ރޭގަނޑު އަށެއްޖެހުމުން ޔުދާ ގުރޫޕް ވޯކް ހަދަން ގެއިން ނިކުތުމުން ނައިޝާ އެކަނިވިއެވެ.ސިޓިންރޫމު ތެރޭގައި އިން ނައިޝާ، ޔުދާ ދިއުމުން ފާހަނައަށްވަދެ ފެންވަރާލިއެވެ.ނުވައެއް ނުޖަހަނީސް ފޯނު އެލާމްކޮށް ނިދަން އޭނާ އޮށޯތެވެ.މިރޭ ނައިޝާ ނިދަންއެރީ ކޮޓަރީގެ ލައިޓްވެސް ޖައްސާފައެވެ.ނުވައެއް ޖަހައިގެން ގޮސް ދިހައެއް ޖެހިއިރުވެސް ނައިޝާއަކަށް ނުނިދުނެވެ.ރޭގައިވި ހާދިސާއަކީ އަސްލެއްކަމަށް ގަބޫލުކުރަން ނައިޝާއަށް އުދަނގޫވިޔަސް، ކޮންމެވެސް ވަރަަކަށް އޭނާ ޖެހިލުންވެއެވެ.
ގަނޑިން އެގާރަވެސް ޖަހައިފިއެވެ.ރޭގައި ދިމާވިފަދަ އެއްވެސް ބިރުވެރިކަމެއް މިރޭ ދިމާނުވާތީ ރޭގައިވި ކަންތައްތަކަކީ އޭނާއަށް ހަމަައަސްލަށްވެސް ހީވި ހީވުމެއްކަމަށް ނިންމާ،ގައިމަތީގައިވާ ރަޖާގަނޑު ރަނގަޅުކޮށް ނައިޝާ ލޯމަރާލިއެވެ.
**********
ނައިޝާއަށް ރަނގަޅަށް ނުނިދިގެން އުޅެނިކޮށް އޭނާގެ ގައިމަތީ އަޅާފައިވާ ރަޖާގަނޑު މީހަކު ދަމައިގަތް ފަދައިން އަމިއްލައަށް ދެމުނެވެ.ނިދިނިދި އޮތް ނައިޝާއަށް ފުންމައިގެން ތެދުވެނެވެ.ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު ނައިޝާގެ ކުރިމަތީގައި އަމިއްލައަށް އުފުލިފައިވެއެވެ.ބިމަކު ނުޖެހި ވައިމަތީގައި އެރަޖާގަނޑު ހުރުމުން ހީވަނީ މީހަކު އޭގައި ހިފާފައިހުރި ހެންނެވެ.ކުރިމަތިން ފެންނަމުންދާ ބިރުވެރި މަންޒަރަށް ބަލަން އެނދުމަތީގައި ނައިޝާ އިނެވެ.ބިރުން ތުރުތުރުއަޅާ ހާލުގައެވެ.
ބިރުން އިން ނައިޝާ ސިހިގެންދިޔައީ ކުއްލިއަކަށް ރަޖާގަނޑު އެނދުމައްޗަށް ވެއްޓުމުންނެވެ.އެރަޖާގަނޑު ވެއްޓުނުގޮތުން ހީވަނީ މީހަކު އޭގެއިން އަތް ދޫކޮށްލީހެންނެވެ.އިންތަނުން ގުނޑިލަންވެސް ނުކެރިފައި ނައިޝާ އިންދާ، އޭނާއިން އެނދާ ކައިރީގައި ހުރި ޑުރެސިންޓޭބަލްގެ ވަތްގަނޑު އަމިއްލައަށް ހުޅުވިފަ ވަރަށް ބާރަށް ލެއްޕުނެވެ.ވަތްގަނޑު ލެއްޕުނުތާ ދެމިނެޓްވެސް ނުވެ ޑުރެސިން ޓޭބަލް ވަރަށް ބޮޑަށް ގުނޑިގަތެވެ.އެއާއެކު މުޅި ކޮޓަރިތެރެއިން ކަރަންޓުކެނޑި އަނދިރިވެ، ނައިޝާގެ ހެއަށްވެސް ގޮތްވެގެންދިޔައެވެ.
