ހަވީރުގެ ހިތްގައިމު ވަގުތު ނިމި އިރުއޮއްސެން ދިޔަ ވަގުތެވެ. އުޑު މަތީގައި ރަތާއި އޮރެންޖް ކުލައިގެ ވިލާތައް ރަސްކަންކުރަމުން ދާ މި ވަގުތުކޮޅު ވަރަށްވެސް ހިތްގައިމެވެ. ހަވީރު ފިންޏަށް އަތިރިމައްޗަށް ނިކުމެ އުޅުނު މީހުން މަދުވާން ފަށައިފިއެވެ. ގަހެއްގައި ލެނގިލައިގެން ހުރި ލަމްއާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

ލަމްއާއަކީ ނަވާރަ އަހަރު ފުރިފައިވާ ޒުވާން އަންހެން ކުއްޖެކެވެ. އޭނާއަކީ އިސްކޫލުގައި އުޅުނުއިރު ލިބިފައިވާ ރީތިކަމަށް މަޝްހޫރު އަދި ކިޔެވުމަށްވެސް ހަމަ އެހާމެ މޮޅު ކުއްޖެކެވެ. ލަދުރަކި މިޒާޖެއްގެ މި ކުއްޖާއަކީ އިސްކޮޅުން ކުރު، ދޮން ކުއްޖެކެވެ. ޤުދުރަތުން ލިބިފައިވާ ޗޮކުލެޓް ކުލައިގެ ބޮޑު ދެލޮލަށް އަބަދާއިއަބަދު ހިޔާއެޅެމުންދާ ދިގު، ބޯ އެސްފިޔަތަކާއި އުނަގަނޑަށްވުރެ ތަންކޮޅެއް ތިރިއަށް ފައިބާ މުށިކުލައިގެ ބުޅި އިސްތަށިގަނޑުގެ ސަބަބުން ހީވަނީ އެމެރިކާ ހިސާބުގެ ކުއްޖެއް ހެންނެވެ.

ލަމްއާ އެހެން ހުއްޓާ ސިހުނީ ފޯނަށް އޭނާގެ މަންމަ ލިޔާނާ، ގެއަށްއައުން ލަސްވެގެން މެސެޖެއް ކުރުމުންނެވެ. ލަމްއާ އަވަހަށް މަންމައަށް މި ދަނީކަމަށް ބުނެ މެސެޖެއްކޮށްލަމުން ގެއަށް ދާން ހިނގައިގަތެވެ. ހިކި ހޯލިކޮޅުތަކެއްފަދަ ހިމަ ދިގު އިނގިލިތަކުން ފޯނާއި ކުޅެމުން ހިނގަމުން ދިޔަ ލަމްއާ ސިހުނީ މީހެއްގެ ގައިގައި ޖެހުމުންނެވެ. ކުރިމަތި ބަލައިލިއިރު ފެނުނު ރީތި ޒުވާނާގެ ސަބަބުން އޭނާގެ ކަރު ތެރޭގައި ނޭވާ ތާށިވި ކަހަލަ އިހުސާސެއް ކުރެވުނެވެ.

އިސްކޮޅުން ދިގު، ދޮން ޒުވާނެކެވެ. ބައިމަތިފުޅާ ހަށިގަނޑެއްގެވެރި މި ޒުވާނާއަށް ކަޅުކަންގަދަ ނުރައްކާތެރި ތޫނު ދެލޮލެއް ލިބިފައިވީއިރު ކަޅުކަންގަދަ، ފަން އިސްތަށިގަނޑު ނިތްމައްޗަށް ވައްޓައިލައިފައިވުމުން ‘ސްމާޓް’ ކަމަށް ދައްކައެވެ. ލައިގެންހުރި ހުދުކުލައިގެ ޓީޝާޓުންނާއި ކަަޅުކުލައިގެ ރިޕްޑް ޖިންސްއިން ޝަޚުސިއްޔަތު ވަރުގަދަކަމަށް ދައްކައެވެ.

