” ލިން.. އަހަރެން އެބަހުރި ލިން އަށް ކިޔައިދެން ޖެހޭ ބައިވަރު ވާހަކަ.. ލިން ބުނީމެންނު އަހަންނަށް ފެނިގެން ހުރިހާ ވާހަކައެއް ކިޔައިދޭށޭ.. އަހަންނަށް ހީވަނީ ލިން އަށް ހުރިހާ ވާހަކައެއް ކިޔައިދެންވީ ވަޤުތު އައިސް ޖެހިއްޖެހެން..”. ދިޔާން ސީރިއަސްކަމާއެކު ލިލިއަން އާ ދިމާ ބަލާލަމުން ބުނެލިއެވެ. ކުއްލިއަކަށް ދިޔާން ހާމަކުރި ވާހަކައާއެކު ލިލިއަންގެ އަތްފައި ފިނިވެ ހިތުގެ ހިނގުން އަވަސްވެލިއެވެ.
އެނުތަނަވަސްކަމާއެކުވެސް ދިޔާން ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް އެހުމަށް ލިލިއަން ކެންމަދުވެފައިވިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ލިބެން އޮތީ އެގޮތުގެ މަތިންކަމަށް ވާތީއެވެ.
” މަންމަ މިއަދު ދެއްކި ވާހަކަ ލިން އަށް އަޑު އިވޭނެކަން ޔަޤީން.. އަހަންނަށް އެނގޭ ބޭބެއެއްގެ ވާހަކަ މަންމަ ދެއްކުމުން ލިންގެ ހިތުގަ ސުވާލު އުފެދޭނެކަން..” ދިޔާން އިސްޖަހާލަމުން ވާހަކަ ދެއްކިއެވެ.
” ޔާންގެ ބޭބެތަ އެއީ..؟” ލިލިއަން ދިޔާންގެ ކައިރީ ހުރި ގޮނޑީގައި އިށީނދެ ސުވާލު ކޮށްލިއެވެ.
” އާން.. އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ.. އަހަރެމެން ދެމީހުން އަބަދުވެސް އުޅުނީ އެކު އެކީގަ.. އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމުގެ އިތުރުން އަހަރެމެންނަކީ އެންމެ ގާތް ދެ ރާޙުމަތްތެރިން.. އެކަކު އަނެކެއްގެ ހުރިހާ ސިއްރެއް ހިއްސާކުރަން.. އެކަމަކު.. ” ކުއްލިއަކަށް ދިޔާންގެ އަޑަށް މޮޅިވެރިކަން ވެރިވެގެން ދިޔައެވެ.
” އެކަމަކު ކިހިނެއްވީ..؟” ލިލިއަންވެސް ކަންބޮޑު ވުމާއެކު ސުވާލު ކޮށްލެވުނެވެ.
“އަހަރެން ލިން ގެ ރަށުން މާލެ އައިތާ ގިނަ ދުވަހެއް ނުވެ އުޅެނިކޮށް… ދިމާވި އެކްސިޑެންޓެއްގަ…ބޭބެއަށް ވަރަށް އަނިޔާވި..” ދިޔާންގެ އަރުބެދި ވާހަކަ ދައްކަން އުނދަގޫވިއެވެ. ލިލިއަން އަށް ކައިރިއަށް ޖެހިލަމުން ދިޔާންގެ އަތްތިލައިގާ ހިފާލެވުނީ އެހިތާމައިގާ ބައިވެރިވާ އުސޫލުންނެވެ.
