެއް ނުފެނެއެވެ. މަަގުމަތީގައި ބެހެއްޓިފައިވާ ހޮޅިބުރިތަކުގެ އަަލީގެ އިތުރުން މަގުގެ އެއްއަރިމައްޗަށް ހުރި އިމާރާތުގެ ދެވަަނަ ފަންގިފިލާގެ ކޮޓަރިއަކުން އެޅޭ އަލި ފިޔަވާ އެހެން އަލިކަމެއް ހިސާބުގަނޑުގައި ނެތެވެ. އެއަމަން އަމާން ހަމަހިމޭންކަމުން އެތާގައި ދިރިއުޅޭ މީހުން ނިދަން ގަސްތުކުރިކަމުގެ ނިޝާން ދިޔައީ އެޅުމުންނެވެ.

ފެން އޮހެމުންދިޔަ ޝަވަރުގެ އަތްގަނޑުގައި ހިފާ ބަންދުކޮށްލަމުން ހަރުގައި އަޅުވާފައި ހުރި އަޅިކުލައިގެ ބާރތްރޯބް އިން ސާވަން އޭނާގެ ހަށިގަނޑު ފޮރުވާލިއެވެ. އަދި ހުދުކުލައިގެ ކުޑަ ތުވާލިކޮޅެއްނަގައި ބޯހިއްކަމުން ފާހަނަައިން ނުކުމިއެވެ. ފާހަނައިން ނުކުމެ ކުރިއަށް ނަޒަރު ހިންގާލުމުން ފެނުނީ އަދިރިކޮށްލާފައި އޮތް ފަޒާގެ ތެރެއެވެ. ފެންވަރަން ވަދުމުގެ ކުރިން ދޮރުފޮތިތައް ނުކަހައި ވަދެވުނީކަން ހަދާންވީދެނެވެ. އަވަސް ހިގުމެއްގައި ގޮސް ދޮރުފޮތިތައް ކަހައި ބޯހިއްކުމައިގެން ކުރިއަށްދިޔައެވެެ.

ކުއްލިއަކަށް ސާވަންގެ ލޮލުގައި ސްޓަޑީ ޓޭބްލް މަތީގައި އިން ތަސްވީރުފެނުމުން އޭނާގެ އަވަސް ހަރަކާތްތަކަށް މަޑުޖެހުމެއް ގެނައެެވެ. އެދުމަތީގައި ތުވާލިކޮޅު ބާއްވާފައި އެ މޭޒާ ދިމާއަށް މިސްރާބު ޖެހިއެވެ. އަދި އެ ތަސްވީރު އަަތައްނަގައި މަޑުމަޑުން އަތް ހިންގާލިއެވެ.

ކުލައިން ތަތްތެޅިފައިވާ އައިލާއަކާއި ސާވަން އެ ފޮޓޯގަނޑުގައި ކޮޑަށް އަތްވައްޓާލައިގެން ތިބިއިރު ބޮޑު ހިނިތުންވުމެއް ހަދިޔާކޮށަގެން ތިބި މަންޒަރު ފެނި ސާވަންްއަށް އިޙްތިޔާރުން ބޭރުގައި ހިނިތުންވެވުނެވެ. އެ ފޮޓޯގަނޑަކީ ސާވަން މާލެ ދިއުމުގެ އެއްދުވަސް ކުރިން ނަގާފައިވާ ފޮޓޯގަނޑެއްކަން ސާވަންގެ ހަނދާންތައް ބުނަމުންދިޔައެވެ. އެ ފޮޓޯގަނޑުން ސާވަންއަށް އެންމެ އަޅަައިގަތީ އައިލާގެ އެމައުސޫމް ދެލޮލާއި ހިނިތުންވުމެވެ. އަސަރުން ފުރިފައިވާ ދެލޮލަާއި ސާވަންގެ ދިރިއުޅުން އަލިކޮށްދޭ ސާވަންއަށް އެންްމެ ކަމުދާ އެ ފުޅާ ހިނިތުންވުން އަޅުވާލައިގެން ހުރިއިރު އައިލާ ނުހަނު ލޯތްބެވެ.

