” އަހަރެން ވަރަށް އަވަހަށް އަންނާނަން.. ޓޭކް ކެއަރ..” ދިޔާން ލިލިއަންގެ ގައިގާ ބައްދާލައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. ދިޔާންގެ ޢަމަލުން ހިތުގައިވީ އިޙްސާސްތައް ފުންވެގެން ދިޔަ ލިލިއަން ދެލޯ މަރާލަމުން ބޯޖަހާލިއެވެ. އެހިނދު ދިޔާން ލިލިއަން އާ ދުރުވެލަމުން ލިލިއަން ފަސްދީ ދާން ހިނގައިގަތެވެ. ގޭޓުން ނިކުމެގެން ކާރު ދަންދެން ލިލިއަން އަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިތާއި ހިތުން ދިޔާން ވަރަށް އަވަހަށް އޭނާގެ ކައިރިއަށް އެނބުރި އައުމަށް އެދި ދުޢާ ކުރެވެމުން ދިޔައެވެ.
**********
ދިޔާން ސިންގަޕޯރ އަށް ފުރުމުން ލިލިއަން އަށް ލިބުނު އެކަނިވެރިކަން ފޫބެއްދޭތޯ އޭނާ މަސައްކަތް ކުރިއެވެ. ސޯފީގެ އެކުވެރިކަމާއި ހިތްހެޔޮކަން އެކަން ކުރުމަށް ލިބުނު ބާރަކަށް ވެގެން ދިޔައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެގޭގައި މަސައްކަތް ކުރާ ހުރިހާ އެންމެންނާ ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. ކަމެއް ނެތިފައި ހުރުމުގެ ބަދަލުގައި ގޭގެ މަގީޗާގައިވާ ގަސްތައް ބެލެހެއްޓުމަކީ ލިލިއަން އެންމެ އުފާވެގެން ކުރާ އެއްކަމެވެ. ސޯފީ އެކަމަށް އިންކާރު ކުރިނަމަވެސް ކެއްކުމުގައިވެސް ލިލިއަން އަތް ގާތް ކޮށްދީ ހަދައެވެ. އެހުރިހާ ކަމެއްގައި މަޝްޢޫލުވީނަމަވެސް އޭނާގެ އެކަނިވެރިކަމާއި ހިތުގައިވާ ހުސްކަން މުޅިން ފިލައިގެނެއް ނުދިޔައެވެ. ދިޔާން އަންނާނެ އިރަކަށް އިންތިޒާރު ކުރެވުނީ އެހެންވެއެވެ. ދިޔާންގެ މަންމަ މެން އޭނާއާމެދު ދެކޭނެ ގޮތަކާއި މެދުވެސް އެތައް ފަހަރަކު ލިލިއަން އަށް ޚިޔާލު ކުރެވިއްޖެއެވެ. އެގޮތުގައި ހަފްތާއެއް ލިލިއަންގެ ހަޔާތުން ހޭދަވެގެން ހިނގައްޖެއެވެ.
އާދައިގެ މަތިން ލިލިއަން ހެނދުނު ވަޤުތު އިނީ ވާހަކަ ފޮތެއް ހިފައިގެން ބަގީޗާތައް ކައިރީ ހުރި ސައިބޯ މޭޒު ދޮށުގައެވެ. ފޮތުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް ދޭތެރެއަކުން މޭޒުގައި ހުރި ސައި ތަށިން އެތިފޮދެއް ބޯލައެވެ. ޖެހެމުން ދިޔަ މަޑު މަޑު ވައި ރޯޅިތަކުން މިނިވަންކަމާއެކު ދޫކޮށްލެވިފައިވާ އިސްތަށިތައް ލިލިއަންގެ މޫނުގައި ބޮސްދެމުން ދިޔައެވެ. އެ ހިތްގައިމު މާހައުލުން ހިތަށް އުފާވެރިކަން ލިއްބައިދެމުން ދިޔަ ލިލިއަންއަށް އެހުރިހާކަމެއްގެ މަތިން ހަނދާން ނެތިގެން ދިޔައީ ކުއްލިއަކަށް ގޭޓުން ވަދެގެން އަންނަ ކާރު ފެނުމުންނެވެ. އެއީ އެގޭ ކާރުކަން ޔަޤީން ވުމުން ނޭނގޭ ބާރުމިނެއްގައި ލިލިއަންގެ ހިތް ތެޅެން ފެށިއެވެ. އަތުގައި އޮތް ވާހަކަ ފޮތުގައި ދެއަތުން ހިފާ ބާރު ކޮށްލެވުނު އިރު އިށީނދެ އިން ގޮނޑިން ލިލިއަން އަށް ތެދުވެވިއްޖެއެވެ.
