ނައިޝާމެން މާލެ ދިޔުމުން އޭނާގެ އާއިލާ މީހުން އޭނާ ބަލާއައިސް ބަނދަރުމަތީގައި ތިއްބެެވެ.ނައިޝާ ހެޔޮހާލުގައި ހުރިތަން ފެނުމުން އެންމެންވެސް ވަރަށް ހިތްހަމަ ޖެހުނެވެ.ގެއަށްދެވުމާއެކު ނައިޝާމެން ކައިވެނި ކުރަން އުޅޭ ޚަބަރު އޭނާގެ ގޭމީހުންނަށް ދިނެވެ.އެޚަބަރު ލިބުމުން އެމީހުން ވަރަށް އުފާވިއެވެ.އަދި އައްކިޔުންނާ ނައިޝާއާ ދެމީހުންނަށް އެމީހުން ވަރަށް ހޫނު މަރުހަބާއެެއް ކިޔެވެ.ނައިޝާ މާލެ އަންނަންދެން ލަންކާއަށް ނުގޮސް މަޑުކުރި އޭނާގެ މައިންބަފައިން، ނައިޝާ ކައިވެނިކުރަންދެން އަނެއްކާވެސް ފުރުން މަޑުޖައްސާލިއެވެ.

********

އަންނައުނުތައް ފަހާ ކައިވެންޏަށް ތައްޔާރުވެ، ވަރަށް ކުލަގަދަ ކައިވެނީގެ ހަފްލާއެއް ނައިޝާމެން ބޭއްވިއެވެ. އެކައިވެނި ޕާޓީއަށް ނައިޝާގެ އާއިލާއާއި، އައްކިޔުންގެ ބައްޕަގެ އިތުރުން ޔުދާއާ އޭނާގެ ކޮލެޖު ދެރަހުމަތްތެރިން ކަމުގައިވާ ކިޔާރާއާއި ފިރާޝާ އަދި އައްކިޔުންގެ ގާތް އެކުވެރިޔާ ޒަލަފްވެސް ބައިވެރިވިއެވެ.

އެހެންރޭތަކާ ޚިލާފަށް މިރޭ ނައިޝާމެން ހާސްގުނަ ރީއްޗެވެ.ޕާޓީއަށް ދިޔަ އެންމެންވެސް ދެއްކީ އެދެމީހުންގެ ޗާލުވާހަކައެވެ.ހުދު ވެޑިން ޑްރެހުގައި ނައިޝާ ހުރިއިރު އޭނާގެ ރީތި ހަށިގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަހަލައެވެ.ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެން ނައިޝާ ކައިރީގައިހުރި އައްކިޔުންގެ ގަޔަށްވެސް އެއަންނައުނު ވަރަށް ގުޅެއެވެ.ދެމީހުންގެ މޫނުމަތިން ހިނިތުންވުން މިރޭ އެންމެ ސިކުންތަކަށްވެސް ކެނޑޭގޮތެއް ނުވެއެވެ.ޕާޓީއަށް އަންނަ މެހެމާނުންނާ ސަލާމްކުރަން ކޮޅަށްހުރި ނައިޝާއާ އައްކިޔުން ދޭތެރެއަކުން އެކަކު އަނެކަކަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލައެވެ.

*******

ކާތަށިތަކަށް ކާއެއްޗެހި އަޅައިގެން އެންމެންވެސް ކާން އިށީނެވެ. ދައުވަތުދިން އެންމެން ހަމަވުމުން ކޮޅަށްހުރި ނައިޝާމެން ކާންތިބި ޒަލަފާއި ޔުދާމެންގެ ކައިރިއަށް ދިޔައެވެ.އައްކިޔުން ޔުދާމެންނަށް ޒަލަފް ތައާރަފް ކޮށްދިނެވެ.”ނައި ބުނެފަވާތީ ޒަލަފަކީ އައްކިޔުންގެ ބެސްޓީކަން އިނގޭ ކުރިންވެސް…އެކަމަކު ހަމަލޮލުން ފެނި ބައްދަލުވިމީ ފުރަތަމަ ފަހަރު” ޒަލަފާ ސަލާމްކުރަމުން ހިނިތުންވުމަކާއެކު ޔުދާ ބުނެލިއެވެ.

