ހައިދަރު-9
ކާރު ޕާކްކޮށްލި އަޑާއެކު ދޮރާއި ދިމާލަށް ހިނގައިގަތް އަމީރާގެ ފިޔަވަޅުތައް ގަނޑުވީ، ހައިދަރުގެ ފަހަތުން ވަދެގެން އައި ތިން މީހުން ފެނިފައެވެ. ލޮލުގެ އުޖާލާކަން ގެއްލި، މޫނުމަތީގައި ރޫތައް ޖެހިފައި ވިޔަސް އޭނާއަކަށް އެ މަންމަ ނޯޅޭނެއެވެ. ހަސީނާއަށް ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ދެބަސް ވެވެން ނެތް ފަދައިން ކުރިމަތީގައި މިހިރީ އޭނާގެ ބަނޑުގައި އަޅައި ވިހެއި ފުރަތަމަ ދަރިފުޅެވެ.
ޝައިނާ ވާނުވާ ނޭނގިފައި ހުރިއިރު، ފުއާދުއަށް ކޮންމެވެސް ވަރަކަށް ވީގޮތް ރޭކާލިއެވެ. އޭނާ ހަސީނާއާއި ކައިވެނި ކުރިފަހުން ރިސޯޓެއްގައި ވަޒީފާ އަދާކުރިޔަސް، ދޭތެރެ ދޭތެރެއިން ރަށަށް އައި އައުމުގައި އަމީރާ ފެނިފައި ވުމުން އޭނާ އަމީރާ މަތިން ހަނދާން ހުރެއެވެ. އަމިއްލަ ދަރިއަކަށް ނުވިޔަސް، ދެންތިބި ކުދިންނާއި ތަފާތު ނުކޮށް އޭނާ އަމީރާއަށްވެސް ހަރަދު ކުރިއެވެ. ފަހުން އަމީރާ އެގޭގައި އުޅެން ބޭނުން ނެތިގެން ނިކުމެގެން ދިޔަ ވާހަކަވެސް ހަސީނާ ބުނީ އޭނާ ރިސޯޓުގައި ހުއްޓައެވެ. އޭރު ވަޒީފާ އަދާ ކުރަނީ މާލެ ކައިރީ ރިސޯޓެއްގައި ކަމުން ފަހުން ކުޑަ ދަރިފުޅާއެކު އެމީހުން މާލެ ބަދަލުވީިއިރު، ދޮށީ ދަރިފުޅު އާރިފް މަގުމަތިވެ އެމީހުންނާއި އެކު ދާން ދެކޮޅުހެދިއެވެ. މާލެ ބަދަލު ވީފަހުން މާގިނަ ދުވަހެއް ނުވެ، އަޑުއިވުނީ އާރިފަށް މީހެއްގެ މަރުގެ ތުހުމަތު ކުރެވި އޭނާ ރާއްޖެއިން ފިލައިގެން ދިޔަ ހަބަރެވެ.
އެފަހުން މީ ކޮން ޒަމާނެއް ހެއްޔެވެ؟ ތަގުދީރުގެ ނިޔާ ދެކިބަލާށެވެ. ހައިދަރުއަކީ އަމީރާގެ ދަރިއަކަށް ވަންޏާ އޭނާގެ ދަރިފުޅު ޝައިނާއާއި ކައިވެނި ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
އަމީރާއަށް ވީގޮތެއް އޮޅުން ފިލުވަން އުޅެފައިވެސް، ޖުނައިދު އެވަގުތު މެހެމާނުންނަށް އިސްކަން ދިނެވެ. ޒޯޔާ އަދި ހާޖަރު އަމީރާގެ ކައިރީ ހުއްޓުނުއިރު، ޖުނައިދު ފުއާދުއާއި ސަލާންކޮށްލާފައި އެތެރެއަށް އައުމަށް ދައުވަތު ދިނެވެ. ޝައިނާގެ ބޮލުގައިވެސް ފިރުމާލާފައި ހައިދަރުގެ ހޮވުމާމެދު އުފާ ކުރާ ވާހަކަ ބުނެލިއެވެ. ފުއާދު އިސްދަށަށް ޖަހާލީ ދެން ކަންތައް ވާނެގޮތް ލަފާކޮށްލަމުންނެވެ.