ކާރު އައިސް ގޭ ޕޯޓިކޯގައި މަޑު ކޮށްލުމާއެކު ދޮރު ހުޅުވާލަމުން ކާރުގެ ކުރީ ސީޓުން ދިޔާން ފޭބިތަން ފެނުނެވެ. އެއާ އެކު އެކީހެން ކާރުގެ ފަހަތު ސީޓު ހުޅުވާލަމުން ފޭބި ދެމީހުން ފެނުމުން ލިލިއަންއަށް ނޭވާ ހިފަހައްޓާލެވުނެވެ.
ކާރުން ފޭބި ދެމީހުން ދިޔާން ކައިރީ ހުއްޓި ކޮންމެވެސް ވާހަކަތަކެއް ދެއްކިކަން ލިލިއަން އަށް އެނގެއެވެ. އެއާއެކު ލިލިއަން އަށް ސިހުން ގެނުވީ ކުއްލިއަކަށް ދިޔާންގެ ތޫނު ނަޒަރު އޭނާއާ އަމާޒުވުމުންނެވެ. ދިޔާންގެ ރާޑަރަށް އޭނާ އެރުމާއެކު ދެން ތިބި ދެމީހުންވެސް ދިޔާން ބަލަމުން ދިޔަ ދިމާއަށް ނަޒަރު ހިންގާލިއެވެ. ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުރި ލިލިއަން އަށް ހަދަންވީ ގޮތެއް ނޭނގިގެން އުޅެނިކޮށް ތިން މީހުން އޭނާއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
” މިއީތަ ލިލިއަން އަކީ..؟” ދިޔާން އާއެކު އައި އަންހެން މީހާ ލިލިއަންގެ ދެއަތުގައި ހިފާލަމުން އެމޫނަށް ބަލައިލި އިރު އޭނާގެ މޫނުގައިވީ ސާފު ހިނިތުންވުމެކެވެ. ލިލިއަން އާއި ގާތްގަނޑަކަށް އެއް އިސްކޮޅެއް ލިބިފައިވާ އެ ލޫޅާފަތި އަންހެނާ ފެނުމުން ލިލިއަންގެ މެއަށް ކުއްލިއަކަށް ތަދުވީ ކީއްވެކަމެއް ނޭނގުނެވެ. އެސާފު ހިނިތުންވުމުން އޭނާއަށް ދިޔާންގެ ކިބައިން ގެއްލިފައިވާ އެ ސިފަ ހަނދާން އާކޮށްދިނީކަމެއް ނުވަތަ އެ ހިތްހެޔޮ އަލި މޫނު ފެނުމުން މައިވަންތަކަމުގެ ލޯބިން މަޙުރޫމުވެފައިވާ އެހިތް އޭނާގެ މަންމަގެ މަތިން ހަނދާން އާކޮށްދިނީކަމެއް ނޭނގެއެވެ.
“މާޝާﷲ.. ލިލިއަން ފެނިލުމުންވެސް މަންމައަށް ޔަޤީންވެއްޖެ ދަރިފުޅުގެ ހޮވުމުގަ އުނިކަމެއް ނުވާކަން..” އަދިވެސް ލިލިއަންގެ މޫނަށް ބަލަހައްޓަިއގެން ހުރެ އޭނާ ވާހަކަ ދެއްކީ ދިޔާން އާއެވެ.