******

ޒަލަފްމެންނާ ހީހީފައި އަނގަތަޅަމުން ނައިޝާމެން ގެންދިޔައެވެ.ނައިޝާމެންނާ ވާހަކަ ދައްކަމުން ދިޔަ ޒަލަފް ދޭތެރެއަކުން ޔުދާއަށް ބަލައިލައެވެ.ޔުދާވެސް ދޭތެރެއަކުން ޒަލަފަށް ބަލައިލައެވެ.އެދެމީހުން އެކަކު އަނެކަކަށް މާވަރަކަށް ބަލާކަން ނައިޝާމެނަށްވެސް ފާހަގަވިއެވެ.އެންމެނާ އަނގަތަޅާލުމަށްފަހު ނައިޝާ އެމީހުންނާ އެކަހެރިވެލިއެވެ.އެވަގުތު ޔުދާ ނައިޝާގެ ކައިރިއަށް އައެވެ. “ކިހިނެއްވީ ވާވަރަށް ބެލިއްޖެތަ؟” ޔުދާ އައުމުން ޖޫސްފޮދެއް ބޯލުމަށްފަހު ނައިޝާ އޭނާއާ ދިމާކޮށްލިއެވެ.

“ކޯއްޗަކަށް؟” ޔުދާ ނޭނގޭކަމަށް ހަދަމުން ބުނެލިއެވެ. “މޮޅޭދޯ ނޭނގޭކަމަށް ހަދަން…ނައި ދެކުނީމޭ ޒަލަފާ ޔޫއާ އެކަކު އަނެެކަކަށް ބަލަނިކޮށް” ސަމާސާވެެރި ގޮތަކަށް ނައިޝާ ބުނެލިއެވެ.ނައިޝާ އެހެންބުނެލުމާއެކު ޔުދާ ރަކިވިއެވެ. “އަސްލުތަ؟ ފާހަގަވާ ވަރަށްތަ ބެލުނީ؟” ޔުދާ ލަދުރަކިކޮށް ބުނެލިއެވެ.

“ނޭނގެ ބެލިމީހަކަށްނު އެނގޭނީ” ނައިޝާގެ ތުންފަތްމަތީގައިވަނީ ސަމާސާވެެރި ހިނިތުންވުމެކެވެ. “އަސްލު ބުނާނަމަ…ޔުދާއަށްވެސް ނޭނގެ ޒަލަފާ ދިމާލަށް މާވަރަކަށް ބެލެނީ ކީއްވެކަމެއް…ތެދުތެދަށް ބުނާނަމަ މީ ޔުދާއަށް މިހެންވި ފުރަތަމަ ފަހަރު” ޔުދާ ލަދުރަކިގޮތަކަށް ޒަލަފާ ދިމާލަށް ބަލަންހުރެ ބުނެލިއެވެ.ނައިޝާވެސް ޒަލަފާ ދިމާލަށް ބަލައިލިއެވެ.އެވަގުތު އައްކިޔުންނާ ޒަލަފާ ތިބީ ކޮންމެވެސް ވާހަކަތަކެއް ދައްކާށެވެ.

*****

ނައިޝާ އޭނާގެ ގޭމިހުންތިބި މޭޒުކައިރިއަށް ގޮސްލުމަށްފަހު، އައްކިޔުންގެ ގާތަށް ދިޔައެވެ. “ނައި އައްކި އެބައިން ވާހަކައެއް ބުނަންވެފަ” ނައިޝާ އައުމުން އައްކިޔުން ބުނެލިއެވެ. “އަައްކިއަށް ހީވަނީ ޒަލަފް ޔުދާދެކެ ގަޔާވެއްޖެކަންނޭނގެ..އަޅެ ނައިއަށް ފާހަގައެއްނުވޭތަ އެދެމީހުން މާވަރަކަށް އެކަކުއަނެކަކަށް ބަލާކަމެއް..ދެންމެ ޒަލަފް އައިސްް ހުސް ޔުދާއާ ބެހޭ ސުވާލުތައްކުރީ…ޔުދާއާ ނައިއާ ދިމާވަނީ ކިހިނެއްތޯއާ ޔުދާއަށް ކިތަށް އަހަރުތޯއާ” އައްކިޔުން ބުނެލިއެވެ.