އަމީރާ މަންމާއޭ ކިޔާފައި ގޮވާލުމުން ހަސީނާގެ ސިކުނޑި މަސައްކަތް ކުރަން ފެށިއެވެ. މިއީ އޭނާ ނިކަމެތިކޮށް ގެއިން ނެރެލި ދަރިފުޅެވެ. އޭނާގެ ހަގު ދަރިފުޅުގެ ކައިވެންޏަށް އެދިގެން އައި ފިރިހެން ކުއްޖާގެ މަންމައެވެ. ކުށްވެރިކަމުގެ އިހްސާސުން އޭނާގެ ހިތް ކަޅި ވިއިރު، ބާކީ ތިބި މީހުންގެ މޫނުމަތިން ފެންނަނީ ސިހުމާއި ކަންބޮޑުވުމެވެ. ލޮލުގެ ކުރިމަތީގައި ނިއުޅެމުން މިދާ މަންޒަރު ސިކުނޑިއަށް ނަގައިގަނެވޭތޯ، ހައިދަރުވެސް މިންނެތް މަސައްކަތް ކުރަމުން ދިޔައެވެ.
އަމީރާގެ ދެފަޔަށް ހަރަކާތް ކުރެވޭވަރު ވުމުން، އެދިޔަ ގޮތަށް ގޮސް މަންމަގެ ގައިގައި އޮޅުލައިގަތެވެ. ހަސީނާއަށް ހުރި ފިޔަވަޅުމަތިން ގުޑިވެސް ނުލެވުނެވެ. ކޮންމެވެސް ޒަމާނެއްގައި އަމީރާއާއި ދިމާ ވިޔަސް، އޭނާ ގަބޫލު ކުރީ އަމީރާ ދުވަހެއްގެ ކޮޅުންވެސް އޭނާއަށް މާފު ނުދޭނެކަމެވެ. އެހެން މީހަކު ކުރި ފާފައެއްގެ ސަޒާ، ކުށެއް ނެތް ދަރިފުޅަށް އުމުރު ދުވަހު ދެވުނުކަން ވިސްނި، އެކަމާއި ދެރަވެ ހިތާމަކުރަން ފެށުނީ ފިރިހެން ދަރިފުޅު އަތުން ބީވެ ދިޔަ ފަހުންނެވެ. އަމީރާ ހާދަ ވަރަކަށް މަންމައެއްގެ ލޯތްބަށް އިންތިޒާރު ކުރިއެވެ. އޭނާގެ މިދަރިފުޅަށް ދިރިއުޅުމުގެ އެއްވެސް އުފަލެއް ހޯދައި ނުދެވުނުތާ، އަދި ކުރެވުނީ އަނިޔާއެވެ. ދެވުނީ ހިތްދަތިކަމެވެ.
ދަރިފުޅުގެ ކިބައިން މާފަށް އެދެން މީގެ ކުރިންވެސް ހަސީނާ ބޭނުންވިއެވެ. އެކަމަކު އެކަން ނުވެ އޮތީ އެހެން ހުރިހާ ކަމެއްގެ މަށްޗަށް ލަދުވެތިކަން ކުރި ހޯދުމުގެ ސަބަބުންނެވެ. މިއަދު ތަގުދީރު މިވަނީ އޭނާ ގެނެސް ދަރިފުޅުގެ ކުރިމަތީގައި ބަހައްޓާ ދީފައެވެ. ހަސީނާ ހިއްވަރު ކޮށްފައި އަމީރާގެ ގައިގައި ބައްދާލަމުން މާފަށް އެދުނެވެ.
“ދަރިފުޅާ.. މަންމަ ނޭނގެ މާ ގިނަ ދުވަހަށް ދެން މިދުނިޔޭގަ ހުންނާނެ ކަމެއްވެސް.. މި މަންމައަށް ހިތް ހެޔޮ ކޮށްދީ..” އަމީރާ ކުއްލިއަކަށް ދުރަށް ޖެހިލިއެވެ.
“މަންމާ ހެޔޮނުވާނެ ތިކަހަލަ ވާހަކަ ނުދައްކާ.. އަހަރެންގެ ހިތް މަންމައަށް އަބަދުވެސް ހެޔޮ.. މަންމަ އެންމެ ފަހަރަކު ފެނޭތޯ އަހަރެން އުޅުނު ވަރު މަންމައަށް އެނގޭނެނަމަ.. ގެއަށް ދިޔައިރު ގޭގަ ހުރީ ތަޅު އަޅުވާފަ.. އެފަހުންވެސް މަންމަމެން އާދޭތޯ ބަލަން ވަރަށް ގިނައިން ދިޔައިން..” އަމީރާ މަންމަގެ ކަރުނަ ފޮހެލަދިންއިރު، އެތާގައި އިތުރު ބަޔަކު ތިބި ކަމުގެ އިހުސާސްވެސް ނުވާ ކަހަލައެވެ.