” މިއީ ކާކުކަން ނޭނގިފަ ދޯ ތިހުރީ.. މިއީ ދިޔާންގެ މަންމަ.. އަހަރެންނަށް ކިޔަނީ ދިރާޝާ.. އެކަމަކު.. ލިލިއަން ކިޔަންވާނީ މަންމަ..” ދިރާޝާގެ ލޮލުންވެސް އޭނާގެ ތުންފަތުގައިވާ ހިނިތުންވުން ރަމްޒުކޮށްދެމުން ދިޔައެވެ. ލިލިއަން އަށް އަދިވެސް އާޝޯޚުވެފައި ހުރެވުނީ އެފަދަ ގޮތަކަށް ދިޔާންގެ މަންމަ އާއި ކުރެވޭ ބައްދަލުވުން ކުރިއަށް ހިނގައިދާނެ ކަމަށް އުންމީދު ކުރެވިފައި ނުވުމުންނެވެ.
” ދެން މިހުރީ ދިޔާންގެ ބައްޕަ ހަމްދޫން..” ދިރާޝާ ލިިލިއަންގެ ކައިރީ ހުރި ފިރިހެންމީހާ ދައްކާލަމުން ބުނެލިއެެވެ. ލިލިއަން އަށް އޭނާގެ ކައިރީ ހުއްޓި ސަލާމަށް އަތް ދިއްކޮށްލި މީހާގެ މޫނަށް ބަލައިލެވުނެވެ. ކޮންމެވެސް ވަރަކަށް ނުރަޖަހާފައިވާ ތުނބުޅިއާ ޚިލާފަށް ކަޅުކަން ގަދަ އިސްތަށިގަނޑުގައި އެންމެ ނުރައެއްވެސް ނެތެވެ. ދިގު އިސްކޮޅާއި ގުޅޭ ރޫފައެއްގެ ވެރިއެކެވެ. އޭނާގެ މޫނުގައިވީ ހަރުދަނާކަމާއި ހައިބަތު ލިލިއަން އަށް ފެނިގެން ދިޔައެވެ. ދިޔާން އަށް އޭނާގެ ސިފަތައް ލިބުނީ އޭނާގެ ބައްޕަގެ ފަރާތުންކަން ޔަޤީންވާ ވަރުވެއެވެ.
” ބައްޕަ މިހުރީ ދިޔާން ދަރިފުޅު ނުލާ ސިންގަޕޯރ އަށް ދިޔައީމަ އެކަމާ ހިތްހަމަ ނުޖެހިފަ.. ވަރަށް ފޫހިވި ދޯ އެހާ ދުވަހު އެކަނިމައި އެކަނި މިއޮށް ބޮޑު ގޭގަ އުޅެން ޖެހުނީމަ..” ހަމްދޫން ލިލިއަން އާ ސަލާމް ކޮށްލުމަށްފަހު ބޮލުގައި ފިރުމާލަމުން ހިތްހެޔޮ ކަމާއެކު ވާހަކަދެއްކިއެވެ. ދިޔާންގެ ބައްޕަ ދަރިފުޅާއޭ ކިޔާ އޭނާއާ މުޚާތަބު ކުރުމުން ލިލިއަންގެ ހިތުގައި ތަފާތު ޝުޢޫރެއް ދަޢުރުވެގެން ދިޔައެވެ. ދުވަހަކުވެސް ބައްޕައެއްގެ ލޯބި ލިބިފައިނުވާ ލިލިއަން އަށް އެކުޑަ ކުޑަ ޢަމަލުންވެސް ހިތަށް އަސަރު ކުރުވިއެވެ.