**********
ނައިޝާއަށް ހޭލެވުނީ ފޯނުން އެލާމްވި އަޑަށެވެ.ރޭގައިވެސް ބިރުވެރި ކަންތަކެއް ދިމާވުމުން އެއީ ހަމަ އަސްލު ކަންތައްތަކެއްކަން މިހާރު ނައިޝާއަށް ޔަގީންވެއްޖެއެވެ.އެޔާއެކު އޭނާ ވަރަށް ޖެހިލުންވާން ފެށިއެވެ.ބިރުވެރި މީހާ ފެނުނު ފަހުން ބިރުވެރި ކަންތައްތަކެއް އޭނާއަށް ދިމާވާތީ އެއީ އެމީހާގެ ފުށުން ވަމުންދާ ކަންތައްތައްކަން ނައިޝާއަށް ޔަގީނެވެ.އެހެންނަމަވެސް އެމީހަކު އޭނައަށް އުދަނގޫ ކުރަންވީ ކޮންސަބަބަކާ ހުރެކަމެއް ނައިޝާއަކަށް ނޭނގުނެވެ.
**********
ޖެހިގެން އައިރޭވެސް ނައިޝާގެ ހާލަކީ އެޔެވެ.އޭނާއަށް ލޮލުފިޔައެއްވެސް ޖަހާނުލެވެއެވެ.މިދުވަސްކޮޅު ގުރޫޕް ވޯކް ހަދަންޖެހޭތީ ޔުދާވެސް ރޭގަނޑަކު ގެއަކު ނޫޅެއެވެ.ކިޔެވުމުގައި އަވަދިނެތި ޔުދާ އުޅެމުންދާތީ، އޭނާ ކައިރި ނައިޝާއަށް ދިމާވަމުންދާ ކަންތަކުގެ ވާހަކަ ހިއްސާކުރާކަށް ނައިޝާއަކަށް ނުކެރުނެވެ.ޔުދާގެ ކިޔެވުމަށް ބުރުލެއް އަރާފާނެތީއެވެ.
********
“ނައި ހިނގާ މިރޭ ކާރުދުއްވާލަންދާން…ކިޔާރާއާ ފިރާޝާއާ ދެމީހުން ވަރަށް ނައިގެ ކާރަށް އަރާހިތްވެޔޯ” ސޯފާގައި ފިކުރުކުރަން ނައިޝާ އިންދާ ޔުދާ އައިސް ބުނެލިއެވެ. ކުރިއާ ޚިލާފަށް މިފަހަރު ވަރަށް ފަސޭހައިން ބޭރަށްދާން ނައިޝާ އެއްބަސްވިއެވެ.ރޭގަނޑު ގޭތެރޭގައި އިންނަހިތެއް ނައިޝާއެއް މިހާރަކު އެއްގޮތަކަށްވެސް ނުވެއެވެ.ދުވާލުގެ އެއްވެސް ވަގުތެއްގައި ބިރުވެރިކަމެއް އޭނާއަށް ދިމައެއް ނުވެއެވެ.އެހެންކަމުން އޭނާއަށް ހަމަނޭވާއެއް ލެވެނީ ދުވާލުގެ ވަގުތުތަކުގައެވެ.
********
ރޭގަނޑު އަށެއްޖެހުމުން ނައިޝާ އޭނާގެ ކާރު ނެރުނެވެ.ކުރީ ސީޓަށް ޔުދާ އެރުމުން ފަހަތު ސީޓަށް ކިޔާރާއާ ފިރާޝާ އެރިއެވެ.އެންމެން ހަމަޖެހިލުމުން ނައިޝާ ކާރު ދުއްވާލިއެވެ. “މީތި މަތި އުފުލާލަބަ” ކިޔާރާގެ އެނދުމަށް ކާރުގެ މަތި ނައިޝާ އުފުލާލިއެވެ. “ވާވް ހާދަ ފިނިވަޔެކޭ” ބޭރަށް އަތް ނެރިލުމަށްފަހު ފިރާޝާ ހެވިލާފައި ބުނެލިއެވެ.