ފޮޓޯގަނޑަށް ގެއްލިފައި ހުރި ސާވަން އެއްޗެއް ހަނދާންވިފަދައިން މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. މޭޒުގައި އިން ކަބަޑު ހުޅުވައި ރިހި ކުލައިގެ ތަޅުދަނޑިއެއް ނެގިއެވެ. ވަގުތު ކޮޅަކަށް އެއަށް ނަޒަރު ހުއްޓާލާފައި މޭޒުގެ އެއްފަރާތެއްގައި އިން ރަތްކުލައިގެ މަހުމާ ފޮތިން ފަރުމާކުރެވިފައި އިން ފޮށިގަނޑު އެ ތަޅުދަނޑި ބޭނުންކޮށްގެން ހުޅުވިއެވެ. ފޮށި  ހުޅުވުމާއެކު އިިތުުރު ފޮޓޯތަކެއް ފެނިގެންދިޔައެވެ. ހުސްވެސް އައިލާއާއި ސާވަންގެ ފޮޓޯތަކެވެ. ފޮށި ދެބަޔަކަށް ބަހާލާފައިވާއިރު އެއްބައިގައި ދެމީހުންގެ ފޮޓޯތައް ބެހެއްޓިފައިވެއެވެ. ދެން އިން ބައިން ފެނިގެން ދިޔައީ ހަމައެކަނި އައިލާގެ ފޮޓޯ ތަކެވެ. އެއިން ކޮންމެ ފޮޓޯއަކަށް ސާވަން ދިޔައީ ފުންކޮން ބަލަމުންނެވެ. އޭރާއި މިހާރު ހިތާހިތުން އަޅާކިޔުނެވެ. އޭރު އައިލާގެ ލޮލުތެރެއިން ފެންނަމުން ދިޔަ އުންމީދުން ފުރިގެންވާ ހުޅުކޮޅު މިހާރުވަނީ ފަނޑުވެފައެވެ.

އައިލާ އޭނައަށް އެއްޗެއް ސިއްރުކުރާކަން ދެނެގަންނާކަށް ސާވަނަކަށް އުދަގުލެއްނުވިއެެވެ. އައިލާ އެކަން ސިއްރުކުރަން މަސައްކަތް ކުރަމުން ދިއެއްކަމަކު އެހުރިހާ މަސައްކަތެއް ސާވަންގެ ލޮލަށް ފެނާ ވެގެން ދިޔައީއެވެ. ނަމަވެސް އަވަސްއަރުވާލާފައި ކަންތައްކުރުމުގެ ބަދަލުގައި ސާވަން ފުރަތަމަ ބޭނުންވީ ދެމީހުންްގެ މެދުގައިވާ ބީރައްޓެއްހިކަން ފިލުވާށެވެ. ކުރީގައި އެދެމެދުގައި އޮތް ގުޅުން ބަދަހި ކުރާށެވެ. އައިލާގެ އިތުބާރު އަލުން ހޯދާށެވެ. އޭގެފަހުން އޭނަގެ ސިކުޑީގައި ހަރުލާފައިވާ ސުވާލުތައް ކުރުމަށް ނިންމިއެެވެ.

ސާވަންގެ ޙިޔާލުތައް އޭނައާ އަލްވަދާއު ކީ ޑްރެސިންގ ޓޭބަލް މަތީގައި ބޭއްވިފައިވާ އޭނަގެ ފޯން ރިންގުވާާން ފެށުމުންނެވެ. ސާވަނަށް ދެބުމަ ގޮއްޖަހާލެވުނީ މިހާ ދަންގަޑިއެއްގައި ސާވަންއަށް ގުޅަަނީ އެކާކުބައޭ ހިތައްއެރުމުންނެވެ. ހަމަގައިމުވެސް އޭނަ ދަންނަ އެއްވެސް މީހެއް މިހާ ދަންގަޑިއެއްގައި ދުވަހަކުވެސް ގުޅާފައި ނުވެއެވެ. އެކަމްވެސް ކާކު ކީއްވެތޯ ގުޅަނީ ބެލުމުގެ ގޮތުން ފޯން ނަގަން ދިޔައެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. އިތުރަށް ސާވަން ނުތަނަވަސްވިއެވެ. ނަގަން ނުނަގަން ހުރެފައިވެސް އެންމެފަހުން ބޮލަށް އުނދަގޫވާން ފެށުމުން ފޯން ނެގިއެވެ.