” ނު.. ނޫން.. ސޯފީ ހުރީމަ ފޫއްސެއްނުވެ… އެކަކުވެސް އަޅުގަނޑު ފޫހިވިޔަކަ ނުދެ..” ލިލިއަން ލަދުން ހުރެމެނަމަވެސް ވާހަކަ ދެއްކިއެވެ. ލިލިއަންގެ ވާހަކައާއެކު ހަމްދޫނުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާއަށް ލިލިއަންގެ ވާހަކަ ދެއްކުމާއި މިޒާޖު ކަމުގޮސްފިއެވެ. ދެއްކުންތެރި ކަމާއި ފޮނި ބޮޑާ ކަމެއް އޭނާއަށް ލިލިއަންގެ ފަރާތުން ނުފެނުނެވެ. ކުއްލި ގޮތަކަށް ދިޔާން މީހަކާ އިންނަން ބޭނުންވާ ކަން ހާމަކުރުމުން އޭނާ ހުރީ ހިތް ނުތަނަވަސްވެފައެވެ. ދިޔާންގެ މިޒާޖު ރަނގަޅަށް އެނގޭއިރު ބައިވެރިއެއްގެ ގޮތުގައި އިޙްތިޔާރު ކުރާނީ ކޮންކަހަލަ އަންހެން ކުއްޖެއްކަން ހަމްދޫނަށް ޚިޔާލު ކޮށްލަންވެސް ނޭނގޭތީއެވެ. އެހެނަސް ލިލިއަން ފެނުމާއެކު އޭނާގެ ހިތުގައިވާ ހުރިހާ އުދާސްކަމެއް ވަޔަށް ބުރައިގެން ހިނގައްޖެއެވެ. އޭނާގެ ދަރިފުޅުގެ ހޮވުމުގައި އޭނާ ބޭނުންވާ ސިފަތައް އެބަހުއްޓެވެ.
” ހިނގާ އެތެރެއަށް ވަންނަން… މިތާ ކޮށްޅަށް ތިބުމުގެ ބޭނުމެއް ނެތެންނު..” ދިރާޝާ ލިލިއަންގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަތުމުން ދެބަފައިންވެސް އެމީހުންގެ ފަސް ފަހަތުން ހިނގަައިގަތެވެ.
“މަންމަމެން އަންނާނަން އިނގޭ ތާޒާ ވެލައިގެން…ދެން އިތުރަށް ވާހަކަ ދައްކާނީ އޭގެ ފަހުން…. ސޯފީ…!” ދިރާޝާ ގޭތެރެއަށް ވަދެވުމުން ލިލިއަން ކައިރި ބުނެލިއެވެ. ލިލިއަން ހިނިތުންވެލަމުން ބޯ ޖަހާލުމާއެކު ދެން ދިރާޝާ ގޮވާލީ ސޯފީއަށެވެ.
” މެޑަމް..! މެޑަމް ދުރުވީތަ..؟” ދުވެފައި ކަހަލަ ގޮތަކަށް އައި ސޯފީއަށް ދިރާޝާ ފެނުމާއެކު ހީވީ އުދުއްސައިގެން ގޮސްފާނެހެންނެވެ. އެ މޫނުމަތީގައިވާ ހިނިތުންވުމުން ސޯފީ ދިރާޝާ އަށް ކުރާ ޤަދަރު ހާމަވެގެން ދިޔައެވެ.
” އާން.. ދެންމެ މިއައީ.. ސޯފީ ކިހިނެއްތަ..؟ ހުންނާނެ އިނގޭ ހަދިޔާ ގެނެއްސަ..” ދިރާޝާވެސް ހަމަ އެހާމެ ފުޅާ ހިނިތުންވުމަކާއެކު ސޯފީގެ ދެއަތް ތިލައިގާ ހިފާލަމުން ވާހަކަ ދެއްކިއެވެ.
” އަޅުގަނޑު ހަމަ ވަރަށް ބަރާބަރު.. ކީއްކުރަންތޯ ކޮންމެ ފަހަރަކު އެހާ ބައިވަރު ހަދިޔާ ގެންނަވަނީ..؟” ސޯފީ ޝަކުވާ ކޮށްލީ އެއީ އާންމުކޮށް ދިރާޝާގެ އާދައަށް ވީމައެވެ. ރާއްޖޭން ބޭރުން އަންނަ ކޮންމެ ފަހަރަކު އެގާގައި އުޅޭ އެންމެނަށް އެތަކެއް އަގުބޮޑު ހަދިޔާއެއް ގެނެއެވެ. ބައެއް ފަހަރު އެހާ ބައިވަރު ތަކެތީގައި ހިފަން ސޯފީ ލަދުވެތިވެއެވެ.