“ސޮރީ. ކުރިމަތީގައިހުރި ތަނެއް ނުފެނުން.” ލަމްއާ އިސްޖަހައިލަމުން މަޑުމައިތިރިކަމާއިއެކު ބުންޏެވެ.

“އެ އޯކޭވާނެ. ކޮން ނަމެއް ކިޔަނީ؟” ކުރިއަށް ހިނގައިގަތް ލަމްއާ ސިހުނީ އެ ޒުވާނާ އެހެން ބުނަމުން އޭނާގެ ފަހަތުން އައިސް އެއްވަރު ކުރުމުންނެވެ.

“ލަމްއާ. އައިމިނަތު ލަމްއާ ރިޔާޝް.” ލަމްއާ ކުޑަ ހީލުމަކާއިއެކު ބުންޏެވެ.

“އަހަރެންގެ ނަމަކީ މައާން. އެހީމެއްނު ލަވަކިޔުންތެރިއެއް މިރަށަށް އަންނަ ވާހަކަ؟ އަހަރެންނަކީ އޭނާ.” މައާން މިހެން ބުނުމާއިއެކު ހައިރާންވެފައިހުރެ މައާންއަށް ބަލައިލިއެވެ.

ގެއަށް ދިޔަ މަގުމަތީގައި ދެމީހުންވެސް ވަރަށް ގާތް އެކުވެރިންނަށް ވެގެން ދިޔައެވެ. ނަމަވެސް ދެ މީހުންނަށް ނޭނގުނުކަމަކީ ދެހިތުގައިވެސް އައު ވިންދެއް ޖަހަން ފެށިކަމެވެ.

“އުންމީދުކުރަން އަހަރެންގެ ޝޯވްއަށް މާދަން ހަވީރު ހަތަރު ގަޑި ބައިގަ އަތިރި މައްޗަށް އަންނާނެކަމަށް.” ލަމްއާގެ ގެއާއި ހިސާބަށް އާދެވުމާއިއެކު މައާން ބުންޏެވެ.

ލަމްއާ ހިނިތުންވެލުމަށްފަހު ބޯ ޖަހައިލަމުން ގޭތެރެއަށްވަނެވެ. މައާންވެސް ލުއި އެހެނަސް ފިރިހެންވަންތަ ހިނިތުންވުމަކާއިއެކު އިސްތަށިގަނޑަށް އަތް މަހައިލަމުން ގޯޅިއަކަށް އަޅައިލިއެވެ.

އަނެއް ދުވަހުގެ ހަވީރުގެ ވަގުތު ލަމްއާ ބޭރަށް ނިކުތްއިރު އޭނާގެ އެންމެ ގާތް އެކުވެރިޔާ ހިމްލާ އިންތިޒާރުގައި ހުއްޓެވެ. އަޅި ސްވެޓާރއަކާއި ހައިވެސްޓަކާއިއެކު އަޅިކުލައިގެ ޝޯލްއަކާއިއެއްގައި ހުރި ހިމްލާވެސް ލަމްއާ ފަދައިން ރީއްޗެވެ.

“އާޗާ! ހާދަ ރީތިވެލައިގެން؟ އެއްކަލަ ސޮރަށް ދައްކަންތަ؟” ހިމްލާ ލަމްއާގެ ފައިން ފެށިގެން ބޮލަށް ‘ސްކޭން’އެއް ކޮށްލަމުން އެއްސެވެ.

ލަމްއާ މައާންގެ ވާހަކަ ހިމްލާއަށް ކިޔައިދީފައިވުމުން ހިމްލާއަށް އިނގެއެވެ. ލަމްއާގެ ކޯ ވަގުތުން ރަތްވެގެން ދިޔައެވެ. ހުދުކުލައިގެ ގަމީހެއްގެ މަތިން ކަކުލާއި ހިސާބަށް އަރާ ޑެނިމް ސްކާޓެއް ބެގީކޮށްލައިފައިވީއިރު އެ ރީތި އިސްތަށިގަނޑުވެސް ވަނީ މިނިވަންކަމާއިއެކު ދޫކޮށްލެވިފައެވެ. ލަމްއާ ހިމްލާގެ ދިމާކުރުންތަކުން ސަލާމަތްވުމަށްޓަކައި އަތިރި މައްޗާއި ދިމާއަށް މިސްރާބުޖެހިއެވެ. ހިމްލާވެސް ހެމުން ހެމުން ފަހަތުންއައެވެ.

