ހަނދަކީ ކަލާ ކަމުގާވިޔަސް 4
“ބުނާނެ އެއްޗެއް ނޭނގިފަތަ ތިހުރީ؟ މިއީ އާޒާދު އިނގޭ. ކޮން ނަމެއް ކިޔަނީ؟” ދެންވެސް ވާހަކަ ދެއްކީ އާޒާދެވެ.
“ހަމްނާ…” ހަމްނާގެ އަޑު ކުރިއަށްވުރެ މަޑެވެ. ދިވެއްސެއްކަން އެނގުމުން މާބޮޑަށް ލަދުގަތީ ކަންނޭނގެއެވެ.
“ރީތި ނަމެއް”، އާޒާދު ބުނެލިއެވެ. ހަމްނާ ޝުކުރިއްޔާއޭ ބުނަން އުޅެނިކޮށް، ޔުނިވާސިޓީއިން އޭނާގެ ކްލާސް ކުދިންތަކެއް ނުކުމެގެން އަންނަތަން ފެނިފައި އެދިމާއަށް ބަލަން ހުރެވުނެވެ. އެވަގުތު އެތަނުން ކުއްޖަކަށް ހަމްނާ ފެނިގެން ހަނާއަޅައިލިއެވެ.
“ކްލާސް ކެންސަލްޑް!” އެކުއްޖާ އަޑުބާރުކޮށް އެންގިއެވެ. އެކަން ޔަގީންކޮށްލަން ހަމްނާ ފޯނު ބަލައިލިއިރު، ނޯޓިސް އެއް އައިސްފައި އޮތެވެ.
“ކިޔަވާ ކުއްޖެއް ދޯ. ވަރަށް ރަނގަޅު. އެކަމަކު ކްލާސް ކެންސަލްވީމަ އަނބުރާލާފަ ގެއަށް ދާކަށްނު ތިޖެހުނީ.” އާޒާދު އަށް ވެސް އެ އަޑު އިވުނުކަން އޭނާ އަންގައިލިއެވެ.
“ލައްބަ.. އަޅުގަނޑު ދެން ދަނީ ބަސް އަންނަންވާއިރަށް އެކޮޅަށް. އަދިވެސް އެއްފަހަރު ޝުކުރިއްޔާ”، ހަމްނާ އިސްޖަހާލައިގެން ހުރެ އަދަބުވެރިކަމާއެކު ވާހަކަދެއްކިއެވެ.
“ބަސް އޭ؟ މިއޮއް ބަލިތައް ފެތުރޭއިރު ބަހުގަ ދަތުރު ކުރާކަށް ބިރެއް ނުގަނޭތަ؟ މި ކާރަށް އަރަންވީނު، ގެއާ ހަމައަށް ގެންގޮސްދޭނަން”، އޯގާތެރި ރާގެއްގައި އާޒާދު އެހެން ބުނެލިއިރު، އޭނާގެ ނިޔަތް ހުޅުވިފައި އޮތް ފޮތެއްހެން ފެންނަން އޮތްކަހަލައެވެ. އެ ނިޔަތުގައި އެއްވެސް ގޯސްކަމެއް ނެތެވެ.
ހަމްނާ ދެ ވިސްނުމެއްގައި ހުރިތަން ފެނިފައި އާޒާދު އަނެއްކާވެސް ހުށަހެޅުން ތަކުރާރުކޮށްލިއެވެ. އިންކާރުކުރަން ނުކެރިގެން ހަމްނާ އެންމެފަހުން ކާރަށް އަރައިފިއެވެ. ފަހަތު ސީޓަށް އެރުމުން އާޒާދު ވަކި އެއްޗެކޭ ނުބުނެއެވެ. ހަމްނާ އަވަހަށް އޭނާގެ ގެ ހުންނަތަން ކިޔައިދިނެވެ.