” އެއީ ސޯފީމެން ތިކޮށްދޭ ހުރިހާ ކަމަކަށް އަހަރެންގެ ފަރާތުން ދެވޭ ކުޑަ މިންވަރެއް..އަދި އަހަރެން ސޯފީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެބަޖެހޭ..އަހަރެންގެ ވާން އުޅޭ ޅީ ދަރިފުޅު ރަނގަޅަށް ބަލަހައްޓައި ދިނީތީ..” ލިލިއަންގެ ކޮނޑުގައި އަތް ބާއްވާލަމުން ދިރާޝާ ބުނެލިއެވެ.
” އެއީ މެޑަމް ޝުކުރު އަދާކުރަން ޖެހޭވަރުގެ ކަމެއް ނޫނޭ ދޯ ލިލިއަން.. އަޅުގަނޑުމެން ދެމީހުން މިހާރު މިއީ ރަޙުމަތްތެރިން..” ސޯފީ ލިލިއަން އަށް ބަލާލަމުން ބުނެލުމާއެކު ލިލިއަން ވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ލިލިއަން ގޭގައި އުޅޭ އެހެން މީހުންނާއި ގުޅުން ބަފަހި ކޮށްފައިވާކަން އެނގުމުން ދިރާޝާގެ ހިތަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ފެންވަރައިގެން އަންނަން ވާއިރަށް ނުވަގަޑީގެ ސައި ތައްޔާރު ކުރަން ބުނަމުން ދެމަފިރިން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ދިރާޝާމެން ކޮޓަރިއަށް ވަނުމާއެކު ލިލިއަން އަށް ބަލާލެވުނީ ދިޔާން އަށެވެ. އޭރު ދިޔާންވެސް ޑްރައިވަރާ ވާހަކައެެއް ދައްކަމުން ގޭތެރެއަށް ވަންނަނީއެވެ.
” ސޮރީ ނުބުނެ އާދެވުނީމަ.. ވަރަށް ކުއްލިއަކަށް ފުރަން ޖެހުނީ.. ” ދިޔާން ހިސާބެއްގެ ކުއްވެރިކަން އެކުލެވޭ ބެލުމަކާއެކު ހާމަކުރިއެވެ.
” އިޓްސް އޯކޭ.. ” ލިލިއަން އެކަމާ ޝަކުވާ ކުރާކަށް ބޭނުމެއްނުވިއެވެ. އެއަށްވުރެ ދިޔާން ހެޔޮހާލުގައި އޭނާ ކައިރިއަށް އަނބުރާ އައުމުން ލިލިއަންގެ ހިތްވަނީ ޝުކުރުން ފުރިފައެވެ.
” އެބަ އަންނަން އިނގޭ ތާޒާ ވެލައިގެން..” ދިޔާންގެ އޭނާގެ ކޮނޑުގައި ބެކްޕެކް އަޅުވާލަމުން ބުނެލިއެވެ. ލިލިއަން ބޯ ޖަހާލުމުން ދިޔާން ހިނގައިގަތީ ސިޑިއާ ދިމާއަށެވެ.
އެންމެން ފެންވަރާ ތާޒާަވެލައިގެން ނުވަގަޑިއަށް އިންސާފު ކުރަން ސުފުރާ ދޮށުގައި އިށީނެވެ.
” ކޮން އިރަކު ދެކުދިން ކައިވެނީވެ ކަންކަން ނިންމަން ބޭނުމީ..” ކެއުމުގެ ތެރެއިން ދިރާޝާ އިސްވެ ލިލިއަން އާއި ދިޔާންގެ މޫނަށް ވަކި ވަކިން ބަލައިލަމުން ސުވާލު ކޮށްލިއެވެ.