ދެމީހުންނަށްވެސް އެހިސާބަށް ދެވުނުއިރު ސްޓޭޖް އޮތް ސަރަހައްދުވަނީ މީހުންތަކުން ފުރާލެވިފައެވެ. ލަމްއާމެން އެންމެ ކުރިއަށް އެރުމަށްޓަކައި މީހުންތަކުން ރެކެމުންގޮސް އެންމެ ކުރިއަށް އެރިއެވެ. ސްޓޭޖް މަތީގައިހުރި ސޫރަ ފެނިފައި ލަމްއާގެ އެ ތުނި ތުންފަތުގައި ކުޅެލީ މައުނަވީ ހިނިތުންވުމެކެވެ. އާއެކެވެ! އެތާ އެ ހުރީ މުޅި ދުވަސް ފެށުނީއްސުރެ އެ ހިތް ދެކެން ބޭޤަރާރުވެފައިވާ ސޫރައެވެ. މައާންއެވެ. މައާންގެ ފަހަތުގައި ހަމަ އެ އުމުރުގެ ދެ ކުއްޖަކު ގިޓާއެއް ހިފައިގެން ހުއްޓެވެ. މައާންއަށް ލަމްއާ ފެށުމާއިއެކު ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

ދެން މައާން މައިކު އަނގައާއި ކައިރިކޮށްލުމަށްފަހު ލަވަކިޔަން ތައްޔާރުވެލިއެވެ. އެއް ސިކުންތުގެ ކުޑަ މި ވަގުތުކޮޅުވެސް ލަމްއާއަށް ވެގެން ދިޔައީ އެއް ގަޑީރަށެވެ. މައާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޑެއިލެން މެތިއުގެ ‘ލަވް އިޒް ގޯން’ ކިޔަން ފެއްޓިއެވެ. އެ ލަވައަށް ފަރިތަވެފައިވާ މިންވަރުންނާއި ބަސްތައް ގެންނަލެއް ފުރިހަމަކަމުން ހީވަނީ އެމެރިކާގެ މީހަކު އެ ލަވަ ކިޔައިލާހެންނެވެ. އެ އަޑުގެ މަޑުމައިތިރިކަމުންނާއި ފިރިހެންވަންތަކަމުގެ ޖާދޫގައި އެތައް ބަޔަކު ޖެހިފައި ތިބިއިރު މީގެ ތެރެއިން އެކަކަށް ގައިމުވެސް ލަމްއާވާނެއެވެ. ‘ލަވް އިޒް ގޯން’ ކިޔައި ނިންމައިލައި އަދި އިތުރަށް ފަސްވަރަކަށް ލަވަ ކިޔައި ނިންމައިލުމަށްފަހު ހަޔެއް ޖަހަން ކައިރިވުމުން ނިންމައިލިއެވެ.

މީހުންތައް އެތަނުން ދިޔައީ މައާންގެ އަޑުގެ ރީތިކަމާއިމެދު ތަޢުރީފުގެ ބަސްތައް އޮއްސަމުންނެވެ. އެންމެން ދިއުމާއިއެކު ލަމްއާ ހިމްލާގެ އަތުގައި ހިފައިގެން ސްޓޭޖް މައްޗަށް އެރިއެވެ. އަދި މައާންގެ މޮޅުކަމާއިމެދު ތަޢުރީފުކުރަމުން ހިމްލާގެ ތަޢާރަފެއް ދީ ރައްޓހިކޮށްދިނެވެ.