“ހަލޯ..؟” އެކޮޅުގެ ޖަވާބަކަށް ސާވަން މަޑުކުރިއެވެ. އެއްވެސް ކަހަލަ އަޑެއް ބަޑެެއް ނީވުމުން ސާވަން ފޯންކަޑާލަން އުޅުނު ވަގުތު އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ. “ސާވަން މީ ނަފާ އޭ.” އެ އަޑުޖެހުމާއެކު ސާވަންވީ ފޫއްސަކުން އަތްފޯރާފަށުގަ އޮތް ފުނާ އެނދާ ދިމާއއަށް އެއްލާލެވުނެވެ.

ބޮޑުކަމެކޭ ހިތައްއެރިއެވެ. ކިތައްމެ ވަރަކަށް ނަފާާާއަށް ފިލަން އުޅުނަސް އެކަމެއް ނުވާނެއެވެ. ވަރެއްގެ އަންހެނެކޭ ހިތައް އެރިއެވެ. “ކީއްކުރަން މަށަށް ތި ގުޅަނީ؟ ކާކު ކައިރިން މަ ނަމްބަރު ހޯދީ؟” ވެފައި ހުުރި ފޫއްސެއްގެ ބޮޑުކަމުން ސާވަންގެ އަޑު އައީ ރުންކުރު ގޮތަކަށެވެ. ނަމަވެސް ސާވަންގެ ސުވާލުތަކަށް ޖަވާބު ދިނުމެއްނެތި ނަފާ އޭނަގެ ވާހަކަ ކަުރިއަށް ގެންދިޔައެވެ. “ސާވަން ކީއްވެތަ އަބަދު ނަމްބަރު ބަދަލްކުރަނީ…އެތަކެއްފަހަރަކު އަނެއް ނަމްބަރަށް ވެސް ގުޅައިފިން އެކަމް ބުނަނި ނަމްބަރ ނިއްވާލާފައޭ… ޝަހީީމް ކައިރީ ބޭބީގެ ނަމްބަރު ހޯދަދޭށޭ ބުނީމަ އޭނަ ހޯދަދިނީ އަދި ބުނި ބޭބީ ހުރީ މާލެއަކުވެސް ނޫނޭ… ކީއްވެ ނަފް ކައިރީ ރަށަށްދާ ވާހަކަ ނުބުނީ.. ނަފް ހާދަ ހާސްވިއޭ ބެޭބީ ފޯން ނުނެގީމަ” ނަފާ ފައްޗަކަށް އޭނާގެ ޝަކުވާތައް އަމުނާލިއިރު ސާވަން ދިޔައީ އިތުރަށް ރުޅިގަދަވަމުންނެވެ. ހިތާ ހިތުން ޝަހީމަށް އެއްޗެހިގޮވުނެވެ.

“ނަފާ ދެންމި ކިހާ ބޮޑުވެއްޖެ ކަމެއްތަ.. ކިތައް ފަހަރު މަށަށް އުދަގޫނުކުރާށޭ ބުނެވިއްޖެތަ މިހާރު.. މިހާ ދަންގަޑިއެއްގަ ތި ގުޅަނި ކީއްކުރަން. މަ ނުދެނެ ހުރިން މަ ކުރާ ހުރިހާ ކަމެއް ނަފާއަށް އަންގަނޖެހޭނެކަމަކަށް. ނަފާގެ އުދަގޫ ބޭނުންވެފަ ހުންނަ މީހަކަށް އުދަގޫކޮށްބަލަ. ކޮންމެހެން އެހެންމީހުންނަށް އުދަގޫ ނުކޮށް.” ސާވަންގެ ހިތްހަމަނުޖެހުން ނަފާއަށް ފާޅުވިއަސް ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. “ދެން ބޭބީ ކީއްވެތަ އެހާ ރުޅިއައިސް ތިވާހަކަ ދައްކަނި. ހާލު ބަލާލުން ވެސް މިހާރު މައްސަލައަކައްތަ ތި ހަދަނި؟” ނަފާ ގާތައްވެސް ރުޅި އަތުވެއްޖެއެވެ. “މެންދަމު ބާރަ ޖެހީމަތަ މީހުންގެ ހާލުބަލަން ގުޅަނި… އެހެންނޫނަސް ކިތައް ފަހަރު ތި ނަމުން މަށާ ވާހަކަ ނުދައްކާށޭ ވެސް ބުނެވޭނި.”