“ނައިވެސް އެހެންބުނެފައޭ މިއައީ ޔުދާ ކައިރި..އެދެމީހުން މާވަރަކަށް ބަލާތީ..ޔުދާ ބުނީ ނޭނގެއޯ ބެލެނީ ކީއްވެކަމެއް..މީއޭނަގެ ފުރަތަމަ ފަހަރޯ މީހަކަށް އެވަަރަށް ބެލެވޭ”ނައިޝާ ހިނިއައިސްފައި ބުނެލިއެވެ. “އައްކި ޒަލަފް ކައިރިބުނިން ޒަލަފް ބޭނުންވާ ސުވާލު ޔުދާއާ ކޮށްބަލާށޭ ލަދުނުގަނެ” އައްކިޔުން ބުނެލިއެވެ.

********

ޔުދާއާ ރަހުމަތްތެރިވާން ޒަލަފް ވަރަށް ބޭނުންވެއެވެ.އޭނައާ ވަކިން ވާހަކަދައްކާލެވޭނެ ފުރުސަތަކަށް ޒަލަފް ދިޔައީ ބަލަމުންނެވެ.ޔުދާއަށް ބަލަން ކަޅިޖަހާނުލާ އިން ޒަލަފަށް ޔުދާ ކާމޭޒުދޮށުންތެދުވެ ކާއެއްޗެހި ބަހައްޓާފައިވާ ބޮޑު މޭޒުތަކާ ދިމާލަށް ދިޔަތަން ފެނުނެވެ.ފުރުސަތު ގެއްލުވާލަން ބޭނުންނުވާތީ ވަރަށް ހިތްވަރާއެކު ޒަލަފް އިންތަނުން ތެދުވެ ޔުދާއާ ދިމާލަށް މިސްރާބުޖެހިއެވެ.ޔުދާއާ ގާތަށް ދިޔަވަރަކަށް ޒަލަފްގެ ހިތް ގަދައަށް ތެޅެމުންދިޔައެވެ.މަޑު ހިނގުމުގައި ހިނގާލައިފައިގޮސް ޔުދާއާ އަރާހަމަވުމުން ޒަލަފް ކަރުކެހިލިއެވެ.އެވަގުތު ކާއެއްޗެހި ތައްޓަށް އަޅަންހުރި ޔުދާ ފަހަތަށް ބަލައިލިއެވެ.އޭނާއަށް ޒަލަފް ފެނުމާއެކު ވަރަށް ލަދުގަތެވެ.

ޔުދާ ގާތަށްދިޔަ ޒަލަފް އައްކިޔުންނަށް ފެނިގެން ނައިޝާ ގައިގައި ކޮއްޓާލުމަށްފަހު އެމަންޒަރު އޭނާ ނައިޝާއަށް ދައްކާލިއެވެ.އެވަގުތު ވާހަަކަދައްކަން ތިބި ޒަލަފާ ޔުދާ ނައިޝާއަށް ފެނުނެވެ.

“އެހެންވީމަ ޔޫއަށްވުރެ ޒަލަފް ބޮޑުވާނީ ދެއަަހަރުދޯ” ޔުދާއާ ވާހަކަދައްކަމުން ގޮސް ޒަލަފް އަހާލިއެވެ. “ހޫމް” ލަދުރަކި ގޮތަކަށް އެހެންބުނެ ކާންނެގި ތަށި ޔުދާ ބެހެއްޓިއެވެ. “ކީއްވެ ތިބެހެއްޓީ ޒަލަފް އައީމަތަ؟” ކާތަށި ބެހެއްޓުމުން ޒަލަފް އަހާލިއެވެ.ޒަލަފް އައުމުން ޔުދާއަށް ކާން އަޅާކަށްނުކެރުނެވެ.މުޅިމީހާވަނީ ހިތްއަވަސްވެ ފިނިވެފައެވެ.