ދަތުރުގައި މާ ގިނަ ވާހަކައެއް އެކަކުވެސް ނުދައްކައެވެ. ހަމްނާ ކިޔަވަނީ ކޯއްޗެއްތޯ އަހާލާފައި، ޑޮކްޓަރުކަމޭ ބުނުމުން އާޒާދު އެ ނިންމުމަށް ތަޢުރީފުކޮށްލާފައި ނިންމައިލީއެވެ. ގެއަށް އާދެވުމުން ޝުކުރުއަދާކޮށްފައި ހަމްނާ ކާރުން ފޭބިއެވެ. އެކަމަކު އެއްޗެއް ހަނދާންވެގެން ލޯގަނޑުގައި ޓަކި ޖަހައިލިއެވެ.
“އަޅުގަނޑު އެ ކޯޓު ގެނެސްދެން ދެން މަޑުކޮށްލެވޭނެތޯ؟” އާޒާދު ލޯގަނޑު ތިރިކޮށްލުމުން ހަމްނާ އަހައިލިއެވެ.
“ނޫނޭ. އެއީ މާ މުހިންމު އެއްޗެއް ނޫން. އަނެއްކާވެސް މި ބުނަނީ އޭތި ހަމްނާ އަތުގަ ބާއްވާށޭ”، އާޒާދުގެ ނިންމުން ބަދަލެއް ނުކުރިއެވެ.
“އެކަމަކު…” ހަމްނާއަށް އެގޮތް ކަމަކު ނުދިޔައެވެ.
“މައްސަލައެއް ނެތް. އެކަމަކު މިގަޑީ ވަރަށް އަވަހަށް ތަނަކަށް ދާން އެބައޮތް. ފަހުން ދިނަސް ރަނގަޅުވާނެ. ދެން ދަނީ”، އާޒާދު ގޮތެއް ނިންމިއެވެ.
“ފަހުން ކިހިނެއް؟” ހަމްނާ އަހައިލިއެވެ. އެއާއެކު އާޒާދު ޖީބުން ނަގާފައިވާ ދިއްކޮށްލީ ކާޑެކެވެ. އޭގައި އޭނާއާ ބެހޭ މަޢުލޫމާތު ލިޔެފައި ވެއެވެ.
“ގުޅާލާ. އޯކޭއެއްނު ދޯ؟ ސަލާމް.” މާސްކު ތިރިކޮށްލާފައި ހިނިތުންވުމެއް ރައްދުކުރުމަށްފަހު އާޒާދު ކާރު ދުއްވައިލިއެވެ.
އެއީ އާޒާދުގެ މޫނު ހަމްނާއަށް ފެނުނު ފުރަތަމަ ފަހަރެވެ. އެމީހާގެ ރީތިކަމާމެދު ހަމްނާގެ ހިތުގައި އުފެދުނު އިހުސާސް މާނަކުރާކަށް ނޭނގުނެއެވެ. ގައިމުވެސް ކޮންމެވެސް ފިލްމަކުން ފެނުނު ވަރުގަދަ ޝަހުސިއްޔަތަކާ ވައްތަރު ގޮތެއް އެބަހުއްޓެވެ.
ގެއަށް ވަދެވުން އިރު ސަމަން ގެއަކު ނެތެވެ. އެކަމަކު ހަމްނާ ހުރީ އެވާހަކަ މީހަކާ ހިއްސާކޮށްލާ ހިތުން ކެތްމަދުވެފައެވެ. އެންމެފަހުން ނުހުރެވިގެން ފޯނުން މެސެޖެއް ފޮނުވިއެވެ. އާޒާދު އާ ދިމާވި ކަމަށްބުނެއެވެ.
ސަމަންގެ ރިޕްލައި އައީ ނިކަން އަވަހަށެވެ. މާ އިރުތަކެއް ނުވެ ގެއަށް ދާނެ ކަމުގައި ބުނެ ސަމަންގެ ޝައުގުވެރިކަން ފާޅުކޮށްލިއެވެ.
އޭނާ ބުނި ފަދައިން އިރުކޮޅެއް ތެރޭގައި ގެއަށް އައެވެ. އައި ގޮތަށް ފުރަތަމަވެސް އާޒާދުގެ ވާހަކަ އަހަންފެށިއެވެ. ހަމްނާ ހުރިހާ އެއްޗެއް ތެދުތެދަށް ކިޔައިދިނެވެ.