“ހިމްލާ. ވަރަށް އުފާވެއްޖެ ބައްދަލުވީމަ. މީ އަހަރެންގެ ދެ އެކުވެރިން، އިދާން އަދި މިޒްޔަލް. އިދާން، މިޒްޔަލް، މީ އަހަރެންގެ ރައްޓެއްސެއް ލަމްއާ އަދި ލަމްއާގެ އެންމެ ގާތް އެކުވެރިޔާ ހިމްލާ.” މައާން ބުނެލިއެވެ.

“އެހެންތަ؟ ރައްޓެއްސެއްތަ ނޫނީ……؟” އިދާން ލާނެތް ހިނިތުންވުމަކާއިއެކު ލަމްއާއަށް ބަލައިލުމާއިއެކު ހިމްލާ އާއިއެކު މިޒްޔަލްވެސް ހޭން ފެށިއެވެ.

“ދެން އިދާނޫ…!” މައާން ރަކިވެފައިހުރެ ނަމަވެސް އިދާންއަށް ލޯ އަޅައިލިއެވެ. އެއިރު ލަމްއާ އިނީ ލަދުން އިސްޖެހިފައެވެ.

ދާދި އަވަހަށް މި ފަސް ކުދިން އެކުވެރިވެއްޖެއެވެ. މި ހުރިހާ ކުދިންވެސް އެކިއެކި ތަންތަނުން ބައްދަލުވަމުން ދިޔައިރު މައާންގެ ހިތުގައި ލަމްއާއަށްޓަކައި  ފޮރުވިފައިވި އިޙުސާސްތައްދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ލަމްއާގެ ހިތުގެ ޙާލަތުވެސް ހަމަ މިފަދައެވެ. ގިނަ ދުވަސްދުވަހު މައާން ޝޯވް ބާއްވާއިރަށްވެސް ނުސީދާކޮށް ލޯބީގެ ލަވަތައް ކިޔެނީ ލަމްއާއަށް އަމާޒުކޮށެވެ. މިކަމުގެ ކުޑަވެސް ހިލަމެއް ލަމްއާއަކަށް ނުވެއެވެ.

އެކުވެރިވިތާ ހަމަސްދުވަސް ފަހެވެ. ރޭގަނޑު އަށެއް ޖެހީއިރު ލަމްއާ ރީތިވަންހުރީ މައާންގެ އެދުމަށް އެރަށުގެ ގޮނޑުދޮށް ދިއުމަށެވެ. އޭނާ ލީ މައާން ދިން ލޭސް ފޮތީގެ ކަޅުކުލައިގެ ކަކުލާއި ހަމައަށް އަންނަ މެކްސީއެކެވެ. އިސްތަށިގަނޑުގައިވެސް ރީތި ގޮތަކަށް ހުޅިއެއް ޖަހައިލައިފައިވީއިރު ކަންފަތް ކައިރިއަށް ބޮސްދެމުންދިޔަ ކުދި އިސްތަށިކޯކޮޅުން އަދި އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. ދެން ލަމްއާ ލީ ހަމަ މައާން އެދުނު ފަދައިން އޭނާގެ ފަރާތުން ލިބުނު ކަޅު ހައި ހީލްސްއަށެވެ. ތުންފަތުގެ ރަތްކަން އަދި އިތުރަށް ގަދަކޮށްލަމުން ލަމްއާ ލޯގަނޑު ކައިރިއަށްގޮސް އަމިއްލަ ސޫރައަށް ނަޒަރު ހިންގައިލިއެވެ.

މިރޭ އޭނާ ހީވަނީ ފަލަކުން ނެއްޓިގެން އައިސްއިން ތަރިއެއްހެންނެވެ. އެހާވެސް ފުރިހަމަވެފައި ރީއްޗެވެ. އޭނާ ދެން ހިތުގެ ތެޅުން އަވަސްވެފައިވާ ޙާލު ގެއިން ނިކުމެ ގޮނޑުދޮށަށް ދާން މިސްރާބުޖެހިއިރު އަތްފަތް ފިނިކަމުންގޮސް ހީވަނީ ގަނޑު ފެންކޮޅެއްހެންނެވެ.