“ބަޓް… ސާވަންއަށް އިގޭނުން ސާވަންދެކެ އަހަރެން ލޯބި ވާވަރު.” ނަފާގެ އެ ޖުމްލައިން ސާވަންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އޯ ޕްލީސް ނަފާ ސްޕެއަރ މީ ފްރޮމް ދަ ލައީސް… ނަފާ ކައިރި ބުނިން ދޯ އަހަރެން ނަފާދެކެ ލޯތްބެއް ނުވެއޭ. ދެން ނުގުޅާތި.. ގުޑް ބާއި” ނަފާއަށް އިތުރު އެއްޗެއް ބުނުުމުގެ ފުރުސަތު ނުދީ ސާވަން ފޯން ކަޑާލިއެވެ. އަދި އެ ނަމްބަރު ބްލޮކްކޮށް ކަރުނަވަޅުގައި ދެ އިނގިލި ވިއްދާލިއެވެ.

ނަފާއަކީ ސާވަން މާލެ ބަދަލްވި އިރު ދިމާވި ކުއްޖެކެވެ. އެއް ކުލާހެއްގައި ކިޔަވަމުން އައި އިރު ނަފާ އަބަދުވެސް ހުންނަނީ ސާވަން ފަހަތު ފޫ އަޅުވާލަ އަޅުވާލައެވެ. އެތަކެއްފަހަރު ސާވަން ނަފާދެކެ ލޯބި ނުވާކަމަށް ބުންޏަސް ނަފާއަށް އެ ނީވޭ ފަދައެވެ. ނަފާގެ ނަޒަރުގައި އެ ދެމީހުންނަކީ ލޯބިވެރިންނެވެ. ނަފާގެ އުދަގޫތަކާ ހެދި ސާވަން އަބަދުވެސް ހުންނަނީ ރުންކުރުވެފަައެވެ. ރީއްޗަށް ބުނެގެން އެހެން ނުހުއްޓުމުން ސާވަން އިތުރަށް މާޔޫސްވެ ރުޅި އަންނަން ފެށިއެވެ.

ޝަހީމަަކީ މާލޭގައި އޮންނަ ގޭންގް އެއްގައި އުޅޭ މީހެކެވެ. ނަފާއާ ޝަހީމްްއާ ދޭތެރޭ އޮންނަ ރަޙުމަތްތެރި ކަމުގެ ގުޅުމުން ނަފާގެ އެދުންތައް ޝަހީމް ފުރިހަމަކޮށްދެއެވެ. ނަފާ އޭނަ ކައިރީ ސާވަންގެ ނަމްބަރު ހޯދަދޭން ބުނުމުން ހޯދަދިނީވެސް އެހެންވެއެވެ.

އަރާމުކޮށްލުމުގެ ނިޔަތުގައި ސާވަން ނިދާ އެއްޗެހި ލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. އައިލާގެ ހިޔާލުތަކަށް ގެއްލިފައި އޮތް ސާވަނަށް ނިދުނު އިރުވެސް ނޭނގެއެވެ.