ހަތަރު މީހުންވެސް ވަރަށް ހެވިފައި ތިއްބެވެ. “ހިނގާ ލަވައެއް އަޅުވަން” އެހެންބުނެ ޔުދާ ލަވައެއް ޖަހާލިއެވެ.ޔުދާމެންނާއެކު އުފާވެރި ވަގުތުކޮޅެއް ނައިޝާ ހޭދަކުރަމުންދިޔައެވެ.ހުރިހާ ކަމެއް އެއްފަރާތް ކޮށްލުމަށްފަހު، ބޯ ހަމަޖައްސާލުމަށެވެ.
********
މުޅި ހުޅުމާލެ ތެރޭގައި ދުއްވަމުން މަޖާ ނަގަމުންދިޔަ ނައިޝާގެ އުފާވެރިކަން ކެނޑިގެންދިޔައީ، ކުރިމަތިން ފެންނަން ހުރި ގަސްގަނޑު ކައިރީގައި އެއްކަލަ ބިރުވެެރި މީހާ ހުރިތަން ފެނުމުންނެވެ.ކާރު ދުއްވަމުންދިޔަ ނައިޝާއަށް އެމީހާ ފެނުމާއެކު ކުއްލިއަކަށް ކާރުގެ ބުރެކި ޖައްސާލެވުނެވެ.އެވަގުތު ކާރުގައި ތިބި އެންމެނަށް ލޮޅުންއަރައިގެން ދިޔައެވެ.އެއާއެކު މަޖާނަގަމުންދިޔަ އެންމެންވެސް ސީރިއަސްވެލިއެވެ.
“ނައި ކިހިނެއްވީ؟” ޖަހައިގެން އިން ލަވަ ނިވާލުމަށްފަހު ހާސްވެލާފައި ޔުދާ އަހާލިއެވެ.ޔުދާއަށް ޖަވާބެއް ދިނުމެއްނެތި ކުރިއަށް ބަލަން ނައިޝާ އިނެވެ.ނައިޝާގެ އެޢަމަލުން ފަހަތު ސީޓުގައި ތިބި ކިޔާރާއާ ފިރާޝާވެސް ވާނުވާ ނޭނގޭ ހާލު ނައިޝާއަށް ބަލަން ތިއްބެވެ.
“ކިހިނެއްވީ؟ކޯއްޗަކަށްތަ މާވަރަކަށް ތިބަލަނީ؟” ނައިޝާ ބަލަންހުރި ދިމާލަށް ބަލައިލަމުން ޔުދާ އަހާލިއެވެ. “ތެދެއް ނައި ކިހިނެއްވީ؟ކީއްވެތަ އެދިމާލަށް ތިބަލަނީ؟” ނައިޝާގެ ކޮނޑުގައި ޖަހާލަމުން ފިރާޝާވެސް ބުނެލިއެވެ.އެވަގުތު ތިންމީހުންގެ މޫނަށް ނައިޝާ ބަލައިލިއެވެ.
“އެހެރީ” އައްކިޔުންގެ ބައްޕައަށް އިނގިލި ދިއްކޮށްލަމުން ނައިޝާ ބުނެލިއެވެ. “ކޯއްޗެއްތަ؟މިމަގުގަ ނެތެއްނު އަހަރުމެން ނޫނީ އިތުރު ބައެއްވެސް” ޔުދާ ބުނެލިއެވެ.”ތެދެއް ނައި ކޯއްޗެއްތަ؟އަހަންނަކަށް އެއްވެސް އެއްޗެއް ނުފެނޭ ފިރާޝާއަށް ފެނޭތަ؟”ފަހަތު ސީޓުގައި އިން ކިޔާރާ އެހެން އެހުމުން އެއްވެސް އެއްޗެއް ފިރާޝާއަށްވެސް ނުފެެންނަކަމަށް ފިރާޝާ ބުނެލިއެވެ.ކުރިއާ ދިމާލަށް ނައިޝާ ބަލާތީ އެދިމާލަށް ޔުދާމެންވެސް ބަލަންތިއްބެވެ.އެމީހުންނަށް އެބިރުވެރި މީހާ ނުފެންނަކަން ނައިޝާއަށް އެހިސާބުން އެނގުނެވެ.އެމީހާ ހަމައެކަނި އޭނާއަށް ފެންނާތީ ނައިޝާ އިތުރަށް ޖެހިލުންވިއެވެ.