މިހުރިހާ ކަމަކުން އެންމެ ބޮޑު އަސަރެއް ކުރީ ޝައިނާއަށެވެ. ފުރަތަމަ އޭނާ ހީކުރީވެސް ހައިދަރުގެ މަންމަ މޮޔަ ގޮވަނީ ކަމަށެވެ. އެހެނަސް މަންމަގެ ވާހަކަ ތަކުން އެއީ ތެދެއްކަން ޔަގީން ވެއްޖެއެވެ. އޭނާގެ ދައްތައެއް ހުރެ، މަންމަމެން އެކަން ސިއްރު ކުރީތީ ހިތުގައި ޝަކުވާ އުފެދުނެވެ. އަނެއް ކޮޅުން އުފާވެސް ވިއެވެ. ކުޑައިރުވެސް ދައްތައެއް ނުވަތަ ބޭބެއެއް ނެތިގެން މަންމަމެން ކައިރީ މައްސަލަ ޖެއްސި ހަނދާން ހުރެއެވެ. މިވީގޮތުން ހައިދަރު މިވީ އޭނާގެ ދައްތަގެ ދަރިފުޅަށެވެ. ދެން އޭނާ ހައިދަރުއާއި ކައިވެނި ކުރާކަށް ނުޖެހޭނެއެވެ.
“މިއީ ޝައިނާތަ؟ ހައިދަރު ޝައިނާއޭ ބުނީމަވެސް ހިތަކަށް ނާރާ، އެދައްކަނީ ކޮއްކޮގެ ވާހަކައޭ..” އަމީރާ ޝައިނާ ގެނެސް މޭގައި ޖައްސާލިއެވެ. “ކޮބާ އާރިފް؟” ހަސީނާއާއި ފުއާދު އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އަމީރާ އާރިފް ފެނޭތޯ ވަށައިގެން ހޯދާލިއެވެ.
“ހުރިހާ ވާހަކައެއް މިތާ ތިބެގެންތަ ދައްކާނީ އަމީ؟ އެންމެން އާދޭ ކާން.. މިހާރު ބަނޑުފައި ވެފައެއްނު ތިބޭނީ..” ޖުނައިދު އަވަހަށް ބުނެފައި އެތެރެއަށް ދާން ހިނގައިގަތެވެ. ހަސީނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އާރިފްގެ ވާހަކައަކީ އެދެމަފިރިން ޝައިނާއަށް ސިއްރު ކޮށްފައި އޮތް ބާބެކެވެ. އަމީރާ އަދިވެސް އެސުވާލު ކުރާނެކަން ދަނެގެން، ފަހުން ހުރިހާ ވާހަކައެއްވެސް ކިޔައިދޭނެ ކަމަށް ހަސީނާ ބުނެލީ ހަމައެކަނި އަމީރާއަށް އަޑު އިވޭވަރަށެވެ. އޭރު އެންމެން އެތެރެއަށް ދާން ހިނގައިގަތެވެ. އެންމެ ފަހަތުގައި ހުރި ޝައިނާ، ދާން ހިނގައިގަތް ތަނުން ހައިދަރު އޭނާގެ އަތުގައި ލައްކިއެއް ޖަހާފައި ދަމައިގަތެވެ.
“ވަރަށް އުފަލުންދޯ ތިހިރީ ދެން މެރީ ކުރާކަށް ނުޖެހޭނެއޭ ހިތަށް އަރާފަ؟ އެހާ ފަސޭހައިން އަހަރެން ޝައިނާ ދޫކޮށްލާނެހެން ހީވަންޏާ ތީކުށް ހީއެއް.” ޝައިނާ ހައިރާންވީ ހުރިހާ ކަމެއް އެނގުމުންވެސް ހައިދަރުގެ މިޒާޖަށް އެއްވެސް ބަދަލެއް އައިސްފައި ނެތީތީވެއެވެ. އޭނާ ހީކުރީ ހައިދަރު މިހާރު ހުންނާނީ ކުރެވުނު ކަންތަކާ ލަދުން ކަމަށެވެ. އެކަމަކު ކޮންތާކު ހެއްޔެވެ؟ ލަދުގެ ކަންފުޅެއްވެސް އޭނާގެ ނެތެވެ.