*************************

ގަޑިން ހެނދުނު ދިހަ ގަޑި ބައިވަނީއެވެ. ސާވަނަށް ލަހުން ނިދުމުގެ ސަބަބުން ނާސްތާ ކުރެވުނު އިރު ހުރީ ގަޑިން ދިހައެއްޖަހާފައެވެ. އެވަގުތު ލަމާން ސާވަނަށް ގުޅިއެވެ. އަދި އަތިރިއާ ދިމާއަށް އައުމަށް އެދުނެވެ. ސާވަން ޒައިނާ ކައިރީ ދަނީއޭ ބުނެ މިސްރާބުޖެހީ އަތިރިއަށް ދިއުމަށެވެ. މަގުގެ އެއްކައިރިން ހިގާފަައި ދިޔަ ސާވަނަށް ޒުވާން އުމުރުގެ އަންހެން ކުދިންގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ލައިގެން ހުރި ކަކުލުން ކުޑަކޮށް މަތި ހުުދުކުލައިގެ ސޯޓާއި ނޫކުލައިގެ އަތްދިގު ޓީޝާޓު ސާވަންގެ ދޮން ހަންގަނޑާ ނުހަނު ގުޅެއެވެ. ތަރުތީބެއް ނެތި ހާވާލައިފައިވާ އިސްތަށިގަނޑުން ސާވަން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އަންހެން ކުދިންގެ އެ ނަޒަރުތަކުން ސާާވަނަށް އުދަނގޫވަމުން ދިޔަސް އެކަން ނުދައްކާ ވޭތޯ ސާވަން ބެލިއެވެ. ކުރިއަށް ވުރެ އަވަސް ފިޔަވަވަޅު ތަކާ އެކީ ސާވަން ބެލީ އަވަހަށް އެކުދިންގެ ލޯމަތިން ގެއްލޭތޯއެވެ.

މާކަ އިރެއްނުވެ ރަށުގެ އަތިރިމައްޗާ ހަމައަށް އާދެވުނެވެ. ލަމާންގެ ހިލަމެއްވޭތޯ ދެ ފަރާތް ހޯދާލިއެވެ. ލަމާން ސާވަން ކައިރީ އައުމަށް އިޝާރާތް ކޮށްލުުމުން މަޑު ދުވުމެއްގައި ލަމާނާއަރާ ހަމަކުރިއެވެ. ގަސް ދޮށުގެ ހިޔަލުގައި ދެން ތިބި މީހުން ފެނުނީދެނެވެ. އެއީ ސާވަން ކުޑައިރު އެއްކޮން އުޅުުނު ރަޙްމަތްތެރިންނެވެ.

“އޭ ސާވަނޫ އަހަރެމެން ކައިރީ އެހާ އަވަހަށް އަންނަވާހަކަ ވާ އަންގާވެެސް ނުލާ. މަހެއް ފަހުން އަންނަ ވާހަކަ މިހުރި ލަމާނު ބުނި.” ކިޔާން ސާވަން އިށީންނަން އައުމުން ބުންޏެވެ. “އާން.. އަސްލު އަންނަން ހުރި މަހެއްފަހުން އެކަމް ބައްޕަ ފުރުން އަވަސް ކޮށްލި. ތި އެންމެންގެ ހާލު ކިހިނެއްތަ؟” ކިޔާނަށް ޖަވާބު ދިނުމަށްފަހު ސާވަން އެއްސެވެ.

“އަހަރެމެން ހަމަ ހަބޭސް.” ކިޔާންގެ ކޮޑުމަތީ ބޯއަޅައިގެން އޮތް ހައިފާ ޖަވާބު ދިނެވެ. ސާވަން ބޯޖަހައި ކިޔާން ސުވާލު ކުރަން ފެށުމުން ޖަވާބު ދިނެވެ. ލަމާނާ ހައިފާވެސް ވާހަކަ ތަކުގައި ބައިވެރިވަމުން ދިޔައެވެ. “ކޮބާތަ މަޒްލާނުމެން؟ މި އަންނަނީއޭ ބުނިމީހުންނަށް އަދިވެސް ނުއެއް އާދެވޭ.” ލަމާން ކުސްތަޅާލިއެވެ.