” ހަފްތާއެއްހާ ދުވަހު ހޭނާރާ ބޭބެ އޮތް.. ހޮސްޕިޓަލުން ހުއްދަ ލިބުމާއެކު އެމަރޖެންސީކޮށް ބޭބެ ސިންގަޕޯރ އަށް ގެންދެވުނީ އިތުރު ފަރުވާޔަށް.. އެހުރިހާ ކަމެއް ހިނގައިދިޔައީ ނުހަނު އަވަހަށް.. އަދިވެސް.. އަހަންނަށް ޤަބޫލު ކުރަން ދަތި.. ބޭބެއަށް ދިމާވި ކުއްލި ހާދިސާޔާއެކު އަހަންނަށްވެސް ލިބުނީ ޝޮކެއް.. ލިން އާ ދުރުވެވުނީ އެހެންވެ.. ބޭބެ މަރާ ހަނގުރާމަ ކުރަމުން ދިޔައިރު އަހަރެންވެސް ނަފްސާނީގޮތުން ދިޔައީ އެވޭން އުފުލަމުން.. ލިން.. އަހަންނަށް މަޢާފް ކުރޭ.. އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އެނގޭ.. އެހާ ގިނަ ދުވަހު ލިން އަށް ޙަބަރެއް ނުވެ ހުރުން އެއީ އަހަރެންގެ ކުށްކަމަށް ޤަބޫލު ކުރަން.. އަހަންނަށް މަޢާފް ކުރޭ.. ލިން އެކަނިވެ ދެރަވާނެ ވަރު އަހަންނަށް ވިސްނެން ޖެހޭނެ.. އަހަރެންނަކީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ.. ..” ދިޔާން އޭނާގެ މޫނު ދެއަތުން ފޮރުވާލި އިރު ރޮނީކަން ލިލިއަން އަށް އެނގުނެވެ.
” ޔާން.. ތިގޮތަށް ވާހަކަ ނުދައްކަބަލަ.. އަހަންނަށްވެސް އެނގޭ ލޯބިވާ މީހަކަށް އެފަދަ ކަމެއްވީމަ ލިބޭނެ ހިތާމަ.. އަހަރެންގެ މަންމަ ވަކިވެ ދިޔަ ދުވަހު އަހަރެންގެ ކައިރީ ހުރި ފަރާތަކީ ތިއީ.. ޔާން ނެންނަމަ.. އަހަރެން ހިތާމަތަކުގެ ބެހެވިގެން ހިނގައްޖެއީސް.. އަހަރެން ދެރަވަނީ ޔާން އަށް ތިދިމާވި އެއްވެސް ކަމެއްގެ އަަހަންނަށް އެހީތެރި ނުވެވުނީމަ.. ޔާންގެ ގާތުގައި ނުހުރެވުނީމަ.. ” ލިލިއަން ދިޔާން ގެ ދެއަތުގައި ހިފާލަމުން އެ މޫނު ކަޝްފު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ލިލިއަންގެ ވާަހަކަ އާއެކު ކުއްލިއަކަށް ދިޔާން ލިލިއަންގެ ގައިގާ ބައްދާލިއެވެ.
” އައި ޑޯންޓް ޑިޒަރވް ޔޫ..” ކަރުނަވީ ދެލޮލާއެކު ދިޔާން ލިލިއަން އަށް ބަލައިލަމުން އަސަރާއެކު ހާމަކުރިއެވެ. އެމޫނުގައިވާ ކުށްވެރިކަމުގެ ލިސާންތައް ފެނުމުން ލިލިއަން އަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. އޭނާއަށް ހަޤީޤަތް ނޭނގޭ އިރު ދިޔާން އާ މެދު ހިތުގެ ކަނެއްގައި ޝަކުވާ އުފެދިފައިވިއެވެ. އެހެނަސް ދިޔާން ހާމަކުރި ވާހަތަކާއެކު އޭނާގެ ހިތް ދިޔާންގެ މައްޗަށް ސާފުވެއްޖެއެވެ. ދިޔާން ދެކެ އޭނާ ވީ ލޯތްބަށް އަދިވެސް ބަދަލެއް ނާދެއެވެ.
” އަހަރެން ދިޔާން ކުށްވެރިއެއް ނުކުރަން.. ދެން ތިގޮތަށް ވާހަކަ ނުދައްބަލަ.. އަހަރެން ހަމައެކަނި ބޭނުންވަނީ ޔާން..” ލިލިއަންވެސް ކަރުނަވީ ދެލޮލާއެކު ހާމަކުރިއެވެ.
” މިހާރު ބޭބެގެ ހާލު ކިހިނެތް..” ލިލިއަން ހަމަޖެހިލަމުން ދެލޯ ފޮހެލުމަށްފަހު ސުވާލު ކުރިއެވެ.