“ހާދަ ފިންޏޭ އަތް” ޔުދާގެ އަތުގައި ޒަލަފަށް ބޭއިޚްތިޔާރުގައި ހިފާލެވުނެވެ. “ފާސްޓޭދޯ” ޒަލަފް ޔުދާގެ އަތުގައި ހިފާލުމުން އެދެމީހުންނަށް ބަލަންހުރި ނައިޝާ އައްކިޔުންނަށް ބުނެލިއެވެ.ޒަލަފް ޔުދާގެ އަތުގައި ހިފުމުން ޔުދާގެ ހިތުގެ ތެޅުން އިހުނަށްވުރެ ގަދަވިއެވެ.ލަދުންގޮސް ވަށައިގެންވާ އެެންމެނަށް ޔުދާ ބަލައިލިއެވެ.އެވަގުތު އެދެމީހުންނަށް ބަލަން ހެވިފައިތިބި އައްކިޔުންނާ ނައިޝާ ޔުދާއަށް ފެނުނެވެ.ޔުދާ ނައިޝާމެންނާ ދިމާލަށް ބަލައިލުމުން ޒަލަފްވެސް އެދިމާލަށް ބަލައިލިއެވެ.އެވަގުތު އޭނައަށްވެސް އެމީހުން ފެނުނެވެ.

އެމީހުން ބަލަންތިބުމުން ޒަލަފް އަވަަހަށް ޔުދާގެ އަތުން ދޫކޮށްލިއެވެ.އަދި ލަދުން ބޯކަހާލިއެވެ. “ސޮރީ” ޔުދާގެ އަތުގައި ހިފުމުން ލަދުރަކި ގޮތަކަށް ޒަލަފް ޔުދާއަށް ބުނެލިއެވެ.އެވަގުތު ނައިޝާ އާއި އައްކިޔުން ޔުދާމެންގެ ކައިރިއަށް އައެވެ.

“މިދިމާލުންދޯ މާވަރަކަށް މާތަކެއް އެފޮޅުވަނީ އައްކީ؟” ޔުދާމެންނާ އަރާހަމަވުމަށްފަހު އެމީހުންނާ ދިމާކޮށްލުމުގެ ނިޔަތުގައި ހެވިފައިހުރެ ސަމާސާ ގޮތަކަށް އައްކިޔުންނަށް ނައިޝާ އަހާލިއެވެ.އެވަގުތު ލަދުންހުރި ޔުދާ ނައިޝާގެ އަތުގައި ހިފާ ފިތާލިއެވެ. “ހާދަގޯހޭ ނައި” ޔުދާ މަޑުމަޑުން ނައިޝާގެ ކަންފަތްބުޑުގައި ބުނެލިއެވެ. “ރަނގަޅު ދެން ގޯހެއްނޫން..އައްކިއާ ނައިގެ ދެ ބެސްޓީސްވެސް ފުރެންޑްވީމަ ދޯ” ނައިޝާ ސަމާސަ ވެރިގޮތަކަށް އައްކިޔުންނަށް ބުނެލިއެވެ

“ނޫނޭ ވާ ފާސްޓު އިނގޭ ބުރޯ” ޒަލަފްގެ ކަންފަތްބުޑުގައި އައްކިޔުން ބުނެލިއެވެ. “ހޫނ ދިމާކުރަންފެށީދޯ އަނެކަކު” ލަދުންހުރެ ޒަލަފް އައްކިޔުންނަށް ބުނެލިއެެވެ.އަދި ހަތަރުމީހުންވެސް ހީހީފައި އަނގަތަޅަން ފެށިއެވެ.އަށެއްޖެހިއިރު ފެށި ޕާޓީ ރޭގަަނޑު އެގާރަޖެހިއިރު ވަރަށް އުފާލާއެކު އެމީހުން ނިންމާލިއެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!