ގޮނޑުދޮށުގައިވަނީ މަރުފަދަ ހިމޭންކަމެވެ. އެއްވެސް އަލިކަމެއްނެތެވެ. ލަމްއާ އެކަނި މާ އެކަނި ހިނގަމުންދެއެވެ. އިރުކޮޅަކަށް ހިނގައިލިތަނާހެން  ރަތްކުލައިގެ އައްޔެއް ފެންނަހެން ހީވިއެވެ. އެ ހިސާބަށްދެވުނުއިރު ލަމްއާއަށް ފެނުނު މަންޒަރުންހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އުއްބައްތިތަކެއް ހިތުގެ ބައްޓަމަށް ބިންމަތީގައި އަތުރައިލައިފައިވީއިރު އެ ހިތުގެ ސީދާ މެދުގައި ރަތްކުލައިގެ ފޮތިކޮޅެއް އަޅައިފައިއޮތް ވަށް މޭޒެއް ހުއްޓެވެ. އެ މޭޒުމަތީގައި ފިނިފެންމާ ބޮނޑިއެއް ބާއްވައިލެވިފައިވީއިރު ވަރަށްވެސް ހިތްގައިމެވެ.

ފަހަތުން މީހަކު ގިޓާ ކުޅޭ އަޑު އިވުމާއިއެކު ލަމްއާ ފަހަތަށް އެނބުރުނެވެ. މިފަހަރު އޭނާގެ ހައިރާންކަން ދެގުނައަށް އިތުރުވެގެންދިޔައެވެ. ކަޅުކުލައިގެ ކޯޓެއްގެ ދަށުން ހުދުކުލައިގެ ގަމީހެއް ކޯޓު ފަޓުލޫނެއްގެ ދަށުން ޖަހައިލައިފައިވީއިރު ރަތްކުލައިގެ ޓައިއެއް އަޅައިލައިގެންހުރި މައާން މިރޭ ފެންނަނީ ވަރަށް ތަފާތުކޮށެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ޖެލްލައިގެން ސްޓައިލްކޮށްފައިވީއިރު އޭނާގެ ތުންފަތުގައިވަނީ އެންމެ ރީތި ހިނިތުންވުމެވެ. މިރޭ މައާން ހުރިގޮތުން ހޮލީވޫޑްގެ ތަރިއަކަށް ދޫނުކުރާނެކަން ޔަޤީނެވެ.

މައާން ކުއްލިއަކަށް އައިސް ލަމްއާގެ ކުރިމަތީގައި ކުޑަކަކޫޖަހައިގެން ތިރިވެ ގިޓާ މަޑުމަޑުން ބިން މަތީގައި ބާއްވައިލިއެވެ. އަދި ޖީބުން މަހުމާފޮތީގެ ކަޅު ފޮއްޓެއްނަގައި ލަމްއާ ކުރިމަތީގައި ހުޅުވައިލިއެވެ. އެ ފޮށި ތެރޭގައިއޮތީ ހިތުގެ ބައްޓަމަށް އޮތް ރޫބީއެއް ހަރުކޮށްފައިވާ ރަން އަންގޮޓިއެކެވެ. ލަމްއާއަށް ޤަބޫލުކުރަން ދަތިވިއެވެ.