ލިލިއަން އަށް ބަލައިލެވުނީ ދިޔާންގެ މޫނަށެވެ. ދިޔާން ދޭނެ ޖަވާބެއް އަޑުއަހަން ލިލިއަން ބޭނުންވިއެވެ.
” އަދި.. އަޅުގަނޑުމެން ވަކި ދުވަހެއް ފައިނަލެއް ނުކުރަން..” ދިޔާން ތެދު ތެދަށް ޖަވާބު ދިނެވެ.
” މަންމަމެންނަށް ރަނގަޅީ ވީހާވެސް އަވަހަކަށް ދަރިފުޅުމެންގެ ކައިވެނި ކުރިއްޔާ.. އެކަމަކު.. ދަރިފުޅުމެން އިތުރު ވަޤުތު ބޭނުންވަންޏާ މަންމައާއި ބަޢްޕަވެސް ދަރިފުޅުމެންނަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރުވާނަން..” ދިރާޝާ ޖޫސްތަށިން އެތި ފޮދެއް ބޯލަމުން ބުނެލިއެވެ.
” ދެން ދެކުދިން ވާހަކަ ދައްކާފަ ދުވަހެއް ފައިނަލް ކުރޭ..” ހަމްދޫނު ބުނެލިއެވެ. އެވާހަކައަށް ދިޔާން އާ ލިލިއަން ވެސް އެކު އެކީ ބޯ ޖަހާލިއެވެ.
“ދަރިފުޅާ..” ދިޔާން ކެއުން ނިންމާފައި ތެދުވި ވަޤުތު ދިރާޝާ ގޮވާލިއެވެ.
” ބޭބެ ކައިރީ ކައިވެނީގެ ވާހަކަ ބުނިންތަ..؟” ކުޑަ ފަސްޖެހުމަކާއެކު ދިރާޝާ ސުުވާލު ކޮށްލި އިރު ލިލިއަން އަށް ބަލައިލެވުނީ އޭނާއާ ފުރަގަސްދީގެން ހުރި ދިޔާން އަށެވެ. ދިރާޝާ ބޭބެއޭ ބުނުމުން ލިލިއަންގެ ހިތުގައި ސުވާލު އުފެދުނެވެ.
” ނޫން.. ނުބުނަން..” ދިޔާންގެ ޖަވާބު ކުރެވެ. ދިޔާންގެ މޫނަށް ވެރިވާ ކުލަތައް ނުފެނުނު ނަމަވެސް އެވާހަކައާ ދިޔާން ގަޔާ ނުވިހެން ލިލިއަން އަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ.
” ބޭބެ ކައިރީ ބުނެލަން ވާނެ އެންނު.. ދަރިފުޅު އަމިއްލަ އަށް އެވާހަކަ ބުނާނެކަމަށް މަންމަ ނުބުނީ.. ބޭބެއަށް ދަރިފުޅުގެ ކައިވެންޏަށް އަންނަން ދަޢުވަތެއް ނުދޭނަންތަ..؟” ދިރާޝާ ގޮނޑިން ތެދުވެ ދިޔާންގެ ކޮނޑުގައި އަތް ބާއްވާލަމުން ސުވާލު ކުރިއެެވެ.
” ބޭބެ ގާތުގަ އަޅުގަނޑު ބުނާނަން.. އެކަމަކު މަންމައަށް ހީވޭތަ ބޭބެ ދަތުރުކުރަން އެންމެ ފިޓުހެން.. މާހައުލު ބަދަލުވީމަ ބޭބެގެ ހާލު އަނެއްކަަ މާ ގޯސްވެދާނެ.. ކަމެއްވިޔަސް ރަނގަޅު ފަރުވާއެއް ދެވޭނީ ބޭބެ މިހާރު އެހުރި ތަނުގަ ހުރެގެން.. ” ދިޔާން ބުނެލުމުން ދިރާޝާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން ލިލިއަން އަށް ފެނުނީ ހިތާމައިގެ އަސަރުތަކެކެވެ. ވެގެން އުޅޭ އެއްވެސް ކަމެއް ނޭނގިފައި އިން ލިލިއަންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ.
-ނުނިމޭ-
70