“އޯއެމްޖީ! ޔޫ އާ ފޯލިންގ ފޯ ހިމް! އަހަރެން ބުނީމެއްނު ރަނގަޅު މީހާ ފެނުނީމަ ހިތް ބަދަލުވާނެޔޭ!” ސަމަން ކުރިން ބުނި ވާހަކަ ހަނދާންކޮށްދިނެވެ.
“ނޯ ވޭ. އަދި ތިހިސާބަށް ދާކަށް ނުވޭ. އަހަރެންގެ ހިތުގަ އެކަހަލަ އެއްވެސް އެއްޗެއް ނެތް. ރަނގަޅު މީހެއްކަން އެކަނި އިނގެނީ. އެހެންނޫނަސް އަހަންނަށްވުރެ މާ ބޮޑު މީހެއްހެން ހީވަނީ”، ސަމަން އެބުނި ވާހަކައަށް ތާއީދުކުރާކަށް ހަމްނާ އެއްވެސް ވަރަކަށް ބޭނުމެއް ނޫނެވެ. ހުންނަން ބޭނުންވަނީ ކުރިން ބުނި ބަހުގެ މަތީގައި ސާބިތުވެގެންނެވެ. ލޯބިވެރިޔަކަށް ފުރުސަތު ދޭކަށް ބޭނުމެއް ނުވެއެވެ.
“ސޯ ވަޓް! ލޯބީގަ ވަކި އުމުރެއް އޮވޭތަ؟” އަނެއްކޮޅުން ސަމަން ވެސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. “ކޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ކޮންދުވަހަކުންނޯ؟” ސަމަން ނިކަން ހެވިފައި އަހައިލިއެވެ.
“ނޭނގެ. ގުޅާކަށް ނުކެރޭނެ އެހެން ނަންބަރު ދިނަސް”، ހަމްނާ ވަގުތުން ބުނެލިއެވެ.
ތިންދުވަސް ވީއިރުވެސް ސަމަން އިރުއިރުކޮޅާ ދައްކަނީ އާޒާދުގެ ވާހަކައެވެ. ކޮންމެހެނެއް ހަދާފައި ވެސް އެ ކޯޓު ހަވާލުކުރަން ވާނެޔޭ ކިޔާފައި ހަމްނާގެ ބޮލުގައި ކޮށާވަރުން އޭނާ އެންމެފަހުން އެކަމަށް އެއްބަސްވެއްޖެއެވެ. އެ ކޯޓު ހަވާލުކޮށްފައި އާޒާދުގެ ޞަފްހާ ނިންމައިލާން ހަމްނާ ހުރީ ކެތްމަދުވެފައެވެ.
އެއްދުވަހެއްގެ ހަވީރު ހަމްނާ އާޒާދުގެ ކާޑު ހިފައިގެން ސޯފާގައި އިނީ އަނެއް އަތުން ފޯނު ހިފަހައްޓައިގެނެވެ. ގުޅަން ނުގުޅަން އިނދެފައި އެންމެފަހުން ހިތަށް އެރީ ކުރު މެސެޖަކުން ފުއްދައިލާށެވެ. ކޯޓު ބަލައި ގެ ކައިރިއަށް އައިސްދީފި ނަމަ ވަރަށް ރަނގަޅޭ ކިޔާފައި އިނގިރޭސިން މެސެޖެއް ފޮނުވާފައި ހަމްނާ ފޯނު މޭޒުމަތީގައި ބޭއްވީ ބަންޑުންނެވެ. އޭރު ހުރީ ކޮންމެވެސް ވަރަކަށް ހިތްނުތަނަވަސް ވެފައެވެ. ސަމަން އެވަރަށް ޕްރެޝަރު ކުރާތީ ކަމުގައި ވެދާނެއެވެ.
ފޯނު ބޭއްވިތާ މާގިނައިރުތަކެއް ނުވަނީސް ރިންގުވާން ފެށުމުން ހަމްނާގެ ހިތް ތެޅިގަތީ ކުރިއަށްވުރެ ބާރަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