“ހައިދަރު ތިއުޅެނީ މޮޔަވެގެންތަ؟ ދެން އަހަރެމެންނަކަށް މެރީއެއް ނުކުރެވޭނެ.. ހުރިހާ ކަމެއް އެނގުމަށްފަހު ހީވޭތަ މި ދެއާއިލާ އިންވެސް އެކަން ވިޔަދޭނެ ހެނެއް..” ޝައިނާ ހުރީ މީހަކަށް ފެނިދާނެތީވެސް ކަންބޮޑުވެފައެވެ.
“ސްވީޓްހާޓް.. އައިމް ސޮރީ ޓު ބްރޭކް އިޓް ޓު ޔޫ.. ބަޓް ޝީޒް ނޮޓް މައި މަމް.. ޝީޒް މައި ސްޓެޕް މަމް.. އެހެންވީމަ އަހަންނަށް ޝައިނާއާއި ކައިވެނި ނުކުރެވެންވީ އެއްވެސް ސަބަބެއްނެތް..” ޝައިނާ ލައިލައި ހުރި ނޭވާވެސް އެތެރޭގައި ތާށިވި ކަހަލައެވެ. އޭނާއަށް ކުޑަހިނދުކޮޅަކަށް ލިބުނު އުފާކޮޅުވެސް ހައިދަރު ރަހުމެއް ނެތި ފޭރިގެންފިއެވެ. ހައިދަރުގެ އަތުތެރެއިން ވީއްލިގެން ބާރަށް ހިނގާފައި ގޮސް ޝައިނާ ކާބަޔަށް ވަނެވެ.
އަނެއް ކޮޅުން ހައިދަރު ފުން ވިސްނުމަކަށް ގެއްލުނެވެ. ޝައިނާއަކީ އަމީރާގެ ކޮއްކޮ ކަމަށް ވަންޏާ، އެބުނާ ހިޓްލަރަކީ ވެސް އަމީރާގެ ކޮއްކޮއެކެވެ. އޭނާއަށް ޕަޒްލްގެ އެތިކޮޅުތައް ރޭވިއްޖެއެވެ. ޝައްކު ޔަގީނަށް ބަދަލުވެއްޖެއެވެ. މަންމަގެ މަގާމު ފޭރިގަތުމަށް ޓަކައި، އެހާ ބޮޑު ޖަރީމާއެއް އަމީރާ އެހިންގުވީ އަމިއްލަ ކޮއްކޮ ލައްވައެވެ. ގޮތެއް ފޮތެއް ނެތް އަންހެނެކެވެ.
ހައިދަރު ކާމޭޒު ދޮށަށް ދިޔައިރު، ޝައިނާއާއި ހައިދަރުގެ ކައިވެންޏާއި ބެހޭގޮތުން މި އެރި އޮޅުން، ޖުނައިދު އެތާނގައި ތިބި މީހުންނަށްވެސް ސާފުކޮށް ދީފިއެވެ. މިހާރު ދެން ދެކެވެން ފެށި ވާހަކައަކީ ކުރެވެން މިއުޅޭ ކައިވެނީގެ ވާހަކައެވެ. ހައިދަރު ޝައިނާއާއި ޖެހިގެން ގޮނޑީގައި އިށީންނަމުން އެއް މިޔަކަނުން ހީލިއެވެ. ޝައިނާ ހުރީ ޖެހި ބުދެއްހެން ބަސް ހުއްޓިފައެވެ. ސަމުސާ ތަށީގެ ތެރެއަށް ލައިގެން އިނީ ކާހިތްވެސް ނުވެފައެވެ.