“ދެން މަޒްލާނޫ..މަ ފައިވަން މައްޗަށޭ ތި އަރަނީ..ކިރިޔާ  ދެންމެވެސް ނުވެއްޓުނި..” ބައެއްގެ އަޑު އިވުމުން ސާވަންމެން އިސްއުފުލާ ބަލައިލިއެވެ. އޭރު ލަމާންގެ ރައްޓެހިން މަޒްލާން، ސަހާ އަދި ރީހާ މެން އެމީހުންނާ ދިމާއަށް އަންނަނީއެވެ. “ޕިސް ޕިސް ޕިސް… މި އަންނަނީއޭ ބުނި މީހުންނަށް ބައިގަޑިއިރު ވީ އިރުވެސް ނާދެވުން..އަޅެ ފަހެ އެހާ ލަސްވީ ކީއްވެ؟” ކިޔާން މޫނަށް ގޮތެއް ހަދާލަމުން ބުންޏެވެ.

“މަށަށް ލޯއަޅާނެ ކަމެއް ނެތް.. މިހިރަ ސަހާއާ ރީހާގެ ލަސްކަމުން އެހާ ވެސް އަވަހަށް މި އާދެވުނީ.” މަޒްލާން ދޮންވެލިގަނޑު މަތީ އިށީދެލަމުން ރައްދު ދިނެވެ. “އެހެންޏަ އަދިވެސް އަހަރެމެންނާ ހެދި ދޯ ލަސްވީ.. ކާކުތަ ވަރުބަލިވެގެން ސުކޫލް ދޮރާށި ކައިރީ ހުރި ގޮޑީގައިށީނި ވަރުބަލި ފިލުވަން.” ސަހާ މަޒްލާނަށް ވިއްދުމުގެ ގޮތުން ބުންޏެވެ.

“ހޫމްމްމް… ދެން މަށާ ހެދި ހުރިހާ ލަހެއް.. މި މީހުން ފަރިވާން ނެގި އެންމެ ދެ ސިކުންތު ވިއްޔާ ދޯ.” ސަހާ އަށް ލޯ ހަނިކޮށްލަމުން މަޒްލާން ލާނެއް ރާގަކަށް ބުންޏެވެ. “ހޫމް..އެ ފެށުނި.. މި ދެމީހުންނަށް ދުވަހަކު ނުކޯޅި ނުތިބެވޭނެ.. ތިބެ އޮޅުލަން… މީތަ މާން ބުނި ފްރެންޑަކީ؟” ރީހާ އޭނަގެ ރައްޓެހިންނަށް ކުުދި ކިޔާލުމަށްފަހު ސާވަަނަށް އިޝާރާތް ކުރިއެވެ. ލަމާން އާންއިކޭ ބުނުމުން ސާވަނަށް ހިނިތުން ވުމެއް ރީހާ ހަދިޔާ ކޮށްލިއެވެ.

“ހައި..އައިމް ރީހާ. ނައިސްޓު މީޓް ޔޫ. މި މަޒްލާން ދެން އޭނި ސަހާ.” ރީހާ އަމިއްލައަށް ތަޢާރަފްވެ އޮޅުލަން ތިބި ޖޯޑުވެސް ތަޢާރަފް ކޮށްދިނެވެ. “އައިމް ސާވަން. ނައިސްޓު މީޓް ޔޫގާއިސް ޓޫ.” ސާވަންވެސް ހިނިތުންވުމެއް ރައްދުކޮޮށް ތަޢާރަފްވިއެވެ. ހުރިހާއެންމެންގެ ނަޒަރުތައް އަނެއްކާވެސް އަމާޒުވީ އޮޅުލަން ތިބި ޖޯޑަށެވެ.