” މިހާރު ރަނގަޅު.. އެކަމަކު އަދިވެސް ގަވައިދުން ޑޮކްޓަރަށް ދައްކަން ޖެހޭ.. އެކްސިޑެންޓަށްފަހު ބޭބެގެ މިޒާޖު އެއްކޮށް ބަދަލުވެއްޖެ.. މީހުންނާ އެކަހެރިވެ ވާހަކަ ދެއްކުން ވަރަށް މަދު.. މަންމަމެންވެސް މިހުރިހާ ދުވަހު އުޅުނީ ބޭބެ ކައިރީ .. އަހަރެން ލިންގެ ވާހަކަ ދެއްކީމަ މިކޮޅަށް އައީ.. ކައިވެނީގެ ފަހުން އަނެއްކާވެސް އެކޮޅަށް ފުރާނެ..” ދިޔާން ކައިވެނީގެ ވާހަކަ ހާމަކުރުމާއެކު ލިލިއަންެގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ.
” ކައިވެންޏޭ ބުނީމަ މިހަނދާންވީ.. ލިން ބޭނުންވަނީ ކިހާތާކު މެރީ ކުރަން.. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް.. މަންމަ މެންވެސް ހިތްހަމަ ޖެހޭނީ އޭރުން.. ” ލިލިއަންގެ ކޯތާފަތުގައި ފިރުމާލަމުން ދިޔާން ސުވާލު ކުރިއެވެ.
” އަހަރެންވެސް.. ބޭނުމީ ތިގޮތް..” ލިލިއަންވެސް އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ. ކައިވެނި ނުކޮށް ގިނަދުވަހު އެކީގައި އެއްގެއެެއްގައި އެގޮތަށް އުޅޭކަށް އޭނާ ބޭނުމެއްނޫނެވެ.
” ސޯ އިޓްސް ޑިސައިޑެޑް..” ލާނެއްކަން އެކުލެވޭ ބެލުމަކާއެކު ދިޔާން ބުނެލުމުން ލިލިއަންގެ މޫނު ހައްތަހާ ރަތްވެގެން ދިޔައެވެ.
” ހިނގާ ގޭތެރެއަށް ވަންނަން.. މިހާރު އެއޮށް ރޭވީ… މަންމަ އެހާ ހިތްހަމައެއްނުޖެހޭނެ ދެނަމާދު ދޭތެރޭ މިހެން ބޭރުގަ ތިބޭކަށް..” ދިޔާން ގޮނޑިން ތެދުވެ ލިލިއަން އަށް އޭނާގެ އަތް ދިއްކޮށްލަމުން ބުންޏެވެ. ލިލިއަންވެސް ބޯ ޖަހާލަމުން ހިނިތުންވެ ހުރެ ދިޔާންގެ އަތުގައި ހިފައިގެން ގެއަށް ވަންނަން މިސްރާބުޖެހިއެވެ.
*********
ދިޔާން އާއި ލިލިއަންގެ ނިންމުމާ އެއްގޮތަށް ކައިވެނި އަވަސްވެގެން ދިޔައެވެ. ކައިވެނީގެ ހަފްލާ އެހާ ކުލަ ގަދަ ކޮށް ބާއްވާކަށް ދިޔާން ބޭނުމެއް ނުވިއެވެ. އޭނާގެ ބޭބެއަށް ކުރިމަތިވި ހާދިސާއަށްފަހު އެ އާއިލާއަށް ކުރިމަތިވި ހިތާމައާއި ނުަތަނަވަސްކަމުން އަދިވެސް އަރައެއް ނުގަނެވެއެވެ. އެފަދަ ދަނޑިވަޅެއްގައި ކުލަ ގަދަކޮށް ބޮޑު ޕާޓީއެއް ބާއްވަން ދިޔާން ބޭނުންނުވީއެވެ. ކަމާ ނުގުޅޭ މީހުންގެ ލޯތައްވެސް އެކަމަށް ހުއްޓި މީޑިއާގެ ސަމާލުކަން އެކަމަށް އަމާޒުވެސް ވާނެތީއެވެ. ލިލިއަން ދިޔާންގެ ނިންމުން ހިތުން ރުހުމުން ޤަބޫލުކުރިއެވެ. އޭނާއަކީ އެއް އިރެއްގައިވެސް މާ ގޮތްބޮޑުކޮށް އެއްވެސް ކަމެއްކުރަން ބޭނުންވި މީހެއް ނޫނެވެ. އެދަފަ ބޮޑެތި ކުލަ ގަދަ ހަފްލާތައް އޭނާއަށް ލިއްބައިދޭ އުފަލަށްވުރެ ނުތަނަވަސްކަން ބޮޑެވެ.