އަނެއްކޮޅުން ހަސީނާ ހުރީ އިންތިހާއަށް ހިތްހަމަ ޖެހިފައެވެ. އަމީރާގެ ބެލުމުގެ ދަށުން ބޮޑުވި ކުއްޖަކަށް ހައިދަރު ވަންޏާ، ހައިދަރުއަކީ ރަނގަޅު ކުއްޖަކަށް ވާނެ ކަމާމެދު އޭނާ ޝައްކެއް ނުކުރެއެވެ. އަމީރާވެސް ހުރީ ކޮޅުނެތް ކޮޅަށް އުފާވެފައެވެ. ޝައިނާ ކަހަލަ ރަނގަޅު ކުއްޖަކު ހައިދަރުގެ ހަޔާތަށް އަތުވެއްޖެއްޔާ ހައިދަރުގެ އުޅުމަށްވެސް އޭގެ އެދެވޭ އަސަރު ކުރާނެކަން ގައިމެވެ. އަނެއް ކޮޅުން އޭނާގެ ކޮއްކޮއަށްވެސް މިވީ މާރަނގަޅު ގޮތެކެވެ. މިއޮއްހާ ދުވަހު ކޮއްކޮއާއި ނުދެއްކި ތިބި ވާހަކަތައް ދައްކާލާ، ގުޅުން ބަދަހި ކޮށްލަން މީ ރަނގަޅު ފުރުސަތެކެވެ. ހައިދަރު ޝައިނާ ދެކެ ވާ ލޯބީގެ ސަބަބުން ފަހަރެއްގައި އަމީރާއާއި ގުޅުން ރަނގަޅުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެންމެން އެކި ވާހަކައިގައި މަޝްއޫލު ވިއިރުވެސް ޝައިނާ ވިސްނަމުން ދިޔައީ، ކުރިމަތިވަފައި މިވާ ބޮޑު ކަންތައްގަނޑުން ސަލާމަތް ވާނެ ގޮތަކާއިމެދުގައެވެ. ދައްތަ ކައިރީ ހުރިހާ ވާހަކައެއް ކިޔައިދޭންވީ ބާވައެވެ؟ އެކަމަކު އެދެމެދުގައި އެއްވެސް ގުޅުމެއް އަދި ނެތެވެ. ހަމަ ހުރެފައި ގޮސް ދައްތަ ކައިރީ އެކަހަލަ ވާހަކައެއް ދައްކާކަށް ނުކެރޭނެއެއް ނޫންހެއްޔެވެ؟ އެހެން ނޫނަސް ހައިދަރުއަކީ ދައްތައަށް ކޮންޓްރޯލް ކުރެވޭނެ މީހެއް ހެނެއް ހިޔެއް ނުވެއެވެ. އޭނާ މިވާހަކަ ދައްކައިގެން ހައިދަރުއަށް އެނގިއްޖެއްޔާ ދެން ލިބޭނެ އަދަބެއް ވެސް އެނގެނީއެއް ނޫނެވެ.
“އަންނަ މަހުގަ ވެސް ވަރަށް ރީތި ޑޭޓްތައް އެބަ ތިބި.. ޝައިނާ ބޭނުންވާ ވަކި ޑޭޓެއް އެބައިންތަ؟” ޖުނައިދު ސުވާލުކޮށްލީ ޝައިނާގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިންދާ ހޭލައްވާލީ ހައިދަރު އޭނާގެ ފައިމަތީގައި އަތް ބޭއްވުމުންނެވެ. ސިހިފައި ބަލާލިއިރު މޭޒު ދޮށުގައި ތިބި އެންމެންގެ ނަޒަރު އަމާޒުވެފައި ވަނީ ޝައިނާއަށެވެ.
“ޝައި ލަދުންނޭ އޭނީ.. ބައްޕަ ތިކަހަލަ ސުވާލުތައް ހައިދަރުއާއި ކޮށްލީމަ ރަނގަޅުވާނެ..” ޒޯޔާ ބުނެލީ މާހައުލުގެ ނުތަނަވަސްކަން ކަނޑުވާލުމަށެވެ. ކައިވެނީގެ ވާހަކަ ދެކެވެމުން ދާތީ ޝައިނާ ހާސްވެ ކަންބޮޑުވީ ކަމަށް އެންމެން ނިންމިއެވެ. އެކަމާ އުނދަގޫވެ ރުޅިގަދަވީ ހައިދަރުއެވެ. ޝައިނާގެ ދެލޯ ފެންކަޅިވީ، ފައިގެ ފަލަމަސްގަނޑުގައި ހައިދަރު ހިފަހައްޓައިގެން ހުރި ލެއް ބާރުކަމުން ވީ ތަދަށް ކެތްނުކުރެވިގެންނެވެ.
“ދަރިފުޅަށް ހީވަނީ ކިހިނެއް؟” ޖުނައިދުގެ ސުވާލާއެކު ހައިދަރު ޝައިނާގެ ފައިން ދޫކޮށްލިއެވެ. އޭރު އެހިސާބުން ދިލަ ނަގައެވެ.