“ދެންމެ ކުރިމަތިން ބުޅަލެއް ހުރަސްކުރިހެން ހީވެގެން މަޑުކޮށްލެވުނީ” ކާރުގައި ތިބިމީހުން ނައިޝާ ގާތު ސުވާލު އަހަންފެށުމުން ނައިޝާ އެހެންބުނެ ކާރު ދުއްވާލިއެވެ.
ނައިޝާ އޭނާގެ ރަހުމަތްތެރިން ގޮވައިގެން އުޅޭ އުފާވެރި މަންޒަރުފެނި ގަސްތައް ކައިރިހުރި އައްކިޔުންގެ ބައްޕައަށް ރުޅިން އަތް މުއްކަވާ ބާރުކޮށްލެވުނެވެ.
***************
ހަފްތާއެއް ފާއިތުވެގެންދިޔައިރުވެސް ކޮންމެ ރެއަކު ނައިޝާއަށް އެބިރުވެރި ކަންތަކާ ކުރިމަތިލާން ޖެހެއެވެ.އެހެންކަމުން އޭނާއަށް މިހާރު ރަނގަޅަށް ނިދާވެސް ނުލެވެއެވެ.ރޭގަނޑު ހިނގާ ހާދިސާގެ އެއްވެސް އަލާމާތެއް ދުވާލު ވަގުތުގައި އެކޮޓަރިތެރޭގައި ފެންނަން ނުހުންނާތީވެސް ނައިޝާގެ ސިކުނޑި ސުމަކަށްދެއެވެ.ބައެއްފަހަރު އެއީ ހީވާ ހީވުމެއް ކަމަށްވެސް ނައިޝާއަށް އިހުސާސް ކުރެވެއެވެެ.އެއްކޮޅުން އައްކިޔުންގެ ކަންތަކުން އަރައިނުގަނެވި އުޅެނިކޮށް އަނެއްކޮޅުން އަނެއްކަމަކާ ކުރިމަތިލާން ޖެހުމުން ނައިޝާގެ ބޯގޮވަން ފެށިއެވެ.
ކޮންމެރެއަކު ފެންނަ ބިރުވެރި މަންޒަރުން ބިރުން ނައިޝާ ހޭނެތެއެވެ.އެހެންކަމުން އެކަންތައްތަކާ ހެދި މުޅި މީހާ ނަފްސާނީ ވާންފެށިއެވެ.ފާހަނައަށް ވަންނައިރު އެއްކޮށް ދޮރުނުލެއްޕުމާ، ކިރިޔާ އަޑެއް އިވޭއިރަށް ސިހިގެންދާ ފަދަގޮތްގޮތް ނައިޝާއަށް ވާން ފެށިއެވެ.އޭނާގެ އެކަނިވެރިކަންވެސް އިތުރުވެ ފިކުރުކުރަން އިންނަ ވަގުތުތައް ގިނަވާން ފެށުމުން، ނައިޝާއަށް ބަދަލުތަކެއް އަންނަމުންދާކަން ޔުދާއަށްވެސް ފާހަގަވާން ފެށިއެވެ.
“ނައި؟” ފިކުރުކުރަން އިން ނައިޝާގެ އަތުގައި ހިފާލަމުން ޔުދާ ގޮވާލިއެވެ.ނައިޝާގެ އަތުގައި ޔުދާ ހިފާލުމާއެކު ސިހިގެންދިޔަ ނައިޝާއަށް ފުންމައިގެން ސޯފާއިން ތެދުވެވުނެވެ. “ނައި އޯކޭތަ؟” ނައިޝާގެ އެއަމަލުން ޔުދާ ހައިރާންވެހުރެ އަހާލިއެވެ. ޔުދާއަށް ބަލައިލުމަށްފަހު، މޭގައި އަތްއަޅައިގެން ހުރި ނައިޝާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ބޯޖަހާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