***********
ކައިވެނީގެ ހަފްލާ ކުރިއަށް ދިޔައީ ހުޅުމާލޭގެ ހޮޓެލް އެއްގެ ޓެރަސްގައެވެ. އެ ސަރަހައްދުގެ ވަށައިގެން މޫދު ފެންނަން އޮތުމުން މާހައުލު ހިތްގައިމުކަމަށް ދައްކައެވެ. ހުދާއި ބިސްކުލައިގެ މާތަކުން ބެކް ޑްރޮޕް ޖަރީކުރެވިފައިވާއިރު ޓެރަސް މަތިވަނީ ރަންކުލައިގެ ފެއަރރީ ލައިޓްސް ތަކުން ހުޅުދާން ވެފައެވެ. ސާދާ ޑިޒައިން އަކަށް ފަރުމާކުރެވިފައިވާ ހުދުކުލައިގެ ކައިވެނީގެ ހެދުމުންވެސް ލިލިއަންގެ ރީތިކަން ފަނޑުކޮށެއް ނުދެއެވެ. އޭގެ ބަދަލުގައި އެ ސާދާކަން ލިލިއަން އާ ނުހަނު ގުޅެއެވެ. އަޅި ކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި ދިޔާންގެ ވާތް ފަރާތުގައި ހުއްޓިލައިގެން ލިލިއަން ހުރި އިރު އޭނާގެ ތުންފަތުގައިވީ ހިނިތުންވުން ނުފިލައެވެ. ދިރާޝާއާއި ހަމްދޫންވެސް އެމީހުންގެ އެންމެ ގާތް ރަޙުމަތްތެރީންނާއި އާއިލާގެ މެންބަރުންނާ ވާހަކަ ދައްކަމުން ދިޔައިރު އެންމެންގެ މޫނުންވެސް ފެންނަނީ ހިނިތުންވުމެވެ.
ދެފަރާތުގެ އާއިލާއާއި ގާތް ރަޙުމަތްތެރިންނަށް ދަޢުވަތު ދެވުނު ޕާޓީއަށް ލިލިއަންގެ ފަރާތުން ގެންނާނެ މާ ބައިވަރު މީހުންތަކެއް ނެތެވެ. އެފަދަ ހާއްސަ ދުވަހެއް ދެކެން އޭނާގެ މަންމަ ނެތުމުގެ ފަޅުކަން ލިލިއަން އަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ގާތް ރަޙުމަތްތެރިންގެ ގޮތުގައި މާޔާ އަށާ ސަދޫފް އަށް ކައިވެންޏަށް އައުމަށް ލިލިއަން ދަޢުވަތު ދިނެވެ. ދެމީހުންނަށްވެސް ބުރަ ދުވަސްތަކެއް ނަމަވެސް މާލެ އައީ އެކުވެރިޔާގެ ކައިވެނީގެ ދަޢުވަތު ބޮލާލާ ޖަހަން ހިތްނޭދޭތީއެވެ.
” ޔޫ ލުކް ސޯ ބިއުޓިފުލް..!” މާޔާ ލިލިއަން އަށް ބަލާލަމުން ބުނެލުމާއެކު ލިލިއަންގެ ގާތަށް ހިނި އަންނަ ގޮތްވިއެވެ. ވާނީވެސް އެހެންތާއެވެ. ޕާޓީއަށް ވަތް ފަހުން މާޔާގެ އަނގައިން ބޭރުވާ ހަމައެކަނި ޖުމްލައަކީ އެއީ ފަދައެވެ. ދޭތެރެއަކުން ލިލިއަން އަށް ތަޢުރީފު ކޮށްލާއިރު މާޔާގެ މޫނުގައިވަނީ އެކުވެރިޔާއަށްޓަކައި ވާ ލޯތްބާއި އުފާވެރިކަމެވެ. ލިލިއަންވެސް އޭނާގެ ދިރިއުޅުމުގައި އައި އެފަދަ ހާއްސަ ދުވަހެއްގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ކައިރީގައި ހުރުމުން އެހިތްވަނީ އުފަލާއި ޝުކުރުވެރިކަމުން ފުރިފައެވެ.