“ލަމް.. ހަދާންވޭތަ އަހަރެމެން އެންމެ ފުރަތަމަ ބއްދަލުވި ދުވަސްމަތިން؟ އެ ދުވަހުން ފެށިގެން އަހަރެންގެ ބަސްނާހާ މި ހިތުގައި ތި ރީތި ސޫރަ ނުފިލާނޭ ދެއްޔަކުން ކުރެހިގެން ދިޔަ. ލަމްގެ ކޮންމެ ބަހެއް، ކޮންމެ ޙަރަކާތެއް މި ހިތުގައި ރައްކާކުރެވެމުން ދިޔަ. ކޮންމެ ދުވަހެއްގެވެސް ހަމަޖެހުން ލިބެނީ ތި ސޫރަ ފެނުމުން… އަހަރެންނަކީ އެންމެ ‘ޕާރފެކްޓް’ އަދި އެންމެ ރީތި ފުރިހަމަ ޒުވާނާއަށް ނުވެ ހިނގައިދާނެ. އެކަމަކު އަހަރެން ހުވާކޮށްފައި ބުނާނަން، ލަމް އަހަރެންގެ މީހަކަށްވެއްޖެނަމަ ދުވަހަކުވެސް ހިތުގައިޖެހޭފަދަ އެއްވެސް ކަމެއް ނުކުރާނަން. ލަމް، އައި ލަވް ޔޫ! އަހަރެން ލަމްދެކެ ވަރަށް ބޮޑަށް ލޯބިވޭ.. ވިލް ޔޫ މެރީ މީ….؟” މައާންގެ މި ދިގު ސްޕީޗް ނިންމައިލިއިރު ލަމްއާގެ ދެލޮލުގައި ވިދަމުންދިޔައީ އުފާވެރިކަމުގެ ކަރުނަތަކެވެ.

ލަމްއާ އަވަހަށް އެކަމަށް އާއެކޭ ބުނަން ބޯޖަހައިލިއިރު ރަނގަޅަށްވެސް ރޮވިއްޖެއެވެ. ލަމްއާ އަންގޮޓި އަޅުވައިދިނުމަށް އޭނާގެ ވާއަތް ދިގުކޮށްލުމާއިއެކު މައާންވެސް އުފަލުން އަންގޮޓި ލަމްއާގެ ކަށިވާ އިނގިލީގައި އަޅުވައިދިނެވެ. އަދި އެއަށްފަހު މައާން ކޮޅަށް ތެދުވެ ލަމްއާ ގެނަސް މެއާއިލައި ކައިރިކޮށްލަމުން ބައްދައިލިއެވެ.

“އަހަރެން ވަރަށް އުފާވެއްޖެ މިއަދު. އެއީ އަހަރެންގެ ފުރަތަމަ ލޯބި ކާމިޔާބުވީތީ. އައި.. އައި ލަވް ޔޫ ޓޫ! މައާންގެ ތި ސޫރަ ފެނުމުން އަހަރެންނަށް ވަނީ ބަޔާންކުރަން ނޭނގޭފަދަ އެހެން ކަހަލަ ގޮތްތަކެއް. ތި ސޫރަ ފެނުމުން އަހަރެންގެ ހުރިހާ ހިތާމަތަކެއްފިލައި ދާ ކަހަލަ. ތެންކިއު ފޯރ ކަމިން އިންސައިޑް މައި ލައިފް އެންޑް މޭކިން އިޓް ވަންޑަރފުލް..” ލަމްއާ ހިނިތުންވުމަކާއިއެކު ބުންޏެވެ.

ދެމީހުންނަށްވެސް ދުރުވެވުނީ ބަޔަކު ކަރުކެހެލި އަޑަށެވެ. ރަނގަޅަށް ބަލައިއިލިއިރު ތިބީ މިޒްޔަލް އާއި އިދާންގެ އިތުރުން ހިމްލާއެވެ. އެ އެންމެންގެ މޫނު މަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. އެ އެންމެން މައާންމެންނަށް ‘ކޮންގްރެޓްސް’ ކީއިރު ލަމްއާ އާއި މައާން އެކަކު އަނެކަކަށް ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުން ހިތްހަމަޖެހިފައި ހުރެގެންނެވެ. ދުވެހަކުވެސް ވަކިނުވާނަމޭ ބުނާ ބީދާއިންނެވެ…

– ނިމުނީ –

(Word count – 1000+ (1002 words

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!