“ވަކި ހާއްސަ ތާރީހެއް ނެތް އަދި.. އެންމެން ކައިރީ ބުނެފަ އޭގެ ފަހުން ތިކަހަލަ ކަންތައް ޑިސްކަސް ކޮށްލަން މި މަޑުކުރީ.. ބައްޕަމެންގެ މައްސަލައެއް ނެތިއްޔާ.. ދެމީހުން ވަކިން ބޭރަށް ނިކުމެ ވާހަކަ ދައްކާލަންތަ؟ މިހާ މީހުން ގިނަވީމަ ކަންނޭނގެ ޝައިއަށް އުނދަގޫ ވެގެން އެއުޅެނީ..” ހައިދަރު ފުއާދުގެ ހުއްދައަށްވެސް އެދުނެވެ. ފުއާދު އެންމެ ރަނގަޅޭ ބުނުމުން ހައިދަރު ތެދުވެގެން ހިނގައިގަތީ ޝައިނާ އަށް ޖާގަ ދެމުންނެވެ.
ގޭގެ ދޮރުން ނިކުމެވުމާއެކު ހައިދަރު ޝައިނާގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ގޮސް، ޕޯޓިކޯ ނިމޭ ތަނުގައި ހުންނަ ގަރާޖުގެ ފަހަތުގައި ހުރި ބޮޑު ޖަންބު ގަހާއި ދިމާލަށް ހޫރާލިއެވެ. ޝައިނާ ނުވެއްޓި ސަލާމަތްވީ ގަހުގައި ހިފެހެއްޓުނު ކަމުންނެވެ.
“ކާކަށް ކޯއްޗެއް ސާބިތު ކޮށްދޭންތަ އެތާގަ ތިމާ ވަރުގެ ހިތާމަވެރި މީހަކު ނެތް ކަމަށް ހެދިގެން އިނީ؟” ހައިދަރުގެ ޖުމްލައާއި އެކު ޝައިނާ އެނބުރި ބަލާއިރު އެ ދެލޮލުގައިވާ އަސަރުތައް ބަޔާން ކޮށްދޭންވެސް ދައްޗެވެ. ހައިދަރުވެސް ދުރަށް ބަލާލި އެމޫނަށް ބަލަހައްޓައިގެން ހުންނަން އުނދަގޫ ވެގެން ކަންނޭނގެއެވެ.
“ހިތާމައިން ހިތް ކުދި ކުދިވާއިރު ކިހިނެއްތަ އުފާވެރި މީހަކަށް ވެވޭނީ؟” ހުއްޓުމެއް ނެތި ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު، ޝައިނާ ހައިދަރުގެ ކައިރިއަށް އައެވެ.
“ޕްރިޓެންޑް ގޯޑް ޑޭމިޓް!! އެއްވެސް މީހަކަށް ކިރިޔާ ޝައްކެއް ވިޔަސް ނިމުނީ.. ޝައިނާއަށް މިހާރު އެނގެން ޖެހޭނެ މި ކައިވެނި ނުކުރެވުނަސް އަހަންނަށް ޝައިނާގެ ދިރިއުޅުން ނަރަކައަކަށް ހަދާލެވިދާނެކަން.. ވީއިރު އެހެން މީހުންގެ ކުރިމަތީ ތި އާޓް ނުދައްކާ ހުންނާނީ ބަސްއަހައިގެން..” ހައިދަރު ކަނދުރާގައި ފިރުމާލިއެވެ.
“ހައިދަރު ހީކުރަނީ މީ އާޓްކަމަށް ތަ؟ ހީކުރީތަ މީ އަހަންނަށް ވަރަށް ފަސޭހަ ކަމެކޭ؟ މީހުން ތިއްބޭ ކިޔާފަ އަމިއްލަ އިހްސާސް ތައް ކޮންޓްރޯލް ކުރެވޭތަ؟ ހައިދަރުއަކަށް ނޭނގޭނެ އަހަރެންގެ ހިތުގަ އަޅާ ވޭނެއް..” ޝައިނާ ވާހަކަ ދައްކަމުން ގޮސް އަޑުވެސް ކުރެހުނެވެ.
“ލިސިން ޔޫ..” ހައިދަރު ޝައިނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. “ޑޫ ޔޫ ތިންކް އައި ކެއަ އެބައުޓް ވަޓް ޔޫ ފީލް؟ ބުނީމަ ބުނާ ގޮތަށް ހަދައިގެން ހުންނަން ޖެހޭނީ..” ހައިދަރު މައިތިރިވީ އެދިމާލަށް ހިނގަމުން އައި ހައިތަމް ފެނިފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