ހަތަރެއް ޖަހާއިރު ފެށުނު ޕާޓީ އަމާންކަމާއި އޮމާންކަމާއެކު ހައެއް ޖަހާއިރު ނިމިގެންދިޔައެވެ. ވަރުބަލިވެފައި ހުރި ލިލިއަން އަށް އޭނާގެ ކައިރީ ހުރި ދިޔާން އަށް ބަލާލެވުނެވެ. އޭރު ދިޔާން ހުރީ އޭނާގެ ބައްޕައާ ކޮންމެވެސް ވާހަކައެއް ދައްކާށެވެ.
” ލިން.. އަހަރެމެން ދެން ދަނީ އިނގޭ.. ލިން ވާނެ ވަރަށް އަވަހަށް ދިޔާން އާއެކު ރަށަށް އަންނަން..” މާޔާ އައިސް ލިލިއަންގެ އަތުގައި ހިފާަލަމުން ބުންޏެވެ.
” ހަމަ މިރޭ ފުރަންތަ..؟ މާދަން ދާކަށް މަޑެއް ނުކުރެވޭނެތަ..؟ ” ލިލިއަންގެ ހިތް އަދިވެސް ބޭނުންވީ އެކުވެރިޔާއާއެކު އިތުރު ވަޤުތު ހޭދަކުރާށެވެ.
” މާދަން ފަތިހު ސަދޫފްވެސް ޑިއުޓީއަށް އަރަންޖެހޭ.. އަނެއްކާ މަންމަވެސް ކުޑަކޮށް ބަލިވެ އުޅެނީ.. ލިންގެ ވެޑިންގް ވީމަ އެވަރުންވެސް މިއައީ.. އެހެންނޫނަސް މިރޭ ލިން އަކަށް ނުވާނެ އަހަރެމެންނަށް ޓައިމް ދޭނެ ވަޤުތެއް.. އެއަށްވުރެ މާ ބިޒީވާނެ..” މާޔާ ލާނެތްކަމާއެކު އޮޅަނބޮށިން ލިލިއަންގެ ގައިގާ ކޮށްޓާލަމުން ބުންޏެވެ.
މާޔާ މާނަކުރީ ކޮންކަމެއްކަން އެނގުމުން ލިލިއަންގެ މޫނު ރަތްވާގޮތްވިއެވެ. އެހެނަސް ދެރަނުވާން ވެގެން މާޔާއަށްވެސް އަދި މިދުވަސް އަންނާނެކަމުގައި ބުނެލިއެވެ. ދެ އެކުވެރިން އެކަކު އަނެކަކަށް ރައްދު ދިނުމުގައި ވަޤުތުކޮޅެއް ހޭދަވެގެން ދިޔައެވެ. ދެމީހުންގެ ވާހަކަ ހުއްޓުމަކަށް އައީ ދިޔާން އައިސް ލިލިއަންގެ ކައިރީ މަޑުކޮށްލުމުންނެވެ.
” ދިޔާން.. ދެން އަހަރެމެން ދަނީ އިނގޭ.. ” މާޔާ ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ދިޔާން ހިނިތުންވެލަމުން ސަލާމް ކޮށްލުމާއެކު ބަލައިލީ ކައިރީގައި ހުރި ސަދޫފްގެ މޫނަށެވެ.
” ޓޭކް ކެއަރ އޮފް ހަރ..” ސަލާމް ކޮށްލަމުން ސަދޫފް ބުނުމާއެކު ދިޔާން ބޯ ޖަހާލިއެވެ. ބަދަލުގައި ސަދޫފް ހިނިތުންވެލަމުން މާޔާކައިރީ ދާންވީ ކަމުގައި ބުނެލިއެވެ. ފަހު ފަހަރަށް އެކުވެރިޔާ ގައިގާ ބައްދާލުމަށްފަހު ލިލިއަން ގޮވައިގެން އަވަސް މުސްތަޤުބަލެއްގައި ރަށަށް އައުމަށް ދިޔާން ލައްވާ ވަޢުދު ކުރުވުމަށްފަހު މާޔާ ސަދޫފް އާއެކު ހޮޓެލުން ނިކުންނަން ހިނގައިގަތެވެ.
ހޮޓެލުން ނިކުންނަން ހުރި ދެފަރާތަށް ކެހޭ ދޮރުން ނިކުމެވުމާއެކު ސަދޫފްގެ ފިޔަވަޅުތައް ހުއްޓުނެވެ. ސަދޫފް ހުއްޓުމާއެކު މާޔާވެސް ހުއްޓި ސަދޫފްގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ.