“މަ މިބުނީ ހަމަ…މަޒޫއަކަށް ނޭނގޭ ހިގާކަށް އަލުން ހިނގަން ދަސްކޮށްދޭން ވެފަ ތިހުރީ.” ސަހާ މަޒްލާނަށް ލޯ އަޅަމުން ބުނެލިއެވެ. “އަނެއްކާވެސް މަ ބޮލަށް ޖަހާފާނެ… މަށެއް ނޫން ކުރީގަ ހުރެގެން ކަހަބެއް ހެން އެހާ ލަހުން ހިނގަނީކި.. ތިޔާ ޒެއިން މަނިކެއް ވެސް ތަނެއްގަ ހަމަ ޖެހިލައިގެން ބެލިދާނެ ދޯ މަގުމަތީ ހިގާފަ އަންނަ ގަޑީ ނުބަލާ.” މަޒްލާންވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. “އެއްޗެއް ކިޔަންވެސް ނޭނގޭ މީހެއް ދޯ ތީ. ޒެއިން މަލިކް. މަނިކެއް ނޫން. މީހުންގެ ފިރިންނާ ނުބެހިބަލަ ދޯ.” ނިތް ކުރިމަތީ ޖަހަމުން ސަހާ މަޒްލާނަށް ކިޔައިދިނެވެ. ދެ ރައްޓެހިންގެ ކޯޅުންގަނޑު ބަލަން ސާވަނަށް އިދެވުނީ ހިނިތުންވުމެއް އަޅުވައިގެނެވެ. ހަނދާންވަނީ އައިލާއާ ސާވަން އެގޮތައް ކޯޅޭ ހަނދާނެވެ. އެވަގުތު އައިލާ ދެެކިލުމަށް އެ ހިތް އެދުނެވެ. އައިލާގެ ހިޔާލުތަކުން ސާވަަށް ބޭރުވާން ޖެހުނީ މަޒްލާންގެ އަޑަށެވެ. “ޗި މަ އެބައުޅޭތަ ތިޔާ މާލިކެއްގެ ނަން ދަސްކުރަން. ތިކަމަކާ ނުގުޅެން. ސަހާ އަދިވެސް ވާނެ މުސްކުޅިންނާ ހެދި އުޅެން.” “އައްދޭ އެ މުސްކުޅިއެއް ނޫންތަ..ޖަސްޓް އެޑްމިޓް އިޓް ޔޫ އާރ ޖެލަސް.” ނިޔަފަތި ތަކަށް ބަލާލަމުން ސަަހާ މަޒްލާނަށް މަލާމާތް ކޮށްލިއެވެ. “އައްޗީޑި.. މަ ނޫޅެން ޖޭ ވެގެނެއް. ކާކު ތިޔާ މާލިކެއް ދެކެ ޖޭ ވާނި.” އޯކަތް ދެމޭ ވައްތަރަށް މަޒްލާން ބުނެލިއެވެ.

“ހޯން .. ތި ކޯޅުންގަނޑު ކޮންއިރަކު ހުއްޓަން ގަސްތު ކޮށްގެންތަ ތިބީ. ސަހާދެއްކަން މިބުނި މި ދެމީހުން އެއްތާކު ބައި ތިއްބަން ހެޔޮވެސް ނުވާނެ.” އެންމެފަހުން ލަމާނަށް ނުހުރެވިގެން ބުނެވުނެވެ. ސާވަނަށްމަޑު ހުނުމެއް ކިޔާނާއި ހައިފާއާ އެކީ ބޭރު ކޮށްލެވުނެވެ. ސަހާ އާއި މަޒްލާން އަދިވެސް ތިބީ ދެމީހުން ދެމީހުންނަށް ލޯ އަޅައިގެންނެވެ. “މަޒްލާން ފެށީ. މަށެއް ނޫން.” “އަމައްޔާއި ކިތައް ފަހަރު މަ ބޮލަށް ޖަހަން ތި ވިސްނަނި. މަ ތެދަށް ބުނީމަ ތި ފަކީރުނުން ފެށީ.” އަނެއްކާވެސް ދެމީހުން އޮޅުލަން ފެށުމުގެ ކުރިން ލަމާން އަގަބާނާލަން އުޅުނެވެ. “ސާބަހޭ ދެމީހުންނަށް. ދެން ފަށާއިރަށް މި ފައިވަން ކިބައިން ބޮޑި ދޭނަން.” ފައިވަން ކިބަ ދައްކާލަމުން ލަމާން ބުނެލިއެވެ.

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!