” ކިހިނެއްވީ..؟ އެއްޗެއް ބާއްވާފަ އާދެވުނީތަ..؟” ސަދޫފްގެ މޫނުން ފެންނަމުންދިޔައީ ކަމަކާ އުނދަގޫވެފައި ހުރިކަމުގެ އަސަރުތަކެވެ.
” ނޫން.. މާޔާ.. ދިޔާން.. ތަފާތުހެނެއް ހިޔެއްނުވޭތަ..؟” ސަދޫފްގެ އަޑުގައި ކުޑަވަރެއްގެ ފަސްޖެހުމެއް ވިޔެވެ. ހަޤީޤަތުގައި އޭނާ އެވާހަކަ ދައްކަން ބޭނުންވާހެނެއް ހިޔެއްނުވެއެވެ.
” ލިން ކިޔައިދިނެންނު ދިޔާން އަށް ދިމާވި ގޮތް..” މާޔާ ސަދޫފް އަށް ބަލައިލަމުން ބުނެލިއެެވެ. އެއްރޭ ލިލިއަން ގުޅާފައި ވަރަށް ދެރަވެ އިނދެ ދިޔާންގެ ބޭބެއަށް ދިމާވި ހާދިސާ ކިޔައިދިނެވެ. އަދި ދިޔާން އަށް އައި ބަދަލުގެ ފަހަތުގައިވާ ސަބަބަކީ އެއީކަމުގައި ހާމަކުރިއެވެ. މާޔާ ވަނީ ސަދޫފާވެސް އެކަން ހިއްސާކޮށްފައެވެ. އެހެންކަމުން ކުއްލިއަކަށް ސަދޫފް އެވާހަކަ އެފެށީ ކީއްވެކަމެއް މާޔާއަކަށް ނުވިސްނުނެވެ.
” ނޫން.. ތިކަހަލަ ބަދަލެއް ނޫން.. ދިޔާން ފެންނަގޮތް ކުޑަކޮށް ތަފާތު ހެނެއް ހިޔެއްނުވޭތަ..؟” ސަދޫފް ދެބޮމަ ކައިރި ކޮށްލަމުން ތުނބުޅީގައި އަތް ހާކާލިއެވެ.
” ޕިސް ޕިސް ސަދޫފްވެސް ދޯ ދެން.. ކިހާ ދުވަހެއް ފަހުން ދިޔާން މިފެނުނީ އަހަރެމެންނަށް.. އަނެއްކާ އެފަދަ ހިތާމަވެރިކަމެއް ކަޑައްތު ކުރި އިރު ހަށިގަނޑަށްވެސް ބަދަލު އަންނާނެދޯ.. ނުވިތާކަށް މިއަދު މީ އެމީހުންގެ ކައިވެނީގެ ހަފްލާ.. ހަފްލާގައި ތައްޔާރު ވެފަ ހުންނަ އިރު ފެންނަ ގޮތް އާދައިގެ ދުވަހަކާ ތަފާތުވާނެ އެންނު.. މިހާރު އަންހެނުން އެކަންޏެއް ނޫނޭ މޭކަޕް ބޭނުން ކުރަނީވެސް.. ދިޔާންވެސް ޔަޤީން ސެލޫން އަކަށް ގޮސްކަން ތައްޔާރުވާނީ.. އަނެއްކާ ރަށުގެ އަވީގަ އުޅޭ އިރު ހަންގަނޑު އެނދުމާ މިހުރިހާ ކަމެއްވެސް މާލެ އައީމަ ބަދަލުވާނެ އެންނު.. ދެންވެސް..” ސަދޫފްގެ ސުވާލާއެކު މާޔާ ބޮޑު ތަޤުރީރެއް ދޭން ފެށިއެވެ. އިނގިލިތަށް މުގުރަމުން މާޔާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި ސަދޫފް ގާތަށް ހިނިއަންނަ ގޮތްވިއެވެ. ދެފަރާތަށް ބޯ ހޫރުވާލަމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ. ކަންކަމާމެދު މާ ބޮޑަށް ވިސްނެނީ ކަމުގައި އޭނާގެ ހިތް ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






